ވާހަކަ

ރުހުން ދީފާނުހޭ - 52

6

"އަހަރެންގެ އަނބިމީހާ އަހަންނަށް ވުރެ ބޮޑަށް ކަލެއަކަށް ނޭނގޭނެ. އަހަރެންގެ އަނބިމީހާގެ ހަބަރު ކަލޭގެ ފަރާތުން ހޯދާކަށް ނުޖެހޭނެ. ކަލޭ މަގޭ އަނބިމީހާ އާ ދުރުގަހުރޭ" ބާޒިލް ބުންޏެވެ.

ހިނިގަނޑެއް ޖަހާލާފައި ރައްޔާން ދިޔައީ ދުރުގައި އޮތް ފެންހޮޅި އާ ދިމާލަށެވެ.

ރައްޔާން ހިނިގަނޑެއް ޖަހާލިއެވެ. މިފަހަރު ބާޒިލް އާ ރައްދުދީގެން ޒުވާބުކުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. އޭނާ މިހާރު ބޭނުންވަނީ ބާޒިލް އާ ސުލްހަވާށެވެ. އޭނާގެ ފުރިހަމަ ތާއީދު މިހާރު ބާޒިލް އަށް އެބައޮތެވެ. މެލެކް އަށް ހަގީގީ އުފާވެރިކަމެއް ބާޒިލްގެ ފަރާތުން ލިބޭނެކަމަށް އޭނާ މިހާރު ޝައްކެއް ނުކުރެއެވެ.

"ހާދަ ރުޅިއެކޭ. އެބައޮތޭ ކުޑަ ވާހަކައެއްވެސް ދައްކަންވެފަ. އާދެބަލަ ޖައްސާލަން" ރައްޔާނު ބުންޏެވެ.

ބާޒިލް ނައެވެ. އޭނާ ޖީބުގައި އޮތް ފޯނު ނަގާފައި މެލެކް އަށް ގުޅިއެވެ. ފޯނަށް މެލެކް ޖަވާބެއް ނުދިނުމުން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އެވަގުތު ހުއްޓުނީ އަނެއްކާވެސް ރައްޔާން ބުނި އެއްޗަކުންނެވެ.

"އޯކޭ ކަލޭގެ އަންހެނުން ކަލެއަށް. އެކަމަކު އަހަރެންގެ ރަހްމަތްތެރިޔާ ޖަހައިގަނެގެން ނުވާނެ"

ބާޒިލް ހިތްހަމަނުޖެހުނެވެ. އެއްޗެއް ބުނަން އުޅުނު ވަގުތު ގޭތެރެއިން މެލެކް ނިކުތެވެ. އެއައި ގޮތަށް އައިސް ފުރަތަމަވެސް ދެއަތް ދިއްކޮށްލީ ލޫލުއަށެވެ. ރައްޔާނު އާއި ބާޒިލް އަށް މެލެކްއަށް ނަޒަރެއް ދެވުނީ މާލަހުންނެވެ.

"ނިންމާލީ ތި" މެލެކް އަހާލިއެވެ.

"އާނ މިނިމުނީ" ދުރުގައި ހުރި އިސްކުރުން ދެއަތް ދޮވެލައިގެން އައިސް މެލެކް އުރުގައި އިން ލޫލު އާ ރައްޔާނު ސަމާސަކޮށްލިއެވެ. ބާޒިލް އެމަންޒަރު ބަލަންހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ.

"މެލީ އެންމެ ފުރަތަމަ ވެއްޖެއްނު ބާޒިލް އަށް ބޭސްގުޅައެއް ހޯދަން..." ރައްޔާނު ބުންޏެވެ. މެލެކް އަށް ނޭނގުނެވެ. އެއްޗެއް އަހާލަން އުޅުނެވެ.

"ޝައްކުނުކުރާ ކަހަލަގެ ނޫނީ ހަޖަމު ކުރެވޭ ކަހަލަ" ފަހުވަގުތު ވެސް ރައްޔާނު ގޭތެރެއަށް ވަނީ ބާޒިލް ރުޅިއަރުވަން އެއްޗެއް ބުނެލާފައެވެ.

މެލެލް ބާޒިލް އަށް ބަލައިލިއެވެ. މަޑުމަޑުން ބާޒިލް އާ ގާތަށް ޖެހިލިއެވެ. އެހާ ގާތުގައި މެލެކް ހުއްޓާ ފެނުމުން ބާޒިލްގެ ރުޅިމަޑުވެއްޖެއެވެ. ރައްޔާނު މަތިން ހަނދާންނެތިއްޖެއެވެ. އޭނާ އަތް އުފުލާލާފައި މެލެކްގެ ކޯތާފަތުގައި ފިރުމާލިއެވެ. ދޮރާށިން އެތެރެއަށް ވަތް އައްޒާމް އެކަކަށްވެސް ނުފެނެއެވެ. އެންމެންނަށް ބަލައިލެވުނީ ލޫލުގެ ތުއްތު ބަހުރުވައިން އައްޒާމްއަށް ގޮވާލުމުންނެވެ. ބާޒިލް އަވަސް އަވަހަށް މެލެކްގެ މޫނުން އަތް ދުރުކޮށްލިއެވެ. އިސްޖަހާލިގޮތަށް އިރުކޮޅަކު ހުއްޓެވެ. މެލެކްވެސް ލަދުގަންނަ ގޮތް ވިއެވެ.

"ދަރިފުޅުމެންތަ؟" އައްޒާމް ވަދެގެން އައިސް މެލެކް ކައިރީގައި ހުއްޓުނެވެ. އޭނާ އަތް ދިއްކޮށްލުމަކީ ނުލާހިކު ފަސޭހައިން ލޫލު ގޮސްފިއެވެ.

"ކާފަގެ ރަންކޮޅު... ހާދަ މީރުމީރު ވަހެކޭ" ލޫލު ގޮވައިގެން އައްޒާމް އެތެރެއަށް ވަންނަން ހިނގައިގަތެވެ.

ބާޒިލްގެ އަތުގައި މެލެކް ހިފާލީ ލޯމަތިން އައްޒާމް ގެއްލުމުންނެވެ. ބާޒިލް ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ދޮރާށި ކައިރީގައި ބަހައްޓާފައި މެލެކް ހީލިއެވެ.

"ފިނިޑިނުވާނަމޭ ބުނި އެކަމު. ބަލާބަ ބައްޕަ ފެނިފަ ވީގޮތް" މެލެކް ބުންޏެވެ.

ބާޒިލް ހީލިއެވެ. މެލެކްގެ އުނަގަނޑުގައި އަތްއަޅުވާލި ގޮތަށް ގާތަށް ދަމާލިއެވެ. މޫނު މޫނު ގާތްކޮށްލުމަށްފަހު މޫނަށް ފުމެލިއެވެ.

"ހެވޭ. ދެން ދާންއުޅޭ. މިރޭ މީޓުވާނެ" މެލެކް ބުންޏެވެ.

ބާޒިލް މެލެކް އަތަށް ބޮސްދިނެވެ. ނިކުންނަން ދޮރާ ހަމައަށް އައިސްފައިވެސް އޭނާ އެނބުރި މެލެކް އަށް ބަލައިލިއެވެ. ހީވާގޮތުން އޭނާ އަދިވެސް ދާކަށް ބޭނުމެއް ނުވެއެވެ. ދޮރާށި ލައްޕާލާފައި ނިކުތްގޮތަށް ސައިކަލަށް އެރިއެވެ. ދުއްވާނުލެވެނިސް ފޯނެއް އަންނަން ފެށިއެވެ. ބަލައިލިއިރު އަރާފައި އިނީ 'މެލީ ބައްޕަ' ގެ ނަމުން އޭނާ ސޭވްކޮށްފައި އިން ނަމެވެ. ހިތް ތެޅިގަތީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. އަނބިމީހާއަށްޓަކައި ކޮންމެކަމަކާ ޖެހުނަސް ކުރިމަތިލާން އޭނާ ހުރީ އަމިއްލަ ނަފްސަށް ވައުދުވެފައެވެ. އައްޒާމް ކުރި ކޮންމެ ސުވާލަކަށް އޭނާ ޖަވާބުދޭނެއެވެ. ފޯނު ނެގުމަށްފަހު އޭނާ ލަސްލަހުން ކަންފަތުގައި ފޯނު ޖައްސާލިއެވެ. ހެލޯ އޭ ބުނެފައި ސިކުންތެއްވެސް ނުވާނެއެވެ. ހައިރާންވެފައި ބާޒިލް ފޯނު ކަނޑާލިއެވެ. ހައިރާންކަމާއެކު އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން އިނެވެ. ގަޑިއެއް ކިއީ އަނެއްކާ ފިލާވަޅެއް ދޭން ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އެ ގަޑިއަށް އަންނަންވާނެއެވެ. މިފަހަރު ވާހަކަވެސް ދެކެވެން ޖެހޭނެއެވެ. އުފާވެރި މުސްތަގުބަލެއް ލިބުން އޮތީ މީހާއަށް ކެރުނު ވަރަކުންނެވެ.

****

ލޫލު ނިންދަވާލާފައި ވުޟޫކޮށްގެން ނިކުމެ މެލެކް އެރީ ނަމާދަށެވެ. ސަލާމް ދިންތަނާ ދޮރުގައި ޓަކިޖަހާލި އަޑި އިވުނެވެ. އޭނާ ދޮރުހުޅުވާލީ ނަމާދު ބުރުގާ ނުބާލައެވެ.

"ބައްޕަ އެތެރެއަށް ވަންނަންތަ؟" އައްޒާމް ބުންޏެވެ.

މެލެކް ބޮޑަށް ދޮރުހުޅުވާލިއެވެ. ދެ އަންހެންދަރީން ނިދާ ކޮޓަރިއަށް ވަރަށް އޭނާ ނުވަދެއެވެ. އޭނާ އެކޮޓަރިއަށް ވަށައިގެން އަވަސް ނަޒަރެއް ދިނެވެ. ދެ ދަރީން ނިދާ އެނދުގައި ނިދާލާފައި އޮތް ލޫލު ހީލިއެވެ. ވީގޮތެއް ނޭނގުނެވެ. އެހިނދު ލޫލުގެ މޫނުމަތިން އެނާއަށް އެއް ހިނދުކޮޅު ސިފަވެގެން ދިޔައީ މެލެކް އެވެ. އަނެއް ހިނދުކޮޅުގައި ބާޒިލް އެވެ. އޭނާ އެކޮޓަރިއަށް މެލެކް އާ ވާހަކަދައްކާލަން އައި މަގްސަދު ހަނދާންވުމުން ބަލައިލިއެވެ. ބުނަން އުޅޭ އެއްޗެއް ނޭނގޭތީ މެލެކްވެސް ހުރީ ހާސްކަމެއްގައެވެ.

"ބައްޕަ އިށީނދެބަލަ ކޮޅަށް ނުހުރެ" މެލެކް ބުންޏެވެ.

އައްޒާމް އެނދުގައި އިށީނެވެ. އަތް ހުޅުވާލިގޮތަށް މެލެކް އަށް ދައުވަތެއް ދިނެވެ. އެވަގުތު މެލެކް އައިސް ގާތުގައި އިށީނެވެ. މެލެކްގެ ކޮނޑުގައި އެއްއަތުން ވަށާލާފައި އޭނާ މެލެކްގެ އަނެއް އަތްތިލައިގައި ހިފަލާފައި އެ އަތުގައި ބޮސްދިނެވެ. ބައްޕަގެ ލޮބުވެތި އެ އަމަލުން މެލެކްގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ބާޒިލް އާ ގުޅޭ މިހިންމު ވާހަކައެއް އައްޒާމް ދައްކަން އުޅޭކަން އޭނާ އަށް އެނގުނެވެ. ދެރަވީ އައްޒާމްގެ ވާހަކަތަކަށް އޭނާ ނޫނެކޭ ބުނަން ޖެހިދާނެތީއެވެ.

"ތި ދެކުދިންނަކީ ބައްޕަގެ މުޅި ދުނިޔެ" އައްޒާމް ބުންޏެވެ.

"އެނގޭ. ބައްޕަގެ ތި ބަފައިވަންތަ އިހުސާސަށް އަޅުގަނޑުމެންވެސް ގަދަރުކުރަމޭ" މެލެކް ބުންޏެވެ.

"މި ދެތިންދުވަސް ބައްޕަ މިހޭދަކުރީ ދަރިފުޅުގެ ދިރިއުޅުމާ ދޭތެރޭ އެކިގޮތްގޮތަށް ވިސްނުމުގަ. ދަރިފުޅު ތެދަށް ބައްޕަ ގާތުގަ ވާހަކަދައްކައްޗޭ. ބައްޕަ ސުވާލެއްކޮށްލަން ބޭނުން"

މެލެކް ހިންދިރުވާލިއެވެ. އޭނާގެ ހިތް ބުންޏެވެ. މިއީ ބައްޕަގެ ކުރިމަތީގައި ހިތް ހުޅުވާލަންޖެހޭ ފަހަރެވެ. މިވަގުތު އަތުން ބީވެގެން ދިޔަ ނުދެއްޗެވެ.

"ދަރިފުޅު ބޭނުންވަނީ މާލެ ދާންތަ؟ ނޫނީ މިކޮޅުގަ މަޑުކުރަންތަ؟

މެލެކް އައްޒާމް އަށް ބަލައިލިއެވެ. ކަޅިޖަހާވެސްނުލާ އޭނާ އިނީ ބަލަހައްޓައިގެންނެވެ. މެލެކްގެ އެ މައުސޫމު ބެލުމުންނާއި ލޮލުގައިވާ އަސަރުތައް އައްޒާމަށް ޖަވާބެއް ލިބިއްޖެއެވެ. އެހެންނަމަވެސް މެލެކް އަނަގއިން ބޭނުންވާ ގޮތް ހާމަކުރަން އޭނަ ބޭނުންވެއެވެ.

"ދާކަށް ބޭނުމެއްނޫން. އެކަމަކު ބައްޕަގެ އެދުމަށް ނޫނެކޭ..

އެހިސާބުން މެލެކްގެ ބަސްތައް އައްޒާމް ހުއްޓުވިއެވެ. އިތުރަށް އެއްވެސް އެއްޗެއް ބުނާ އަޑުއަހާކަށް އޭނާ ބޭނުމެއް ނުވެއެވެ.

"ތިހެންވިއްޔާ ބައްޕަގެ ވިސްނުން ބަދަލުކޮށްފިން. ދަރިފުޅުގެ އުފަލަށް ވުރެ މުހިންމު އެއްވެސް ކަމެއް ބައްޕައަށް ނޯންނާނެ" އައްޒާމް ބުންޏެވެ. މެލެކްގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ.

"ދަރިފުޅު ވަރަށް ހިތްވަރުގަދަކުރަންޖެހޭ. ވަރަށް ބޮޑަށް ބަލަންޖެހޭ" އޭނާ މެލެކް ގަޔާ ކައިރިކޮށްލިއެވެ. ބޮލުގައި ބޮސްދިނެވެ.

****

އާ ދުވަހެއްގެ ހަވީރު ވަގުތެވެ. ސައި މޭޒު ކައިރީގައި މެލެކްގެ އާއިލާ މީހުން ހަވީރުގެ ސަޔަށް އިންސާފުކުރަމުން ދިޔައެވެ. މޭޒު ކައިރީގައި މައިގަނޑު ގޮތެއްގައި ދެކެވެމުން ދިޔައީ ތިންދުވަސްފަހުން އޮންނަ މައިލީންގެ ރަންކިޔުމުގެ ހަފްލާގެ ވާހަކައެވެ.

އެތަނުގެ ފަޅުކަން ބާޒިލް ނެތުމުން އިހުސާސްވީ ހަމައެކަނި މެލެކްއަކަށް ނޫނެވެ. އައްޒާމްގެ ދެމަފިރިންނަށްވެސް އެ ފަޅުކަން އިހުސާސްވެއްޖެއެވެ. އެދެމަފިރިންނަށް ހީވާ ކަހަލައެވެ. މައިލީންގެ ކައިވެނީގެ އުފާވެރި ރޭ މެލެކް އަށް ލިބެންވާ ހަގީގީ ހިތްހަމަޖެހުން ބާޒިލް އާ ނުލާ ނުލިބޭނެއެވެ. މެލެކްގެ ބޮލުގައި އައްޒާމް ފިރުމާލިއެވެ.

"ދަރިފުޅު ބާޒިލް ގާތުގަ ބުނޭ މިރޭ ބައްޕަ އާ ބައްދަލުކޮށްލާށޭ" އައްޒާމް ބުންނެވެ.

މެލެކް ހައިރާންކަމާއެކު އައްޒާމަށް ބަލައިލިއެވެ. ތަބައްސުމް އާއި އަހަދުﷲ އަދި މައިލީންވެސް ހައިރާންކަމާއެކު އައްޒާމަށް ބަލައިލިއެވެ.

"ބުނަންވީތަ؟" މެލެކް ބޭނުންވީ ޔަގީންކޮށްލާށެވެ.

އައްޒާމް ހީލަމުން ބޯޖަހާލިއެވެ. އެއާއެކު މޭޒުމަތީގައި އޮތް ފޯނު ހިފައިގެން މެލެކް ދިޔައެވެ. މެލެކްގެ ތުންފަތްމަތިން ފެނުނު ހިނިތުންވުމުގެ ސަބަބުން އެކަކަށް ދެކޮޅަށް އެކައްޗެއް ބުނަންވެސް ނުކެރުނެވެ.

"އަޅުގަނޑަށް ފެންނަނީ މެލީ ދޫކޮށްލަން. މެލީގެ ރިޕޯޓްތައް ވެސް ވަރަށް ރަނގަޅު. މިހާރު ބުނެދޭންވީ މެލީގެ ހަނދާނުން މުހިންމު ބައިތަކެއް ގޮސްފައޭ ވަނީ" އަހަދުﷲ ބުންޏެވެ.

"ހައްތަހާވެސް ތިކަން ކުރަން ނުކެރިގެން މިއުޅެނީ" ތަބައްސުމް ބުންޏެވެ.

"މިދިޔަ ހަފްތާއިން ފެށިގެން ބައެއް ބޭސްތައްވެސް އުނިކޮށްލައިފިން. ގޯހެއްނުވޭ. މަންމާ! ހަމައެކަނި ބޭހެއް ނޫން ފަރުވާއަކީ. ނުކެރޭނެއޭ ބުނެ މިހެން ތިބުމަކީވެސް ގޯހެއް. އަޅުގަނޑަށް ހީވަނީ މިކަން އެންމެ ރަނގަޅަށް ކުރެވޭނީ ބާޒިލްއަށް ހެން"

މައިލީންގެ ހިޔާލަށް އަހަދުﷲ ތާއީދުކުރިއެވެ. އައްޒާމް އާއި ތަބައްސުމް އެއްޗެއް ނުބުނެ އިނެވެ.

****

ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު އާދައިގެމަތިން މައުސޫމާ އާއި ޒިޔާދު ނިކުތީ ބޭރަށް ހިނގާލާށެވެ. ދެމަފިރިން ހިނގަމުން ނިކުތީ ބަނދަރާ ވީ ދިމާލަށެވެ. ޖެޓީމަތީގައި އިށީނދެލައިގެން ތިބެފައި އިރުކޮޅަކުން މިސްރާބުޖެހީ ދެމަފިރިން ވާހަކަދެއްކުމަށްފަހު ދާން ކަނޑައެޅި މަންޒިލާ ދިމާލަށެވެ. އެގެއާ ހަމައަށް ރަނގަޅަށް ނުދެވެނީސް ބޭރު ޖޯލީގައި ތިބި އައްޒާމް އާއި ތަބައްސުމް ފެނިއްޖެއެވެ. އަންގާވެސްނުލާ ކުއްލިއަކަށް މައުސޫމާ އާއި ޒިޔާދު ފެނުމުން ތަބައްސުމް ހައިރާންވިއެވެ. އަވަހަށް އިށީންނާށޭ ބުނީ ހިނިތުންވުމަކާއެކުގައެވެ. އައްޒާމްވެސް ހީލަމުން ޒިޔާދު އާ ސަލާމްކޮށްލިއެވެ. ދެ ފިރިހެނުން އިށީންނަން ޖޯލީފަތި ދައްކާފައި ތަބައްސުމް އާއި މައުސޫމާ އިށީނީ ގޮނޑިތަކުގައެވެ.

"މެލީ ނިދީތަ؟" މައުސޫމާ އަހާލިއެވެ.

"ނުނިދާ. އެބައިން ޓީވީ ބަލަން" ތަބައްސުމް ބުންޏެވެ.

"ކޮންކަމެއްގަ މި ހިސާބަށް އައިސް ތިއުޅެނީ؟" ތަބައްސުމް ބުންޏެވެ.

"މިއައީ މިގެ އާ ދިމާލަށް ހަމަ. މުހިންމު ވާހަކައެއް ދައްކަންވެގެން" ޒިޔާދު ބުންޏެވެ.

"އަވަހަށް ކިޔަންވީ ހަމަ" އައްޒާމް ބުންޏެވެ.

"މިއުޅެނީ މެލީ އާ ބާޒިލް ގެ ވާހަކަދައްކަން. ވަރަށް ލަދުގަނޭ މިވާހަކަދައްކަން. އެނގޭ އެއްވެސް ހައިސއްޔަތެއް ނެތްކަން ވެސް. ގޯސް ހެދީ އަހަރެމެންގެ ދަރިފުޅު" ޒިޔާދު ވާހަކަތައް ކުރިއަށް ގެންދިޔައެވެ.

އައްޒާމް އާއި ތަބައްސުމް އިސްއޮބާލައިގެން ތިއްބެވެ. ޒިޔާދު އާއި މައުސޫމާގެ ވާހަކަތައް މެދުކަނޑާލަން އައްޒާމް ބޭނުމެއް ނުވެއެވެ. އޭނާއަށް އެނގެއެވެ. ކަންތައްތައް އޮތީ ހިމޭނުން ތިބެންޖެހޭ ހިސާބެއްގައެއް ނޫނެވެ. ވާހަކަދައްކައިގެން މިކަންތައް ކޮޅެއްގައި ޖައްސަން ޖެހެއެވެ. މިއީ ދެކުދީންގެ ދިރިއުޅުމާ ގުޅިފައިވާ ކަމެކެވެ. މިކަން ކޮޅެއްގައި ނުޖެހި ދެއާއިލާ އިން ކުރެ އާއިލާ އަކުންވެސް ގޮތްދޫނުކޮށްފިނަމަ މިކަމުގެ ތެރޭގައި ލޫލުގެ ދިރިއުޅުންވެސް ބަރުބާދުވެގެން ހިނގައިދާނެއެވެ.

"ބާޒިލް... ބާޒިލް ސާރާ އާ ގުޅުން ކަނޑާލައިފި. އެކުއްޖާ ކުރެވުނުހާ ކަމަކަށް ދެރަވެ ހިތާމަކުރޭ. ތައުބާވެ ކިތަންމެ ފަހަރަކު އެވާހަކަދައްކައިފި. ހަގީގަތުގައި ވެސް ބާޒިލް ބޭނުންވަނީ މެލެކް ގޮވައިގެން އުފަލުގަ ދިރިއުޅެން. ފުރަތަމަ އަހަރެމެން ގަބޫލެއްނުކުރަން. އެކަމަކު... ބުނަން މިއުޅެނީ... ބާޒިލް އަށް އިތުބާރެއް ނެތަސް މިފަހަރު އަހަރެމެންގެ ދެމަފިރިންނަށް އިތުބާރުކުރާށޭ. މެލީ އަހަރެމެންނަށް.... ޔަގީންކަން ދެން......"

ޒިޔާދަށް އިތުރަށް ކުރިއަށް ނުގެންދެވުނެވެ. ބާޒިލް އަށްޓަކައި މިރޭ އެވާހަކަ އޭނާ އެދެއްކީ ވަރަށް ހިތްވަރުކޮށްފައެވެ.

"ތިވާހަކަތަކާ އަހަރެމެން ދެކޮޅެއްނޫން"

މައުސޫމާ އައްޒާމަށް ބަލައިލިއެވެ.

"މިބުނީ އެދެކުދިން ދުރުކުރުވުމުގެ ވިސްނުމެއް ނެތް. އަހަރެމެންނަށް އަހަރެމެންގެ ދަރިފުޅުގެ އުފާވެރިކަންވެސް ވަރަށް މުހިންމު. އެހެންވެ އަހަރެމެން ބޭނުންވަނީ އެދެކުދިން ގުޅެން. އެކަމަކު.... "

އެހިސާބަށް ބުނެފައި އައްޒާމް ހުއްޓާލިއެވެ. އެހިސާބުން ދެން ބުނަން އުޅޭ އެއްޗަކީ މުހިންމު އެއްޗެއްކަން އެންމެންނަށް ވެސް އެނގެއެވެ. އެހެންކަމުން އެންމެންގެ ސަމާލުކަން ތިބީ އައްޒާމަށް ހުއްޓިފައެވެ.

"އަދިވެސް ހިތުގަ ނުތަނަވަސްކަމެއްވޭ. ކުރެވުނު ކަންތަކަށް ބާޒިލް އަހަރެމެންގެ ހިތް ހަލާލެއް ނުހޯދާ. އޭނަ ބޭނުންވާ ގޮތް ހާމައެއްނުކުރޭ. އެހާފަސޭހައިން ބާޒިލްއަށް މައާފްކުރާކަށް ހިތް ނުބުނޭ. އެކަމަކު މެލީއަށްޓަކައި އެހުރިހާކަމެއް ހިތުން ފޮހެލައިފިން. މެލީ ކައިރީގަ ބުނިން ބާޒިލް ކައިރީގަ ބުނަން ބައްދަލުކޮށްލާށޭ. އަހަރެން އަމިއްލައަށް ވެސް ބާޒިލްއަށް ގުޅާފަ ބައްދަލުކޮށްލާށޭ ބުނިން. އަހަރެން ބާޒިލްއަށް ޝަރުތެއްކުރަން ބޭނުން. އެ ޝަރުތު އަހަރެން ހާމަކުރާނީ ބާޒިލް ކައިރީގަ"

މައުސޫމާ އާއި ޒިޔާދު އެނބުރި ގެއަށް އައީ އުންމީދީ ހިތަކައިގެންނެވެ. އައްޒާމާ ދެކެވުނު ވާހަކަތައް ބާޒިލް ގާތުގައި އެމީހުން ނުދައްކައެވެ. ބާޒިލް އެހުމުންވެސް އެމީހުން ހަމައެކަނި ކުރު ޖަވާބަކުން ފުއްދާލިއެވެ.

****

ހުކުރު ދުވަހެވެ. ކައިގެން ކޮޓަރިއަށް ވަތްގޮތަށް ބާޒިލް ނިކުތީ ސެންޓް ޖަހާލައިގެންނެވެ. އައްޒާމް އާ ބައްދަލުކުރަން އޭނާ ދަނީ ގަޑި ކިޔާފައި އޮތުމުންނެވެ. ކޮޓަރިން ނިކުތްތަނާ އޭނާއަށް އެރުނީ މައުސޫމާގެ ކުރިމައްޗަށެވެ.

"މެލީ ބައްޕަ އާ ބައްދަލުކުރަން މިދަނީ" މައުސޫމާ އެއްޗެއް އެހުމަކާނުލާ ބާޒިލް ބުންޏެވެ.

"ހަނދާންކުރާތި. މި ބައްދަލުވުމަކީ ސިލްސިލާ ބައްދަލުވުމެއް ނޫންކަން. ދަރިފުޅުގެ އުންމީދުތައް ފުރިހަމަވުން އޮތީ ވާހަކަދައްކަން ކެރުނު ވަރެއްގެ މައްޗަށް. އެއީ މެލީގެ ބައްޕައެއް ނޫން. ދަރިފުޅުގެވެސް ބައްޕަ. އައްޒާމް ފެންނަ އިރަށް ތި އިސްތިރިކުރުން ހުއްޓާލާފަ ކެރިގެން ވާހަކަދައްކަންޖެހޭ. މަންމަ ބޭނުންވަނީ ދަރިފުޅު އަންނައިރު ހިނިތުންވުމަކައިގެން މަންމަ އާ ބައްދަލުކުރުން" ބާޒިލް ހިނިތުންވެލާފައި ބޯޖަހާލިއެވެ. އޭނާ ނިކުމެގެން ދިޔައީ ދިރިއުޅުމަށްޓަކައި އެތައް އުންމީދުތަކެއް ކުރަމުންނެވެ. ބާޒިލް ދިޔަތާ ވީ ކުޑައިރުކޮޅެކެވެ. ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމެއް ބަލަން މައުސޫމާ އިނީ ގެއްލިފައެވެ. އޭނާގެ ކަންފަތުގައި ކުޑަކުއްޖެއްގެ އަޑުޖެހުނުހެން ހީވުމުން ބަލައިލިއެވެ. ލޫލު ގޮވައިގެން އައި މެލެކް ފެނުމުން މައުސޫމާއަށް ހެވުނެވެ. އަތްދިއްކޮށްލުމާއެކު ނިކަން ފަސޭހައިން ލޫލު މައުސޫމާގެ އަތުތެރެއަށް ވަނެވެ. މެލެކް ބަސްމަދުވެފައި އިންނަން ފެށުމުން އިރުކޮޅަކުން ކޮށި ތެރޭގައި ލޫލު ބައިންދާފައި މައުސޫމާ މެލެކް އާ ގާތަށް ޖެހިލިއެވެ.

"ހާދަ ނުވަގުތެއްގަ ދަރިފުޅުމެން ތިއައީ"

"ހަމަ ހިތަށް އެރީ މިގެއަށް އަންނަން.... ޒެއްލު ނެތީތަ؟"

މައުސޫމާ ހިނިތުންވެލިއެވެ. މެލެކް ލަދުގަތެވެ. އަވަހަށް އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލިއެވެ.

"ޒެއްލު ނުބުނޭތަ މެލީގެ ބައްޕަ އާ ބައްދަލުކުރަން ދިޔަ ވާހަކަ" މައުސޫމާ ބުންޏެވެ.

މެލެކް ހައިރާންވިއެވެ. އައްޒާމްގެ މެސެޖު ބާޒިލް އަށް ފޯރުކޮށްދިނީ މެލެކްއެވެ. ވަގުތާ ދުވަސް ކަނޑައެޅުމުގައި އޭނާ އަތެއް ނުވެއެވެ. އެކަހަލަ ވާހަކައެއް ބާޒިލް ނުވެސް ބުނެއެވެ. މެލެކް ހާސްވިއެވެ. އަނެއްކާ ދެކެވޭނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟ އަނެއްކާ ބައްޕަގެ ހިޔާލު ބަދަލުކޮށްފާނެ ހެއްޔެވެ؟ ކުއްލިއަކަށް މެލެކް ސިހުނީ އޭނާގެ އަތުގައި މައުސޫމާ ހިފާލުމުންނެވެ.

"މަންމަ ބޭނުންވަނީ މެލީ މިގޭގަ ހުންނަން. ޒެއްލުގެ އަނބިމީހާގެ ގޮތުގައި އަބަދުވެސް ދެކެން ބޭނުންވަނީ ދަރިފުޅު. ތިއީ ލޫލުގެ މަންމައަކީ. މިއީ ދަރިފުޅުގެ ގެއަކީ. މަންމައަށް އެނގޭ ދަރިފުޅު ލޯބިވަނީ ޒެއްލު ދެކެކަން. ދަރިފުޅު މިގޭގަ ހުންނަން އަންނަވީނު އެއްކޮށް" މައުސޫމާ ބުންޏެވެ. މިހާރު އޭނާ އެންމެ ބޭނުންވަނީ އެގޮތެވެ. މެލެކް އާ ބާޒިލް އެކުގައި ދިރިއުޅޭ ތަން ބަލާށެވެ.

"އެއްކޮށް އާދެވޭނީ މެރީކޮށްފައެއްނު މަންމާ" މެލެކް ބުންޏެވެ.

އަނެއްކާވެސް މައުސޫމާއަށް ހެވުނެވެ. މެލެކްގެ މައުސޫމު ކަމެވެ. އެކުއްޖާ ހުރިހާ ކަމެއް ހަނދާން ހުރި ނަމައެވެ. ކިހާ އުފާވެރިވީސް ހެއްޔެވެ. ޒެއްލުއަށްޓަކައި މެލީއެވެ. މެލީއަށްޓަކައި ޒެއްލު އެވެ. ދެމަފިރިންގެ މެދުގައި ފޮޅިފައި އިން ތާޒާ ފިނިފެންމަލެއް އިނެވެ. އެއީ ދެކުދިންގެ ލޯބި ރަމްޒުކޮށްދޭ އެންމެ ބޮޑު ހަގީގަތެވެ. ކުރިއަށް އޮތް ތަނުގައިވެސް އޭނާ ދެކެން ބޭނުންވަނީ ދެމަފިރިންގެ ބަގީޗާގައި އެތައް މަލެއް ފަރިވެ ފޮޅެމުންދާ މަންޒަރެވެ. އިރާދަކުރެއްވިއްޔާ އެދުވަސް ދުރުގައި ނެތެވެ.

"ވަގުތާއެކު ހުރިހާ ކަމެއް ވަނީ ނިމިފަ. ދަރިފުޅު ޒެއްލު އާ ކައިވެނި ވަނީ ކުރެވިފަ. ހުރިހާ އެއްޗަކީވެސް ސިކުނޑި. މަންމަ ބުނެފާނަން ތަބައްސުމް ގާތުގަ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ދަރިފުޅު މިގޭގަ ބަހައްޓަބަލާށޭ. އެންމެރަނގަޅުތަ؟"

މެލެކް ބޯޖަހާލިއެވެ. އެއްބަސް ނުވިޔަސް ހުދު އޭނާވެސް ބޭނުންވަނީ އެގޮތެވެ. ބާޒިލް ފެންނަ ހިސާބުގައި އެގޭގައި ދިރިއުޅޭށެވެ. އޭނާގެ ނޭފަތުގައި އަބަދުވެސް ބާޒިލް އާއި ލޫލު ވަސް ނުފިލާ ހުރުމަށެވެ. އެކަމަކު... ކައިވެނީގެ ވާހަކަ ދައްކާއިރަށް އެންމެންގެ ވާހަކަތައް އެއްދިމާލަކަށް ދަނީ ކީއްވެ ހެއްޔެވެ؟ ދެމީހުން އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާއިރު ކައިވެނިނުކޮށް ހުންނަންވީ ސަބަބެއް އޭނާއަށް ނޭނގެއެވެ. މެލެކްއަށް ވިސްނުންތަކުން ނިކުމެވުނީ ލޫލުގެ ޝަކުވާގެ އަޑަށެވެ. ބަލައިލިއިރު ކޮށި ދަމަމުން އައިސް ލޫލު އިނީ މެލެކްގެ ފައި ބުޑުގައެވެ.

"ކޮށިން ނަގާށޭ އެކިޔަނީ" މައުސޫމާ ހީލާފައި ބުންޏެވެ.

"ހިނގާބަލަ. ޒޭބާ ކައިގެން ވަތްގޮތަށް ހަބަރެއްނުވޭ. މަންމަގެ އަންހެންދަރިންނަށް މިއަދު ކިހިނެއްވެގެން އުޅޭ ދުވަހެއްބާ؟ ހިބާ އާއި ލައިބާގެ ހަބަރެއްވެސް މިއަދު ނުވޭ"

މައުސޫމާ ހިނގައިގަތީ ޒޭބާގެ ކޮޓަރި އާ ދިމާލަށެވެ. ފަހަތުން މެލެކްވެސް ދިޔައެވެ.

****

ދޮރު ކައިރީގައި ދެކޮޅަށް ހިނގަން ހުރި އައްޒާމްގެ ހަރަކާތްތަކަށް ބަލަން ތަބައްސުމް ހުރީ ހައިރާންވެފައެވެ. ބޭރުގައި އިނީ ބައްދަލުކުރަން ގެނައި މީހާއެވެ. ބާޒިލް އެހެން އިންނަތާ ގަޑިއެއްގެ އިރު ވަނީއެވެ. ގޭގައި ހުރެ އައްޒާމް ނުނިކުމެ ހުންނަން ފެށުމުން ތަބައްސުމް އަށް ކަމަކުނުދިޔައެވެ.

"ތިއީ ކޮންކަހަލަ ގޮތެއް. ބައްދަލުކުރަން ބޭނުންނުވާނަމަ އެކުއްޖާ ގެނައީ ކީއްކުރަން؟"

ތަބައްސުމް އަށް އައްޒާމް ބަލައިލިއެވެ. އޭނާ ކަންތައްކުރާ ގޮތެއް އަނބިމީހާ އަށް އަދި ބުނެނުދެވެއެވެ. އަނބިމީހާ ރުންކުރުވީ އެހެންވެއެވެ.

"ތާބާ އަހަންނަށް އިތުބާރުކުރޭ. މިއީ ބާޒިލްގެ ފުރަތަމަ އިމްތިހާނު. އޭނާއަށް ހަގީގަތުގަވެސް މެލީ މުހިންމު ވިއްޔާ އެހެން އިނދެވެނީ ކިހާއިރަކުތޯ މިބަލަނީ. އޭނާ އަށް ކެތްނުވެގެން ދިޔައިއްޔާ އަހަރެންގެ ނަޒަރިއްޔާތު ބަދަލުވާނެ" އައްޒާމް ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟