ހެނދުނެވެ. ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހެމުން ދިޔައެވެ. ދޭތެރެއަކުން ވިދާލުމަށްފަހު ބާރު ގުގުރީގެ އަޑު ވެސް އިވިލައެވެ. މިއިން އިރަކު ވާރޭ ހުއްޓާލާނެހެނެއް ހިޔެއް ނުވެއެވެ. އުޑުމަތި ހިސާރުކޮށްފައި އޮތް ކަޅު ވިލާތަކުން ދުނިޔެމަތި ވެސް އޮތީ ބަނަކޮށްލާފައެވެ. ސްޓާފް ރޫމުން ނިކުތް ނޫރާލް މިސްރާބު ޖެހީ ސްކޫލްގެ ކެންޓީނަށް ދިއުމަށެވެ. އޭރު ގަޑިން ހެނދުނު ނުވައެއް ޖަހަނީއެވެ.
މިއަދު ތަންކޮޅެއް ލަހުން ހޭލެވުމުން ނޫރާލްއަށް ހެނދުނު ސައި ބޯނެ ވަގުތެއް ވެސް ނުވިއެވެ. ބަނޑުހައި ވެގެން ގޮސް މީހާ ހުރީ ހާންތިވާ ހިސާބަށް ގޮސްފައެވެ. ގޮހޮރު ހުސްވެ އެކަމުގެ ޝަކުވާތައް ވެސް ކުރަން ފަށައިފިއެވެ. އޭނަ ހުރީ އައިރާގެ ކްލާސް ނިމެންދެން މަޑުކޮށްލަންށެވެ. ދެއެކުވެރިން އެކުގައި ސައިބޯންދާން ވެގެންނެވެ. ނަމަވެސް ދެން އިތުރަށް މަޑުކުރެވޭނެ ހެނެއް ހިޔެއް ނުވެއެވެ. ހާންތިވެގެން ގޮސް މީހާ އަނބުރައިގަންނަ ހިސާބަށް ގޮސްފިއެވެ.
ކެންޓީން ހުންނަނީ ސްކޫލްގެ މެއިން ހޯލް ކައިރިން ލާފައި ދެވެން އޮތްތަ ސަރައްކާލީގެ އެންމެ ފަހަތުގައެވެ. ސަރައްކާލިން ކުރިއަށް ދާއިރު ކަނާތް ފަރާތުން އެންމެ ފުރަތަމަ ވަދެވެން ހުންނަނީ ލައިބްރަރީއެވެ. ލައިބްރަރީއާއި ޖެހިގެން ހުންނަނީ ލެބްތަކާއި ކުޑަ މިސްކިތެކެވެ. ލެބްގައި މަސައްކަތާއިގެން އުޅުނު ކުދިންނަށް ބަލައިލަމުން ނޫރާލް ހިނިތުންވެލިއެވެ. ފިޔަވަޅުތައް އަވަސްކޮށްލެވުނީ ގޮހުރުން އަނެއްކާ ވެސް އެލާމް އަޅުވާލުމުންނެވެ.
ކެންޓީނަށް ވަން އިރު ވަގުތުގެ ގޮތުން ފެންނަމުން ދިޔައީ ފަޅުކަމެވެ. ހުރިހާ މޭޒެއް އޮތީ ހުސްކޮށެވެ. ނޫރާލް އަވަސްއަވަހަށް ގޮސް ހެދިކާ ބަހައްޓާފައި ހުރި ސްޓޭންޑާއި ކައިރިވެލިއެވެ. ސެލްފް ސާވިސްއަށް ވުމުން ކައިރީގައި ބަރިއަކަށް އަތުރާފައި ހުރި ތަށިތަކުން ތަށްޓެއް ނަގައި ހެދިކާ އަޅަން ފެށިއެވެ. ހިތްހަމަޖެހޭވަރަށް ގުޅަ، ބަޖިޔާ އަދި ކީމިޔާ އަޅާލަމުން ކައުންޓަރު ކައިރިއަށް ހުއްޓުނެވެ. ހިނިތުންވެލަމުން ކޮފީއަކަށް ވެސް އޯޑަރު ދިނެވެ. އެވަގުތު ބެލް ޖެހި އަޑު ނޫރާލްއަށް އިވުނެވެ. އޭނަގެ ސްޓާފް އައިޑީ ކައުންޓަރުގައި ހުރި އަންހެންކުއްޖާ އަތަށް ދެމުން ލެގިންސްގެ ޖީބުގައި އޮތް ފޯނު ނޫރާލް ނެގިއެވެ. އައިރާއަށް މެސެޖެއް ފޮނުވާލަމުން ކެންޓީނަށް އައުމަށް އެދުނެވެ.
މޭޒު ދޮށުގައި ހަމަޖެހިލުމަށްފަހު، އާވި އަރަމުން ދިޔަ ހޫނު ކޮފީ ތަށްޓަށް ފުމެލަމުން ރަހަ ބަލައިލިއެވެ. ފުންނޭވާއެއް ދޫކޮށްލެވުނު ހިނދު ނޫރާލްއަށް ހިނިތުންވެވުނެވެ. ފޯނުން ދިވެހި ނޫހަކަށް ވަންނަމުން ހޯދާލީ އޭނަ މިހާރު ކިޔަމުންދާ ވާހަކައިގެ އައު އެޕިސޯޑެއް ނިކުތްތޯއެވެ. ނޫރާލްގެ އެންމެ ބޮޑު ހޮބީއަކީ ވާހަކަ ކިޔުމެވެ. ކުޑައިރުއްސުރެން ހިތުގައި ވާހަކަ ކިޔުމަށް އުފެދުނު ލޯތްބަށް ކުޑަމީސް ބަދަލެއް ނާދެއެވެ. މުސާރައިން ވަކި ވަރެއް ފޮތް ގަތުމަށް ހުސްކުރާނެއެވެ. މިހާރު ކުޑަ ވަރެއްގެ ލައިބްރަރީއެއް ހުޅުވޭވަރަށް އޭނަގެ އަތުގައި ފޮތްތައް އެބަހުއްޓެވެ.
އަމިއްލަ ދުނިޔެއަކަށް ނޫރާލް އިނީ ގެއްލިފައެވެ. އެހެން އިންދާ ގާތުން މީހެއްގެ ހިލަންވުމުން އޭނަ ސިހޭ ގޮތް ވެސް ވެއްޖެއެވެ. ވާހަކައިގެ ދުނިޔެއައިން ނިކުމެ އޭނައަށް އިސްއުފުލާލެވުނެވެ. އޭރު އޭނަގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އޭނަގެ ނަޒަރު ޖާދިންގެ މޫނަށް ހުއްޓުމާއެކު މެޔަށް ފިނިވާ ގޮތް ވެއްޖެއެވެ. އެތެރެއަށް ލާން އުޅުނު ނޭވާ ވެސް ހިނދުރީގައި ތާށި ވެއްޖެއެވެ. ގާތުން ޖާދިންގެ ރީތި މޫނު ފެނިލުމުން ހިތަށް ގޮތެއް ވެގެން ދިޔައެވެ. ހިތްދަމައިގަންނަ ފަދަ ބާރެއް ޖާދިންގެ ދެލޮލުގައި ވިއެވެ. ނޫރާލްއަށް ލަސްލަހުން ހިންދިރުވާލެވުނެވެ.
''ސޮރީ... ޑިޑިންޓް މީން ޓު ސްކެއާރ ޔޫ...'' ޖާދިން މަޢާފަށް އެދުނެވެ. ނޫރާލް ސިހުނުވަރުން އެދެލޮލުން ކަންބޮޑުވުން ވެސް ފާޅުވެއްޖެއެވެ.
''އޯލް ގުޑް... ވާހަކައިގެ ތެރެއަށް ވަދެވުނު ވަރުން ނޭނގުނީ...'' އަވަސްވެފައިވި ހިތުގެ ތެޅުން ހަމައަކަށް އަޅުވަމުން ނޫރާލް ހިނިތުންވެލިއެވެ.
''ގޮވާލީމަ ޖަވާބެއް ނުލުބުނީ އެހެެންވެދޯ...'' ލުއި ހިނިތުންވުމަކާއެކު ޖާދިން ބުނެލިއެވެ.
''ހޫމްމްމް...'' އިސްވެ ޖާދިން އޭނައާއި ވާހަކަދެއްކުމުން ނޫރާލްއަށް ލިބުނު ހައިރާންކަން ފިލައިގެންދާ ގޮތެއް ނުވިއެވެ. ފާޑަކަށް ބަލަން އިނދެވުނީ އެހެންވެއެވެ. މިނޫނީ އެދެމެދުގައި ވާހަކަ ދެކެވުނު ހަނދާނެއް ވެސް ނުވެއެވެ.
''އޯކޭ...'' ފަޓުލޫނުގެ އަރިމަތީ ޖީބަށް އަތްތިލަ ކޮއްޕާލަމުން ޖާދިން ބުންޏެވެ. ޖާދިންގެ ހަރަކާތްތަކުގައި އެކުލެވިގެންވި ނުތަނަވަސްކަން ނޫރާލްއަށް ފާހަގަ ކުރެވުނީ ދެނެވެ. ހިމޭންކަމުގެ ސުކޫތެއް އެދެމެދަށް ވެރިވެގެން ދިޔައެވެ. އެހިމޭންކަމުން ޖާދިންއަށް އުނދަގޫވެއްޖެކަން ހާމަކޮށްދިނީ ތުންފަތަށް ވެރިވި ނުތަނަވަސްކަމުގެ ހިނިތުންވުމުންނެވެ. ނޫރާލްގެ މޫނަށް އަވަސް ނަޒަރެއް ދެމުން ޖާދިން ފުރަގަސްދޭން އުޅުނެވެ. އެވަގުތު ނޫރާލްއަށް ތެޅިގަނެވުނެވެ. އިސްވެ ޖާދިން އޭނައާއި ވާހަކަދެއްކުމުން ލިބިފައިވި ފުރުސަތު ގެއްލިގެންދާން އޭނަގެ ހިތެއް ނޭދުނެވެ. ދެން މިފަދަ ފުރުސަތެއް ލިބޭނެކަމެއް ވެސް އެނގެނީކީ ނޫނެވެ.
''ދަނީތަ؟...'' ނޫރާލްއަށް އަހާލެވުނެވެ.
''މަޑުކުރަންވީތަ؟...'' ޖާދިންގެ ތޫނު ނަޒަރު ހުއްޓުމުން ނޫރާލްގެ ހިތުގެ ހިނގުން އަވަސްވެއްޖެއެވެ. އެސުވާލަށް ދޭނެ ޖަވާބެއް ދުލާއި ހަމައަށް ގެންނަން އުނދަގޫވުމުން ހަމައެކަނި ބޯޖަހާލެވުނީއެވެ. ނޫރާލްގެ ޖަވާބު ލިބުމުން ޖާދިންގެ ދެލޮލުގައިވި ނުތަނަސްކަން ފަނޑުވެގެން ދިޔައެވެ. އެފިރިހެންވަންތަ މޫނު އުޖާލާވެއްޖެއެވެ. އެއީ ނޫރާލްގެ ހިތަށް ފިނިކަން ގެނެސްދިން މަންޒަރެކެވެ.
''ކޮފީއެއް ހިފައިގެން އެބަ އަންނަން...'' ޖާދިން ބުންޏެވެ. އެދެލޮލުން ޝައުޤުވެރިކަމުގެ އަސަރު ފެނުނުހެން ވެސް ނޫރާލްއަށް ހީވިއެވެ. އުއްމީދުގެ ހުޅުކޮޅު ހިތުގައި ރޯވެގެން ދިޔައެވެ.
ކައުންޓަރު ކައިރިއަށް ގޮސް ހުއްޓުނު ޖާދިންއަށް ސިއްރުސިއްރުން ނޫރާލް ބަލައިލިއެވެ. ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނެއްގައި ބެގީކޮށްފައި ހުރިއިރު ސްމާޓް ގޮތެއް ހުއްޓެވެ. އިސްކޮޅުން ދިގުވެފައި ހިކިކޮށް ހުއްޓަސް އައިބުކަމެއް ނެތެވެ. ތުނިކޮށްފައި އޮތް ބޮލުގެ އިސްތަށިގަނޑާއި ކުޑަކޮށް ދިގު ތުނބުޅިން ހިތްދަމައިގަންނަ ފަދަ ޖާދުލެއް އެމޫނުގައި ވެއެވެ.
ކޮފީ ތަށިން ކޯވަރެއް ބޯލަމުން އިރުއިރުކޮޅާ ޖާދިންއަށް ނޫރާލް ބަލައިލައެވެ. ދައްކާނެ ވާހަކައާއި މެދުގައި ވެސް ވިސްނާލެވުނެވެ. އެކި ދިމަދިމާއަށް ވިސްނުން ހިންގަމުން ދަނިކޮށް ޖާދިން އައިސްފިއެވެ.
ޖާދިން އިށީނީ ނޫރާލްއާއި ކުރިމައްޗަށް ވާހެން ހުރި ގޮނޑީގައެވެ. ގޮނޑީގައި ހަމަޖެހިލަމުން ފުން ހިނިތުންވުމެއް ވެސް ހަދިޔާކޮށްފިއެވެ.
ޖާދިންގެ ފުރިހަމަ ސަމާލުކަން ހުއްޓުމުން ނޫރާލް ލަދުގަންނަ ގޮތް ވެސް ވެއްޖެއެވެ. އޭރު މަދުމަދުން މީހުން ކެންޓީނަށް އަންނަން ފަށައިފިއެވެ.
''އާރ ޔޫ ވެއިޓިންގް ފޯ ސަމްވަން؟...'' ކޮފީ ބޮމުން ޖާދިން ސުވާލުކޮށްލިއެވެ.
''ނޫން...'' ވަށައިގެން ނަޒަރު ހިންގަމުން ދިޔަ ނޫރާލްއަށް ބުނެވުނެވެ. މީހުން ގިނަ ވިޔަސް ޖާދިންގެ ފަރާތުން ނުތަނަވަސް ނޫރާލްއަކަށް ފާހަގައެއް ނުކުރެވުނެވެ. އެންމެފަހުން ނޫރާލް ވެސް ހިނިތުންވެލިއެވެ. މީހުން ބުނެފާނެ އެއްޗަކާ މެދު މާބޮޑު ސަމާލުކަމެއް ދީފާނެ ފަދަ އިޝާރާތެއް ޖާދިންގެ ފަރާތުން ނުފެނުނެވެ. ހަމަޖެހިފައި އިން އިރުގައި ސާބިތުކަން އެދެލޮލުން ފެންނަމުން ދިޔައެވެ. އޭނައަށް ޖާދިންގެ މަޑުމައިތިރި މިޒާޖު ނަގައިގަނެވުނީ މުޅިން ގޯސްކޮށްކަން ރޭކާލީ ވެސް ދެނެވެ. ބަސްމަދު ވިޔަސް ޖާދިންއަކީ ވަރުގަދަ އަޒުމެއްގެ ވެރިއެކެވެ. ކޮންމެކޮންމެހެން ގުޑައިގެން ދާނެ ފަދަ އަޒުމެއް ވެސް ނޫނެވެ.
''ވަރަށް ފާޑަކަށް މޫސުން އޮތްނަ ދުވަސްކޮޅެއްދޯ؟...'' ނޫރާލްއަށް ބުނެވުނެވެ. ''އިއްޔެ މެންދުރު އަވި ދިންއިރު ހީވީ ދެން ދުވަހަކު ވާރޭ ނުވެހޭނެހެން...''
''ވިއްސާރަ ދުވަސްތައް ކަމުނުދަނީތަ؟...'' ނޫރާލްއަށް ބަލައިލި ޖާދިންގެ ތުންފަތަށް މަޢުނަވީ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކޮފީތަށި ހުސްކޮށްލަމުން ފުން ނަޒަރަކުން ނޫރާލްއަށް ބަލައިލިއެވެ.
''ނޫން، އެހެނެއް ނޫން...'' ނޫރާލްއަށް ބުނެވުނެވެ.
''ސޯ ޔޫ ލައިކް ދަ ވެދާ؟...'' ޖާދިން އަހާލިއެވެ.
''ޔެސް...'' ޖާދިންގެ ތޫނު ނަޒަރުން ނުރާލްގެ ހިތުގެ ވިންދުތައް އަވަސްވެގެން ދިޔައެވެ.
''ސޯ...'' ނޫރާލްގެ މޫނަށް ބަލަމުން ޖާދިން ބުނެލިއެވެ. ވާހަކައެއް ބުނަން ބޭނުންވެފައިވާކަން ޖާދިންގެ މޫނުން ހާމަކޮށްދިނެވެ.
''ހޫމް؟...'' ޖާދިންއަށް ނޫރާލްގެ ސަމާލުކަން ހުއްޓާލިއެވެ.
''ބުރާސްފަތި ދުވަހު އޮތްނަ އައުޓިންގްއަށް ދަންތަ؟...'' ޖާދިން ބުމައަރުވާލިއެވެ.
''ޖާދު ދަންތަ؟...'' ނޫރާލްއަށް ވެސް ކޮށްލެވުނީ ސުވާލެކެވެ.
''ދާން ކަމަށް، ނޫރާ ދާނަންތަ؟...'' ޖާދިންގެ ނަޒަރު ނޫރާލްގެ މޫނާއި ވަކިނުވެއެވެ. އޭނަގެ ނަން ޖާދިން ކުރުކޮށްލުމުން ބުނަން ނޭނގޭ ހިތްހަމަޖެހުމެއް ނޫރާލްގެ ހިތަށް ލިބިގެން ދިޔައެވެ. އެދެމެދުގައި އޮތް ބީރައްޓެހިކަމުގެ ފަރުދާ ކަޝްފުވަމުން ދިޔަކަމުގެ ފޮނިކަން އިހުސާސްކުރެވުނެވެ.
''ދާނަން، ވަރަށް ދުވަސް ވެއްޖެ ދަތުރެއްގައި ބައިވެރި ނުވާތާ... ވަޓް އެބައުޓް ޔޫ؟...'' ނޫރާލް އަވަސްއަވަހަށް ބުނެލިއެވެ. އޭނަ ޖާދިންއަށް ބަލައިލީ ޖާދިން ދޭނެ ޖަވާބަކަށް އިންތިޒާރުގައި އިން ފަދައަކުންނެވެ.
''އައިލް ގޯ...'' ޖާދިންގެ ބެލުމުގައި ވަނީ ގާތްކަމެވެ. އެދެލޮލުގައި ފޮރުވިފައިވި ޝައުޤުވެރިކަން ދޭހަ ކުރެވި ނޫރާލްގެ މޫނު އުޖާލާވެގެން ދިޔައެވެ. އިތުރަށް ޖާދިންއާއި ވާހަކަދައްކާލަން ހިތްވަރު ވެސް ލިބިގެން ދިޔައެވެ. އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ވަނިކޮށް، އެއުފާވެރި ވަގުތުޅަށް ނިމުމެއް އައީ ކެންޓީނަށް ވަދެގެން އައި ފަޒްނާގެ ސަބަބުންނެވެ. އިތުރު ވާހަކައެއް ދެކެވޭގޮތެއް ވެސް ނުވިއެވެ. އައި ގޮތަށް އައިސް މުޅި މާހައުލު ކިލަނބުކޮށްލައިފިއެވެ.
އެކުވެރިންނާއެކު ކެންޓީނަށް ވަން ފަޒްނާއަށް ޖާދިންއާއި ނޫރާލް ފެނުމުން ވަގުތުން އެމޫނުގެ ކުލަވަރު ބަދަލުވެގެން ގޮސްފިއެވެ. ފާޑަކަށް ނޫރާލްއަށް ބަލަން ހުރެފައި މޫނު ކުނިކޮށްލިއެވެ.
''ޖާދު، ހާއި...'' ހުއްދަ ހޯދުމެއް ވެސް ނެތި ފަޒްނާ އައިސް ޖާދިންއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. ޖާދިންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދާން ސިކުންތުކޮޅެއް ވެސް ނުނެގިއެވެ. ތުންފަތުގައިވި އުފާވެރިކަމުގެ ހިނިތުންވުން ފަނޑުވެ މޫނަށް ވެރިވެގެން ދިޔައީ ފޫހިކަމެވެ. ކަޅުކަންގަދަ ބުމަ ގޮށްޖެހިގެން ދިޔައީ ރުޅިވެރިކަމުންނެވެ.
ޖާދިންއާއި ކައިރިއަށް ފަޒްނާ ގޮނޑި ޖައްސަން އުޅުމުން ޖާދިން ކޮޅަށް ތެދުވުނެވެ. ދެން އޭނަ ގޮސް އިށީނީ ނޫރާލްއާއި ޖެހިގެން ހުރި ގޮނޑީގައެވެ. ފަޒްނާއަށް މެސެޖެއް ދިން ކަހަލައެވެ. ޖާދިން ކަންތައް ކުރިގޮތުން ފަޒްނާ ރަކި ވެއްޖެއެވެ.
ދަތްކުނޑިވިކާލަމުން ނޫރާލްއަށް ފަޒްނާ ބަލައިލީ ރުޅިވެރިކަމާއެކުގައެވެ. އޭނައަށް ޖާދިންއާއި ނޫރާލްގެ ގާތްކަން ނަގައިގަންނަންވީ ކިހިނެއްކަމެއް ނޭނގުނެވެ. ހިތަށް ފާޑަކަށް އުނދަގޫވާ ގޮތް ވެސް ވެއްޖެއެވެ. އޭނަ އެހާވަރުން ޖާދިންގެ ސަމާލުކަން ހޯދަން މިހުރިހާ ދުވަހަކު ކުރި މަސައްކަތުގައި ކުރިއެރުމެއް ނުލިބި ހުއްޓާ މިފެނުނީ ކޮންކަހަލަ މަންޒަރެއް ހެއްޔެވެ؟ ނޫރާލް ދެކެ އޭނައައީ އަމަށަކު ރުޅިއެއް ނޫނެވެ.
''ޖާދު ކޮންއިރަކުތަ ނޫރާލްއާއި ވާހަކަދައްކަންފެށީ؟...'' ފަޒްނާއަށް ބުނެވުނެވެ. ސިކުނޑީގައި ދައުރުވަމުން ދިޔަ ޚިޔާލުތައް ދުލާ ހަމައަށް އައިސްފިކަން ވެސް ރޭކާލީ ޖާދިން ނުރުހުމާއެކު ބަލައިލުމުންނެވެ. ފަޒްނާ ލަދުގަތެވެ.
''ފަޒޫގެ ރައްޓެހިން ގާތަށް ދާކަށް ނުޖެހޭތަ؟...'' ޖާދިންގެ އަޑުން އެކަނި ވެސް ހިތްހަމަނުޖެހިފައި ހުރި މިންވަރު ހާމަކޮށްދިނެވެ. ފަޒްނާގެ މޫނަށް ބަލައިލިއިރުގައި ޖާދިންގެ ބުމަ ވަނީ ގޮށްޖެހިފައެވެ. އޭނަގެ ފަހަތުން އަބަދުމެ ފަޒްނާ އުޅެތީ ޖާދިން ހުންނަނީ ހިތްހަމަނުޖެހިފައެވެ. ރީތިކޮށް އެތައް ފަހަރަކު ބުނެގެން ވެސް ފަޒްނާގެ އުޅުމަށް ބަދަލެއް ނާދެއެވެ. ބަހާއި އަމަލުން ހިތުގައި އޮތް ފޫހިކަން ބުނެދެނީ ވެސް އެއްޗެއް ވިސްނިދާނެކަމަށެވެ.
''އާމްމް...'' ފަޒްނާ ރަކިވެއްޖެއެވެ. ފަޒްނާ އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު އެތަނަށް އައިރާ ވެސް އަތުވެއްޖެއެވެ. މޭޒު ދޮށުގައި ތިބި އެންމެނަށް ވަކިވަކިން އައިރާ ބަލައިލިއެވެ. ހައިރާންކަން އައިރާގެ މޫނުގައި ވިއެވެ. ނޫރާލްއާއި ނަޒަރު ބަދަލުކޮށްލަމުން ނިތް ވެސް އަރުވާލައިފިއެވެ.
''ފަހުން ވާހަކަދައްކާލަމާ...'' ކުއްލިޔަކަށް ފަޒްނާ ކޮޅަށް ތެދުވުނީ ނޫރާލްއަށް ދެލޯއަޅާލަމުންނެވެ.
''އިތުރަށް ދައްކަން ޖެހޭ ވާހަކައެއް ނެތެއްނު؟...'' ޖާދިން ބުންޏެވެ. ރައްދު ދޭން އުޅެފައި ވެސް ފަޒްނާ މިފަހަރު ހިޔާރުކުރީ ހިމޭންކަމެވެ. މީހާ އިތުރަށް ފަޟީޙަތް ވެދާނެތީއެވެ. ޖާދިންގެ ހިތްހަމަނުޖެހުން ފަހުމުނުވާވަރަށް އޭނަ ބޯހަރެއް ވެސް ނޫނެވެ. ފަހުން މިކަމަށް ހައްލެއް ހޯދަން ހިތު ލަމުން ދާން އަވަސްވެގަތެވެ. ދިއުމުގެ ކުރިން ނޫރާލްއަށް ބަލައިލީ ރުޅިވެރިކަމާއެކުގައެވެ. އެވަގުތު ނޫރާލް އޭނައާއި ހަތަރުކަޅި ބައްދަލުކޮށްލުމުން ވީ ފޫއްސެއްގެ ބޮޑުކަމުން ފަޒްނާއަށް ތުންވެސް އަނބުރާލެވިއްޖެއެވެ. ދަމުން ކޮޅަށް ހުރި އައިރާގެ ކޮނޑުގައި ވެސް ޖެހިގެންފިއެވެ.
އައިރާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ޒިންމާދާރު ވަޒީފާއެއްގައި އުޅޭއިރުގައި ވެސް ފަޒްނާގެ މިޒާޖުގައި އެއްވެސް ހަރުދަނާކަމެއް ނުހުރެއެވެ. ކިޔަވައިދޭ ކުދިންނާއި ބެލެނިވެރިންގެ ޝަކުވާ ވެސް ބޮޑުވެ އެތައް ފަހަރަކު ފިޔަވަޅު އަޅައިފިއެވެ. މިހާރު ހުރީ އެންމެ ފަހުގެ އިންޒާރު މަތީގައެވެ. އެކަމަކު އަދިވެސް އުޅުމަށް ހެޔޮބަދަލެއް ގެންނާކަށް ނޫޅެއެވެ. ފަޒްނާއަށް ހެޔޮ ވިސްނުން ދެއްވުމަށް އެދި އައިރާއަށް ދުޢާކޮށްލެވުނެވެ.
ކެންޓީންގައި އިތުރަށް މަޑުކުރުމެއް ނެތި ފަޒްނާ ނިކުމެގެން ދިޔައީއެވެ. މޫނު ބަނަކަމުން ގޮސް ބޭރުގައި އުފެދިފައި އޮތް ތޫފާނާއި ވާދަކުރާހާވެއެވެ.
''ވަޓް ވޯޒް ދެޓް؟...'' ފަޒްނާ ދިޔަ ދިމާއަށް ބަލަން ހުރެފައި އައިރާއަށް ސުވާލުކޮށްލެވުނެވެ. އޭނައަށް އަނެއްކާ ވެސް ބަލައިލެވުނީ ޖާދިންއާއި ނޫރާލް އަށެވެ. އެދެމެދުގައި އޮތް ގާތްކަން އޭނައަށް ފާހަގަ ކުރެވުނެވެ.
''ސޮރީ ފޯ ދެޓް...'' ޖާދިން މަޢާފަށް އެދުނެވެ. ''ދެން އަހަރެން ގޮސްލިޔަސް ނޫރާ އެކަނި ނުވާނެއެއްނު، ޔޯ ފްރެންޑް އިޒް ހިޔާ...''
ޖާދިން ކޮޅަށް ތެދުވަމުން ނޫރާލްއަށް ހިނިތުންވެލިއެވެ. ދިއުމުގެ ކުރިން އައިރާއަށް ވެސް ބަލައިލަމުން ބޯޖަހާލިއެވެ.
ލިބިފައިވި ހައިރާންކަން ހިނިތުންވުމެއްގެ ފަހަތުގައި ސިއްރުކުރަމުން ޖާދިން ދިއުމަށް އައިރާ ތަން ދައްކާލިއެވެ.
ޕޭންޓްރީއަށް ގޮސް ހުސްކުރި ކޮފީތަށި ހަވާލުކޮށްލަމުން، ފަސްއެނބުރި ނޫރާލްއަށް ހިނިތުންވުމެއް ޖާދިން ހަދިޔާކޮށްލިއެވެ. އެއްޗެއް ނުބުނެ އައިރާ މަޑުކޮށްލައިގެން ހުރީ ޖާދިން ނިކުމެގެން ދަންދެކަށެވެ. އެއަށްފަހު ދެލޯބޮޑުކޮށްލަމުން ނޫރާލްގެ ގާތުގައި އައިރާ އިށީނެވެ.
''އިޓް ޖަސްޓް ހެޕެންޑް...'' ނޫރާލް އަވަސްއަވަހަށް ބުންޏެވެ. ''އެކަނި ހުއްޓާ ޖާދުއައީ، އެންޑް ވީ ސްޓާޓެޑް ޓޯކިންގް... ފަޒޫ ނާންނަނީސް ހުރިހާކަމެއް ދިޔައީ ރަނގަޅަށް...''
''އެހެންވީމާ އަހަންނަށް ލަހުން އާދެވުމުން ރަނގަޅު ގޮތެއް ވެސް ވެއްޖެތާ... ކުރިންވެސް ބުނީމެއްނު ޖާދުއަށް ނޫރާ ކަމުދެޔޭ... އެންމެފަހުން ވާހަކަވެސް ދެއްކީއެއްނު... ފަޒޫ ބުނާ އެއްޗަކަށް ވެސް ޖާދު ސަމާލުކަން ނުދެއެއްނު... ބޭކާރު ކަންތަކާއޭ ނޫރާ ފިކުރުބޮޑުވަނީ...'' އައިރާ ބުންޏެވެ.
''އައި ނޯ... އަހަރެން ހީކުރީ ޖާދު އެހާ ބަސްމަދުވީމަ މީހުން ކިޔާ އެއްޗިއްސަށް ސަމާލުކަން ދޭނެކަމަށް، އެކަމަކު ޖާދު މުޅިން ތަފާތު... ފަޒޫ އައުމުގެ ކުރިން ވަރަށް ރަނގަޅަށް ހުރިހާ ކަމެއް ދިޔައީ ވެސް...... އޮނެސްޓްލީ، އައި ފެލްޓް ބޭޑް ފޯ ފަޒޫ، އެކަމަކު ދެން އެވައްތަރަށް އުޅެންޏާ މީހުން ރުޅި ވެސް އަންނާނެ ދޯ؟......'' ނޫރާލް ބުންޏެވެ. ފަޒްނާދެކެ ހިތްހަމަނުޖެހުނަސް އިތުރަށް އެވާހަކަތައް ދައްކަން ނޫރާލް ބޭނުމެއް ނުވިއެވެ. ލިބޭނެ ފައިދާއެއް ވެސް އޮތީކީ ނޫން ވިއްޔާއެވެ. އެއަށްވުރެން ޖާދިންއާއި ވާހަކަދައްކާލެވުމުން އެހިތަށް ލިބިފައި އޮތް އުފާވެރިކަން ބޮޑެވެ.
''މާޝާﷲ... އަބަދު ތިހެން ނޫރާ ހެވިފަ ހުންނަތަން ދެކެން ބޭނުމީ...'' އައިރާ ހިނިތުންވެލިއެވެ. އެކުވެރިޔާގެ އުފާވެރިކަން ފެނި ހިތްހަމަޖެހުން އިހުސާސްކުރެވުނެވެ.
''ބުރާސްފަތިދުވަހު އޮތް ދަތުރުގައި ބައިވެރިވާންވާނެ އިނގޭ...'' އައިރާގެ އަތުގައި ނޫރާލް ހިފާލިއެވެ.
''ކޮން ދަތުރެއްތަ؟...'' އައިރާއަށް ހައިރާންކަން ލިބުނެވެ.
''ސާބަސް، މިހާރު ހާދަ ހަނދާން ބަލިހެން ހީވެޔޭ... ޓީޗާސް ގެދަރިންގް...'' ނޫރާލް ހަނދާންކޮށްދިނެވެ.
''އޯހ!، ދެޓް ގެދަރިންގް... ފަޅު ރަށަކަށް ދޯ ދަނީ؟...'' އައިރާ ހަނދާންވިއެވެ. އޭނަގެ ހަނދާނުން އެދަތުރު އޮތީ ކައްސާލާފައެވެ.
''ދާން ވާނެ އިނގޭ، ކައިވެނީގެ ކަންތަކުން އެބަޖެހޭ ބްރޭކެއް ނަގަން، ސްކޫލު ނިންމާފަ އަބަދު ކޮންމެވެސް އެޕޮއިންޓްމެންޓަކަށް ދާން ޖެހިފަ އޮތްނަނީ... އަހަންނާއެކު ގާލްސް ނައިޓަކަށް ވެސް ނުދާތާ މިހާރު މަހެއް ވެއްޖެ... ޕްލީޒް!...'' ނޫރާލްގެ އަޑުގައި ވަނީ އާދޭހެވެ.
''އޯކޭ!، އޯކޭ!...'' އައިރާ ބުންޏެވެ. ''ޖާދު ވެސް ދޭތަ؟...''
''ހޫމްމް، ބުނި ދާނަމޭ...'' ނޫރާލް ބުންޏެވެ. ލަދުރަކި ހިނިތުންވުމެއް ނޫރާލްގެ ތުންފަތަށް ވެރިވެއްޖެއެވެ.
''އެހެންވެ ދޯ މާ ބޮޑަށް އެކްސައިޓްވެފަ ތިހުރީ...'' އައިރާއަށް ހެވުނެވެ.
''ޔެސް އެންޑް ނޯ... ޖާދު ދާތި ވެސް ދާން ބޭނުން، އެކަމަކު އަރޫ ވެސް އެބަޖެހޭ ކުޑަ ބްރޭކެއް ނަގާލަން... ޒާންއަށް ވެސް ދައުވަތު ދީބަލަ، އޭރުން ކައިވެނީގެ ހުރިހާ ސްޓްރެސްއަކާއި ފެމިލީއާއި ދުރުން ވަގުތުކޮޅެއް ހޭދަކޮށްލަން ފުރުސަތު ވެސް ލިބޭނެއެއްނު...'' ނޫރާލް ބުންޏެވެ. ވިސްނާލަމުން އައިރާ ބޯޖަހާލިއެވެ.
''ޒާން ކައިރީ އަހާލަން ޖެހޭނީ...'' އައިރާ ބުނެލިއެވެ.
''މިނިވަން ދުވަހެއްނު އެއީ، އޮފީސް ބަންދުވާނެއެއްނު؟...'' ނޫރާލް ބުނެލިއެވެ.
''އޯކޭ، ޒާން ގާތު ބުނާނަން، އައި ސްޓިލް ތިންކް ޔޫ ނީޑް އަސް ޓު ބީ ޔޯ ވިންގްމޭޓްސް...'' އައިރާ ދިމާކޮށްލިއެވެ.
''މައި ގޯޑް...'' ނޫރާލްއަށް ހެވުނެވެ. އައިރާ ވެސް ހިނިތުންވެލިއެވެ.
''ބުރާސްފަތި ދުވަހަށް މޫސުން ރަނގަޅުވާނެހެން ހީވޭތަ؟.....'' އަލިގަދަ ވިދުރަށްފަހު އިވުނު ގުގުރީގެ އާޑާއެކު އައިރާއަށް ބުނެވުނެވެ.
''ގާލް!، ޑޯންޓް ޖިންކްސް އިޓް!...'' ނޫރާލް ދެލޯބޮޑުކޮށްލުމުން އައިރާއަށް ހެވިއްޖެއެވެ.
*****
ކަނޑުގެ ސަތަހައިގެ ނިވަލަށް ވަން އިރުގެ ރީތިކަން އުދަރެހުން ފެންނަމުން ދިޔަ ބަނަ ވިލާތަކުން އޮތީ ކިލަނބުވެފައެވެ. އާދަޔާ ޚިލާފަށް ދުނިޔެ މަތި އަނދިރިކަމަށް ވެސް ދައްކައެވެ. ވާރޭ ހުއްޓާލާފައި އޮތަސް ޖެހެމުން ދިޔަ ފިނިފިނި ރޯޅިތަކުން ފަޒާގައި އާދަޔާ ޚިލާފު ތެތްފިނިކަމެއް ރަސްކަންކުރަމުން ދިޔައެވެ. އައިރާ އިނީ ބެލްކަނީގައެވެ. އެތާ ބޮޑުބައެއް އޮތްނަނީ ހިޔާކޮށްފައެވެ. ސޯފާ ސެޓަކާއި އުނދޯޔެއް ވެސް ބަހައްޓާފައި ހުންނައިރު މާތަކުން ބަރާވެފައިވި ފިނިފެންމަލާއި ބޯގަންވިލާ ގަސްތަކުން ހިތްގައިމުކަމެއް ގެނެސްދެއެވެ.
ސޯފާގައި އޮށޯވެލައިގެން އޮތް އައިރާ ފޭސްޓައިމް އެޕް ހުޅުވާލަމުން ޒޯހަންއަށް ގުޅާލިއެވެ. ފުރަތަމަ ރިންގާއެކު ޒޯހަން ފޯނު ނަގައިފިއެވެ. ޒޯހަން އޭރު ވެސް އުޅެނީ އޮފީހުގައެވެ. މަސައްކަތުގެ ވަރުބަލިކަމުގެ ތެރެއިން ވެސް އައިރާ ފެންނައިރަށް ހިނިތުންވެލިއެވެ.
''ލޯންގް ޑޭއި؟...'' އައިރާއަށް އަހާލެވުނެވެ.
''މި ނިމުނީ، މެއިލްތަކަށް ޖަވާބު ދީފަ މިއަދަށް ނިންމާލާނީ...'' ޒޯހަން ބުންޏެވެ. ކެބިންގެ މޭޒު މަތީ ހުރުކޮށްފައި ހުރި ސްޓޭންޑްގައި ފޯނު ހަރުކޮށްލަމުން އައިރާއާއި ވާހަކަދައްކަމުން ޒޯހަން މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.
''ޒާން...'' އައިރާ ގޮވާލިއެވެ.
''ކީކޭ ދޫންޔާ...'' ކީބޯޑްގައި ނިކަން ފަރިތަކަމާއެކު ލިޔަމުން ޒޯހަން ބުންޏެވެ.
''އިޔޫ!... ނޯ!... އެނޫން ނަމެއް...'' އައިރާއަށް މޫނަށް ގޮތެއް ހަދާލެވުނެވެ. އެވަގުތު ޒޯހަންގެ ހުނުމުގެ އަޑު އިވުނެވެ.
''އޯކޭ... އައިރާ...'' ހިނިތުންވުމަކާއެކު ޒޯހަން ވާހަކަދެއްކިއެވެ.
''ދެން!...'' އައިރާއަށް ތުންފިއްތާލެވުނެވެ.
''ސޮރީ... މައި ލަވް... މިހާރު ރަނގަޅުތަ؟...'' ޒޯހަން ބުންޏެވެ.
''ބެޓާރ...'' ތުންފިއްތަން އުޅުނު އައިރާއަށް ހެވުނެވެ.
''ކީކޭތަ އޭރު ބުނަން އުޅުނީ؟...'' ހުނުމުގެ ތެރޭން ޒޯހަން އަހާލިއެވެ.
''ބުރާސްފަތި ދުވަހު ފްރީވާނެތަ؟...'' އައިރާ ސުވާލުކޮށްލިއެވެ. އިރުކޮޅަކު ވިސްނަން އިނދެފައި ހަފްތާގެ ކަލަންޑަރު ޒޯހަން ބަލައިލިއެވެ.
''މިނިވަން ދުވަހެއްނު؟... އެހެންވީމަ ފްރީ ވާނެ... ކިހިނެއްވީ، ޑޭޓަކަށް ދާންތަ؟...'' ލާނެއް ހިނިތުންވުމަކާއެކު ޒޯހަން ވާހަކަދެއްކިއެވެ. އައިރާއަށް ބަލަމުން އޭނަ ބުމަ އަރުވަން ފެށިއެވެ.
''އެއްކަލަ ފެށިއްޔޭ... ދެން ފާޑަކަށް ޑޭޓެއް... ސްކޫލް ފަރާތުން ހަމަޖެއްސި ދަތުރުގައި ބައިވެރިވާންކަމަށް...'' އައިރާ ބުނެލިއެވެ.
''ވާއު!، ވެރީ ރޮމޭންޓިކް...'' ސަމާސާ ރާގަކަށް ޒޯހަން ބުނެލިއެވެ. ''ދެން ތިހާ ލޯބިން އަރޫ ދައުވަތު ދިނީމަ ދާންތާ ޖެހޭނީ...''
ދެޒުވާނުން ވާހަކައިގައި ތިއްބާ މަޣުރިބު ނަމާދަށް ބަންގި ދިން އަޑު އިވުނެވެ. ފޯނުކޯލް ކުރުކޮށްލަމުން، އައިރާ އެތެރެއަށް ވަންނަން ހިނގައިގަތެވެ. ބެލްކަނީގެ ދޮރު ބިސްމި ކިޔާލަމުން ލައްޕާލިއެވެ. އަދި ދޮރުގެ ފަރުދާތައް ވެސް ކައިރިކޮށްލިއެވެ. ނަމާދަށް އަރަން ދިއުމުގެ ކުރިން ބޮޑު ކޮޓަރީގެ ޓީވީ ހުޅުވާލަމުން ބަޤަރާ ސޫރަތް ވެސް ޖަހާލިއެވެ.
*****
ބުރާސްފަތި ދުވަހަށް މޫސުން ރަނގަޅުކޮށްލައިފިއެވެ. ހެނދުނު ފެނުން ތޮޅެލި އިރު އޭގެ މަސްއޫލިއްޔަތާ ހަވާލުވެފައިވަނީ ފާއިތުވި ދުވަސްތަކުގައި ކުރި ވިއްސާރައިގެ އަސަރު ފޮހެލަން އުޅޭ ފަދައަކުންނެވެ. އަވިގަދަކަމުން ތަފާތު ހޫނުކަމެއް ވެސް އިހުސާސްކުރެވެއެވެ. ނުސިޔާނު ވައިރޯޅިތައް މަޑުވެ، ކަނޑުގެ ސަތަހަ ހަލަބޮލިކޮށްލި ބާނީތައް ވެސް ހިނދިގެން ގޮސްފިއެވެ. ޖެޓީ ހަޔެއް ކައިރިއަށް ސްކޫލްގެ ހުރިހާ ޓީޗަރުންނާއި، އޮފީސް ކުދިންގެ އިތުރުން ސަޕޯޓް ސްޓާފުން ވެސް އެއްވެފައި ތިއްބެވެ. ދެބަޔަކަށް ގްރޫޕްތައް ބަހާލައި ފުރަތަމަ ގްރޫޕް ފުރަން ތައްޔާރު ވެއްޖެއެވެ. ޒޯހަން، އައިރާ، ނޫރާލް އަދި ޖާދިން ލައްވާލީ ދެވަނަ ގްރޫޕްގައެވެ. ފަޒްނާގެ ނަން ފުރަތަމަ ގްރޫޕްގައި އޮތުމުން ޝަކުވާ ބޮޑުކޮށް ބޮޑާ ހާކައިގެން ގުރޫޕް ވެސް ބަދަލުކޮށްފިއެވެ. ޖާދިންއާއި އެކުގައި ދެވޭތީ ފަޒްނާ ހުރީ ނިކަން ހެވިފައެވެ.
ބޮލުގައި އަޅާފައި އޮތް ބޮޑު ތޮފި ރީތިކޮށްލަމުން ފަޒްނާ އައިސް ޖާދިންގެ ގާތުގައި އިށީނެވެ. ވަށް ބުރު މަތީ ޖާދިން އިށީނދެލައިގެން އިނީ ފުރުމަށް ދޯނި ތައްޔާރުވަންދެކަށެވެ.
''ހާދަ ހޫނު ދުވަހެކޭ ދޯ؟...'' ފަޒްނާ ބުންޏެވެ. ޖާދިން އެއްވެސް ސަމާލުކަމެއް ނުދިނެވެ. އޭނަ ކުޑަކޮށް ދުރަށް ވެސް ޖެހިލިއެވެ.
ފަޒްނާ ސަމާލުކަމެއް ނުދިނެވެ. އަނެއްކާ ވެސް ޖާދިންގެ ގާތަށް ޖެހިލަން އުޅުނެވެ. އާންމުކޮށް ޖާދިން ލައި އުޅޭ ރަސްމީ ހެދުމުގެ ބަދަލުގައި ޕޯލޯ ޓީޝާޓަކާއި ސޯޓެއްގައި ހުރުމުން ވަކިން ބޮޑަށް ރީތިކަމަށް ދައްކައެވެ. ބާރުގަދަ އަތުގެ މުލައްދަނޑި ވެސް އޮތީ ހާމައަށެވެ. ހަމައެއާއެކު އަތުގެ މުލައްދަނޑިން ފެށިގެން ގޮސް އަތުގެ ކުޑަހުޅާއި ހަމައަށް އެއްނާރު ފުފިފައި ހުރުމުން ހިތްދަމައިގަންނަ ކަހަލަ ގޮތެއް ހުއްޓެވެ.
ފަޒްނާގެ އުނދަގޫ ބޮޑުވުމުން ޖާދިން ކޮޅަށް ތެދުވުނެވެ. އޭނަ ހިނގައިގަތީ ވާޓަރު ކައިރީ ހުއްޓިލައިގެން ހުރި ނޫރާލްގެ ގާތަށެވެ. ނޫރާލް ހުރީ ޒޯހަންއާއި އައިރާ ގާތުގައެވެ. އޮލަވާހަކައެއްގައި ތިއްބާ ޖާދިން ދިއުމުން ޒޯހަންއަށް ޖާދިން ތަޢާރަފްކޮށްދިނީ ނޫރާލް އެވެ. ޖާދިންއަށް ސަލާމްކޮށްލުމަށް ޒޯހަން އަތްތިލަ ދިއްކޮށްލިއެވެ.
''އާރގްގް... ކީއްވެތަ އަހަންނަށް ރަނގަޅު ގޮތެއް ނުވަނީ؟...'' ފަޒްނާގެ ދެލޮލުގައި ވަނީ ރުޅިވެރިކަމެވެ. ހާއްސަކޮށް ޒޯހަންއާއި އައިރާއަށް ދިން ނަޒަރުގައި ވަނީ ހަސަދަވެރިކަމެވެ. ޒޯހަން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އޭނަގެ ހިތް ދެވުނެވެ. ނަމަވެސް އެނަސީބު އައިރާގެ ސަބަބުން ލިބޭ ގޮތެއް ނުވިއެވެ. އެކަމުގެ ގިލަންވެރިކަމުގައި ވަނިކޮށް އޭނަގެ ހަޔާތަށް އައީ ޖާދިން އެވެ. މިހާރު އެއުފާވެރިކަން ފޭރިގަންނަން އުޅެނީ ނޫރާލް އެވެ. ހިތާހިތުން ފަޒްނާ ކުދިކިޔާލިއެވެ. މޫނުގެ ކުލަވަރު މުޅިންހެން ވަނީ ބަނަވެފައެވެ.
''ރަނގަޅީ ކައިވެނި ނުކުރެވިއްޖެއްޔާ!، ހާދަ ފޫއްސެއްވެއްޔޭ...'' އައިރާއަށް ބަލަމުން ފަޒްނާ ބަދުދުޢާކޮށްލިއެވެ.
(ނުނިމޭ)