އިސްފަސްވަމުން ދިޔަ މަންޒަރުތަކަށް ބަލަން އިނދެފައި އައިރާ ފުންނޭވާއެއް ދޫކޮށްލިއެވެ. ކާރު ދުއްވަން އިން ޒޯހަންގެ މޫނަށް އައިރާ ބަލައިލިއެވެ. އަދިވެސް ޒޯހަންގެ މޫނުގައި ވަނީ ހިތްހަމަނުޖެހުމުގެ ކުލަވަރުތަކެވެ. ފަޒްނާ ދެކެ ޒޯހަން ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. ގޮށްޖެހިފައިވި ބުމައާއި ނިތަށް އަރާފައި ހުރި ރޫތަކުން އެކަން ހާމަކޮށްދެއެވެ. އައިރާ ވެސް ފަޒްނާ ދެކެ ހިތްހަމަނުޖެހުނެވެ. ނަމަވެސް އޭނަ ގާތުން ފަޒްނާ މަޢާފަށް އެދުމުން ހެޔޮ ހިތުން މަޢާފްކޮށްދިނެވެ. ތިމާއާއި މެދު ގޯސްކޮށް ކަންތައް ކުރާ މީހަކާއި މެދުގައި ވެސް ހެޔޮކޮށް ހިތަން ޖެހެނެތީއެވެ. އެއްވެސް މީހަކާއި މެދު ހިތުގައި ބުރަހެލިކަމެއް ބާއްވަން ވެސް އައިރާ ބޭނުމެއް ނުވިއެވެ. ހަމައެއާއެކު އޭނަގެ ދިފާއުގައި ހުރިހާ އެންމެން ތެދުވުމުން އެކަމުގެ ހިތްހަމަޖެހުން ވެސް ހިތުގައި އޮތެވެ.
''ޒާން...'' އައިރާ ގޮވާލިއެވެ.
''ހޫމްމް...'' ޒޯހަންގެ ފުރިހަމަ ސަމާލުކަން ހުއްޓިފައިވަނީ މަގުގައި އޮތް ޓްރެފިކަށެވެ.
''އަދިވެސް ރުޅިއައިސްފަތަ؟...'' އައިރާ އަހާލިއެވެ. އެވަގުތު އައިރާގެ މޫނަށް ޒޯހަން އަވަސް ނަޒަރެއް ދިނެވެ.
''އަރޫ ދެކެއެއް ނޫން...'' ޒޯހަން ފުންނޭވާއެއް ދޫކޮށްލިއެވެ. އައިރާއާއި ނަޒަރު ބައްދަލުވުމުން ނިތުގައިވި ރޫތައް ވެސް ފިލައިގެން ގޮސްފިއެވެ. ލޮލުން މޮޅިވެރިކަން ވެސް ފާޅުވެއްޖެއެވެ.
''ޒާން އަހަރެން ދެކެ ރުޅި ނާންނާނެކަން އިނގެޔޭ... އައިމް ޔޯ ފެވެރިޓް ޕާސަން...'' އައިރާ މަސައްކަތްކުރީ ޒޯހަންއާއި ސަމާސާކޮށްލާށެވެ. ހިނިތުންވުމެއްގެ އަސަރު ޒޯހަންގެ މޫނުން ނުފެނުމުން އައިރާ ކަންބޮޑުވާ ގޮތް ވެއްޖެއެވެ.
''ދޯނީގައި ހިނގި ކަންތައް ހަނދާން ނައްތާލަމާ...'' އައިރާއަށް ބުނެވުނެވެ. ނުތަނަވަސްކަން އައިރާގެ ދެލޮލުގައި ވިއެވެ.
''އަރޫއާއި އެގޮތަށް ވާހަކަދެއްކައްކަން އޭނައަށް ކެރުނީ ކިހިނެއްތަ؟... ހަމައެކަނި އަރޫއާއި ދިމާއަށް ބުނިއެއްޗެއް ވެސް ނޫން އެއީ... އަހަރުމެން ދެމީހުން ބަދުނާމުކުރަން އޭނަ އުޅުނީ...'' ޒޯހަންއަށް ކާރުގެ ހުންގާނުގައި ބާރަށް ހިފާލެވުނެވެ. ހަމައެކަނި އޭނައާއި ދިމާއަށް ފަޒްނާ ބުނި އެއްޗެއް ނަމަ އޭނަ ކުޑަމީސް ސަމާލުކަމެއް ނުދޭނީހެވެ. ފަޒްނާގެ ބޭނުމަކީ ވެސް މީހުންގެ ސަމާލުކަން ހޯދުން ވިއްޔާއެވެ. ނަމަވެސް އައިރާގެ އަބުރަށް އުނިކަމެއް އަންނާނެހެން ފަޒްނާގެ ބަސްމަގު ބެހެއްޓުމުން އެކަން ހަނދާން ނައްތާލަން ޒޯހަންއަށް ފަސޭހަ ކަމަކަށް ނުވިއެވެ. އެފަދަ އިލްޒާމެއް އައިރާގެ ބޮލުގައި އަޅުވަން ފަޒްނާ ލަދެއް ވެސް ނުގަނޭ ހެއްޔެވެ؟
''އެވާހަކަ އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެ، އެވްރީވަން ނޯސް އަސް، ދެން ޒާން އެކަމާ ނުވިސްނަބަލަ، ޕްލީޒް، ޒާން ތިހެން ހިތްހަމަނުޖެހިފަ ހުރީމަ އަހަރެންގެ ހިތަށް ވަރަށް އުނދަގޫވޭ...'' އައިރާ ބުންޏެވެ.
''ސޮރީ...'' އައިރާގެ އަޑުގައިވި އަސަރުން ޒޯހަންގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. ''އައި ޑިޑިންޓް މީން ޓު އަޕްސެޓް ޔޫ...''
''އައި ނޯ، ފަޒޫ ކޮންމެ އެއްޗެކޭ ބުންޏަސް އެކަމެއްގެ އަސްލު ދެނެވޮޑިވެގެންވާނެ ފަރާތެއް ވޭ، މީހުން ރުއްސުމަށް ވުރެން އެކަލާނގެ ރުހުން ހޯދުމަށް އިސްކަން ދޭން ޖެހޭ... އެހެންނޫނަސް މީހަކު ބުނެލާ އެއްޗަކުން ރުޅި އިސްކުރަން ހަދައިފިނަމަ ނޭނގި ވިޔަސް އެމީހަކަށް ހިތްވަރު ދެވިދާނެ... އެންމެ ރަނގަޅު ވާނީ ވެސް ދެން އެކަން ހަނދާން ނައްތާލިއްޔާ... އަހަންނަށްޓަކައި ޒާންއަށް އެކަން ކޮށްދެވޭނެތަ؟...'' އައިރާ ބުންޏެވެ.
''އައި ވިލް ޑޫ އެނީތިންގް ފޯ ޔޫ...'' ޒޯހަންގެ އަޑުގައިވަނީ ސާބިތުކަމެވެ. ''ފަޒޫއާއި ދެން މާ ބޮޑު ގުޅުމެއް ބާއްވަން އަހަންނަކަށް ނުފެނޭ، ސްކޫލް ތެރެއިން ދިމާވީމަ ވާހަކަދައްކާލުން އެންމެ ރަނގަޅު، އެކަމަކު އޭނައާއި އެކުވެރިކަން ބޭއްވުން އެއީ ރަނގަޅު ކަމެއްހެން އަހަންނަކަށް ހީނުވޭ، ޝީ އިޒް ނޮޓް އެ ގުޑް ޕާސަން...''
''އޯކޭ...'' އައިރާ އެއްބަސް ވިއެވެ. މިރޭގެ ކަންތަކަށްފަހު ފަޒްނާއާއި މާބޮޑު ގުޅުމެއް ބާއްވަން އޭނަ ވެސް ބޭނުމެއް ނުވެއެވެ. ސްކޫލް ތެރެއިން ދިމާވުމުން ވާހަކަދައްކާލުން ފިޔަވައި އިތުރު ގުޅުމެއް ބަދަހިކުރުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. ޒޯހަންގެ އެދުމާއި ޤަބޫލުވީ ވެސް އެހެންވެގެންނެވެ.
''ބަޓް ދަ ޓްރިޕް ވޯޒް ފަން، ރައިޓް؟...'' އައިރާ ބޭނުންވީ މައުޟޫޢު ބަދަލުކޮށްލާށެވެ.
''ދެން ގޯހެއް ނޫން...'' ޒޯހަން ބުންޏެވެ. ''މިހާރު އޯކޭތަ؟...''
އައިރާއަށް ޒޯހަން ބަލައިލިއެވެ. ހިތްހަމަނުޖެހުމުގެ އަސަރު ޒޯހަންގެ މޫނުން ފިލައި ގޮސްފިއެވެ. އޭނަގެ ސަމާލުކަން ދެން ހުއްޓިގެން ދިޔައީ އައިރާ އަށެވެ. ދޯނީގައި އައިރާ އަނބުރައިގަތުމުން އެކަމުން ލިބުނު ނުތަނަވަސްކަން އަދިވެސް ޒޯހަންގެ ދެލޮލުގައި ވިއެވެ.
''ރަނގަޅޭ، ރަނގަޅޭ... މިހާރު ބޮލެއް ވެސް ނާނބުރާ...'' އައިރާ ޔަޤީންކަން ދިނެވެ. އައިރާގެ މޫނަށް ބަލަން އިނދެފައި ޒޯހަން ބޯޖަހާލިއެވެ.
''ޔޫ ސްކެއާޑް މީ...'' ޒޯހަންގެ އަޑުން ވެސް އޭނަގެ ހިތުގެ ނުތަނަވަސްކަން ހާމަކޮށްދިނެވެ. ''ދެން އެކަހަލަ ކަމެއް ދިމާވަންޏާ ބުނައްޗޭ...''
''ކުއްލިޔަކަށް އަނބުރައި ގަތީމައޭ ނުބުނެވުނީ...'' އައިރާ ބުންޏެވެ.
''އެހެންވިއްޔާމު ޑޮކްޓަރަށް ދައްކާލަމާ؟...'' ޒޯހަންއަށް ބުނެވުނެވެ. އޭނަގެ ހިތް ހަމައަކަށް އެޅޭ ގޮތެއް ނުވިއެވެ. ދޯނީގެ ހާދީސާގެ މަންޒަރުތައް ލޯކުރިމަތިން ސިފަވާކަހަލައެވެ.
''ޒާން، އައިމް ފައިން، ސީރިޔަސްލީ...'' އައިރާ ބުންޏެވެ. ''އިތުރަށް ހޮނޑުލަވާ ގޮތް ވެއްޖެއްޔާ ދާނަން، އޯކޭ؟...''
''އެންމެ ރަނގަޅު، އެއްވެސް ކަމެއް ވަންޏާ ބުނައްޗޭ...'' ކާރު ގޮސް ޕެންޓްހައުސް ހުންނަ އިމާރަތް ކައިރިއަށް މަޑުކޮށްލުމާއެކު ޒޯހަން ބުންޏެވެ. އައިރާއާއި ލުއި ހިނިތުންވުމެއް ވެސް ޒޯހަން ބަދަލުކޮށްލިއެވެ. ޒޯހަންގެ މޫނަށް އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން އައިރާ އިނެވެ. ޒޯހަންގެ ދެލޮލުން އެހިތުގައި އޭނައަށްޓަކައި އޮތް ފުން ލޯބި ހާމަކޮށްދެއެވެ. ދެވިފައި އޮތް މަގާމު ވެސް ބަޔާންކޮށްދިނެވެ. އައިރާގެ ހިތް ފުރިގެން ދިޔައީ ޝުކުރުންނެވެ. އެފަދަ މަތިވެރި ލޯތްބެއް އޭނަގެ ނަސީބުގައި މިންވަރު ކުރެއްވުމުން މާތްﷲއަށް ހަމްދު ވެސް ކުރެވުނެވެ.
އައިރާއާއި އެކު ޕެންޓްހައުސްއާއި ހަމައަށް ވެސް ޒޯހަން ދިޔައެވެ. ލިފްޓްގައި ތިބި އިރުގައި އެދެމެދުގައި ދެކެވުނީ ދަތުރުނާމާގެ ވާހަކަަތަކެވެ. ދިރިއުޅުމުގެ ހާސްކަމާއި ދުރުން އެކުގައި ހޭދަކޮށްލަން ލިބުނު ވަގުތުކޮޅުން ހިތަށް ހަމަޖެހުން ލިބިފައި ވިއެވެ. ދެޒުވާނުންގެ މޫނުން ވެސް އުފާވެރިކަމުގެ ލިސާންތައް ފާޅުވަމުން ދިޔައެވެ.
''އޯހް ގޯޑް!...'' ކުއްލިޔަކަށް އައިރާއަށް ބުނެވުނެވެ. ލިފްޓްގެ ސްކްރީނަށް ބަލަން ހުރި ޒޯހަންގެ ނަޒަރު ވަގުތުން ގޮސް ހުއްޓުނީ އައިރާގެ މޫނަށެވެ. އޭރު ލިފްޓްގައި ތިބީ ހަމައެކަނި އައިރާއާއި ޒޯހަން އެވެ.
''އަރޫ؟...'' ޒޯހަންއަށް ކަންބޮޑުވުމާއެކު ގޮވާލެވުނެވެ. އައިރާގެ ގާތަށް ފިޔަވަޅެއް ވެސް އަޅާލެވުނެވެ. އޭނަ ހީކުރީ އައިރާއަށް ކަމެއްވީ ކަމަށެވެ.
''މާދަން ޖެހޭނެ ވެޑިންގް ޑްރެސް ފިޓިންގްއަށް ދާން، ކިރިޔާއެއްނު މި ހަނދާންވީ...'' އައިރާއަށް ބުނެވުނެވެ. ފޯނު ނަގައި ރިމައިންޑާސްއަށް ވެސް ލައިފިއެވެ.
''އަހަރެން ހީކުރީ ކަމެއްވީކަމަށް...'' އައިރާއަށް ބަލަމުން ދިޔަ ޒޯހަންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
''ނޫނޭ...... މާދަމާ ހުކުރު ދުވަހެއްނު، ރޯޒީ ގާތަށް ދާން ޖެހޭ، މާދަމާ ވެޑިން ޑްރެސްގެ ކަންތައް ވެސް ނިމޭނެ...'' އައިރާ ބުނެލިއެވެ.
''އައި ކާންޓް ވެއިޓް ޓު ސީ ޔޫ އިން ދަ ޑްރެސް...'' ޒޯހަންގެ ތުންފަތަށް މައުނަވީ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ''ފޮޓޯ ފޮނުވައްޗޭ...''
''ޒާންއަށް ޑިޒައިން ފެނުނުނެއްނު...'' އައިރާ ބުނެލިއެވެ. ހެދުން ހެޔޮވަރުކުރަން ރޯޒީ ދައުވަތު ދިނީ ހަމައެކަނި އައިރާ އަށެވެ. އެމަކާ ޒޯހަން ބޮޑާހާކައިގެން ވެސް ކައިވެނީގެ ކުރިން ހެދުމުގައި އައިރާ ހުއްޓާ ފެންނަން ރޯޒީ އެއްބަހެއް ނުވިއެވެ.
''އެކަމަކު ހެދުމުގަ އަރޫ ހުއްޓަކާ ނުފެނެއެއްނު، އައި ވޯންޓު ސީ ޔޫ...'' ޒޯހަންގެ އަޑުގައި ވަނީ އާދޭހެވެ. އެވަގުތު އެންމެ މަތީ ފަންގިލާއަށް ގޮސް ލިފްޓް ހުޅުވިއްޖެއެވެ. ލިފްޓްގެ ދޮރުހުޅުވާ ބަޓަނަށް ފިތައިގެން ހުރެ އަތުގެ އިޝާރާތުން އައިރާ ގާތު ލިފްޓުން ނިކުތުމަށް ޒޯހަން އެދުނެވެ. އައިރާގެ ފަހަތުން ޒޯހަން ވެސް ލިފްޓުން ނިކުތެވެ.
''ނޫރާ ގާތު ބުނާނަން، ރޯޒީއަށް ނުފެނި ފޮޓޯ ނަގަން ޖެހޭނީ...'' އައިރާ ބުންޏެވެ. ޒޯހަންއާއި އެއްހަމައެއްގައި ހިނގާލާފައި ގޮސް ޕެންޓްހައުސްގެ ދޮރު ކުރިމައްޗަށް އައިރާ ހުއްޓުނެވެ. އަދި ދޮރުގައި ހުރި ނަންބަރު ޕެޑްގައި ސެކިއުރިޓީ ކޯޑު ޖަހާލަމުން ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަނުމާއެކު ފުރަތަމަ ވެސް އިވިގެން ދިޔައީ އަށެއްގެ ޚަބަރުގެ އަޑެވެ. ބޮޑުކޮޓަރީގެ ސޯފާގައި ޓީވީ ބަލަން އިން ޤަމަރުއަށް އައިރާއާއި ޒޯހަން ފެންނައިރަށް ހިނިތުންވެލިއެވެ.
''ދަތުރު ކިހިނެއް ދިޔައީ؟...'' ޓީވީގެ އަޑު މަޑުކޮށްލަމުން ޤަމަރު ސުވާލުކޮށްލިއެވެ.
''ރަނގަޅު...'' އައިރާ ބުންޏެވެ. ''ބައްޕަ ނޫޅެނީތަ؟...''
ގޭތެރެއިން ބައްޕަގެ ހިލަމެއް ނުވުމުން އައިރާއަށް ސުވާލުކޮށްލެވުނެވެ. އެގަޑީގައި ބައްޕަ ގޭތެރެއިން ނުފެނުމަކީ ނާދިރު ކަމެކެވެ. ހިތުގައި ސުވާލު އުފެދުނީ ވެސް އެހެންވެއެވެ.
''އޮފީހުގަ ކުޑަ ކަމެއް ދިމާވެގެން އެކޮޅުގަވީ...'' ޤަމަރު ބުންޏެވެ. ރޭގަނޑުގެ ކެއުމަށް ޒޯހަންއަށް ދައުވަތު ދޭން ޤަމަރު ބޭނުން ވިއެވެ. ޒޯހަންއަށް ދިން އަވަސް ނަޒަރާއެކު ދަތުރުން އައި ގޮތަށް ކަން އެހުރީ ނަގައިގަނެވުމުން އެޚިޔާލު ފަސްކޮށްލިއެވެ.
''ޒާން ދެން އަވަހަށް ދޭ، އަދި އިޝާ ނަމާދު ވެސް ކުރަން ޖެހޭނެއެއްނު...'' ކޮޓަރިއަށް ދިއުމުގެ ކުރިން އައިރާ ބުންޏެވެ. ޒޯހަން ބޯޖަހާލިއެވެ. އައިރާ ކޮޓަރިއަށް ގޮސް ވަންނަން ދެން ބަލަން ހުރެފައި ޒޯހަން ވެސް ދާން އެނބުރިލިއެވެ. ދޮރާއި ދިމާއަށް ދާން އުޅެފައި ވެސް ޚިޔާލު ބަދަލުކޮށްލަމުން ސޯފާގައި އިން ޤަމަރުއަށް ގޮވާލިއެވެ.
''މަންމާ...'' ޒޯހަން ބުންޏެވެ. ''އަރޫއަށް ބަލައްޗޭ...''
''ކަމެއް ވީތަ؟...'' ޒޯހަންގެ ޖުމްލައިން ޤަމަރުއަށް ލިބުނީ ހައިރާންކަމެވެ.
''އަނެއްހެން ބޮޑު ކަމެއް ނުވޭ، ދޯނި ތެރޭ އަނބުރައިގަތީ... މޭނުބައިކުރާ ގޮތް ވެސް ވެފައޭ ބުނީ...'' ޒޯހަން އޮޅުންފިލުވައިދިނެވެ. ޒޯހަންގެ ޖުމްލައިން ޤަމަރުގެ ހިތަށް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ. ނަމަވެސް އެކަމުގެ އަސަރުތައް މޫނުމަތިން ފާޅުވުމުގެ ފުރުސަތެއް އޭނަ ނުދިނެވެ.
''ކަމެއް ވިޔަސް އަރޫ ހުރެދާނެ ނުބުނެ، އެކަމަކުވެސް މަންމަ ބަލާނަން...'' ޒޯހަންއަށް ހިނިތުންވެލަމުން ޤަމަރު ބުނެލިއެވެ. އޭރު ވެސް އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޒޯހަން ބުނި ޖުމްލައެވެ.
ޒޯހަން ނިކުމެގެން ދިޔަ ދިމާއަށް ބަލަން ޤަމަރު އިނެވެ. އޭނަގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައީ ޕެންޓްހައުސްގެ ދޮރު ލެއްޕުމުންނެވެ. އެއާއެކު ދެން އޭނައަށް ބަލައިލެވުނީ އައިރާގެ ކޮޓަރީގެ ދޮރާއި ދިމާއަށެވެ. ކަންބޮޑުވުން ޤަމަރުގެ ދެލޮލުގައި ވިއެވެ. ނޭނގޭ ހާސްކަމެއް އޭނަގެ ހިތަށް ވެރިވެއްޖެއެވެ. މާޒީގެ ހަނދާނެއް ވެސް ހަނދާންތަކުގެ ލޯގަނޑުން ސިފަވަގެން ދިއުމައެކު ޤަމަރުގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ.
ދުވަހުގެ ވަރުބަލިކަން ފިލުވައިލުމަށާއި ނަމާދުކޮށްލަން އައިރާއަށް ވަގުތުކޮޅެއް ދީގެން ޤަމަރު އިނެވެ. އޭނަގެ ނަޒަރު ޓީވީގެ ސްކްރީނަށް ހުއްޓިފައި ވިޔަސް އޭނަގެ ޚިޔާލުތައް ގޮސް ގުޅިފައިވަނީ މުޅިން އެހެންކަމަކާއެވެ. ވިސްނެމުން ދިޔަ ވަރަކަށް ޤަމަރުގެ ހިތުގެ ނުތަނަވަސްކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. ފިކުރުތައް ބޮޑުވެ އޭނަގެ ބުމަ ވެސް ކައިރިވެލައިފިއެވެ. މިދިޔަ ހަފްތާގައި އައިރާ ބޮލުގައި ރިއްސާތީ އުޅުމުން މާބޮޑު ކަމަކަށް އޭނަ ނުހެދިއެވެ. ސްޓްރެސްގެ ސަބަބުންނޭ ހިތަށް އަރުވާލަމުންނެވެ. ނަމަވެސް ޒޯހަން ހިއްސާކުރި ވާހަކަތަކުން ޤަމަރުގެ ހިތުގެ ހަމަޖެހުން ގެއްލިގެން ގޮސްފިއެވެ. އައިރާ އަކީ ދުއްވާއެއްޗަކަށް އަރައިފިނަމަ މޯޝަން ސިކްނެސް ހުންނަ ކުއްޖެއް ނޫނެވެ. އެއީ އައިރާއާއި ނުބައްދަލު ސިފައެކެވެ. ހިތުގެ ހާސްކަން އިތުވެރފައި ވަނީ ވެސް އެސަބަބާ ހުރެއެވެ.
''އަނެއްކާ؟...'' ޤަމަރުގެ ހިތް ތެޅިލިއެވެ. އޭނައަށް ހާސްކަމާއެކު މޫނުގައި ފިރުމާލެވުނެވެ. އިތުރަށް މަޑުކުރުން އޭނަގެ ހިތް ދެކޮޅު ހެދުމުން، އަވަސް ފިޔަވަޅުތަކެއްގައި ގޮސް އައިރާގެ ކޮޓަރި ދޮރު ކުރިމައްޗަށް ހުއްޓިލިއެވެ.
''ދަރިފުޅާ...'' ޤަމަރު ގޮވާލިއެވެ. ތަޅުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. އަނެއްކާ ވެސް ޤަމަރުއަށް ގޮވާލެވުނެވެ. އައިރާއާއި ސުވާލުކުރަން އޭނަ ހުރީ ބޭނުން ވެފައެވެ. ވަގުތު ދިގުލާން ފެށުމުން މީހާގެ ހާސްކަން އިތުރުވުން ނޫންކަމެއް ނުވިއެވެ.
''މަންމާ، މިނިކުންނަނީ...'' އިރުކޮޅެއް ފަހުން އައިރާގެ އަޑު އިވުނެވެ. އައިރާ ނިކުންނަންވާއިރަށް ޤަމަރު ދިޔައީ ބަދިގެއަށެވެ. ރޭގަނޑު ކެއުމަށް މޭޒުމަތި ތައްޔާރުކުރަން ފެށީ މަސައްކަތެއްގައި ހުރުމުން އޭނަގެ ސިކުނޑިއަށް ލިބިފައިވި ބުރަހެލިކަމާއި ދުރުވެލަން ފުރުސަތު ލިބޭނެތީއެވެ. އުނދުނުގައި ހުރި ރިހަ ތެލިން ބޯތައްޓަކަށް ރިހަ އަޅަމުން ގެެނެސް ކާމޭޒުގެ މެދުގައި ބެހެއްޓިއެވެ. ބަތާއި ރޮށި ވެސް މޭޒު މައްޗަށް އަރުވައިފިއެވެ.
''މަންމާ...'' އައިރާގެ އަޑު ޤަމަރުއަށް އިވުނީ އައިސްއަލަމާރި ހުޅުވައިގެން ހުއްޓެވެ. އައިސްއަލަމާރިން ނެގި ސެލެޑްގެ ބޯތަށްޓާއެކު އައިރާއާއި ދިމާއަށް ޤަމަރު އެނބުރުލިއެވެ. އެވަގުތު ޤަމަރު ކުރިމައްޗަށް ހުއްޓުނު އައިރާ އޭނަގެ އަތުން ބޯތަށި އަތުލައިފިއެވެ.
''އިރުކޮޅަކަށް މަންމަ މަޑުކޮށްލިނަމަ، ނަމާދަށް ހުރީމައޭ ދޮރު ނުހުޅުވުނީ...'' ބޯތަށި ގެނެސް މޭޒު މަތީގައި އައިރާ ބެހެއްޓިއެވެ. ތަށިތައް އަޅާފައި ހުރި ކެބިނެޓް ހުޅުވާލަމުން ނެގި ކާތަށިތައް ވެސް މޭޒުމަތީ ބެހެއްޓިއެވެ. ބައްޕައަށް މިރޭ ކެއުމުގައި ބައިވެރވި ނުވެވޭނެތީ އައިރާ ނެގީ ހަމައެކަނި ދެ ތަށްޓެވެ.
''ދަތުރު ދިޔައީމަ ވަރުބަލިވާނެއެއްނު...'' ޤަމަރު ގޮސް ސިންކު ކައިރިއަށް ހުއްޓުނެވެ. އަތްދޮވެލަމުން ސިންކު ކައިރީ އަޅުވާފައި އޮތް ފޮތިކޮޅުން އޭނަ އަތް ފޮހެލިއެވެ. ދެން އައިސް ކާމޭޒު ދޮށުގައި އިށީނެވެ.
ތަށްޓަށް ބަތާއި ރިހަ އަޅާލަމުން ސެލެޑް ބޯތަށީގައި ހުރި ސެލެޑް ވެސް އައިރާ ތަށްޓައް ލިއެވެ. ކެއުން ފެށުމުގެ ކުރިން ބިސްމި ކިޔާލިއެވެ. މޭޒުމަތީ ހުރި އައިސް ފެންފުޅިން ތަށްޓަކަށް އެޅި ފެންތަށި އައިރާގެ ގާތަށް ޤަމަރު ޖައްސާލިއެެވެ. ޝުކުރުވެރިކަމުގެ ހިނިތުންވުމެއް މަންމައާއި އައިރާ ބަދަލުކޮށްލިއެވެ.
ކެއުން ފެށުމުގެ ކުރިން އައިރާގެ މޫނަށް ޤަމަރު ފުން ނަޒަރެއް ދިނެވެ. އެމޫނުގެ ހުރިހާ ކުލަވަރެއް ދިރާސާކޮށްލަން ބޭނުން ވިކަހަލައެވެ. އޭނަގެ ނަޒަރު އިހުސާސްކުރެވި އައިރާ އިސްއުފުލައިލުމުން ޤަމަރު ހިނިތުންވެލިއެވެ. އެހިނިތުންވުން ލޮލާއި ހަމައަށް ދަތުރެއް ނުކުރިއެވެ.
''މަންމާ، ހާދަ ބޮޑު ފިކުރެއްގަ އިންހެން ހީވެޔޭ...'' އައިރާއަށް ބުނެވުނެވެ. މަންމަގެ މޫނުމަތިން ނުތަނަވަސްކަން އައިރާއަށް ފާހަގަކުރެވުނެވެ. އޭގެ ސަބަބުން ހައިރާންކަން ލިބުނެވެ.
''ދަރިފުޅު ރަނގަޅުތަ؟...'' ޤަމަރުއަށް އެންމެފަހުން އަހާލެވުނެވެ.
''އާނ، ރަނގަޅު...'' މަންމަގެ ސުވާލުން އިތުރު ހައިރާންކަމެއް ލިބުނެވެ. ކެއުން މަޑުޖައްސާލަމުން މަންމާއާއި ދިމާއަށް އައިރާ އެނބުރިލިއެވެ.
''ދަރިފުޅާ...'' ޤަމަރުއަށް ގޮވާލެވުނެވެ. ފުންނޭވާއެއް ވެސް ދޫކޮށްލިއެވެ. ދައްކަން އުޅޭ ވާހަކަ ދުލާއި ހަމައަށް ގެންނަން ޤަމަރުއަށް ފަސޭހަކަމަކަށް ނުވިއެވެ. އެހަޤީޤަތާއި ކުރިމަތިލާން އޭނަ ބޭނުން ނުވާތީއެވެ. ހިތް ބިރުގަންނާތީއެވެ. ނަމަވެސް އެބިރުވެރިކަމާއި ކުރިމަތިލާން ދެކޮޅުހަދައިފިނަމަ ނިކުމެދާނެ ނަތީޖާއަކާ މެދު އޭނަގެ ހިތުގައި އޮތީ ހާސްކަމެވެ. އަމިއްލަ ނަފުސަށް ހިތްވަރުލައިދެމުން ހިތުގައި އުފެދިފައިވި ސުވާލުތަކުގެ ޖަވާބު ހޯދަން ޤަމަރު އަވަސްވެގަތެވެ.
އައިރާގެ ހިތް ތެޅިލިއެވެ. މަންމަގެ މޫނުން އޭނައަށް ފެނުނު ކުލަވަރުތަކުން ހިތުގެ ހަމަޖެހުން ގެއްލެން ފެށިއެވެ. އޭނައަށް މަންމަގެ ގާތަށް ޖެހިލެވުނެވެ. ބޮޑުކަމެއް ވެއްޖެޔޭ އައިރާގެ ޒަމީރު އިންޒާރު ދީފިއެވެ.
''ދަރިފުޅު ބައލިވެ އުޅެތާ ކިހާ ދުވަހެއް ވެއްޖެތަ؟...'' އައިރާގެ މޫނާއި ނަޒަރު ވަކިކުރުމެއް ނެތި ޤަމަރު ސުވާލުކޮށްލިއެވެ. ޖަވާބު އައިސްދާނެ ގޮތަކާމެދު އޭނަގެ ހިތް ވަށަލީ ބިރުވެރިކަމުގެ ސައިލަކުންނެވެ. ހަނދާނުގެ އެންމެ ފުނުގައި ވަޅުލާފައިވި އަނދިރި ދުވަސްތަކުގެ ހަނދާންތައް ޚިޔާލުތަކުގައި އުފެދުނު ރެނދުތަކުގެ ތެރޭން ފޭދެން ފަށައިފިއެވެ.
''މަންމާ، އަހަރެން ބައްޔެއް ނޫނޭ، ކީއްވެ ތިހެން ތިއެހީ؟...'' އައިރާއަށް ބުނެވުނެވެ.
''ދެން ކީއްވެ މިއަދު ދޯނި ތެރޭ އަނބުރައިގަތީ؟...'' އައިރާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޤަމަރުއަށް ވެސް ކޮށްލެވުނީ ސުވާލެކެވެ.
މަންމައަށް އެހާދިސާ އެނގުނު ގޮތަކާ މެދު އައިރާގެ ހިތުގައި ސުވާލެއް ނުއުފެދުނެވެ. އޭނައާއި މެދު ކަންބޮޑުވެފައި ހުރުމުން ޒޯހަން ހިއްސާކުރީކަން ވެސް ނަގައިގަނެވުނެވެ.
''ދަތުރުގެ ވަރުބަލިކަމުންނޭ އަނބުރައިގަތީ...'' އައިރާއަށް ބުނެވުނެވެ. ހަޤީޤަތުގައި މަންމަގެ ސުވާލަށް ދޭނެ ޖަވާބެއް އައިރާއަކަށް ނޭނގުނެވެ.
''މިފަހުން އެކަހަލަ ގޮތެއް ނުވޭތަ؟...'' ޤަމަރު އެހިއެވެ.
މަންމަގެ ސުވާލުތަކުން އައިރާގެ ހިތަށް ނުތަނަވަސްކަން ލިބުނެވެ. މަންމަގެ ކަންބޮޑުވުންތައް އޭނައަށް ދޭހަކުރެވެން އިރުކޮޅެއް ނެގިއެވެ. އެއާއެކު އައިރާގެ މެޔަށް ފިނިވެގެން ދިޔައެވެ. އަހަރުތަކެއް ކުރީގެ ހަނދާންތަކެއް ސިކުނޑިއަށް ވެރިވެގެން ދިޔައީ ހިތުގެ ހިނގުން އަވަސްކުރުވާފައެވެ. މޭގައި އުފެދުނު ހައިޖާންގަނޑާއެކު ނޭވާލާން ވެސް އައިރާއަށް އުނދަގޫވެއްޖެއެވެ.
''ދަރިފުޅާ...'' ޤަމަރުއަށް ގޮވާލެވުނެވެ. ''މަންމަ ގާތު ބުނެބަލަ، އެއްވެސް ކަމެއް ވިތަ؟...''
އައިރާއަށް ހިންދިރުވާލެވުނެވެ. ފާއިތުވި ހަފްތާ ތެރޭގައި އޭނައަށް ކުރިމަތިވި އުނދަގޫތަކާމެދުގައި ވިސްނާލެވުނެވެ. އެއާއެކު ހިތަށް ވެރިވެގެން ދިޔައީ ބިރުވެރިކަމެވެ. ލަސް ނޭވާތަކެއް ވެސް ދޫކޮށްލެވުނެވެ.
''ބޮލުގަ ރިއްސާފަ މޫނަށް އެނބުރުން އަރާތާ ދުވަސްކޮޅެއް ވެއްޖެ...'' އައިރާ ތެދު ހާމަކުރިއެވެ. މަންމަގެ ކަންބޮޑުވެފައިވި ދެލޮލަށް އައިރާއަށް ބަލައިލެވުނެވެ. ސިކުނޑިއަށް ލިބުނު ހާސްކަމާއެކު ސިކުނޑީގެ ނާރުތަކަށް ވާންވެގެން ދިޔަކަމުގެ އިހުސާސްކުރެވުނެވެ. އެއާއެކު އަބަދު ނުފިލާ ހުންނަ ރިހުމުގެ އަސަރު އިހުސާސްކުރެވުނެވެ.
''އަރޫ...'' ޤަމަރުގެ ހިތަށް ނުބައި ގޮތެއް ވެއްޖެއެވެ.
(ނުނިމޭ)