ގޭޓުން އެތެރެއަށް ވަދެވުމާއެކު އައިރާއަށް ވަށައިގެން ހޯދާލެވުނެވެ. އޭރު އެކި އުމުރުފުރާތަކުގެ ކުދިންނާއިގެން މާހައުލަށް ވެރިވެފައި އޮތީ ހަލަބޮލި ކަމެވެ. ރައްޓެހިންނާއި ސަމާސާކުރަމުން ނުވަތަ އޮލަ ވާހަކަތަކެއް ދައްކަމުން ކޮންމެ ކުއްޖަކު ވެސް މިސްރާބު ޖެހީ ބެލް ޖެހުމުގެ ކުރިން ކްލާސްރޫމްތަކަށް ދެވޭތޯއެވެ. އައިރާ ފެނުމުން ބައެއް ކުދިން ގޮވާލައެވެ. އެއިން ކޮންމެ ކުއްޖަކާ އައިރާއަށް ހިނިތުންވުމެއް ބަދަލުކޮށްލެވުނެވެ. ކިޔަވައިދޭ ކުދިންގެ ފަރާތުން ލިބޭ ލޯތްބާއި އިހުތިރާމުގެ ސަބަބުން އޭނަގެ ހިތަށް ލިބިގެންދާ އުފާވެރިކަން ދުލަކުން ބަޔާންކޮށެއް ނުދެވޭނެއެވެ. ބެލެނިވެރިންގެ ފަރާތުން ލިބޭ ހިތްވަރުގެ ބަސްތަކުން ވެސް އުފާވެރިކަން އިހުސާސްކުރެވެއެވެ. ވަޒީފާގެ ބުރަކަމާ ވެސް ދުރަށް ގެންގޮސްދެއެވެ.
ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރުން ފެށިގެން ޓީޗިން ދާއިރާއަށް ނިކުތުމަކީ އައިރާގެ ހުވަފެނެކެވެ. މުޖުތަމައަށް ފައިދާ ހުރި ޖީލެއް ބިނާކުރުމުގައި އުފުލަން ޖެހޭ ޒިންމާތަކާއި، ހޭދަކުރަން ޖެހޭ ވަގުތު ގިނަވިކަމުގައި ވިޔަސް އޭނަގެ ހިތުގައި އޮތް އަޒުމަށް އެއްވެސް ބަދަލެއް ނާދެއެވެ. ކޮންމެ ގޮންޖެހުމަކާ ވެސް ކުރިމަތިލަނީ ހިތްވަރާއެކުގައެވެ. މިހާރު އެ ދާއިރާގައި އޭނަ އުޅޭތާ ދެ އަހަރު ވަނީއެވެ. އައިރާ އުޅެނީ ގްރޭޑް ދިހައެއްގެ އިނގިރޭސި ޓީޗަރަކަށެވެ.
އޮފީހާ ދިމާއަށް ހިނގަމުން ދިޔަ އައިރާއަށް މީހަކު ގޮވާލިހެން ހީވެގެން ފަސް އެނބުރި ބަލައިލެވުނެވެ. އަވަސް ފިޔަވަޅުތަކެއްގައި ހިނގަމުން އައި ނޫރާލްއާ ނަޒަރު ބައްދަލުވުމުން އައިރާގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. އައިރާއާއި ނޫރާލް އަކީ ދުވަސްވީ އެކުވެރިންނެވެ. ދެ އެކުވެރިން ފުރަތަމަ ބައްދަލުވީ މެލޭޝިޔާގައި ކިޔަވަން އުޅުނު ދުވަސްވަރެވެ. އެއް ކްލާހަކުން ދިމާވެ އެކުވެރިން އުފެދުނު ފަހުން އެ ގުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ. ފާއިތުވި އަހަރުތަކުގައި އެކުވެރިކަމުގެ ގުޅުން ވަނީ ވަރުގަދަ ވެފައެވެ. ހަމައެއާއެކު ނޫރާލްއަށް އެ ހިތުގައި އަބަދުވެސް ޝުކުރެވިކަން ވާނެއެވެ. ޒޯހަންއާއި އޭނަ ބައްދަލުވީ ވެސް ނޫރާލްގެ ސަބަބުން ވިއްޔާއެވެ. ނޫރާލް އޭނަ ދަމައިގެން ކޮލެޖްގެ ''ފަސްޓް-އިޔާ ސްޓޫޑެންޓް ޕާޓީ''އަށް ނުގެން ދިޔަ ނަމަ ޒޯހަންއާއި ބައްދަލުވުމުގެ ނަސީބެއް ވެސް ނުލިބުނީހެވެ.
''މޯނިންގް، ޔޫ ލުކް ޗިއާރފުލް!...'' އައިރާގެ ގާތަށް އައިސް ހުއްޓުނު ނޫރާލް ބުނެލިއެވެ. ''އަހަންނަކަށް ނޭނގޭ އަރޫއަށް ތިހާވަރަށް އެނާޖީ ލިބެނީ ކިހިނެއްކަމެއް ވެސް... އަހަންނަށް ހެނދުނު ލޯ ހުޅުވާލެވެނީ ވެސް އެލާމް ސްނޫޒްކޮށްކޮށް ގޭގެ އެންމެނަށް ހޭލެވޭފަހުން... ކިރިޔާ ވެސް ދެލޯ ހުޅުވާލެވެނީ ކޮފީއެއް ބޯލުމުން...''
''ޔޫ އާރ ނޮޓް އެ މޯނިންގް ޕާސަން...'' އައިރާ ބުންޏެވެ. ނޫރާލް ވާހަކަދައްކަމުން މޫނަށް ގެނައި ހަރަކާތްތަކުން އައިރާއަށް ހެވުނެވެ. ނޫރާލްގެ ޑްރާމާ ބައި ނިކަން ބޮޑުވާނެއެވެ. ވާހަކަދައްކާއިރު މޫނަށް ގެންނަ ހަރަކާތްތަކުން ގިނަ ފަހަރު ހިނި ކޮންޓްރޯލް ކުރެވެނީ ވެސް ކިރިޔާއެވެ.
''އެއްކަލަ ދިމާކުރަން ފެށީއޭ ދޯ... މިހާރު ދެ އަަހަރު ވަނީ، އަހަރެން ހީކުރީ މިކަމަށް ވެސް ހޭނިދާނެކަމަށް، އެކަމަކު އަދި ވާވަރެއް ނުވޭ...... ވަޓް ޓު ޑޫ، އައި ލަވް ޓީޗިންގް...'' ނޫރާލް ފުންނޭވާއެއް ދޫކޮށްލިއެވެ. އެވަގުތު ޖެހިލި ވައިރޯޅިއާއެކު މޫނު މައްޗަށް ފަން އިސްތަށިގަނޑު ފޭބުމުން ހިމަހޯލި އިނގިލިތަކުގެ އެހީގައި ކަންފަތުގައި އަޅުވާލިއެވެ.
ނޫރާލްއަކީ އެ ދުވަސްވަރެއްގެ ފެޝަނަށް ސަމާލުކަންދޭ ޒުވާނެކެވެ. ޓިކްޓޮކާއި އިންސްޓަގްރާމްގައި ވައިގައި ހިފާލާ ހުރިހާ ކަމަކަށް އޭނަގެ ލޯހުޅުވާލާނެއެވެ. ސްކޫލްގެ މިންގަނޑުތަކަށް ފެތޭނެހެން ޓްރެންޑީ ގޮތަކަށް ހެދުން އެޅުމަށް ސަމާލުކަން ދޭނެއެވެ. ޓިކްޓޮކުން ފެނުނު ވީޑިއޯއަކަށް ފަހު މިހާރު ބޮލުގެ އިސްތަށިގަނޑު ވެސް އޮތީ ބްލަންޓް ބޮބް ސްޓައިލަށް ކޮށާލެވިފައެވެ. މޭކަޕުން ދޮން މޫނުގެ ރީތިކަން އިތުރުކޮށްލާފައެވެ. އަރައިގެން ހުރި އުސްކަށީގެ ފައިވާނުގެ ސަބަބުން އިސްކޮޅުން ދިގުކަމަށް ވެސް ދައްކައެވެ.
''ގަޑި ޖެހެނީ ދޯ... އަވަހަށް ދަމާ...'' ނޫރާލް ބުނެލިއެވެ. އަދި ލޮލުގައި އަޅާފައި އޮތް ބޮޑު އަވިއައިނު ނަގައި، އަތުގައި އަޅުވާފައި އޮތް ކްރީމްކުލައިގެ ހާމީޒް ބްރޭންޑްގެ އަތްދަބަސް ތެރެއަށް ލިއެވެ. ދެ އެކުވެރިން ދެން ގޮސް ވަނީ ސްކޫލްގެ އޮފީސް ބަޔަށެވެ. ފިންގާ ޖަހާލުމަށް ފަހު އޮފީސް ތެރެއިން ލާފައި ސްޓާފްރޫމް ހުންނަ ބްލޮކަށް ނިކުމެވެން ހުރި ދޮރު ހުޅުވާލާފައި ބޭރަށް ނިކުތެވެ.
''މައި ގޯޑް!...'' ސްޓާފްރޫމާ ދިމާއަށް ހިނގަމުން ދަނިކޮށް ކުއްލިޔަކަށް އައިރާގެ އަތުގައި ނޫރާލް ހިފާލިއެވެ. ލިބުނު ހައިރާންކަމާއެކު އައިރާއަށް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. ނޫރާލްއަށް ވެގެން އުޅޭ ގޮތެއް ނަގައިގަނެވުނީ ސްޓާފްރޫމްގެ ދޮރު ހުޅުވާލާފައި ވަން އިސްކޮޅުން ދިގު ޒުވާނާ ފެނުމުންނެވެ. ލާނެއް ހިނިތުންވުމެއް އައިރާގެ ތުންފަތަށް ވެރިވެގެން ދިޔައެވެ.
''ޖާދިން ފެންނަ ކޮންމެ ފަހަރަކު ތިވަރު ވަންޏާ ކިހިނެއް ވާހަކަދައްކާނީ؟...'' އައިރާ ބުނެލިއެވެ. އެއާއެކު ނޫރާލް ދެލޯއަޅާލިއެވެ.
''ބިރުގަންނަނީއެއް ނޫނޭ!، މީހުން ފާޑުފާޑުގެ ވާހަކަދައްކަން ފަށާފާނެތީ ނުތަނަވަސްވަނީ... މިތާ އުޅޭ ފަޒޫގެ ގޮތް އަރޫއަށް ވެސް ރަނގަޅަށް އެނގެއެއްނު؟... ޖާދިން ޖޮއިން ކުރި ދުވަހުން ފެށިގެން ހުންނަނީ ފަހަތުގަ ވިއްދާލާފަ... އަހަރެން ގޮސް ޖާދިންއާއި ވާހަކަދައްކައިފިއްޔާ ކޮންމެ ފަދަ އެއްޗެކޭ ވެސް ފަތުރާލާނެ... ވާހަކަ ފެތުރުމުގެ އެވޯޑެއް އޭނައަށް ދިނުން ހައްގު، އެހާވަރަށް އަނގަތަޅުވާއިރު ވަރުބަލި ވެސް ނުވޭތަ؟... ޓީ ކުއީން....'' ނޫރާލް ތުން އަނބުރާލިއެވެ. އެވަގުތު ފަހަތުން ''ޓޮއްޓޮއް''ގެ އަޑު އިވިގެން ދިއުމާއެކު ނޫރާލްއަށް މޫނު ހަދާލެވުނެއެވެ. ފަސްއެނބުރި ނުބެލިކަމުގައި ވިޔަސް އެއީ ކާކުކަން އޭނައަށް ނަގައިގަނެވުނެވެ.
''މޯނިންގް ފަޒޫ...'' އައިރާ ބުންޏެވެ. އެވަގުތު އައިރާގެ އަތުގައި ނިކަން ބާރަށް ނޫރާލް ހިފާލިއެވެ. އަނގައިން އާހެއްގެ އަޑު ވެސް ނިކުތެވެ. ފާޑަކަށް އައިރާގެ މޫނަށް ފަޒްނާ ބަލައިލިއެވެ. ދެން އޭނަ ބަލައިލީ ނޫރާލް އަށެވެ. އެއާއެކު ފަޒްނާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ގޮސްފިއެވެ. ލޮލަށް ވެސް ގޮތެއް ހަދާލިއެވެ.
''މޯނިންގް އަރޫ!... އަދިވެސް އަރޫގެ ވެޑިން ކާޑު ނުދެމެއްނު؟...'' ފަޒްނާ ޝަކުވާކޮށްލިއެވެ. އެތާނގައި ނޫރާލް ހުރިކަމަކަށް ވެސް ފަޒްނާ ނުހެދިއެވެ.
''އަދި ފައިނަލް ނުވާތީއޭ...'' އައިރާ ބުންޏެވެ.
''އެހެންތަ؟...'' އިރުކޮޅެއް ވަންދެން އައިރާގެ މޫނަށް ފަޒްނާ ބަލަން ހުއްޓެވެ. އެއަށްފަހު އޭނަ ބޯޖަހާލިއެވެ. ހިނިތުންވެލިކަމުގައި ވިޔަސް ގާތްކަމެއް ނެތެވެ. އިތުރަށް މަޑުކުރުމެއް ނެތި އެތަނުން ދާން ފަޒްނާ ހިނގައިގަތެވެ.
''އޭނައަށް ކީއްކުރަން ދައުވަތު ދެނީ؟...'' ފަޒްނާ ދިއުމާއެކު އައިރާގެ ކޮނޑުގައި ނޫރާލް މަޑުމަޑުން ޖަހައިލިއެވެ.
''ކީއްވެ ތިހެން ތިބުނީ؟...'' ނޫރާލްގެ ސުވާލުން އައިރާއަށް ހައިރާންކަން ލިބުނެވެ. ''ސްކޫލް ހުރިހާ ޓީޗަރުންނަށް ދައުވަތު ދޭއިރުގައި ފަޒޫއަށް ވެސް ދޭން ޖެހޭނެއެއްނު...''
''އީވެން އާފްޓާ ވަޓް ޝީ ޑިޑް؟...'' ނޫރާލް ދެލޯބޮޑުކޮށްލިއެވެ. ''ހަނދާން ނެތުނީތަ ސްކޫލަށް އަހަރުމެން ޖޮއިން ކުރިތަނާ ރޭވި ބާބެކިއު މަތިން؟، އެރޭ ޒާންގެ ފަހަތުން ނެއްޓެން ނޭނގިގެން ފަޒޫ އުޅުނީ...''
''ނޫރާ... މީހުންގެ ނޭދެވޭ ވާހަކަދައްކާކަށް ނުވާނެޔޭ... ފަޒޫ ފަހުން މައާފަށް ވެސް އެދުނެއްނު... އޭނައަށް ޒާންއާއި އަހަރެން ރައްޓެހިވެގެން އުޅޭކަން ނޭނގުނީއޭ... އަހަންނަށް ޒާން ތައާރަފުކޮށް ނުދެވެނީސް އެކަމެއް ހިނގީ... އެހެންނޫނަސް މިހާރު އެކަމެއް ހިނގިތާ ކޮން ދުވަހެއް...'' އައިރާ ބުންޏެވެ. މީހުންގެ ނޭދެވޭ ވާހަކަދެއްކުމަކީ އައިރާ ގަޔާވާކަމެއް ނޫނެވެ. ކޮންމެ މީހެއްގެ ވެސް އުނިސިފަތަކެއް ހުންނާނެއެވެ. އެ އުނިސިފަތަކުގައި ހިފާ ދަމައި މީހާ ފަޟީހަތްކުރުމުގެ ބޭނުމަކީ ވެސް ކޮބައި ހެއްޔެވެ؟ ހަމައެއާއެކު މައާފަށް އެދުމާއި މައާފުކުރުމުގެ ރީތި އާދަތައް އަބަދުވެސް ދަމަހައްޓަންވާނެއެވެ.
''އޭނައަށް ހަމަ ރަނގަޅަށް ވެސް ފެންނާނެ ޒާންއާއި އަރޫ އެއްކޮށް އައިތަން...'' ނޫރާލްއަށް ހަށަން ބަނދެލެވުނެވެ. ''ކޮންމެހެން އަރޫއާއި ޒޭންގެ ކައިވެންޏަށް އަންނާކަށެއް ނޫން ކާޑު ނުލިބިގެން އެހާވަރަކުން އުޅެނީ...''
''ދެން އެ ވާހަކަ ބާއްވަބަލަ...'' އައިރާ އެދުނެވެ. އައިރާއަށް ބަލައިލި ނޫރާލް ބޯޖަހާލިއެވެ.
ދެ އެކުވެރިން ގޮސް ސްޓާފްރޫމްގެ ދޮރު ހުޅުވަން ކައިރިވެލި ވަގުތު ދޮރު ހުޅުވާލާފައި ޖާދިން ނިކުންނަނީއެވެ. ވަގުތުން ޖާދިންއާއި ނޫރާލް މުޑި އަރައިފިއެވެ. މައާފަށް އެދެމުން ޖާދިން އެއްފަރާތަކަށް ޖެހިލީ އެތެރެއަށް ވަންނަން ތަން ދައްކާލަމުންނެވެ. ނޫރާލްއާއި އައިރާއަށް އެތެރެއަށް ވަދެވެންދެކަށް ޖާދިން ދޮރުގައި ހިފަހައްޓައިގެން ހުއްޓެވެ. ޖާދިންގެ ނަޒަރު ނޫރާލްގެ މޫނަށް ހުއްޓުނު ހިނދު ރީތި ހިނިތުންވުމެއް ޖާދިންގެ ތުންފަތަށް ވެރިވެގެން ދިޔައެވެ. އެ ހިނިތުންވުން ނޫރާލްއަށް ފާހަގަ ކުރެވި ރަކިވާ ގޮތް ވެސް ވެއްޖެއެވެ.
ނޫރާލްއާއި އައިރާއަށް އެތެރެއަށް ވަދެވުމާއެކު ޖާދިން ނިކުމެގެން ގޮސްފިއެވެ. ނޫރާލްއަށް އައި ބަދަލުތަކުން އައިރާއަށް ހެވުނެވެ.
''އައި ތިންކް ހީ ލައިކްސް ޔޫ...'' ނޫރާލްގެ މޫނަށް ބަލަން ހުރެފައި ސިއްރުސިއްރުން އައިރާ ވާހަކަދެއްކިއެވެ. އެކުވެރިޔާއާ ސަމާސާކޮށްލަން ބޭނުންވާކަން ހާމަކޮށްދިނީ އައިރާގެ ތުންފަތުގައިވި ލާނެއް ހިނިތުންވުމުންނެވެ.
''އަރޫ!...'' ނޫރާލް ދެލޯ ބޮޑުކޮށްލިއެވެ. އޭނައަށް ވަށައިގެން ހޯދާލެވުނެވެ. އޭރު ސްޓާފްރޫމްގައި އެންމެން ތިބީ އެމީހެއްގެ އަމިއްލަ މަސައްކަތަކަށް ގެއްލިފައެވެ. ކްލާސްތައް ފެށުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތައް ވުމަށެވެ. ނަމަވެސް ގޮނޑިއެއްގައި އިށީނދެލައިގެން އިން ފަޒްނާގެ ސަމާލުކަން ހުއްޓިފައިވަނީ ނޫރާލް އަށެވެ. ހިތްހަމަނުޖެހުމުގެ އަސަރު އެ މޫނުގައި ވިއެވެ.
''ބަލައިބަ ރުޅި މޫނު ހަދައިގެން އިން ގޮތް، ދެން އަހަރެން ކިހިނެއް ޖާދިންއާ ވާހަކަދައްކާނީ ވެސް؟... ޖާދިން އަކީ ނުލާހިކު މަޑުމައިތިރި މިޒާޖެއްގެ ޒުވާނެއް، އެހާ ގިނަ މީހުންނަކާ ވާހަކަދައްކާ ތަނެއް ވެސް ނުފެނޭ... މި ފަޒޫ ފާޑުފާޑުގެ ވާހަކަ ފަތުރަން ފަށައިފިއްޔާ ޖާދިން ފޫހި ވެސް ވެދާނެ...'' ލޮލުން ފަޒްނާއަށް އިޝާރާތްކުރަމުން ނޫރާލް ވާހަކަދެއްކިއެވެ. ފަޒްނާ ބަލަހައްޓައިގެން އިނުމުން ނޫރާލް ހިނިތުންވުމެއް ވެސް ދީފިއެވެ. އެއާއެކު ދެލޮލަށް ގޮތެއް ހަދާލަމުން ފަޒްނާ މޫނު އަނބުރާލިއެވެ. އޭނަގެ މަސައްކަތާއިގެން ކުރިއަށް ދާން ފެށީ ދެނެވެ.
''ނޫރާ... ބީވެދާ ފުރުސަތުން ފަހުން މާޔޫސްކަން ލިބިދާނެ...'' އައިރާއަށް ބުނެވުނެވެ.
''އައި ނޯ... އެކަމަކު މިހާރަކު ނޫން... އިރާދައިގައި އޮތިއްޔާ އިތުރު ގޮތެއް ވެސް ފެނިދާނެ...'' ނޫރާލް ބުނެލިއެވެ.
ނޫރާލްއާއި އައިރާގެ ވެސް ފުރަތަމަ ގަޑި އޮތީ ތަންކޮޅެއް ފަހުންނެވެ. ހުސްކޮށް ހުރި ގޮނޑިތަކުގައި ހަމަޖެހިލަމުން މިއަދުގެ ލެސަން ޕްލޭންތައް ރިވިއު ކުރަމުން ދިޔައެވެ. އެގޮތުގައި އިރުކޮޅެއް ވީތަނާ އައިރާގެ އުޅަނބޮށީގައި ނޫރާލް ކޮއްޓާލިއެވެ. ކުރިމަތީ ހުރި ކޮމްޕިއުޓަރުގެ ސްކްރީނުން ނަޒަރު ވަކިކޮށްލަމުން ނޫރާލްގެ މޫނަށް އައިރާ ބަލައިލިއެވެ.
''ކޮން އިރަކުތަ އައު ވާހަކައެއް ފަށަނީ؟...'' ނޫރާލް ސުވާލުކޮށްލިއެވެ. ''މިހާރު ހާދަ ގިނަ ދުވަސް ވެއްޖެޔޭ...''
''ސީރިޔަސްލީ؟... އަހަންނަށް އުނދަގޫ ތިކުރަނީ އެކަން ނޭނގިގެން...'' އައިރާއަށް ބުނެވުނެވެ.
''އޮފްކޯޒް!، އޭޒް ދަ އޮފިޝިއަލް މެނޭޖާރ އޮފް ޔޯ ފޭންބޭސް އައި ނީޑް ޓު ނޯ...'' އައިރާގެ ސުވާލުން ނޫރާލް ދެލޯބޮޑުކޮށްލަމުން އަނގަމަތީގައި އަތް ވެސް އަޅައިފިއެވެ. ނޫރާލްއަށް ބަލަމުން ދިޔަ އައިރާއަށް ހެވުނެވެ.
''ދެން!، ޖަވާބު ދީބަލަ... އޭރަށް ދޯ އިންތިޒާރުގަ ތިބި ކިޔުންތެރިން ގާތު އެއްޗެކޭ ބުނަން އެނގޭނީ...'' ނޫރާލް އިނީ ޖަވާބެއްގެ އިންތިޒާރުގައެވެ. އިށީނދެގެން އިން ގޮނޑި ވެސް އައިރާގެ ގާތަށް ޖައްސާލިއެވެ.
''އައި ލަވް ޔޯ ސަޕޯޓް، ބަޓް...'' އައިރާ ބުންޏެވެ. ވާހަކަ ލިޔުމުގެ ރޮނގުން ކުރިއަށް ދާން އޭނައަށް ވަރަށް ބޮޑު އެއްބާރުލުމެއް ނޫރާލްގެ ފަރާތުން ލިބެއެވެ. ވާހަކަ ލިޔުމުގެ ދާއިރާއަށް އޭނައަށް ނިކުމެވުނީ ވެސް ނޫރާލްގެ ސަބަބުންނެވެ. ކޮލެޖްގައި އުޅުނު ދުވަސްވަރު ހުސްވަގުތުކޮޅެއް ލިބޭ އިރަށް އައިރާ އަވަސްވެގަންނާނީ ސިކުނޑީގައި ބާރު ދުވެލީގައި އެނބެރުމުންދާ ހިޔާލުތައް ބަސްތަކުން އަމުނާލެވޭތޯއެވެ. އެފަދައިން އޭނަ ލިޔަން އިން ދުވަހަކު ނޫރާލްއަށް ފެނިގެން އެދުނީ އެ ވާހަކަތައް ކިޔާލުމުގެ ހުއްދައަކަށެވެ. ނިކަން ލަދުން ހުރެފައި އައިރާ ހުއްދަ ދިނެވެ. ނޫރާލްއަށް ވަރަށް ބޮޑަށް އެ ވާހަކަތައް ކަމުދިޔައެވެ. އޭނަގެ ވާހަކަތައް ކިޔުންތެރިންނާ ހަމައަށް ދޫކޮށްލުމުގެ ހިޔާލު ނޫރާލް ދިނެވެ. ފުރަތަމަ އައިރާ އުޅުނީ އެކަމާ ދެކޮޅު ހަދާށެވެ. ނަމަވެސް ނޫރާލްގެ ފަރާތުން ލިބުނު އެއްބާރުލުމަށްފަހު އަޖުމަ ބަލައިލަން ބޭނުންވިއެވެ. ނުތަނަވަސް ހިތަކާއެކު ފުރަތަމަ ވާހަކަ ކިޔުންތެރިންނަށް ދޫކޮށްލީ އޭރު ހިންގަމުން ދިޔަ އޮންލައިން ސައިޓެއްގައެވެ. އެއާއެކު ކިޔުންތެރިންގެ ފަރާތުން ލިބުނު ލޯބިން އޭނަގެ ހިތް ފުރިގެން ބަންޑުން ވިއެވެ. މިހާރު ވާހަކަ ލިޔުމާއިގެން އޭނަ އުޅޭތާ ހަ އަހަރު ވީއެވެ. ދާއިރާގައި ގިނަގުނަ ކާމިޔާބީތައް ވެސް ލިބިއްޖެއެވެ. މަޝްހޫރު ނޫހަކަށް ލިޔުމުގެ އިތުރުން އޭނަގެ ފޮތްތައް ވެސް ޗާޕުކޮށް ބާޒާރަށް ނެރެފިއެވެ. ބައި ލައްކައާ ގާތްކުރާ އަދަދަކަށް އޭނަގެ ފޭސްބުކް ޕޭޖަށް ލައިކް ވެސް ލިބިފައި ވެއެވެ. މަޖަލަކަށް ހެދި ޕޭޖް މިހާރުވެފައިވަނީ ކިޔުންތެރިންނާ ބައްދަލުކޮށްލެވޭ އެންމެ ފަސޭހަ މާހައުލަށެވެ. އިނގިރޭސި އަދި ދިވެހިބަހުން ވެސް އައިރާގެ ވާހަކަތައް ލިބެން ހުރެއެވެ.
''ބަޓް؟...'' އައިރާގެ ވާހަކަ މެދުކެނޑުމުން ނޫރާލް ބުންޏެވެ.
''އަދި ނޭނގޭ... މައި މައިންޑް އިޒް ބްލޭންކް... ލިޔާ ހިތްވާ ކަހަލަ އައިޑިޔާއެއް ނާދޭ... އެހެންނޫނަސް ކައިވެނީގެ ކަންތަކާ އެހާ ބުރަކޮށް މި އުޅެނީ... ކާންޓް ހޭންޑްލް އޯލް ދަ ސްޓްރެސް...'' އައިރާ ފުންނޭވައެއް ދޫކޮށްލިއެވެ. އެ ވަގުތު އައިރާގެ އަތުގައި ނޫރާލް ހިފާލީ ވިސްނެޔޭ ބުނާ ފަދައަކުންނެވެ. ޝުކުރުވެރިކަމުގެ ހިނިތުންވުމެއް ނޫރާލްއާއި އައިރާ ބަދަލުކޮށްލިއެވެ.
''ދިސް ވިލް މޭކް ޔޯ ސްޓޫޑެންޓްސް ވެރީ ސޭޑް...'' ނޫރާލް ބުންޏެވެ. ''އަރޫގެ ހާޑް ކޯ ފެންބޭސް އެއީ...''
''ހަނދާންކޮށްނުދީބަލަ... ބައެއް ފަހަރު ލަދު ވެސް ގަންނަ ގޮތް ވޭ ބުނެލާ އެއްޗެހިން... އެކަމަކު ވަރަށް އުފާވޭ އަސްލު...'' އައިރާ ހިނިތުންވެލިއެވެ.
*****
އައިރާގެ ފުރަތަމަ ކްލާސް އޮތީ އަށެއްގައެވެ. ގަޑި ކައިރިވާން ފެށުމުން އެއްޗެހި ހަމަކޮށްލަމުން އައިރާ ސްޓާފްރޫމުން ނިކުންނަން ހިނގައިގަތެވެ. އޭރު މޫސުން އޮތީ ބަދަލުވެފައެވެ. އިރުގެ ހޫނުން ދުނިޔެ ދޮންކުރަން ފަށައިފިއެވެ. ހެނދުނުހެނދުނާ ޖައްވުގައި އޮޅާލެވިފައި އޮތް ވިއްސާރައިގެ ދޫލައިގެ ލިސާނެއް ވެސް މިހާރަކު ނެތެވެ. ވައިރޯޅިތައް ވެސް ހިނދި، ފަޒާގައި އޮތީ އާދަޔާ ހިލާފު ހޫނުކަމެއް ހަރުލާފައެވެ.
ކުރިއަށް ހިނގަމުން ދިޔަ އައިރާގެ މޫނަށް ކުޑަކޮށް އަނދިރިވެލިހެން އޭނައަށް ހީވިއެވެ. ކޮންމެ މަންޒަރެއް ވެސް ދެފަހަރަށް ފެންނަން ފެށިހެންނެވެ. ވަގުތުން ފިޔަވަޅުތައް މަޑުޖައްސާލަމުންނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އެސްފިޔަތައް އަވަސްއަވަހަށް ތަޅުވައިލެވުނެވެ. އިރުކޮޅެއް ފަހުން މީހާ ހަމައަކަށް އެޅިއްޖެއެވެ. އޭސީގެ ފިނީގައި ހުރެލާފައި ކުއްލިޔަކަށް އިރުގެ ހޫނުކަމުގެ ތެރެއަށް ނިކުމެވުމުން ވީ ގޮތެއްކަމަށް ނިންމުނެވެ.
ކޮރިޑޯތަކުގެ ކައިރީގައި ހުރި ފެން އިސްކުރުތައް ކައިރިއަށް ހުއްޓިލަމުން އަތްދަބަހުން ނެގި ފެންފުޅިއަށް އައިރާ ފެން އަޅާލިއެވެ. އައިސް ފެން ބޯލުމުން އިތުރަށް ހައްޓަށް ލުއިވެގެން ދިޔައެވެ. ފެންބޯން ހުއްޓާ ބެލް ޖަހާލި އަޑު އިވުމުން އައިރާއަށް ފިޔަވަޅުތައް ބާރުކޮށްލެވުނެވެ.
އައިރާއަށް ކްލާހާއި ހަމައަށް ދެވުނު އިރު ހުރީ މައިނޭވާލެވޭ ގޮތް ވެފައެވެ. ފުންނޭވަތަކެއް ދޫކޮށްލަމުން އޭނަ ހިނިތުންވެލިއެވެ. އައިރާ އައުމުން ކްލާހުގައި އުޅުނު ޖާދިން ދަރިވަރުންނާއި ވަދާއުގެ ސަލާން ބަދަލުކޮށްލަމުން ނިކުންނަން އަވަސްވެގަތެވެ. ޖާދިން ނިކުންނަން ދެން އައިރާ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ.
އައިރާ ކްލާހަށް ވަނުމާއެކު ހުރިހާ ދަރިވަރުން ކޮޅަށް ތެދުވުނެވެ. އަދި އެއް އަޑަކުން ހެނދުނުގެ މަރުޚަބާ ކިޔާލިއެވެ. އަޑުގައި އެކުލެވިގެންވި ޖޯޝާއި ލޯބިން އައިރާގެ ހިތަށް ފިނިކަމެއް ލިބުނެވެ.
ކްލާސް ފެށުމުގެ ކުރިން އައިރާ ފުރަތަމަ ވެސް ސުވާލުކޮށްލީ ހަފްތާ ބަންދުގައި އޮތް ފީލްޑް ޓްރިޕާއި ބެހޭ ގޮތުންނެވެ. ބޮލުގައި ރިއްސާތީ އައިރާއަށް ފީލްޑް ޓްރިޕަށް ދެވޭ ގޮތް ނުވީއެވެ. ނިކަން ގަޔާވެފައި ސުވާލުތައް ކުރަމުން ދިޔައީ ޓްރިޕް ދިޔަ ގޮތް ދަރިވަރުންގެ ފަރާތުން އޮޅުން ފިލުވަން ވެގެންނެވެ. ހެވިފައި ތިބެ އެންމެން ވެސް އައިރާގެ ސުވާލުތަކަށް ޖަވާބު ދިނެވެ.
ކްލާސް ފެށިގެން ދިޔައިރުގައި އައިރާގެ ހިތުގައި ކިޔަވައިދިނުމަށް އޮތް ލޯބި ކޮންމެ ދަރިވަރަކަށް ދެމުން ދިޔަ ސަމާލުކަމުން އަންގައިދިނެވެ. އެގޮތުގެ މަތީން ގަޑި ދިޔަ ގޮތެއް ވެސް އައިރާއަކަށް ނޭނގުނެވެ. ބެލް ޖަހާލި އަޑާއެކުގައި އޭނަ ގެނައި ފައިލުން ހޯމްވޯކްތަކެއް ނެގިއެވެ. އެއާއެކު ހުރިހާ ދަރިވަރުން ވެސް އެއް އަޑަކުން ''ނޯ'' ބުނެލި އަޑުން އައިރާއަށް ނުހެވުނީ ވެސް ކިރިޔާއެވެ. ހިނިތުންވުން ސިއްރުކުރަމުން ގަނޑުތައް ކުރީ ސަފުގައި ތިބި ކުދިންނާ ހަވާލުކޮށްލިއެވެ.
*****
މެންދުރު އަތަށް އަޅާލި އިރުގައި ޒޯހަންގެ ހަރަކާތްތައް ވަރަށް ވެސް އަވަހެވެ. އިރުއިރުކޮޅާ އޭނަގެ އަތުގައި އޮތް ރޮލެކްސް ގަޑިއަށް އަވަސް ނަޒަރެއް ދޭނެއެވެ. އޭރު ބާރަގަޑި ބައިވެއްޖެއެވެ. ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހުމުން އެވަގުތައް ޒޯހަން މަސައްކަތް މެދުކަނޑާލިއެވެ. އިށީނދެގެން އިން ބޮޑު ލެދާ ގޮނޑިއަށް ހަށިގަނޑު ދޫކޮށްލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. މޭޒު މަތީ އޮތް ފޯނު ނަގައި އައިރާއަށް ގުޅުމުގެ ބަދަލުގައި ޒޯހަން މެސެޖެއް ފޮނުވާލިއެވެ. އޭގެ އިރުކޮޅެއް ފަހުން އޭނަ ގޮނޑިން ތެދުވުނެވެ. ފުރިހަމަ އިސްކޮޅަށް ތެދުވެލަމުން ވާންކަން ވެރިވެފައި ހުރި ކޮނޑުގެ މަސްތައް ހަރަކާތްކޮށްލެވުނެވެ.
ދިގު ފިޔަވަޅުތަކެއްގައި ޒޯހަން ގޮސް ހުއްޓުނީ މެނޭޖާރގެ ކެބިން ކުރިމައްޗަށެވެ. ހުޅުވާފައި ހުރި ދޮރާއި ކައިރިވެލަމުން ޓަކި ޖަހާލިއެވެ. ކަޅުކުލައިގެ ލެދާރ ގޮނޑިއެއްގައި އިން ހުސެއިންގެ ނަޒަރު ޒޯހަންއަށް ހުއްޓުނެވެ. ކުރަމުން ދިޔަ މަސައްކަތް މަޑުޖައްސާލަމުން ޒޯހަންއަށް އޭނަ ހިނިތުންވެލިއެވެ. ބްރޭކަށް ދިއުމުގެ ކުރިން ޒޯހަން އެއައީ ހުއްދަ ހޯދަން ކަން އޭނައަށް އެނގުނެވެ. ހެނދުނު ޒޯހަން އޮތީ ބާރަގަޑި ބަޔަށް ބްރޭކަށް ދާނެ ވާހަކަ އަންގާފައެވެ. ހުސެއިން އޮތީ ހުއްދަ ވެސް ދީފައެވެ. އޭނައަށް އެންގުމެއް ނެތި ދިއުމުގެ ފުރުސަތު ވެސް އޮތެވެ. ނަމަވެސް ޒޯހަން ހުއްދައަށް އެދި އައުމުން ޒޯހަންގެ ޝަހުސިއްޔަތާ މެދު ހިތުގައި އޮތް ޔަގީންކަން އިތުރުވެގެން ދިޔައެވެ.
''އަވަހަށް ގޮސްލާ... މިއަދު ވާނެ ތި ކާޑެއް އަހަރުމެންނަށް ދައްކަން...'' ލުއި ހިނިތުންވުމަކާއެކު ހުސެން ބުންޏެވެ. ޒޯހަން ވެސް ރައްދުގައި ހިނިތުންވެލަމުން މިސްރާބު ޖެހީ ލިފްޓާއި ދިމާއަށެވެ. ލިފްޓްގެ ބަޓަނަށް ފިތާލަމުން އަނެއްކާ ވެސް ފަޓުލޫނުގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. އޭނަ އައިރާއަށް ފޮނުވި މެސެޖު އަދި ބަލާފައި ނެތެވެ. ސްކޫލް ދޮށަށް ގޮސް ގުޅަން ހިތުލަމުން ހުޅުވުނު ލިފްޓްގެ ދޮރުން އެތެރެއަށް އޭނަ ވަނެވެ.
*****
އެންމެ ފަހުން އޮތް ކްލާސް ނިމުނު އިރު އައިރާގެ ބޮލުގައި ހުރީ ރިއްސާލާފައެވެ. ބަނޑުހައި ހޫނުކަމުގެ އިހުސާސް ވެސް އޭނައަށް ކުރެވުނެވެ. ހުރިހާ ދަރިވަރުން ނިކުމެގެން ދިއުމުން ކުޑަދޮރުތައް ލައްޕައި، ބޮކިތަކާއި އޭސި ނިއްވާލިއެވެ. އަތްދަބަސް ތެރޭ އޮތް ފޯނު އޭނަ ނެގީ ވައިބްރޭޓްވާހެން ހީވެގެންނެވެ. އޭރު ކްލާހުން ބޭރަށް ނިކުމެ އައިރާ ދޮރު ލައްޕަނީއެވެ.
''ހޭއި، ބޭރުގަ...'' އައިރާ ފޯނު ނަގައި ކަންފަތުގައި ޖައްސާލުމާއެކު އިވިގެން ދިޔައީ ޒޯހަންގެ އަޑެވެ. ވަގުތުން ހަށިގަނޑަށް ލިބިފައިވި ވަރުބަލިކަން ފިލައި އައިރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
''އިރުކޮޅަކުން އެބަ ނިކުންނަން...'' އައިރާ ބުންޏެވެ. ޒޯހަންއާއި ވާހަކަދައްކާލަން ބޭނުން ވިޔަސް ދިއުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް ހުރުމުން އައިރާ ފޯނުކޯލް ކުރުކޮށްލިއެވެ. އެއަށްފަހު އޭނަ އަތްމަތި އަވަސްކޮށްލިއެވެ.
ސްޓާފްރޫމަށް ދިޔަ މަގުމަތީގައި އެތާ ކައިރީގައި ހުންނަ ފަސްޓް އެއިޑް ރޫމަށް ބޯދިއްކޮށްލީ ޕެނެޑޯލް ގުޅައެއް ހޯދާށެވެ. ފަސްޓް އެއިޑް ރޫމްގައި ހުންނަ ސާޖީއާއި އައިރާ ރައްޓެހިވާނެއެވެ. އަަވަހަށް އައިރާ ގާތު އެތެރެއަށް ވަނުމަށް ސާޖީ ބުންޏެވެ. އޭނަ އައިރާގެ ބީ.ވީވެސް ބަލައިލިއެވެ. ހުރިހާކަމެއް ވެސް ރަނގަޅުކަމަށް ބުނެލަމުން އައިރާގެ އަތަށް ފެންތަށްޓަކާއިއެކު ބޭސްގުޅަތަކެއް ދިނެވެ.
''ވެޑިން ކަންތަކާ ވަރަށް ސްޓްރެސް ބޮޑުވެފަދޯ؟...'' ސާޖީ ސުވާލުކޮށްލިއެވެ.
''އާނ، އަބަދު ކޮންމެވެސް ކަމަކާ އުޅެން ޖެހެނީ...'' ބޭސްގުޅަ ދިރުވާލަމުން އެއްނޭވާއިން އައިރާ ފެންތަށި ހުސްކޮށްލިއެވެ.
''ދެން ގިނަ ދުވަހެއް ވެސް ނެތެއްނު...'' ސާޖީ ބުންޏެވެ. ''ބުރަކޮށް އުޅުނަސް ސިއްހަތަށް ބަލައްޗޭ...''
''އައި ވިލް، ތޭންކްސް ސާޖީ...'' އައިރާ ހިނިތުންވެލިއެވެ. އިރުކޮޅެއް ވަންދެން ސާޖީއާ ވާހަކަދައްކާލަމުން އައިރާ ބޭރަށް ނިކުތެވެ.
(ނުނިމޭ)