ވާހަކަ

ހުރީމޭ ތި ހިޔާލުގާ - 5

އިންތިޒާރުގައި ތިއްބާ ދޯނި ޖެޓީއާއި ކައިރިކޮށްލައިފިއެވެ. އެންމެން އަވަސްވެގަތީ ދޯންޏަށް އެރުމަށެވެ. މީހުންތައް އެއްވުމާއެކު އައިރާގެ އަތުގައި ހިފާލަމުން ޒޯހަން އެއްފަރާތަށް ޖެހިލިއެވެ. ދޯންޏަށް ނާރާ މަޑުކޮށްލައިގެން ތިބީ މީހުން މަދުވަންދެކަށެވެ. ނޫރާލް ވެސް އެއްފަރާތަކަށް ޖެހިލި ވަގުތު ޖާދިން އައިސް ނޫރާލް ފުރަގަހުން ހުއްޓިއްޖެއެވެ. ފަސްއެނބުރި ނޫރާލްއަށް ބަލައިލެވުނެވެ. ޖާދިންގެ ގާތްކަމުން އޭނަ ހުރީ އުފާވެފައެވެ. ތުންފަތުގައި ކުޅެލަމުން ދިޔަ ހިނިތުންވުމުން އެކަމަށް ހެކިދެއެވެ.

ދޯނީގެ ދިރުންބާ ކޮޅުން ދޯންޏަށް އަރަމުން ނޫރާލްއަށް ޖާދިން އަތްތިލަ ދިއްކޮށްލިއެވެ. ލުއި ހިނިތުންވުމަކާއެކު ޖާދިންގެ އަތުގައި ހިފަން ނޫރާލް އުޅުނެވެ. ނަމަވެސް އޭގެ ކުރިން ފަޒްނާ އައިސް ނޫރާލްގެ ކޮނޑުގައި ޖެހިގެންފިއެވެ. ނޫރާލްއަށް ލިބުނީ ސިހުމެކެވެ. ވިސްނައިގެން ނެތުމުން ބެލެންސް ކަޓާލައި މޫދަށް ވެއްޓެން އުޅުނެވެ. އެވަގުތު ކުރިއަށް ޖެހިލެވުނު ޒޯހަންއަށް ނޫރާލްގެ އަތުގައި ހިފަހައްޓާލެވުނީ ކިރިޔާއެވެ. ބިރުން ގޮސް ނޫރާލްގެ މޭގަނޑު އަނގަޔަށް އަންނަވަރު ވެއްޖެއެވެ.

ވިހަ ހިނިތުންވުމަކާއެކު ޖާދިންގެ އަތުގައި ހިފަން ފަޒްނާ އުޅުނުކަމުގައި ވިޔަސް އޭނަގެ މުރާދު ހާސިލްވާ ގޮތެއް ނުވިއެވެ. ޖާދިން އަވަސްވެގަތީ ދޯނިން ފޭބުމަށެވެ. ހިތްހަމަނުޖެހުމާއެކު ފަޒްނާއަށް ބަލައިލަމުން ނޫރާލްގެ ގާތަށް ޖާދިން ޖެހިލިއެވެ. އެމަންޒަރު ބަލަން ހުރި ފަޒްނާއަށް ދަތްކުނޑިވިކާލެވުނެވެ. ރުޅިން ގޮސް މޫނު ރަތްވެއްޖެއެވެ.

''އާރ ޔޫ އޯކޭ؟...'' ކަންބޮޑުވުން އެކުލެވިގެންވި ޖާދިންގެ ނަޒަރު ނޫރާލްގެ މޫނަށް ހުއްޓުނެވެ. ނޫރާލްގެ ގާތުގައި އައިރާ ހުރުމުން ޖާދިންއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

''ހޫމ، ރަނގަޅު...'' ޖާދިންއަށް ބަލައިލަމުން ނޫރާލް ބުންޏެވެ. ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ނޫރާލްގެ ހިތް އަވަސް ކުރުވީ ޖާދިންގެ ދެލޮލުގައިވި އިހުސާސްތަކުންނެވެ. އެއިހުސާސްތަކުގެ މާނަ ނަގަން އޭނަގެ ހިތް ނުކުޅެދުނެވެ. އިރުގެ އަލިކަމުން އިތުރު ދިރުމެއް ގެނެސްދީފައިވި ޖާދިންގެ އެމްބާރ ކުލައިގެ ދެލޮލުގެ ތެރެއަށް ހިނދުކޮޅަކަށް ވިޔަސް އޭނަ ގެއްލުނެވެ. ހަމަހޭވެރިކަންވީ އޭނަގެ އަތުގައި އައިރާ ކޮއްޓާލުމުންނެވެ. ސިހިގެން ދިޔަ ނޫރާލްއަށް ވަށައިގެން އޮތް މަހައުލަށް އަވަސް ނަޒަރެއް ދެވުނެވެ. އޭރު ދޯނީގައި ތިބި މީހުންގެ ސަމާލުކަން ވެސް ހުއްޓިފައި އޮތީ އޭނަ އަށެވެ.

''ހާދަ ހޫނޭ!... ދޯންޏަށް އަރަމާ...'' އަވަސްއަވަހަށް ނޫރާލް ބުންޏެވެ. ޖާދިންއަށް ބަލަމުން ނުތަނަވަސްކަމުގެ ހިނިތުންވުމެއް ވެސް ދިނެވެ. އެވަގުތު ނޫރާލްގެ އަތުގައި ހިފުމުގެ ހުއްދައަކަށް ޖާދިން އެދުނެވެ. އަވަސްވެފައިވި ހިތަކާއެކު ޖާދިން ދިއްކޮށްލި އަތުގައި ނޫރާލް ހިފާލިއެވެ. ޖާދިންގެ ގާތްކަން އެހިތް ބަލައިގަތީ އުފަލާއެކުގައެވެ.

''ފަޒޫ، ދެންވެސް ބަލައިގެން އުޅެއްޗޭ، ކިރިޔާއެއްނު ނޫރާ މޫދަށް ނުވެއްޓުނީ...'' އައިރާ އެނބުރިލީ ފަޒްނާއާއި ދިމާއަށެވެ. ފަޒްނާ ހުރީ ހަށަން ބަނދެލައިގެންނެވެ. އަޅައިގެން ހުރި ބޮޑު ތޮފީގެ ސަބަބުން މޫނުގެ ބޮޑުބައި ނިވާކޮށްދެއެވެ. އެމޫނުގެ ކުލަވަރުތައް ރަނގަޅަށް އައިރާއަށް ދޭހަ ނުކުރެވުނީ ވެސް އެހެންވެއެވެ.

ތުންއަނބުރާލާފައި ފަޒްނާ ދޯންޏަށް އެރިއެވެ. ހިތްހަމަނުޖެހިފައި ހުރި މިންވަރު އޭނަގެ ހަރަކާތްތަކުން ހާމަކޮށްދެއެވެ.

''ވަޓްސް ރޯންގް ވިތް ހާ؟...'' ޒޯހަންއަށް ބުނެވުނެވެ. ޖެޓީ މަތީގައި ތިބީ ހަމައެކަނި ޒޯހަންއާއި އައިރާ އެވެ.

''އަޅާނުލާ...'' ޒޯހަންއަށް އައިރާ ބަލައިލިއެވެ. ''ލެޓްސް ގެޓް އޮން ދި ބޯޓް...''

''އައި ޑޯންޓް ލައިކް ހާ...'' ޒޯހަން ބުންޏެވެ. ބާބެކިއު ބޭއްވި ދުވަހުގެ ހާދިސާއަށް ފަހު ފަޒްނާ ދެކެ ޒޯހަން ވަނީ އަމަށަކު ފޫއްސެއް ނޫނެވެ. އައިރާއާއެކު ސްކޫލް އިވެންޓެއްގައި ބައިވެރިވާނަމަ ފަޒްނާ ފެންނަ ހިސާބަކަށް ވެސް އަންނަން އޭނަ ބޭނުމެއް ނުވެއެވެ. ފަޒްނާގެ ހިތް ނިޔަތް ގޯސްކަން އެނގޭތީއެވެ.

ކުޑަކޮށް ދޯނި ތަޅުވާތީ އެންމެ ފަހަތުގައި ހުރި ގޮނޑިބަރިއާއި ހަމައަށް ދެވެންދެން އައިރާގެ އަތުގައި ހިފަހައްޓައިގެން ޒޯހަން ހުއްޓެވެ. ގޮނޑީގައި ހަމަޖެހިލުމާއެކު ޒޯހަންއަށް ލުއި ހިނިތުންވުމެއް އައިރާ ދިނެވެ. ޒޯހަން ވެސް ހިނިތުންވެލަމުން އައިރާގެ ގާތުގައި އިށީނެވެ. އަދި އޭނަގެ ކޮނޑުގައި އަޅުވާފައި އޮތް ބެކްޕެކް ނަގައި ފައިތިލަ ކައިރީގައި ބެހެއްޓިއެވެ.

''ކިތައް މިނެޓުންތަ ދެވެނީ؟...'' ޒޯހަން ސުވާލުކޮށްލިއެވެ.

''ތިރީީސް މިނެޓޭ ބުނީ، ދެން ބަލަމާދޯ...'' އައިރާ ޖަވާބު ދިނެވެ. ދޯނި އަދިވެސް ފަޅުން ބޭރު ނުވާތީ އުދާސްކަމެއް ހަރުލާފައި އޮތެވެ. ހަމައެއާއެކު މާހައުލަށް ވެރިވެފައި އޮތް ތެލުގެ ވަހުން ވެސް އައިރާއަށް އުނދަގޫވާ ގޮތް ވެއްޖެއެވެ.

އައިރާއަށް ބަލައިލި ޒޯހަން އޭނަގެ ބެކްޕެކް ހުޅުވާލާފައި ކުޑަ ޕޯޓަބަލް ފަންކާއެއް ނެގިއެވެ. ފަންކާ ޖައްސާލަމުން އައިރާގެ އަތަށް ދިއްކޮށްލިއެވެ. ހުރިހާ ކަމަކަށް ވެސް ޒޯހަން ތައްޔާރުވެގެން ހުރި ކަހަލައެވެ.

''ތެންކިއު...'' އައިރާ ބުންޏެވެ. ޒޯހަން އޭނައަށް ދިން ލޮބުވެތި ހިނިތުންވުމުން އައިރާގެ ހިތުގައި ފިރުމާލަދިނެވެ. ފުން ނަޒަރަކުން ޒޯހަންއަށް އައިރާ ބަލައިލިއެވެ.

ޒޯހަން ލައިގެން ހުރި ގަޔަށް ދޫ ތުނި ފޮތީގެ ގަމީހުގެ އަތުކުރި އޮތީ އަތުގެ އުޅަނބޮއްޓާ ހަމައަށް އޮޅާލާފައެވެ. އޭގެ ސަބަބުން ކަސްރަތުގެ ބާރުން ފުފިފައި ހުރި އަތުގެ ނާރުތައް ހާމަކޮށްދެއެވެ. މޭމަތިން ދެ ގޮށް ނައްޓާލާފައި ހުރުމުން ތަނަވަސް މޭގައި ފަޅާފައި ހުރި އިސްތަށިތަށް ވެސް ފެންނަން ހުއްޓެވެ. ހުދާއި ނޫކުލައިގެ ރޮނގު ދަމާފައި ހުރި ސޯޓު އޮތީ ފައިގެ ބާރުގަދަ ފަލަމަސްގަނޑަށް ހިފާލާފައެވެ. ''ޖީކިއު'' މެޖެޒިންގެ މޮޑެލްއަކަށް ދުލެއް ނުކުރެއެވެ.

''ހާދަ ވަރަކަށް ތި ބަލަނީ؟...'' އައިރާގެ ކަންފަތްދޮށުގައި ޒޯހަން ސިއްރުސިއްރުން ބުނެލިއެވެ. އެވަގުތު ޒޯހަންގެ ހޫނު ނޭވާ ކޯތާފަތަށް އިހުސާސްކުރެވި އައިރާއަށް ނޭވާ ހިފަހައްޓާލެވުނެވެ. އަވަސްވި ހިތުގެ ވިންދުތައް ހަމައަކަށް އަޅުވަން ފުންނޭވާއެއް ދޫކޮށްލެވުނެވެ.

''އައި ލައިކް އިޓް ވެން ޔޫ ލުކް އެޓް މީ ލައިކް ދެޓް...'' ޒޯހަން ބުންޏެވެ. އޭނަގެ ތުންފަތުގައި ލާނެއް ހިނިތުންވުމެއްގެ އަސަރު ވިއެވެ. އައިރާގެ ކޯތާފަތަށް ވެރިވެގެން ދިޔަ ފަނޑު ރަތްކުލައިން ޒޯހަންގެ ލުއި ހުނުމުގެ އަޑުއިވުނެވެ. އެވަގުތު ޒޯހަންގެ މުލައްދަނޑީގައި އައިރާ ވިކާލިއެވެ. އެއަށްފަހު ދޯނި ތެރެއަށް އަވަސް ނަޒަރެއް ދިނީ އެއްވެސް މީހެއްގެ ސަމާލުކަން ހުއްޓިފައިވޭތޯ ބެލުމަށެވެ. ނަސީބަކުން ކޮންމެ މީހަކު ވެސް ތިބީ އެމީހެއްގެ އަމިއްލަ ދުނިޔެއަކަށް ގެއްލިފައެވެ.

ދޯނި ފަޅުން ނިކުތުމާއެކު ކަނޑުން އަންނަމުން ދިޔަ ލުއި ރޯޅިތަކުން މާހައުލަށް ވެރިވެފައި އޮތް އުދާސްކަން ފިލައިގެން ދާން އިރުކޮޅެއް ވެސް ނުނެގިއެވެ. ބާނީތައް ހިނދިފައިވުމުން ދޯނި ނުވެސް ތަޅުވައެވެ. ކަނޑުގެ ސަތަހައިގައި އޮޅާލެވިފައި އޮތް އޮމާންކަމުގެ ސައިލު ފޫއަޅުވާލަމުން މަންޒިލަށް ދިއުމަށް ދަތުރު ފަށައިފިއެވެ.

''ނޫރާގެ ކްރަޝްދޯ އެއީ؟...'' ދޯނީގެ ކުރީ ގޮނޑިބަރީގައި ތިބި ނޫރާލްއައި ޖާދިންއަށް ބަލަމުން ޒޯހަން ވާހަކަދެއްކިއެވެ.

''ހޫމ، ޝީ ރިއަލީ ލައިކްސް ހިމް...'' އައިރާ ބުންޏެވެ. އޭނަ އުއްމީދުކޮށްގެން ހުރީ މިއަދުގެ ދަތުރަށްފަހު އެދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

''ދެއި ލުކް ގުޑް ޓުގެދާ، ބަޓް ނޮޓް ލައިކް އަސް...'' ޒޯހަން ބެނެލިއެވެ.

''ޒާން...'' އައިރާއަށް ބޯހޫރާލެވުނެވެ.

''ވަޓް؟... އަރޫ ޤަބޫލުނުކުރަނީތަ؟... އަހަރުމެން އެކުގަ ލޯތްބެއް ނޫންތަ؟...'' އައިރާއާއި ދިމާއަށް މޫނު އަނބުރާލަމުން ޒޯހަން ބުންޏެވެ. ބޯއަރިކޮށްލަމުން އައިރާއަށް އޭނަ ބަލައިލިއެވެ.

''ދެން!...'' އައިރާ ބުނެވުނެވެ.

''ޔޫ ޑޯންޓް ބިލީވް އިން އަސް؟... ނައު އައިމް ސޭޑް!، ޓޯޓަލީ ޑެވެސްޓޭޓެޑް...'' އަޑަށް މާޔޫސްކަން ގެންނަމުން ޒޯހަން ބުނެލިއެވެ. އިރުކޮޅެއް ވަންދެން ޒޯހަންގެ މޫނަށް ބަލަހައްޓައިގެން އައިރާއަށް އިނދެވުނެވެ. ސީރިޔަސްވާން ބޭނުންވިޔަސް ޒޯހަންގެގެ ތުންފަތަށް ވެރިވި ހިނިތުންވުމުން އޭނައަށް ކެހިދީފިއެވެ. އަނގަ މަތީ ޒޯހަންއަށް އަތްއަޅާލެވުނީ ބާރަށް ހެވިދާނެތީއެވެ. އައިރާއަށް ވެސް ހެވިއްޖެއެވެ.

އައިރާއާއި ސަމާސާކޮށްލުމަކީ ޒޯހަން އެންމެ ގަޔާވާ ކަންތަކެވެ. އޭގެ ސަބަބުން ދެމެދުގައި އޮތް ލޯބި ވެސް އިތުރުވެގެން ދެއެވެ. އެންމެ ބޮޑު ހިތްހަމަޖަހުމެއް ވެސް ލިބެނީ އައިރާގެ ލޮބުވެތި ހީލުންތަކުންނެވެ.

*****

ދަތުރު ދިއުމަށް ހަމަޖެހިފައި އޮތް ރަށާއި ހަމައަށް ދެވެންދެން ފަޒްނާގެ ނަޒަރު ޖާދިންއާއި ވަކިނުވެއެވެ. ނޫރާލްގެ ގާތުގައި ޖާދިން އިނުމުން ހިތަށް ވަމުން ދިޔައީ ތުރާލެކެވެ. ރުޅިވެރިކަމުގެ ގިނި އަލިފާން ވެސް ހިތުގައި އަނދަމުން ދިޔައެވެ. މުށްބާރުކޮށްލަމުން އެންމެފަހުން ޖާދިންއާއި ނަޒަރު ވަކިކޮށްލީ ހިތަށް އުނދަގޫވާން ފެށުމުންނެވެ.

ރަށުގެ ވިލާ ހަމައަށް އާދެވުމުން ދޯނީގެ ދުވެލި މަޑުކޮށްލައިފިއެވެ. ޑިންގީ ތަކުގައި ރަށަށް މީހުން އުފުލަމުން ދިޔައިރު ފަޒްނާ އިންތިޒާރުކުރަމުން ދިޔައީ ރަށަށް ދެވޭނެ އިރަކަށެވެ. އެއަށްފަހު ނޫރާލްގެ މަގާމު އޭނަ އަތުލައިގަންނާނެއެވެ. ތަފާތު އެކި ގޮތްގޮތަށް އޭނަ ވިސްނުން ހިންގަމުން ދިޔައެވެ. ހިތުގެ މުރާދު ހާސިލުކޮށްފައި ނޫނީ ހުއްޓާނުލަން ހިތުގައި އަޒުމު ވެސް ކަނޑައަޅައިފިއެވެ.

ޑިންގީ ގޮސް ރަށުގެ ދޮންވެލިގަނޑުގައި ބީއްސަންދެން އައިރާގެ އަތުން ޒޯހަން ދޫކޮށްނުލިއެވެ. ދިޔަވަރު ބޮޑު ވަގުތެއް ކަމުން ބާނީތަކާއި ރާޅުތަކުގެ ހަރަކާތްތައް ގިނައެވެ. ކުޑަކޮށް ޑިންޑީ ތަޅުވާލުމުން ޒޯހަންގެ އަތަށް އައިރާއަށް ބާރުކޮށްލެވުނެވެ. އަތުގެ ބޮޑުވާއިނގިލިން އައިރާގެ އަތްތިލައިގައި ޒޯހަން ފިރުމަމުން ދިޔައެވެ.

ޑިންގީން އެންމެ ފުރަތަމަ ފޭބީ ޒޯހަން އެވެ. ދެން އޭނަގެ ސަމާލުކަން ހުއްޓާލީ އައިރާއަށެވެ. އައިރާއަށް އަތްދިއްކޮށްލަމުން ފައިބަން އެހީވެދިނެވެ.

ފަސްގަނޑުގައި ފައިތިލަ ސާބިތުކޮށްލެވުމާއެކު އައިރާއަށް ހަށިފުރާ ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެވަގުތު ޖެހިލި ރޯޅިއާއެކު އައިރާގެ ބޮލުގައި އަޅާފައި އޮތް ތޮފި ވަޔާއެކު ވިހުރިގެން ދިޔައެވެ. ދުވެލާފައި ގޮސް ތޮފި ނެގީ ޒޯހަން އެވެ. ލުއި ހިނިތުންވުމަކާއެކުގައި އައިރާގެ ކުރިމައްޗަށް ހުއްޓިލަމުން ބުރުގާ މަތިން އައިރާގެ ބޮލުގައި ތޮފި އަޅުވާލަ ދިނެވެ. އައިރާ ލައިގެން ހުރި އަބަޔާގެ ފަސްބައި ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުތަކުން ތެމިއްޖެއެވެ. އަބަޔާގެ ފަސްބައިގައި ހިފައި ހިއްލާލަމުން ކުރިއަށް ހިނގައިގަތީ ޒޯހަން ދިއްކޮށްލި އަތުގައި ހިފާލަމުންނެވެ.

ކުޑަކުޑަ ރަށަކަށް ވިޔަސް ރުކާއި، ދިއްގާގަސްތަކުން ރަށުގެ މަލަމައްޗަށް ދިރުން ގެނެސްދީފައި އޮތެވެ. ހުދު ދޮންވެލީގެ ތުނޑިއާއި އެކުވެގެން ފެންނަމުން ދިޔަ ފަޅާއި ވިލުގެ ރީތި ކުލަތަކުން އިތުރު ފުރިހަމަކަށް ވެސް ގެެންދެއެވެ. ގޮނޑުދޮށަށް ބީއްސާލާ ރާޅުގެ އަޑު ވެސް އެއް އަޑަކަށް ފަޒާގައި ގުގުމާލާފައި އޮތެވެ. ހިތްގައިމު ރީތި މާހައުލެކެވެ.

ދިއްގާގަސްތަކުގެ ހިޔަލުގެ ދަށުގައި މޭޒުތަކާއި ގޮނޑިތައް އަތުރާލުމަށްފަހު ހެނދުނުގެ ސައި ތައްޔާރުކުރަން އަވަސްވެގަތެވެ. ކޮޅުމަތި ބަލަމުން ދިޔަ ފަޒްނާއަށް އޭނަ އިންތިޒާރުކުރަމުން ދިޔަ ފަދަ ފުރުސަތެއް ފަހިވެގެން ދިޔައީ މޭޒުމަތީ އަތުރާފައި ހުރި ޖޯޑުތަކަށް ޓަރުމޯޒަކުން ސައިއަޅަން ހުރި ޖާދިން ފެނުމުންނެވެ. އޭރު ނޫރާލް އުޅުނީ އައިރާ ގާތުގައެވެ. ޓައްޕުތަކުގައި ހުރި މަސްހުންޏާއި ރޮށި ތަށިތަކަށް އެޅުމުގައި އަތްގާތްކޮށްލަދޭށެވެ. ފުރުސަތުގެ ބޭނުން ހިފައި ވަގުތުން ޖާދިންގެ ގާތަށް ފަޒްނާ ޖެހިލިއެވެ.

''ހާދަ އަވަހަކަށޭ ތިއައީ، އަރޫއަށް އެހީވެ ނިމުނީތަ؟...'' ފިޔަވަޅުތަކެއްގެ ހިލަންވުމުން ޖާދިން ހީކުރީ ނޫރާލް ކަމަށެވެ. ހިނިތުންވުމަކާއެކު އޭނަ ފަސްއެނބުރި ބަލައިލިއެވެ. ނަމަވެސް އޭނަގެ ނަޒަރު ފަޒްނާގެ މޫނަށް ހުއްޓުމާއެކު ހިނދުކޮޅެއްގެ ތެރޭގައި ހިނިތުންވުން ފަނޑުވެއްޖެއެވެ.

''ކޭން އައި ހެލްޕް ޔޫ؟...'' ޖާދިންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަކަމުގައި ވިޔަސް ފަޒްނާ އަޅައެއް ނުލިއެވެ. އޭނަ ޖަދިންއާއި ކައިރިވެލިއެވެ. އެދެމެދުގައި އޮތް ދާއިރާ ހަނިކޮށްލަން އުޅުނެވެ. އެކަމާ އުނދަގޫވުމުން ޖާދިން ދުރަށް ޖެހުނެވެ. ޖާދިންގެ މެސެޖު ފަޒްނާއަށް ދޭހަނުކުރެވޭ ކަހަލައެވެ. ޖާދިން ދުރަށް ޖެހޭއިރަށް ކައިރިވާން މަސައްކަތްކުރިއެވެ.

''އެހީވާން ބޭނުން ވާންޏާ ދުރުގަ ހުރެބަލަ...'' ހިތްހަމަނުޖެހުމާއެކު ޖާދިންއަށް ބުނެވުނެވެ. ބުނެވުނީ ވެސް ތަންކޮޅެއް ބާރަށްކަން ރޭކާލީ ކައިރީގައި ހޭލަމޭލަވަމުން ދިޔަ މީހުންގެ ނަޒަރު ހުއްޓުމުންނެވެ.

''ހިތްހަމަނުޖެހުނީތަ؟...'' ފަޒްނާ ރަކިވާ ގޮތް ވެއްޖެއެވެ. އެވަރުން ވެސް ޖާދިންއާއި ދުރަށް ޖެހިލަން ބޭނުމެއް ނުވިއެވެ.

''އާނ!، ދުރުގަ ހުރެގެން ވެސް އެހީވެވޭނެހެން ހީވަނީ...'' ޖާދިން މިފަހަރު ވާހަކަދެއްކީ ތަންކޮޅެއް މަޑުންނެވެ. ކިރިޔާ ފަޒްނާއަށް އަޑުއިވޭވަރަށެވެ. ރުޅިއައި ކަމުގައި ވިޔަސް އެންމެންގެ ތެރޭގައި ފަޒްނާ ލަދުގަންނުވާލަން ޖާދިން ބޭނުމެއް ނުވިއެވެ.

''އައި...'' ފަޒްނާ އެއްޗެއް ބުނަން އަނގަހުޅުވާލިއެވެ. އޭގެ ކުރިން ފަޒްނާ އަތަށް ޓަރުމޯޒު ދީފައި ޖާދިން ހިނގައިގަތީ ނޫރާލް ގާތަށެވެ. މަންޒަރު ބަލަން ހުރި ފަޒްނާއަށް މޫނު ހަދާލެވުނެވެ. އަތުގައި އޮތް ޓަރުމޯޒު މޭޒުމަތީ ބެހެއްޓުނީ ވެސް ތަންކޮޅެއް ބާރަށެވެ. ސައި އަޅާފައި ހުރި ޖޯޑުތައް ވެސް ގުޑާލިއެވެ. އެކަމަކަށް ސަމާލުކަމެއް ދިނުމެއް ނެތި ފަޒްނާ ހިނގައިގަތީ ގޮނޑުދޮށުގައި ފޮޓޯ ނަގަން އުޅުނު އޭނަގެ ރައްޓެހިން ގާތަށެވެ. ލޮލުގެ ހިމަކޮޅުން ޖާދިންއަށް ބަލައިލި ހިނދު ނޫރާލްއާއި ވާހަކަދައްކަން ހުރި މަންޒަރު ފެނުނެވެ. ދަތްކުނޑި ވިކާލެވުނު ގޮތް ބާރުކަމުން ދަތްތައް ވެސް މުލުން ލުއްސައިގެން ނުދިޔައީ ކިރިޔާއެވެ.

*****

ހެނދުނުގެ ސައި ތައްޔާރު ކުރެވުމާއެކު ގްރޫޕްތައް ހަދައިގެން ސައި ފަށައިފިއެވެ. ޒޯހަންއާއި އައިރާ ގޮސް އިށީނދެލީ އެތާ ވަކިން ހުރި ދިއްގާގަހެއްގެ ހިޔަލުގެ ދަށުގައެވެ. މާތަކުން ބަރާވެފައިވި ގަހުގެ ހިޔަލުގައި ހަމަޖެހިލި ވަގުތު ނޫރާލް ވެސް އަތުވެއްޖެއެވެ.

''ކޭން އައި ސިޓް ވިތް ޔޫ ގައިސް؟...'' ނޫރާލް އަހާލިއެވެ.

''ނޯ...'' ވަރަށް ސީރިޔަސް ވެލާފައި ޒޯހަން ބުންޏެވެ. ލިބުނު ހައިރާންކަމާއެކު ޒޯހަންގެ މޫނަށް ނޫރާލްއަށް ބަލައިލެވުނެވެ. އެއީ ސަމާސާއެއްކަން ނޭނގިފައި އިރުކޮޅެއް ވަންދެން ހުރެވުނެވެ.

'ޒާން!...'' ޒޯހަންގެ މުލައްދަނޑީގައި ބޮނޑިއެއް އަޅާލަަމުން އައިރާ ބުންޏެވެ. ''ސަމާސާ ކުރަން ނޯންނާނެ ވަގުތެއް ވެސް... ނޫރާ އިށީނދޭ...''

''އެބުނާހެން... އަވަހަށް އިށީނދޭ...'' ޒޯހަން ހެމުންހެމުން ބުންޏެވެ. ''ޔޫ ޝުޑް ހޭވް ސީން ދަ ލުކް އޮން ޔޯ ފޭސް...''

''ޔޫ ބޯތް ޑިޒާވް އީޗްއަދާރ...'' ފަސްގަނޑުމަތީ އިށީންނަމުން ނޫރާލް ވާހަކަދެއްކިއެވެ. ''ފަޒޫ ހީވަނީ އަހަރެން ކާލާން އުޅޭހެން، ޖާދު ވެސް ހުންނަނީ ފަޒޫ އުޅޭ ގޮތުން ހިތްހަމަނުޖެހިފައި، މިހާ ގިނަ މީހުން ތެރޭގައި އުޅޭއިރު ވެސް ފަޒޫގެ ގޮތްގަނޑު ބަދަލުކުރަން ނޫޅޭ...''

ފަސްެއެނބުރި ދުރުގައި ހުރި ފަންޒާއަށް ނޫރާލް ބަލައިލިއެވެ. ފަޒްނާ ހުރީ ދެލޯއަޅައިގެންނެވެ. އެދެލޮލުގައިވި ރުޅިވެރިކަމުގެ ހޫނުން ނޫރާލް ފިއްސާލަން އުޅޭ ކަހަލައެވެ.

''އެންމެ ރަނގަޅު ވާނީ ފަޒޫއާއި ޖާދު ވާހަކަދައްކާލުން، އޭރަށް ޖާދު ބޭނުންވާ ގޮތް ވެސް ފަޒޫއަށް އެނގޭނެއެއްނު...'' އައިރާ ބުންޏެވެ.

''ތިވެސް ރަނގަޅު ވާހަކައެއް، އެކަމަކު ފަޒޫއަށް ވިސްނޭނެތަ؟...'' ނޫރާލްއަށް ބުނެވުނެވެ.

''ބަލަމާ ވާ ގޮތެއް...'' އައިރާ ބުންޏެވެ.

''ގާލް ޑްރާމާ...'' އަތުގައި އޮތް ހޫނު ސައިތަށްޓަށް ފުމެލަމުން ޒޯހަން ބުންޏެވެ.

*****

ޖާދިންގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔައީ ހަވީރު އަތަށް އެޅިފަހުންނެވެ. އޭރު އެންމެން ތިބީ މޫދަށް އެރިއެވެ. އިރުއިރުކޮޅާ ހަޅޭއްލަވައިގެންފައި ޖާދިންގެ މުލައްދަނޑީގައި ފަޒްނާ އޮޅުލައިގަންނާނެއެވެ. ފައިޖެހޭ ހިސާބެއްކަމުގައި ވިޔަސް ޖާދިންގެ އަތުގައި ހިފާލާނެއެވެ. ގާތަށް ޖެހިލާނެއެވެ. އެންމެފަހުން ރުޅި އައިސްގެން ޖާދިން މިސްރާބު ޖެހީ މައްޗަށް އަރަންށެވެ. ނޫރާލްއަށް ފާހަގަ ކުރެވުނެވެ. އޭނަ ޖާދިންގެ ފަހަތުން ދާން އުޅެފައި ވެސް މަޑުކޮށްލެވުނީ ފަޒްނާ އޭނަ ކޮއްޕާލާފައި ޖާދިންގެ ފަހަތުން ހިނގައިގަތުމުންނެވެ.

''މައި ގޯޑް!...'' ނޫރާލް ހިތްހަމަނުޖެހުނެވެ. އެވަގުތު ނޫރަލްގެ އަތުގައި ހިފަހައްޓާލަމުން އައިރާ ދެފަރާތަށް ބޯހޫރާލިއެވެ.

''ޖާދިންއަށް ވަގުތު ދީ... ފަޒޫއާއި ވާހަކަ ނުދައްކާހާ ހިނދަކު ހައްލެއް ނުލިބޭނެ، ގިވް ދެމް ސަމް ޓައިމް...'' އައިރާ އެދުނެވެ. އައިރާއަށް ބަލައިލަމުން އެއްބަސްވުމުގެ ގޮތުން ނޫރާލް ބޯޖަހާލިއެވެ.

ނޫރާލް ހުރީ ފަޒްނާ ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ހެނދުނުގެ ސަޔަށްފަހު އެންމެ މިނެޓަކަށް ވެސް ޖާދިންއާއި ވާހަކަދައްކާލަން ފުރުސަތެއް ނުލިބުނެވެ. ހެނދުނުގެ ސަޔަށް ފަހު ރަށުތެރެ ބަލަން ދާން އުޅުމުން އެމީހުންގެ ފަހަތުން ފަޒްނާ ވެސް އަންނަން ވެއްޖެއެވެ. މެންދުރު ކާން ތިއްބާ އެދެމެދަށް ފާވެއްޖެއެވެ. ނުވީތާކަށް މޫދަށް އެރުނީއްސުރެން ހީވަނީ އައްޓަމަހެއް ހެންނެވެ. ހިނދުކޮޅަކަށް ވެސް ޖާދިންއަށް ނޭވާލުމުގެ ފުރުސަތެއް ނުދިނެވެ. އޭރު ގިނަ މީހުންނަށް ފަޒްނާގެ މިޒާޖު ފާހަގަ ކުރެވި ހިތްހަމަނުޖެހުމުގެ އަސަރުތައް މޫނުތަކުން ފެންނަމުން ދިޔައެވެ. ނަމަވެސް، އެއިން އެއްވެސް ކަމަކަށް ފަޒްނާ ސަމާލުކަމެއް ނުދިނެވެ. ޒިންމާދާރު ވަޒީފާއެއްގަިއ އުޅުނުކަމުގައި ވިޔަސް އެއްވެސް ކަހަލަ އުޅުމެއް ނެތެވެ. ކޮންމެ ފަދަ ހާލެއްގައި ވެސް ހިތުގެ މުރާދު ހާސިލް ވަނިކޮށް ފުދުނިއްޔެވެ.

*****

''ޖާދު!، މަޑުކޮށްބަލަ...'' ޖާދިންއަށް ފަޒްނާ ގޮވާލިއެވެ. ފަސްއެނބުރި ބަލައިލުމެއް ވެސް ނެތި ޖާދިން ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ބާރަށް ހިނގާލާފައި ގޮސް ޖާދިން ހުއްޓުނީ ފެންކޫލަރުތައް ހުރި މޭޒު ކައިރިއަށެވެ. ފެންކޫލަރުން ތަށްޓަށް އެޅި ފެނުން މޫނުގައި ހުރި ލޮނުގެ އަސަރު ފިލުވާލިއެވެ. ދަތުރު އައި އެންމެން މޫދުގައިވުމުން މާހައުލުން ފެންނަނީ ފަޅުކަމެވެ.

ޖާދިން ފިނިފެން ތަށްޓެއް ބޯން ހުއްޓާ ފަޒްނާ އަތުވެއްޖެއެވެ. ފެންތަށި ހުސްކޮށްލި ޖާދިންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އިންތިހާއަށް ރުޅި އާދެވުނުކަމުގައި ވިޔަސް ރީތި ގޮތުގައި ފަޒްނާއާއި ވާހަކަދައްކަން ޖާދިން މަސައްކަތްކުރިއެވެ.

''ކީއްވެ އެހާ އަވަހަށް މޫދުން ތިއެރީ؟...'' ފަޒްނާ އައިގޮތަށް އައިސް ޖާދިންގެ ގާތަށް ހުއްޓުނެވެ. އެދެމެދުގައި އޮތް ދާއިރާ ވެސް ހަނިކޮށްލަން އުޅުނެވެ. ޖާދިން ފަހަތަށް ޖެހިލަމުން ނުރުހުމާއެކު ފަޒްނާއަށް ބަލައިލިއެވެ.

''އަހަރެންދެކެ ރުޅިއައިސްފަތަ؟...'' ފަޒްނާ އަހާލިއެވެ.

''ރުޅި ނާންނަވަރެއް ނޫނެއްނު، އެންމެން ތެރޭ އުޅެވޭ ގޮތް އެބަ އެނގޭތަ؟...'' ޖާދިން ރުންކުރު ރާގަކަށް ބުނެލިއެވެ.

''ވަޓް ޑިޑް އައި ޑޫ؟...'' ފަޒްނާ ހަށަން ބަނދެލިއެވެ. ''އަހަރެން ބޭނުންވަނީ ޖާދު ގާތުގައި ހުންނަން...''

''އަހަރެން ބޭނުމެއް ނޫން ފަޒްނާ ގާތުގައި ހުންނާކަށް....'' ޖާދިން ރައްދުދިނެވެ. ރުޅީގެ ސަބަބުން އޭނަގެ ބުމަ ވަނީ ގޮށްޖެހިފައެވެ.

ޖާދިންއަށް ފަޒްނާ ބަލައިލިއެވެ. ޗެލްސީ ކްލަބްގެ ޖޯޒީއަކާއި ސޯޓެއްގައި ޖާދިން ހުރިއިރު، ތެތްކަން އެކުލެވިގެންވި ޖޯޒީ އޮތީ ހަށިގަނޑަށް ހިފާލާފައެވެ. ފެނުގެ އަަސަރު އެކުލެވިގެންވި އިސްތަށިގަނޑާއި، ކަޅުކަން ގަދަ ބުމައިގެ ސަބަބުން އިހުނަށްވުރެން ފިރިހެންވަންތަކަމަށް ދައްކައެވެ. އެރީތިކަން ހާސިލްކުރަން ފަޒްނާ ބޭނުން ވިއެވެ.

''ޔޫ އާރ ހާޓިންގް މީ...'' ދެރަވެލާފައި ފަޒްނާ ބުންޏެވެ. އޭނަ ބޭނުންވީ އޭނަގެ މަކަރުވެރިކަމުގެ ދަލުގައި ޖާދިން ހައްޔަކުރާށެވެ. ގަދަކަމުން ދެލޮލަށް ކަރުނަ ވެސް ގެނެއެވެ.

''އައިމް ސޮރީ...'' ފަޒްނާގެ މޫނަށް ބަލަން ހުރެފައި ޖާދިން ބުންޏެވެ. ތެތްކަން އެކުލެވިގެންވި އިސްތަށިގަނޑ ތެރެގައި ޖާދިންއަށް އަތްތިލަ ހިންގާލެވުނެވެ.

''މަޢާފްކޮށްފިން...'' ކަރުނަ ފޮހެލަމުން ފަޒްނާ ބުންޏެވެ. ސިއްރުވެރި ހިނިތުންވުމެއް ވެސް ތުންފަތަށް ވެރިވެގެން ދިޔައެވެ.

''ދެޓްސް ނޮޓް ވަޓް އައި މީންޓް!...'' ޖާދިން ބުންޏެވެ. އެއާއެކު ފަޒްނާގެ ހިތުގައި ރޯވެގެން ދިޔަ އުއްމީދުގެ ހުޅުކޮޅު ނިވުނެވެ. ތުންފަތަށް ވެރިވި ހިނިތުންވުން މިލައިގެން ގޮސްފިއެވެ.

''ކީކޭތަ ޖާދު ބުނަން ތިއުޅީ؟...'' ކުރިއަށް ފިޔަވަޅެއް އަޅާލަމުން ފަޒްނާ ބުނެލިއެވެ. އެވަގުތު އަތްތިލަ ހިއްލާލަމުން ދުރުގައި ހުރުމަށް ޖާދިން އަމުރުކޮށްލިއެވެ.

''އަހަންނަކަށް ނޭނގޭ ދެން އިތުރަށް ފަޒްނާ ގާތު މިވާހަކަ ދައްކަންވީ ކިހިނެއްކަމެއް ވެސް...'' ޖާދިން ފުންނޭވާއެއް ދޫކޮށްލިއެވެ.

''ޖާދު...'' ފަޒްނާ ބުނަން އުޅުނެވެ. އޭގެ ކުރިން ފަޒްނާގެ ވާހަކަ ޖާދިން މެދުކަނޑާލިއެވެ.

''އަހަރެންގެ ވާހަކަ އަދި ނުނިމޭ...'' ހިތްހަމަނުޖެހުމާއެކު ޖާދިން ބުނެލިއެވެ.

''ދެން އިތުރަށް ވާހަކަ ދިގުކުރާކަށް ބޭނުމެއް ނޫން!، އަހަންނަށް ފަޒްނާ ކަމަކު ނުދޭ... ރީތިކަމެއް ލިބިފައި ވިޔަސް އެހެން މީހުންގެ މައްޗަށް އަނިޔާވެރިވުމަކީ އެމީހެއްގެ ހިތުގެ ކިލަނބުކަން ހާމަކޮށްދޭކަމެއް، މިއަދު ކިތައްފަހަރުތަ ނޫރާއަށް ފަޒްނާގެ ހިތުގެ ނުބައިކަން ދައްކާލީ؟... އަހަންނަށް އެއްގޮތަކަށް ވެސް ފަޒްނާގެ ތި އުޅުން ކަމަކުނުދޭ...'' ޖާދިން ބުންޏެވެ.

''ޔޫ ލައިކް ހާ؟...'' ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔަ ފަހުން ފަޒްނާ އަހާލިއެވެ.

''ޔެސް!، އެނިންމުން ބަދަލެއް ނުވާނެ، ފަޒްނާ ވެސް ޖެހޭނީ އެކަން ޤަބުލުކުރަން، ފާޑުފާޑުގެ ވާހަކަ ފަތުރަން ފަށައިފިއްޔާ އަހަރެން ވެސް ހިމޭނުން ނުހުންނާނަން!... އުއްމީދުކުރަން ފަޒްނާއަށް ވިސްނިއްޖެކަމަށް!...'' ޖާދިން ބުންޏެވެ. އިތުރަށް މަޑުކުރުމެއް ނެތި ޖާދިން ހިނގައިގަތީ ދުރަށެވެ. ހުއްޓުން އަރާފައި ޖާދިން ދިޔަ ދިމާއަށް ބަލަން ފަޒްނާއަށް ހުރެވުނީއެވެ. އޭނަގެ ދެލޮލަށް ކަރުނަ ވެސް ޖަމާވެގެން ދިޔައެވެ. ހިތަށް ޖާދިންގެ ބަސްތަކުން ފުން އަސަރުތަކެއްކޮށްފިއެވެ.

ފަޒްނާއަށް އޭނަގެ މޫނުގައި އަތްއަޅާލެވުނެވެ. ރޮމުން އޭނައަށް ދުއްވައިގަނެވުނީ ވަލުތެރެއަށެވެ.

(ނުނިމޭ)