"ހަމަ ތެދަށް މިބުނީ. އަހާބަލަ މެލެކް އަށް ގުޅާފަ. މެލެކްގެ ދޮނާ ކައިރީގަވެސް އަހާބަލަ" ބާޒިލް ބުންޏެވެ.
"ތާބާ އާ އައްޒާމަށްވެސް އެނގޭނެތަ؟ އަހަރެން އަހާނީ އެމީހުން ކައިރީގަ" މައުސޫމާ ބުންޏެވެ.
ބާޒިލް ދެފަރާތަށް ބޯހޫރާލިއެވެ.
"އަހަރެންގެ އަނބިމީހާ ކައިރިއަށް ދާންޖެހެނީ މިރަށު އެންމެން ކައިރީ ބުނެފަތަ؟ " ބާޒިލް ހިތްހަމަނުޖެހުނެވެ.
އޭނާ ބޮލުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. މައިންބަފައިންގެ ކޮންމެ ސުވާލަކަށް ދޭނެ ޖަވާބެއް އޭނާގެ ނެތެވެ. އޭނާއަށް އެނގޭ އެއްޗަކީ އެތައް ދުވަހަކަށްފަހު އޭނާގެ ހަށިގަނޑަށް ހަމަޖެހުމެއް ލިބިއްޖެކަމެވެ. އޭނާގެ ހިތް އިންތިހާއަށް އުފާކޮށް ނަށަމުންދާ ކަމެވެ. އޭނާ ބޭނުންވަނީ މައިންބަފައިންގެ ސުވާލުތައް ހިފައިގެން ޖަވާބު ނުލިބޭ ކަނޑެއްގައި ފަތާކަށް ނޫނެވެ.
"އަހަރެން ނިދީ މެލީ އާއެކު. ނިދީކީ ނޫން. ނިދުނީ. އެއީ ގޯސްކަމެއްތަ؟ އަހަރެން މިހުންނަނީ ވަރަށް އުފަލުން. ޕްލީޒް އެއްވެސް މީހަކު އަހަރެންގެ މުށުން މި އުފާވެރިކަން ޖަހައިގަންނަން ނޫޅެބަލަ. ކައިވެންޏެއްގެ ހަގީގީ އުފާވެރިކަން އަދިކިރިޔާ މިލިބެންފެށީ. މެލެކްގެ މައިންބަފައިން އިން ކުރިމަތީގަވެސް މިހެން ބުނަން ކެރޭނެ" އިސްޖަހައިގެން އިނދެ ބާޒިލް ވާހަކަދެއްކިއެވެ.
އިސާހިތަކު މައުސޫމާ އާއި ޒިޔާދުގެ ހިތް މަޑުކަފަކޮޅަކަށް ވެގެން ދިޔައެވެ. ހަގީގަތުގައިވެސް ޒުވާން ފިރިހެންދަރިއެއްގެ އުފާތަކަށް ހުރަހަކަށް ވާކަށް އެމީހުން ބޭނުމެއް ނުވެއެވެ.
"ސީރިޔަސްކޮށް މަންމާ. މެލެކްގެ މައިންބަފައިން ކައިރީގަ ބުނެދީ އަހަންނަށް މާފްކުރާށޭ. ބުނެދީ އަހަންނަށް މެލެކް މުހިންމޭ. އަހަންނަށް ކެތެއްނުވާނޭ. އަހަންނަށް އެންމެ ފުރުސަތެއްދޭށޭ ބުނޭ" ބާޒިލް ކިޔަމުން ދިޔައެވެ. ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔުމާއެކު އޭނާ ތެދުވެގެން ހިނގައިގަތެވެ. އިތުރަށް ހިތުގެ ހާލަތު ކިޔައިދޭކަށް އޭނާގެ ހިތްވަރެއް ނެތެވެ.
****
ފެންވަރައިގެން ނިކުތްގޮތަށް ތުވާލި ހިފައިގެން އައިސް މެލެކް އިނީ އެނދުގައި އިށީނދެގެންނެވެ. އެއްއަތުން އިސްތަށިގަނޑު ހިއްކަމުން އޭނާ ދިޔައެވެ. އޭނާގެ ވިސްނުމާ ހިޔާލު ދަތުރުކޮށްފައިވަނީ އެހެން ދިމާލަކަށެވެ. އޭނާގެ ނަޒަރު ލަސްލަހުން އިށީނދެގެން އިން އެނދަށް ހުއްޓުނެވެ. އޭނާއަށް ގަބޫލުކުރަންވެސް ދަތިވިއެވެ. ބާޒިލްގެ ދެއަތުގެ ތެރޭގައި އޮތީ ހަމަ އޭނާ ހެއްޔެވެ؟ ހީވެސްނުކުރާފަދަ ގޮތަކަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ބަދަލުވެގެން މިދިޔައީ ކީއްވެގެން ހެއްޔެވެ؟ ކެތްނުވާ މިންވަރަށް ބާޒިލްދެކެ ލޯބިވެވުނީއެވެ. ކައިވެނީގެ ކުރިން ކައިރިނުވާންޖެހޭ ދަރަޖައަށް ބާޒިލް އާ ގާތަށް ދެވިއްޖެއެވެ. ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. ލޯބީގައި އިންފަހަނައަޅާ ދެވުނީއެވެ. ހާސްކަމާއެކު މެލެކް މޫނުގައި ދެއަތް ހިންގާލިއެވެ. ކުރެވުނީ ގޯސްކަމެކެވެ. އެ ފެންވަރަށް ވެއްޓޭކަށް ނުވާނެއެވެ. މައިންބަފައިންނަށް އެނގުނިއްޔާ ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ ތައުބާވާން ޖެހޭނެއެވެ. އަލުން މިދަފަ ކަމަކަށް ޖާގަދެވިގެން ނުވާނެއެވެ. އިންސާނެއްދެކެ ލޯބިވިޔަސް ވާންވާނީ ހައްދުފަހަނައަޅައިގެންދާ މިންވަރަކަށް ނޫނެވެ.
"ކޮންކަމަކާ ތި ވިސްނަނީ؟" މެލެކް ދިޔައީ ސިހިގެންނެވެ. މައިލީން އިނީ ކައިރީގައި އިށީނދެގެންނެވެ.
"ރޭގަ ވި ކަންތަކަށް. ދޮނާ އަޅެ އެވާހަކަ އެކަކު ކައިރީގަވެސް ނުދައްކައްޗެ" މެލެކް ބުންޏެވެ.
"މޮޔަގަނޑު" މެލެކްގެ ބޮލުގައި ކުޑަކޮށް ޖަހައިލަމުން މައިލީން ބުންޏެވެ.
"ސީރިޔަސްކޮށް. ދޮނާ... މިވާހަކަ އެކަކު ކައިރީގަވެސް ނުބުނައްޗޭ. ވަރަށް ގޯސްކަމެއް ކުރެވިއްޖެ" މެލެކް ބުންޏެވެ.
މައިލީން ހިނިއައެވެ. މެލެކް ވިސްނާގޮތް އެނގުމުން އޭނާ އަށް މަޖާވެސްވިއެވެ. އެކަމާ މާބޮޑަށް މެލެކް ވިސްނާފާނެކަމަށް އަވަހަށް ހަތިޔާރު ބަހައްޓަން އޭނާ ބޭނުންވިއެވެ. ބާޒިލް އަކީ ފިރިމީހާކަން އަންގައިދޭން ކުޑަކުޑަ އިޝާރާތެއްކޮށްލަން އޭނާ ނިންމިއެވެ.
"ޝްޝްޝް... ތިއީ ކޮންކަހަލަ ވާހަކައެއް މޮޔަކުއްޖާ. ހަޒްބަންޑް އެންޑް ވައިފް ދެމެދުގަ ކުރާ ކަންކަމުގެ ވާހަކަ ދައްކާކަށްނުވާނެ. އެއީ ލޯބި. ސަވާބު ލިބޭ ކަމެއް. ގޯޑް ބްލެސް ޔޫ ބޯތް" މައިލީން ބުންޏެވެ.
"ތިބުނީ؟ އަދި މެރީ ނުކުރަމެއްނު. ކުރިޔަވެސް ބައްޕަ ނުދޭނެ" މެލެކް ބުންޏެވެ.
"ޑޯންޓް ވޮރީ. ތިއީ ނިމިފަ އޮތް ކަމެކޭ. ނުވިސްނަބަލަ ދެން. ހިނގާބަލަ ދޮނާ އާ އެކު އަހަދުމެން ގެއަށް ގޮސްލާފަ އަންނަން. އެގޭ މަންމަ ބުނި މެލީ ގޮވައިގެން ސަޔަކަށް އަންނަން" މައިލީން ބުންޏެވެ. މެލެކް ތެދުވެގެން ހިނގައިގަތެވެ.
"މެލީ ރެޑީވެލާ. މިއަންނަނީ މަންމަ އަތުން ލޫލު ނަގައިގެން" މައިލީން ހިނގައިގަތެވެ.
****
ހަވީރުގެ ވަގުތެވެ. ހިނގާލަން ބޭރަށް ނިކުތީ މައުސޫމާ އާއި ޒިޔާދު އެކުގައެވެ. ބާޒިލްގެ ސަބަބުން ދެމަފިރިންވެސް ތިބީ ފިކުރުބޮޑުވެފައެވެ. އެކަން ނިމިގެންދާނެ ގޮތެއް ނޭނގޭތީ ހާސްކަމެއްގައެވެ. އެހެންކަމުން ބޭރަށް ނިކުމެލީ ބޯހަމަޖައްސާލުމަށެވެ. ދެމަފިރިން ހިނގަމުން ނިކުތީ ބަނދަރަށެވެ. ވަގުތުގެ ގޮތުން ބަނދަރުމަތީގައި މީހުން ގިނައެވެ. ޖެޓީމަތިން ހުސްތަންކޮޅެއް ފެނުމުން ދެމަފިރިން މިސްރާބުޖެހީ އެދިމާލަށެވެ. ހިތްފަސޭހަ ދިމާލެކެވެ. ޖެޓީމަތީގެ އެއްފަރާތުން ފެންނަން އޮތީ ހާމައަށް އޮތް ނޫ ކުލައިގެ ކަނޑެވެ. އަނެއްފަރާތުގައި އޮތީ ތަޅުން އަޅާފައިވާ ބައެވެ. ކުޑަކުދިން ދެކޮޅަށް ކުޅެ ދުވުމުގައި އުޅުނުއިރު މުޅި ތަނުގައި ހިފާލާފައިވަނީ އެކުދިންގެ ހަޅޭކުގެ އަޑެވެ. ޒިޔާދު އާއި މައުސޫމާ އިށީނީ އެންމެ މީހުން މަދު ހިސާބުގައެވެ. ކަނޑުން ނަގައިގެން އަންނަ ވައިރޯޅި އެއްވެސް ހުރަހެއްނެތި އައިސް ބީހިލާގޮތުން ދެމަފިރިންގެ ހިތަށްވެސް ހަމަޖެހުން ގެނެސްދީފިއެވެ. އެ ހަމަޖެހުން ދެމިގެން ނުދަނީސް ކުރިމަތީގައި އައިސް ހުއްޓުނީ ސިހާމާ އެވެ. ސިހާމާއަށް މައުސޫމާ ހިނިތުންވާންޖެހުނީ ގަދަކަމުންނެވެ.
"ކޮބާތަ މަގޭ ދަރިފުޅުގެ ކުށަކީ؟ ފުރަތަމަ ފަހަރެއްނޫން. ދެވަނަ ފަހަރު މީ. ހެޔޮވާނެތަ އެހެން ހަދަން. މިއަދު އެއްކޮށް މިއުޅުނީ އެފަކީރު ގޮވައިގެން މަރުކަޒުގަ" ސިހާމާ ބުންޏެވެ.
"ސިހާމާ! އަހަރެމެން ކިތަންމެ ބޭނުންވިޔަސް ދެން ކުރެވޭނެ ކަމެއްނެތް. އެގުޅުން ކުރިއަށް ގެންދަން ބާޒިލް ބޭނުންނުވަންޏާ ދެން ހެދޭނެގޮތެއް ނޯންނާނެއްނު. ތިކަމުގަ ހުސްއެކަނި ބާޒިލް ކުށްވެރިކޮށްގެންވެސް ނުވާނެއްނު" މައުސޫމާ ބުންޏެވެ.
"އާޗާ... އަމިއްލަ ދަރި ކާކަށް ގޯސްވާނީ. ބުނަން ސިހާމާ ވާހަކައެއް. ސާރާއަކީ މިފަހަރު ހިމޭނުން ހުންނާނެ ކުއްޖެއްނޫން. އަހަރެން އެމަންޖެ ހުއްޓުވާކަށްވެސް މަސައްކަތެއް ނުކުރާނަން. އެއްވެސް ކަމެއްގައި އެކުއްޖާ ޒިންމާކުރުވައިގެން ނުވާނެ. ކަލޭމެންގެ ދަރިއަށް ކުށެއް ނުކުރެވެއޭ ކަލޭމެންނަށް ހީވަންޏާ މަށަށްވެސް ހީވާނީ ހަމަ އެހެން" ސިހާމާ ދުރަށް ހިނގައިގަތެވެ.
"ކޮންކަހަލަ އަންހެނެއް. އެއީތަ އޭނަ ސާރާ ތަރުބިއްޔަތު ކުރާ ގޮތަކީ" ޒިޔާދު ބުންޏެވެ.
"ސިހާމާ އަކީ ނުބައި މީހެއްނޫން. ސާރާ އެންމެ ކުޑައިރުން ފެށިގެން އަމިއްލަ ދަރިއެއްހެން ބަލައި ބޮޑުއެކުރަނީ އޭނައެއްނު. މިއަދު ސާރާ ކަމަކާ ހިތާމަކުރަންޏާ އެންމެ ބޮޑަށް އަސަރެއްކުރާނީ އޭނައަކަށްނު. ސިހާމާގެ މަގާމުގައި އޭނަ ގޯހެއްނޫން" މައުސޫމާ ބުންޏެވެ.
މައުސޫމާއަށް ބަލައިލާފައި ޒިޔާދު ދެފަރާތަށް ބޯހޫރާލިއެވެ. މައުސޫމާގެ ނަޒަރުގައި ދުވަހަކުވެސް އަނެކަކު ގޯސް ނުވާނެއެވެ. ބަލަން ހުއްޓާ މީހަކު އޭނާގެ ކަރުގައި ވަޅި އެޅުވިޔަސް ބުނާނެއެވެ. އެއީ އޭނާ ގަސްތު ކުރި ކަމެއް ނޫނެވެ.
"ބާޒިލް ރޭގަ މެލީ ކައިރީގަ ނިދިކަމަށް އެބުނަނީ. އަހަރެން ފިކުރުބޮޑުވަނީ އެކަމާ. އައްޒާމް އާއި ތާބާ އެދެކުދިން ދުރުކުރަން އުޅޭއިރު އެދެކުދިން އެދަނީ ހައްތަހާ ގާތަށް. ކިހިނެއް ހަދާނީ؟ ޒިޔާދު ބާޒިލް ގާތުގަ ބުނެބަލަ މެލީ އާ ދުރުގަ ހުންނަން" މައުސޫމާ ވާހަކަދެއްކިއެވެ.
"އަހަރެން ބާޒިލް ގާތުގަ އެއްވެސް އެއްޗެއް ނުބުނާނަން. އެކަމަކު އައްޒާމް އާ ބައްދަކުކޮށްލާނަން. އެމީހުން އެހެން ބުންޏަސް އެއްކުއްޖަކު އަނެއް ކުއްޖަކުދެކެ ލޯބިވާއިރު ކިހިނެއް ދުރުކުރާނީ. އަހަރެމެންގެ ހަތަރުމީހުން އެއްތަނެއްގައި ތިބެ އެބަޖެހޭ މިވާހަކަ އަލުން ދައްކަން. އައްޒާމްގެ ފައިބުޑަށް ވެއްޓެން ޖެހިއްޖިއްޔާ މިފަހަރު އަހަރެން އެކަންވެސް ކުރާނަން. އެކަމަކު ފަހުފަހަރަށް. އެވަރުންވެސް އައްޒާމްގެ ރުހުން ނުލިބުނިއްޔާ ދެން ކުރާނެ ކަމެއް ނޯންނާނެ. އަހަރެން ބާޒިލް ގޮވައިގެން އަބަދުގެ އަބަދަށް މެލެކް ނުފެންނަ ހިސާބަކަށް ހިނގައިދާނަން" ޒިޔާދު ވާހަކަދެއްކިއެވެ.
ޒިޔާދުގެ މޫނަށް ބަލައިލާފައި ވަކި އެއްޗެއް ނުބުނެއެވެ. އެތައް ގޮތަކަށް ވިސްނާ ވިސްނާ އޭނާ ސިކުނޑި ވާޅުވެއްޖެއެވެ. ޒިޔާދު ބުނިހެން މިފަހަރު އޭނާ ބޭނުންވަނީ އައްޒާމްގެ ދެމަފިރިންނާ އަލުން ވާހަކަދައްކައިގެން އެދެމަފިރިން ރުއްސާށެވެ. ބާޒިލް އަށް ރުހުން ނުދިނަސް ބާޒިލްގެ މައިންބަފައިންނަށް ރުހުން ދޭންވާނެ ނޫން ހެއްޔެވެ؟ އައްޒާމްގެ ރުހުމަށްފަހު ދެން ބަދަލުވާނެ ކަމެއް ނޯންނާނެއެވެ. ބާޒިލްގެ ރުހުމަށްފަހު މިފަހަރު މެލެކް ހަވާލުވާނީ ބާޒިލް އަކާ ނޫނެވެ. މެލެކް އާ ހަވާލުވާނީ ބާޒިލްގެ މައިންބަފައިންނެވެ. އުޑަށް ބަލައިލާފައި އޭނާ ހެއްދެވިފަރާތަށް ހަމްދުކޮށްލިއެވެ.
****
މަޣްރިބް ނަމާދަށް ވުޟޫކޮށްގެން ފާހާނައިން ނިކުތް ތަބައްސުމް އަށް ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ. އޭނާ ތުވާލިން މޫނު ފޮހެމުން ގޮސް ކޮޓަރި ދޮރުހުޅުވާލިއެވެ. ދޮރުކައިރީގައި ހުރީ މެލެކް އެވެ. ކޮންމެވެސް ސަބަބަކާ ހުރެ މެލެކް އަށް ތަބައްސުމް އާ ހަތަރުކަޅި ހަމަކުރަން އުނދަގުވަމުން ދިޔައެވެ. އެކަން ތަބައްސުމް އަށް ފާހަގަވެސްވިއެވެ.
"ދަރިފުޅު ކަމަކުތަ؟" ވަދޭ އެތެރެއަށް" ތަބައްސުމް ބުންޏެވެ.
"ލޫލު ގޮވައިގެން އެގެއަށް ދާން މިދަނީ. ލޫލު އަށް ކާންދީފަ ނިންދަވާލާފަ އަންނާނަން" މެލެކް ބުންޏެވެ.
މެލެކްގެ ވާހަކަދެއްކުމުގައި ވެސް ގޮތެއް ހުރިކަން ތަބައްސުމް އަށް ފާހަގަވިއެވެ. އޭނާ ކަންބޮޑުވިއެވެ. ކޮޓަރިން ބޭރަށް ކުޑަކޮށް ނިކުމެލާފައި މެލެކްގެ އަތުގައި އަތްޖައްސާލިއެވެ.
"ދަރިފުޅު ރަނގަޅުތަ؟ ހާދަ ގޮތަކަށޭ ތިހުންނަނީ" ތަބައްސުމް ބުންޏެވެ.
"ރަނގަޅު. ފަހަރެއްގަ އެގެއަށް ދާން މަންމަމެން ގަބޫލުނުވެދާނެތީ" މެލެކް ބުންޏެވެ.
"މަންމައަށް ހެޔޮ. ކޮންމެ ރެޔަކުވެސް ދަރިފުޅު ދަމެއްނު. ދަރިފުޅު ބޭންނު އިރަކު އެގޭގަ ހުރެލާފަ އާދޭ. އެގޭ އެންމެންނަށް މަންމަގެ ސަލާމް ބުނާތި" ތަބައްސުމް ބުންޏެވެ. މެލެކް ތަބައްސުމްގެ މޫނަށް ބަލައިލަމުން ހީލިއެވެ.
މެލެކް ދިޔަދިމާލަށް ބަލަން ހުރެފައި މަޑުމަޑުން ކޮޓަރިއަށް ވަނެވެ. މެލެކް އަށް ހުރީ ބަދަލުތަކެއް އައިސްފައެވެ. އެއީ ކޮންއިރަކުން ފެށިގެން އައި ބަދަކެއްކަންވެސް އޭނާ އަށް އެނގިއްޖެއެވެ. ލޫލު އާ ބާޒިލް އާ ދުރަށް މާލެ ފޮނުވާ ބުނި ހިސާބުން މެލެކް ދެކޮޅެއް ނަހަދައެވެ. އިންކާރުކުރަން ޗުއްޕެކޭވެސް ނުބުނެއެވެ. އެހެންނަމަވެސް މެލެކްގެ ހިތުގައި ޖެހިއްޖެއެވެ. މިތަނުން ފުރައިގެން ދާކަށް ބޭނުމެއް ނުވެއެވެ. މައިންބަފައިންގެ އެދުމަށް ނޫނެކޭވެސް ނުބުންޏެވެ. ތަބައްސުމްގެ ދެލޮލުން ކަރުނައެއް ނީރާލިއެވެ. ދަރިފުޅު ހިމޭނުން ހުރީތީ މިނެގެނީ ނާޖައިޒު ފައިދާއެއް ހެއްޔެވެ؟ ދަރިންގެ ހަމަހިމޭންކަމުގެ މާނަ އެންމެ ބޮޑަށް ފަހުމުވާންޖެހޭ ބަޔަކީ މައިންބަފައިންނެވެ. މިކުރެވެނީ ރަނގަޅު ކަމެއް ނޫނެވެ. ތުވާލި މޫނު ފޮހެމުން އައިސް އޭނާ އިށީނީ އެނދުގައެވެ.
****
ދޮރާއްޓާ ހަމައަށް މެލެކްއާއެކު ރައްޔާން އައެވެ. ޖޯލީގައި އޮން މައުސޫމާ ލޫލު އުރާލިއެވެ. ރައްޔާން ހިނގައިގަތްތަނާ މައުސޫމާ ގޮވާލާފައި ކޮފީ ބޮއެގެން ދާން ބުންޏެވެ. އެހެންނަމަވެސް އެތެރެއިން ނިކުތް ބާޒިލް ފެނިފައި ރައްޔާން ދެފަރާތަށް ބޯހޫރާލިއެވެ.
"އިރާދަކުރެއްވިއްޔާ ދެން ފަހަރަކުން ބޯނަން. އެކަމަކު މެލީވެސް ބައިވެރިވަންޏާ" ރައްޔާން ބުންޏެވެ.
މައުސޫމާ ބޯޖަހާލިއެވެ. ރައްޔާނަކީ މެލެކް އަޅާލާ ރަނގަޅު ޒުވާނެއްކަން އަބަދުވެސް މައުސޫމާ އަށް އެނގެއެވެ.
"ދަނީ އޭ މެލީ" ރައްޔާން ބުންޏެވެ.
"މެލެކް ބަލައި ނަޔަސް ހެޔޮ. އަހަންނަށް އޭނަ ގެއަށް ގެންދެވޭނެ" ބާޒިލް ބުންޏެވެ.
"އަހަރެން މީގެކުރިންވެސް އަންނަނީ ކަލޭ ބުނެގެނެއްނޫން. މެލީ ތިހެން ބުނިނަމަ އަހަރެން ނައިސް ހުރީމުސް.... މެސެޖުކޮށްލާ އަންނަންވީ ގަޑި" މެލެކް އަށް ރައްޔާން ބުންޏެވެ.
ރައްޔާން ހިނގައިގަތެވެ. ބާޒިލް ގެ ދެއަތް މުށްކެވުނު މަންޒަރު ފެނުމުން މައުސޫމާ ހައިރާންވިއެވެ. ބާޒިލް ރައްޔާނަށް ހަސަދަވެރިވެއްޖެކަން އެނގުމުން ކަންބޮޑުވެސް ވިއެވެ. މެލެކް ދެކެ ބާޒިލް ލޯބިއެވަނީ ނުރައްކާތެރި ދަރަޖައަކަށެވެ.
"އާދޭ އެތެރެއަށް" ލޫލު ގޮވައިގެން ވަންނަމުން މައުސޫމާ ބުންޏެވެ.
ދޮރުކައިރީގައި ހުރި މެލެކް އަށް ބާޒިލް ބަލައިލިއެވެ. ބާޒިލްގެ މޫނަށް ބަލައިލިގޮތަށް މެލެކް އިސްއޮބާލިއެވެ. ރޭގެ މަންޒަރުތައް ހަނދާންވުމާއެކު މެލެކް އަށް ލަދުވެތި އިހުސާސްތަކެއް ކުރެވުނެވެ. މެލެކްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަގޮތުން ބާޒިލް ހިތް ލޯބިން ފުރުނެވެ. ހަނދާނަށް އައީ މެލެކްއާއެކު ހޭދަކުރެވުނު އުފާވެރި ވަގުތުތަކެވެ. ރައްޔާންދެކެ ބާޒިލް އަށް އާދެވުނު ރުޅިގަނޑުވެސް ވަގުތުން ފިލައިގެން ހިނގައްޖެއެވެ. އޭނާ މެލެކް އާ ގާތަށް ޖެހިލާފައި އަތްތިލައިގައި ހިފާލިއެވެ. އެހިނދު މެލެކް ހުޝިޔާރުވެ ބާޒިލް އާ ދުރަށް ޖެހެމުން ދޮރާށިން އެތެރެއަށް ވަނެވެ.
****
"ޒޭބާއްތަ ރެސްޓްކޮށްލާ. ކާންދީފަ މި އަންހެނާ އަށް މިއޮތީ. ދެންޖެހޭނީ ނިންދަވާލަން. އެކަމު ފާހާނައަށް ވަދެލަންދެން އިހަށް މަޑުކޮށްލަފާނަން" މެލެކް ބުންޏެވެ.
މެލެކްގެ ފަހަތުގައި ހުއްޓިގެން ހުރީ ބާޒިލް އެވެ. އެކަމެއް މެލެކްއަށް ނޭނގެއެވެ. އޭނާ ހީކުރީ ކޮޓަރިއަށް ވަނީ ޒޭބާ ކަމަށެވެ. މިސްކިތުން އައިގޮތަށް އޭނާ އަވަށް އައީ ލޫލުގެ ކޮޓަރިއަށެވެ. އޭނާ ބޭނުންވީ ގޭގައި މެލެކް ހުރިހާ ހިނދެއްގައި މެލެކް ފެންނަ ހިސާބުގައި ހުންނާށެވެ.
"އިހަށް މަޑުކޮށްބަ. ފާހާނާއަށް އަހަރެންވެސް ވަންނާނަން" ބާޒިލް ބުންޏެވެ.
މެލެކް ސިހިފައި ފަހަތް ބަލައިލިއެވެ. ބާޒިލް ފެނުމުން ހީލިއެވެ. ބާޒިލް ބުނި އެއްޗެއް ފަހުމުވުމުން ދެލޯ އަޅާލީ ފަހުންނެވެ.
"ކިއްވެ ދުރަށްދާން ތިއުޅެނީ" ބާޒިލް އައީ މެލެކް އާ ގާތަށެވެ. "ޕްލީޒް ކުޑައިރުކޮޅަކު.... އަހަރެންގެ ދެއަތުގެ ތެރޭގަ ހުރެލަބަ. މެލީ އަށް އެނގޭތަ މީގެކުރިން އަހަރެންގެ މިކަހަލަ ސަމާސާތަކާ އަޅާލުމާ ލޯބިން މެލީ ހުރީ ބާކީވެފަކަން" ބާޒިލް ބުންޏެވެ.
"އެހެންވެތަ ތިހާ ނޯޓީތިވަނީ. ބަލާބަ ރޭގަ ކުރި ކަމެއް. އަހަރެމެން ކިހާ ގޯސް" މެލެކް ބުންޏެވެ.
"އެއީ ގޯސްވުމެއް ނޫނެއްނު. އެއީ ލޯބި. މެލީ އަށް އެނގޭތަ ލޫލުއަށްޓަކައި މެލީ އުފުލި ތަކުލީފު، އެ ލަކުނު، އަހަރެމެންގެ ލޯބި ރަމްޒުކޮށްދޭ ނިޝާން ރޭގަ މެލީގެ ހަށިގަނޑުން އަހަރެން ދުށިން... ލަދުނުގަންނައްޗޭ މިހެން ބުނީމަ. އަހަރެން ބޭނުންވަނީ ތާއަބަދު އެ ލަކުނުގަ ބޮސްދޭން. ފިރުމަން" ބާޒިލް ބުންޏެވެ.
"ދެން މިވަގުތުތަ ތިވާހަކަ ދައްކަނީ. އަހަރެން ލަދުގަންނަން ފަށައިފި. ބަލާބަ ލޫލު ބަލަން އިންގޮތް" މެލެކް ބުންޏެވެ.
ބާޒިލް ލޫލުއަށް ބަލައިލިއެވެ. ފުށްދަޅުގެ މަތިގަނޑު އަނގައަށް ލައިގެން ހެވިފައި އިން ލޫލުގެ ނަޒަރު އަމާޒުވެފައި ހުރީ މަންމަ އާ ބައްޕައަށެވެ.
"ޒޭބާއްތަ އައިސްދާނެ" ބާޒިލް އާ ދުރުވެލާފައި މެލެކް އެނދުގެ އަނެއްފަރާތުން އައިސް ލޫލު ކައިރީގައި އިށީނެވެ. ލޫލު އުނގަށް ލާފައި ނިންދަވަން ތައްޔާރުވެލިއެވެ. ދަމާލި ދެފައި މަތީގައި ބާލިސް ބާއްވާފައި އޭގެމަތީގައި ލޫލު ބޭއްވިއެވެ. ބާޒިލް އެނދުގައި އޮށޯތެވެ. އިޝާރާތުން އިހަށް ވާހަކަނުދެއްކުމަށް މެލެކް ބުނުމުން ބާޒިލް އޮތީ ހިމޭނުންނެވެ. އޭނާ ވިސްނަމުން ދިޔައީ ސާރާ ދެއްކި ވާހަކަތަކާ މެދުގައެވެ. މެލެކް އާ އަދި އެވާހަކަ ދައްކަންޖެހެއެވެ. ސާރާ ކޮންމެފަދަ އެއްޗެކޭވެސް ކިޔާފާނެއެވެ. އެއްވެސް ހާލެއްގައި ސާރާގެ ސަބަބުން މެލެކް އަށް ދެރައެއް ލިބޭކަށް އޭނާ ބޭނުމެއްނުވެއެވެ. ބާޒިލް ވިސްނަން އޮތް ގޮތް ފެނުމުން މެލެކް އަށް ހެވުނެވެ. ލޫލު ނިދަންދެން ބާޒިލް އިންތިޒާރުގައި އޮތީމައެވެ. އެއްވަރަކަށް ދެފައި ތަޅުވަމުން ދިޔަސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ބާޒިލް އަށެވެ. އޭނާ އެހިނދުކޮޅުގައި ބާޒިލްގެ މުޅި ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. ބާޒިލްގެ ތަނަވަސް މޭމަތީގައި ބޯ އަޅައިގެން އެތައް ވަގުތެއް އޭނާ ހޭދަކޮށްފިއެވެ. ބޭނުންވަނީ އަދިވެސް އެފަދަ ވަގުތެކެވެ. އޭނާ ބޭނުންވަނީ ބާޒިލް ދުށުމަށެވެ. ބާޒިލްގެ އޯގާތެރި ފިރުމުންތަކެވެ. އެނދުގައި އޮވެގެން ހަމައެކަނި ވަގުތީ އުފާތަކެއް ނޫނެވެ. ދާއިމީ އުފަލާ އަރާމެވެ. އަންބެއްގެ ގޮތުގައި މުޅި އުމުރަށް ބާޒިލްއަށް ހިދުމަތްކުރާށެވެ. ފާފަތަކުން ރައްކާތެރިވެ ވަފާތެރި ބައިވެރިޔަކާއެކު ދިރިއުޅޭށެވެ. އެބައިވެރިޔަކީ ބާޒިލް އެވެ.
ފޯނުން ގަޑި ޔަގީންކޮށްލާފައިވެސް އަނެއްކާވެސް ބާޒިލްގެ ނަޒަރު މެލެކް އަށް ހުއްޓުނެވެ. މެލެކް ހިނިތުންވެލިއެވެ. އިޝާރާތުން އަދިވެސް ލޫލު ނުނިދައޭ ބުންޏެވެ. ކުޑަކުޑަކޮށް ދެލޯ މެރޭ ވާހަކަވެސް ބުންޏެވެ. ބާޒިލް އޮތެވެ. އެކޮޓަރިން ނިކުންނަ ހިޔާލެއް އޭނާގެ ނެތެވެ. އޭނާ މެލެކް އާ ދައްކަން ބޭނުންވާ ވަރަށް ބައިވަރު ވާހަކަ އެބަހުއްޓެވެ. ސާރާގެ ހަމަލާތަކަށް ތައްޔާރުވާށޭ ބުނަން ބޭނުންވެއެވެ. މުސްތަގުބަލުގެ ވާހަކަތައް ދައްކަން ބޭނުންވެއެވެ. މެލެކްގެ މައިންފައިންގެ ރުހުން ހޯދަން ބޭނުންވެއެވެ. މިހާރު އޭނާ ހުރީ މެލެކްއަށްޓަކައި ކޮންމެފަދަ ގުރުބާނީއެއް ވާންޖެހުނަސް ތައްޔާރަށެވެ. އައްޒާމް އާއި ތަބައްސުމް އާ ވެސް އޭނާ ވާހަކަދައްކާނެއެވެ. ފިނޑިކަމުގައި ލައްކަ ދުވަހު އުޅެވިއްޖެއެވެ. ހަލާލު އަނބިމީހާ އަތުން ބީވިޔަ ނުދިނުމަށް ކޮންމެ ކަމެއް ކުރަން ޖެހުނަސް އޭނާ ކުރާނެއެވެ.
"ނިދީތަ؟" ވިސްނުންތަކުގެ ކަނޑެއްގައި އޮތުމުން ލޫލު ބާއްވާފައި މެލެކް ތެދުވިއިރުވެސް ބާޒިލް އަށް ނޭނގުނެވެ.
(ނުނިމޭ)