މަންމަމެންނާ ދިމާއަށް ބަހެއް ބުނުމުން ކެތްނުކުރެވުނު ވަރަށްވުރެ ބޮޑަށް ރޫހީނަށް އަސަރު ކުރީ ދެނެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާގެ ސަބަބުން ނަޒްމާނަށް އެއްވެސް ގެއްލުމެއް ވާކަށް ނުރުހެވުނެވެ. ރައިހާނާގެ ޝަރުތާ އެއްބަސްވާކަށް ވަގުތުތަކެއް ނުނަގައެވެ.
އެކަމަކު އޭނާ އެކަން ކުރީ ފައިސާ ބޭނުންވެގެނެއް ނޫނެވެ. އެންމެ ލޯ ލާރިއެއްވެސް އޭނާ ބޭނުން ނުވިއެވެ. އެކަމަކު އެ ވަގުތުން ވަގުތަށް އޭނާ ނަޒްމާނުގެ ހަޔާތުންނާއި އެގެއިންވެސް ނުކުމެގެން ދިޔައީއެވެ. އަބަދުގެ އަބަދަށެވެ.
ނަޒްމާން ޝަކުވާ ކުރިއެވެ. އޭނާ ހޯދަން މޮޔައެއް ފަދައިން އޭނާގެ މަންމަގެ ފޯނަށާއި އާއިލާގެ އެހެން ދަންނަ އެންމެންގެ ނަންބަރަށް ގުޅިއެވެ. އެކަމަކު އެއްވެސް ވާހަކައެއް ދައްކަން ރޫހީން އެއްބަހެއް ނުވިއެވެ.
ގޭގެ ބަންދަށް ގެންދިޔަ ދުވަސްތައް ނިމުމަށްފަހު އަނބުރާ ދޫނިދޫއަށް ގެންދިއުމާއެކުހެން ނަޒްމާނު ރޫހީނާ ބައްދަލުކުރަން އެއްނަންބަރަށް ދިޔައެވެ. ތަނުގެ އިސްމީހާ އައުމުން އޭނާގެ އަމުރަށް ބޯލެބުމުގެ ގޮތުން ރޫހީން ފެންސު ކައިރިއަށް ދިޔައެވެ.
އެހެންނަމަވެސް ނަޒުމާނާ ހަތަރުކަޅި ހަމަކޮށްލާނެ ހިތްވަރެއް އެ ދުވަހު އޭނާއަކަށް ނުލިބުނެވެ. ނަޒްމާނާއެކުގައި ހޭދަވި އެންމެ ހަތަރު ވަރަކަށް ދުވަސް، ހާއްސަ އެރޭ، އޭނާގެ ހިތުން ފިލުވައެއް ނުލެވުނެވެ.
ކުރިން އަބަދުވެސް ހެވިފައި ކޮންމެ ކަމަކާވެސް ނުހަނު ބޮޑަށް ވިސްނައިގެން އަމިއްލަ ކަމެއްގެ ގޮތަށް ކަންކަން ކުރުމުގައި އެންމެންގެ އެހީތެރިއެއްގެ ގޮތަށް އުޅުނު ރޫހީންގެ ބަދަލުވެފައިވާ މިޒާޖާ މެދު ސުވާލު ކުރާކަށް އެކަކަށްވެސް ނުކެރުނެވެ.
ނެގިމަޑުވެފައި، ހިމޭންވެފައި އިންނަން ފެށުމުން، އެންމެންވެސް ހީކުރީ އާއިލާއާ ދަރިންނާއެކު އުޅެފައި އަނެއްކާވެސް ބަންދަކަށް އައުމުން އެކަމާ މެދު ކަންބޮޑުވެފައި ހުންނަނީ ކަމަށެވެ.
*********
ފަތިސްނަމާދަށް ބަންގި ގޮވަން ފެށި އަޑު އިވިފައި ރޫހީންގެ ހިޔާލުތައް ވިއްސިވިހާލިވެގެން ހިނގައްޖެއެވެ.
ތޭރިތަކުގެ ފަހަތުން ކޮރިޑޯތެރެއިން ގޮސް ދަގަނޑުގޮޅި ފެންސުން ބޭރަށް ޔާޑުތެރެއިން ގޮސް ރޫހީންގެ ނަޒަރު ގޮސް ހުއްޓުނީ އަންހެން ޖަލުގެ ބޭރުން ފެންނަން ހުރި ބޮޑު ހިރުނދުގަހާ ދިމާއަށެވެ. ފަތިހުގެ ފިނި ރޯޅިތަކުގެ އަސަރު ގޮޅީގެ ތެރެއަށް ކުރަން ފެށިއެވެ.
ރޫހީން ހިންދިރުވާލާފައި ފުންނޭވާއެއް ލިއެވެ. އަތުގެ ނުފުށުން ދެލޯ ފޮހެލަމުން ބިންމަތިން ތެދުވިއެވެ.
އަނެއްކާވެސް ފުންނޭވާއެއް ލިއެވެ. ހިތަށް ކުރަމުންދާ އަސަރުން ސަލާމަތް ވުމަށެވެ.
އޭނާގެ ހިތް ބަސްނާހައި އޭނާއާ ދެކޮޅު ހަދަން މަސައްކަތް ކުރަނީއެވެ. ހިންދިރުވާލަމުން ފާހާނާއާ ދިމާއަށް ދާން ކަމަށް ފިޔަވަޅު ނެގިއެވެ. އެވަގުތު ފާރުގައި ހަރުކޮށްފައި ހުރި ލޯގަނޑުން އަމިއްލަ މޫނާއި ބަރުވެފައިވާ އެސްފިޔަތަކާއި ވަރުބަލި މާޔޫސީ ދެލޯ ފެނިފައި ހުއްޓިއްޖެއެވެ.
އަނެއްކާވެސް އޭނާގެ ހިތަށް ތަދުވެއްޖެއެވެ. ނަސީބާ މެދު ރުޅިއަތުވެއްޖެއެވެ. އަމިއްލަ ނަފުސު ދެކެ ވެސް ރުޅި އަތުވެއްޖެއެވެ.
"ދެކޮޅު ނުހަދާ ރޫހީން، ނަސީބުދެރައީ ނޫން، ނަސީބަށް ފުރަގަސް ދިނީ ކަލޭ އަމިއްލައަށް، ޖަލުގައި ތިބޭ މީހުން މީހުންނާ ނީނދޭތަ؟ ކައިވެންޏަށް އެދި ނަޒްމާނު ކިތައް ފަހަރު ގުޅި، ގޭބަންދުގައި ހުރެގެން ކައިވެނި ކުރިނަމަ މި ހިސާބަށް އަންނާކަށް ނުޖެހޭނެ، ދެންވެސް މިތަނަށް އައުމުންވެސް އާދޭސްކުރި، އެންމެ ފަހުން ބޮޑުއެއްޗެއް ޖަހާފަ ތިހިރީ ވަރަށް މޮޅު މީހަކަށްވެވިފައި، ސަޅި،"
ރޫހީންގެ ބޮލަށް އެނބުރުން އަރާ ގޮތް ވެއްޖެއެވެ. އެކި ދިމަދިމާލުން އޭނާގެ ހިތް އޭނާއާ ދިމާއަށް ހަޅޭލަވަނީއެވެ.
"ކޮން ރައްޓެއްސެން، ކޮން ރަހުމަތްތެރިއެއް، އެމީހުންނަށް ކިރިޔާވެސް ފުރުސަތެއް ލިބޭނެނަމަ، ރޫހީނަށް ލިބުނުވަރުގެ އެއްޕަސަންޓު ލިބުނަސް ފުންމައިގެން ގޮސް އާނއެކޭ ބުނެ ކައިވެނި ކުރާނެ،"
"ރޫހީއައްތައަށް އެނގޭތަ، މި ލާނާ އުޅެނީ ކީއްކޮށްގެންކަން،"
"މާނުއާ ދެމީހުން ކަމެކޭ ބުނީމަ ބަލައިލަ އޭނަގެ މޫނަށް އަރާ ކުލަކުލަ،"
"މާނު ބޭނުންވީ އިންނަން، އަހަރެން ބޭނުންނުވީ، އޭރު އެހާ އެޓޭޗެއް ނޫން، އެހެންނޫނަސް އާއްކޮގެ ޑޭޑް ދެކެ އައި ވޯޒް ޓްރޫލީ މޭޑްލީ އިންލަވް، ކިހިނެއް އެނގޭނީ ހުސެން އެހެން ވާނެ ކަމެއް،"
ރޫހީނަށް ބޮލުގައި ދެ އަތުން ހިފަހައްޓާލެވުނެވެ.
ލާނާއަކީ އޭނާގެ ރަހުމަތްތެރިޔާއެވެ. ކޮންމެ ތަނަކުން ކޮންމެ އިރަކު ބައްދަލުވިޔަސް އެކުވެރިކަން ވާނީ އެކުވެރިކަމަށްތާއެވެ. އެހެންނޫނަސް ނަޒްމާނުގެ އާއިލާގެ ނުރުހުމާއި ނަފުރަތުގެ ބަސްތައް އޭނާގެ ހިތަކުން ހަނދާނަކުން ފިލާނުދާނެއެވެ. އެންމެ ފުރަތަމަ ނަޒްމާނަށް އިތުބާރު ނުކުރެވުނު ނަމަވެސް އެ ގޭގައި ނަޒްމާނާއެކު ހޭދަކުރެވުނު ވަގުތުތައް އޭނާއަށް ނަޒްމާން ދަސްކޮށްދިނެވެ.
އަމިއްލަ އިހުތިޔާރުން ބޭރުގައި ވިޔަސް ނަޒްމާނާއެކު ހޭދަކުރި އެ ސައުވީސް ގަޑިއިރާއި އެ ހަތަރު ދުވަހުގެ އުފާވެރިކަމާއި ހިތްހަމަޖެހުމަށްޓަކައި އޭނާ ފަހަރެއްގައިވެސް އަމިއްލަ ނަފުސު ކުށްވެރިއެއް ނުކުރެއެވެ. އެ ހިނދުކޮޅުތަކުގެ ނަލަނަލަ ހަނދާންތައް ހިތުގެ ކަނެއްގައި ފޮރުވައިގެން އަމިއްލަ ބޮޑު ސިއްރަކަށް އެކަން ހަދައިގެން އޭނާ އެހެރީ ނަޒްމާނަކީ އެއްވެސް ގޮތަކަށް ނުދަންނަ މީހަކަށް ހެދި ސަބަބުތައް ގިނައެވެ.
ހަގީގަތަކީ ލާނާގެ ވާހަކައަކީ ހަމައެކަނި ބަހަނާއެއް ކަމެވެ. ނަޒްމާނުގެ މަންމައާއި ދައްތަ ވަކިން އެ ދުވަހު ރޫހީނާ ބައްދަލުނުކުރިނަމަ ފަހަރެއްގައި ވެސް ނަޒްމާނުގެ ފަރާތުން މޫނު އަނބުރާލުމުގެ ހިތްވަރު އޭނާއަށް ނުލިބުނީސް ކަންނޭނގެއެވެ.
ހިތުގެ އުދާސްތަކަށް ހަމަޖެހުމެއް ހޯދައިދެވޭނީ ފަތިސްނަމާދުގެ އަޅުކަން އަދާކޮށް ﷲތައާލާގެ ހަޒުރަތައް ކުއްތަންވުމުން ކަން ގަބޫލު ކުރެވޭތީވެ، ރޫހީން ހިތްވަރުކޮށްލާފައި އެނދުން ތެދުވިއެވެ. ގަދަބާރުން ކަމަށްވިޔަސް ފިޔަވަޅު ނަގަމުން ގޮސް ވަނީ ފާހާނާއަށެވެ.
ދަތްއުނގުޅައި، އަތްފަޔާއި މޫނު ދޮވެ ތާހިރުވެގެން، ވުޟޫ ކުރުމަށްފަހު ފާހާނާއިން ނުކުމެ އަންނައުނު އަޅުވާފައި ހުރި ބުޅިގަނޑު މަތީގައި ބާއްވާފައިއޮތް މުސައްލަ ނަގައި އެނދުމަތީގައި ބޭއްވުމަށްފަހު ރޫހީން އޭނާ ނަމާދަށް ހާއްސަކޮށް ލާން ގެންގުޅޭ ހުދުކުލައިގެ ކުރުތާއާއި ހަރުވާޅު ނަގައި، ލައިގެން ހުރި ނިދާ ހަރުވާޅާއި ޓީޝާޓް ބަދަލުކޮށްލިއެވެ.
މޭޒުކައިރިއަށް ޖެހި، އިސްތަށިގަނޑުގައި އަތްފުނާ އަޅައި ހުޅިއެއް ޖެހުމަށްފަހު، ލޯޝަންފުޅިން އެތިކޮޅެއް ނަގައި ގައިގައި ހޭކިއެވެ. މި މާހައުލުގައި މީރުވަސް ދުވާ ސެންޓު ގެންގުޅުމަކީ މަނާކަމަކަށް ވާތީ، އެ ހުސްކަން ފޫބެއްދުމަށް ލޯޝަނުގެ އެހީ ހޯދަނީ އެއީ މި މާހައުލުގައި އެކަން ކުރެވެން އޮންނަ ހަމައެކަނި ގޮތް ކަމަށްވާތީއެވެ. ޖަލަށް އެހެނިހެން މަނާތަކެތި ވައްދާ އުސޫލުން ޒީނަތްތެރިވުމަށް ބޭނުންވާ އަތަރުފަދަ ތަކެތިވެސް އެ 'ރޫޓުން' ވައްދަނީ އެނޫން ގޮތެއް ނޯންނާތީއެވެ.
ރޫހީންގެ އަތުގައިވެސް މީރުވަސްދުވާ އަތަރު އެއްކޮށްފައި ހުންނަ ބޮޑު ލޯޝަން ފުޅިއަކާއި ރޯލްއޮން ފުޅިއެއްގައި އަތަރު ރައްކާކޮށްފައި ހުރެއެވެ. ރޯލްއޮން ފުޅީގައި ހުންނަ ހާއްސަ، އެއްވެސް އެއްޗަކާ އެކުނުކޮށް ހުރި ސެންޓުތެލަކީ ހާއްސަ ދުވަސްތަކަށް ރައްކާކޮށްފައި ހުންނަ އެއްޗެކެވެ.
ހުކުރުތަކާއި ރޯދަދުވަސްތައް އީދުތަކަށް ހާއްސަކޮށް ފޮރުވާފައި ހުންނަ އެ ފުޅިން ކުޑަކުޑަ އެތިކޮޅެއް ލޯޝަން ފުޅިއަށް އެއްކޮށްފައި ހުރުމުން، ކޮންމެ ނަމާދު ވަގުތެއްގައިވެސް އޭގެ އެތިކޮޅެއް ގައިގަ ހޭކުމުން ހިތްހަމަޖެހުން އޭނާއަށް ލިބެއެވެ. ނަމާދުގަޑިއާއި ނިދާގަޑިތަކުގައި އޭނާ އެވަރަށް ރީތިވެ ނަލަވާތީވެ، ބައެއް ގައިދީން ދިމާކޮށް ވެސް ހަދައެވެ. އެހެންނަމަވެސް އޭނާގެ ހަގީގީ މަގުސަދު ދަންނަ ދެތިންހަތަރު މީހުން ރޫހީންގެ އެ އާދައާ މެދު އުފާކުރެއެވެ.
ފަތިސް ނަމާދުގެ ކުރީ ސުންނަތުގެ ދެ ރަކުއަތް ނިމިގެން ފަރުޟު ނަމާދަށް ތެދުވިތަނާ ޖަލުގެ ބޭރުން ވަންނަ ދޮރުގެ ތަޅު ހުޅުވި އަޑު އިވުނެވެ. ނަމާދަށް ހުރުމުން މިހާ ފަތިސް ގަޑިއެއްގައި، އަމުދުން ހުކުރު ދުވަހެއްގައި، މަސައްކަތު މީހުންވެސް ނުނެރޭ ދުވަހެއްގައި، ޖަލު ދޮރާށި ހުޅުވީ ކީއްވެތޯ ބަލަން ދާހިތެއް ނުވިއެވެ.
އަމުދުން ގޮޅިތެރޭގައި މަނާ އެއްވެސް އެއްޗެއް މަތީގައި ނެތްކަމުގެ ހިތްހަމަޖެހުން އޮތުމުން ކަމަށްވެސް ވެދާނެއެވެ. އިރުކޮޅަކުން ދެން އިވުނީ މަތީ، ޑީ ކޮރިޑޯގެ ދޮރު ހުޅުވި އަޑާއި ކޮންމެވެސް ގޮޅިއެއްގެ ދޮރު ހުޅުވި އަޑެވެ. މި ގަޑީގައި ކޮންކަމެއް ބާވައެވެ. ވެދާނެއެވެ. ކޮންމެވެސް ކަމަކު ޑިއުޓީ ވަނީ ކަންނޭނގެއެވެ. ރޭޑެއް ކަހަލަ ކަމެއްނަމަ އެ އަޑަށްފަހު ޖަލު ތެރެ ހިމޭނެއް ނުވާނެއެވެ. އަޅާނުލައި ނަމާދުން ނިމިގެން ބަލައިލާނީއޭ ހިތަށް އަރައި ހިތްހަމަޖައްސާލަމުން ރޫހީން ފަތިސްނަމާދަށް ހަށަން ބަދެލިއެވެ.
ނަމާދުން ނިމިގެން އެތައް އިރެއް ވަންދެން ރޫހީން މުސައްލަ މަތީގައި އިނެވެ. ހިތްފުރެންދެން ރޮއި ﷲގެ ހަޒުރަތުގައި އާދޭސްދެންނެވިއެވެ. އޭނާގެ ދެކުދިންނަށް ރައްކާތެރިކަމާއި ފާގަތިކަން ދެއްވުން އެދި ތަކުރާރުކޮށް ދުއާކުރިއެވެ. މަންމައާއި ބައްޕަގެ ކެތްތެރިކަން އިތުރަށް ވަރުގަދަކޮށް މަންމައާއި ބައްޕައަށް ދިގު އުމުރެއް، ފަހިފެހި ކުރިމަގެއް ދެއްވަން އެދި ދުއާ ކުރިއެވެ. ވެދިޔަތަނުގެ ފާފަތައް ފުއްސަވައި ތައުބާ ގަބޫލުކޮށްދެއްވުން އެދި ދުއާ ދެންނެވިއެވެ.
އަމިއްލަ އުފާތަކަށްވުރެ އަނެއްކުންނާ މެދު ވިސްނައި ފިކުރުކުރާ، ކޮންމެ ބަޔަކަށްވެސް ރަނގަޅުގޮތް ވޭތޯ އަބަދުވެސް ތައްޔާރަށް ހުންނަ ރޫހީނަށް އަމިއްލަ ނަފުސާ މެދު ވިސްނާނުލާކަން އޭނާ ދަންނަ މީހުންނަށް އެނގޭނެއެވެ.
*******
ދުވަހަކީ ހުކުރު ދުވަސްކަމަށް ވާތީވެ، ޖަލު ތެރެ އޮތީ ހިމޭން ވެފައެވެ. ހުކުރު ދުވަސްތަކުގައި ހެނދުނު ނުވައެއް ޖަހާއިރު އަންނަ އިންސްޕެކްޝަން ނާންނާނެތީވެ، އެންމެންވެސް އޮތީ އަރާމުގައި ފިކުރެއް ނެތި ނިދާފައެވެ.
އަބަދުވެސް ހުކުރަކަސް، އީދަކަސް ހޭލާ ތިބޭ މަދު ބަޔަކު އެކި ކަންކަމުގައި އުޅެއެވެ. ވަޒީފާ ވެސް ނޯންނަ ދުވަހަކަށްވާތީވެ، މަސައްކަތު މީހުންވެސް އެމީހުންގެ ގޮޅީގައި ނޫނީ އަންނައުނު ދޮވުމާއި ސާފު ކުރުމުގައިވެސް މަދު ބަޔަކު އުޅެއެވެ.
ހެނދުނުގެ ސައި ބަލައިދާން ތައްޔާރުވެގެން ޖޯއްޔާ ދިމާއަށް ދަނިކޮށް ރޫހީންގެ ލޮލުގައި އަޅައިގަތީ 5 ނަންބަރު ގޮޅި ދޮރު ހުޅުވާލާފައި ބޭރަށް މީހަކު ބޯދިއްކޮށްލި ތަނެވެ. އަދި ދެން މަތިން ފައިބައިގެން އައި ނާޒާއި ޒުނާނު ފެނިއްޖެއެވެ. ނާޒަށް ފެނިއްޖެއްޔާ މަޑުކުރާނެކަން އެނގޭތީވެ ރޫހީން އަވަހަށް ބަންކަރާ ދިމާއަށް ހިނގައިގަތެވެ.
ނަސީބު ރަނގަޅުކަމުން އެއްވެސް އެހެން ދިމާއަކަށް ބެލުމެއް ނެތި އެ ދެމީހުން މާބާރަކަށް ގޮސް 5 ނަންބަރު ގޮޅިއަށް ވަންތަން ފެނިފައި ކުޑަކޮށް ބޯހޫރާލެވުނެވެ. ޔަގީނެވެ. ކަމެއް ނެތި މި މީހުންނެއް ހުކުރު ދުވަހެއްގެ މިހާ ހެނދުނު ހޭލައިގެނެއް ނޫޅޭނެއެވެ.
ކުރާނީ ކީއްހެއްޔެވެ. އެވެސް އެއްބަނޑުއެއްބަފާ ދެމައިންނެވެ. 90 ގެ ފަހު އަހަރުތަކުން ފެށިގެން ޖަލުގައި އުޅެފައި އެކިއެކި ފުރުސަތުގައި މިނިވަންވުމުން އަނެއްކާވެސް ހަމަ އެނބުރި މިތަނަށް އައިސް ގޮސްވާ އިރު، ހީވަނީ މިއީ އެމީހުންގެ އަމިއްލަ ވަޒަނެއް ހެނެވެ. އާއިލާ އާއި ދިރިއުޅުން އޮތީ މިތާނގައިހެނެވެ.
ފުންނޭވާއެއް ލާފައި ރޫހީން ދިޔައީ ޑިއުޓީ ބަންކަރުން ނުކުމެ ރޫހީނަށް ގޮވާލުމުންނެވެ. "ބަރޯ ބަލައިދާން ހިނގާ، ނަންބަރަށް ގޮވައިފި" ޑިއުޓީ ބުނެލިއެވެ.
ރޫހީން ހެނދުނުގެ ސައި ނިންމާފައި ގޮޅިއަށް ދަމުން 7 ނަންބަރު ދޮރާ ހިސާބުން ހުއްޓިފައި ބަލައިލިއެވެ. ގޮޅީގެ ދެފަރާތު ކުޑަދޮރުތަކުން ގޮޅި ތެރެ އޮތީ ނިދާފައިކަން އެނގެއެވެ. އާންމުކޮށް ހުކުރު ދުވަސްދުވަހު ލާނާވެސް ހޭލާނީ 11 ޖަހަން ކައިރިކޮށްފައެވެ. އެހެންކަމުން މިއަދުވެސް ވަކި ހާއްސަ ކަމެއް ނޯންނާނެތާއޭ ހިތަށް އަރާފައި ހިނގައިގަންނަން ފިޔަވަޅު ނެގިތަނާ ގޮޅި ތެރެއިން ގޮވި އަޑު އިވިއްޖެއެވެ.
(ނުނިމޭ)