ކަނޑުގެ ސަތަހައާއި އިރު ނިވާވަމުން ދިޔަ ވަގުތެވެ. މަޑު ރަތްކުލައަކުން އުޑުމަތި އޮތީ ހުޅުދާންކޮށްލާފައެވެ. ދުރުދުރަށް ދާންދެން އުދަރެހުގައި ފެތުރިފައި އޮތް ވިލާތަކުގެ ދޫލައިން އެމަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ގޮނޑުދޮށަށް ބީއްސާލާ ރާޅުގެ އަޑުން ވެސް މާހައުލުގެ ހިތްގައިމުކަން އިތުރުކޮށްދެއެވެ. ޖާދިން އިށީނދެލައިގެން އިނީ ރާޅުފަށް ކައިރީގައެވެ. ދިޔަވަރު ހިކިފައި އޮތް ވަގުތަކަށް ވުމުން ރާޅުތަކުގެ އުނދަގުލެއް ވެސް ނުފޯރައެވެ. އިރުއޮއްސެމުން ދިޔަ މަންޒަރު ބަލަން އިނދެފައި އޭނައަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
ހަވީރު ފަޒްނާއާއި ބަދަލުކުރެވުނު ރުޅިވެރިކަމުގެ ބަސްތަކަށް ފަހު ޖާދިން ހުރީ އުނދަގޫވެފައެވެ. ރުޅި އިސްކުރުމަކީ އޭނަގެ މިޒާޖެއް ނޫނެވެ. މަޑުމައިތިރިކަމާއެކު ހުރިހާ ކަމަކާއި ވެސް ކުރިމަތިލާން އޭނަ އަބަދުމެ އިސްކަން ދެއެވެ. ނަމަވެސް ފަޒްނާގެ އަމުލުތަކުގެ ސަބަބުން އޭނަގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައީއެވެ. ހިމޭންކަން އިހުތިޔާރުކޮށްގެން ހުންނަން ވެއްޖެނަމަ ހުރިހާކަމެއް ވެސް ބޮއްސުންލައިގެން ހިނގައިދާނެކަމުގެ ބިރާއެކު އޭނައަށް މަޖުބޫރުވީ ފަޒްނާއާއި ކުރިމަތިލާށެވެ. ހިޔަނިހެން އޭނަގެ ފަހަތުގައި ފަޒްނާ ވިއްދާލާފައި ހުރުމުގެ ސަބަބުން އޭނަ އުއްމީދުކުރި ފަަދައިން އެއްވެސް ކަމެއް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. އޭނަ ގަސްދުކޮށްގެން ހުރީ ދަތުރުގެ ތެރެއިން އެހިތުގައި ނޫރާލްއަށް އުފެދިފައި އޮތް ޝައުޤުވެރިކަން ބަޔާންކޮށްދެވޭނެ ކަމަށެވެ. އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭނެ ކަމަށެވެ. ނަމަވެސް ފަޒްނާގެ ނުފޫޒުގެ ސަބަބުން ހިތުގެ މުރާދު ހާސިލްވާ ގޮތެއް ނުވިއެވެ. ތަކުރާރުކޮށް ބުނުމުން ވެސް ގޮތްދޫކުރާކަށް ނޫޅުނެވެ. އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ ނޫރާލްއާއި މެދު ކަންތައް ކުރި ގޮތުންނެވެ. ކެތްތެރިކަން ކޮޅުންލީ ވެސް އެހެންވެއެވެ.
ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިންދާ ފަހަތުން ފިޔަވަޅުތަކެއްގެ އަޑުއިވުނުހެން ހީވެއެވެ. އޮއްސެމުން ދިޔަ އިރާއި ނަޒަރު ވަކިކޮށްކޮލުމަށްފަހު ޖާދިން ފަސްއެނބުރިލިއެވެ. އެވަގުތު ނޫރާލް އައިސް ކައިރިއަށް ހުއްޓިލަނީއެވެ. ނޫރާލްގެ މޫނަށް ބަލައިލަމުން ޖާދިން ފަނޑު ހިނިތުންވުމެއް ދިނެވެ.
''މިތާ އިށީނަސް އޯކޭތަ؟...'' ނޫރާލް ސުވާލުކޮށްލިއެވެ.
ނޫރާލްއަށް ބަލަމުން ދިޔަ ޖާދިން ބޯޖަހާލުމާއެކު އަތުގެ އިޝާރާތުން އިށީނުމަށް ބުނެލިއެވެ. ޖާދިންއަށް ހިނިތުންވެލަމުން ނޫރާލް އިށީނެވެ. ދޮންވެލިގަނޑު މަތީ ދެފައި ވަށްކޮށްލަމުން ނޫރާލް ހަމަޖެހިލިއެވެ. ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުތަކަށް ބަލަން އިނދެފައި ޖާދިންގެ މޫނަށް ވެސް އަވަސް ނަޒަރެއް ދީފިއެވެ. އޭރު ޖާދިން ވެސް އިނީ ނޫރާލްގެ މޫނަށް ބަލަހައްޓައިގެންނެވެ. ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ދަމާބާރެއް އެދެމެދުގައި އުފެދިގެން ދިޔައެވެ.
ކަޅި ޖަހާލުމެއް ނެތި ނޫރާލްގެ މޫނަށް ބަލަހައްޓައިގެން ޖާދިން އިނެވެ. އޮއްސެމުން ދިޔަ އިރުގެ އަލި ނޫރާލްގެ ދޮން މޫނަށް އެޅިފައިވާއިރު ހިތްގައިމުކަމެއް އެކުލެވިގެން ވިއެވެ. ދިގު އެސްފިޔަތަކުން ހިޔާއެޅިފައިވި ދެލޮލުގައި ވެސް ތަފާތު ވިދުމެއްގެ އަސަރުވާހެން ހީވިއެވެ.
''އިރުކޮޅަކުން ދޯނި އަންނާނެ...'' ޖާދިންގެ ތޫނުފިލި ދެލޮލާއި ނަޒަރު ވަކިކޮށްލަމުން ނޫރާލް ބުންޏެވެ. އެވަގުތު ޖެހިލި ވައިރޯޅިން ނޫރާލްގެ ފަން އިސްތަށިގަނޑު ވިހުރިލިއެވެ. މޫނަށް ފޭބި އިސްތަށިކޮޅުތައް ކަންފަތުގައި އަޅުވާލަމުން، އަވަސްވެފައިވި ހިތުގެ ވިންދުތައް ހަމައަށް އަޅުވަން އޭނަ މަސައްކަތްކުރިއެވެ. އޭރުވެސް ޖާދިންގެ ތޫނު ނަޒަރު އޭނައަށް އިހުސާސްކުރެވެމުން ދިޔައެވެ. ބުނެދޭން ނޭނގޭ ޖަޒުބާތުތަކެއް ވެސް ހިތުގައި އުފަން ވެއްޖެއެވެ.
''ސޮރީ...'' ފުންނޭވާއެއް ދޫކޮށްލަމުން ޖާދިން ބުނެލިއެވެ.
''ކޮންކަމަކަށްތަ؟...'' ހައިރާންކަން ލިބުމާއެކު ނޫރާލްއަށް އަހާލެވުނެވެ. ޖާދިންއާއި ދިމާއަށް ކުޑަކޮށް އެނބުރިލެވުނެވެ.
''ފަޒޫ...'' ކަކުލުގައި ދެއަތް އަޅުވާލަމުން ޖާދިން ބުންޏެވެ. އޭނަ ބަލަމުން ދިޔައީ އިރުއޮއްސެމުން ދިޔަ މަންޒަރަށެވެ. މިހާރު އިރުގެ ބޮޑުބައެއް ވަނީ ކަނޑުގެ ސަތަހައާއި ނިވާވެފައެވެ. މަޑު އޮރެންޖްކުލައިގެ ދަޅަތައް ކަނޑުގެ ސަތަހައިގައި ބަބުޅަމުން ދިޔައެވެ.
އެއްޗެއް ބުނަން ނޫރާލްގެ ތުންފަތް ހަރަކާތްކޮށްލިއެވެ. ދެފަހަރެއްގެ މަތިން ވާހަކަދައްކަން އުޅެފައި ވެސް ނޫރާލްއަށް އިހްތިޔާރުކުރެވުނީ ހިމޭންކަމެވެ. ޖާދިންގެ މިޒާޖަށް ބޮޑު ބަދަލެއް އައިސްފައިވަނީ ފަޒްނާއާއި ވާހަކަދެއްކި ފަހުންކަން އޭނައަށް އޮތީ ފާހަގަ ވެފައެވެ. އެދެމެދުގައި ދެކެވުނީ ކޮން ވާހަކައެއްކަމެއް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ ފަޒްނާގެ މޫނު އިހުނަށްވުރެން ބަނަވެއްޖެއެވެ. ހަމައެއާއެކު ޖާދިންގެ މިޒާޖަށް ވެސް ހިމޭންކަން ވެރިވެއްޖެއެވެ. ހިތުގައި ސުވާލުތައް އުފެދިފައި ވިޔަސް ދުލާއި ހަމައަށް އެސުވާލުތައް ގެންނާނެ ހިތްވަރެއް ނުލިބުނެވެ.
''ޔޫ ވޯންޓު ނޯ ވަޓް ހެޕެންޑް؟...'' ވިސްނުމަކަށް ގެއްލިފައި އިންދާ ޖާދިން ބުނެލި އަޑު އިވުނެވެ. އެތޫނު ނަޒަރު އަނެއްކާ ވެސް ނޫރާލްގެ މޫނަށް ހުއްޓުނެވެ.
''ނޫން!...'' ނޫރާލްއަށް އަވަސްއަވަހަށް ބުނެވުނެވެ. އޭނަގެ ހިތުގައިވި ސުވާލުތައް ޖާދިންއަށް ފަހުމުވީ ހެއްޔެވެ؟
''އަހަންނަށް ފަޒޫ ކަމަކުނުދޭ، އެވާހަކަ ފަޒޫ ގާތު ބުނުމުން ހުރީ ހިތްހަމަނުޖެހިފައި... އެކަމަކު އޭގައި އަހަންނަށް ކުރެވޭނެކަމެއް ނެތް...'' ނުރާލްގެ މޫނާއި ނަޒަރު ވަކިކުރުމެއް ނެތި ޖާދިން ވާހަކަދެއްކިއެވެ. ''މިއަދު އަހަރެން ބޭނުންވި ގޮތަށް އެއްވެސް ކަމެއް ކުރިއަށް ގެންދެވޭ ގޮތެއް ނުވި....''
''ވަޓް ވޯޒް ޔޯ ޕްލޭން ފޯ ޓުޑޭއި؟...'' ނޫރާލްއަށް އަހާލެވުނެވެ. އޭނާގެ ހިތް އަވަސްކުރުވީ ޖާދިންގެ ދެލޮލުގައިވި ޝުޢޫރުތަކުންނެވެ. ޖާދިންއަށް ބަލަމުން ދަނިކޮށް ޖާދިން އަތްތިލަ ދިއްކޮށްލައިފިއެވެ. އެއީ އޭނަގެ އަތުގައި ހިފުމުގެ ހުއްދައަކަށް އެދިގެންކޮށްލި އިޝާރާތެއްކަން ނޫރާލްއަށް ނަގައިގަނެވުނެވެ. ޖާދިންގެ މޫނާއި ނަޒަރުވަކިކުރުމެއް ނެތި ނޫރާލް ބޯޖަހާލިއެވެ.
ޖާދިންގެ ބޮޑު އަތްތިލައިން ނޫރާލްގެ އަތްތިލަ ވަށާލުމުން ހޫނުކަމެއް އިހުސާސްކުރެވުނެވެ. ބުނެދޭން ނޭނގޭ ގޮތްތަކެއް ހިތަށް ވެގެން ދިޔައެވެ. އެމެދުގައިވި ދަމާބާރުގެ އެހީގައި އޭނަގެ ހިތް ޖާދިންއަށް ދީލައިލިއެވެ. އަވަސްވި ހިތުގެ ވިންދުތައް ހަމައަކަށް އަޅުވަން ފުންނޭވާތަކެއް ވެސް ދޫކޮށްލެވުނެވެ.
''ނޫރާއެކު ވަގުތު ހޭދަކޮށްލަން އަހަރެން ބޭނުންވީ... އަހަންނަށް ނޫރާ ވަރަށް ބޮޑަށް ކަމުދޭ...'' ހިތުގެ ހާލު ޖާދިން ބަޔާންކޮށްދިނެވެ.
ޖާދިންގެ ބަރު ފިރިހެންވަންތަ އަޑުގައިވި ޖަޒުބާތުތަކުން ގައިގެ ހިމަލޯލިތައް ވެސް ކޮޅަށް ޖެހިގެން ދިޔަ ފަދަ އިހުސާސެއް ނޫރާލްއަށް ކުރެވުނެވެ. ނޫރާލްއަށް ހިންދިރުވާލެވުނީ ނިކަން އުނދަގުލުންނެވެ.
''އަހަންނަށް ވެސް ޖާދު ކަމުދޭ...'' އަވަސްވެފައިވި ހިތުގެ ތެޅުން ނޫރާލްގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެހިތުގެ ހާލު ޖާދިންއަށް ނޫރާ ބުނެދިނެވެ.
ޖާދިންގެ މޫނުގައިވި ކަންބޮޑުވުމުގެ އަސަރުތައް ފަނޑުގެ އުފާވެރިކަމުގެ ހިނިތުންވުމެއް ތުންފަތުގައި ދުވެލިއެވެ. ހީވީ މީހާއަށް ބޮޑު ލުޔެއް ލިބިގެން ދިޔަ ހެންނެވެ. ޖާދިންގެ ހިނިތުންވުމުން އެދެލޮލުގެ ވިދުން ވެސް އިތުރުކޮށްލިއެވެ.
އާގަމަ އަރާފައި ނޫރާލްއަށް ބެލެމުން ދިޔައީ ޖާދިންގެ މޫނަށެވެ. އިރުއޮއްސި ދުނިޔެމައްޗަށް ވެރިވަމުން ދިޔަ އަނދިރިކަމުގެ ތެރޭން ފެންނަމުން ދިޔަ ޖާދިންގެ ތޫނުފިލިދެލޮލުން އެހިތުގައިވި ޖަޒުބާތުތައް އެއްވެސް ހުރަހެއް ނެތި ނޫރާލްގެ ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށް ވާސިލްކޮށްދިނެވެ. ހިތަށް އުފާވެރިކަން ގެނެސްދެމުންނެވެ.
''ވިލް ޔޫ ގޯ އޮން އެ ޑޭޓް ވިތް މީ؟...'' ނޫރާލްއާއި ނަޒަރު ވަކިކޮށްލުމެއް ނެތި އެހިތުގެ މުރާދު ޖާދިން ހާމަކޮށްލިއެވެ.
ނޫރާލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަވަސްއަވަހަށް ނޫރާލްއަށް ބޯޖަހާލެވުނީ މޭގައި އުފެދިފައިވި ޖަޒުބާތުތަކުން ވާހަކަދައްކަން އުނދަގޫވުމުންނެވެ. ޖާދިންގެ ހުށަހެޅުން އޭނަ ޤަބޫލުކުރީ އުފަލާއެކުގައެވެ. ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ވެސް އިހުސާސްކުރެވުނެވެ.
''ނޫރާ!...'' އިވިގެން ދިޔައީ އައިރާގެ އަޑެވެ. ސިހިފައި ނޫރާލްއަށް ފަސްއެނބުރިލެވުނެވެ. ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުރި އައިރާ އޭނައަށް ފެނުނީ ދެނެވެ. ޖާދިން އޭނަގެ އަތުން ދޫކޮށްލިކަމުގެ އިހުސާސް ވެސް ކުރެވުނެވެ. އެއަތުގެ ހޫނުކަން ބީވެގެން ދިއުމާއެކު ހިތަށް މޮޅިވެރިކަން ވެސް ވެރިވެއްޖެއެވެ.
''ޔެސް؟...'' ނޫރާލްއަށް ބުނެވުނެވެ.
''ދޯނި އައިސްފި...'' އައިރާ ބުންޏެވެ. އިތުރަށް މަޑުކުރުމެއް ނެތި އެތަނުން ދާން އައިރާ އަވަސްވެގަތެވެ. ނޫރާލްއާއި ޖާދިންގެ ގާތްކަން އައިރާއަށް ފާހަގަ ކުރެވުނެވެ. ފަހުން ނޫރާލްއާއި ސުވާލުކުރަން ހިތުލަމުން އޭނަ ހިނގައިގަތީ ޑިންގީއަށް އެއްޗެހި އުފުލަމުން ދިޔަ ޒޯހަންއަށް އެހީވާށެވެ.
''ހާދަ ވަރަކަށް ހެވިފަ ތިހިރީ؟...'' އަތުގައި އޮތް ފެންކޫލަރު ޑިންގީއަށް ލަމުން ޒޯހަން ބުނެލިއެވެ. އައިރާއަށް ބަލައިލަމުން ބުމަ ވެސް އަރުވައިލިއެވެ. ޒޯހަންގެ ގާތަށް ހުއްޓިލަމުން ސިއްރުސިއްރުން އޭނައަށް ފެނުނު މަންޒަރުތައް އައިރާ ހިއްސާކޮށްލިއެވެ. ޒޯހަން ވެސް ހިނިތުންވެލިއެވެ.
''އައިމް ހެޕީ ފޯ ދެމް، އެކަމަކު ދެން ޖާދު އަންނަން ވެއްޖެދޯ... އެއްޗިސް އުފުލަމުން ގޮސް އަހަރެންގެ އަތް ވަރުބަލިވެއްޖެ...'' ޒޯހަން ޝަކުވާކޮށްލިއެވެ.
''ސާބަސް!، ޖިމަށް ގޮސް ތިއަށް ވުރެން ބަރު އެއްޗިސް އުފުލަމެއްނު...'' އައިރާ ބޯހޫރާލިއެވެ.
''ޔޫ ލައިކް ދެޓް، ޑޯންޓް ޔޫ...'' ބުމަ އަރުވަމުން ޒޯހަން ބުންޏެވެ. އައިރާ ދެލޯ ބޮޑުކޮށްލަމުން ޒޯހަންގެ މުލައްދަނޑީގައި ބޮނޑިއެއް އަޅައިފިއެވެ. ދެވަނަ ސިކުންތުގައި ޒޯހަންގެ މުލައްދަނޑީގައި ފިރުމާ ވެސް ލިއެވެ.
*****
''އަވަހަށް ދަމާ...'' ދޮންވެލިގަނޑު މަތިން ދެތުވެލަމުން ޖާދިން ބުންޏެވެ. އޭނަގެ އަތްތިލަ ނޫރާލްއަށް ދިއްކޮށްލީ ހިނިތުންވުމަކާއެކުގައެވެ. ޖާދިންގެ އަތުގައި ނޫރާލް ހިފާލިއެވެ. އެމޫނުން ވެސް ފެންނަނީ އުފާވެރިކަމެވެ. ދެޒުވާނުން އެކުގައި ކުރިއަށް ހިނގައިގަތެވެ. ޑިންގީއަށް އަރާ އިން ފަޒްނާ ފެނުމުން ނޫރާލްގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އެވަގުތު ނޫރާލްގެ އަތުގައި ޖާދިން ހިފާލީ ސާބިތުކަމާއެކުގައެވެ. ޖާދިންގެ މޫނަށް ނޫރާލްއަށް ބަލައިލެވުނެވެ. އެމޫނުން އޭނައަށް ފެނުނީ ޔަޤީންކަމެވެ. ނުގުޑާނެ ފަދަ އަޒުމެއް ވެސް އެދެލޮލުގައި ވިއެވެ.
ޑިންގީއަށް އަރައި ހަމަޖެހިލަމުން ފަޒްނާއަށް ނޫރާލް ބަލައިލިއެވެ. ފަޒްނާ އިނީ އިސްއޮބާލައިގެންނެވެ. އެމޫނުގެ ކުލަވަރުތައް ސިއްރުކުރަން އުޅޭކަހަލައެވެ. ފަޒްނާގެ ހިމޭންކަމުގެ ފަަހަތުގައިވާ މާނަ ނަގަންވީ ކިހިނެއްކަމެއް ނޫރާލްއަކަށް ނޭނގުނެވެ. އެހާ ފަސޭހައިން ބަލި ޤަބޫލުކޮށްފާނެ ހެނެއް ވެސް ހިޔެއް ނުވެއެވެ. ޚިޔާލަކަށް ގެއްލިފައި އިންދާ އޭނަގެ އަތަށް ޖާދިން މަޑުމަޑުން ފިތާލިކަމުގެ އިހުސާސްކުރެވުނެވެ. ޖާދިންއަށް ބަލައިލަމުން ނޫރާލް ހިނިތުންވެލިއެވެ.
*****
އިރުއޮއްސި ދުނިޔެ މައްޗަށް އަނދިރިކަން ވެރިވެއްޖެއެވެ. ދުރުދުރުން ތަރިތަކުގެ ބެބުޅުން ވެސް ފެންނަން ފަށައިފިއެވެ. ދޯނީގައި އިން އައިރާއަށް ޒޯހަންގެ ކޮނޑުގައި ބޯއަޅާލެވުނެވެ. ހަށިގަނޑަށް ވަރުބަލިކަން އިހުސާސްވަމުން ދިޔައެވެ. ޖެހެމުން ދިޔަ ފިނި ރޯޅިއާއި ފަޒާގައި އޮތް ފިނިކަމުގެ ސަބަބުން ނިދި ވެސް އަންނަ ގޮތް ވެއްޖެއެވެ. ފުން ނިންނެއްޖެ ތެރެއަށް ނަފުސު ގެނބިގެން ހިނގައިދާނެހެން ވެސް ހީވިއެވެ. ދެލޯހުޅުވުން ހަނގުރާމައަކަށް ވެއްޖެއެވެ.
''ނިދާލާ، މާލެ ދެވުނީމަ އަރޫއަށް ގޮވާލާނަން...'' ޒޯހަންގެ އަޑުގައިވަނީ އޯގާތެރިކަމެވެ. މެރެމެދުން ދިޔަ އެސްފިޔަތަކުގެ ތެރޭން ޒޯހަންގެ މޫނަށް އައިރާ ބަލައިލީ ލުއި ހިނިތުންވުމަކާއެކުގައެވެ. ނިންޖާއެކު ދެލޯމަރާލަން އުޅުނު ހިނދު ސިހިފައި އައިރާއަށް ލޯ ހުޅުވާލެވުނީ ކުއްލިޔަކަށް ބޮލަށް އަރައިގެން ދިޔަ ތޫނު ތަދާއެކުގައެވެ. އެތަދުގެ އިހުސާސް ބޮލުގެ އެއްފަޅިން ފެށިގެން ގޮސް މައިބަދައަށް ވެސް އިހުސާސްކުރެވުނެވެ. ދެވަނަ ސިކުންތުގައި މޭނުބައި ކުރާ ގޮތް ވެސް ވެއްޖެއެވެ. އައިރާއަށް ތެޅިގަނެވުނެވެ. އޭނައަށް އަނގަމަތީގައި އަތްއަޅާލެވުނެވެ. އަވަސްއަވަހަށް ކޮޅަށް ތެދުވެވުނީ ހޮޑުލަވާގޮތްވުމުންނެވެ. އޭނަގެ ބޮލަށް އެނބުރުން އަރައިގެން ގޮސް ނުވެއްޓުނީ ކިރިޔާއެވެ.
''އަރޫ...'' ޒޯހަންގެ އަޑުގައި ވަނީ ސިހުމެވެ. އަރިއަޅާލި އައިރާގެ ކޮނޑުގައި ޒޯހަންއަށް ހުޝިޔާރުކަމާއެކުގައި ހިފަހައްޓާލިއެވެ. ޒޯހަންގެ ދެލޮލުގައި ވަނީ ސިހުމާއި ކަންބޮޑުވުމެވެ.
އައިރާއަށް ވާހަކަނުދެއްކުނެވެ. ލަސްނޭވާތަކެއް ދޫކޮށްލެވުނީ މޭނުބައިކުރާ ގޮތްވުމުންނެވެ. އޭނައަށް ދޯނީގެ އެންމެ ފަހަތަށް އިޝާރާތްކޮށްލެވުނެވެ. އައިރާގެ އިޝާރާތް ނަގައިގަނެވުމާއެކު ޒޯހަން ފިޔަވަޅުތައް އަވަސްކޮށްލިއެވެ. އޭރު ނޫރާލް ވެސް އައިރާގެ ގާތަށް އަތުވެއްޖެއެވެ. ނޫރާލްގެ މޫނުން ވެސް ފެންނަނީ ނުތަނަވަސްކަމެވެ. ސުވާލުކުރަން އުޅެފައި ވެސް އެޚިޔާލު ދޫކޮށްލެވުނީ އައިރާގެ މޫނުން ފެނުނު ވޭނުގެ އަސަރުންނެވެ.
އައިރާ ގޮވައިގެން ގޮސް ޒޯހަން ކައިރިވެލީ ދޯނީގެ އެންމެ ފަހަތުގައި ހާމައަށް ހުރި ދޮރު ކައިރިއަށެވެ. ކައިރީގައި ހުރި ގޮނޑިބަރީގައި އައިރާ ބައިންދަމުން އައިރާގެ ގާތުގައި ކުރުފައިމައްޗަށް ޒޯހަން ތިރިވެލިއެވެ. ޒޯހަންގެ ކޮންމެ ހަރަކާތެއްގައި އެކުލެވިގެންވަނީ ނުތަނަވަސްކަމެވެ.
ދޯނީގައި ދެންތިބި މީހުންގެ ސަމާލުކަން ވެސް އައިރާއަށް ހުއްޓުނެވެ. ކައިރިވެލަން އުޅުމުން ވަގުތުކޮޅެއް ދިނުމަށް ނޫރާލް އެދުނެވެ. އައިރާއަށް ޖާގަ ދިނުމަށް ވެސް ބުނެލިއެވެ. އެންމެން ވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަން ބޭނުންވެފައި ތިބިކަން ނޫރާލްއާށް ނަގައިގަނެވުނެވެ. ނަމަވެސް މީހުން ގިނަވެއްޖެނަމަ އަައިރާއަށް އިތުރު ހާސްކަމެއް މެނުވީ ނުލިބޭނެތީ އެކަން ވިސްނައިދިނެވެ.
''އަރޫ...'' ޒޯހަން ގޮވާލިއެވެ. އެއަޑުގައި ނުތަނަވަސްކަން ވިއެވެ.
ފުންނޭވާތަކެއް ދޫކޮށްލަމުން ޒޯހަންގެ މޫނަށް އައިރާ ބަލައިލިއެވެ. އެދެލޮލުގައިވި ހާސްކަމުގެ ކުލަވަރުތަކުން އައިރާގެ ހިތަށް ތަދުވެލިއެވެ. ޖެހެމުން ދިޔަ ފިނި ރޯޅިތަކުން ހައްޓަށް ކުޑަ ނަމަވެސް ލުޔެއް ގެނެސްދިނެވެ. މޭނުބައިކުރުން ވެސް ލުއިވާން ފެށިއެވެ. ބޮލަށް އަރާފައި ހުރި ރިހުމުގެ އަސަރު ވެސް ފަނޑުވެއްޖެއެވެ. ލަސްނޭވާތަކެއް ދޫކޮށްލަމުން އައިރާއަށް ޒޯހަންގެ އަތުގައި ހިފާލެވުނެވެ.
''މިހާރު ރަނގަޅު... ކުޑަކޮށް މޭނުބައި ކުރާ ގޮތްވީ...'' އައިރާ ބުންޏެވެ. ބޮލުގައި އުފެދުނު ރިހުން ސިއްރުކުރީ އިތުރަށް ޒޯހަން ކަންބޮޑުވެދާނެތީއެވެ.
''ކުއްލިޔަކަށް އެހެންވޭތަ؟...'' ޒޯހަންގެ ހާސްކަން ފިލައިގެންދާ ގޮތެއް ނުވިއެވެ. އޭނައަށް އައިރާގެ ނިތްކުރީގައި އައްތިލަ ޖައްސާލެވުނެވެ. ހުމުގެ އަސަރެއް އޭނައަށް ފާހަގައެއް ނުކުރެވުނެވެ. ސުވާލު އުފެދިފައި އައިރާގެ މޫނަށް ޒޯހަންއަށް ބަލައިލެވުނެވެ.
''ވަރަށް ދުވަސް ފަހުންނެއްނު ދޯންޏަކަށް މިއެރީ ވެސް، އެހެންވެ ބޯއަނބުރާ ގޮތް ވީ...'' އައިރާ ބުންޏެވެ. ''އައިމް ފައިން... ސީރިޔަސްކޮށޭ...''
އިރުކޮޅެއް ވަންދެން އައިރާގެ މޫނަށް ޒޯހަން ބަލަހައްޓައިގެން ހުއްޓެވެ. ޒޯހަންއާއި ހަތަރުކަޅި ހަމަކޮށްލަމުން އައިރާ ބޯޖަހާލީ ބަހުގެ ޔަޤީންކަން ދިނުމުގެ ގޮތުންނެވެ. ހަޤީޤަތުގައި ވެސް އޭނަ ހުރީ ހަމައަށް އެޅިފައެވެ. ބޮލުގެ ރިހުން ވެސް ރަނގަޅުވެ މޭނުބައިކުރުން ވެސް ލުއިވެގެން ގޮސް ފިއެވެ.
''ޒާން...'' އައިރާ ގޮވާލިއެވެ.
''ޔޫ ސްކެއާޑް މީ...'' ޒޯހަން ބުންޏެވެ.
''އައިމް ސޮރީ... ދެން އެކަހަލަ ކަމެއް ވަންޏާ ބުނާނަމޭ... މިހާރު މުޅިން ރަނގަޅުވެއްޖެޔޭ، ޖަސްޓް ނީޑެޑް ސަމް ފްރެޝް އެއާ...'' އައިރާ ލުއި ހިނިތުންވުމެއް ދިނެވެ.
''ޕްރޮމިސް؟...'' ޒޯހަންއަށް ބުނެވުނެވެ. އައިރާގެ އަތުން ވެސް ދޫކޮށްލަން ޒޯހަން ބޭނުންނުވާ ކަހަލައެވެ. ހިތަށް ލިބުނު ހާސްކަން މުޅިން ފިލައިގެންދާ ގޮތެއް ނުވިއެވެ. އައިރާއަށް ވީ ގޮތުން ނަފުސަށް ވެރިވި ބިރުވެރިކަމުން އަވަސްކުރުވި ހިތުގެ ވިންދުތައް ވެސް ހަމައަކަށް އެޅޭ ގޮތެއް ނުވިއެވެ.
''ޕްރޮމިސް!...'' އައިރާ ޔަޤީންކަންދިނެވެ.
''އޯކޭ... މިތާ އިރުކޮޅަކު މަޑުކޮށްލަމާ...'' ޒޯހަން ބޯޖަހާލިއެވެ. އައިރާގެ އަތުން ދޫކޮށްލުމުގެ ކުރިން އަތްތިލަައަށް ޒޯހަން ފިތާލިއެވެ. އަދިވެސް އޭނަގެ ފުރިހަމަ ސަމާލުކަން ހުއްޓިފައިވަނީ ހަމައެކަނި އައިރާ އަށެވެ.
''އަރޫ، ފެންފޮދެއް ބޯލަން ވީނު؟، ކުޑަ ފޮދެއް ވިޔަސް އޯކޭ ވާނެ...'' ޒޯހަން ކޮޅަށް ތެދުވުމުން ނޫރާލް ބުންޏެވެ. އޭނަގެ އަތުގައި އޮތް ކުޑަ ފެންފުޅި އައިރާގެ އަތަށް ދިއްކޮށްލިއެވެ. އެފެންފުޅި ނޫރާލްގެ އަތަށް ގެނެސްދިނީ ޖާދިން އެވެ. ޖާދިން ހުރީ ނޫރާލްގެ ފަހަތުގައި މަޑުކޮށްލައިގެންނެވެ.
ނޫރާލްގެ އަތުން ފެންފުޅި އަތުލަމުން އޭގެ މަތި ޒޯހަން ހުޅުވާލިއެވެ. އެއަށްފަހު އައިރާގެ އަތަށް ދިއްކޮށްލިއެވެ. ލުއި ހިނިތުންވުމަކާއެކު ފުޅީގައި އައިރާ ހިފިއެވެ. އަދި ފެންކޯވަރެއް ބޯލިއެވެ. ފެނުގެ ފިނިކަން އަރުތެރެއަށް ފޭދިގެން ދިއުމާއެކު ހައްޓަށް ލުޔެއް ލިބުނުކަމުގެ އިހުސާސްކުރެވުނެވެ.
''އަރޫ ބަނޑުބޮޑުވީތަ؟...'' އައިރާ ފެންބޮމުން ދަނިކޮށް ސިހިގެން ދިޔައީ ފަޒްނާގެ އަޑަށެވެ. ލިބުނު ސިހުމުގައި އޭނަ ކޮށިވެސް އަރައިފިއެވެ. ކެއްސުންގަނޑު ހިލިގެން އައި ހިނދު ނޭވާލެވޭވަރުވީ ނޫރާލް އޭނަގެ ބުރަކަށީގައި ފިރުމާލުމުންނެވެ. ފުންނޭވާއެއް އައިރާއަށް ދޫކޮށްލެވުނެވެ. އެފަދަ ވިޔާނުދާ އިލްޒާމެއް ފަޒްނާ އޭނަގެ ބޮލުގައި އެޅުވުމުން ޤަބޫލުކުރަން ވެސް ދަތިވިއެވެ. ހިތްހަމަނުޖެހުން އައިރާގެ މޫނަށް ވެރިވެގެން ދިޔައެވެ. އެވަގުތު ފަޒްނާއާއި ކުރިމަތިލާން އުޅުނު ޒޯހަންގެ އަތުގައި އައިރާއަށް ބާރަށް ހިފާލެވުނެވެ. ރުޅީގެ ހޫނުން ޒޯހަންގެ ބުމަވަނީ ގޮށްޖެހިފައެވެ. ދެލޯހަނިކޮށްލަމުން ފަޒްނާއަށް ބަލަމުން ދިޔައީ ނުރުހުމާއެކުގައެވެ.
''ޒާން...'' އައިރާއަށް ގޮވާލެވުނެވެ. ދޯނި ތެރެއަށް ނުތަނަވަސްކަން ވެރިވެއްޖެކަން ވެސް އައިރާއަށް ފާހަގަކުރެވުނެވެ. އެންމެން ތެރޭ އެފަދަ އެއްޗެއް ފަޒްނާ ބުނުމުން އައިރާ ހުރީ ލަދުގަންނަ ގޮތް ވެސް ވެފައެވެ. އަވަސްއަވަހަށް ވަށައިގެން އައިރާއަށް ހޯދާލެވުނެވެ. އޭރު ކޮންމެ މީހަކު ވެސް ފަޒްނާއަށް ބަލަމުން ދިޔައީ ހިތްހަމަނުޖެހުމާއެކުގައެވެ.
''ވަޓްސް ރޯންގް ވިތް ޔޫ!...'' ރުޅިވެރިކަމާއެކު ފަޒްނާއާއި ކުރިމަތިލީ ނޫރާލް އެވެ.
''ފަޒްނާގެ ކަންތައް މިހާރު މާމައްޗަށް ތިދަނީ، މީހުން ބަދުނާމުކުރަން ކޮންމެފަދަ ވާހަކައެއް ދައްކަން ވެސް ލަދެއް ނުގަނޭތަ؟... ތިކަހަލަ އެއްޗެއް އެންމެ ކުރިމަތީ ބުނަން ކެރުނު ކަމާއޭ އަހަރެންގެ ހިތަށް އަރާ...'' ސްކޫލްގެ ދިވެހި ޓީޗަރަކަށް އުޅޭ މާރިޔާ ބުންޏެވެ. އޭނަގެ މޫނުމަތިން ފެންނަނީ ހިތްހަމަނުޖެހުމެވެ. ''އަބަރުވެރި އަންހެންކުއްޖެގެ ބޮލުގައި ދޮގު އިލްޒާމު އަޅުވާއިރު ތިމާ މީހާގެ އުޅުމާމެދު ސުވާލު އުފެދޭނެކަމެއް ނޭނގޭތަ!...''
''އަބަދު ފިތުނަ އުފައްދަން އުޅޭނީ... މިހާރު ކިޔޭނުކިޔޭ އެއްޗެއް ނެނގޭ ހިސާބަށް ގޮސްފި... ބޭކާރު ވާހަކަ ނުދައްކާ ފަޒްނާ ވީ އަރޫގެ ފަރާތުން މަޢާފަށް އެދެން...'' އިތުރު ޓީޗަރަކު ވެސް ބުނެލިއެވެ. ''ހިތްނުބައި ވިޔަސް ބޮޑުވަރެއްނު ދެން!...''
ފަޒްނާ އިނީ ރަކިވެފައެވެ. އޭނަ އުއްމީދުކުރި ފަދަ ނަތީޖާއެއް ނުނިކުތެވެ. އެއާ ހިލާފަށް އެންމެންގެ ތެރޭގައި އޭނަ ބޭޒާރުވެއްޖެހެން ހީވުމުން ފަޒްނާއަށް އިސްއޮބާލެވުނެވެ. އައިސްފައި ހުރި ރުޅީގައި އޭނަ ބޭނުންވީ ބަދަލު ހިފާށެވެ. ނޫރާލް ދެކެ ރުޅިއައިސްފައި ހުރި ކަމުގައި ވިޔަސް އައިރާއަށް އެކަމުގެ ހޫނު އަމާޒުކޮށްލީ ނޫރާލްގެ ގާތް ރައްޓެއްސަކަށް ވާތީއެވެ. ނަމަވެސް ރުޅީގެ މައްޗަށް އަމަލުކުރެވުމުން އޭނަ ބޭޒާރުވުން ނޫންކަމެއް ނުވިއެވެ. އައިރާގެ ދިފާއުގައި އެންމެން ތެދުވުމުން އޭނަ ބާކީވެއްޖެކަމުގެ އިހުސާސް ފަޒްނާއަށް ކުރެވުނެވެ. އެކުގައި ތިބި ރައްޓެހިންތައް ވެސް އޭނައާއި ދުރަށް ޖެހިލައިފިއެވެ. ރުޅިމޫނުހަދައިފިއެވެ.
''ސޮރީ...'' އުނދަގުލުން ފަޒްނާ ވާހަކަދެއްކިއެވެ. އޭނައަށް އޭރު ރޮވޭ ގޮތްވެސް ވެއްޖެއެވެ. ''އެހެން ބުނި އެއްޗެއް ނޫން އެއީ...''
ފަޒްނާ ބާރުބާރަށް ހިނގާފައި ގޮސް ދިރުބާ ކައިރީގައި އިށީނދެއްޖެއެވެ. އޭނަ އުއްމީދުކުރީ އޭނަ ރުއްސަން މީހުން އަންނާނެ ކަމަށެވެ. ނަމަވެސް އޭނަ ވީ މުޅިން ބާކީއެވެ. އެންމެން ދިޔައީ އައިރާގެ ގާތަށެވެ. ހިތަށް ވީ ތުރާލެއްގެ ބޮޑުކަމުން ފަޒްނާގެ ދެލޮލުން ކަރުނަ ހިލުނެވެ. މިއަދު ހުރިހާ ކަމެއް ވެސް ދިޔައީ ގޯހުން ގޯހަށެވެ. ޖާދިން ހާސިލް ކުރުމަށް ދެކެމުން ދިޔަ ފޮނި ހުވަފެންތައް ވިއްސިވިހާލިވެގެން ދިޔައީ އޭނަގެ ލޯކުރިމަތީގައެވެ. ހިތަށް ތަދުވިކަމުގައި ވިޔަސް މަޖުބޫރުވީ ނޫރާލްގެ އަތުގައި ޖާދިން ހިފަހައްޓައިގެން ހުރި މަންޒަރު ބަލަންށެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އައިރާ ބަދުނާމުކޮށްލަން އުޅުމުން ފަޟީޙަތް ވެގެން ދިޔައީ އޭނައެވެ. އެންމެންގެ ނުރުހުމާއި ރުޅިވެރިކަން އަމާޒުވެ އޭނަ ބަކީވެއްޖެކަމުގެ އިހުސާސް ފަޒްނާއަށް ކުރެވުނެވެ.
(ނުނިމޭ)