"ފައިވް މިނެޓްސް ތެރޭގަ ތިގޭ ކައިރިއަށް އެބަދަން. ޓޫ މިނެޓްސް އަށް ނިކުމެލާބަ. ޕްލީޒް... " ބާޒިލް ބުންޏެވެ.
މެލެކް ނޯ އޭ ބުންޏެވެ.
"ޕްލީޒް ބޭބީ... މިއުޅެނީ ވަރަށް ބޯ ގޮވައިގެން. މެލީ ގެ މޫނު ފެންނައިރަށް ހުރިހާ ކަމެއް ރަނގަޅުވާނެ" ބާޒިލް ބުންޏެވެ.
"ނޯ" މެލެކް ބުންޏެވެ.
ބާޒިލް ހިނިއައެވެ. އޭނާ މިފަހަރު ބުނާނީ މެލެކް ޔެސް އޭ ބުނާވަރުގެ އެއްޗެކެވެ.
"ފައިން... ތިގެއަށް ވަންނާނަން ގޮސްފަ. މަންމަމެން ކައިރީގަ ބުނާނީ މެލީ ބުނެގެނޭ މިއައީ. މެލީ ބުންޏޭ ނިދުމުގެ ކުރިން މޫނު ދައްކާލައްޗޭ" ބާޒިލް ބުންޏެވެ.
"ނޯ... އަޅެ.... އަންނަމުން ބުނޭ" މެލެކް ބުންޏެވެ.
ބާޒިލް ހިނިގަނޑެއް ޖަހާލިއެވެ. މެލެކް އާ ވާހަކަދައްކާލެވުމުން އެނާގެ ބޯ ހަމަޖެހިއްޖެއެވެ.
****
މިހުރިހާއިރު މައިލީން ހުރީ މެލެކްގެ ވާހަކަތަކަށް ކަންފަތް ދީގެންނެވެ. އޭނާ މެލެކް އަށް ބަލައިލާފައި ހީލިއެވެ. ދެއަތްތިލައިގެ ތެރޭގައި ފޯނު ފިއްތާލައިގެން އިން މެލެކްގެ މޫނުމަތީގައިވީ ކަންބޮޑުވުމެވެ. މައިލީން އައިސް މެލެކް ގާތުގައި އިށީނެވެ.
"ބާޒިލްގެ ފޯނެއްތަ؟" މައިލީން އަހާލިއެވެ.
މެލެކް ކަންބޮޑުވެފައި މައިލީން އަށް ބަލައިލިއެވެ.
"ނުބުންޏަސް ދޮނާއަށް އެނގޭ. އަޑުއިވުނޭ. ބޭރަށް ނިކުންނަން ދޯ ބުނީ" މައިލީން ބުންޏެވެ.
މައިންބަފައިން އެ ގުޅުމަށް ނުރުހޭހެން ހީވާތީ މައިލީން ކައިރީގައި ސީދަލަށް ބުނާކަށް މެލެކް އަށް ނުކެރުނެވެ. އޭނާއަށް ކުރެވުނުހާވެސް ކަމަކީ ދެލޯ ބޮޑުކޮށްގެން މައިލީންގެ މޫނަށް ބަލަން އިނުމެވެ.
"މެލީ... ދޮނާ މިހުރީ މެލީ އާއެކު. ދޮނާއަށް އެނގޭ ހުރިހާ ކަމެއްވެސް. މެލީ އުފަލުން ހުންނަންޏާ ދޮނާވެސް ހުންނާނީ އުފަލުން.... ދެން ބުނެބަ ކިހާއިރަކު ނިކުންނަން ބުނީ" މައިލީން ބުންޏެވެ.
"ފަސްމިނެޓް ތެރޭގަ އަންނާނަމޭ ބުނީ" މެލެކް ބުންޏެވެ.
ދެން ތި އިންނަނީޔޯ. ތެދުވޭ ދެންވެސް" މައިލީން ބުންޏެވެ.
"ނޫން.. ނުކެރޭނެ. މަންމަމެން އައިސްދާނެ" މެލެކް ބުންޏެވެ.
"ނާންނާނެ. ފިހާރައަކަށް ނިކުތީ. މިހާރު ތިބޭނީ ކޮންމެސް މީހެއްގެ ވާހަކައިގަ ޖެހިފަ. ދެންވެސް އަވަސްކުރޭ. ދޮނާ ހުންނާނަން ފާރައަށް" މައިލީން ބުންޏެވެ. އެވަގުތު މައިލީންގެ ވަގުކަން އެނގުމުން މެލެކް އަށް ހެވުނެވެ.
"އައި ވިލް ޑޫ އެނީތިންގ ފޯ ދެޓް ސްމައިލް" ހިތާހިތުން މައިލީން ބުންޏެވެ.
"އަހަދުބެ އަށް ލަސްނުވާނެތަ؟" މެލެކް އަހާލިއެވެ.
"ހުރިހާކަމަކާ ނުވިސްނަބަލަ. ދެންވެސް ދޭ" މައިލީން ބުންޏެވެ.
މެލެކް ތެދުވިއެވެ. ލޯގަނޑު ކައިރީގައި ހުއްޓިފައި އޭނާ ލައިގެން ހުރި ހެދުމަށް ބަލައިލިއެވެ. އެއީ ކުރު ހެދުމެކެވެ. އެގޮތަށް ބާޒިލް ކުރިމައްޗަށް ދާންވީ ހެއްޔެވެ؟ އޭރުން ލާނެއް އެއްޗެކޭ ކިޔާފާނެއެވެ. އަނެއްކޮޅުން ހިލޭ ފިރިހެނެއްގެ ކުރިމައްޗަށް އަރަންޖެހޭނީ މަގުމައްޗަށް ލައިގެން ނިކުންނަ ހެދުމުގައެވެ.
"ތި އޯކޭއޭ. އެއީ މެލީ ގެ...." މައިލީންގެ ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލިއެވެ. "ޒެއްލު އެއީ ދުރުމީހެއް ނޫނޭ" ބުނަން ބޭނުންވި އެތި މައިލީން އެތެރެއަށް ދިރުވާލިއެވެ.
ބުރުގާ ރީތިކޮށްލާފައި ގަޔަށް ސެންޓް ޖަހާލާފައި މެލެކް ހިނގައިގަތެވެ. ނިކުތުމުގެ ކުރިން އެނދުގައި އޮތް އޭނާގެ ފޯނު ނެގިއެވެ. މައިލީން އަށް ބަލައިލާފައި މެލެކް އައީ ދޮރާއްޓާ ދިމާލަށެވެ. އެއީ ރައްޔާން ދަންވަރު ޑިއުޓީ އަށް ދާން ނިކުތް ވަގުތެވެ. މެލެކް އާއި މައިލީން އެހާ ސިއްރުން އުޅޭތަން ފެނުމުން ރައްޔާނަށް ސުވާލުނުކޮށް ނުހުރެވުނެވެ.
"ދޮނާވެސް މައި އާ އެއްބައިވީތަ؟ އެބަހުއްޓޭ ދޮރާށި ދޮށުގަ. މެލީ ގޮސް އޭނަ ވައްދަބަލަ" ރައްޔާން ބުންޏެވެ.
ފޯނެއް އައުމުން މައިލީން މަޑުކޮށްލިއެވެ. މެލެކް ބޭރަށް އައީ ރައްޔާނާ އެކުގައެވެ. ދޮރާށި ހުޅުވާލާފައި ފުރަތަމަ ނިކުތީ ރައްޔާނެވެ. އެހިނދު ދޮރާށި ދޮށުގައި ހުރި ބާޒިލްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ފަހަތުން ނިކުތް މެލެކް ފެނުމުން ވަގުތުން އޭނާގެ މޫނުމަތި އަމާންވެއްޖެއެވެ.
"މެލީ... އެތެރެއަށް ވަންނަންވީނު. މި ހިސާބުގަނޑު މީހަކަށް ފެނުނިއްޔާ ކޮންމެފަދަ އެއްޗެއްވެސް ކިޔާފާނެ:" ރައްޔާން ބުންޏެވެ.
ބާޒިލް ރައްޔާނަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ. ރައްޔާނުގެ ދުލުން މެލެކްގެ ނަން ކިޔާލާ އަޑުއަހާލާކަށްވެސް އެނާއަށް ނުރުހެވެއެވެ. ރައްޔާން ހިނގައިގަތުމުންވެސް ބާޒިލްއަށް ހުރެވުނީ ފާޑަކަށް ރައްޔާނު ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ.
"ހުރޭ މީހުންނަށް ހަސަދަވެރިވާން. މިވަންނަނީ އެތެރެއަށް" މެލެކް ބުންޏެވެ.
ބާޒިލް ވަގތުން އެނބުރިލިއެވެ. އެތެރެއަށް ވަންނަން އުޅުނު މެލެކްގެ އުނގަނޑުގެ ދެފަރާތުގައި ހިފަހައްޓާލި ގޮތަށް އޭނާ އާ ގާތަށް ދަމާލިއެވެ.
"އެތެރެއަށް ވަދޭ" މެލެކް ބުންޏެވެ.
ގޭދޮށު މީހަކަށް ފެނިދާނެތީ އޭނާ ކަންބޮޑުވީއެވެ. ބާޒިލް އެތެރެއަށް ވަނެވެ. އެއާއެކު މެލެކް ދޮރާށި ލައްޕާލިއެވެ.
"ކީއްތިކުރީ؟ މަންމަ އާ ބައްޕަ އަތުވެއްޖިއްޔާ އޯ" ބާޒިލް ކަންބޮޑުވިއެވެ. އޭރުވެސް މެލެކް ހުރީ ބާޒިލްގެ އަތުގައި ހިފަހައްޓައިގެންނެވެ.
"ހާދަ ބިރެކޭ. ތި ހުރިހާ ބިރެއް ފިލުވާލާ. މީހަކުދެކެ ލޯބިވެވުނީމަ ހުރިހާ ބިރެއް ފިލުވާލަންވާނެ. އެހެންނޫނީ ލޯބިނުވާނީ" މެލެކް ބުންޏެވެ. ބާޒިލްގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. މެލެކްގެ އުނގަނޑުގައި ހިފާލާފައި އަނެއްކާވެސް ކުޑަކޮށް ގާތަށް ޖައްސާލިއެވެ. މައިދޮރުގެ މަތީގައި ދިއްލާފައިވާ ރީނދޫ ކުލައިގެ ބޮކީގެ އަލި މޫނަށް އެޅިފައި ހުރުމުން ތަފާތު ރީތިގޮތެއް ހުއްޓެވެ. ބާޒިލް މެލެކްގެ މޫނާ ގާތަށް ދިޔައެވެ. މެލެކް ދިޔައީ ހެވިފައި ހުރެ މޫނު ފަހަތަށް ޖައްސަމުންނެވެ.
"ދެ މިނެޓް ވެއްޖެ" މެލެކް ބުންޏެވެ.
"ސީރިޔަސްލީ... "
"މިހާރު މަންމަމެން އަންނާނެ" މެލެކް ބުންޏެވެ.
ކައިރިން ހިޔަންޏެއްވިހެން ހީވުމުން މެލެކް ބަލައިލިއެވެ. ދޮރުން ނިކުތް މައިލީން ފެނުނީ ފަހަތުންނެވެ. ބާޒިލް ދުރަށްޖެހުނީ ކުއްލިއަކަށެވެ. މައިލީން ފެނުމުން އޭނާ ލަދުގަތެވެ.
"މަންމަމެން.. އެވަންނަނީ... ކޮޓަރިއަށް ދޭ" މައިލީން ބުންޏެވެ.
މެލެކްގެ މޫނުމަތިން ކަނބޮޑުވުން ފެނިލިއެވެ. ހާލު ބޮޑީ ބާޒިލްގެއެވެ. ބޭރަށް ނިކުންނަންވީ ކަމެއް އެތެރެއަށް ދާންވީ ކަމެއް އޭނާއަށް ނޭނގުނެވެ. އެހެން ހުއްޓާ މެލެކް ބާޒިލްގެ އަތުގައި ހިފައިގެން ކުރިއަށް ދުއްވައިގަތެވެ. ކޮޓަރިއަށް ވަދެ ތަޅުލި އަޑު މައިލީން އަށް އިވުނެވެ. އޭނާއަށް ހެވުނެވެ. ދެމަފިރިން ހީވީ އަލަށް ރައްޓެހިވެގެން އުޅުނު ދެ ލޯބިވެރިން ހެންނެވެ. މައިންބަފައިންނަށް ލޯބި ފަޅާއަރާފާނެތީ ސިއްރުން އުޅުނުހެންނެވެ. ތަބައްސުމް އާއި އައްޒާމް އެތެރެއަށް ވަނީ އެގޮތަށް މައިލީން ހެވިފައި ހުއްޓައެވެ.
"އަސްތާ ކޮންކަމަކާ މާ ހިނިއައިސްފަ" ތަބައްސުމް އަހާލިއެވެ.
****
ކޮޓަރީގައި އެކަނިވުމުންވެސް ބާޒިލް އަށް ހަމަޖެހުމެއް ނުލިބުނެވެ. މެލެކް ވެސް ހުރީ ހާސްކަމާއެކު ދެކޮޅަށް ހިނގާށެވެ. އޭނާ ވިސްނަމުން ދިޔައީ ބާޒިލް ކޮޓަރިން ނެރޭނެ ގޮތަކާ މެދުގައެވެ. ބާޒިލް ވިސްނަމުން ދިޔައީ މެލެކްގެ މައިންބަފައިންނަށް ނުފެނި ގެއިން ނިކުންނާނެ ގޮތަކާ މެދުގައެވެ. އިރުކޮޅަކުން މެލެކް ބާޒިލްގެ ހަރަކާތްތަކަށް ބަލަން ފެށިއެވެ. އޭނާ އަށް ވުރެ މާބޮޑަށް ބާޒިލް ހާސްވެއްޖެއެވެ. ހިނދުކޮޅަކަށް މެލެކް ކައިރިއަށް ހިނިއައެވެ. ބާޒިލް އާ މެދު އޭނާ ހަމްދަރުދީވިއެވެ. ބާޒިލްގެ އެ ކަންބޮޑުވުން ދުރުކޮށްދޭން އޭނާއަށް އެންމެ ހިޔާލެކެވެ. މެލެކް ބާޒިލް އާ ގާތަށް ފިޔަވަޅު އެޅިއެވެ. ބާޒިލް ނުވިސްނާ ހުއްޓާ ބައްދާލިއެވެ. ބާޒިލް އަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ހީވީ އެ ހިނދުކޮޅުގައި އެކީ އެކައްޗަކަށް އެނާގެ ކަންބޮޑުވުން ފިލައިގެން ދިޔަހެންނެވެ. ތުންފަތަށް ހިނިތުންވުމެއްވެރިވުމާއެކު އެނާ މެލެކްގެ ގައިގައި ދެއަތުން ވަށާލިއެވެ.
"އެވަރަށް ނުވިސްނާ. މިތިބީ އެކަކު އަނެކަކުގެ ގާތުގައެއްނު" މެލެކް ބުންޏެވެ.
"ނުވިސްނާނަން. މެލެކް ތިހާ ގާތުގައި ހުރީމަ ދެން ވިސްނޭނީ އެހެންކަމަކާ" ބާޒިލް ބުންޏެވެ.
މެލެކް ބާޒިލް އަށް ބަލައިލީ ކުޑަކޮށް ހެވިފައި ހުރެއެވެ. ބާޒިލްގެ ލާނެއް ކަމެއް ހުންނަކަށް އެނާ އަށް އެނގިއްޖެއެވެ. އޭނާ ބާޒިލް އަތުގައި ހިފައިގެން އައިސް އެނދުގައި އިށީނެވެ. ބާޒިލްގެ ކޮނޑުގައި ބޯ އަޅާލިއެވެ. ދެމަފިރިންގެ ދެއަތްތިލަ ވަނީ އެކަކު އަނެކަކާ ގުޅިލާމެހިފައެވެ.
"މިއީ މެލީ ނިދާ ފަޅިތަ؟" ބާޒިލް އަހާލިއެވެ.
މެލެކް ބޯޖަހާލިއެވެ. އަދި ކައިރީގައި އޮތް ބާލިސް ދައްކާފައި އެއީ އޭނާ ބޯ އަޅާ ބާލިސް ކަމުގައި ބުންޏެވެ. ކަންނެޔޮ ދައްކާފައި އެއީ އޭނާ ބައްދާ ކަންނެޔޮ ކަމުގައި ބުންޏެވެ. ބާޒިލް ކޮންމެ ބާލީހެއްގައި އަތުން ފިރުމަމުން ދިޔައެވެ. އޭނާއަށް އިހުސާސްވަމުން ދިޔައީ މެލެކްގެ ގައިގައި ފިރުމާލެވޭ ކަހަލަ އިހުސާސެކެވެ.
"ދެން ހެޔޮ. ހާދަ ބޮޑަކަށޭ ތި ލޯބިވަނީ" މެލެކް ބުންޏެވެ.
މެލެކްގެ މޫނަށް ބާޒިލް ބަލައިލިއެވެ. އޭނާ މެލެކްގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. އޭނާ ފުންމިން ނޭނގޭ މެލެކްގެ ދެލޮލަށް ބަލަންފެށިއެވެ. އެދެލޮލުގެ ތެރެއަށް ގެނބިގެންދާން ބާޒިލް ބޭނުންވިއެވެ.
"އަހަންނަކަށްވެސް މީގެކުރިން ދުވަހަކުވެސް މިފަދަ އިހުސާސެއް ނުކުރެވޭ. ހައިރާންވާކަށް ނުޖެހެއެއްނު. މެލީ ތިއީ އަހަރެންގެ މުޅި ދުނިޔެ. ލޫލު އެއީ މިދުނިގެ އިތުރަށް އުޖާލާ ކުރުމަށް އަހަރެމެން އިންދި ގަހުގަ ފުރަތަމަ އެޅި މޭވާ" ބާޒިލް ބުންޏެވެ.
"އެކަމު ލޫލު..." މެލެކް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރުމަށް ބާޒިލް ހުރަސްއެޅިއެވެ.
"އެއްވެސް އެއްޗެއް ބުނާނެ ކަމެއްނެތް" ބާޒިލް ބުންޏެވެ.
"އަހަރެން ބިރުގަނޭ" މަޑުމަޑުން މެލެކް ބުންޏެވެ.
"ކޮންކަމަކާ. އަހަރެން ދުވަހަކުވެސް މެލީ ދޫކޮށްލާފައެއް ނުދާނަން" ބާޒިލް ބުންޏެވެ.
"އަހަރެން ދާންޖެހޭ. ބައްޕަ ބޭނުންވަނީ އަހަރެން މާލޭގަ ހުންނަން. ބައްޕަގެ ނިންމުން އެއީ" މެލެކް ބުންޏެވެ.
"މެލީ އަހަންނާ ދުރަށް ދާނަންތަ؟ ދުރުގަ ހުރެވޭނެތަ؟ ލޫލު އާ ވަކިން ކެތްވާނެތަ؟" ބާޒިލް އަހާލިއެވެ.
މެލެކް ދެފަރާތަށް ބޯހޫރާލިއެވެ. އޭނާ މަޑުމަޑުން މެލެކްގެ ކޯތާފަތުގައި އިނގިލިތަކުން ފިރުމާލިއެވެ. މެލެކް އާ އިތުރަށް ގާތްވެލާފައި މެލެކްގެ ކޯތާފަތުގައި ބޮސްދިނެވެ. މެލެކް ގޮވައިގެން އެނދުގައި މަޑުމަޑުން ބާޒިލް އޮށޯވެލިއެވެ. ޗާބީ ދީފައިވާ ބުދެއްހެން ބާޒިލްގެ ކޮންމެ އިޝާރާތަކަށް މެލެކް ދިޔައީ ތަބާވަމުންނެވެ. ހިނދަކަށްފަހު ހިނދެއް ފާއިތުވަމުން ދިޔައެވެ. ހިތްހަމަޖެހުމާ އުފާވެރިކަމާއެކު ބާގީޗާގައި ފޮޅިފައިވާ މާމެލާމެލި އިތުރަށް ޒީނަތްތެރިކުރުމުގައި ވަގުތުތައް ހޭދަކުރަމުން ދެމަފިރިން ދިޔައެވެ. އެއްވެސް ހިތެއްގައި ބިރުވެރިކަމެއް ހިތްނުތަނަވަސްވުމެއް ނެތެވެ. އެއީ ހަލާލު އަނބިމީހާ ކަން ބާޒިލް އަށް އެނގެއެވެ. އެ މަލުގެ ކޮންމެ ފިޔައެއްގައި ބާޒިލް ފިރުމަމުން ދިޔައީ ނުހަނު ލޯތްބާ އޯގާތެރިކަމާ އެކުގައެވެ. މެލެކްގެ ހިތްވެސް ބުނާ ކަހަލައެވެ. ބާޒިލް އަކީ ދުރުމީހެއް ނޫނެވެ. ބާޒިލްގެ ކޮންމެ ދައުވަތެއް ގަބޫލުކުރާށެވެ. ދިރިއުޅުން އިތުރަށް ފުރިހަމަވާނީ އޭރުންނެވެ. މެލެކްގެ ހަގީގީ ބައިވެރިއަކީ ތިއީއެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން އޮތީ ދެމީހުންވެސް އެކަކު އަނެކަކުގެ ބޭނުންތައް ފުއްދައިދީ އެކަކު އަނެކަކަށް ވަފާތެރިވެގެންނެވެ.
****
ދަމުނަމާދަށް ތެދުވެފައި ތަބައްސުމް ބޭރަށް ނިކުތީ ހޫނު ފެންފޮދެއް ބަލައެވެ. ބަދިގެއިން އައިސް ކޮޓަރިއަށް ވަންނަން އުޅުނުވަގުތު ސޯފާގައި މީހަކު އޮތްހެން ހީވުމުން އޭނާ ކައިރިއަށް ގޮސް ބަލައިލިއެވެ. ތަބައްސުމްގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައެވެ. ސޯފާގައި ނިދިފައި އޮތީ މައިލީން އެވެ. ތަބައްސުމްގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. މުޅި ރޭ މައިލީންގެ ހަރަކާތްތަކުން އޭނާ ހައިރާންކުރުވިއެވެ. އަހަދުﷲ އާ އެކު ބޭރަށް ދާން އުޅެފައި ކުއްލިއަކަށް ހިޔާލު ބަދަލުވީއެވެ. ކޮޓަރިއަށް ނިދަންނުވަދެ ބޭރުގައި ނިދީއެވެ. ހެދުންވެސް ބަދަލުނުކޮށެވެ. ބޮލުގައި ބުރުގާވެސް އޮތެވެ. އަނެއްކާ ކިހިނެއްވީބާއެވެ. ގެނައި ފެންތަށި މޭޒުމަތީގައި ބަހައްޓާފައި މައިލީން އަށް ތަބައްސުމް ގޮވިއެވެ. ނަސީބަކުން ވަރަށް ފަސޭހައިން މައިލީން ހޭލައިފިއެވެ.
"މިތަނުގަތަ ދަރިފުޅު ތިއޮތީ ކީއްވެ؟ ކޮޓަރިއަށް ދޭ. މެލީއަށް ހޭލެވުނިއްޔާ ފަހަރެއްގަ ބިރުންވެސް އޮވެދާނެ" ތަބައްސުމް ބުންޏެވެ.
އަހަދުގެ ފޯނުގަ އޮށްވަ ނިދުނީ. ގަޑިން ކިހާއިރެއްތަ ވީ؟" މައިލީން އަހާލިއެވެ.
"ވިއްސަކަށް މިނެޓް ފަހުން ފަތިސްނަމާދަށް ގޮވާނެ. ކޮޓަރިއަށް ދޭ. މަންމަ އަދި މިއުޅެނީ ވިތުރި ނުކޮށް. އެކަމަކު ނިދަންވާނީ ދެން ނަމާދުކޮށްގެން" ތަބައްސުމް ދިޔައީ މައިލީންގެ ބޮލުގައި ފިރުމާލާފައެވެ. މައިލިން ބޯޖަހާލިއެވެ.
"ދެން ކިހިނެއްހަދާނީ ވެސް" މައިލީން ހިތަށް އެރިއެވެ.
އޭނާ އަށް ނިދުނުތާ އަދި ގަޑިއެއްގެ އިރުވެސް ނުވާނެއެވެ. ކުރެވުނު ކަންތަކާ މޮޔަހީވެއްޖެއެވެ. ފުރަތަމަވެސް މެލެކް އާ ބެހޭގޮތުން މައިންބަފައިން ސުވާލުކުރުމުން ތެދަށް ބުނެވުނުނަމައެވެ. ކުރިން ދޮގު ބުނެވުނީތީ ދެން ތެދު ހާމަކުރާކަށްވެސް ނުކެރޭނެއެވެ. މައިލީން ތެދުވެ ދެކޮޅަށް ހިނގަންފެށިއެވެ. އިރުކޮޅަކުން ބަންގި ގޮވާނެއެވެ. އޭގެކުރިން ބާޒިލް ގެއަށް ފޮނުވަންޖެހޭނެއެވެ. ފޯނު ހިފައިގެން މައިލީން ދިޔައީ ކުޑަ ކޮޓަރި އާ ދިމާލަށެވެ. އެއީ މައިންބަފައިންގެ ގުޅުން ރަނގަޅު ނުވަނީސް ތަބައްސުމް ނިދި ކޮޓަރިއެވެ. އެކަކަށް އޮވެވޭވަރުގެ އެނދުގައި މައިލީން އިށީނެވެ. ފޯނަށް ބަލައިލިއެވެ. ފަންސަވިސް ފަހަރު މެލެކް އަށް އޭނާއަށް ގުޅިއްޖެއެވެ. ފޯނަށް ޖަވާބެއް ނުދިނެވެ. ބާޒިލްގެ ފޯނު ނަންބަރު އޭނާއަށް ނޭނގެއެވެ. ފޯނު ނުނަގާ އެތެރޭގައި އެކުރަނީ ކޮންކަމެއް ހެއްޔެވެ؟ ހިތަށް އެރި މޮޔަ ސުވާލުން މައިލީން އަށް އަމިއްލަ ބޮލުގައި ޖަހާލެވުނެވެ. އޭނާ އެނދުން ތެދުވެ ހާސްކަމާއެކު ދެކޮޅަށް ހިނގަން ފެށިއެވެ. މެދުކެނޑުމެއްނެތި މެލެކްގެ ފޯނަށް ގުޅަމުން އޭނާ ދިޔައެވެ. ހިތާހިތުން މެލެކް ފޯނު ނަގާތޯ ދުއާކުރަމުންނެވެ. ނަސީބަކުން ހަ ވަނަ ފަހަރަށް ގުޅުމުން މެލެކް ފޯނު ނެގިއެވެ.
"ތޭންކް ގޯޑް މެލީ... ކީއްތަތިކުރަނީ؟ ކޮބާ ބާޒިލް؟ އަވަސްކުރޭ... ބާޒިލް ގެއަށް ފޮނުވާލާ. މަންމަ ނިކުންނާނެ އިރުކޮޅަކުން" މައިލީންގެ އަޑުގައި ކަންބޮޑުވުން ވިއެވެ.
****
ފަތިސްނަމާދު ކޮށްގެން ޒިޔާދު ގެއަށް އައި އިރު މައުސޫމާ އާއި ޒޭބާ ސޯފާގައި އިނެވެ. އަދިވެސް ދެމައިން ތިބީ ކަންބޮޑުވެފައެވެ. ޒިޔާދު އައިސް އިށީނުމުން ޒޭބާ ބަދިގެއަށް ގޮސްފައި ދެން އައީ ކޮފީތައްޓެއް ހިފައިގެންނެވެ.
"މެލީއަށް ގުޅިންތަ؟" ޒިޔާދު އަހާލިއެވެ.
"ގުޅިން ނުނަގަ ފޯނެއް" ޒޭބާ ބުންޏެވެ.
ޒިޔާދު ހާސްކަމާއެކު ފުންނޭވައެއް ދޫކޮށްލިއެވެ. ނުބުނެ ބާޒިލް އެދިޔައީ ކޮންތަނަކަށް ހެއްޔެވެ؟ ނުބައި ގޮތަކަށް ވިސްނާކަށް އޭނާގެ ހިތާއި ސިކުނޑިއަށް އޭނާ ތަނެއް ނުދިނެވެ.
"އަހަރެން ވަރަށް ބިރުގަނޭ އެބަ. މިރަށަކީ އާންމުކޮށް ކުށް ގިނަ ރަށެއް ނޫނަސް އަހަރެންގެ ހިތަށް ވަރަށް ފާޑުފާޑުގެ އެއްޗެހި އެބައަރާ. ޒެއްލު އަކީ މީގެކުރިން އެހެން އަންގާނުލާ ތަންތަނަށް ގޮސް އުޅޭ ކުއްޖެއްނޫން. ކޮންކަމެސް ކަމެއްވެއްޖެ. އަދިވެސް މިހެން ތިބެންވީތަ؟" މައުސޫމާ ބުންޏެވެ.
"ދެން؟ ޕޮލިހުންނަށް ގުޅަންވީ؟" ޒޭބާ އަހާލިއެވެ.
ކޮޓަރިއަށް ގޮސް ފޯނު ހިފައިގެން އައި ޒޭބާ އަށް ރަނގަޅަށް ނުއިށީނދެވެނީސް ވަދެގެން އައި ބާޒިލް ފެނިއްޖެއެވެ.
"ޒެއްލު...." ޒޭބާ ބުންޏެވެ.
ސޯފާ އާ ދިމާލަށް އައި ބާޒިލް އަށް އެންމެންނަށް ބަލަން ހުރެވުނީ ހައިރާންކަމާއެކުގައެވެ. ލައިގެން ހުރި ގަމީސް އޮތީ ރޫ ބޮނޑިއެއްހެންނެވެ. އިސްތަށިގަނޑު ހޭވިފައެވެ. މޫނުމަތިން އަދިވެސް ބާލިސް ފެންނަ ކަހަލައެވެ. ބާޒިލް ސޯފާއަށް ވެއްޓިގަތެވެ. ހިތްހަމަނުޖެހިފައި މައުސޫމާ ބާޒިލްގެ ގަމީހުގައި ހިފާ ގޮނޑިއަށް ކޮޅަށް ޖެހިއެވެ.
"ބާޒިލް ކިހިނެއް ތިއުޅެނީ؟ އަހަރެން މަރުނުވެގެންތަ ތިއުޅެނީ؟ ރޭގަ ސާރާ އާ ފަހުފަހަރަށް ބައްދަލުކުރާށޭ ކިޔާފަ ދިޔަ މީހާ އޭ ތިއައީ. އެގޭގަ ނިދާފައެއްނު ތިއައީ. އަހަރެން ލަދުން ބޯފަޅައިގެން މިދަނީ ބާޒިލް ތިއުޅޭގޮތުން" މައުސޫމާ އެއްޗެހި ގޮވަން ފެށިއެވެ.
"ބުނަންތަ ބާޒިލް، ދަރިފުޅު ތިއުޅުން އުޅެން ބޭނުންވަންޏާ މިގެއިން ދިޔަސް އެންމެރަނގަޅު. ހަމަޔަގީނުންވެސް އޭރުން އިސްއުފުލާލައިގެން ހުރެ މަގުމަތީގައި އަހަރެމެން ދެމަފިރިންނަށް ހިނގާލެވޭނެ" ޒިޔާދު ބުންޏެވެ.
އަނބިމީހާގެ ބަދަލުގައި މިފަހަރު ހިމޭންކަން އިހުތިޔާރުކޮށް މަޑުމައިތިރިކަމާއެކު ވާހަކަދެއްކީ ޒިޔާދެވެ.
"ޒެއްލު. ވަރަށް ކަޑަކޮށް ތިކަންތައްކުރީ" ޒޭބާ ވެސް ބުންޏެވެ.
ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ވާހަކަދައްކާނެ ފުރުސަތެއް ލިބޭތޯ ބަލަމުން ބާޒިލް ދިޔައެވެ. އެންމެފަހުން އޭނާ އަތުން އިޝާރާތްކޮށް އެންމެންނަށް ވާހަކަދެއްކުން ހުއްޓާލުމަށް ބުންޏެވެ.
"ސާރާ އުޅޭ ގެއަށް ދިޔައިން. މިގުޅުން ނިންމާލި ވާހަކަވެސް ބުނިން. މިހުރިހާއިރު އޮތީ އެގޭގައެއް ނޫން" ބާޒިލް ބުންނެވެ.
މައުސޫމާ އާއި ޒިޔާދު އެކަކު އަނެކަކަށް ބަލަލައިލިއެވެ.
"ދެން؟ މިތާ ތިބި ބަޔަކަށް އަންގާވެސްނުލާ ކޮންތާކު އޮތީ؟ ބާޒިލް، ތިއުޅުން ބަދަލުކުރޭ. އެއްވެސް ކަމެއްގަ ހައްދަފަހަނައަޅާ ނުދޭ. މިފަހަރުވެސް ވަގުތުފާއިތުނުވަނިސް ވިސްނައިދެނީ މި. އުންމީދުކުރަން މީގެފަހުން މިފަދަ ޝަކުވާއެއް އަހަރެމެން ކުރަން ނުޖެހޭނެކަމަށް" މައުސޫމާ ބުންނެވެ.
ބާޒިލް ފުންނޭވައެއް ދޫކޮށްލިއެވެ. މައުސޫމާގެ އަތުގައި ހިފަހައްޓާލިއެވެ. ނިދީ މެލެކް އާ އެކު ކަމަށް ބުނަން އޭނާ ނުކެރިފައި ހުރެފައި އެންމެފަހުން ލަދުކަނޑާލާފައިވެސް ބުނަން އޭނާ ނިންމިއެވެ. މައިންފައިންގެ ޝައްކުތައް ދުރުކޮށްދޭން ބޭނުންވިއެވެ.
"އަހަރެން ހިތަށްވެސް ނާރާ މަންމަމެން ލަދުގަންނަ ފަދަ ކަމެއް ކުރާކަށް. ދުވަހަކުވެސް ނުކުރާނަން. ރޭގަ ވީގޮތަކީ ސާރާ އިންޒާރުދިނީ. ބުނީ މެލެކް އަށް ހޭއަރުވާލާނެކަމަށް. އަހަރެން އޭނަ ދޫކޮށްލާފަ މެލެކް އާ އެކު އުޅެން ބޭނުންވާވަހަކަ ބުނީމަ ހަޖަމުނުކުރެވި ބިރުގަންނަ ޒާތުގެ ވާހަކަތައް ދައްކަންފެށީމަ އަހަރެން ބޯހާސްވެގެން މެލެކް އަށް ގުޅައިގެން އެގެއަށް ދިޔައީ. ވާހަކަދައްކަން ތިއްބަ އެގޭގަ ނިދުނީ. ގަދަ ނިދީގަ އޮތީމަ ފޯނެއް އައިކަންވެސް ނޭނގުނީ" ބާޒިލް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ.
މައުސޫމާ އަދިވެސް ބާޒިލް އަށް ބަލަން އިނީ ޝައްކުގެ ނަޒަރަކުންނެވެ. އަމުދުން މިހާރު ބާޒިލް އެބުނާބުނުން ގަބޫލުކުރަން އޭނާއަށް ދަތިވެއްޖެއެވެ.
"ހަމަ ތެދަށް މިބުނީ. އަހާބަލަ މެލެކް އަށް ގުޅާފަ. މެލެކްގެ ދޮނާ ކައިރީގަވެސް އަހާބަލަ" ބާޒިލް ބުންޏެވެ.
"ތާބާ އާ އައްޒާމަށްވެސް އެނގޭނެތަ؟ އަހަރެން އަހާނީ އެމީހުން ކައިރީގަ" މައުސޫމާ ބުންޏެވެ.
ބާޒިލް ދެފަރާތަށް ބޯހޫރާލިއެވެ.
(ނުނިމޭ)