﷽
ދަންވަރު ބޯކޮށް ވެހެން ފެށީ ވާރޭ ތުނިކޮށްލީ ފަތިސްވާން ކައިރިވެފައި ވަނިކޮށެވެ. އޭރު ޖެހެމުން ދިޔަ ބާރު ވައިރޯޅިތަކުގެ އަޑު ވެސް ހިނދި ދުނިޔެ މައްޗަށް ހިމޭންކަން ގެނެސްދީފިއެވެ. ދޭތެރެއަޑުން ވިދުވަރުގެ އަލި އުދަރެހުން ފެނިލާނެއެވެ. ނަމަވެސް ތޫފާނުގެ އަސަރު ވަނީ ފިލައިގެން ގޮސްފައެވެ. ވާރޭގެ ތެތެްފިނިކަމުން ފަޒާއަށް ވެސް ވެރިވެފައި އޮތީ އަރާމު ފިނިކަމެކެވެ. ތުނިތުނިކޮށް ވެހެެމުން ދިޔަ ވާރޭގެ އަޑު ވެފައިވަނީ ދާނުގައި ތިބި ދިރޭފުރާނަތަކަށް މިޔުޒިކަކަށެވެ.
ފޯނުން އަޅުވާލި އެލާމްގެ އަޑާއެކު އައިރާއަށް ކަންނެތްކަމާއެކު ދެލޯ ހުޅުވާލެވުނެވެ. ކޮޓަރިއަށް ވެފައިވެފައި އޮތް ނިދާ ބޮކީގެ ފަނޑު އަލިކަމުގެ ތެރެއިން އޭނަ އަަވަސްވެގަތީ އެނދުގެ އަރިމަތީމޭޒު މަތީ ޗާޖަށް ޖަހާފައި އޮތް ފޯނު ނެގުމަށެވެ. އޭރު ވެސް އެދެލޮލުގައި ވަނީ ނިދީގެ އަސަރެވެ. ކިރިޔާ ލޯހުޅުވާލެވޭ ކަމެވެ.
އަތް ދިގުކޮށްލަމުން އިނގިލިތަކުގެ ކުރި ކިރިޔާ ފޯނުގެ ސްކްރީނުގައި ޖެހޭވަރުވީއެވެ. ކަންނެތްކަން ވެރިވެފައި އޮތް ހަށިގަނޑު ކުރިއަށް ޖައްސާލަން މަޖުބޫރުވީ އެލާމްގެ އަޑުން ބޮލަށް އުނދަގޫވާން ފެށުމުންނެވެ. އެލާމް ކަނޑާލަމުން އައިރާއަށް ގަޑި ބަލައިލެވުނެވެ. ދެލޯ ހަނިކޮށްލަމުން ފޯނުގެ ސްކްރީނަށް އަވަސް ނަޒަރެއް ދިނެވެ. ފަތިހު ފަހެއް ޖަހަން ކައިރިވަނީއެވެ. ހަށިފުރާ ދޫކޮށްލި ފުންނޭވާއަށް ފަހު ބުރަހެލިކަން ވެރިވެފަައި އޮތް ހަށިގަނޑު ހަރަކާތްކޮށްލެވުނެވެ. ފަތިސް ނަމާދުގެ ބަންގީގެ އަޑު ވެސް އިވިގެން ދިޔައީ އެނދަޑިވަޅުގައެވެ. ކަންނެތްއަޅާފައި އޮތްނަން ވެއްޖެނަމަ ނަމާދު ވަގުތު ފަހަނައަޅައި ގޮސްދާނެކަމުގެ ބިރާއެކު އައިރާއަށް އެނދުން ތެދުވަން މަޖުބޫރުވިއެވެ. ނަމާދު ގަޑި ފަހަނައަޅައި ދިއުމުގެ ފުރުސަތު ދެވޭކަށް ނެތެވެ.
އާފުރެން ފެށުމުން އަތުގެ ފުށަތުން އަނގަ ނިވާކޮށްލެވުނެވެ. އޭރު ވެސް ނިންޖާ ގޮސް ތައްޔާޖެހޭ ވަރު ވެއެވެ. ހަށިގަނޑުން ވަރުބަލިކަން ވެސް އިހުސާސްކުރެވުނެވެ.
އައިރާ މޯޅިއަކަށް ދެމިލިއެވެ. ހަށިގަނޑަށް ވެރިވެފައި އޮތް ބުރަހެލިކަން ލަސްލަހުން ފިލަން ފެށިއެވެ. އެނދުގެ ބަނާތު ރަނގަޅުކޮށްލަމުން ފާޚަނާއަށް ވަންނަން ހިނގައިގަތީ ހެދުން ހަރުގަނޑުގައި އަޅުވާފައި އޮތް ތުވާލި ހިފައިގެންނެވެ.
ހޫނު ފެނުން ފެންވަރާލުމުން ހަށިގަނޑަށް ތާޒާކަން ލިބުނެވެ. ހަށިގަނޑުގެ ވަރުބަލިކަން ފިލައި އައު ދުވަހަކާއި ކުރިމަތިލުމުގެ ހިތްވަރު ވެސް އާވެގެން ދިޔައެވެ. ފެންވަރާ ނިމުމާއެކު އަތްމަތި އަވަސްކޮށްލެވުނެވެ. އަވަހަށް ނަމާދަށް އެރުމަށެވެ. ކޮންމެ ދުވަހަކު ވެސް އައިރާގެ ދުވަސް ފެށިގެން ދާނީ ފަތިން ނަމާދާއެކުގައެވެ. އެއަށްފަހު ދެން އޭނަ ތައްޔަރު ވާނީ ވަޒީފާއަށް ދާށެވެ. ސްކޫލްގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުންދާ އައިރާ ވަނީ ފަތިހާ ހޭލުމަށް އާދަވެފައެވެ. ނިންޖާ ގޮސް ދެލޯ ހުޅުވަން ފުރަތަމަ އުނދަގޫވިޔަސް، ފެންވަރާލުމުން އޭނަގެ މޫނުމަތިން ފެންނާނީ ތާޒާ ކަމެވެ.
ނަމާދުން ފޭބުމަށްފަހު އިރުކޮޅެއް ވަންދެން ޒިކުރުކޮށްލުމަށް ވަގުތު ހުސްކޮށްލިއެވެ. އެއަށްފަހު މުސައްލަ އޮޅާލަމުން ގެންގޮސް ކޮޓަރީގައި ހުރި ލިޔާ މޭޒު މަތީ ބޭއްވިއެވެ. ދެން އޭނަ ގޮސް އިށީނީ ރީތިވާމޭޒުގެ ގޮނޑީގައެވެ. ދޮން އޮމާން މޫނުގައި މޮއިސްޗަރައިޒާރ ހާކާލުމުން މޫނުގެ ތާޒާކަން އިރުވެގެން ދިޔަ ކަހަލައެވެ. ކޮންމެވެސް ވަރަކަށް ތެތްކަން އެކުލެވިގެންވި ފަން އިސްތަށިގަނޑު ހިއްކަން ރީތިވާމޭޒު މަތީ ސްޓޭންޑެއްގައި އަޅުވާފައި އޮތް ހެޔާ ޑްރަޔާ ނެގިއެވެ. އިސްތަށިގަނޑު ހިއްކަމުން ދަނިކޮށް ފޯނަށް މެސެއްޖެއް އައި އަޑު އިވުނެވެ. އައިރާގެ ތުންފަތް ދެމިލީ ރީތި ހިނިތުންވުމަކުންނެވެ. ކޮލަށް އެޅިގެން ދިޔަ އަޑިކޮޅުން ހިތުގެ ބައްޓަމަށްވާ މޫނުގެ ރީތިކަން އިތުރުކޮށް ދިނެވެ. އައިރާ އަވަސްވެގަތީ ފޯނު ނެގުމަށެވެ.
''މޯނިންގް ލަވް...'' ފޯނަށް އައިސްފައި އިން މެސެޖު އައިރާއަށް ކިޔާލެވުނެވެ. ހުދުކަން އެކުލެވިގެންވި ދަތްޕިލަ ވަގުތުން އިޝްތިހާރު ކޮށްލެވުނެވެ.
''މޯނިންގް... ބޭބް...'' އަވަސްއަވަހަށް ލިޔެފައި އައިރާ ފޮނުވާލިއެވެ. އޭގެ އިރުކޮޅެއް ވެސް ނުވަނީސް ކޯލެއް އަންނަން ފެށިއެވެ. ފޯނަށް އަރާފައި އިން ނަމަށް އައިރާ ބަލައިލިއެވެ. ''ސޫން ޓު ބީ'' އެނަމުން ވެސް އައިރާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެހިތުގެ ލޯބި މިލްކުކުރެވެން ދެން ގިނަ ދުވަހެއް ވެސް ނެތެވެ. އެޚިޔާލުން އެކަނި ވެސް އައިރާގެ އުފާވެރިކަން އިތުރުކޮށްދިނެވެ. ބަޔާންކުރަން ދަތި ޖަޒުބާތުތަކެއް ހިތުގައި އުފަންވެގެން ދިޔައެވެ.
''މޯނިންގް...'' އައިރާ ފޯނު ނަގައި ކަންފަތް ޖައްސާލި ހިނދު ކަންފަތުގައި ގުގުމާރި ބަރު ފިރިހެންވަންތަ އަޑުން ގައިގެ ލޯލިތައް ވެސް ކޮޅަށް ޖެހިގެން ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. މީގެ ހަ އަހަރުކުރިން އެއަޑު އިވުމުން ވެސް ހިތުގައި އުފެދިގެން އައި ޖަޒުބާތުތަކަށް ކުޑަމީސް ބަދަލެއް އައިސްފައި ނުވެއެވެ. އެއަޑުގެ ބާރުން ހިތަށް ވެގެންދާ ގޮތެއް ވެސް ބުނަން ދައްޗެވެ.
''މޯނިންގް...'' އައިރާ އަނެއްކާ ވެސް ރީތިވާމޭޒުގެ ގޮނޑީގައި އިށީނެވެ. ''ފަތިސް ނަމާދުކޮށްފިންތަ؟...''
''ދެންމެ މިސްކިތުން މި ފޭބީ...'' ޒޯހަން ޖަވާބުދިނެވެ. ''ތަންކޮޅެއް ލަހުން ހޭލެވުނީމަ ކުރިން މެސެޖްކޮށްނުލެވުނީ، ކިރިޔާ ޖަމާއަތުގަ ލައްވާލީ ވެސް...''
''ރޭގަ ލަހުން ދޯ ނިދީ؟...'' އައިރާއަށް ޝައްކެއްވެގެން އަހާލެވުނެވެ. މިދުވަސްކޮޅު ޒޯހަން އޮފީހުގައި އުޅެނީ އަވަދިނެތިއެވެ. ދުވަހުގެ ބޮޑުބައި ހޭދަވެގެން ދަނީ ވެސް އޮފީހުގައެވެ. މިވަގުތު ލިބިފައި ހުރި ހުރިހާ ޕްރޮޖެކްޓްތަކެއް ކައިވެނީގެ ކުރިން ނިންމާލެވޭތޯއެވެ. ކައިވެންޏަށް ވަގުތު ހުސްކުރަން ބޭނުންވާތީއެވެ. ޕްރޮޖެކްޓް އާކިޓެކްޓެއްގެ ވަޒީފާ އަދާކުރަމުންދާ ޒޯހަންއަކީ މަސައްކަތަށް ފަރުވާތެރި ހީވާގި ޒުވާނެކެވެ. ދާދި ފަހުން އޭނައަށް ވަނީ މަޤާމުގެ ކުރިއެރުން ވެސް ލިބިފައެވެ. އެކުގައި މަސައްކަތްކުރާ ހުރިހާ މީހުންގެ ލޯތްބާއި އިހްތިރާމް ވެސް ވަނީ ހޯދާފައެވެ.
''ސޮރީ...'' ޒޯހަން މަޢާފަށް އެދުނެވެ. ''މެންދުރު ވެޑިން ކާޑު ފައިނަލް ކުރަން ދާންޖެހޭތީ ވަގުތު ހުސްކޮށްލަން ބޭނުންވީ...''
''ޑޯންޓް ވޯކް ޔޯ ސެލްފް ޓު ޑެތް...'' އައިރާއަށް ބުނެވުނެވެ. އޮފީހުގައި ގިނަ ވަގުތު ހޭދަކުރަން ޖެހިފައިވުމުން އެކަމުގެ ނޭދެވޭ އަސަރު ޒޯހަންގެ ސިއްހަތަށް ކޮށްފާނެތީ އައިރާގެ ހިތުގައި ކަންބޮޑުވުން ވިއެވެ. މާބޮޑަށް އެކަމާއި ވާހަކަ ނުދައްކަނީ ދެމެދުގައި މައްސަލައެއް ޖެހެން ބެނުން ނުވާތީއެވެ. ކައިވެނީގެ ތައްޔާރީތަކަށް ޒޯހަން ވެސް ވަގުތު ހުސްކުރަން ބޭނުންވާނެކަން އައިރާއަށް އެނގެއެވެ.
''އަރޫއަށް މަންމަގެ ގެސްޓް ލިޓްސް ދައްކައިފިތަ؟...'' ޒޯހަން ސުވާލުކޮށްލިއެވެ. މައުޟޫޢު ބަދަލުކޮށްލަން ޒޯހަން ބޭނުންވުމުން ދެން އިތުރަށް އެވާހަކަ ދިގުކުރާކަށް އައިރާ ނޫޅުނެވެ.
''ޝީ ކޭމް ލާސްޓް ނައިޓް، މަންމައާއި ދެމީހުން އުޅުނު ވަރަށް ލަސްވަންދެން، ކުރިއަށްވުރެން ލިސްޓް ދިގުވެއްޖެހެން ހީވަނީ...'' ޒޯހަންގެ ސުވާލަށް އައިރާ ޖަވާބު ދިނެވެ.
''މައި ގޯޑް!، މުޅި މާލޭގެ އެންމެނަށް މިފަހަރު ދައުވަތު ދޭނެ...'' ޒޯހަން ބުންޏެވެ. އެވަގުތު ޒޯހަން ދެފަރާތަށް ބޯހޫރާލާނެ މަންޒަރު އައިރާއަށް ސިފަކުރެވުނެވެ.
''ދެއި ނީޑް އިޓް... ޔޫ އާރ އޭން އޮންލީ ޗައިލްޑް... އެންޑް މައި މޯމް، ވެލް، ޝީ އިޒް އެ ސޯޝަލް ބަޓަފްލައި، މަންމަ ނުދަންނަ މީހަކު ނުހުންނާނެ...'' އައިރާ ބުނެލިއެވެ.
''ތެދެއް ތިބުނީ ވެސް...'' ޒޯހަންގެ ލުއި ފިރިހެންވަންތަ ހުނުމުގެ އަޑު އިވުނެވެ. އައިރާގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
ކައިވެންނަށް ދަޢުވަތު ދެވޭ މެހެމާނުންގެ ލިސްޓް އައިރާއާއި ޒޯހަން ވެސް ހަވާލުކުރީ ދެފަރާތުގެ ޢާއިލާއާއެވެ. އެކައިވެންޏަށް ދެފަރާތުގެ ޢާއިލާ އިން ވެސް ދިޔައީ ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ. ފައިސާގެ ތަނަވަސްކަން ލިބިފައިވުމުން ހުރިހާ އިންތިޒާމެއް ވެސް ހަމަޖައްސަން ބޭނުންވެފައި ވަނީ އެންމެ ފުރިހަމައަށެވެ. ބޮޑު ޕާޓީއެއް ބާއްވަން ބޭނުން ނުވިޔަސް ޢާއިލާއަށް ލިބިފައި އޮތް އުފާވެރިކަމުގެ ސަބަބުން އެއްޗެއް ބުނަން ބޭނުން ނުވީއެވެ. ހަމައެއާއެކު ދެފަރާތުގެ ޢާއިލާއިން ލިބެމުން ދިޔަ އެއްބާރުލުމުން ހިތުގައި އޮތީ ނިމުމެއް ނުވާ ޝުކުރުވެރިކަމެވެ.
ޒޯހަންގެ ޢާއިލާގެ ފަރާތުން ލިބެމުންދާ ލޯބިން އައިރާގެ ހިތަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ލިބިފައި ވިއެވެ. ހަޔާތުގެ ބައިވެރިޔަކަށް ޒޯހަން އިހްތިޔާރުކުރެވުމުން އެކަމުގެ ހިތްހަމަޖެހުން ވެސް އެހިތުގައި ވިންދުޖަހަމުން ދިޔައެވެ.
''ޒާން، އިރުކޮޅަކުން ގުޅާނަން އިނގޭ... އައި ނީޑް ޓު ގެޓް ރެޑީ...'' ފާރުގައި ހުރި ގަޑިއަށް ދިން އަވަސް ނަޒަރަށްފަހު އައިރާ ބުންޏެވެ. ޒޯހަން ފޯނު ބޭއްވީ އައިރާ ބަލާ އަންނާނެ ވާހަކަ ބުނަމުންނެވެ. ކޮންމެ ދުވަހަކު ވެސް އައިރާ ސްކޫލަށް ގެންގޮސްދީ ބަލާ ވެސް އަންނާނީ ޒޯހަން އެވެ. ކިތަންމެ ބިޒީ ވިޔަސް، އަބަދު ވެސް ޒޯހަން އެކަމަށް ވަގުތު ހުސްކުރާނެއެވެ.
އައިރާ ފޯނު ބޭއްވި އިރުގައި ވެސް އޭނަގެ ތުންފަތުގައި ވި ހިނިތުންވުމަށް ފަނޑުކަމެއް ނާދެއެވެ. އައިރާ އަތްމަތި އަވަސްކޮށްލިއެވެ. ހެޔާ ޑްރަޔާއިން އިސްތަށިގަނޑު ހިއްކާލުމަށްފަހު ފުނާއަޅައި ރީތިކޮށްލިއެވެ. އެއަށްފަހު އިސްތަށިގަނޑުގައި ހުޅިއެއް ވެސް ޖަހާލިއެވެ. ހިޖާބް ކެޕަށް ރީތިވާމޭޒުން ހާއްސަކުރެވިފައި ހުރި ވަތްގަނޑު ހުޅުވާލަމުން ކަޅުކުލައިގެ ހިޖާބް ކެޕެއް ނަގައި އިސްތަށިގަނޑު ނިވާކޮށްލިއެވެ. ލުއި ގޮތަކަށް މޭކަޕްކޮށްލަމުން ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް އަވަސް ނަޒަރެއް ދިނެވެ. ހިތްހަމަޖެހޭވަރުވުމުން ދެން އޭނަ ގޮސް ހުޅުވާލީ އަލަމާރިއެވެ. ކޮނޑުތަކުގައި އަޅުވާފައި ހުރި އަބާޔާތަކުގެ ތެރެއިން އޭނަ ނެގީ މަޑު ފިޔާތޮށިކުލައިގެ އަބާޔާއެކެވެ. އެއަށްފަހު އަލަމާރި ކައިރީގައި ބުރުގާތަކަށް ހާއްސަކޮށްފައި ހުރި ދިގު ހަރުގަނޑުން ހުދުކުލައިގެ ޝޯލްއެއް ނެގިއެވެ.
''ދަރިފުޅާ...'' ބުރުގާގައި ޕިން ހަރުކުރަމުން ދަނިކޮށް މަންމަގެ އަޑު އައިރާއަށް އިވުނެވެ.
''ލައްބަ މަންމާ...'' އައިރާ ޖަވާބު ދިނެވެ. ''މިނިކުންނަނީ...''
''ހޭލާ ދޯ؟... މަންމަ މިދަނީ ބަދިގެއަށް...'' ޤަމަރު ބުނެލިއެވެ. އޭނަ އައިރާއަށް ގޮވާލަން އައީ ބަދިގެއިން އައިރާ ނުފެނުމުން އަދިވެސް ނިދާފައި އޮތީކަމަށް ހީކޮށެވެ. އަބަދުވެސް ހެނދުނުގެ ސައި ތައްޔާރުކުރަން އައިރާ އޭނައަށް އަތްގާތްކޮށްލަދޭނެއެވެ.
*****
އައިރާ ކޮޓަރިން ނިކުތް އިރު ޕެންޓްހައުސްގެ ބެލްކަނީ ދޮރު ހުރީ ކުޑަކޮށް ހުޅުވާލެވިފައެވެ. އޭގެ ސަބަބުން މާހައުލަށް ވެރިވެފައި އޮތީ އަރާމު ފިނިކަމެކެވެ. ބެލްކަނީ ދޮރުގެ ފަރުދާތައް ނުސިޔާނު ރޯޅިތަކުގެ ޝިކާރައަކަށްވެ ދޭތެރެއަކުން ވިހުރިލައެވެ.
އައިރާ ގޮސް ބެލްކަނީގެ ދޮރާއި ކައިރިވެލިއެވެ. އެވަގުތު ޖެހިލި ފިނިފިނި ރޯޅިން އައިރާގެ ހިމަތޮޅިހަށިގަނޑަށް ދޫކޮށް އޮތް އަބަޔާގެ ފަސްބައި ވިހުރިލިއެވެ. ލުއި ހިނިތުންވުމެއް އައިރާގެ ތުންފަތުގައި ދުވެލީ ވެހެމުން ދިޔަ ވާރޭގެ ސަބަބުންނެވެ. ބެލްކަންޏަށް ދިރުން ގެނެސްދީފައި އޮތް ބޯގަންވިލާ އަދި ފިނިފެންމާ ގަހުގައި ފޮޅިފައިވި މާތަކުގައި ވިދަމުން ދިޔަ ޝަބްނަމާއި އުދަރެހުން ފާޅުވަމުން ދިޔަ ކަޅުވިލާތަކުން ރީތި ތަސްވީރެއް ކުރަހާލަދިނެވެ.
އައިރާ ގޮސް ބަދިގެއަށް ވަންއިރު މަންމަ އުޅުނީ ބިސްގަނޑު އަޅަންށެވެ. މަންމައަށް އަތްގާތްކޮށްލަދޭން ބައްޕަ އުޅުނު މަންޒަރު ފެނި އައިރާގެ ތުންފަތަށް މާނަ ފުން ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ފުރާވަރަށް އަރައިގެން އައި އިރުގައި އޭނަ ވެސް ބޭނުންވީ އެފަދަ ފުރިހަމަ ލޯތްބެކެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭނެ ހަޤީޤީ ބައިވެރިޔެކެވެ. މިއަދު އެހިތްހަމަޖެހުމާއި ޔަޤީންކަން ކޮންމެ ދުވަހަކު ޒޯހަންގެ ފަރާތުން ލިބެއެވެ. ބަދަލުވުމެއް ނެތް ލޯތްބާއި އޯގާތެރިކަމުން އޭނަގެ ހިތުގައި އަބަދު ފިރުމާލަދޭނެއެވެ.
''މޯނިންގް...'' ބަސީލްއަށް އައިރާ ފެންނައިރަށް ހިނިތުންވެލިއެވެ. އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުންދާ ބަސީލްއަކީ އިސްކޮޅުން ދިގު މީހެކެވެ. ބޮލުގައި ހުދު އިސްތަށިތައް ގިނަވެ ލޮލުގެ ކައިރީގައި ރޮނގުތައް އުފެދިފައިވި ކަމުގައި ވިޔަސް އަދިވެސް އެމޫނުން ސްމާޓްކަން ފެނެއެވެ. އެއުމުރުގައި ވެސް ދުޅަހެޔޮ ސިއްހަތަކަށް އަހަމިއްޔަތުކަން ބަހައްޓާ މިންވަރު ބައިމަތި ފުޅާ ހަށިގަނޑުން ހާމަކޮށްދެއެވެ.
''މޯނިންގް ޑޭޑް...'' އައިރާ ބުންޏެވެ. އޭނަ އެންމެ ފުރަތަމަ ވެސް ގޮސް ހުއްޓުނީ ކޮފީ މެޝިން ކައިރިއަށެވެ. ކެބިނެޓް ހުޅުވާލަމުން ނެގި މަގަކަށް ކޮފީޕޮޓްގައި ހުރި ހޫނު ކޮފީ އަޅާލަމުން އޭނަ ގޮސް ކާމޭޒު ދޮށުގައި އިށީނެވެ. މަންމައަށް އަތްގާތްކޮށްލަދޭން ބޭނުން ވިޔަސް، ބައްޕައަށް ފުރުސަތު ދެމުން ކޮފީ މަގުން ކޯވަރެއް ބޯލިއެވެ. އެއާއެކު އޭނައަށް ހަށިފުރާ ފުންނޭވާއެއް ދޫކޮށްލެވުނެވެ. ކޮފީގެ މީރުކަމުން އޭނަގެ ހަށިގަނޑަށް އާރޯކަމާއި ތާޒާކަން ގެނެސްދިން ކަހަލައެވެ.
''ބަސީލް ވެސް އިށީންނަން ވީއެއްނު؟... މި ނިމުނިއްޔޭ...'' އުނދުން ކައިރީގައި ހުރި ޤަމަރު ބަސީލްއަށް ބަލައިލަމުން ބުންޏެވެ. ލޯބިވާ އަނބިމީހާއާއި ބަދަލުކޮށްލި ނަޒަރާއެކުގައި ބަސީލް ބޯޖަހާލިއެވެ. ކާމޭޒު ދޮށުގައި ބަސީލް އައިސް އިށީނީ ކޮފީތަށްޓެއް އަޅައިގެންނެވެ. އެއަށްފަހު އައިރާއާއި ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
''މިއަދު ކާޑުގެ ކަންތައް ނިމޭނެދޯ؟...'' ތަވާގައި އޮތް ބިސްގަނޑު ފުރޮޅާލަމުން ޤަމަރު ސުވާލުކޮށްލިއެވެ. ފަސްއެނބުރި އައިރާއަށް އޭނަ އަވަސް ނަޒަރެއް ވެސް ދިނެވެ.
''ބައެއްފަަހަރު ހީވޭ އަރޫއަށް ވުރެން ވެސް ޤަމަރުގެ ކެތްތެރިކަން ކުޑަވެފައި ހުންނަހެން، އެހާ އަވަހަށް އަރޫ ފޮނުވާލަންތަ ބޭނުންވަނީ؟......'' ބަސީލް ބުންޏެވެ.
''ބަސީލް!...'' އަތުގައި އޮތް ދޭފަތާއެކު ބަސީލްއާއި ދިމާއަށް ޤަމަރުއަށް އެނބުރިލެވުނެވެ. ދެލޯބޮޑުކޮށްލަމުން އުކުޅުގައި އަތްވިއްދާލި މަންޒަރު ފެނި ބަސީލްއާއި އައިރާއަށް ވެސް ބާރަށް ހެވިއްޖެއެވެ. އެވަގުތު ފިރިމީހާގެ ސަމާސާތަކުން ޤަމަރުއަށް ވެސް ނުހީ ނުހުރެވުނެވެ.
''ދަރިފުޅުގެ ބައްޕަ ބުނެފާނެ ކޮންމެފަދަ އެއްޗެކޭ ވެސް...'' ޤަމަރުއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
''މިދުވަސްކޮޅު ޤަމަރު މާބޮޑަށް ސްޓްރެސްވެފަ ހުރީމަ ހެއްވާލަން ވެސް ޖެހޭނެއެއްނު؟... ދޮގެއްތަ މީ؟...'' ބަސީލް އެއްލޯމަރާލަމުން އައިރާއަށް ހިނިތުންވެލިއެވެ. އައިރާއަށް އިތުރަށް ހެވުނެވެ. ބައްޕަގެ ސަމާސާތަކުން އޭނަގެ ދުވަސް އުޖާލާކޮށްދެއެވެ. އަބަދު ވެސް އެމޫނުމަތިން އުފާވެރިކަން ފެންނާނެއެވެ. ހިތްހެޔޮކަމާއި ހިތްތިރިކަމުގެ ލާމަސީލެކެވެ. ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައި ވެސް ބައްޕަގެ ފަރާތުން ލިބިފައިވާ އެއްބާރުލުމާއި ލޯތްބަށް އައިރާގެ ހިތް ފުރިފައިވަނީ ޝުކުރުންނެވެ.
''މިއަދަށް ނިމޭނެ ދޯ؟...'' އޭނަގެ ކުރީގެ ސުވާލަށް އަލިއަޅުވާލަމުން ޤަމަރު އަނެއްކާ ވެސް ސުވާލުކޮށްލިއެވެ.
''ލައްބަ، މިއަދަށް ނިމޭނެ، ކާޑު ފައިނަލް ކުރަން މެންދުރު ރޯޒީއާއި ބައްދަލުކުރަން ވެސް ދާންޖެހޭ...'' އައިރާ ޖަވާބުދިނެވެ. ''މިއަދު ފައިނަލްކޮށް ޕްރިންޓްކުރަން ފަށާނެ ވާހަކަ ވެސް ބުނި...''
''އެހެންތަ؟... އެހެންވީމަ އެކަން ވެސް ނިމުނީތާ... ދެން އޮތްނާނީ ރަންކިއުމުގެ ހަފްލާގެ ކަންތައް...'' ތަވާގައި އޮތް ބިސްގަނޑު ތަށްޓަކަށް ލަމުން ޤަމަރު އުނދުން ނިއްވާލިއެވެ. އަދި ތަށި ގެނެސް ކާމޭޒުމަތީ ބެހެއްޓިއެވެ. އޭނަ ދެން ގޮސް ހުޅުވާލީ އައިސްއަލަމާރިއެވެ. އޮރެންޖް ޖޫސް އަޅާފައި ހުރި ޖަގު ވެސް ގެނެސް މޭޒުމަތީ ބެހެއްޓިއެވެ. މޭޒުމައްޗަށް އަަވަސް ނަޒަރެއް ދެމުން ޤަމަރު އިށީނދެލީ ހިތްހަމަޖެހޭވަރު ވުމުންނެވެ. ހެނދުނުގެ ސަޔަށް މިއަދު ތައްޔާރުކުރެވިފައި ހުރީ ޓޯސްޓާއި ބިސްގަނޑެވެ. ބަސީލްގެ ތަށްޓާއި ކައިރިއަށް ބަޓަރާއި ޖޭމު އަޅާފައި ހުރި ކުޑަ ބޯތަށި ޤަމަރު ކައިރިކޮށްލަދިނެވެ.
މަންމައާއި ބައްޕައަށް އައިރާ އަވަސް ނަޒަރެއް ދިނެވެ. އަދި ހެނދުނުގެ ސައި ބައްޕަގެ ފަހަތުން ފަށައިގަތެވެ.
ޤަމަރު ސައި ފެށީ ބަސީލްއަށް ހުރިހާ ތަށްޓަކާއި ކާއެއްޗިއްސެއް ކައިރިކޮށްލަދިނުމަށްފަހުގައެވެ. ކުދިކުދި ހަރަކާތްތަކުން ވެސް ދެމަފިރިންގެ ދެމެދުގައި އޮތް ފަނޑުވުމެއް ނުވާ ލޯބި ހާމަކޮށްދެއެވެ.
އައިރާއަށް ލިބިފައި ވަނީ ޤަމަރުގެ ރީތިކަމެވެ. އޮމާން އަލި ހަންގަނޑާއި ދިހުން އަރާ ފަން އިސްތަށިގަނޑެވެ. މަޑު ފިޔާތޮށިކުލައިގެ ތުންފަތާއި ތުނި ބުމައެވެ. ބައްޕަގެ ފަރާތުން ވާރުތަވެފައި ވަނީ ދިގު އިސްކޮޅާއި، މުށިކަން ގަދަ ދެލޮލެވެ. ހިނިތުންވެލާއިރު ކޮލަށް އެޅިގެންދާ އަޑިކޮޅު ވެސް ލިބިފައިވަނީ ބައްޕަގެ ފަރާތުންނެވެ. ދެމަފިރިންގެ ހުރިހާ ރީތި ސިފަތަކުން ޖަރީވެފައިވާ ކަހަލައެވެ.
ހެނދުނުގެ ސައި ކުރިއަށް ދިޔަ ވަގުތު އޮފީހުގެ މަސައްކަތާއި ބެހޭގޮތުން ބަސީލްއާއި ޤަމަރު ސުވާލުކުރަމުން ދިޔައެވެ. އެއީ އަބަދުވެސް ޤަމަރުގެ އާދައެކެވެ. ގަޔާވެފައި ހުރިހާ ކަމެއް އަނބިމީހާއާއި ބަސީލް ހިއްސާކުރާނެއެވެ. ބަސީލްއަކީ ޤާނޫނީ ވަކީލެކެވެ. އޭނައާއި ޤަމަރު ބައްދަލުވީ ވެސް ކޯޓު ތެރެއިންނެވެ. އޭރު ޤަމަރު ވެސް އުޅުނީ ވަކީލަކަށެވެ. އެބައްދަލުވުން މަތިން ހަނދާންވާ ކޮންމެ ފަހަރަކު ބަސީލްގެ ތުންފަތަށް މާނަފުން ހިނިތުންވުމެއް ވެރިވެގެންދެއެވެ. އެދުވަހު އޭނައަށް ޤަމަރުގެ ދެލޮލުން ފެނުނީ މިހާރު ފެންނަމުން އެދާ ލޯތްބެއް ނޫނެވެ. އެއާއި ޚިލާފަށް އެދުވަހު އޭނައާއި ބައްދަލުކުރީ ރުޅިވެރިކަމެވެ. އެދެމެދުގައި މިހާރު އުފެދިފައި އޮތް ފުން ލޯތްބާއި ހަމައަށް ވާސިލްވާން އެތައް އަޑިގުޑަންތަކެއް ހުރަސްކުރަން ޖެހުނެވެ. ޤަމަރުގެ ލޯބި ހާސިލްކުރަން ޢާއިލާގެ ފަރާތުން ކުރިމަތިވި ފިއްތުންތަކާއި ވެސް ކުރިމަތިލީ ސާބިތުކަމާއެކުގައެވެ.
ބަސީލްގެ ޢާއިލާއަކީ މާލޭގައި ޤަދަރުވެރި ޢާއިލާއެކެވެ. މުދަލާއި ފައިސާގެ ސަބަބުން ކިބުރުވެރިކަން ވެސް ބޮޑު ބައެކެވެ. ޢާއިލާގެ ހުރިހާ އުނިސިފަތަކަށް ކަނު ލޯތްބަކަމުން ބަލަމުން ދިޔަ ބަސީލްގެ ދެލޯ ހުޅުވިގެން ދިޔައީ ޤަމަރުއާއި ބައްދަލުވި ހިސާބުންނެވެ. ޤަބޫލުކުރަން އުނދަގޫ ވިޔަސް އޭރު ބަސީލްގެ އުޅުމުގައި ވެސް ޢާއިލާގެ ނުފޫޒު އެކުލެވިގެން ވިއެވެ. ޤަމަރުގެ ލޯބި ހާސިލްކުރަން އޭނައަށް އެންމެ ބޮޑު ހުރަހަކަށް ވެސް ވީ އޭރުގެ މިޒާޖެވެ. މިއަދު ބަސީލްގެ ފަރާތުން ފެންނަމުންދާ ހުރިހާ ހެޔޮ ބަދަލުތަކެއްގެ އަސްލަކީ ޤަމަރެވެ. ދުނިޔޭގެ އުފަލާއި އަރާމަށް ވުރެން އާހިރަތުގެ މުހިންމުކަމާއި ހިތްތިރިކަން އޭނައަށް ދަސްކޮށްދިނީ ވެސް ޤަމަރެވެ. ބަސީލްގެ ލޯބި ޤަމަރު ޤަބޫލުކުރީ އެތައް ދުވަހެއްގެ ދިގު އިންތިޒާރަކަށް ފަހުގައެވެ. އޭރު އޭނައާއި ޤަމަރުގެ ޚަބަރު ކޮންމެވެސް ގޮތަކުން މަންމަގެ ކަންފަތާއި ހަމައަށް އޮތީ ފޯރާފައެވެ. އެގުޅުމާއި މަންމަ ހިތްހަމަނުޖެހޭނެކަން ބަސީލްއަށް ކުރިން ވެސް ވިސްނުނެވެ. މަންމަގެ ރުޅިވެރިކަމާއި ކުރިމަތިލާން ޖެހުމުން އޭނަ ހައިރާނެއް ނުވިއެވެ. ނަމަވެސް، އޭނަ ދެރަވީ ޤަމަރުއަށް މަންމަގެ ދުލުން އަމާޒުވީ ބަސްތަކުންނެވެ. އެދުވަހު ހިތަށް ކުރި ފުންއަސަރުތައް ދުވަހަކު އެހިތުން ފިލައިގެން ނުދާނެއެވެ. ކިލަނބުވެފައިވި މަންމަގެ ވިސްނުން ދުވަހަކު ބަދަލުނުވާނެކަމުގެ ހިތި ހަޤީޤަތާއި ބަސީލްއަށް ކުރިމަތިލާން ވެސް މަޖުބޫރުވީ ދެނެވެ. ޢާއިލާގެ ނުފޫޒާއި ދުރުން ޤަމަރުއާއި އެކު ޒަވާޖީ ހަޔާތެއް ފެށީ ވެސް އެސަބަބާ ހެދިއެވެ. އެކަނިވެންޏަށް ވެސް މަންމަގެ ފަރާތުން ލިބުނީ ބަދުދުޢާއެވެ. މަންމަ ދެކެ ހިތްހަމަނުޖެހުމުގެ ބަދަލުގައި މަންމައަށް ހެޔޮ ވިސްނުން ދެއްވުމަށް އެދި މާތްﷲގެ ހަޒުރަތުގައި ބަސީލް ދުޢާ ދެންނެވިއެވެ. ދުވަސް ނެގިކަމުގައި ވިޔަސް ނިޔާވުމުގެ ކުރިން މަންމަގެ ރުހުން ޤަމަރުއަށް ލިބުނެވެ. އެދުވަހު ހިތަށް ލިބިގެން ދިޔަ އުފާވެރިކަން ދުލަކުން ބަޔާންކޮށެއް ނުދެވޭނެއެވެ. ބަސީލްގެ ދެލޮލުން ކަރުނަ ވެސް ހިލިގެން ދިޔައެވެ. އޭރު ދެމަފިރިންގެ ދޮށީ ދަރިފުޅު ސައުފާ ލިބުނުތާ ވެސް ގިނަ ދުވަހެއް ނުވާނެއެވެ.
މަންމަ ނިޔާވުމަށްފަހު ޢާއިލާ ތެރޭގައި މުދަލާއި ފައިސާގެ ދަހިވެތިކަމުގައި އުފެދިގެން އައި ހައިޖާނުގެ ސަބަބުން ބަސީލްއަށް މަޖުބޫރުވީ އެނުތަނަވަސްކަމާއި ދުރަށް ދާށެވެ. މިއަދު ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވުނުކަމުގައި ވިޔަސް މާބޮޑު ގުޅުމެއް ނޯވެއެވެ.
ޤަމަރުއާއި ގުޅިގެން ބަސީލް ފެށި އަމިއްލަ ''ލޯ ފާމް'' މިހާރު ވަނީ ކުރިފަޅައި މަޝްހޫރުކަމާއި ޤަދަރު ލިބިފައެވެ. ހުރިހާކަމެއްގައި ބަސީލްއަށް އެންމެ ބޮޑު އެއްބާރުލުމެއް ވެސް ލިބުނީ ޤަމަރުގެ ފަރާތުންނެވެ. އައިރާއަށް ބަލިވުމުގެ ކުރިން އޭނަގެ އެންމެ ގާތުގައި ވެސް ހުރީ ޤަމަރެވެ. ނަމަވެސް، އައިރާ ލިބުމާއެކު ބޮޑުވަމުން އައި ދެ އަންހެންކުދިންނަށް ޤަމަރު އޭނަގެ މުޅި ވަގުތު ހުސްކޮށްލިއެވެ. ސައުފާ އަދި އައިރާއަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް ޤަމަރުވި ޤުރުބާނީތައް ބަސީލްގެ ހިތުގައި ވަނީ ބިންވަޅު ނެގިފައެވެ. އެހިތުގައި ޤަމަރުއަށް އޮތް ލޯތްބާއި ޤަދަރަށް ދުވަހަކު ވެސް ފަނޑުކަމެއް ނާންނާނެއެވެ.
''ސައުގެ ޚަބަރެއް ވިތަ؟...'' ވާހަކައިގެ ތެރެއިން އައިރާއަށް ޤަމަރު ބަލައިލިއެވެ. ''އިއްޔެގަ އުޅުނު އަރޫއަށް ނުގުޅިގެން...''
''ލައްބަ، ސްކޫލްގަ އުޅުނު ގަޑިއެއް ވީމަ ފޯނު ނުނެގުނީ... ފަހުން ތިއްތައަށް ގުޅާލިން...'' އައިރާ ޖަވާބު ދިނެވެ. ''މިކޮޅަށް އަންނަން ޓިކެޓް ނެގި ވާހަކަ ވެސް ބުނި...''
''އެހެންތަ؟...'' ޤަމަރުގެ މޫނަށް އުޖާލާކަން ވެރިވެގެން ދިޔައެވެ. ސައުފާގެ ކައިވެންޏަށް ކުޑަ ދުވަސްކޮޅެއް ވީތަނާ ފިރިމީހާ ނަހުލާންގެ ވަޒީފާ ލަންޑަނަށް ބަދަލުވުމުން ސައުފާ ވެސް ފިރިމީހާއެކު ލަންޑަނަށް ދިރިއުޅުން ބަދަލުކުރީއެވެ. އޭގެ ފަހުން މަދު ފަހަރެއްގައި ނޫނީ ހަމަލޮލަށް ފެނިލުމުގެ ނަސީބު ޤަމަރުއަށް ނުލިބެއެވެ. ފޯނުން ވާހަކަދެއްކެވުނު ކަމުގައި ވިޔަސް ޤަމަރުގެ ހިތް އެދެމުން ދިޔައީ ލޯބިވާ ދަރިފުޅު އޭނަގެ ގާތުގައި ވުމަށެވެ. ހިތްހަމަޖައްސާލަނީ ނަހްލާންގެ ފަރާތުން ފުރިހަމަ ރައްކާތެރިކަމާއި ލޯބި ސައުފާއަށް ލިބޭނެކަމުގެ ޔަޤީންކަން ހިތުގައި އޮތީތީއެވެ. ގުޅާއިރު ކޮންމެ ފަހަރަކު ސައުފާގެ މޫނުމަތިން ފެންނަ އުފާވެރިކަމުން އެކަމަށް ހެކިވެއެވެ.
*****
ހެނދުނުގެ ސައި ނިންމާލިތާ އިރުކޮޅެއް ވެސް ނުވަނީސް އައިރާގެ ފޯނަށް ޒޯހަން ގުޅައިފިއެވެ. ވަގުތު ކުޑަތަންވެފައި އޮތުމުން އައިރާ ބަލާ މައްޗަށް އެރުމުގެ ބަދަލުގައި ޒޯހަން އެދުނީ ތިރިއަށް ފޭބުމަށެވެ. އަވަސްއަވަހަށް ގޮސް ކޮޓަރިއަށް ވަން އައިރާ އޭނަގެ ބޮޑު އަތްދަބަސް ނެގިއެވެ. ބޭނުންވާ ހުރިހާ އެއްޗެއް ހަމަތޯ ބަލައިލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ދިއުމުގެ ކުރިން ބެލްކަނީގައި ތިބި މަންމައާއި ބައްޕައަށް ގޮވާލަމުން ދަނީކަމުގައި ވެސް ބުނެލިއެވެ.
ލިފްޓުން ނިކުމެވުމާއެކު ކުރިއަށް ދެވެން އޮތް ސަރައްކާލި ހުރަސްކޮށްލުމަށްފަހު އައިރާ ބޭރަށް ނިކުތެވެ. އޭރު ވާރޭ އޮތީ ހުއްޓާލާފައެވެ. އޭނައަށް ޒޯހަން ފެންނަން ގިނަ އިރެއް ނުނެގިއެވެ. ދުވާރު ކައިރީގައި އޮތް އަޅިކުލައިގެ އައުޑީ ކާރަށް ލެނގިލައިގެން ހުރި ޒޯހަންއާއި ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އައިރާ ފެންނައިރަށް ޒޯހަން ވެސް ހަށިގަނޑު ސީދާކޮށްލަމުން ހިނިތުންވެލިއެވެ. އަދި ފަޓުލޫނުގެ ޖީބަށް އެއްއަތް ޖަހާލަމުން އައިސް އައިރާގެ ގާތަށް ހުއްޓުނެވެ.
ޒޯހަން ބޭނުންކޮށްގެން ހުރި ޓޮމް ފޯޑް ސެންޓް ވަސް ނޭފަތުގައި ޖެހުމާއެކު ފުން ނޭވައެއް އެތެރެއަށް ދަމާލެވުނެވެ. މަސްކާއި މަސްހުނިވެފައިވި ލުއި ފިރިހެންވަންތަ ވަހުން އެކަނިވެސް އޭނަގެ ހިތުގެ ވިންދު އަވަސްކުރުވައިފިއެވެ. މަޑު އަޅިކުލައިގެ ގަމީހަކާއި ގަދަ ނޫކުލައިގެ ފަޓްލޫނެއްގައި ހުރި ޒޯހަންގެ ބައިމަތި ފުޅާ ހަށިގަނޑަށް ގަމީސް އޮތީ ހިފާލާފައެވެ. މުށިކުލައިގެ ބޫޓަކަށް އަރައިގެން ހުރިއިރު އެދިގު އިސްކޮޅު ހާމަކޮށްދެއެވެ. ކަސްރަތުކުރުމަށް ލޯބިކުރާ މިންވަރު ހަށިގަނޑަށް ބަލައިލުމުން އެނގެއެވެ. ކުރުކޮށްކޮށާލެވިފައި އޮތް ފަން އިންތަށިގަނޑު އޮތީ މައްޗަށް ގެންގޮސް ފުނާއަޅާފައެވެ. ޑައަމަންޑް ބަށްޓަމަށްވާ މޫނުގެ ފިރިހެންވަންތަކަން އިތުރުކޮށްދެނީ ދިގުކޮށް ސްޓައިލްކޮށްލެވިފައިވި ތުނބުޅިންނެވެ. އެއީ އައިރާއަށް އެންމެ ކަމުދާ ސިފައެވެ.
ޒޯހަންގެ ކަޅުކަންގަދަ ބުމައާއި ދިގު އެސްފިޔަތަކުން ހިޔަނި އެޅިފައިވާ ދެލޮލުގައި ޖާދޫގެ ބާރެއް އެކުލެވިގެންވާ ކަހަލައެވެ. އެތޫނު ނަޒަރު ހުއްޓޭ ކޮންމެ ފަހަރަކު އައިރާގެ ހިތުގެ ހިނގުންވެސް އަވަސްކުރުވައެވެ.
ޒޯހަން ދިއްކޮށްލި އަތުގައި އައިރާ ހިފާލެވުނެވެ. ދެޒުވާނުންގެ ހަތަރުކަޅި ގުޅިލާމެހިގެން ދިޔަ ހިނދު ޒޯހަން ހަދިޔާކޮށްލި ލޮބުވެތި ހިނިތުންވުމުން އައިރާގެ ހިތް ވިރިގެން ދިޔައެވެ. އެތޫނުފިލި ދެލޮލުން އޭނައަށް އިހުސާސްކުރެވުނީ ނިމުމެއް ނުވާ ލޯތްބެވެ. ހިތުގައި ފިރުމާލަ ދިން ކަހަލައެވެ.
ކާރު ކައިރިއަށް ހުއްޓިލަމުން އައިރާއަށް ކާރުގެ ދޮރު ވެސް ހުޅުވާލަދިނީ ޒޯހަން އެވެ. އެއީ އަބަދު ވެސް ޒޯހަންގެ އާދައެކެވެ. ތަނަކަށް ދިޔަޔަސް އައިރާއަށް ދޮރުހުޅުވާލަދޭނެއެވެ. ފުރަތަމަ އައިރާ ވަނުމަށް އިސްކަން ދޭނެއެވެ. ރެސްޓޯރެންޓަކަށް ދިޔަޔަސް އައިރާ އިށީންނަން ގޮނޑި ކައިރިކޮށްލަދޭނެއެވެ. މަގުން ހިނގާފައި ދާއިރުގައި ވެސް ޒޯހަންގެ ފަރާތުން ހިމާޔަތާއި ރައްކާތެރިކަން އިހުސާސް ކުރެވޭނެއެވެ. ކިތަންމެ އާދައިގެ ކަންތަކަށް ވިޔަސް އެއީ ޒޯހަންއަށް އެހިތުން ދެވިފައި އޮތް މަޤާމާއި ލޯބި އިތުރު ދިރުމެއް ގެނެސްދޭ އަމަލުތަކެކެވެ. ދުލުން ލޯބިވާކަން ހާމަކުރުމަށްވުރެން ބޮޑަށް އެހިތުގައި އޭނައަށް ދެވިފައި އޮތް މަތިވެރި ލޯބި ޒޯހަން ފާޅުކޮށްދޭނީ ވެސް ހަދިޔާތަކާއި ލޯބީގެ މެސެޖްތަކުންނެވެ. މާނަ ފުން ހިނިތުންވުންތަކުންނެވެ.
ސްކޫލާއި ހަމައަށް އާދެވެންދެން އައިރާއާއި ޒޯހަން އެކިއެކި ވާހަކަތައް ދައްކަމުން ދިޔައެވެ. ގިނައިން ދެކެވެމުން ދިޔައީ ސްކޫލްގެ ވާހަކަތަކެވެ. އެކަމުން ވެސް ދާއިރާއަށް އައިރާގެ ހިތުން ދެވިފައި އޮތް މަޤާމާއި ލޯބި ހާމަކޮށްދެއެވެ. އައިރާގެ ދެލޮލުން ފެނިލާ ވިދުމުން ޒޯހަންގެ ހިތަށް ވެސް އުފާވެރިކަން ގެނެސްދިނެވެ. ދޭތެރެއަކުން އެދެމެދަށް ހިމޭންކަން ވެރިވިޔަސް އެހިމޭންކަމުގައި އެކުލެވިގެންވަނީ ހިތްހަމަޖެހުމެވެ. ބަދަލުކުރެވޭ ނަޒަރާއި ހިނިތުންވުންތައް ލޯބި ފެށިގެން އުޅުނު ދުވަސްވަރާއި އެއްވެސް ތަފާތެއް ނެތެވެ. ކައިވެންޏާއި މެދު ދެޒުވާނުން ވެސް ފޮނި ހުވަފެންތަކެއް ދެކެމުން ދިޔައެވެ.
ސްކޫލް ކައިރިއަށް ޒޯހަން ކާރު މަޑުކޮށްލުމާއެކު އައިރާ ފައިބަން އުޅުނެވެ. އެވަގުތު ޒޯހަން ކަމެއް މަތިން ހަނދާންވިއެވެ.
''އޯލް މޯސްޓް ފޮގޮޓް...'' ޒޯހަންއަށް ބުނެވުނެވެ. ދޮރުހުޅުވަން އުޅެފައި ވެސް އައިރާއަށް ބަލައިލެވުނީ ޒޯހަންގެ މޫނަށެވެ.
ކާރުގެ ފަހަތުން ސީޓުން ނެގި ދެފުށްނުފެންނަހެން ކަރުދާހުން ފަރުމާކުރެވިފައިވި ކޮތަޅެއް އައިރާއަށް ޒޯހަން ދިއްކޮށްލިއެވެ. ޒޯހަންގެ މޫނަށް ބަލަމުން އައިރާ ކޮތަޅުގައި ހިފިއެވެ.
''ކޯޗެއްތަ؟...'' އައިރާއަށް ހައިރާންކަމާއެކު އަހާލެވުނެވެ. ކޮތަޅުގައި އޮތީ ހީރަސް ވެސް ޖަހާފައެވެ.
''ހުޅުވީމައެއްނު އެނގޭނީ...'' ހިނިތުންވުމަކާއެކު ޒޯހަން ބުންޏެވެ. އައިރާއަށް ކޮތަޅު ހުޅުވާލެވުނެވެ. އެތެރޭގައި އޮތީ ވާހަކަފޮތެކެވެ. އަަވަސްއަވަހަށް ފޮތް ނަގައި އައިރާއަށް ބަލައިލެވުނެވެ. އުފާވެރިކަން އައިރާގެ ދެލޮލޮގައި ބަބުޅަމުން ދިޔައެެވެ. އެއީ އޭނައަށް އެންމެ ކަމުދާ އިނގިރޭސި ލިޔުންތެރިޔާގެ އެންމެ ފަހުގެ ފޮތެވެ. އެފޮތް ނިކުތްކަންވެސް އޭނައަށް އެނގުނީ ކުރީ ދުވަހަކު ޒޯހަންގެ ފަރާތުންނެވެ. ވާހަކަ ލިޔުމަށާއި ކިޔުމަށް އައިރާގެ ހިތުން ދެވިފައި އޮތްނަ ލޯތްބަށް ޒޯހަންގެ ފަރާތުން އެއްބާރުލުން އަބަދުމެ ލިބޭނެއެވެ.
''ތެންކުއި...'' އައިރާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެއާއެކު ކޯތާފަތަށް އަޑިކޮޅު އެޅިގެން ދިޔައެވެ.
އައިރާގެ މޫނަށް ޒޯހަންއަށް ބަލަހައްޓައިގެން އިނދެވުނީ އާގަމައަރާފައެވެ. އެރީތިކަމަށް އޭނައަށް ތައުރީފުކޮށްލެވުނެވެ. ހިނދުކޮޅަކަށް ވިޔަސް އައިރާގެ ރީތިކަމުގެ ތެރެއަށް ޒޯހަން ގެއްލުނެވެ.
ފަހަތުން އިވުނު ބަރުގޮނުގެ އަޑާއެކު ދެޒުވާނުން ވެސް ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތް ކޮތަޅު އައިރާ އަތްދަބަސްތެރެއަށް ލިއެވެ. އަދި ޒޯހަންއާއި ވަދާއުގެ ހިނިތުންވުމެއް ބަދަލުކޮށްލަމުން ކާރުން ފޭބިއެވެ.
''މެންދުރު އަރޫ ބަލާ އައިސް ގުޅާނަން...'' އައިރާ ކާރުގެ ދޮރު ލައްޕަން އުޅުނު ވަގުތު ޒޯހަން ބުނެލިއެވެ. ބޯޖަހާލަމުން އައިރާ ދޮރު ލައްޕާލިއެވެ. އަދި ކުރިމަތިން ފެންނަމުން ދިޔަ ގޭޓުން އެތެރެއަށް ވަންނަން ހިނގައިގަތެވެ.
ގޭޓު ކައިރިއަށް ހުއްޓިލުމަށްފަހު ފަސްއެނބުރި ޒޯހަންއަށް އައިރާ ބަލައިލިއެވެ. ޒޯހަންއަށް ހިނިތުންވުމެއް ހަނދިޔާކޮށްލަމުން އޭނަ ގޭޓުން އެތެރެއަށް ވަނެވެ.
އައިރާ އެތެރެއަށް ވަންނަން ދެން ބަލަހައްޓައިގެން އިނުމަށްފަހު ޒޯހަން ވެސް ކާރު ދުއްވާލިއެވެ. އޭނަގެ މިސްރާބު ކަމުގައިވީ އޮފީހެވެ. ސޫކޫލް ހުންނަ މަގުން ނިކުމެވުމާއެކު ގަޑިއަށް އަަވަސް ނަޒަރެއް ދިނެވެ. ކާރުގެ ދުވެލި ބާރުކޮށްލީ ހުޅުމާލެއިން މާލެ ދާން ޖެހޭތީއެވެ.
(ނުނިމޭ)