ވާހަކަ

ރުހުން ދީފާނުހޭ - 53

4

ތަބައްސުމް އަށް އައްޒާމް ބަލައިލިއެވެ. އޭނާ ކަންތައްކުރާ ގޮތެއް އަނބިމީހާ އަށް އަދި ބުނެނުދެވެއެވެ. އަނބިމީހާ ރުންކުރުވީ އެހެންވެއެވެ.

"ތާބާ އަހަންނަށް އިތުބާރުކުރޭ. މިއީ ބާޒިލްގެ ފުރަތަމަ އިމްތިހާނު. އޭނާއަށް ހަގީގަތުގަވެސް މެލީ މުހިންމު ވިއްޔާ އެހެން އިނދެވެނީ ކިހާއިރަކުތޯ މިބަލަނީ. އޭނާ އަށް ކެތްނުވެގެން ދިޔައިއްޔާ އަހަރެންގެ ނަޒަރިއްޔާތު ބަދަލުވާނެ" އައްޒާމް ބުންޏެވެ.

ތަބައްސުމް އަށް ނޭނގުނެވެ. އެއްޗެއް ބުނެވުނީ ވިސްނާނުލައެވެ. ކަމެއް ރަނގަޅުކުރަން ނޫންގޮތަކަށް އައްޒާމް އެއްވެސް ކަމެއް ނުކުރާނެއެވެ. ނޭނގެނީ ކަންތައްކުރަން އުޅޭ ގޮތެވެ. ވާގޮތެއް ބަލން އިންނާނީއެވެ. ތަބައްސުމް އައިސް އެނދުގައި އިށީނެވެ. ދޮޅުގަޑިއިރު ފާއިތުވެއްޖެއެވެ. އައްޒާމް އައިސް އެނދުގައި އިށީނެވެ.

"މީހުންގެ ވަގުތަށް ކަމޭހިތަންޖެހޭނެ” ތަބައްސުމް ބުންޏެވެ.

އައްޒާމް ތެދުވެގެން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. އަދިވެސް ބާޒިލް އެބައިނެވެ. ފޫހިވެގެން ފޯނުގަވެސް އަތްނުލައެވެ. ލަސްވެގެން ތެދުވެގެން ދެކޮޅަކަށް ނުހިނގައެވެ. ބައެއްފަހަރު ސޯފާގައި ހަށިގަނޑު ދަމާލާފައި ކުރިއަށް ދެ ފައި ދަމާލައެވެ. އަނެއްފަހަރު ފައިކުރުކޮށްލާފައި ދެއަތްތިލަ ގުޅުވާލާފައި ތރިއަށް ބަލައިލާނެއެވެ.

"ތާބާ ގޮސް މީރު ކޮފީއެއް ހަދާލަބަލަ" އައްޒާމް ބުންޏެވެ.

ކޮޓަރި ދޮރުހުޅުވާލި އަޑަށް ބާޒިލް ބަލައިލިއެވެ. ތަބައްސުމް ފެނުމުން އޭނާ ހިނިތުންވެލިއެވެ. ބަދލުގައި ތަބައްސުމްވެސް ހީލާފައި ބަދިގެ އާ ދިމާލަށް ދިޔައެވެ. އިރުކޮޅެއްނުވަނީސް އައްޒާމް ނިކުތެވެ. ބާޒިލް ބަލައިލިއެވެ. އިހުތިރާމް އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވިއެވެ. ސަލާމްގޮވާލިއެވެ. ބާޒިލްގެ އެ މިޒާޖު އައްޒާމަށް ވަރަށް ކަމުދިޔައެވެ. ބާޒިލް އާ ސަލާމްކޮށްލުމުގެ ބަދަލުގައި އައްޒާމް ކޮށްލީ އެހެން ކަމެކެވެ. ބާޒިލް ގަޔާ ކައިރިކޮށްލާފައި ބައްދާލިއެވެ.

"ހިނގާ ކޮފީއެއް ބޯލަން" އައްޒާމް ބުންޏެވެ.

އައްޒާމް އާއެކު ބާޒިލް ހިނގައިގަތެވެ. ކޮންމެވެސް ސަބަބަކާ ހުރެ ބާޒިލް އަށް ހީވީ އޭނާގެ ދުލުގައި ޖެހިފައި ހުރި ގޮށް މޮހެވިގެން ދިޔަހެންނެވެ. އައްޒާމްގެ ކުރިމަތީގައި އޭނާ ފިނޑިވެގެން ނުދިޔައެވެ. ޔަގީނުންވެސް މިފަހަރު ޖެހިލުންވެ ދެފައިގައި ތުރުތުރު ނާޅައެވެ. ހަތަރެސްފައި ފިނިވެގެން ނުދެއެވެ.

"ބާޒިލް ކިހިނެއްތަ؟"

އައްޒާމްގެ ފަހަތުން އައިސް ކާމޭޒު ކައިރިން ގޮނޑިއެއްގައި އިށިން ބާޒިލް އަށް ތަބައްސުމް ބުންޏެވެ.

އިސްވެ ތަބައްސުމް އެގޮތަށް އަނގައިން ނުބުނާތާ ވީދުވަހެއްވެސް ނޭނގެއެވެ. ބާޒިލް ރަނގަޅޭ ބުންޏެވެ. ތަބައްސުމް ގެނައި ކޮފީތަށި ގަޔާ ކައިރިކޮށްލާފައި ބާޒިލް މަޑުކޮށްލިއެވެ. ދެން ލަސްލަހުން ކޮފީތަށި ތުނބުގައި ޖައްސާލިއެވެ.

"މީރުތަ ކޮފީ؟" ހީލަމުން އައްޒާމް އަހާލިއެވެ.

"ލައްބަ ވަރަށް މީރު" ބާޒިލް ބުންޏެވެ.

އައްޒާމް ހިނިގަނޑެއް ޖަހާލިއެވެ. އޭނާއަށް ހީވީ ކޮފީ މީރޭ ބުނަން މަޖުބޫރުވެގެން ބާޒިލް ބުނިހެންނެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ބާޒިލް އާ އޭނާ ސަމާސާކޮށްލާހިއްވިއެވެ.

"ކިހިނެއް ތި މީރުވާނީ. ތިއަށް ތިހުރީ ލޮނު އަޅާފައޭ" އައްޒާމް ބުންޏެވެ.

އަނގައިގައި ހުރި ކޮފީތައް ދުރަށް ބުރުވައިނުލެވުނީ ކިރިޔާއެވެ. ކޯވަރު ގަދަކަމުން ދިރުވާލަން އުޅެވުނީތީ ކޮށިއަރައިގަތެވެ.

"ޔާރައްބީ. ތަބައްސުމް އައިސް ބާޒިލްގެ ބުރަކަށީގައި މަޑުމަޑުން ޖަހާލިއެވެ.

"ނުލާ ލޮނުރަހައެއް" ބާޒިލް ބުންޏެވެ.

"ކާކު ބުނީ ލޮނު ރަހަލާނެއޭ" އައްޒާމް ހިނިގަނޑަކާއެކު ބާޒިލްގެ ކޮނޑުގައި ޖަހާލިއެވެ.

ބަފައިބެ ސަމާސާކުރަނީކަން އެނގުމުން ބާޒިލް އަމިއްލައަށް ވެސް މަޖާވިއެވެ. އެ ހުނުމުގައި އޭނާވެސް ބައިވެރިވިއެވެ. ދެބަފައިން ޖަހަމުންދިޔަ ސަކަރާތް ބަލަން ތަބައްސުމް އިނީ ހައިރާންވެފައެވެ. ކިހާ އުފާވެރި މަންޒަރެއް ހެއްޔެވެ؟ ދެލޮލަށް މިދުވަސް ދެއްކެވީ ހާދަ ލަހުންނެވެ. މައްސަލައެއް ނެތްތާއެވެ. ފަހުން ލިބެން އޮތް އުފާވެރިކަން ބޮޑީއެވެ. މިއީ އެ އުފާވެރިކަމުގެ ފެށުމެވެ.

"ނާހާނަންތަ އަހަރެން މިހާ ލަހުން ކޮޓަރިން ނިކުތީ ކީއްވެގެންތޯ" އައްޒާމް ބުންޏެވެ.

"ކީއްކުރަން އެއެއް ބަލަނީ. މެލީގެ ބައްޕަ ކިތަންމެ ލަހުން އައި ނަމަވެސް އަޅުގަނޑު އިނީމުސް" ބާޒިލް ބުންޏެވެ.

"އެންމެ ފުރަތަމަ ކަމަކަށް މިއީ ހަމައެކަނި މެލީގެ ބައްޕައެއް ނޫން. ބޮޑުމީހާގެވެސް ބައްޕަ އައްޒާމް ބުންޏެވެ. ބާޒިލް ލަދުގަތެވެ. މީގެކުރިންވެސް އައްޒާމްގެ ފަރާތުން އެދަރަޖަ ވަނީ އޭނާއަށް ދީފައެވެ. އެ ލޯތްބަށް ގަދަރު ނުކުރެވުނީ އޭނާ އަށެވެ.

"ކިހިނެއް ވިސްނާފަ އޮތީ" އައްޒާމް ބުންޏެވެ.

އަދި އެބުނި އެއްޗެއްގެ މާނަ މުޅިއަކުން ބާޒިލް އަށް ނޭނގުނެވެ. ބާޒިލް އައްޒާމަށް ބަލައިލިއެވެ.

"މިބުނީ ދެކުދިންގެ މުސްތަގުބަލުގެ ކަންކަން"

"އެންމެފުރަތަމަ އަޅުގަނޑު ބޭނުންވަނީ މައާފަށްއެދެން. ކުރިން ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. ކުރިން ކުރެވުނީ ހަމައެކަނި ކުށެއްވެސް ނޫން. ފާފައެއްވެސްމެ. މިހާރު ހެޔޮވިސްނުން ލިބިއްޖެ. ﷲ ރަނގަޅު މަގު ދައްކަވައިފި. ކުރިއަށް ދާންވީ މަގު ވަރަށް ސާފު. ހަމަހޭގައި ހުރެ އަޅުގަނޑުގެ ދެއަތުން ދުވަހަކުވެސް މެލީއަށް ގޮތެއް ނަހަދާނެކަމަށް ވައުދުވަން. އަޅުގަނޑު މެލީދެކެ ވަރަށް ލޯބިވޭ. އެއީ އަޅުގަނޑުގެ ހަލާލު އަނބިމީހާ. މެލީ ހެޔޮހާލުގަ ހުންނަން މަންމަ އާއި ބައްޕަ ބޭނުންވާ ފަދައިން އަޅުގަނޑުވެސް ބޭނުން. އެއީ އަޅުގަނޑުގެ ދަރިފުޅުގެ މަންމަވެސް މެ. އަޅުގަނޑު ކުރިއަށް އޮތްދުވަސްތަކުގައި ބޭނުންވަނީ މެލީ ގޮވައިގެން އުޅެން. މުސްތަގުބަލަކީ އެއީ. މެލީ އަޅުގަނޑުގެ ދިރިއުޅުމުގެ އެއްބަޔަށް ވެއްޖެ. އަޅުގަނޑު އާދޭސްކުރަން. މެލީ އަޅުގަނޑާ ވަކިކޮށްގެން ނުގެންދޭ. އަޅުގަނޑަކަށް ކެތެއްނުވާނެ. މަންމަ އާ ބައްޕަ ނުރުހޭ ކަމެއް ކުރާކަށް ބޭނުމެއްނޫން. އެކަމަކު މެލީ ގެންދިޔައިއްޔާ އަޅުގަނޑަށް ފަހަތުން ދެވޭނެކަން ޔަގީން. ދިރިއުޅުމުގަ ހަލާލު ލޯތްބެއް އަޅުގަނޑަށް އިހުސާސް މިވަނީ އަދިކިރިޔާ. އެ ލޯބި ފޭރިގަނެގެން އަޅުގަނޑުގެ ދިރިއުޅުން ބަރުބާދުވުން ނޫންކަމެއް ނުވާނެ"

އައްޒާމް އާއި ތަބައްސުމް ކަޅިޖަހާވެސްނުލާ ތިބީ ބާޒިލް އަށް ބަލާށެވެ. އެމީހުންނަށް ބާޒިލްގެ ދެލޮލުން ކަރުނައެއްވެސް ފެނިއްޖެއެވެ. އެއީ އޭނާ ދުލުން ބޭރުވަމުން އެދާ ބަސްތަކުގެ ތެދުކަން ހާމަކޮށްދޭނެ ހެއްކެކެވެ.

"ބައްޕަ މިއަދު ވަރަށް އުފާވެއްޖެ" އައްޒާމް ބުންޏެވެ.

"ކިތަންމެ ލަހުން ވިޔަސް މެލީގެ ދިރިއުޅުން އަލުން ކޮޅަށްޖެހުނީތީ ވަރަށް އުފާކޮށްފިން. ބޮޑުމީހާއަކަށް ބައްޕަ ޝައްކެއްނުކުރަން. ޔަގީން ކަށަވަރުވެއްޖެ ތިދެއަތުން މެލީ ބިކަކޮށްނުލާނެ ކަމުގެ. އެކަމަކު... ކުރިއަށް ނުގެންގޮސް އައްޒާމް ހުއްޓާލިއެވެ. ބާޒިލް ކަޅިޖަހާވެސްނުލާ ބަލަހައްޓައިގެން އިނެވެ.

"ފަހަރެއްގަ މެލީ ބޮޑުމީހާ އާ ދުރަށްދާން ޖެހިދާނެ. އެދުވަހުން ދެން ކަންތައްކުރާނީ ކިހިނެއް؟"

"މެލީ އަޅުގަނޑު ދޫކޮށްފަ ނުދާނެ. މެލީ ދާކަށް އަޅުގަނޑު ހުއްދައެއްވެސް ނުދޭނަން. ދާންއުޅެންޏާ ހިފަހައްޓާނަންވެސްމެ" ބާޒިލް ބުންޏެވެ.

"މިސާލެއް އެނގޭ. ހުރިހާކަމެއް މެލީގެ ހަނދާނަށް އަންނަ ހިސާބުން ފެށިގެން މެލީ އުޅެދާނެ ދުރަށްދާން އެއީ މެލީ ބޮޑުމީހާގެ އެހީތެރިކަމާ އަޅާލުން އެންމެ ބޭނުންވި ދުވަހު ނުލިބި ހުރީމަ. މެލީ ކުރިމަތީގަތާ އެހެން ކުއްޖަކާ އިންނަންވެސް ކިއީ. މިއީ ފަހަރެއްގަ ވެދާނެގޮތެއް. ތައްޔާރުވާތި. މެލީ އަމިއްލައަށް ދާން އުޅެފިއްޔާ ބައްޕަމެން މަޖުބޫރެއް ނުކުރާނަން ތި ދިރިއުޅުމުގަ މެލީ ހުންނާކަށް. ބައްޕަމެން މަޖުބޫރެއް ނުކުރާނަން ބޮޑުމީހާއަށް މަޢާފުދޭށޭ ކިޔާފައެއް. އެދުވަހަކުން މެލީ ކަންތައްކުރާނީ މެލީ ބޭނުންވާ ގޮތަށް. މެލީގެ ކޮންމެ ނިންމުމަކަށް ބައްޕަމެން އެއްބާރުލުން ދޭނަން. އެކަމަކު ބައްޕަމެންގެ ހިތް ހަލާލު"

އައްޒާމްގެ ވާހަތަކާއެކު ބާޒިލްގެ ހިތް ނުތަނަވަސްވިއެވެ. އެފަދަ ދުވަހެއް ނުދެއްކެވުމަށް އެދި ހިތާހިތުން ދުއާކޮށްލިއެވެ. "އެންމެރަނގަޅު. އެކަމަކު ވަރަށް ކަންބޮޑުވެއްޖެ. މެލީ އަޅުގަނޑު ދޫކޮށްލާފަ ދާ ތަން ހުވަފެނެއްގައިވެސް ދެކޭކަށް ބޭނުމެއްނޫން"

ބާޒިލް ބުންޏެވެ.

"އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ" ބާޒިލްގެ އަތްތމަތީގައި އަތްއަޅާލަމުން އައްޒާމް ބުންޏެވެ.

****

ގެއަށް އައި ސައިކަލު މަތީގައިވެސް ބާޒިލްގެ ތުންފަތްމަތިން ހިނިތުންވުން ފިލައިނުދެއެވެ. ދުވަހަކުވެސް ނުލިބޭހާ ހަމަޖެހުން ސިކުނޑިއަށް ލިބިއްޖެއެވެ. ބޭނުންވީ ވީ އެންމެ އަވަހަކަށް މެލެކް އާ ބައްދަލުކުރާށެވެ. ބޮސްދީ މެލެކް އޭނާގެ މޭގައި ބޮނޑިކޮށްލާށެވެ. މިހުރިހާ ދުވަހު ނުދެވުނު ލޯބިން އެންމެ ރެޔަކުން ދޭށެވެ. ގެއިން ނިކުތުމުގެ ކުރިން މެލެކް އާ ބައްދަލުކުރަން ބޭނުންވިޔަސް ނުކެރުނެވެ. އައްޒާމް އަކީ ސަކަ މިޒާޖެއްގެ މީހެއްކަން މިރޭ އެނގިއްޖެއެވެ. ދިމާކޮށްލަން ކޮންމެފަދަ އެއްޗެއްވެސް ބުނެދާނެއެވެ. އެއީ ހަމަ ބެސްޓް ބަފައިބެއެވެ. ހަރުކައްޓެއް ނޫނެވެ. ލޯބި މީހެކެވެ. ގާތް ރަހްމަތްތެރިޔަކަށް ހަމަ އެއްވަނައިގެ މީހެކެވެ. ދޮރާށި ކައިރިއަށް ސައިކަލު މަޑުކޮށްލާފައި އޭނާ ގޭތެރެއަށް ވަނެވެ. ޓީވީ ހުރީ ހުޅުވާފައެވެ. ގޭތެރެއިން މީހަކު ފެންނަން ނެތެވެ. ބާޒިލް ގަޑި ބަލައިލިއެވެ. އަސުރުނަމާދަށް ގޮވަން ކުޑަ ވަގުތުކޮޅެއް ހުއްޓެވެ. ސޯފާގައި ބާޒިލް އިށީނެވެ. ގޭތެރެއިން މީހެއްގެ ހަބަރު ނުވާނެކަން އޭނާއަށް އެނގެއެވެ. މެންދުރުފަހު ނިދާލަން މަންމަ ވަންނާނެއެވެ. ކޫ ވެސް ކޮޓަރިން ނިކުންނާނީ ހަވީރު ފިނިޖެހުނީމައެވެ. ފޯނު ނެގިގޮތަށް ބާޒިލް ގުޅީ މެލެކްއަށެވެ. ވަގުތުން މެލެކް ފޯނަށް ޖަވާބުދީފިއެވެ.

"ކޮންއިރަކުން މަގޭ ވައިފީ ފެންނާނީ" ބާޒިލް ބުންޏެވެ.

"ދޭބާ ބާޒިލްގެ ރޫމަށް. އޭރުން ފެންނާނެ" މެލެކް ބުންޏެވެ.

ލެކްވެސް ހުރީ ރަނގަޅު މޫޑެއްގައި ކަން ބާޒިލް އަށް އެނގުނެވެ.

ސީރިޔަސްކޮށޭ ބޭބީ. ދަންތަ ގޭ ކައިރިއަށް” ބާޒިލް ބުންޏެވެ.

އާދޭ. އެކަމު ބުނަން ފަސްމިނެޓްތެރޭގަ ނައިއްޔާ މިރެއަކު ނުވާނެ"

ހަމަ އެހެން ބުނުމާއެކު ބާޒިލް ފުންމައިގެން ތެދުވެއްޖެއެވެ. ދިޔުމުގެ ކުރިން ގަޔަށް ސެންޓް ބުރުވާލަން އޭނާ ވަނީ ކޮޓަރިއަށެވެ. އެއާއެކު ހުއްޓުން އެރިއެވެ. އެނދުގައި އިށީނދެގެން އިނީ މެލެކް އެވެ. ބާޒިލް އަށް ގަބޫލުނުކުރެވުނެވެ. މެލެކް އެގެއަށް އައީ ކޮންއިރަކު ހެއްޔެވެ؟

މިހެރީ ކައިރީގަ. ދެން އުޅެބަލަ ތިކުރާ ކަމެއް ކުރަން"

ބާޒިލް އެދިޔަގޮތަށް ގޮސް މެލެކް އަތުގައި ހިފައި ނެގިއެވެ. މެލެކްގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. ކުޑަކޮށް މެލެކް ހިއްލާލާފައި އެނބުރިލިއެވެ. މަންމަ އާއި ބައްޕަގެ ސަކަރާތް ބަލަން ލޫލު އިނީ ހެވިފައެވެ.

"ތިއައީ އަތުޖެހޭ ހިސާބަށް. ދެން އެހާފަސޭހައިން ދުލެއް ނުކުރާނަން" ބާޒިލް ބުންޏެވެ.

"އެބައަންނަން އެނގޭ"

މެލެކް ގައިން ދޫކޮށްލާފައި ބާޒިލް ދިޔައީ ދޮރާ ދިމާލަށެވެ. އޭނާ ދޮރު އެތެރެއިން ތަޅުލިއެވެ. ލައިގެން ހުރި ގަމީސް ބާލާފައި ކޮނޑެއްގައި އަޅުވާލިއެވެ.

"ކީއްކުރަން ތިއުޅެނީ. ބިރުގަންނަން ފަށައިފި. މިދަނީ ދާން"

ސައިޑްކަބަޑުމަތީގައި އޮތް ދަބަސް ހިފައިގެން މެލެކް ދޮރާ ދިމާލަށް ދުއްވައިގަތެވެ. ބާޒިލް ހުޝިޔާރުވެ މެލެކް ފަހަތުން ގޮސް ހިފެހެއްޓިއެވެ. އެހިނދު ދެމަފިރިންގެ ހުނުމުގެ އަޑުން ކޮޓަރި ގުގުމާލިއެވެ. ވަކިން ބޮޑަށް ހުރީ ލޫލުގެ އަޑެވެ. ލޫލުއަށް ހެވުނީ މެލެކް އާ ހަމައަށް އަވަހަށް ދާންވެގެން ބާޒިލް އެނދުން ފުންމާލި ގޮތުންނެވެ.

"ހަމަ އަސްލުވެސް. ބާޒިލް ތިއުޅޭ ގޮތުން އަހަރެން ވަރަށް ބިރުއެބަގަނޭ" މެލެކް ބުންޏެވެ.

"ކޮންގޮތަކަށް އުޅެނީ؟ އަނބިމީހާދެކެ ތެދުވެރި ހިތަކުން ލޯބިވާ ކޮންމެ ފިރިއަކުވެސް އުޅޭނީ މިހެން. އާދެބަލަ" ބާޒިލް ހިފީ މެލެކްގެ އަތުގައެވެ. މެލެކް އިތުރަށް ގަދައެއް ނުދައްކައެވެ. މެލެކް އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ. މެލެކް ވާހަކަދައްކާލާނެ ފުރުސަތެއްނުދީ ބޮލުގައި އޮތް ބުރުގާ ބާޒިލް ނެގިއެވެ. މެލެކްގެ ކަރާއި މެއިން ބައެއް ކަޝްފުވެގެން ދިޔުމާއެކު ބާޒިލްއަށް އެހެން ދިމާލަކަށް ނަރު ބަދަލުކޮށްނުލެވުނެވެ. މެލެކްގެ ދެކޮނޑުގައި ހިފާލާފައި ބާލީސް މަތީގައި ބޭއްވިއެވެ.

"އެދުވަހު ބަދިގޭގަ އަހަންނަށް ބަލަން ހުރި ގޮތަށް ތިބަލަނީ" މެލެކްގެ ތުންފަތުގައި އިނގިލިތައް ބީއްސާލަމުން ބާޒިލް ބުންޏެވެ.

"ބާޒިލް ތިހެން އުޅޭއިރު އަހަރެން ވަކި ކިހިނެއް އިންކާރު ކުރާނީ" މެލެކް ބުންޏެވެ.

"އޯވް. އެނގޭތަ ލޫލު އަށް ބަނޑުބޮޑުވި ފަހަރުވެސް މެލީ އަހަންނަށް ދިނީ ހަމަ ތިކަހަލަ ލުކެއް. އަހަންނަށް ކޮންޓްރޯލް ނުކުރެވުނީ އެހެންވެ" ހިނދަކަށްފަހު ހިނދެއް ބާޒިލް ދިޔައީ މެލެކް އާ ގާތްވަމުންނެވެ. ބާޒިލް ބުނެލި ޖުމްލައާއެކު މެލެކްއަށް ކުޑަ ހައިރާންކަމެއް ލިބުނަސް ބާޒިލްގެ ބީހުންތަކުގެ ސަބަބުން ހުރިހާ ކަމެއްގެ މަތިން އެވަގުތަށް އޭނާ ހަނދާންނެތުނެވެ.

މެލެކްގެ ދެލޮލުން ފާޅުވެގެން ދިޔައީ ތަފާތު އަސަރެކެވެ. ބާޒިލް މެލެކްގެ މޫނާ މޫނު ގާތްކޮށްލިއެވެ. ދެމަފިރިން ލޯބީގެ ހަދިޔާއެއް ބަދަލުކޮށްލިއިރު އެކަކުގެ އަތް އަނެކަކުގެ އަތާވީ ގުޅިލާމެހިފައެވެ. ލޯބީގެ މަސްތީ ކަނޑެއްގައި ދެމަފިރިން ބެހިގެން ނުދިޔައީ ދެމެދަށް ލޫލު ވަނުމުންނެވެ.

"މިއީ ދަރިއަކު ހުރީމަ ވާގޮތް. ނުދޭނެ ލޯބިން ބައްދާލަންވެސް ފުރުސަތެއް" ބާޒިލް ބުންޏެވެ.

ބާޒިލް މެލެކް އާ ދުރުވެލާފައި އުއްޑުން އޮށޯވެލިއެވެ. ލޫލު ގެނެސް ބޭންދީ މޭމަތީގައެވެ.

"މެލީއަށް އެނގޭތަ! ލޫލު ލިބުނީ ކިހިނެއްކަން. މިބުނީ ކޮންމެހެން ބޭބީއެއް ބޭނުންވެގެންނެއް ނޫން އެރޭ ހިނގި ކަމެއް ހިނގީ"

މެލެކް ހައިރާންވެފައި ބާޒިލް އަށް ބަލައިލިއެވެ. އިތުރަށް ބާޒިލް އާ ގާތްވެލާފައި ބާޒިލްގެ ކޮނޑުމަތީގައި ބޯ އެޅިއެވެ.

"ދަރިން ލިބެންޖެހެނީ ކޮންމެހެން ބޭނުންވީމައެއް ނޫނޭ. އެއީ އިންސާނުންގެ މޮޅުކަމުން ލިބޭ އެއްޗެއް ނޫން” މެލެކް ބުންޏެވެ.

"އެވާހަކައޭ. އެ އަންހެންކުއްޖާގެ ރީތީގެ އަސަރުގަ އަހަރެން ބަނދެވުނީ. ހަމަ ހޭބަލިވީ. ސީރިޔަސްކޮށް. އެރޭ ހާދަ މަސައްކަތެއްކުރީމޭ ދުރުވާން. އެކަމު ނުދެވުނު" ބޒިލް ބުނަމުން ދިޔައެވެ.

"ކޮންމެހެން އެކްސް ވައިފްގެ ވާހަކަދއްކާނެ ކަމެއް ނެތް" މެލެކް ބުންޏެވެ.

ބާޒިލް ހިނިއައިސްފައި މެލެކް މޫނަށް ބަލައިލިއެވެ. މޫނު ކައިރިކޮށްލާފައި މެލެކްގެ ނިތުގައި ބޮސްދިނެވެ. ލޫލުއަށް ބާޒިލް ގާތުގައި އިންނަން ކަމުނުދިޔައެވެ. ފައިބައިގެން ގޮސް އިށީނީ ދެމަފިރިން މެދުގައެވެ. ލޫލުއަށް އަރާމުވީ މެލެކްގެ ގައިގައި ލެގިގެން ބާޒިލްގެ މޭގައި ފައި ވިއްދައިގެން އިންނާށެވެ.

"ކިޔާބަލަ ބައްޕަ ކިއި އެއްޗެއް" މެލެކް ބުންޏެވެ.

"ޓެސްޓެއްދިނީ. ފުރަތަމަ އޮތީ ޕޭޕަރ ވަން. ދެން ލިބުނީ ކޮފީ ބްރޭކެއް. އެއަށްފަހު ޕޭޕަރ ޓޫ. ނަސީބަކުން ފާސްވި. ލައިސަންސް ހޯދައިގެން މިއައީ. މީގެފަހުން އެއްވެސް ތަނަކަށް މެލީ ގޮސްގެންނުވާނެ އަހަރެން ނޫން މީހަކާއެކު" މެލެކްގެ ނޭފަތު ކުރީގައި އިނގިލިން ޖަހައިލަމުން ބާޒިލް ބުންޏެވެ.

"ސީރިޔަސްކޮށްތަ؟ ބައްޕަ އޯކޭވީތަ؟"

މެލެކްގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވިއެވެ. ބާޒިލް ބޯޖަހާލިއެވެ.

މީހާ އޮތްގޮތް އަރިއަކަށް ބަދަލުކޮށްލާފައި އެއް އަތުން މެލެކްގެ މޫނުގައި ބާޒިލް ފިރުމާލިއެވެ.

ލޫލުއަށް ކަމުނުދިޔައެވެ. ޝަކުވާ ރާގަކށް އަޑެއް ލައްވާލާފައި ބާޒިލްގެ އަތް މެލެކްގެ މޫނުން ދުރަށް ޖެއްސިއެވެ. ލޫލު މެލެކްގެ ބަނޑުދޮށުގައި އޮށޯވެލިއެވެ.

"ވަރަށް ހެއްވާ. މިއީ ވަރަށް ޖެލަސްވާ އަންހެނެއްދޯ" ލޫލުގެ ކޯތާފަތުގައި ޖަހައިލަމުން ބާޒިލް ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟