ބާޒިލް އަކީ އެހެންމީހެއްގެ ހައްގެއްކަން އެނގިހުރެ އޭނާއަށް ބާޒިލްދެކެ ލޯބިވެވުނީއެވެ. ދެލޯބިވެރިން ދެމެދަށް އޭނާއަށް ވަދެވުނީއެވެ. އޭނާއަށް ލޯބިވެވުނީ ކުޑަކުއްޖެއްގެ ބައްޕަދެކެ ހެއްޔެވެ؟ އަނެއްކޮޅުން ބާޒިލްއާއެކު އުފާވެރި މުސްތަގުބަލެއް ލިބިދާނެ ހެއްޔެވެ؟ ހުރަހަކަށް ވާނެ އެއްވެސް އެއްޗެއް ނެތް ހެއްޔެވެ؟
"ބުނެބަލަ" މައުސޫމާ މެލެކްގެ އަތުގައި ހިފާލިއެވެ.
"ނޭނގެ ވާނެގޮތެއް" މެލެކް ބުންޏެވެ.
މައުސޫމާ ހީލިއެވެ. މެލެކްގެ އަތުގައި ހިފައިގެން މަގުމަތީގައި މަޑުކޮށްލިއެވެ. އޭނާ ވާހަކައެއް ބުނަން ބޭނުންވިއެވެ.
"މަންމަ ބުނަންތަ ވާހަކައެއް ދަރިފުޅާ" މައުސޫމާ ބުންޏެވެ. މެލެކް ހުރީ ބަލަހައްޓައިގެންނެވެ.
"މަންމައަށް އެނގޭ ތިދެކުދިންވެސް އެކުއްޖަކު އަނެއް ކުއްޖަކުދެކެ ލޯބިވާކަން. އޭގެ މާނައެއްނޫން އެ ލޯބީގެ ސަބަބުން އެހެން ހުރިހާ ގުޅުމެއްގެ މަތިން ހަނދާންނައްތާލުން. މަންމަ މިދައްކަނީ ދަރިފުޅުގެ މައިންބަފައިންގެ ވާހަކަ. މެލީ ކަންތައްކުރަންވާނީ އައްޒާމް އާ ތަބައްސުމް ބުނާގޮތަށް. ދަރިފުޅު ވިސްނަންވާނެ އިންސާނެއްގެ ދިރިއުޅުމާ ގުޅިފައިވަނީ ހަމައެކަނި އިންސާނާގެ ހިތްއެދޭ ކަންތައްތަކެއް ނޫންކަން. މިބުނީ ބައެއް ކަންކަން ހިތާ ދެކޮޅަށް ނިންމަން ޖެހުނަސް ފަސްނުޖެހެއްޗޭ. ކޮންމެ ހަދާފަވެސް ދަރިފުޅުވާނެ މައިންބަފައިން ބުނާގޮތެއް ހަދަން" މައުސޫމާ ވާހަކަދައްކަމުން ދިޔައެވެ. ހިމޭނުން އަޑުއަހަން މެލެކް ހުއްޓެވެ. އޭނާ އަށް ނުވިސްނުނީ މި ދަނޑިވަޅުގައި އެފަދަ ވާހަކަތަކެއް މައުސޫމާ ދައްކަންޖެހުނު ސަބަބެވެ.
"ވިސްނިއްޖެތަ މަންމަ މިބުނި އެއްޗެއް" މައުސޫމާ އަހާލިއެވެ. އެހިނދު ލަސްލަހުން މެލެކް ބޯޖަހާލިއެވެ.
އަނެއްކާވެސް ގެއާ ދިމާލަށް ހިނގައިގަތެވެ. މައުސޫމާގެ ވާހަކަތަކާ މެދު މެލެކް ވިސްނިއެވެ. އެނާގެ ހިތުން ބާޒިލްދެކެ ވީ ތެދުވެރި ލޯތްބަށް ހުރަހަކަށް ވާނީ އަމިއްލަ މައިންބަފައިން ހެއްޔެވެ؟ އެކަމު ކީއްވެ ހެއްޔެވެ؟ ބާޒިލް ކުރިން އެހެން އަންހެނަކާ އިންނަން އުޅުނީމަ ހެއްޔެވެ؟ މެލެކްއަށް ނުވިސްނުނެވެ.
"މިއާދެވުނީ. ދަރިފުޅު ވަދޭ އެތެރެއަށް" މައުސޫމާ ބުންޏެވެ.
"މަންމަ ނުވަންނާނަންތަ؟" މެލެކް އަހާލިއެވެ.
"ފިހާރަ ބަންދުކުރަންވާއިރަށް މަންމަ އެއްޗެއް ގަންނަންޖެހޭ. ފިހާރައަށް ވަދެލަން މިދަނީ" މައުސޫމާ ބުންޏެވެ.
****
ފެންވަރައިގެން ނިކުމެ ލޯގަނޑު ކުރިމަތީގައި ހުރެވެސް ބާޒިލް އަށް އިރުކޮޅަކާ އެނދަށް ބަލައިލެވެއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އެ އެނދުގައި އޭނާގެ އަތުތެރޭގައި މެލެކް އޮތް މަންޒަރު އޭނާގެ ހިތަށް ސިފަވިއެވެ. އެއީ ދުވަހަކުވެސް އޭނާގެ ހިތުން ނުފިލާނެ ވަގުތުކޮޅެކެވެ. ބައެއްފަހަރު މެލެކް ބިރުގަންނަ ވާހަކަ ބުނެލާ ގޮތުން ބާޒިލް ކައިރިއަށް މިހާރުވެސް ހިނިއަންނަމުން ދިޔައެވެ. މެލެކް އަކީ ހާދަ ތަފާތު އަންހެންކުއްޖެކެވެ. ބާޒިލް އަށް މިކަންކަން ކުރިން ފާހަގަނުވީ ކީއްވެ ހެއްޔެވެ؟ އޭނާ ސުވާލުކުރީ އަމިއްލަ ހިތާއެވެ. އެކަމަކުވެސް ދެން ކުރާނެ ކަމެއް ނެތެވެ. ފަހަތަށް ދިޔަ ދުވަސްތައް އަނބުރާ ނުއެއް ގެނެވޭނެއެވެ. އެހެންނަމަވެސް ގޯސްކޮށް ކުރެވިފައި ހުރި ބައެއް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރެވޭނެތާއެވެ. އޮތީ އެންމެ މައްސަލައެކެވެ. މެލެކްގެ މައިންބަފައިންނެވެ. އޭހާ ފަސޭހައިން އޭނާ މެލެކް ގާތަށް ގެންނަން އެމީހުން ދެކޮޅުން ހަދާނެއެވެ. ދެމަދަށް ހުރަހަކަށް ވާނެއެވެ. އެއީ އަދި ހައްލުނުވެ އޮތް ބޮޑު މައްސަލައެކެވެ. އެކަން ހައްލުކުރަން އެބަޖެހެއެވެ. ކުއްލިއަކަށް ބާޒިލް ސިހުނީ ޑްރެސިންޓޭބަލް މަތީގައި އޮތް އޭނާގެ ފޯނަށް މެސެޖެއް އައި އަޑަށެވެ. ބަލައިލިގޮތަށް އޭނާ ދެ ބުމަ ގޮށްޖަހާލިއެވެ. އެ މެސެޖަކީ އޭނާ މާ ހިތްހަމަޖެހޭ މީހެއްގެ ފަރާތުން އައިސްފައިވާ މެސެޖެއްނޫނެވެ. އެކަން އޭނާގެ މޫނު މައްޗަށް ވެރިވި އަސަރުތަކުން ހާމަވެއެވެ. އެ މެސެޖަށް ޖަވާބުދިނުން މުހިންމު ކަމަކަށް ނުވިއެވެ. ސާރާ އާ ބައްދަލުކުރުން ވެސް އޭނާ މުހިންމު ކަމެއް ނޫނެވެ. އެހެންނަމަވެސް ބައްދަލުކުރަން އެބަޖެހެއެވެ. ފަހު ފަހަރަށެވެ. އެ ގުޅުން އޭނާ ރަސްމީކޮށް ނިންމައިފިކަން ސާރާ އަށް އަންގަންޖެހެއެވެ. އޭނާ އަވަސްކޮށްލައިގެން ކޮޓަރިން ނިކުތެވެ. އޭނާގެ ފަރާތުން ދެން އޭނާ ގެ ދިރިއުޅުމަށް ހުރަހަކަށް އެއްވެސް އެއްޗަކަށް ތަނެއް ނުދޭނެއެވެ.
****
މެލެކް ކޮޓަރިއަށް ވަތްތަން ފެނުމުން އައްޒާމަށް ތަބައްސުމް ބަލައިލިއެވެ. މައިންބަފައިން ކުރިމަތީގައި ތިބުމުން މެލެކް ކޮޓަރިއަށް ވަނީ ބަލައިވެސްނުލައެވެ. މީގެކުރިން މެލެކް އެހެނެއް ނޫނެވެ. މައިންބަފައިން ފެންނަން ތިބިއްޔާ ކޮންމެސް އެކެއްގެ އުނގަށް ނުވެއްޓި ކުރިއަށް ނުދާނެއެވެ. މިފަހަރު މެލެކްއަށް ވެފަ ހުރި ގޮތް ތަބައްސުމް އަށް ވިސްނުނެވެ. މެލެކް ހުރީ ލަދުގެންފައެވެ.
"ގޮވާބަލަ އެމަންޖެއަށް" އައްޒާމް ބުންޏެވެ.
ތަބައްސުމް ހިނގައިގަތެވެ. އިރުކޮޅަކުން އޭނާ އައިރު ކައިރީގައި މެލެކް ހުއްޓެވެ. ފަހަތުން މައިލީން ވެސް އައެވެ.
"ދަރިފުޅު މިތާ އިށީނދެބަލަ" އައްޒާމް އިޝާރާތްކޮށްލި ތަނުގައި މެލެކް އިށީނެވެ.
"ބައްޕަގެ ދަރިފުޅު ކިހިނެއްތަ؟ ހުރިހާ ކަމެއްވެސް ރަނގަޅުތަ؟" މެލެކްގެ ބޮލުގައި އައްޒާމް ފިރުމާލިއެވެ.
އެއީ ކޮޓަރީގައި އޮތް ރައްޔާން ފެންބޮވައިގަނެގެން ނިކުތް ވަގުތެވެ. ގޭތެރޭގައި އެންމެން ތިބިގޮތުން ބަދިގެއަށް ދިޔުމުގެ ބަދަލުގައި އެތަނުން ގޮނޑިއެއްގައި އިށީނެވެ. އޭނާ މެލެކް އަށް ބަލައިލިއެވެ. އެގޭގައި ކަންތައް ވީގޮތް ރައްޔާނަށް ފަހުމުވިއެވެ.
"ރަނގަޅު" މެލެކް ބުންޏެވެ.
މެލެކް ކުރިން އެއްވެސް ވާހަކައެއްދައްކާތޯ އައްޒާމް އެއްޗެއް ނުބުނެ އިނެވެ. މެލެކްގެ ސިކުނޑި ބުނަމުން ދިޔައެވެ. ހިތުގައި އޮތް އެއްޗެއް ހާމަކުރާށެވެ. އެހެންނޫނީ ލަސްވެދާނެއެވެ. ބާޒިލް އޭނާ ގޮވައިގެން ކޮޓަރިއަށް ވަތްކަން ނޭނގޭ އެއްވެސް މީހަކު ނެތެވެ. އޭނާ އަށް އެކަން އެނގެއެވެ. އެހެންނަމަވެސް ސީދާ އެވާހަކަ ފަށާކަށް އޭނާއަށް ނުކެރުނެވެ.
"މިއަންނަ ހަފްތާގައި ދަރިފުޅުމެން ފުރަންޖެހޭ. މައި ގެ ޓްރާންސްފަރ ކަންތަކުގަ ބައްޕަ އުޅޭނަން" އައްޒާމް ބުންޏެވެ.
އިސްޖަހައިގެން މެލެކްގެ ދެލޮލުގެ ކަޅި އަވަސް އަވަހަށް ދެފަރާތަށް ދައުރުވަމުން ދިޔައެވެ. އެހާ އަވަހަށް ފުރާކަށް އޭނާ ތައްޔާރެއް ނޫނެވެ. އަމުދުން މިހާރުއެވެ. ބާޒިލް އާ ލޯބީގެގޮތުން ގުޅުނުތާ އަދި ގަޑިއެއްގެ އިރުވެސް ނުވެއެވެ. އުފާވެރި މުސްތަގުބަލެއްގެ ހުޅުކޮޅު ރަނގަޅަށް ރޮއެނުވަނީސް ބާޒިލް ނުފެންނަ ހިސާބަށް ދުރަށް ދާންވީ ހެއްޔެވެ؟ ލޫލު... ލޫލު ނުފެންނަ ހިސާބަށް ހެއްޔެވެ؟ އެހެން އެކަނި ހިތަށް އެރިޔަސް މެލެކް ނޭވާ ހާސްވާގޮތް ވިއެވެ.
ކުއްލިއަކަށް އިށީނދެގެން އޮތް ސޯފާގެ ދެފަރާތުގައި ބާރަށް މެލެކް ހިފަހައްޓާލިއެވެ. އެހިނދު އެންމެންގެ ސަމާލުކަން މެލެކް އަށް ހުއްޓުނެވެ.
"މެލީ... ކިހިނެއްވީ؟" މައިލީން ކައިރިވެލިއެވެ.
ދުވެފައި ބަދިގެ އާ ދިމާލަށް ގޮސްފައި އައި ރައްޔާން ފެންފުޅި ދިއްކޮށްލުމުން މައިލީން ފެންފުޅި މެލެކްގެ އަނގައިގައި ޖައްސަން އުޅުނެވެ. އައްޒާމްގެ އަތްތިލައިގެ ތެރޭގައި އޮތް މެލެކްގެ އަތްތިލައިގައި އަތް ހާކަމުން އައްޒާމް ދިޔައެވެ. އެއް އަތުން ފެންފުޅި މެލެކް ދުރުކޮށްލިއެވެ.
ކަމެއް ގޯށްވާން އުޅޭހެން މެލެކް އަށް އިހުސާސްވިއެވެ. ބޮލުގެ ތެރޭގައި ހޫނުގަނޑެއް އުފެދިއްޖެއެވެ. ހީވީ ނާށިގަނޑުގެ އެތެރެ ބޮކި އަރާފަ ކެކެމުން ދިޔަހެންނެވެ. މީހާ ޕެނިކްވުމުގެ ކުރިން މިފަހަރު އަމިއްލަ އަށް ރަނގަޅުވާން އޭނާ މަސައްކަތް ކުރިއެވެ. އޭނާގެ ހިތް ބުނެލި ކަހަލައެވެ. މިފަހަރު އެއްވެސް އިންޖެކްޝަނެއް ބޭހެއް ނޯންނާނެއެވެ. މިފަހަރު ހަނގުރާމަ ކުރާނީ އެކަންޏެވެ.
"ފެންފޮދެއް..." ކުރިން ދުރުކޮށްލި ފެންފުޅީގައި މެލެކް ހިފިއެވެ. އޭނާ އަތަށް ފެންފުޅި ދިއްކޮށްލުމުގެ ބަދަލުގައި މައިލީން އުޅުނީ އަނގައިގައި ފުޅި ޖައްސާށެވެ. އެހެންނަމަވެސް ތުރުތުރު އަޅަމުން ދިޔަ ދެއަތުން މެލެކް ފެންފުޅީގައި ހިފިއެވެ.
"އަޅުގަނޑު ރަނގަޅު" މެލެކްގެ ވިންދު ބަލައިލަން އަތުގައި މައިލީން ހިފުމުން މެލެކް ބުންޏެވެ.
"ފުރަންވީއޭ. ހާދަ... ހާދަ އަވަހަށް"
މެލެކްގެ ހަށިގަނޑަށް ހަމަޖެހުމެއް ލިބުމުން ވާހަކަދެއްކިއެވެ.
"ކިހިނެއްވީ؟ ދަރިފުޅު ބޭނުމިއްޔާ އަދި ލަސްކޮށްލެވިދާނެ. ބައްޕައަށް އެނގެނީ ކިތަންމެ ލަސްވިޔަސް ފުރަންޖެހޭނެކަން" އައްޒާމް ބުންޏެވެ.
"ލޫލު... " މެލެކް ބުންޏެވެ.
ތަބައްސުމް މެލެކްގެ ގާތުގައި އިށީނެވެ. މެލެކްގެ ބުރުގާ ރީތިކޮށްލާފައި މެލެކްގެ މޫނު އޭނާ އާ ދިމާލަށް މަޑުމަޑުން އަނބުރާލިއެވެ.
"ދަރިފުޅު ބޭނުންވަނީ ލޫލު ގޮވައިގެންތަ ދާން. ތިކަންވެސް މަންމަމެން ހަމަޖައްސައިދޭނަން" ތަބައްސުމް ބުންޏެވެ.
"ހިނގާ މާދަމާ ގޮތެއް ނިންމަމާ. ފުރަންޖެހުނީމަ ދެން ފުރާނީތާ އެންމެން. މިރަށުން އަހަރެމެން ދެބެންވެސް އިރާދަކުރެއްވިއްޔާ ފުރާނީ ވަރަށް ހިތްހަމަޖެހިގެން. ހިނގާ މެލީ ބޭސްކާން ދާން" މައިލީން ބުންޏެވެ.
މައިލީން ކަންތައްކުރީ އަހަދުﷲ ފޮނުވާލި މެސެޖުގައި އޮތް ގޮތަށެވެ. މެލެކް ގޮވައިގެން މައިލީން ތެދުވިއެވެ. އިތުރަށް އެތާ އިނދެގެން މެލެކްގެ ސިކުނޑިއަށް ބާރުބޮޑުވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ ކަންތައްކުރީ ޑޮކްޓަރެއްގެ ހައިސިއްޔުތުންނެވެ. މެލެކް ހިފަހައްޓާކަށް އައްޒާމް އާއި ތަބައްސުމް ވެސް ނޫޅުނެވެ.
"އަހަރެން ހިތަށް އަރަނީ މިކަން ނިމިގެންދާނީ ކިހިނެއްބާއޭ" ތަބައްސުމް ބުންޏެވެ. އޭނާއަށް ފިކުރުކުރެވެން ފެށުނެވެ.
"އިނގުރު ސައިފެން ތައްޓެއް ގެނެސްދީ. ކަރުތެރެ އަދިވެސް ރަނގަޅެއްނުވޭ" އައްޒާމް ބުންޏެވެ.
މެލެކް ފަދައިން އައްޒާމްގެ ސިކުނޑިއަށް ވެސް ބާރުބޮޑުވީއެވެ. ހަމަޖެހެން އޭނާ ވަގުތު ބޭނުންވީއެވެ.
****
ސިހާމާ ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރީ ބާޒިލް އެވެ. ބާޒިލް ސަލާމް ގޮވާލިއެވެ. ސާރާ އާ ބައްދަލުކޮށްލަން ކަމަށް ބުންޏެވެ. ސިހާމާ ހައިރާންވިއެވެ. ބާޒިލްގެ ވާހަކަދެއްކުމުގައި ހުރި ބީރައްޓެހިކަން އޭނާ އަށް އިހުސާސްވިއެވެ. އެހެންނަމަވެސް ބޮޑަށް
ދޮރުހުޅުވާލާފައި ހިނިތުންވެލަމުން ތަންދެއްކިއެވެ.
"ކޮޓަރީގަ ވެއްޖެ" ސިހާމާ އެދިމާލަށް އިޝާރާތްކޮށްލިއެވެ.
"ގޮވާލަދީފާނަން" ބާޒިލް ބުންޏެވެ.
ސިހާމާ ހިނގައިގަތެވެ. އެތެރެއަށް ވަދެފައި އިރުކޮޅަކުން އައިސް ބާޒިލް ކުރިމަތީގައި ހުއްޓުނެވެ.
"ފަޔަށް ތަދުކޮށްލައިގެން އޮތީ. ދޭބަލަ އެތެރެއަށް. މިއީ ހަމަ ބާޒިލްގެވެސް ގެއެއްނު" ސިހާމާ ބުންޏެވެ.
ބާޒިލް ހިނގައިގަތެވެ. ސާރާ ހަމަ ގަސްދު ވާހަކައެއް ހެދީކަން ބާޒިލް އަށް އެނގުނެވެ. ކޮންމެގޮތެއް ވިޔަސް މިރެއިން މިޔެއަށް މިކަން ނިންމަންޖެހޭތީ އޭނާ އެތެރެއަށް ވަނެވެ.
"އާދޭ އެތެރެއަށް" ބާޒިލް ފެނުމުން ސާރާ ބުންޏެވެ.
އޭނާ އޮތީ އެނދުގައި ގައިމަތީގައި ކުއިލްޓް އަޅައިގެންނެވެ. ބާޒިލް ފެނުމުން އެނދުގެ ހެޑްބޯޑުގައި ލެގިލާފައި އިތުރަށް ހަމަޖެހިލިއެވެ.
"އިށީންނަންވީނުން" ސާރާ ބުންޏެވެ.
ބާޒިލް ބަހެއް ނުކިއިއެވެ. އޭނާ ބަލައިލެވުނީ ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ފޮޓޯ ފްރޭމަށެވެ. އެއީ މީގެކުރިން އެކޮޓަރީގައި ހުރި ފޮޓޯއެއް ނޫނެވެ. ސާރާ ސާބިތުކޮށްދޭން އުޅެނީ ކޮންކަމެއް ހެއްޔެވެ؟
"އަހަރެން ކިހިނެއްތޯވެސް އަހާނުލާނަންތަ؟" ސާރާ އަހާލިއެވެ. ބާޒިލް ބަހެއްނުކިޔާ ހުރުމުން ސާރާ ބަލައިލީ ބާޒިލް ބަލަހައްޓައިގެން ހުރި ދިމާލަށެވެ.
"ރީތި ތަ؟ ހަނދާންވޭތަ އެދުވަސް. އެއީ ޒެއްލު އަހަންނަށް ޕްރޮޕޯސްކުރި ދުވަހު ނެގި ސެލްފީ" ސާރާ ބުންޏެވެ.
"ބޭކާރު އެއްވެސް ހަނދާނެއް މިހާރު އަހަރެންގެ ނެތް. ސާރާ! އަހަރެން މިބުނާ އެއްޗެއް ރަނގަޅަށް އަޑުއަހައްޗެ. އަހަރެން މިއައީ އަހަރެމެން ދެމީހުން މެދުގައި އޮތް ގުޅުން ނިންމާލި ވާހަކަ ބުނަންވެގެން. އަހަންނަށް ވިސްނިއްޖެ ރަނގަޅު ގޮތް. އަހަރެން ބޭނުންވަނީ އަހަރެންގެ ދިރިއުޅުން ސަލާމަތްކުރަން" ބާޒިލް ވާހަކަދައްކަމުން ދިޔައެވެ. އިރުކަޅަކުން ސާރާ އައިސް ހުއްޓުނީ ބާޒިލްގެ ކުރިމައްޗަށެވެ.
"ކީކޭ...؟ އެބަ އެނގޭތަ ތިދެއްކޭ ވާހަކަ... ޒެއްލު... ބަލާބަ އަހަންނަށް... މިއީ ޒެއްލު އެންމެ ލޯބިވާ...." ސާރާ ބާޒިލްގެ ދެއަތުގައި އާއި މޭގެ އެކި ތަންތަނުގައި ފިރުމަން ފެށިއެވެ..
"ސާރާ.. ދުރަށްދޭ... އަހަރެންގެ އަންބަކާ ދަރިއަކު މިދުނިޔޭގައި ހުރިކަން އެނގި އަހަރެންގެ ހުރިހާ ވަގުތުތަކެއް ސާރާއަށް ދިނިން. އެމީހުންނަށް ދޭންޖެހޭ ވަގުތުތައް އަހަރެން ހުސްކުރީ ސާރާއަށް. އަހަރެންގެ ކުށެއްނެތް އަނބިމީހާ އަހަންނަށް އެންމެ ބޭނުންވި ވަގުތު އަހަރެން އިސްކުރީ ލޯބިވެރިޔާގެ އުފާތައް. އަހަރެން ހުރީ ސާރާއަށްޓަކައި މައިންބަފައިންނާ އަހަރެންގެ ލެއިން އުފަންވެފައިވާ ދަރިފުޅުވެސް ދޫކޮށްފަ ސާރާ ހިތްހަމަޖެހޭ ތަނެއްގަ ދިރިއުޅެން ތައްޔާރަށް. އެކަމަކު ހަގީގަތުގަ އަހަރެން ސާރާއަށްޓަކައި ވީވަރު ސާރާއަށް އިހުސާސެއް ނުކުރެވުނު. އަހަރެން ސާރާ އަށް އެންމެ ބޭނުންވި ވަގުތު ބުނެވެސްނުލާ ސާރާ ފިލައިގެން ދިޔައީ. އަހަރެން މާލެ ދިޔައީ ސާރާއަށްއަށްޓަކައި ނޫންކަން ގަބޫލުކުރަން. އެކަމުވެސް ސާރާ މަތިން ހަނދާންވާތީ އަހަރެން ގުޅިން. ފޯނަކަށް ޖަވާބެއްނުދިން. އަހަންނަށް ބޭވަފާތެރިވެ ސާރާ ކުޅުނު ކުޅިގަނޑު އެކަލާނގެ އަހަރެންގެ ލޮލަށް ދެއްކެވުން އެއީ ކުރެވުނު ކުށް އިހުސާސްވާން މެދުވެރިވި ސަބަބު. އަހަރެން ސާރާ ދޫކޮށްލައިފިން. އަހަރެން މުޅި އުމުރަށް މެލެކް އަތުގައި ހިފައިފިން. އަހަންނަށް މެލެކްދެކެ ލޯބިވެވިއްޖެ. އަހަރެން ދެން އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެހޭނަން. އެހެންވީމަ މިވާހަކަތައް ސާރާ ކައިރީގަ ބުނެލުން އަހަންނަށް މުހިންމު ކަމަކަށް ފެންނާތީ މިބުނެލީ. އެއީ ސާރާ ކުށްހީއެއްގަ ބަހައްޓަން ބޭނުންނުވާތީ. އަހަރެން މިދަނީ" ބާޒިލް ހިނގައިގަތެވެ.
ޖެހި ބުދެއްހެން ސާރާ ހުއްޓެވެ. އޭނާގެ ސިކުނޑީގައި ބާޒިލް ދެއްކި ވާހަކަތައް ގުގުމަމުން ދިޔައެވެ. އޭނާއަށް ހަރަކާތެއްކޮށްލަން ހަނދންވިއިރު ކޮޓަރިން ބާޒިލް ނިކުމެއްޖެއެވެ. އޭނާ ދުވެފައި ކޮޓަރިން ނިކުތެވެ. އޭރު ދޮރާ ދިމާލަށް ބާޒިލް ދިޔައެވެ. ހައިރާންވެފައި ސިހާމާ ހުއްޓެވެ. ސާރާ ހިފަހައްޓަން ސިހާމާ އެއްލި އަތް ދިޔައީ ހުސްކޮށެވެ. ދިޔަގޮތަށް ސާރާ ހިފީ ބާޒިލްގެ ޓީޝާޓުގައެވެ. ސިހިފައި ބާޒިލް ބަލައިލިއެވެ.
"މޮޔަވީތަ؟" ސާރާގެ އަތް ނައްޓުވަމުން ބާޒިލް ބުންޏެވެ.
"ސާރާ... ދަރިފުޅު ހަމަޖެހިބަލަ" ސިހާމާ ސާރާގެ ގައިގައި ހިފެހެއްޓިއެވެ.
"ނުހުންނާނަން.... އޭނަ ބޭނުންހާ ގޮތެއް ނެހެދޭނެ. އޭނަ ޖެހޭނީ އަހަންނާ އިންނަން. ދެވަނަ ފަހަރަށް އެގޮތަށް އަހަރެންގެ ހިތްހަލާކުކޮށްލަން އޭނައަށް ކޮން ހައްގެއް އޮތީ" ސާރާ އަށް ރޮވިއްޖެއެވެ. ސިހާމާގެ ދެލޮލުންވެސް ކަރުނަ ނީރާލިއެވެ.
"ހެޔޮނުވާނެ ތިހެން މިކުއްޖާއަށް ހަދަން. މިކުއްޖާގެ ކުށަކީ އިންތިހާދަރަޖައަށް ކަލޭދެކެ ލޯބިވުންތަ؟ ނޫނީ މިކުއްޖާގެ ގައިން ކަލެއަށް ކަމުނުދާ ތަންކޮޅެއް ފެނުނީތަ؟ އަހަންނަކަށް ހިއެއްނުވޭ ތިބުނާ މެލެކްއަށް ވުރެ މިކުއްޖާ ހުތުރުހެނެއް" ސިހާމާ ހަޅޭއްލަވައިގަތެވެ. ސިހާމާގެ ގައިގައި އެލިގަނެގެން ކަހަލަ ގޮތަކަށް އޮތް ސާރާ ރޮމުން ދިޔައެވެ.
"މެލެކް މިދެމެދަށް ނުވައްދާ. އަހަރެން މިގުޅުން ކަނޑާލީ. އޭރުވެސް އަދި މިހާރުވެސް މެލެކްއަށް އެއްވެސް ކަމެއް ނޭނގޭ" ބާޒިލް ބުންޏެވެ. "އެހެންނޫނަސް ތި ސާރާ އަހަރެންދެކެ ތިބުނާ ދަރަޖައަށް ލޯބިވީ ކުރިން، މިހާރަކުނުވޭ. ވާނަމަ އަހަންނަށް ބޭވަފާތެރިނުވީސް. ހަގީގަތުގައި ސާރާއަށްޓަކައި ގުރުބާންވި މީހަކީ އަހަރެން. އަހަރެން ވި މިންވަރާ ގާތަށްވެސް ސާރާ އަށް އަހަރެންދެކެ ލޯބިނުވޭ. އަހަރެންދެކެ އޭރުވެސް މިހާރުވެސް އިމެއް ނެތް މިންވަރަށް ލޯބިވި މީހަކީ މެލެކް. އެއްވެސް ކަމެއް ހަނދާނުގަ ނެތްއިރުވެސް އޭނަގެ ހިތުން މި އިހުސާސެއް ފިލައިގެން ނުދިޔަ. ސިހާމައްތަ ސާރާ އަށް ވިސްނައިދީ" ބާޒިލް ވާހަކދެއްކިއެވެ.
ސިހާމާ ބާޒިލް އަށް ބަލަހައްޓައިގެން ހުރީ ހިތްހަމަނުޖެހުމުގެ ނަޒަރަކުންނެވެ.
"ބާޒިލް.... މަޑުކޮށްބަ ބާޒިލް..." ސާރާ ދާން އުޅުމުން ސިހާމާ ގަދަކަމުން ހުއްޓުވިއެވެ.
"އަޅާނުލާ. އޭނަ ދިޔަދީ..." ސިހާމާ ބުންޏެވެ.
"ނޫން... އަހަރެން އެހާ ފަސޭހައިން މެލެކް އަށް ކާމިޔާބުވިޔަކަ ނުދޭނަން. އަހަރެން އޭނަގެ ދުވަސް ދުއްވާލަނަން. ސިކުނޑި އެފުށް މިފުށަށް ޖަހާނަން. މިފަހަރު ޑޮކްޓަރުންނަށްވެސް އޭނަ ސަލާމަތެއް ނުކުރެވޭނެ" ކަރު ހަންދާވަރަށް ސާރާ ރޮމުން ބުނަމުން ދިޔައެވެ.
****
ބާޒިލް ސައިކަލަށް އަރައިގެން ދުއްވާލިއެވެ. އޭނާ އަށް ހަމަޖހެހުމެއް ނުލިބެއެވެ. ސާރާގެ ވާހަކަތައް އޭނާގެ ސިކުނޑީގެ ހަމަޖެހުން ނަގާލަމުން ދިޔައެވެ. ސާރާ އެބުނާ ބުނުމުގައި އަސަރެއް ވިއެވެ. އޭނާ މެލެކް އާ ބައްދަލުކުރާނެއެވެ. މެލެކްގެ ޒަމާން ދުއްވާލަން ވިޔަސް އޭނާ މިފަހަރު ދުލެއް ނުކުރާނެއެވެ. މިފަހަރު މެލެކް ދުވަސްނުދިއްޔައިއްޔާ ރަނގަޅެވެ. އެކަމަކު ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ސާރާގެ ސަބަބުން މެލެކް އެއްވެސް ގެއްލުމެއް ވާކަށް ނޭދެވޭނެއެވެ. ބާޒިލް ސައިކަލު ދުއްވަމުން ގޮސް އޮފީސް ކައިރިއަށް މަޑުކޮށްލިއެވެ. ސައިކަލުން ފައިބައިގެން އައިސް އޭނާ ހުއްޓުނީ ދޮރުކައިރީގައެވެ. މިވަގުތަކީ އޮފީސް ބަންދު ވަގުތެއްކަން އެނގޭ އިރުވެސް އޭނާ އަނބުރާލާފައި ނުދިޔައެވެ. ތަޅުދަނޑިފަތިން އޮފީހުގެ ތަޅުދަނޑި ވަކިކޮށްލާފައި ހުޅުވާލިއެވެ. އެންމެ ލައިޓެއް ޖައްސާފައި އޭނާ އެތެރެއަށް ވަދެގެން ގޮސް އޭނާގެ މޭޒު ކައިރީގައި މަޑުކޮށްލިއެވެ. ބޯ ގޮވައިފިއެވެ. ސާރާ މިއީ ވަރަށް ހުޝިޔާރު އަންހެނެކެވެ. އެހެންއެވީ ވެސް ފަރުވާކުޑަ އެތައް ކަމެއް ފަހަތަށް ދޫކޮށްލެވުނީތީއެވެ. ހުރިހާވެސް މައްސަލައަކީ ވިސްނާނުލާ ކުރާ ކޮންމެ ކަމެއް ކުރެވުމެވެ. ސާރާ އާ ރައްޓެހިވެގެން ހުރެ މެލެކް ހަޔާތަށް ގެނައީ ކީއްކުރަން ހެއްޔެވެ؟ ދެފަހަރަށް ސާރާގެ ހތް ހަލާކުކޮށްލެވުނީ ކީއްކުރަން ހެއްޔެވެ؟
މޭޒުމަތީގައި އޮތް ބަރުގައި ބާޒިލް ބާރަށް ހިފަހައްޓާލިއެވެ. މި ވިސްނެނީ އަދި ނުބައިކޮށް ކަން އޭނާގެ ޒަމީރު ވިސްނައިދިނެވެ. ސާރާ ފަދަ ގޮތެއްނެތް އަންހެނެއް ދޭ އިންޒާރަކާ މެދު މީހާ އަވަދިވާވަރަށް ވިސްނަންޖެހޭ ހެއްޔެވެ؟ ސާރާ އަށް މިފަހަރު އެއްވެސް ކަމެއް ގޯހެއް ނުކުރެވޭނެއެވެ. ސާރާ ޖެހޭނީ ބަލިގަބޫލުކޮށްގެން މިފަހަރު އެއްފަރާތް ވާށެވެ. ސާރާ ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް މިފަހަރު މިހެރީ ދޫކުރާ ގޮތަކަށް ނޫނެވެ. މެލެކް ލިބުނަސް ، ނުލިބުނަސް ސާރާގެ ފައި ބުޑަށް ވެއްޓޭކަށް ނުދާނަމެވެ. ސާރާ ހީކުރާގޮތް ހެއްޔެވެ؟ ބާޒިލްގެ ތުންފަތަށްވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. ސާރާ ބުނާ އެއްޗަކަށް އޭނާ ބިރުން ނޫޅޭނެއެވެ. ސާރާގެ އެތިފަހަރެއް މެލެކް އާ ހަމައަށް އައުމުގެ ކުރިން އޭނާ މެލެކްއަށް ހިންޓެއް ދޭނެއެވެ. ހުރިހާގޮތަކުން މެލެކް ހިތްވަރުގަދަ ކުއްޖަކަށް ހަދާނެއެވެ. ސާރާ ހާމަކުރަން ހަގީގަތަކީ މެލެކްގެ ދިރިއުޅުމުގެ އެންމެބޮޑު ހަގީގަތަށްވާއިރު އެ ހަގީގަތާ ކޮންމެސްދުވަހަކުން މެލެކް ކުރިމަތިލާން ޖެހޭނެތާއެވެ.
ޖީބުގައި އޮތް ފޯނު ނަގާފައި ބާޒިލް ގުޅީ މެލެކް އަށެވެ. ނަސީބަކުން އެއްފަހަރުން މެލެކް ފޯނު ނެގިއެވެ.
"ހައި ލަވް... ކީއްކުރަނީ؟" ބާޒިލް އަހާލިއެވެ.
"ކަމެއްނުކުރަން. ދޮނާ ރީތިވާތަން ބަލަން އިނީ" މެލެކް ބުންޏެވެ.
"އެހެންތަ. ކުޑަކަމެއް ކޮށްލަދެވޭނެތަ؟" ބާޒިލް ބުންޏެވެ.
"ބުނޭ"
"ޓޫ މިނެޓްސް އަށް ދޮރާށި ކައިރިއަށް ނިކުމެލެވޭނެތަ؟"
މެލެކް ޖަވާބެއް ނުދިނެވެ. އުނދަގުވެގެން އުޅޭކަހަލަ ގޮތަކަށް މެލެކް އުޅުނުހެން ހީވުމުން ބާޒިލް އަށް އެނގުނެވެ. މައިލީން ހުރުމުން މެލެކް އެ އުޅެނީ ވާހަކަދައްކަން ނުކެރިގެންނެވެ.
"އޯކޭ.... އަހަރެން ބުނާ އެއްޗަކަށް ޔެސް ނޫނީ ނޯ އޭ ބުނޭ" ބާޒިލް ބުންޏެވެ.
މެލެކް ހޫނ ލައްވާލިއެވެ.
"ފައިވް މިނެޓްސް ތެރޭގަ ތިގޭ ކައިރިއަށް އެބަދަން. ޓޫ މިނެޓްސް އަށް ނިކުމެލާބަ. ޕްލީޒް... " ބާޒިލް ބުންޏެވެ.
މެލެކް ނޯ އޭ ބުންޏެވެ.
"ޕްލީޒް ބޭބީ... މިއުޅެނީ ވަރަށް ބޯ ގޮވައިގެން. މެލީ ގެ މޫނު ފެންނައިރަށް ހުރިހާ ކަމެއް ރަނގަޅުވާނެ" ބާޒިލް ބުންޏެވެ.
"ނޯ" މެލެކް ބުންޏެވެ.
ބާޒިލް ހިނިއައެވެ. އޭނާ މިފަހަރު ބުނާނީ މެލެކް ޔެސް އޭ ބުނާވަރުގެ އެއްޗެކެވެ.
(ނުނިމޭ)