ވާހަކަ

އަލިވިލުން - 18

"ރޫހީއްތާ، އާދެބަލަ..."

އެއީ ލާނާގެ އަޑެވެ. މާނައަކީ ކުޑަދޮރުން އޭނާގެ ހިޔަނި ފެނުނީއެވެ.

މަޑުމަޑުން ދޮރު ހުޅުވާލީ ތާތި ނިދާފައި އޮވެދާނެތީ އޭނާއަށް އުނދަގޫ ވެދާނެތީއެވެ. އެވަގުތު ދިމާއަށް ގޮދަނޑިމަތީ ކުރުއަތް މަތީ އޮތް ތާތިގެ ހެވިފައިވާ މޫނު ފެނިފައި ހައިރާންވެފައި ރޫހީން ބަލައިލީ އެނދުގައި އޮތް ލާނާއަށެވެ. ދެމީހުންގެ މޫނުމަތީންވެސް ދޭހަވަނީ ދެމީހުންވެސް އެ ތިބީ ރޭއްސުރެ ނުނިދާ ކަމެވެ. ނުވަތަ މާ ފަތިހާ ހޭލައިގެން ނުނިދާ ތިބީއެވެ. އެކަމަކު ހާދަހާ ގަބޫލު ކުރަން ފަސޭހަ ނޫން ކަމެކެވެ. އެ ދެމީހުންނަކީވެސް ފަތިސްނަމާދު މާ ގަވާއިދުން ކުރާ ބައެއް ނޫން ކަމަށްވާތީއެވެ.

"މާތްކަލާކޯ. ކޮން ދިމާއަކުން އިރުއެރި ދުވަހެއް،" އެނދުގެ މަގަތުން އިށީންނަމުން ރޫހީން އަހާލިއެވެ.

"ނިދާނީ ކިހިނެއް؟ އެއަށްވުރެ އެ ފަޅީގައި ކަންތައް ގޯހޭ، މިކޮޅުވެސް ސަލާމަތްވާނެ ހެނެއް ހިއެއް ނުވޭ،"

ތާތި ތެދުވެގެން ގޮސް މޭޒު ކައިރިއަށް ހުއްޓި ހޫނު ފެން ކެއްކުމަށް ޖަގު ޖައްސަމުން ބުނެލިއެވެ.

"ތި ބުނީ....؟" ރޫހީން އަހާލިއެވެ.

"ސާބަހޭ، އެންމެ އަޕްޑޭޓް ވާންޖެހޭ މީހާ މިއަދު ކިހިނެއް ވެފައި ހުރި ދުވަހެއްތަ؟ ނޭނގޭތަ، ރޯދައަށް ހަނދު ބަލަން ދެ ދުވަހަށް ވީ، ރޯދަ އައުމުގެ ކުރިން އީދު އައިސްގެން އެ އުޅެނީ...."

ރޫހީނަށް ލާނާގެ ވާހަކައިގެ މާނަ ވިސްނޭކަށް އިރުތަކެއް ނުނެގިއެވެ. ހަމަ ކުޑައިރުކޮޅެއް ކުރިން، ހުކުރު ދުވަސްދުވަހު ހިމޭންވެ ނިދާފައި އޮންނަ ފަސް ނަންބަރު ގޮޅި ތެރެއަށް މާއިރާ މެންދުރު ވެފައި އޮތްކަން ހަނދާންވެއްޖެއެވެ.

"އާނހާ. އެހެންވެ ދޯ ނާޒު އާއި ޒުނާނު އެ ދިޔައީ ފަސް ނަންބަރަށް؟ އިއްޔެ އެކަހެރިއަށް ދިޔަ މީހާ އަދި ނާންނާނެއެއްނު، ރީނާ ވީ އެކަހެރީގައެއްނު، ހާދަ އަވަހަށް އީދު އައީ؟" ތާތި ދިއްކޮށްލި ކޮފީތަށީގައި ހިފަމުން ރޫހީން އަހާލިއެވެ. "އާނހާ، ކޮންމެވެސް މީހަކު ފަތިހު ޖަލުތެރެއަށް ވެއްދި އަޑު އިވުނޭ، ރީނާ އެކަހެރިން އައީ، އޭހ. އެހާ އަވަހަށް؟ ހަވީރެއްނު އަންނަން ޖެހޭނީ؟"

"ކަލޯ. ތިއޭ ބުނަން މިއުޅޭ އެއްޗަކީ، އިއްޔެ ހަވީރު އެކަހެރިއަށް ދިޔަ މީހާ ފަތިހު އަތުވެއްޖެ، އެކަހެރިގޭގައި ފިރިމީހާއާ ދެމީހުން ރަނގަޅަށް ބޯލައިގެން ތޯއްޗެއް. ހެނދުނުގެ ފެރީއިން ރަޒީން މާލެ ދާން ޖެހޭތީވެޔޯ، ހުޅުވި ދޮރާއެކު ފުމެމުން އައޭ މި ގޮޅިއަށް، ޗާޖަރު ހޯދާށޭ ކިޔާފަ. މަ ރުޅި އައިސްގެން ބުނިން މިއީ ހުކުރު ދުވަސްކަން ހަނދާން ނެތޭ ވަރުވެފަހޭ ތިހިރީ، ބުނީމަ ދެން ބުނީ މާ މޮޅު އެއްޗެއް ދޭށޭ، ފަހުންދޭ ގޮތަށް ހައެއްކަ ފެގު ދީބަލާށޭ، (ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ގެއްލުން ހުރި ނުބައި އާދައެކެވެ.) ސިނގިރޭޓާއި ލައިޓަރާއި ހުސްފޮށި ހޯދަން ނުކުމެ އުޅުނީ... ކީކޭ ދެން ބުނާނީ..."

"އެހެންވެ ދޯ ކަލޭމެން ތިތިބީ ހޭލާ، މަ ކާންދޭން ދިޔައިރުވެސް ހިތަށް އެރި ކަލޭމެން ހޭލާ ތިބިހެން ހީވެގެން ބަލައިލަން، އެކަމަކު މަ ހިއެއް ނުކުރާނެތާ އަސްލަށްވެސް ހޭލާ ތިބެދާނެ ކަމެއް، ދެން ކީއްވެ ތިބުނީ އެ ފަޅީގައި ކަންތައް ގޯހޭ...؟" ރޫހީން އަހާލިއެވެ.

"އެޔެއްނު ވާހަކައަކީ.... ރަޒީނު އަތަށް އަރުވައިގެން ގެނައީ ރަތަންގެ އެއްޗެއްސޭ، ރަތަންމެން ތިބޭނީ ތެޔޮލައިގެންތާ، ކާންދޭ އަތަށް ދީގެން ޕާސްކުރުވަން ހަމަޖައްސާފައި އޮތީ، ކާންދޭ ގެންދިޔަ އެއްޗެހި ހަމައެއް ނޫނޯ، ފަސް ގުރާމޯ ގެނައީ. މިކޮޅަށް އެކަތި ވައްދަދިނީތީވެ، އެކޮޅަށް ހަތަރެއް ފޮނުވަން. އެކޮޅަށް ދިޔައެތީގެ ގުރާމެއްވެސް ހަމަނުވެޔޯލަ. ކަލޯ އެބައުޅޭ ރަތަން ގޮޅީގައި ހިފައިގަނެގެން،"

"އެނގެއެއްނު، ޒުނާނުގެ ފިރިމީހާ އުޒޭރުއާއި ރަތަން އޮންނަނީ އެއް ގޮޅިއެއްގައިކަން. އުޒޭރު ފަކީރަށް ހުރިހާ ރޯޅިއެއް. ހޮޓްސީޓަށް އަރުވައިގެން އެބަތިބި." ފާރުގައި ލެގިލައިގެން ހެޑްސެޓު ޖަހައިގެން ކޮންމެވެސް އެއްޗެއް އަޑުއަހަން އިން ލާނާ އުނގުމަތީގައި އޮތް ބާލީސް އުރަތެރޭ އޮތް ފޯނު ހޯލްޑަށް ލަމުން ބުންޏެވެ.

"ޔާރައްބީ، އެހެންވެދޯ ނާޒު އާއި ޒުނާނު އެހާ ބާރަކަށް 5 އަށް އެ ދިޔައީ،"

"ބުނަން، މީގަ ޒުނާގެ އަތެއް ނޯވެ ނުދާނެ. ރީނާ ކުރިކަމެއް ކޮށްގެން އެއައީ މި އެންމެން ހަމަހަމައަށް ރާވައިގެން. އަހަރުން ކަންބޮޑުވަނީ އަނެއްކާ މިއަދުވެސް ހާވަން އައިސްދާނެތީ..." ލާނާ ހާސްވެފައިވާ އަޑަކުން ބުންޏެވެ.

"ނަސީބެއްނު، މިއަދު ހުކުރުވީމަ ޗާޖަރުތަކާއި ފޯނުތައް އަޑިއަށް ފޮނުވާލެވުނުކަން ތީތިގަނޑު ދެން ފޮރުވިދާނެތާ، އެހެން އެއްޗެއް ހުންނާނެތަ މަތީގަ؟" ރޫހީން އަހާލިއެވެ.

"އުނހު، ނުހުންނާނެ، އެކަމަކު އަނެއްކާ މިއަދުގެ ހުރިހާ ހަމަޖެހުމެއްވެސް ދާނެތީ މަށަށް ކަމުނުދަނީ. އެމީހުން ކަން ކުރަންވީ އެމީހުންގެ އުފާ ހޯދަންވީ، އެކަމުން އަހަރުންނަށް ތުރާ ޖައްސަނީ ކީއްވެތަ؟" ތާތި ބުންޏެވެ.

"އެހެންވެއޭ މަ ބުނަނީ، ތުރާ ނުވާ ގޮތަށް އުޅެން ފަށާށޭ، ތި ދެމީހުންވެސް އުޅެނީ ރިލޭޝަންތަކެއްގަ މެރީ ކޮށްބަލަ، ހާއްސަކޮށް ލާނާ ކަލޭ،.."

"އާނހާ ކިހާ ތާހިރު ވާހަކައެއް، މިހާރު ހަނދާން ނެތުނީ. މިތަނަށް އައިއިރު މީހުންނާ އިނުމާ ފިރިންގެ ޗެޕްޓާ ކްލޯޒްޑް ބުނި ރޫހީންތަ ތިއީ ހަމަ.... ކަލޯ ނުބައި ދުވަހެއް ކަންނޭނގޭ ހުރިހާ ގޮތަކުންވެސް، ކަލޭ ބަލިވެ އުޅެނީތަ؟" ލާނާ ދެލޯ ބޮޑުކޮށްލާފައި އަހާލިއެވެ.

"އޮހްހޯ ކަމްއޯން، އޮޅުވާލަން ނޫޅެބަލަ، މަގޭ ވާހަކަ ބާއްވާ، މަ މިތަނަށް އައި ފަހުން މާފޮޅުވާ ތަނެއް ނުފެންނާނެ އެކަކަށްވެސް. އެކަމަކު މިހާރަކަށް އައިސް ހަތް ނަމްބަރުން މާ ރޮމޭންޓިކް ރާގުތަކާއި އަސަރުތައް ފެނެއޭ، މައްސަލައެއް ނޫނޭ، ބުނި އެއްޗެއް ބުނީޔޯ، އަހަރެން ބަހައްޓަބަލަ. ތި ދެމީހުންގެ ރޮމޭންސްގެ ވަސް މަށާ ހަމައަށް ފޯރައިފި، އެނގިއްޖެ..." ލާނާގެ ކޮނޑުގައި ޖަހާލަމުން ރޫހީން ހީނގަތެވެ.

"ބުނަން. ނަޒްމާނު އާއެކޭ ބުނެފިއްޔާ ހަމަ މިހާރުވެސް މަ އެކަހެރި ބޭގް ވެސް ތައްޔާރުކުރަން ފަށާފާނަން، އެހެން މީހަކާ ނޫން،"

ލާނާގެ ވާހަކަ އިވުމުން ރޫހީން ބޭއިހުތިޔާރުގައި ދިޔައީ ސިހިގެންނެވެ. އަދި ބޯން އަނގައަށް އެޅި ކޮފީކޯވަރު ކަރުގައި ތާށިވުމާއެކު ކޮށިވެސް އަރައިފިއެވެ.

"އައްދެ. ނަޒުމާނުގެ ނަން އިވުމުން ކަލެއަށް ކިހިނެއްތިވީ؟" ތާތި އަހާލިއެވެ.

އެވަގުތު ބާރު ބުން އަޑަކާއެކު ކޮންމެވެސް އެއްޗެއް ފާރުގައި ޖެހުނު އަޑު އިވިއްޖެއެވެ. ހަމައެއާއެކު ހަޅޭކުގެ އަޑު އިވިއްޖެއެވެ.

"ޔަގީން ހިފައިގަތީ..." ތާތި ބުނެލިއެވެ.

"ރޫހީން، އޭތް ރޫހީން..." ދުވެފައި އައިސް ގޮޅީ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ޔުމްނާއެވެ. ކިރިޔާ 18 އަހަރު ފުރުނުތަނާހެން ވައްކަމާއި ފޭރުމުގެ މައްސަލައެއްގައި ޖަލަށް ހުކުމް ކޮށްފައި އިން އަންހެނެކެވެ. މިވެސް ފަސް ނަންބަރު ގޭންގުގެ މެންބަރެކެވެ. މި ގޮޅިއަށް އެއައީ ކީއްކުރަންބާވައެވެ؟

"ކީކޭ ޔުމްނާ، ހާދަހާ ހާސްވެ ދާހިއްލާފަ، ތިއޮތް ރޫރޫ އަޅަނީނު، ކިހިނެއްވީ؟"

"ކޮންފަދަ ބޮޑު އުނދަގުލެއްތަ؟ ބަލަ ކަލެއަކަށް ނީވޭތަ މަމިކިޔާ އެއްޗެއް؟ މިތަނުން ނުކުންނާށޭ،" އެއީ ނާޒުގެ އަޑެވެ. ނާޒުގެ ބުން އަޑުން ރުޅިއައިސް ރަތްވެފައި އެ ހަޅޭއްލަވަނީ ކާކާ ދިމާއަށްބާވައެވެ.

"ރޫހީން. ޕްލީޒް ނާޒުދޮން ހުއްޓުވޭނެ އެހެންމީހަކު ނުހުންނާނެ، އައިމީން، އެހެންމީހަކަށް އެކަމެއް ނުކުރެވޭނެ،"

ޔުމްނާ އުޅުނީ ރޫހީންގެ އަތުގައި ހިފައި އެނދުން ތެދުކޮށް އެތަނުން ގެންދިއުމަށެވެ.

"އަޅެފަހެ ކީއްވެގެންހޭ ތިއުޅެނީ، ނާޒު ކާކާ ދިމާއަށް ހަޅޭއްލަވާ އަޑު އެ އިވެނީ..." ރޫހީން ތަންކޮޅެއް ބާރަށް އަހާލިއެވެ.

"ކަލޭ ބުނާހާ ގޮތެއް ހަދަން މަމީ ކަލޭގެ ކާކު؟ ކަލޭ ނުކުރާ އާ ކަމެއް މަ އެބަކުރަންތަ؟ ނުޖެހޭ ދާކަށް މިއީ ކަލޭގެ އެކަނި ގޮޅިއެއް ނޫނޭ، މި ގޮޅީގައި އެހެންމީހަކު ވެސް އުޅޭ، އޭނައަށްވެސް ރައްޓެހިން ވެއްދޭނެ،"

ޒުވާބުގެ އަޑު އަންނަނީ މަތީ ކޮރިޑޯއިންނެވެ.

"އެއީ އަޒާލަގެ އަޑެއްނު، އޭނަ ކީއްކުރަންތަ މައްޗަށް އަރައިގެން އެ އުޅެނީ،" ރޫހީނަށް އަހާލެވުނެވެ. އެއާއެކު ކުއްލިއަކަށް ކޮންމެވެސް އެއްޗެއް ހަނދާންވެގެން ބޯހޫރާލާ ކަހަލަ ގޮތަކަށް ދެއަތަކަށް ބޯހޫރާލިއެވެ.

"މާތްކަމޯ، އެ އުޅެނީ އަލަށް އައިސްގެން އުޅޭ ސެމް ކައިރިއަށް ވަދެގެން ދޯ؟ އަޅެދެންދޯ.... އެކަމަކު ނާޒު ތިރިއަށް އައިތަން ވެސް ފެނުނު،" އަމިއްލައަށް ވާހަކަ ދައްކާ ކަހަލަ ގޮތަކަށް ރޫހީން ބުނެލިއެވެ.

"ތިރިން މައްޗަށް ދިޔަތަނާއޭ ފެނުނީ، ދޮން ތިރިއަށް އައިކަން އެނގުނީމަ އަޒާލަ މައްޗަށް އެރީ، އަސްލު ސެމްއަށް ގޮވާގޮވާ ބަލައި ފޮނުވީމަވެސް ނައީމަ އަޒާލަ ވަގަށް މައްޗަށް އެރީ، ދޮން ދިޔައިރު ސެމްގެ ބެޑަށް އަރާ އޮއްވައި ފެނުނީ، މަ ހުރީ ބޭރުގައި، މަށަށް އަޒާލައަށް ގޮވާފަ ދޮން އަންނަ ވާހަކަވެސް ބުނެވޭނެ ގޮތެއް ނުވި،"

ޔުމްނާ ކިޔައިދިނެވެ. އެވަގުތު އަނެއްކާވެސް ކޮންމެވެސް އެއްޗެއް ފާރުގައި ޖެހުނު އަޑު އިވުނެވެ.

"އައްދިޔޯތް، ބޮޑު ނުހޮރޮއްޕާނެކޭ، ދޫކުރާށޭ،" އެއީ ސެމްގެ އަޑެވެ. ކަންތައް ވަރަށް ގޯސްވެއްޖެކަން ރޫހީނަށާއި ލާނާމެނަށްވެސް އެނގުނެވެ. އެކަމަކު މައްޗަށް އަރައިގެން އުޅެނިކޮށް ޑިއުޓީއަށް ފެނިއްޖެއްޔާ އިނާޔަތްވެސް ކަނޑާނެއެވެ. އެހެން ހިތަށް އަރާފައި ރޫހީނަށް ވިސްނާލެވުނުތަނާ ލާނާ އެހެން ބުނި އަޑު އިވިއްޖެއެވެ.

"މައްޗަށް އަރައިގެން އުޅެނިކޮށް މިއަދު އެންމެންގެ ކަރު ކަނޑާލާނީ ތޯއްޗެއް،"

"ނާރާ ނެތެއްނު ވާކަށް، ކަރުގައި ހިފައިގެން ކަންނޭނގޭ މިހާރު އެ އުޅެނީ، ހަމަތެދެއް މިބުނީ، ހުކުރު ދުވަހު ހުތުބާ ގަޑީގެ ކުރިން އަންހެން ޖަލުން ނުކިޔާ ކަމަކު ނުދާނެ، މަސްތު ވައްދައިފިތަ، ނޫކަށިފުރައިގެ ފިރިހެން ކުދިންތަކެއް އަންހެން ޖަލުން ވިހާނެ، ދެން ފެންނާނީ ޅަޒުވާން އަންހެންކުދިން ފަހާ ދުވާތަން، އެ ފެންނަނީ އެ މަންޒަރު، ދެން ފެންނާނީ އަނބިން ފިރިން ހިލޭ އަނބިން ހޯދާތީ ހަޅޭއްލަވާ އަޑު، މިއޮތީ ވާ ދުނިޔެމަތީގެ ތުރާލެއް، ސަދޫމަށްވުރެ ނުބައި،"

ކޮފީ ހުސްކުރި ޖޯޑު ބަހައްޓާފައި ކުދި ކިޔަމުން ކިޔަމުން ގޮޅިން ނުކުންނަން ހިނގައިގަތް ރޫހީން ދޮރުން ނުކުމެ ހިނގައިގަންނަން އުޅެފައިމެ ހުއްޓިއްޖެއެވެ. އަދި ދިމާ ކުރިމަތީ ފެންސުގެ ގޮޅިއަކަށް ޖަހާފައި ހުރި ފިހިގަނޑު ދަމާ ނަގައިފިއެވެ.

"ތިއޯ...؟" ތާތި އަހާލިއެވެ.

"އެކަކު ހަނާވާނެ މިއަދު މަގޭ އަތުން،" ފިހިގަނޑު ހިފައިގެން ރޫހީން ހިނގައިގަތީ ބާރަށެވެ. ފަސްފަހަތުން ތާތިއާއި ޔުމްނާ ވެސް ދާން ހިނގައިގަތެވެ. އެ ވަގުތު ނުވަ ނަންބަރުން ނުކުމެގެން އައި ޒޭނާއަށް މި މަންޒަރު ފެނިފައި ގޮޅި ދޮރުމަތީގައި ހުރި ލާނާގެ ގާތަށް މަޑުޖެހިލިއެވެ.

"ކޮންހާ އަޑެއް މި އިވެނީ، ނިދަން ނޯވެވިގެނޭ މި ތެދުވީ، ކޮންތާކަށް ރޫހީ އެދަނީ؟" އާފުރިލަމުން ނިދިލޮލަކުން ލާނާއަށް ބަލައިލަމުން ޒޭނާ އަހާލިއެވެ.

"މައްޗަށް އެދަނީ، މަތިން އެބައުޅޭ ހަނީމޫނެއް ނިންމާލައިގެން، އެވެސް ދޮންގެ ގޮޅީގައި، މިއަދު ހުންނާނެ ފޯރި، ރަމީޒާ ޑިއުޓީގައި ނޫޅެއްޖެއްޔާ ނަސީބު،"

(ނުނިމޭ)