ވާހަކަ

ރުހުން ދީފާނުހޭ - 51

4

ފޯނުން ގަޑި ޔަގީންކޮށްލާފައިވެސް އަނެއްކާވެސް ބާޒިލްގެ ނަޒަރު މެލެކް އަށް ހުއްޓުނެވެ. މެލެކް ހިނިތުންވެލިއެވެ. އިޝާރާތުން އަދިވެސް ލޫލު ނުނިދައޭ ބުންޏެވެ. ކުޑަކުޑަކޮށް ދެލޯ މެރޭ ވާހަކަވެސް ބުންޏެވެ. ބާޒިލް އޮތެވެ. އެކޮޓަރިން ނިކުންނަ ހިޔާލެއް އޭނާގެ ނެތެވެ. އޭނާ މެލެކް އާ ދައްކަން ބޭނުންވާ ވަރަށް ބައިވަރު ވާހަކަ އެބަހުއްޓެވެ. ސާރާގެ ހަމަލާތަކަށް ތައްޔާރުވާށޭ ބުނަން ބޭނުންވެއެވެ. މުސްތަގުބަލުގެ ވާހަކަތައް ދައްކަން ބޭނުންވެއެވެ. މެލެކްގެ މައިންފައިންގެ ރުހުން ހޯދަން ބޭނުންވެއެވެ. މިހާރު އޭނާ ހުރީ މެލެކްއަށްޓަކައި ކޮންމެފަދަ ގުރުބާނީއެއް ވާންޖެހުނަސް ތައްޔާރަށެވެ. އައްޒާމް އާއި ތަބައްސުމް އާ ވެސް އޭނާ ވާހަކަދައްކާނެއެވެ. ފިނޑިކަމުގައި ލައްކަ ދުވަހު އުޅެވިއްޖެއެވެ. ހަލާލު އަނބިމީހާ އަތުން ބީވިޔަ ނުދިނުމަށް ކޮންމެ ކަމެއް ކުރަން ޖެހުނަސް އޭނާ ކުރާނެއެވެ.

"ނިދީތަ؟" ވިސްނުންތަކުގެ ކަނޑެއްގައި އޮތުމުން ލޫލު ބާއްވާފައި މެލެކް ތެދުވިއިރުވެސް ބާޒިލް އަށް ނޭނގުނެވެ.

ލޯގަނޑު ކައިރީގައި މެލެކް ހުއްޓިފައި ބުރުގާ ރީތިކުރަން ފެށިއެވެ. ބާޒިލް ހުއްޓުނީ ޑްރެސިންގ ޓޭބަލްގައި ލެގިގެން މެލެކް އަށް ކުރިމަތިވާނެހެންނެވެ.

"މިރޭ އަވަހަށް ގެއަށް ދާންބޭނުން" މެލެކް ބުންޏެވެ.

ބާޒިލްއަށް ވިސްނެއެވެ. މެލެކް މަޑުކުރުވަން ބޭނުންވިޔަސް މަޑުކުރާނީ ކީކޭ ކިޔާފައި ހެއްޔެވެ؟ ހިނދުކޮޅަކަށް ފެނިލާފައި އަނެއްކާ ގެއްލެނީ ހެއްޔެވެ؟

"ސައިކަލުގައި ދާން ކެރޭނެތަ މަށާއެކު" ބާޒިލް އަހާލިއެވެ.

"ނޫން އަދި ނުވޭ. ސާރާ އަށް ފެނުނިއްޔާ މަގޭ ބޮލުގަ ގަލަކުން ޖަހާފާނެ. އެހެންނޫނަސް އިއްޔެ ސާރާ އާ އިންނަން އުޅެފަ މިއަދު އަހަރެން ސައިކަލު ފަހަތަށް އަރުވައިގެން ދާތަން ފެނުނީ މިރަށު މީހުން ކީކޭ ކިޔާނީ" މެލެކް ބުންޏެވެ.

"ގަބޫލުކުރަން މެލީ އަށް ވުރެ ކުރިން އަހަރެން ލޯބީގެގޮތުން ގުޅުނީ ސާރާ އާ ކަން. އެކަމަކު ސާރާ އާ އޮތް ގުޅުމަށް ވުރެ މެލީ އާ ދެމެދު އޮތް ގުޅުން މާ މާތް" ބާޒިލް ބުންޏެވެ.

"އެހެންތަ! ކޮންކަހަލަ ގުޅުމެއްތަ އޮތީ" މެލެކް އަހާލިއެވެ.

"ބުނަންވީ" ބާޒިލް ބުންޏެވެ. މެލެކް ބާޒިލްގެ މޫނަށް ބަލައިލާފައި ބޯޖަހާލިއެވެ.

"އަނބިފިރިކަމުގެ ގުޅުން" ބާޒިލް ބުންޏެވެ.

މެލެކް އަށް ހެވުނެވެ. އޭނާ ފޯނު ހިފައިގެން ހިނގައިގަތެވެ.

"އަސްލަށް ވެސް ތިކަން ތިހެން ވާނެނަމަ" އެނދުމަތީގައި އޮތް ދަބަސް ނަގަމުން މެލެކް ބުންޏެވެ.

"އިހަށް މަޑުކޮށްބަލަ" ދޮރާ ދިމާލަށް ދިޔަ މެލެކްގެ އަތުގައި ބާޒިލް ހިފިއެވެ. މެލެކް ބަލައިލުމާއެކު އަތުގައި ހިފާލާގައި ގާތަށް ގެނައެވެ. މެލެކްގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލާފައި ނިތުގައި ބޮސްދިނެވެ.

"ހަގީގަތުގައިވެސް މެލެކް ތިއީ އަހަރެންގެ އަންހެނުން. މި ހަގީގަތް ދުވަހަކުވެސް ބަދަލެއްނުވާނެ" ބާޒިލް ބުންޏެވެ.

ބާޒިލްގެ ކަޅި އަމާޒުވެފައި ހުރީ މެލެކްގެ ދެލޮލަށެވެ.

"އޯކޭ އެއްނު. ތިއީ މަގޭ ފިރިމީހާ. އެހެންވެގެނެއްނު ބާޒިލް އަހަންނާ އެހާ ގާތަށް އަންނަނީ... ގަބޫލުކޮށްފީމޭ... އެކަމަކު ކޮންމެސް ދުވަހަކުން އަނބިގަބޫލުކޮށްފީމޭ ބުނާ އަޑު އަހަން ބޭނުން" މެލެކް ބުންޏެވެ.

ބާޒިލް ދެފަރާތަށް ބޯހޫރާލިއެވެ. މެލެކްގެ ހަނދާންތައް އަނބުރާ ލިބުމަށް އެދު ހިތުން އޭނާއަށް ދުއާކޮށްލެވުނެވެ.

****

ކައިގެން ނިކުމެ އައްޒާމް މަޑުކޮށްލީ އާދަވެގެން ކޮންމެ ރެޔަކުވެސް އޭނާ މަޑުކުރާ ގޭ ކައިރި ޖޯލީގައެވެ. އިރުކޮޅަކުން ތަބައްސުމް ނިކުތެވެ. ނިދާ ވަގުތު ޖެހެންދެން ދިރިއުޅުމާ ގުޅޭ އެކި ވާހަކަތައް ދެއްކުމުގައި ދެމަފިރިން އެ ޖޯލިފަތީގައި ހޭދަކުރެއެވެ.

ބައެއްފަހަރު ގޭދޮށުން މީހަކު ދެމަފިރިންނާ ބައިވެރިވެގެން ވާހަކަދައްކާލަން މަޑުކޮށްލިޔަސް ގިނައިން ތިބެނީ ދެމަފިރިން އެކަންޏެވެ.

"މެލެކް އެގެއިން ކައިގެންތަ އަންނަނީ؟" އައްޒާމް އަހާލިއެވެ.

"ނުއެއްބުނޭ. މައިލީން އެބައިން މެލީ އައިމަ ކާނަމޭ ކިޔާފަ" ތަބައްސުމް ބުންޏެވެ.

ފޯއް ފޮއްޗެއް އަނގައަށް ލައިގެން ހަފަން ފެށި ގޮތަށް އައްޒާމް ވިސްނުމަކަށް ގެއްލިއްޖެއެވެ. ތާއަބަދު އޭނާގެ ސިކުނޑީގައި ވަނީ މެލެކް އާ ބާޒިލްގެ ވިސްނުންތަކެވެ. ބައެއްފަހަރު އޭނާގެ ހިތަށް އަރައެވެ. ޒުވާން އަންހެންދަރިފުޅު އުމުރުގައިވެސް ލޯބިވި ހަމައެކަނި މީހަކީ ބާޒިލް އެވެ. އެއީ ލޫލުގެ ބައްޕައެވެ. އަލަތު ފިރިމީހާއެވެ. މެލެކް ކޮންމެ ހާލަތެއްގައި މިވަގުތު ހުރި ނަމަވެސް ދެމަފިރިއަކު ދުރުކޮށްގެން ނުވާނެއެވެ. ދަރިއަކަށް ރަނގަޅަކަށް ބަފައެއްގެ ފަރާތުން ދޭންވާ ހިމާޔަތާއި ރައްކާތެރިކަން ކޮންމެ ސިފައެއްގައި ދިން ނަމަވެސް ދެމަފިރިއަކު ދުރުކުރާކަށް ނުވާނެއެވެ. ބާޒިލް އަށް އެންމެ ފުރުސަތެއް ދޭށެވެ. ހުރިހާ ގޮތަކުންވެސް އެންމެ ރަނގަޅު ގޮތަކީ އެއީއެވެ. އެހެންނަމަވެސް އެ ހުރިހާ ވާހަކަތަކާ އޭނާގެ ސިކުނޑި ދެކޮޅެވެ. ބާޒިލް މެލެކް އާ މެދު ކަންތައްކުރީ ރަނގަޅަކަށް ނޫންކަން ސިކުނޑި އަބަދުވެސް އަންގައިދެއެވެ. ސާރާ އަކީ ބާޒިލްގެ ޒަމާންވީ ލޯބިވެރިޔާއެވެ. މެލެކް އަށް އެވަރުގެ ނިކަމެތިކަމެއް ބާޒިލް ދިނީ އެ އަންހެންކުއްޖާގެ ސަބަބުންނެވެ. ސާރާ ގޮވައިގެން ބާޒިލް ލޯބީގެ މަންޒަރުތައް ކުޅުނީ މެލެކް ގެ ކުރިމަތީގައެވެ. މިހާރު ތިމަންނަ ލޯބިވަނީ މެލެކް ދެކެއޭ ބުންޏަސް މާދަމާ އަނެއްކާވެސް ސާރާގެ އަތުގައި ހިފާނެއެވެ. އަލަތު ލޯތްބަކީ ހިތަށް އަރުވާލާއިރަށް ހިތުން ފޮހެވިގެންދާ އިހުސާސެއް ނޫނެވެ. މިއަދު މެލެކްދެކެ ލޯބިވާވާހަކަ ބާޒިލް ބުނާ ސަބަބެއް ނޭނގެއެވެ. ހަގީގަތަކީ އެއްފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށްމަތިން ވެސް ފުންމާލާނެ ކަމެވެ. އެއީ ހަމައެކަނި ދުވަސްވީ މީހުން ބުނެ އުޅޭ އެއްޗެއް ނޫނެވެ. ހަގީގަތުގައި ކަންވާގޮތް ވެސް މެއެވެ.

"ހާދަހާ ބޮޑު ފިކުރެއްގައޭ" އައްޒާމަށް ހަމަ ދުނިޔެއަށް އާދެވުނީ އޭނާގެ ފަލަ މަސްގަނޑުމަތީގައި ތަބައްސުމް އަތް ބާއްވާލުމުންނެވެ.

"ފިކުރުކުރެވޭނެތާ. އަސްލު މިއުޅެނީ ކަންތައް ކުރަންވީ ގޮތެއް ނޭނގިގެން. ހިތަށް އަރަނީ ބާޒިލް އާ މެލެކް ދުރުނުކުރާނަމޭ. އެއީ ގޯހެކޭ. މެލެކްގެ ހިތާ ކުޅޭކަށް ނުވާނެއޭ. ބާޒިލްގެ މައްޗަށް މެލެކްގެ ހިތުގައި އޮތް ޠާހިރު ލޯތްބަށް ގަދަރުނުކުރީ ބާޒިލް އޭ. އަހަރެމެން އެ ލޯތްބަށް ގަދަރުކުރަންވާނެއޭ. އަނެއްކޮޅުން ހިތަށް އަރާފާނެ ލޫލުގެ ބޭނުމުގަ ބާޒިލް އުޅެނީއޭ. ޒިޔާދުގެ ދެމަފިރިން ހިތްހަޖައްސުވައިދޭން މެލެކް އާ ގާތްވާން މަސައްކަތް ކުރަނީއޭ. މިވާގޮތެއް ނޭނގޭ ބުނާކަށް. ތާބާ ނިކަން އެއްޗެއް ބުނެބަލަ" އައްޒާމް ވާހަކަދެއްކިއެވެ.

"ހަމަ ތިފަދަ ހާލެއްގަ. އަހަންނަށް ޔަގީންވާ އެއްޗަކީ އަހަރެމެން ބުނާ ކޮންމެ އެއްޗަކަށް މެލީ ރުހިގެން ހުންނަނީ ހިތުންރުހުމުގައެއް ނޫނޭ. އަހަރެމެންނަށް ބޯލަނބަނީ އެކުއްޖާ. އެނގޭތަ! ބާޒިލް މެލީ އަތުގައި ހިފައިގެން ކޮޓަރިއަށް ވަތްކަމަށް ބުނާ ރެއިން ފެށިގެން މެލީ ހުންނަނީ ފާޑަކަށް. އަހަންނާ ވާހަކަދެއްކިޔަސް ނަޒަރު ހަމަނުކުރަން މަސައްކަތްކުރަނީ. މިރޭވެސް އެގެއަށް ދާވަހަކަ ބުނަން އައި އިރު ހުރީ ފާޑަކަށް. ކުރީގެ އެހުންނަ ސަކަ ގޮތްގަނޑު މުޅިން ކެނޑިއްޖެ. އަހަންނަށް ފެންނަނީ އަދިވެސް ވިސްނާލާފަ ގޮތްނިންމަން. އައްޒާމް ތިބުނާހެން އަވަސް އަރުވާލައިގެން މެލެކް ފޮނުވާލުން އެއީ އަދި އެންމެ ރަނގަޅު ގޮތް ނޫންހެން" ތަބައްސުމް ބުންޏެވެ.

އައްޒާމް ބޯޖަހާލިއެވެ. އޭނާ ވިސްނުން އަނބުރާ ގެނައީކީ ނޫނެވެ. އޭނާގެ ހިތާއި ސިކުނޑި އެއްގަލަކަށް އަރަންދެން ކުޑަކޮށް މަޑުޖެހިލީއެވެ. ބާޒިލް އާ ބައްދަލުކޮށް ވާހަކަދެއްކުމުގެ ވިސްނުންވެސް ދޫކޮށްލީއެވެ. އޭނާ ކޮންމެ ކަމެއް ނިންމާނީ ހުރިހާ ގޮތަކުން ވިސްނާފައެވެ. ބޭނުމަކީ ބާޒިލް އާ މެލެކް ދުރުކޮށް މެލެކް އަތުން ބާޒިލްގެ ލޯބި ފޭރިގަތުމެއް ނޫނެވެ. ބޭނުމަކީ ކައިރިން ބާޒިލް ކިޔެވުމެވެ. ޓެސްޓު ހޯލަށް އޭނާ ވަންނާނީ އިމްތިހާނުން ފާސްވާނެކަމުގެ ފުރިހަމަ ޔަގީންކަން ލިބުނު އިރަކުންނެވެ.

"މެލީ އެބަގުޅާ" ތަބައްސުމް ބުންޏެވެ.

"ނަގާބަލަ. ބަލާ އަންނާށޭ ބުނަން ކަންނޭނގެ" އައްޒާމް ބުންޏެވެ. "ފޯނު ސްޕީކަރުގަ ބަހައްޓައްޗޭ. މިއަދު ހަތަރުދަމު އެމަންޖެ މަގޭ ކުރިމައްޗާ ނާރާ. އަޑުއަހާލާހިތުން"

ތަބައްސުމް ފޯނު ނެގިގޮތަށް ހުއްޓުން އެރިއެވެ. އިވުނީ މެލެކްގެ އަޑެއް ނޫނެވެ. ހައިރާންވެފައި އޭނާ ބަލައިލީ އައްޒާމްގެ މޫނަށެވެ. ވާނީވެސް އެހެންނެވެ. 'މަންމާ' އޭ ކިޔާފައި ބާޒިލް ގޮވާލީ އަދި އަލަށެވެ. އައްޒާމް އާއި ތަބައްސުމް އެކަކު އަނެކަކަށް ބަލަން ތިބީ ހައިރާންކަމާއެކުގައެވެ.

"މެލީ ތަންކޮޅެއް ލަހުން ގެއަށް ގެންދިޔަސް އެންމެ ރަނގަޅު ދޯ. ބޭރުން ކާލަން ވެގެން. މެލީ ކަންބޮޑުވެގެން އުޅޭތީ މިގުޅާލީ" ބާޒިލް ބުންޏެވެ.

ތަބައްސުމް އަށް އެއްޗެއް ނުބުނެވުނެވެ. އޭނާ އަނެއްކާވެސް ބަލައިލީ އައްޒާމަށެވެ. އެއަށް ޖަވާބެއްދޭން އައްޒާމް ކައިރީގައި ބުނި ކަހަލައެވެ.

"އެންމެރަނގަޅު. މެލީ އަށް ރަނގަޅަށް ބަލައްޗޭ" އައްޒާމް ބުންޏެވެ.

ފޯނު ކަނޑާލާފައި ދެމަފިރިން އެކަކު އަނެކަކު ކައިރީގައި އެއްޗެއް ނުބުނެ ހިމޭނުން ތިއްބެވެ. ފުން ނޭވައެއް ދޫކޮށްލާފައި ޖޯލީގައި އައްޒާމް ހަށިގަނޑު ދަމާލިއެވެ. އުޑަށް ނަޒަރު ހުއްޓާލިއެވެ.

"މެލީގެ އުފަލަކީ އަހަރެންގެވެސް އުފާ" އައްޒާމް ބުންޏެވެ.

ތަބައްސުމް ބޯޖަހާލާފައި އައްޒާމްގެ އަތުގައި ފިރުމާލިއެވެ.

****

މެލެކް އަތަށް ފޯނު ދިއްކޮށްލާފައި ބާޒިލް ހީލިއެވެ. ދެކުދިން މަޑުކޮށްގެން ތިބީ ބަނދަރުމަތީގައެވެ. ހިނގަމުން އެދިމާލަށް އައިސް ބާޒިލް އެދުނީ ރަށުގެ ފުއްޓަރު ފަރާތު އަތިރިމައްޗަށް އޭނާ އާ އެކު ދިޔުމަށެވެ. ގެއަށް އަވަހަށް ދާންޖެހޭނެކަމަށް ބުނެ މެލެކް ކުރުނުކޮށްގެން އެންމެފަހުން މެލެކްގެ މައިންބަފައިންނަށް ގުޅަން އޭނާއަށް މަޖުބޫރުވީއެވެ. އުނދަގޫވިއެވެ. ވާހަކަދެއްކޭނެ ކަމަށް ހިއެއްވެސް ނުކުރެއެވެ. އެހެނަސް އޭނާގެ ހިތް މިފަހަރު ބުނެދިނީ ފިނޑިކަން ދޫކޮށްލާށެވެ. މެލެކްގެ މައިންބަފައިންނަކީ އޭނާގެވެސް މައިންބަފައިން ކަމަށެވެ. މީގެކުރިން އަނބިމީހާ ދުރުކޮށްލި ގޮތަށް އަނބިމީހާގެ އާއިލާވެސް ދުރުކޮށްލީއެވެ. ހުރިހާ ގުޅުމެއް އެއްފަހަރާ ރަނގަޅު ކުރަން މިއީ އެންމެ ރަނގަޅު ވަގުތެވެ. މިހާރު ހިތުގައި އުފެދޭ ސުވާލަކީ މެލެކްގެ މައިންބަފައިން ކުރިމަތީގައި އެ ލޯތްބަށް އިއުތިރާފުވާން އޭނާއަށް ކެރޭނެބާއެވެ. މެލެކްގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަންނަން ކެރިދާނެބާއެވެ. ވިސްނުންތަކުން ބާޒިލް އަށް ނިކުމެވުނީ އޭނާގެ އަތުގައި މެލެކް ހިފާލާފައި ކުރިއަށް ދަމާލީމައެވެ.

"ގަޑި އެބަހިނގާ" މެލެކް ބުންޏެވެ.

"ލެޓްސް ގޯ އެދިމާލަށް" ބާޒިލް ބުންޏެވެ.

"ޝަރުތެއްގެ މަތިން"

މެލެކްއަށް ހެވުނެވެ. ކުރިން ޝަރުތުކުރީ އޭނައެވެ. މިފަހަރު ބާޒިލް އެވެ.

"އަހަރެންގެ އަތުގައި ހިފައިގެން ހުންނަންޖެހޭނީ ހުރިހާ އިރެއްގަ" ބާޒިލް ބުންޏެވެ.

މެލެކް ހީލާފައި ބާޒިލްގެ އަތްތިލައިގެ ތެރެއަށް އަތް ލައްވާލިއެވެ. ދެމަފިރިން އެކުގައި ކުރިއަށް ހިނގައިގަތެވެ. ފުއްޓަރުފަރާތަށް ދެމަފިރިން ހިނގާފައި ދިޔައީ މަގު އެންމެ ދިގުކޮށެވެ. އެތައް ބައެއްގެ ނަޒަރު ދެމަފިރިންނަށް އަމާޒުވެއެވެ. މީހުން ބަލައިލާގޮތުން މެލެކް ހުންނަނީ ސިހިސިހިއެވެ. މީހަކު އޭނާއަށް ފާޑެއް ކިޔާފާނެކަމަށެވެ. ނަމަވެސް އެއްވެސް މީހަކު އެއްޗެއް ނުބުނެއެވެ. ކޮންމެ މީހަކު ހަދިޔާކޮށްލަނީ ހިނިތުންވުމެކެވެ.

"ދޮންކަލޯ... ހާދަ ހިތަށް ފިނިކަން ގެނުވާ މަންޒަރެކޭ މިފެންނަނީ. އަދި ކިރިޔާ ރަނގަޅު ނިންމުމެއް ތިނިންމުނީ"

ޖާބިރުއަށް ބާޒިލް ހިނިތުންވުމެއްދިނެވެ. އެއީ ބާޒިލް މަސައްކަތްކުރާ އޮފީހުގައި ގާޑެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. ކޮންމެ މީހެއްގެ ހިތްހަލާލު މިއަދު ލިބިފައިވުމުން ބާޒިލްއަށް ލިބިފައިވަނީ އާދަހާހިލާފު ހިތްހަމަޖެހުމެކެވެ.

"އެއީ ކީއްވެ އެމީހާ އެހެންއެބުނީ؟" މެލެކްގެ ސުވާލު އަންނާނެކަން މާކުރިންވެސް ބާޒިލް އަށް އެނގެއެވެ.

"މިރަށު ކޮންމެ މީހަކަށްވެސް އެނގޭ ސާރާއަކީ ރަނގަޅު މީހެއް ނޫންކަން" ބާޒިލް ބުންޏެވެ.

މިފަހަރު މެލެކްގެ ތުންފަތަށްވެސް ވެރިވީ ހިނިތުންވުމެކެވެ. މާގިނަ އިރު ނުވަނީސް ދާން ބޭނުންވި މަންޒިލަށް ދެމަފިރިންނަށް ފޯރައިފިއެވެ. ފުއްޓަރަށް ދާން އޮންނަ މަގު ދެފަރާތުގައި ހުރި ލައިޓުން އަލިކަމެއް ފެންނަން ހުއްޓަސް ބޯގަސްތަކާ ދިމާލަށް ދާވަރަކަށް އަނދިރިވިއެވެ.

"މިއީ އެއްނު ތަނަކީ. މިއީ ލޯބިވެރިންގެ މަންޒިލަކީ" ބާޒިލް ބުންޏެވެ.

"ވަރަށް އައިންތަ ލޯބިވެރިން ގޮވައިގެން" މެލެކް އަހާލިއެވެ.

"ހެހެހެ... ތެދެށް ބުނަންޏާ ބުނެވޭނީ ބޮޑުކޮށް ނޯ އެކޭ. ތެދަށް ބުނެވެންޏާ ބުނެވޭނީ މިއުޅޭ މޯޑު އަށް ކަނދުފޮތި ކަނބަމުން އާދެވުނޭ މިހިސާބަށް. ސީރިޔަސްލީ ގްރޭޑް 10 ގަ އުޅުނުއިރު އިންސާނަކު ހެދުން ބަދަލުކޮށްލާހާ އަވަހަށް މޯޑު ބިޓުން ބަދަލުކޮށްލާނެ" ބާޒިލް ހިނިގަނޑަކާއެކު ބުންޏެވެ.

"އެކަމު މިއީ ހާދަ ބިރުވެރި ތަނެކޭ" މެލެކް ބުންޏެވެ.

"ކުޑައިރުކޮޅެއް. މޫދު ކައިރިއަށް ދެވުނީމަ މެލީ އަށް ފެންނާނެ ގުދުރަތީ ރީތިކަމެއް" ބާޒިލް ބުންޏެވެ.

އިތުރަށް ހިނގާލަން ޖެހުނީ ދެތިން މިނެޓުއެވެ. ބާޒިލް ދާން ބޭނުންވި ހިސާބަށް ދެވިއްޖެއެވެ. ހަނދުވަރުގެ ރިހި އަލިން މުޅި ސަރަހައްދު ވަނީ ޖަރީވެފައެވެ. ބާޒިލް ބުނިހެން ގުދުރަތީ ހިތްގައިމު ރީތި މަންޒަރެކެވެ. ބާޒިލްގެ އަތުން ދޫކޮށްލާފައި ވަށައިގެން މެލެކް ބަލަން ފެށިއެވެ. ހަނދުވަރުގެ އަލި ލޮނުގަނޑަށް އެޅިފައި އޮތްއިރު ބަލާފޫހިނުވާނޭ ފަދަ ރީތިކަމެއް ހުއްޓެވެ. ހިތްގައިމު ވަރަކަށް ލުއިލުއި ރޯޅި ޖެހެމުން ދިޔައެވެ. އިރުއިކޮޅުން އިވިލާ ރާޅުގެ އަޑު ނޫން އެހެން އެއްވެސް އަޑެއް ނީވެއެވެ. މިފަދަ ގުދުރަތީ އަޖައިބެއް މެލެކް އަށް އަލަށް ފެނުނު ކަހަލައެވެ. ހިނދުކޮޅަކަށް އޭނާ ހުރީ ބާޒިލް މަތިންވެސް ހަނދާންނެތިފައެވެ. އިރުކޮޅަކުން ފައިވާން ބަހައްޓާފައި މޫދުގެ ލޮނުގަނޑުގައި ފައިތިލަ ޖައްސާލިއެވެ. ބާޒިލް ކުޑަކޮށް ގާތަށް ޖެހިލިއެވެ. މިނޫނީ މެލެކް އެހެން އުޅެނިކޮށް އޭނާއަށް ފެނިފައެއް ނުވެއެވެ.

"ނިކަމެތި އަޅާ އެބަހުރިން" ބާޒިލް ބުންޏެވެ.

މެލެކް ބާޒިލް އަށް ބަލައިލާފައި ހީލިއެވެ. އެކަމަކު އެއްގަމަށް އަރާ ހިޔާލެއް ނުކުރިއެވެ.

"ދެން އާދޭ. ވަރަށް ސަކަރާތްޖެހިއްޖެއްނު. ހިފާބަލަ މިއަތުގަ. ހަގްކޮށްލާހިއްވެއްޖެ" ބާޒިލް ބުންޏެވެ.

"އުނހު. މިތަނުގަ ބޭނުންހާ ގޮތަކަށް ނޫޅެވޭނެ. ކުރީ ރޭގަ ކުރި ކަހަލަ ކަމެއް މެރީ ނުކުރެވެނީސް އަމުދުން ނުކރާނަން" މެލެކް ބުންޏެވެ.

"މިތަނުގަ ނޫޅެމޭ އެކަހަލަ ކަމެއް ކުރާކަށް. އަހަރެންގެ އަނބިމީހާ ގޮވައިގެން އެކަހަލަ ގޮތަކަށް އަހަރެން ލޯބިކުރަން ބޮޑު އެނދެއް ހުންނާނެ. ދެން އާދޭ ބޭބީ..." މެލެކްގެ އަތުގައި ހިފައިގެން ބާޒިލް އައިސް އިށީނީ ހިލަ ގަލެއް މަތީގައެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ދެމަފިރިން އެކަހެރިވުމާއެކު ވަގުތު ހިނގާލެއް ކުއްލިއަކަށް އަވަސްވެއްޖެއެވެ.

"އަހަރެން ވަރަށް ބައިވަރު ވާހަކަދައްކަންވެފަ އެބަހުރި" ބާޒިލް ބުންޏެވެ.

"ދެން ފަށާބަލަ. އެކަމު ބުނަން. އަހަރެން ކަންފަތަށް އަހަން ފަސޭހަ ވާހަކައެއް ނޫނީ ނުދައްކާތި" މެލެކް ބުންޏެވެ.

"އޯކޭ. ފަށަނީއޭ... " ބާޒިލް ބުންޏެވެ. "ތަންކޮޅެއް ގާތަށް ޖެހިލަބަލަ"

މެލެކް އިތުރަށް ގާތަށް ޖެހިލިއެވެ. ބާޒިލްގެ އަތުގައި އަތްއަޅުވާލަމުން ކޮނޑުގައި ބޯ އަޅާލިއެވެ.

"މެލީ މަންމަމެން އެބައުޅޭ ދޯ މާލެ ދާން. މެލީވެސް ދަން ދޯ" ބާޒިލް އަހާލިއެވެ.

މެލެކްގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. އެއީ އޭނާ ހަނދާންކުރަން ބޭނުންވާ ކަމެއް ނޫނެވެ.

"ދާހިތެއްނުވޭ. ބާޒިލް ކީއްވެ ހިމޭނުން ތިހުންނަނީ. ތި ފެމެލީ އަހަރެންދެކެ ކިހާ ލޯބިވޭ. ކައިވެނިކުރަން އެމީހުން ގަބޫލުވާނެކަން ޔަގީން. އަޅެ ވާހަކަދައްކަބަލަ. ބާޒިލް އެންމެފަހަރަކު ވާހަކަދެއްކިޔަސް ޔަގީން ބައްޕަ ގަބޫލުވާނެކަން. މަންމަ އާ ބައްޕަ ބިރުގަންނަނީ އަހަންނަށް ކަމެއްވެދާނެތީ މިތާ ހުރެގެން. އަހަރެންގެ ބްރެއިން ރަނގަޅެއްނޫން" މެލެކްގެ ވާހަކަތައް އަހަން އިން ބާޒިލް ހިތަށް އަސަރުކޮށްލިއެވެ. އޭނާ މެލެކްގެ އަތުގައި ބާރަށް ހިފާލިއެވެ. ބޮލުގައި ބޮސްދިނެވެ.

"ކުރިން ހީކުރީ ނުކެރޭނެކަމަށް. މިހާރު މިހުރީ އަތުކުރި އޮޅާލައިގެން. މެލީ ހާސިލްކުރުމަށްޓަކައި ކިތަންމެ ބޮޑު ގާގަނޑެއް އެއްކައިރި ކުރަން ޖެހުނަސް އެކަން ކުރާނަން" ބާޒިލް ބުންޏެވެ.

"ސީރިޔަސްކޮށްތަ؟ އެހާ ލޯބިވޭތަ؟" ބާޒިލްގެ މޫނަށް ބަލައިލަމުން މެލެކް ބުންޏެވެ.

"ހޫމް" ބާޒިލް ބޯޖަހާލިއެވެ. "ދެރައީ އަސްލު ލޯބިވާންޖެހޭ ދުވަސް ފާއިތުވެގެން ދިޔަފަހުން މި އުހުސާސް ހިތުގައި އުފެދުނީމަ. އެކަމަކު އެއްކަމެއްގެ އުފާވެރިކަން ހިތުގައި އެބައޮތް. މެލީ ތިއީ ހަމަ ޔަގީނުންވެސް އަހަރެންގެ އަލަތު އަނބިމީހާ"

"ނުބައި. ވާން އުޅޭ އަނބިމީހާ . އިން ޝާ ﷲ." މެލެކް ރަނގަޅުކޮށްދިނެވެ.

ބާޒިލް އަށް ހެވުނެވެ. ހިތަށް އެރިއެވެ. ހުރިހާ ހަނދާންތަކެއް އާވާ ދުވަހަކުން މެލެކް ހާދަ އުފަލެއް ވާނެއެވެ. ދާދި އަވަހަށް އެދުވަސް އަންނާނެނަމައެވެ.

"އަދި ވަރަށް މުހިންމު އެއްވާހަކަ" ބާޒިލް ބުންޏެވެ.

މެލެކް ބާޒިލްގެ މޫނަށް ބަލައިލިއެވެ. އެހިނދު ކަނާއަތް ހިއްލާލުމަށްފަހު މެލެކްގެ މޫނުގައި ބާޒިލްގެ އިނގިލިތަކުން ފިރުމާލިއެވެ. މޫނާ މޫނު ގާތްކޮށްލުމަށްފަހު މެލެކްގެ ނޭފަތު ކުރީގައި ތުންފަތް ޖައްސާލިއެވެ.

"ސާރާ... ސާރާ އަހަންނަށް އިންޒާރުކުރި. އެއްވެސް ވާހަކައެއް ސާރާ ދައްކައިގެން މެލީ ނުވާނެ ގަބޫލުކޮށްގެނެއް. އެއްވެސް ވާހަކައެއް އޭނާ ދައްކައިގެން މެލީ ނުވާނެ ދެރަވެގެންވެސް. ސީދާ ރައްދު ދޭންޖެހޭނެ. އަހަރެން ކައިރީގަ އަހާފަ ނޫނީ ޝައްކެއްގެ މަތީގައި ހުރެގެން ނުވާނެ" ބާޒިލް ބުންޏެވެ.

"ސާރާ އޭ. އެއީ މަގޭ ކުރިމަތީގަ ހަމަ ސުމެއްގެ މީހެއް. ލާހިކެއްނޫން މަގޭ ކައިރިން ސަލާމަތްވެގެން ދާކަށް" ހީލަމުން މެލެކް ބުންޏެވެ. ބާޒިލް އަށް ވެސް ހެވުނެވެ.

****

ހުކުރު ދުވަހެވެ. ހެނދުނު ސައި ބޮއެގެން މަޑެއްނުވެ ލޫލު ގޮވައިގެން ބާޒިލް ހިނގައްޖެއެވެ. މިފަހަކަށް އައިސް ކޮންމެދުވަހަކު ލޫލު ގޮވައިގެން ދަނީ ބާޒިލް އެވެ. އޭނާ ގެއަށް އަންނަނީ މެލެކް އާ އެކު ވަގުތުކޮޅެއް ހޭދަކޮށްފައެވެ. މިއަދުވެސް ލޫލު ގޮވައިގެން އޭނާ ދިޔައިރު މެލެކް އުޅުނީ ފާހާނައިގައެވެ. ތަބައްސުމް އަށް ޖުމްހޫރީމޭވާ ބިނދެދެން ރައްޔާނު ފުރާޅު މައްޗަށް އަރާ ހުއްޓެވެ. ވެޔޮ ދިގުވެގެން ގޮސް ބައެއް ފުރާޅުމަތީގައި ވެސް އޮވެއެވެ. އޭނާ ފުރާޅަށް އެރީ އެތަން ސާފުކޮށްލުމަށާއި ދޮންވެފައި ހުރި ފުރުޓްތައް ބިންނާށެވެ. ލޫލު ގޮވައިގެން ވަދެގެން އައި ރައްޔާނަށް ބާޒިލް ފެނުމުން ހެވުނެވެ. އަދިވެސް ބާޒިލްގެ ކިބައިން ބީރައްޓެހިކަމެއް ފެނެއެވެ. މިހާރު ބީރައްޓެހިވެފައި އެހުންނަނީ ގޯތިތެރެއިން މީހަކު ނުފެންނާތީއެވެ.

ކުއްލިއަކަށް ބާޒިލް ސިހުނީ ފާރުމަތިން މީހަކު ފުންމާލި އަޑު ވަރަށް ގާތުން އިވުމުންނެވެ. ފާޑަކަށް ލޫލުވެސް ސިހުނެވެ. ރައްޔާން ފެނުމުން ބާޒިލް ދެބުމަ ގޮށްޖެހުނެވެ. އެހެންނަމަވެސް ހައިރާންކަމެއް ލިބުނީ ލޫލު މާ ރައްޓެހިކޮށް ރައްޔާނަށް ގޮވަން ފެށުމުންނެވެ.

"ޔާނުބެގެ އަތް ހަޑިވެފަ. މިގަޑިއަކު ލޯބިކޮށްނުލެވޭނެ ތިހެން ފްލާޓް ކުރިޔަކަސް" ރައްޔާނު ވާހަކަދެއްކީ ލޫލު އާއެވެ.

"ކީއްވެ ކޮޅަށް. އާދޭ ޖައްސާލަން" ރައްޔާނު ބުންޏެވެ. ރައްޔާނު ބުނީތީ އިށީންނަންވެސް ބާޒިލް ބޭނުމެއްނުވިއެވެ. ރައްޔާނު އާ މެދު އޭނާ އޭނާ ހިތް ރަނގަޅު ދުވަހަކުވެސް ނުވާނެއެވެ.

"މެލީ މިގަޑީގަ ހުންނާނީ ނަމާދަށް. އިރުކޮޅަކުން ނިކުންނާނެ" ރައްޔާނު ބުންޏެވެ.

"އަހަރެންގެ އަނބިމީހާ އަހަންނަށް ވުރެ ބޮޑަށް ކަލެއަކަށް ނޭނގޭނެ. އަހަރެންގެ އަނބިމީހާގެ ހަބަރު ކަލޭގެ ފަރާތުން ހޯދާކަށް ނުޖެހޭނެ. ކަލޭ މަގޭ އަނބިމީހާ އާ ދުރުގަހުރޭ" ބާޒިލް ބުންޏެވެ.

ހިނިގަނޑެއް ޖަހާލާފައި ރައްޔާން ދިޔައީ ދުރުގައި އޮތް ފެންހޮޅި އާ ދިމާލަށެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟