އިރުގެ ހޫނުކަން އިންތިހާއަށް ގޮސްފައިވާ ކަހަލައެވެ. ވިލާރޮއްޖެއްގެ ލިސާނެއް ވެސް އުޑުމަތީގައި ނުވެއެވެ. ހަށިގަނޑަށް ލިބިގެންދާ ހޫނަށް ކުޑަމީސް ލުޔެއް ލިބިގެން ދަނީ ދޭތެރެއަކުން ޖެހިލާ ފިނި ރޯޅިތަކުންނެވެ. ސްކޫލުން ބޭރަށް ނިކުތް އައިރާއަށް ވަށައިގެން ހޯދާލެވުނެވެ. ތަންކޮޅެއް ދުރުގައި ޕާކްކޮށްފައި އޮތް ޒޯހަންގެ ކާރު ފެނުމުން ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ކާރާއި ހަމައަށް ދެވުނު އިރު އައިރާގެ ނިތުން ދަލުގެ އަސަރު ފާޅުވެއްޖެއެވެ. ކާރުގެ ދޮރު ހުޅުވާލުމާއެކު ބީހިލި އޭސީގެ ފިނިކަމުން އައިރާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މަންޒަރު ބަލަން އިން ޒޯހަންއަށް ހެވުނެވެ. އައިރާ ސީޓުގައި ހަމަޖެހެންދެން ބަލަހައްޓައިގެން ޒޯހަން އިނެވެ. މާނަ ފުން ހިނިތުންވުމެއްގެ އަސަރު އެތުންފަތުގައި ވިއެވެ.
''ހެނދުނު ވާރޭ ވެހުނު ހެނެއް ވެސް ހީނުވޭދޯ؟...'' ޒޯހަން ބުންޏެވެ. އައިރާ ހަމައެކަނި ބޯޖަހާލީއެވެ. ކުރިއަށް ވެރެން ބޮޑަށް އައިރާއާއި ދިމާއަށް ޒޯހަން އެނބުރިލިއެވެ. އޭރު އެތުންފަތިގައިވި ހިނިތުންވުމަށް ފަނޑުކަމެއް އަތުވެއްޖެއެވެ. ކަންބޮޑުވުމުގެ އަސަރު ޒޯހަންގެ ދެލޮލުން ފާޅުވެގެން ދިޔައެވެ.
''ވަޓްސް ރޯންގް؟...'' ޒޯހަންއަށް އަހާލެވުނެވެ.
''ކުޑަކޮށް ބޮލުގަ ރިއްސާ ގޮތްވެފަ... ބޭސް ކެއީމަ މިހާރު ކުރިއަށް ވުރެން ރަނގަޅު...'' އައިރާ ބުންޏެވެ. ޒޯހަންގެ ކަންބޮޑުވުން ދޭހަކުރެވުމާއެކު ޒޯހަންއާއި ހަތަރުކަޅި ވެސް ހަމަކޮށްލިއެވެ. އަދި ޒޯހަންއަށް ހިނިތުންވެލީ ހުރިހާކަމެއް ވެސް ރަނގަޅޭ ބުނާ ފަދައަކުންނެވެ.
އައިރާއާއި ނަޒަރު ވަކިކޮށްލުމެއް ނެތި އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން ޒޯހަން އިނެވެ. އެއަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން އޭނަ ބޯޖަހާލިއެވެ. އައިރާ ދިން ބަހުގެ ޔަޤީންކަމަށް އިތުބާރުކުރަމުން ޒޯހަން ކާރު ދުއްވާލިއެވެ.
''ރޯޒީއާއި ބައްދަލުކޮށްފަ ލަންޗަށް ދަމާ...'' ޒޯހަން ބުނެލިއެވެ.
''ހޫމް، ވަރަށް ބަނޑުހައި...'' ފަސްވަމުން ދިޔަ މަންޒަރުތަކަށް ބަލަން އިނދެފައި ޒޯހަންއަށް އައިރާ އަވަސް ނަޒަރެއް ދިނެވެ.
''ކޮންތަނަކަށްތަ ދާނީ؟...'' ޓްރެފިކަށް ސަމާލުކަން ދެމުން ޒޯހަން އެހިއެވެ.
''ކުރީ ދުވަހު ދިޔަ ކޮރެއަން ރެސްޓޯރެންޓަށް ދަމާ...'' އައިރާގެ އަޑަށް ވެރިވެގެން އައި ޖޯޝުން ޒޯހަންގެ ތުންފަތް ދެމިލީ އުފާވެރިކަމުގެ ހިނިތުންވުމަކުންނެވެ.
''އޮފްކޯޒް، ކުޅިއެއްޗެއް ނޫނިއްޔާ އަރޫއަކަށް ނުކެވޭނެ...'' އައިރާއާއި ދިމާކޮށްލަމުން ޒޯހަން ބުންޏެވެ. އެއާއެކު އައިރާ ތުންފިއްތާލިއެވެ. ޒޯހަންގެ ބަރު ފިރިހެންވަންތަ އަޑު ކާރު ތެރޭގައި ގުގުމާލިއެވެ. ހިތްގައިމުކަން އެކުލެވިގެންވި އެއަޑުގެ ތެރެއަށް އައިރާއަށް އޭނަގެ ހިތާއި ނަފުސު ދޫކޮށްލެވުނެވެ.
*****
ޓްރެފިކްގެ ސަބަބުން މާލެ ދެވެން އިރުކޮޅެއް ނެގިއެވެ. ލަސްވާނެ ވާހަކަ ބުނަން ރޯޒީއަށް އައިރާ ގުޅާލިއެވެ. އިރުކޮޅެއް ވަންދެން ރޯޒީއާއި ވާހަކަ ދައްކާލަމުން އައިރާ ފޯނު ބޭއްވިއެވެ. އޭރު ކާރު ގޮސް ސިނަމާލެ ބްރިޖް ހުރަސްކުރަނީއެވެ. ކުޑަދޮރުގެ ލޫވާއިން ބޭރު ބަލަން އައިރާ އިނެވެ. ދުރުދުރަށް ފެތުރިފައި އޮތް ކަނޑުގެ ސަތަހައާއި އުދަރެހުން ފާޅުވަމުން ދިޔަ ހުދު ވިލާތަކުން ހިތަށް ފިނިކަމެއް ގެނެސްދިނެވެ. ޖެހެމުންދާ ރޯޅިތަކުން ކަނޑުގެ ސަތަހައިގައި ބާނީތަކެއް އުފައްދަމުން ދިޔަ މަންޒަރަށް ގެއްލިފައި އިންދާ ޒޯހަން ގޮވާލި އަޑު އިވުނެވެ.
''ހޫމް؟...'' ޒޯހަންއަށް އައިރާ ބަލައިލިއެވެ. ޒޯހަން ސުވާލުކުރީ އައިރާގެ ދުވަހާއި ގުޅިގެންނެވެ. އައިރާ ބުނެދިނެވެ. ކިތަންމެ ގިނައިރަކު ޒޯހަންއާއި ވާހަކަދެއްކިކަމުގައި ވިޔަސް އޭނަ ފޫއްސެއް ނުވެއެވެ. އޭނަގެ ވާހަކަތަކަށް އަބަދުވެސް ޒޯހަން ސަމާލުކަން ދޭނެއެވެ. ފަނޑުވުމެއް ނެތް ޝައުޤުވެރިކަން އެދެލޮލުން ފެންނާނެއެވެ.
*****
''ވިންޓޭޖް ބައި ރޯޒީ'' ސްޓޫޑިއޯ ހުންނަނީ މަޖީދީ މަގުގައެވެ. ގަލޮޅު ދަނޑާއި ކައިރީގައެވެ. ދުއްވާ އެއްޗެހިން ތޮއްޖެހިފައި އޮތް މަގުން ކުރިއަށް ދެވުނީ ވެސް އެހާމެ އުނދަގުލުންނެވެ. ބައެއްފަހަރު އެއްގޮތަކަށް ވެސް ކުރިއަށް ދެވޭހެނެއް ހިޔެއް ނުވެއެވެ. މަންޒިލާއި ހަމައަށް ދެވުނު އިރު ޒޯހަން އިނީ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފައެވެ. ދޭތެރެއަކުން ކުދި ކިޔައިލާނެއެވެ. އައިރާއަށް މަޖާވެގެން ޒޯހަންއާއި ދިމާކޮށްލިއެވެ.
''ހުޅުމާލެ ދާއިރު ދެން އަރޫ ދުއްވާނީ...'' ޒޯހަންގެ ކަތި ނަޒަރު އައިރާގެ މޫނަށް ހުއްޓުނެވެ.
''ނޯ ތެންކިއު...'' އައިރާ ވަގުތުން ދެކޮޅު ހެދިއެވެ. ތުންފިއްތަން އުޅުނުކަމުގައި ވިޔަސް ޒޯހަންއަށް ހެވިއްޖެއެވެ.
''މައި ޕެސެންޖާ ޕްރިންސެސް...'' ޒޯހަން ބުންޏެވެ.
''އެ ޕްރައުޑް ޕެސެންޖާ ޕްރިންސެސް...'' އައިރާ އިތުރުކޮށްލިއެވެ. ދެޒުވާނުންގެ ހުނުމުގެ އަޑު ވެސް ކާރުގެ ތެރެއަށް ފެތުރިގެން ދިޔައެވެ.
ސްޓޫޑިއޯ ކައިރިއަށް ކާރު މަޑުކޮށްލަމުން ފުރަތަމަ އައިރާ އެތެރެއަށް ވަނުމަށް ޒޯހަން އެދުނެވެ. ކާރު ޕާކްކުރާނެ ޖާގައެއް ހޯދަން ޖެހޭނެކަން އެނގޭތީ އައިރާ ބޯޖަހާލިއެވެ. އައިރާ ގޮސް އެތެރެއަށް ވަންނަންދެން ބަލަހައްޓައިގެން ޒޯހަން އިނެވެ. އެއަށްފަހު އޭނަ އަވަސްވެގަތީ ކާރު ޕާކްކުރާނެ ޖާގައެއް ލިބޭތޯއެވެ.
*****
''ހޭއި...'' ރޯޒީ ހުރީ އައިރާގެ އިންތިޒާރުގައި ކަހަލައެވެ. ކައުންޓަރު ކައިރީގައި މުވައްޒަފަކާއި ވާހަކަދައްކަން ހުރެފައި އައިރާ ފެންނައިރަށް ގޮވާލައިފިއެވެ. ސްޓޫޑިއޯގެ މެދަށް ވާހެން ހުރި ސޯފާއަށް ރޯޒީ އިޝާރާތްކޮށްލިއެވެ. ރޯޒީއާއި ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން އައިރާ ގޮސް ސޯފާގައި އިށީނެވެ. އޭނަގެ ނަޒަރު ހުއްޓުނީ ސޯފާ ކުރިމަތީ ހުރި ކޮފީ މޭޒު މަތީ އަތުރާލާފައިވާ ކާޑު ތަކަށެވެ.
''ސޯ، ވިލް ޒާން ބީ ޖޮއިނިންގް އަސް ޓުޑޭ؟...'' އައިރާގެ ގާތަށް އައިސް ހުއްޓުނު ރޯޒީ ސުވާލުކޮށްލީ ޒޯހަން ފެންނަން ނެތުމުންނެވެ.
''ޔެސް، ކާރު ޕާކްކުރަން ދިޔައީ... އިރުކޮޅަކުން އަންނާނެ...'' ރޯޒީއަށް އައިރާ ބަލައިލިއެވެ.
''އޯހ، ގްރޭޓް... އެންމެފަހުން އަރޫ ސެލެކްޓްކުރި ކުލަތަކުން މިފަހަރު ކާޑުތައް ޑިޒައިންކޮށްފަ ހުންނާނީ... ވައި ޑޯންޓް ޔޫ ހޭވް އެ ލުކް، ޒާން އައުމުން އިތުރަށް ވާހަކަދައްކާލާނީ...'' ކޮފީމޭޒު މަތީ ހުރި ކާޑު ތަކަށް އިޝާރާތްކޮށްލަމުން ބުންޏެވެ.
ރޯޒީ ވެސް ވަކިން ހުރި ސޯފާ ގޮނޑީގައި އިށީނެވެ. އެއްފައި އަނެއް ފައި މައްޗަށް ލަމުން އޭނަ ހަމަޖެހިލިއެވެ. މެދުއުމުރަށް އަޅާފައި ވިޔަސް ފެޝަނަށް ލޯބިކުރާ މިންވަރު ރޯޒީގެ ހެދުން އެޅުމުގެ ވައްޓަފާޅިން ހާމަކޮށްދެއެވެ. ކަކުލު ހުޅުން ތަންކޮޅެއް ތިރިއަށް ދާ ޕެންސިލް ޑްރެސްގައި ރަސްމީ ގޮތެއް ހުއްޓެވެ. ކޮނޑާއި ހަމައަށް އަންނަ ބުޅި އިސްތަށިގަނޑު އޮތީ ހައިލައިޓްކޮށްފައެވެ. ހަމައެއާއެކު ކޮށްފައި ހުރި މޭކަޕުން އުމުރާއެކު މޫނަށް އަރާފައި ހުރި ރޫތައް ކޮންމެވެސް ވަރަކަށް ކަޝްފުކޮށްދެއެވެ.
ރޯޒީއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ވެޑިން ޕްލޭނާއެކެވެ. އޭނަގެ ހިދުމަތްތަކުގެ ތެރޭގައި ކައިވެނީގެ ހެދުން ޑިޒައިންކޮށް ފަަހައިދިނުމާއި، ދައުވަތު ކާޑު ފަރުމާކުރުމާއި، ބުކޭއާއި ބުޓުނިއާރތައް ވެސް ތައްޔާރުކޮށްދިނުން ހިމެނެއެވެ.
އައިރާގެ ސަމާލުކަން ކާޑުތަކަށް ހުއްޓާލިއެވެ. ކައިވެނީގެ ތީމްއަކަށް އައިރާއާއި ޒޯހަން އިހްތިޔާރުކޮށްފައި އޮތީ ރަނާއި ހުދުކުލައެވެ. ކާޑުތައް ވެސް ފަރުމާކުރެވިފައިވަނީ އެކުލަތަކާއި ގުޅުވާލައިގެންނެވެ. ކާޑުތައް ބަލަމުން ދަނިކޮށް ސްޓޫޑިއޯގެ ދޮރު ހުޅުވާލި އަޑު އިވުނެވެ.
އެތެރެއަށް ވަދެވުމާއެކު ހަށިގަނޑު އައިސް ވަށާލި އޭސީގެ ފިނިން ޒޯހަންއަށް ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ތަންކޮޅެއް ދުރުގައި ކާރު ޕާކްކޮށްފައި ހިނގަން ޖެހުމުން ޒޯހަން ހުރީ ދާހިތްލާފައެވެ. ލައިގެން ހުރި ގަމީހުގެ ފުރަގަހުން ދަލުގެ އަސަރު ފާޅުވެއެވެ. ނިތްކުރީގައި ވެސް ދާތިކިތަކުގެ އަސަރު ވިއެވެ.
ޒޯހަން އައިސް އައިރާގެ ގާތުގައި އިށިީނުމާއެކު އަދްތަބަހުން ނެގި ކުޑަ ޓިޝޫ ޕެކެޓް ޒޯހަންއަށް އައިރާ ދިއްކޮށްލިއެވެ. ހިނިތުންވުމަކާއެކު އައިރާގެ ގާތަށް ޒޯހަން ޖެހިލަމުން ޓިޝޫ އަތުލިއެވެ. ޒޯހަން ބޭނުންކޮށްފައި ހުރި ސެންޓްގެ ވަސް ދަލާއި އެކުވެފައި ހުރުމުން ހިތްގައިމުކަމެއް އެކުލެވިގެންވެޔޭ އައިރާގެ ހިތަށް އެރިއެވެ. ސޭންޑްލްވުޑްއާއި އެމްބާގެ ވަސް ގަދަވެފައިވުމުން އެތެރެއަށް ނޭފަތް ދަމާލެވުނެވެ. ޓިޝޫން މޫނުގައި ހުރި ދާތިކިތައް ފޮހެލި ޒޯހަންއަށް އައިރާގެ ފުންނޭވާ ފާހަގަ ކުރެވުނެވެ. ޒޯހަންގެ ނަޒަރު އިހުސާސްކުރެވުމާއެކު އައިރާއަށް އަވަސްއަވަހަށް މޭޒު މަތީ ހުރި ކާޑުތަކަށް އޭނަގެ ސަމާލުކަން ހުއްޓާލެވުނެވެ.
ޒޯހަންއާއި އައިރާއަށް ވެސް އެންމެ ކަމުދިޔައީ ހުދުކުލައިގެ ހަރު ކަރުދާހުގައި، ރަންކުލައިގެ ފިނިފެންމާ ބޯޑަރު އަޅައި ރަންކުލައިން ލިޔެފައި އޮތް ކާޑެކެވެ. ކާޑު އަޅަން ހާއްސަކުރެވިފައި އޮތް ސިޓީ އުރަ ވެސް ފަރުމާކުރެވިފައި ވަނީ އެކުލަތައް މަސްހުނިކޮށްގެންނެވެ. ރޯޒީގެ މަސައްކަތަށް ދެޒުވާނުން ވެސް ތައުރީފުކޮށްލިއެވެ.
ކާޑުގެ ކަންތައް ނިމުމުން ރޯޒީ ދެން ފަށައިގަތީ ކައިވެނީގެ ހެދުން ފިޓްކުރުމުގެ ވާހަކައެވެ. ހުކުރު ދުވަހު ހަވީރު ސްޓޫޑިއޯއަށް އައިސްދިނުމަށް ވެސް އެދުނެވެ. އައިރާއާއި ޒޯހަން ދާން ތެދުވެލީ ޑެމޯ ކާޑު ހިފައިގެންނެވެ. މަންމަމެންނަށް ދައްކާލުމަށެވެ.
ހަލަބޮލިކަން ވެރިވެފައި އޮތް މަގުން ހިނގަމުން ދިޔައިރުގައި އައިރާގެ އަތުގައި ޒޯހަން ހިފާލިއެވެ. އަދި އައިރާއަށް ވުރެން ކުޑަ ތަންކޮޅެއް ކުރީގައި ހުރެ ހިނގަމުން ދިޔައީ ދުވާރުމަތިން ދެކޮޅަށް ހިނގަމުން ދިޔަ މީހުންގެ ތެރެއިން އައިރާއަށް ފަސޭހައިން ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުމުގެ ނިޔަތުގައެވެ.
*****
ޖަމާއަތުގައި އިޝާނަމާދުކޮށްގެން ޒޯހަން މިސްކިތުން ފޭބީ އޭނަގެ ބައްޕަ ދައުސްއާއި އެކުގައެވެ. ގެ ހުންނަނީ މިސްކިތާއި ދާދި ކައިރީގައިކަމަށް ވުމުން ދެބަފައިން ވެސް ލަސް ހިނގުމެއްގައި ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. ދެބަފައިންގެ ދެމެދުގައި ވާހަކަތަކެއް ބަދަލުކުރެވުނެވެ. އޮފީހުގެ މަސައްކަތާއި ގުޅުވައިގެން ބައްޕަ ކުރާ ކޮންމެ ސުވާލަކަށް ޒޯހަން ނިކަން ގަޔާވެފައި ޖަވާބު ދިނެވެ. ޒޯހަންގެ މޫނުމަތިން އުފާވެރިކަން ވެސް ފެންނަމުން ދިޔައެވެ.
ޢާއިލާގެ އެންމެނާއި ޚިލާފަށް އާކިޓެކްޓަކަށް ވާން ޒޯހަން ބޭނުންވުމުން އެނިންމުމަށް އެންމެ ބޮޑު އެއްބާރުލުމެއް ވެސް ދިނީ ދައުސް އެވެ. އޭނަގެ ފިޔަވަޅުތަކުގެ ދަށުން ހުރި ހަމައެކަނި ދަރިފުޅު ޑޮކްޓަރަކަށް ވާން ހިތްއެދުނުކަމުގައި ވިޔަސް ދަރިފުޅަށް މަޖުބޫރުކުރާކަށް ދައުސް ބޭނުމެއް ނުވިއެވެ. އެކަމުން ޒޯހަންއަށް އުފަލެއް ނުލިބޭނެކަން އެނގޭތީއެވެ.
ޒޯހަންެގެ ޢާއިލާއަކީ ސިއްހީ ދާއިރާއިން އެތައް ކާމިޔަބެއް ހޯދާފައިވާ ހައިބަތު ބޮޑު ޢާއިލާއެކެވެ. ޒަމާނުއްސުރެން ޢާއިލާގައި އޮތްނަ އުސޫލަކީ ޑޮކްޓަރުން ބިނާކޮށް މުޖުތަމައުގެ ހިދުމަތަށް ނެރެދިނުމެވެ. ޢާއިލީ ކުންފުނީގެ ހިއްސާގެ ދަށުން ހުޅުމާލޭގައި ޓާޝަރީ ހޮސްޕިޓަލެއް ވެސް ހިންގައެވެ. ތަފާތު ސިއްހީ ކަންކަމަކަށް ހާއްސަކޮށްގެން ޖަމިއްޔާއެއް ވެސް ހިންގައެވެ. ''ކޮމިއުނިޓީ ކެއާ ފައުންޑޭޝަން''ގެ ނަމުން ނަން ދެވިފައިވާ ޖަމިއްޔާގެ އެންމެ ކުރީ ސަފުގައި ހުންނަނީ ޒޯހަންގެ މަންމަ ރިސާލާ އެވެ. ތަފާތު ބަލިތަކަށް މުޖުތަމައު ހޭލުންތެރިކުރުމާއި، ވޯކްޝޮޕްތަކާއި، ބަލިތަކަށް ސްކްރީނިންގް އިވެންޓްތައް ވެސް އެޖަމިއްޔާގެ ފަރާތުން ހިންގައެވެ.
''ރޯޒްވުޑް''އަކީ މާލޭގެ ނިސްބަތުން ބަލާއިރު ބޮޑު ގޯއްޗެއް ލިބިފައިވާ ގެއެކެވެ. ކަޅުކުލައިގެ ބޮޑު ގޭޓުން ވަދެގެން އަންނައިރު މެދު ގޯތީގައި އޮތްނަނީ ގޭގެ ހިތްގައިމު ބަގީޗާއެވެ. ތަފާތު މާމެލާމެއްޔާއި ފެހިކަން ގަދަ ކާޕެޓް ވިނަގަނޑުން މުޅި ގެއަށް ދިރުން ގެނެސްދެއެވެ. މެދު ގޯތީގައި ޒަމާންވީ އަނބުގަހެއް ވެސް ހުރެއެވެ. މުޅި ތަނަށް ފެތުރިލާފައި އޮތް ބިޔަ ގަހުގެ އޮފިތައް ގޮސް ގޭގެ ހާމަފޭންޑާއަށް ވެސް ހިޔާ ދެއެވެ. އަނބު މޫސުމަށްވުމުން ގަސް އޮތީ މޭވާތަކުން ބަރާވެފައެވެ. ގޭގެ ޕޯޓިކޯގެ ތަނބުތައް ހިސާރުކޮށްލާފައި ވަނީ އޮރެންޖާއި ފިޔާތޮށިކުލައިގެ ބޯގަންވިލާ ގަސްތަކުންނެވެ. ގަހުގެ އޮފިތައް ކޮށައި ވަނީ ރީތި ކޮށްފައެވެ. ގޭގެ ޑިޒައިނުގައި މުސްކުޅިގޮތެއް ހުރިކަމުގައި ވިޔަސް، ދެބުރިއަށް ނަގާފައި ހުރި ''ރޯޒްވުޑް''އަކީ ޝާހީ ގެއެކެވެ.
ދެބަފައިން ގޮސް ކާކޮޓަރިއަށް ވަންއިރު ރޭގަނޑުގެ ކެއުން ތައްޔާރުކޮށް ނިމެނީއެވެ. ހާދިމުންނަށް އަތްގާތްކޮށްލަދޭން އުޅުނު ރިސާލާއަށް ދައުސް ފެންނަ އިރަށް ހިނިތުންވެލިއެވެ. ދައުސް ވެސް ރިސާލާއާއި ފުން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
''އެއޮތް އައީނު...'' މެހެރުއްނިސާއަށް ދައުސްއާއި ޒޯހަން ފެންނައިރަށް ބުނެވުނެވެ. މެހެރުއްނިސާއަކީ ދައުސްގެ މަންމައެވެ. ގޭގެ އެންމެ އިސްވެރިޔާ ވެސް މެއެވެ. ފިރިމީހާ ނިޔާވުމަށްފަހު ޢާއިލީ ހުރިހާ މަސްއޫލިއްޔަތަކާ ހަވާލުވެ ހުރީ ވެސް އޭނަ އެވެ. ޢާއިލާގެ ހުރިހާ ނިންމުންތަކެއް ވެސް ނިމިގެންދާނީ އޭނަގެ މަޝްވަރާތަކަށް ފަހުގައެވެ. ޢާއިލާގެ ޤަދަރާއި އިއްޒަތް މުޖުތަމުގެ ތެރޭގައި ދެމެހެއްޓުމަށް އަބަދުމެ އިސްކަންދޭނެއެވެ. ނުފޫޒުގަދަ މީހަކަށް ވިޔަސް އޭނައަކީ ޢާއިލާ ދެކެ ނުހަނު ލޯބިވާ މީހެކެވެ.
އުމުރުން ހަތްދިހައިގެ އަހަރުތައް ގުނަމުންދާ މެހެރުއްނިސާއަކީ ކުރުކޮށް ހިކިކޮށް ހުންނަ މީހެކެވެ. ދިގުހެދުން ލައި ބޮޑު ބުރުގާ އަޅާފައި ހުންނައިރު އަތުގައި އަޅާފައި ހުންނަ ރަނުގެ ބޮޑު އުޅަތަކުން ޝާހީ ގޮތެއް ހުރެއެވެ. އުމުރާއެކު ރޫތައް ގިނަވެފައިވި މޫނުން ހިނިތުންވުމުގެ އަސަރު ފާޅުވީ ޒޯހަން އައިސް ބައްދާލުމުންނެވެ.
''ދެން އިށީންނަން އުޅޭ...'' ލޯތްބާއެކު ޒޯހަންގެ ބުރަކަށީގައި ފިރުމާލަމުން މެހެރުއްނިސާ ބުންޏެވެ. ޒޯހަންއަކީ އޭނަގެ ދެލޮލުގެ ނޫރެވެ. މާމަދަރިފުޅުގެ އުފަލަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވެސް އޭނަ ވެދާނެއެވެ.
މެހެރުއްނިސާ ގޮސް ކާމޭޒުގެ އެންމެ ކުރީގައި ހުރި ގޮނޑީގައި އިށީނެވެ. އޭނަގެ ފަހަތުން ޢާއިލާގެ ދެން ތިބި މެންބަރުން ވެސް އިށީނދެއްޖެއެވެ. ރޭގަނޑުގެ ކެއުން ފެށިގެން ދިޔަ އިރު ދެކެވެމުން ދިޔައީ ޒޯހަންގެ ކައިވެނީގެ ވާހަކައެވެ. މިހާރު އަބަދުމެ ކުރެވޭ މަޝްވަރާ ތަކަކީ ވެސް އެއީއެވެ. ކައިވެނި ހަފްލާގެ ހުރިހާ ކަމަކާ ހަވާލުވެ ހުރީ މެހެރުއްނިސާ އެވެ. އޭނަގެ އިރުޝާދުގެ ދަށުން ހަފްލާ ބޭއްވުމަށް ވެސް ހަމަޖެހިފައި އޮތީ ރިސޯޓެއްގައެވެ. ސިޔާސީބޭފުޅުންނާއި، މަޝްހޫރު ވިޔަފާރިވެރިންގެ އިތުރުން، ސިއްހީ ދާއިރާގެ މާހިރުންނަށް ދާންދެން މެހެރުއްނިސާ އޮތީ ދައުވަތު އަރުވާފައެވެ. ހުރިހާކަމެއް ވެސް ފުރިހަމަ ވާން އޭނަ ބޭނުންވަނީ އެހެންވެއެވެ.
''މަސް ނިމެންވާއިރަށް ރަންކިއުމުގެ ރަސްމިއްޔާތުގެ ކަންތައް ވެސް ނިންމަން އެބަޖެހޭ...'' މެހެރުއްނިސާ ބުންޏެވެ. ''ޤަމަރުމެން ބޭނުމެއް ނުވޭ އެހާ ބޮޑު ހަފްލާއެއް ބާއްވަން...''
''އެންމެ ރަނގަޅު ވާނީ ދެފަރާތުގެ ޢާއިލާ ބައިވެރިވިއްޔާ... ދެން ކައިވެނި ޕާޓީން އެންމެނާ ބައްދަލުވާނެއެއްނު...'' ދައުސް އިތުރުކޮށްލިއެވެ.
''އާނ، މަންމަ ވެސް ވިސްނީ ތިހެން...'' މެހެރުއްނިސާ ބުންޏެވެ. އޭނަ ދެން ބަލައިލީ ޒޯހަން އަށެވެ. ''ދަރިފުޅު ބުނަނީ ކީކޭ؟...''
''މާމަގެ ކޮންމެ ނިންމުމެއް ވެސް ރަނގަޅުވާނެ...'' ޒޯހަން ހިނިތުންވެލިއެވެ. ''އަހަންނާއި އަރޫއަށް ބޭނުންވަނީ މާމަމެންގެ ލޯބި...''
''މަންމަމެންގެ އެއްބާރުލުން އަބަދުވެސް ދަރިފުޅަށް ލިބޭނެ... ދަރިފުޅުގެ ހޮވުން ވަރަށް ފުރިހަމަ...'' ފަހަރުވެރިކަމުގެ ހިނިތުންވުމަކާއެކު ރިސާލާ ބުންޏެވެ. އައިރާ ދެކެ ރިސާލާ ހުންނަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އައިރާގެ ރީތިކަމަށްވުރެން އޭނައަށް ފުރަތަމަ ވެސް ފާހަގަ ކުރެވުނީ އައިރާގެ ހިތުގައި އިސްލާމްދީނަށް ދެވިފައި އޮތް ލޯތްބެވެ. ހިތްތިރިކަމެވެ. އެތުުންފަތާއި ކުޅެމުން ދިޔަ ލަދުރަކި ހިނިތުންވުމެވެ. މުށިކުލައިގެ ދެލޮލުގައި ބަބުޅަމުން ދިޔަ އޯގާތެރިކަމެވެ. ޒޯހަންގެ މުސްތަޤުބަލު އައިރާއާއި ގުޅުވާލެވުމުން ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިގެން ދެއެވެ. ޅީދަރިފުޅުގެ ހައިސިއްޔަތުން އައިރާއާއި ބައްދަލުކޮށްލެވޭނެ ދުވަހަކަށް ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފިއެވެ. އައިރާއާއި ޒޯހަން ލޯތްބާއެކު ޒަވާޖީ ހަޔާތެއް ފަށާ ދުވަސް ދެކިލަން އެހިތުގައި ވަނީ ބޭޤަރާރުކަމެވެ.
*****
ނިދީގައި އޮތް އައިރާއަށް ސިހިފައި ހޭލެވުނީ ޖެހި ބާރު ގުގުރީގެ އަޑަށެވެ. އަވަސްވެފައިވި ހިތަކާއެކު އޭނައަށް ދެލޯ ތަންމިނަށް ހުޅުވާލެވުނެވެ. އޭރު އޭނައަށް އޮވެވުނީ ލިޔާ މޭޒުމަތީ ބޯއަޅައިގެންނެވެ. ކުރިމަތީގައި ލެޕްޓޮޕް ހުޅުވާފައި ހުއްޓެވެ. ގިނަ އިރުވުމުގެ ސަބަބުން ސްކްރީން އިނީ ނިވިފައެވެ. އައިރާއަށް ބޯ ހިއްލާލެވުނެވެ. އޭރު ބޯއަޅައިގެން އޮވެވުނު އަތް އޮތީ އައްސިވެފައެވެ. އޮވެވުނު ގޮތުން ކަނދުރާގައި ވެސް ރިއްސައެވެ. ދަތްދޮޅިން ފެށިގެން ގޮސް ބޮލުގެ އެއްފަޅިއަށް ވާހެން އައްސިވެފައިވާހެން ވެސް ހީވިއެވެ.
އައިރާއަށް ކަނދުރާގައި ފިރުމާލެވުނެވެ. އެއާއެކު ރިހުން ވީ ގަދައެވެ. ލިޔާ މޭޒު މަތީ ހުރި ކުޑަ ޑިޖިޓަލް ގަޑިއަށް އޭނަ އަވަސް ނަޒަރެއް ދިނެވެ. އޭރު މެންދަމުން އަނބުރާ އެކެއް ޖެހީއެވެ. ލެސަން ޕްލޭން ތައްޔާރުކުރަން އިންދާ ނިދުނު އިރެއް ވެސް ނޭނގެއެވެ. މިއަދު ހަތަރު ދަން ފާއިތުވެގެން ދިޔައީ އަރާމުކޮށްލާނެ ފުރުސަތެއް ނުލިބިއެވެ. ރޯޒީއާއި ބައްދަލުކޮށްލުމަށްފަހު ގެއަށް އައިސް ފެންވަރާލައިގެން އަނެއްކާ ވެސް ދާން ޖެހުނީ ސްކޫލަށެވެ. އިތުރު ހަރަކާތްތަކެއް އޮތުމުން ބައިވެރިވާށެވެ. އެކަމުން އަވަދިިވިއިރު ރޭގަނޑު އަށެއް ޖަހައިފިއެވެ. ގެއަށް އާދެވުނީ ނުވައެއް ޖަހަން ކައިރިވެފައި ހުއްޓާއެވެ.
އައިރާއަށް އޭނަގެ ފޯނު ހޯދާލެވުނެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރިން ޒޯހަން ގުޅާނެއެވެ. މިރޭ އޭނަށް އެފޯނުކޯލަށް ވެސް ޖަވާބެއް ނުދެވުނެވެ. މާޔޫސްކަން އައިރާގެ ހިތަށް ވެރިވިއެވެ.
ފޯނު އޮތީ ލެފްޓޮޕް ފަހަތުގައެވެ. ނިކަން އަވަހަށް ފޯނު ނަގައި ހުޅުވާލެވުނެވެ. ހީކުރި ފަދައިން ޒޯހަން ގުޅާފައި އިނެވެ. ފޯނު ނުނެގުމުން އިނީ މެސެޖެއް ފޮނުވާފައެވެ. އައިރާއަށް މެސެޖް ކިޔާލެވުނެވެ.
''ސްވީޓް ޑްރީމްސް، މައި ލަވް'' މެސެޖް ކިޔާލުމުން އައިރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ޒޯހަން ފަދަ ރަނގަޅު ބައިވެރިއަކު އޭނަގެ ނަސީބުގައި ލިޔެވިފައިވުމުން މާތްﷲއަށް ހަމްދުކުރެވުނެވެ. އެފަދަ އޯގާތެރި އަދި ވިސްނޭ ބައިވެރިޔަކު ލިބޭނީ ނަސީބުވެރިންނަށެވެ.
ޒޯހަންއަށް މެސެޖެއް ފޮނުވަން އުޅެފައިވެސް އައިރާ އެޚިޔާލު ދޫކޮށްލިއެވެ. ފަތިހާ މެސެޖްކުރަން ހިތުލަމުން ނިވިފައި ހުރި ލެޕްޓޮޕް އޭނަ އޮންކޮށްލިއެވެ. މަސައްކަތް ގޮސްފައި އޮތް ހިސާބާ މެދު ހިތްހަމަޖައްސާލަމުން އޭނަ ލެޕްޓޮޕް ލައްޕާލިއެވެ. އެއަށްފަހު ލިޔާ މޭޒުގެ ލައިޓް ނިއްވާލަމުން އޭނަ ކޮޅަށް ތެދުވުނެވެ. އަދިވެސް ކަނާއަތުގެ އައްސިކަން ނުކެނޑެއެވެ. ކުޑަކޮށް އަތް ހަރަކާތްކޮށްލަމުން އޭނަ ގޮސް ފާޚަނާއަށް ވަނެވެ. އޭރު ބޯކޮށް ވާރޭވެހެމުން ދިޔަ އަޑު އިވެއެވެ.
(ނުނިމޭ)