"ހެހެހެ... ހަމަ ޔަގީނުންވެސް މެލެކްގެ ހަޔާތުގައި އަހަރެން މިހުރި މަގާމަކަށް ރައްޔާނަށް ނާދެވޭނެ. އަދި އަހަރެންގެ ހަޔާތުގައި މެލެކް ތިހުރި މަގާމަކަށް އިތުރު އެއްވެސް އަންހެނަކަށް..."
"ސާރާ ނޫން އަންހެނެކޭ ބުނޭ" ބާޒިލް ޖުމްލަ ފުރިހަމަކުރުމުގެ ކުރިން މެލެކް ބުންޏެވެ.
"ބާޒިލްއަށް ހީވަނީތަ ކޮންމެ، ކޮންމެ ކަމެއް އަހަންނަށް ހެޔޮވާނޭ. ލޯބިވަނީ ސާރާދެކެ. މިއަދުވެސް އަހަންނަށް ތިދެމީހުން އެކަތިނޑެއްހެން ތިއްބަ ފެނުނޭ. ބާޒިލް ކީއްވެތަ އަހަންނާ ގާތްވާން ތިއުޅެނީ؟ އަހަންނަށް ހީވަނީ އަހަރެންގެ ފަރާތުން ބާޒިލް ތިއުޅެނީ ނާޖައިޒް ފައިދާއެއް ނަގަންވެގެންހެން. އަހަރެން ބާޒިލްއަށް ކުރާ އިހުތިރާމު ބާޒިލް އަމިއްލައަށް ވެއްޔާ ތިމޮޑެނީ. މިއަދު ތިގޮތަށް އެންމެން ކުރިމަތީގައި އަތުގައި ހިފައިގެން ގެނެސް ބަންދު ކޮޓަރިއަކަށް ތިވެއްދުނީ ފަހުފަހަރަށް. ހަމަ ތެދެއް މިބުނީ މިގޭގަ ލޫލު ނެތްނަމަ އަހަރެން މިގެއަކަށް ނުވެސް ވަންނާނަން. އަހަންނަށް ރަނގަޅީ އަހަރެން ފެންނަ ހިސާބަށްވެސް ބާޒިލް ނައިއްޔާ" މެލެކް ވާހަކަދެއްކިއެވެ.
މެލެކްގެ ވާހަކަތައް ހުރިގޮތުން ބާޒިލް އަށް ހެވެން އުޅުނެވެ. އެއީ ފިރިއެއްދެކެ ތެދުވެރި ހިތަކުން ލޯބިވާ އަންބެއްގެ ފަރާތުން ނޫނީ އަޑުނީވޭނެ ޝަކުވާތަކެކެވެ. މެލެކްގެ އެ ވާހަކަތަކުގައި ވަނީ ރުޅި ނޫން ކަން އޭނާއަށް އެނގެއެވެ.
"ތި ނިމުނީތަ؟" މެލެކް ހިމޭންވުމުން ބާޒިލް ބުންޏެވެ.
"ނުޖެހޭ މިތަނަށް އަހަރެން ވައްދާކަށް" މެލެކް ބުންޏެވެ.
މިއަދު އޭނާ ބޭނުންވާ ހުރިހާ އެއްޗެއް ބާޒިލްއަށް ގޮވިއްޖެއެވެ. ބާޒިލް ޖެހޭނީ އެ އުޅުން ބަދަލުކޮށްގެން ކޮންމެސް އެކަކަށް ވަފާތެރިވާށެވެ. އަމިއްލަ އެދުމެއް އޮތީތީ ތިމަންނަ ސާރާ އާ ކައިވެނި ނުކުރާނަމޭ ބުންޏަސް އަދި ފަރުނުޖެހޭނެއެވެ. ކުއްލިއަކަށް މެލެކް ބަލައިލީ އޭނާގެ އަތުގައި ބާޒިލް ހިފެހެއްޓުމުންނެވެ. ބާޒިލް ހުރީ އެހާ އަވަހަށް މެލެކް ދިޔަދޭކަށް ނޫނެވެ. އޭނާގެ ހިތެއް އަދި ނުފުރެއެވެ. ކޮޓަރިއަށް ވަތްފަހުން އޭނާއަށް މެލެކްގެ ލޯބި މޫނަށް އަދި ރަނގަޅަށް ބަލައިވެސްނުލެވެއެވެ.
"ދޫކޮށްލާ އަތުން" މެލެކް ބުންޏެވެ.
ކުރިއަށް ލުއްކެއް ޖެހުމާއެކު ލުއި ފަތެއްހެން މެލެކް އައިސް ބާޒިލްގެ މޭގައިޖެހުނެވެ. ހުސްކޮށް އޮތް އަތުން ބާޒިލް މެލެކްގެ ގައިގައި ފަހަތުން ވަށާލިއެވެ. އިތުރަށް މެލެކް ގާތްކޮށްލާފައި އޭނާގެ ހަށިގަނޑާއެކު ފިއްތާލިއެވެ. ނުރައްކާތެރި ދަރަޖައަކަށް ދެ ޒުވާނުންގެ މޫނު ކައިރިވެގެން ދިޔައެވެ. މެލެކް އަށް ހީވީ އޭނާގެ ދުލުގައި ތަޅެއް ލެވިގެން ދިޔަހެންނެވެ. ބުނާނެ އެއްޗެއް ނޭނގި ބާޒިލްގެ ދެލޮލުގެ ތެރެއަށް އޭނާ ގެނބިގެން ދިޔައެވެ.
"އިތުރަށް އެއްޗެއް ބުނަން އޮތިއްޔާ އެ ފުރުސަތު ދީފިން" ބާޒިލް ބުންޏެވެ.
"އަހަރެން... އަހަރެން... ބާޒިލް ބުނޭ" ލަސްލަހުން މެލެކް ބުންޏެވެ.
ކުއްލިއަކަށް މެލެކްގެ އަނގަ އޮޅިއްޖެއެވެ. ބުނާނެ އެއްޗެއް ދުލަކަށް ނައެވެ. ބާޒިލްގެ އެންމެ ބީހިލުމަކާއެކު ވީގޮތެއް އޭނާއަށް ނޭނގުނެވެ. ދުރަށްޖެހެންވެސް ހަނދާންނެތިއްޖެއެވެ.
"އަހަރެން ބުނާ އެއްޗެއް އަޑުއަހާނަންތަ؟" ބާޒިލް އަހާލިއެވެ.
މެލެކް ބޯޖަހާލިއެވެ. ކުއްލިއަކަށް ބާޒިލްގެ މޫނުމަތީގެ ކުލަވަރުތައް ބަދަލުވެގެން ދިޔައީ މެލެކް ބަލަން ހުއްޓައެވެ. ބާޒިލްގެ ދެލޮލަށް ޖަމާވެގެން ދިޔަ ކަރުނަތައް ދެކޯތާފަތުން ފައިބައިގަތީވެސް މެލެކް ބަލަން ހުއްޓައެވެ. އެއްޗެއް ބުނަން މެލެކްގެ ދެ ތުންފަތް ތެޅިލިއެވެ. އެހެންނަމަވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ބާޒިލްގެ ދެލޮލުން ފޭބި ކަރުނަތަކުން ބުނެދީފިއެވެ. އިންސާނަކު ދޮގެއް ހަދައިފާނެއެވެ. ކަރުނަތަކަކީ ދުވަހަކުވެސް ދޮގުހަދާނެ އެއްޗެއް ނޫނެވެ.
"ކުޑަވަގުތުކޮޅެއް އަހަންނަށް ދެވިދާނެތަ؟" ބާޒިލް ބުންޏެވެ.
މިހާރު ބާޒިލްގެ އަޑަށް ބަދަލު އަތުވެއްޖެއެވެ. އެ އަޑުގައި މަޑުމޮޅިކަން ވިއެވެ. އާދޭސްތަކެއްގެ އަސަރުވިއެވެ. މެލެކް ބޯޖަހާލިއެވެ. ބާޒިލްގެ ލޮލުން ވެއްޓުނު ކަރުނަތިކި ފެނިފައި މެލެކްގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ. ބާޒިލް މެލެކްގެ ގައިން ދޫކޮށްލިއެވެ. ދެން ހިފީ މެލެކްގެ ދެއަތް ތިލައިގައެވެ. މެލެކް ގޮވައިގެން އޭނާ ހިނގައިގަތެވެ. އޭނާގެ އެނދުގައި މެލެކް ބައިންދާފައި އޭނާ އިށީނީ ޓައިލްސްތަކުގެ މަތީގައެވެ. އުނގުތެރޭގައި އޮތް މެލެކްގެ ދެއަތްތިލައިގައި ހިފާލާފައި އޭނާ މެލެކްގެ މޫނަށް ބަލައިލިއެވެ.
"މެލީ...." ބާޒިލް ގޮވައިލިއެވެ.
މެލެކްއަށް އެހިނދު ކުރުވީ ތަފާތު އިހުސާސެކެވެ. މިނޫނީ ބާޒިލް އެ ނަމުން އޭނާ އާ މުހާތަބްކޮށްފައި ނުވެއެވެ. އޭނާއަށް ކުރުވީ ބާޒިލްގެ ވަރަށް ހާއްސަ މީހަކަށް އޭނާވި ކަމުގެ ފުން އިހުސާސެކެވެ.
"އަހަރެން މިއީ ކުށްވެރިއެއް. އަހަންނަށް މާފްކޮށްދީ" ބާޒިލް ބުންޏެވެ.
މެލެކް ހައިރާންކަން އެކުލެވިގެންވި ބެލުމަކުން ބާޒިލް އަށް ބަލަން އިނެވެ. ހިތުގައި ސުވާލު އުފެދިފައެވެ.
"އަހަންނަށް ނުވިސްނުނީ. އެކަމަކު މިހާރު ވިސްނިއްޖެ. ދެން ދުވަހަކުވެސް އެފަދަ ކަމަކަށް ޖާގައެއްނުދޭނަން. ހަމަ އެންމެފަހަރަކު ބުނޭ އަހަންނަށް މައާފްކޮށްފީމޭ. ބުނޭ ބާޒިލް އަށް އިތުބާރުކުރަމޭ" ބާޒިލް ބުނަމުން ދިޔައެވެ.
ބާޒިލްގެ ދެލޮލުން ވެއްޓޭ ކޮންމެ ކަރުނަތިއްކަކާއެކު މެލެކް އަށް އެބަސްތަކުގެ ޔަގީންކަން ލިބެމުން ދިޔައެވެ. އެހެންނަމަވެސް އެ ބަސްތައް ބާޒިލް ބުނަންޖެހޭ ސަބަބެއް ނުވިސްނުނެވެ.
"އަހަރެން ކޮންކަމަކަށް... ނޭނގުނު... ކީކޭ ތިކިޔަނީ؟" މެލެކް ބުންޏެވެ.
ބާޒިލް އިސްޖަހާލިއެވެ. ތެދެކެވެ. އޭނާ ކިތަންމެ ވަރަކަށް މާއާފަށްއެދުނަސް އެކަމުގެ ފަހަތުގައިވާ ހަގީގީ ސަބަބުން މެލެކް އަށް ބުނެނުދެވޭނެއެވެ. އެ ސަބަބު މެލެކް އަށް އެނގުމަށްވުރެ ބޮޑަށް ރަނގަޅީވެސް ނޭނގުނިއްޔާއެވެ. އެ ސަބަބު އެނގިގެން އޭނާއަށް މުޅިއުމުރަށް މެލެކް ގެއްލިދާނެއެވެ.
"މެލީ ބުނަމެއްނު އަހަރެން އުޅޭ ވައްތަރެކޭ. އެހެން ދެން ނޫޅޭނަން. ސޮރީ" ބާޒިލް ބުންޏެވެ.
"މައާފްކޮށްފިން" މެލެކް ބުންޏެވެ.
"ދެން ތިތަނުން ތެދުވެބަލަ. އަހަންނަކަށް އަދިވެސް ހިއެއްނުވޭ ބާޒިލް ބުނަން ބޭނުންވާ އެއްޗެއް ބުނެވިއްޖެހެނެއް. ނޫންތަ؟" މެލެކް ބުންޏެވެ.
ބާޒިލް ތެދުވެ މެލެކްގެ ގާތުގައި އިށީނެވެ. އަދިވެސް އޭނާ އިނީ މެލެކްގެ އަތުގައި ހިފާލައިގެންނެވެ.
"އަހަރެން ބުނެފީމެއްނު. މެލީ އަށް ނޭނގޭތަ؟" ބާޒިލް ބުންޏެވެ.
"ކޮންކަމެއްގެ ވާހަކަ. ނުބުނަމެއްނު" މެލެކް ބުންޏެވެ.
"ކުރީ ދުވަހު ހޮސްޕިޓަލުގަ ބުނެވުނު. މެލީ ޖަވާބެއް ނުދެމެއްނު. ޖަވާބުދީބަލަ" ބާޒިލް ބުންޏެވެ.
މެލެކްގެ ހަނދާނަށް އައެވެ. އެއީ ބާޒިލްގެ ހިތުގެ އަޑު މެލެކްއަށް އިއްވި ދުވަހެވެ. އެދުވަސް އޭނާ ހިތުން ފިލާނެ ހެއްޔެވެ؟
"އެއީ... އެއީ އަސްލެއްތަ؟ އަހަންނަކަށް ގަބޫލެއްނުކުރެވޭ" މެލެކް ބުންޏެވެ.
ބާޒިލްގެ އަތުތެރެއިން ދެއަތް މިނިވަންކޮށްލަމުން މެލެކް ބުންޏެވެ.
"ލޫލުއަކީ އަހަރެންގެ ހަލާލު ދަރިއެއްކަން ޔަގީންވާ ފަދައިން މިބުނީ. އަހަރެންގެ ހިތުން ހަމައެކަނި އެދެވެނީ މެލީއަށް. މި އިހުސާސަކީ ގޯސް އިހުސާސެއްނޫން" ބާޒިލް ބުންޏެވެ.
" ދެން ސާރާ އޯ. ތިދެމީހުން އެކުގަ ހޭދަކުރި ވަގުތުތަކޯ. ކުރީ ދުވަހު ފެނުނު މަންޒަރު އެއީ ދޮގެއްނޫން" މެލެކް ބުންޏެވެ.
"އަހަރެންގެ ދިރިއުޅުމުގަ ހެދުނު އެންމެބޮޑު މިސްޓޭކް ސާރާ އަކީ. އަހަރެން ސާރާ އާ މިހާރު އެއްވެސް ގުޅުމެއްނެތް. ކުރީ ދުވަހު ފެނުނު މަންޒަރު މެލީއަކަށް މުޅިން ސާފެއްނުވޭ. ސާފުވިނަމަ އަހަރެން ހުރިގޮތް ފެނުނީސް" ބާޒިލް ބުންޏެވެ،
"އެކަމަކުވެސް. އަހަންނަކަށް ނުކެރޭނެ ސާރާ އަށް އެހެން ހަދާކަށް. އެއީވެސް އަންހެނެއް. އަންހެނަކަށްވެ ހުރެ އަންހެނެއްގެ ދިރިއުޅުމުގެ ތެރެއަށް އަހަރެން ފުންމައެއް ނުލާނަން" މެލެކް ބުންޏެވެ.
ބާޒިލް އިތުރަށް މެލެކް އާ ގާތަށް ޖެހިލިއެވެ. މެލެކްގެ މޫނުގެ ދެފަރާތުގައި ދެއަތުން ހިފަހައްޓާލިއެވެ. ކުޑަކޮށް މައްޗަށް އުފުލާލުމަށްފަހު ސީދާ އޭނާގެ ނަޒަރު އަމާޒުކޮށްލީ މެލެކްގެ ދެލޮލަށެވެ.
"މެލީ ދުވަހަކުވެސް ނުޖެހޭނެ އެހެން އަންހެނެއްގެ ދިރިއުޅުމުގެ ތެރެއަށް ފުންމާލާކަށް. ހަގީގަތަކީ މެލީގެ ދިރިއުޅުމަށް ފުންމާލި މީހަކީ ސާރާ. ޓްރަސްޓް މީ..." ބާޒިލް ބުންޏެވެ.
މެލެކްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެހެންވެދާނެ ހެއްޔެވެ؟ ބާޒިލް ބުނާގޮތުން ހީވަނީ މީގެކުރިން އޭނާ އާ ބާޒިލް އާ ދެމެދު ގުޅުމެއް އޮތް ހެންނެވެ.
"އަހަރެން މެލީދެކެ ވަރަށް ލޯބިވޭ. ތިއީ އަހަރެންގެ ފަތްމިންޏަކީ. އަހަރެންގެ ހިތުގެ ލޯތްބަކީ. އައި ލަވް ޔޫ މެލީ. ޓްރަސްޓް މީ މެލީ. މިކަން އަހަންނަށް އިހުސާސްމިވީ ހާދަ ފަހުންނޭ. ނަސީބަކުން މެލީގެ މަގާމުގައި ސާރާ އަށް ނުއިށީނދެވެނީސް އަހަންނަށް އިހުސާސް ކުރެވިއްޖެ. އަހަރެންގެ ލޯބި ގަބޫލުކުރޭ މެލީ" ބާޒިލް ވާހަކަދެއްކިއެވެ.
ކީއްވެކަމެއް ނޭނގެއެވެ. ބާޒިލްގެ ވާހަކަތަކުގައި ހަގީގަތެއްވެއޭ މެލެކްގެ ހިތް ބުންޏެވެ. އެއްޗެއް ބުނަން ދެތުންފަތް ފޭވެލާފައިވެސް އެއްޗެއް ނުބުނެ އޭނާއަށް އިނދެވުނެވެ. އެއް އަތުގެ އިނގިލިތަކުން މެލެކްގެ މޫނުގައި ބާޒިލް އިނގިލިތައް ބީއްސާލިއެވެ. އެހިނދު މެލެކް އަށް ދެލޯ މަރާލެވުނެވެ. ބާޒިލްގެ ނަޒަރު މެލެކްގެ ދެތުންފަތަށް ހުއްޓުމާއެކު އޭނާގެ މުޅި ނަފްސު ހޭލައިގެން ދިޔަ ކަހަލައެވެ. އެހެންނަމަވެސް މެލެކްގެ ސިކުނޑިއަށް ނުބައި މެސެޖެއް ދެވިދާނެތީ އޭނާ އިހުސާސްތައް ހިފެހެއްޓިއެވެ.
"އަހަންނަށް ގޮތެއްވޭ އެބަ ބާޒިލް" އެންމެފަހުން މެލެކްގެ ދެ ތުންފަތް ދޭތެރެއިން ލަފްޒުތަކެއް ބޭރުވެގެން ދިޔައެވެ.
ބާޒިލް އަށް ހެވުނެވެ. އޭނާ ލޯތްބާއެކު މެލެކްގެ ކޯތާފަތުގައި ބޮސްދިނެވެ. ބާޒިލްގެ ދެއަތްމަތީގައި މެލެކް ދެއަތް ބޭއްވިއެވެ. މިފަހަރު ހުދު އޭނާ ބާޒިލްގެ އަތުގައި ބޮސްދިނެވެ. އެހިނދު މެލެކް ހިތް އޮތްގޮތް ބާޒިލްއަށް ފަހުމުވެގެން ދިޔައެވެ. ލުއިލުއި ހިނިތުންވުމެއް ބާޒިލްގެ ތުންފަތަށްވެރިވިއެވެ.
"ވިލް ޔޫ މެރީ މީ" މެލެކް ބުންޏެވެ.
އެހިނދު ބާޒިލް މެލެކް އޭނާގެ މޭގައި ޖައްސާލިއެވެ. މެލެކްގެ ގައިގައި އިރުކޮޅަކު ބައްދާލައިގެން އިނުމަށްފަހު ބާލީސްމަތީގައި މެލެކް ގޮވައިގެން އޮށޯވެލިއެވެ. އޭނާގެ އެއް ފައި މެލެކްގެ ފައިމަތިން ގެންގޮސް މެލެކްގެ މުޅި ހަށިގަނޑު މިލްކުކޮށްގެން އޮތް ކަހަލައެވެ.
"ޔޫ އާ މައި ވައިފް... މިކަން ދުވަހަކުވެސް ބަދަލެއްނުވާނެ" ބާޒިލް ބުންޏެވެ.
މެލެކްއަށް ހިނިތުންވެވުނެވެ. ހަގީގަތުގައި ވެސް ބާޒިލްގެ ވައިފްއަށް ވާން އޭނާގެ ހިތްއެދުނެވެ. ވީއެންމެ އަވަހަކަށެވެ.
ބާޒިލްއަށް ދުވަހަކުވެސް ނުލިބޭހާ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބެމުން ދިޔައެވެ. މެލެކް އޮތީ އޭނާގެ އަތްމަތީގައެވެ. ދެމަފިރިންގެ ދެފައި އޮތީ ގުޅިލާމެހިފައެވެ. މެލެކް ބާޒިލްގެ މޫނަށް ބަލާލައިފިނަމަ މެލެކްގެ ނޭފަތުން ބޭރުވާ ހޫނު ނޭވާތައް ބާޒިލްއަށް އިހުސާސްވެއެވެ. ދެ ހިތުގެ ތެޅުންވެސް އެކަކު އަނެކަކަށް އިވެމުން ދިޔައެވެ. މުޅި ރޭ ބާޒިލް ބޭނުންވަނީ އެގޮތުގައި އޮންނާށެވެ. އެއީ އޭނާގެ ހަލާލު އަނބިމީހާއެވެ. މުޅި އުމުރު ހުސްވަންދެން ކޮޓަރިން ނުނިކުމެ އޮތަސް އެއްޗެއް ބުނާނެ މީހަކު ނާންނާނެއެވެ. އެއްޗެއް ބުނެވޭނެ މީހަކުވެސް ނުހުންނާނެއެވެ.
"އަހަރެން ކަމެއް ކޮށްފިއްޔާ ރުޅިއަންނާނަންތަ؟ބާޒިލް އަހާލިއެވެ.
ބާޒިލްގެ މޫނަށް ބަލައިލަމުން މެލެކް ދެފަރާތަށް ބޯހޫރާލިއެވެ.
"އެކަމު... ބިރުގަނޭ. ގަޑިން ކިހާއިރެއްވީ؟ ދާންބޭނުން" މެލެކް ބުންޏެވެ.
"ކުޑަކުޑަ ކަމެއް. ޕްލީޒް.... އެއަށްފަހު ގެއަށް ދާންވީ. އަހަރެން ދާނަން މެލީ ގޮވައިގެން... އޯކޭ ތަ؟" ބާޒިލް ބުންޏެވެ.
މެލެކްގެ ތުންފަތަށްވެރިވީ ލަދުރަކި ހިނިތުންވުމެކެވެ. އެހިނދު ބާޒިލް އަށްވެސް ހީލެވުނެވެ.
****
ކޮޓަރިއަށް ތަބައްސުމް ވަދެގެން އައިރު އައްޒާމް އިނީ ފޯނެއްގައެވެ. އޭނާ ފޯނު ކުރުކޮށްލާފައި ތަބައްސުމް ދިއްކޮށްލި ފެންތަށީގައި ހިފިއެވެ.
"އަދިވެސް މެލީ ނާދޭތަ؟" އައްޒާމް އަހާލިއެވެ.
ތަބައްސުމް ބޯޖަހާލިއެވެ. އޭނާ އައްޒާމްގެ ފައި ކައިރިން އިށީނެވެ.
"އަހަރެމެން ކޮންމެ ކަމެއް ކުރިޔަސް އެކުދިން ނުހުއްޓުވޭނެ" ތަބައްސުމް ބުންޏެވެ.
އައްޒާމް ހިމޭނުން އިނެވެ. އޭނާއަށް ގޮތެއް ނިންމަން ދަތިވިއެވެ. ބާޒިލް ކަންތައްކުރި ގޮތުން އޭނާއަށް އަލުން މެލެކް ހަވާލުކުރެވޭކަށް ނެތެވެ. އަމުދުން މެލެކް މިހާރު އިން ހާލަތުގައެވެ. ބާޒިލް އަށް އަދި ކުރެވުނު ކުށް އިހުސާސްވާން ގާތްވެސް ނުވެއެވެ. ހަގީގަތުގައިވެސް ބާޒިލް މެލެކްއަށް އެދޭވަރު ބަލަން އޭނާ ބޭނުންވިއެވެ.
"މައުސޫމާ ބުނި ބާޒިލްއާއެކު މެލެކް ދިޔައީ ރުހުމުގައޭ" ތަބައްސުމް ބުންޏެވެ.
"ތާބާ ނިކަން ބުނެބަލަ" ހަށީފުރާ ނޭވައެއް ދޫކޮށްލުމަށްފަހު އައްޒާމް ބުންޏެވެ.
"މެލެކްއަށް އެއްވެސް ކަމެއް ނޭނގޭ. ހަނދާންތައް އަންނާނެކަމެއްވެސް ނާންނާނެ ކަމެއްވެސް ނޭނގޭ. އެހުރިހާ ކަމެއް ބާޒިލް އަށް އެނގިހުރެ މެލީއަށް ކިހާ އިހާނެތިވި. މިހާރު މެލީދެކެ ބާޒިލް ލޯބިވާންޖެހޭ ސަބަބެއް ނޭނގޭ. ދަރިންގެ ދިރިއުޅުމުގެ ތެރެއަށް މައިންބަފައިން ވަންނާކަށްނުޖެހޭ. އެހެންވިޔަސް މިފަހަރު އަހަންނަށް މެލީ ދޫކޮށްލެވެން ނެތް. އެއީ މަގޭ ހަގު ދަރިއޭ. ބާޒިލް އިންނަން އުޅޭ ކުއްޖާ އަދިވެސް މިރަށުގަ އެބައުޅޭ. އެކުއްޖާގެ ފަރާތުން މެލީ އަށް ހަމަލައެއް އަންނާނެ ދުވަހެއްވެސް ނޭނގޭ. ވިސްނަންޖެހޭ އެތައް ކަމެއް އެބަހުރި. އަހަރެން ކޮންމެ ކަމެއް ކުރިޔަސް ކުރާނީ އެމަންޖެގެ ރައްކަލަކަށް" އައްޒާމް ވާހަކަދެއްކިއެވެ.
އައްޒާމްގެ އަޑުގައި އެކުލެވިގެންވި ކަންބޮޑުވުމުގެ އަސަރާއެކު ތަބައްސުމް އަށް އައްޒާމްގެ އަތުގައި ހިފަހައްޓާލެވުނެވެ. އައްޒާމްގެ އެއްވެސް ނިންމުމަކަށް ފާޑުކިޔާކަށް ތަބައްސުމް ބޭނުމެއް ނުވެއެވެ. ދެ ދަރިންގެ ކަންތަކުގައި އެންމެ ރަނގަޅު ގޮތް ނިންމާނީ ދަރިންގެ ބައްޕައެވެ. އޭނާ އޭގެތެރެއަށް ވަންނާނީ ވަންނަންޖެހޭ ހާލަތްތަކުގައެވެ.
"ދެން ކިހިނެއްހަދާނީ؟ މެލީ އާ ވާހަކަދައްކަންވީތަ؟" ތަބައްސުމް ބުންޏެވެ.
"ނޫން. މެލީގެ ހިތް އޮތްގޮތް ވަރަށް ސާފު. އެއީ އެމަންޖެގެ ކުށެއްވެސް ނޫން. އަހަރެން ވާހަކަދައްކާނީ ބާޒިލް އާ. މިހުރިހާ ދުވަހުވެސް އެސޮރަށް އެއްވެސް އެއްޗެއް ނުބުނަން. އެކަމަކު މިފަހަރު ބުނާނަން" އައްޒާމް ބުންޏެވެ.
****
މެލެކް ކޮޓަރިން ނިކުތްއިރު ސޯފާގައި އާއިލާ ތިއްބެވެ. އޭނާގެ ގައިން ތަފާތެއް ފާހަގަވެދާނެކަމަށް ހީކޮށް މޫނުމަތިން ކަންބޮޑުވުމެއް ފެނިލިއެވެ. އެހެންނަމަވެސް އަތުން ހެދުން ރީތިކޮށް ބުރުގަލުގަ އަތްލާކަށް ނުކެރުނެވެ. ކޮޓަރިން ނިކުތުމާއެކު މައުސޫމާ އާއި ޒޭބާގެ ނަޒަރު މެލެކް އަށް ހުރީ ހުއްޓިފައެވެ. މެލކް ލައިގެން ހުރި ކަޅު ހެދުމުގެ ތިރީގައި ހުރި ބޮޑެތި ރޫތައް ފާހަގަވީ ޒޭބާ އަށެވެ.
"އާދެބަލަ މިކޮޅަށް" މެލެކްގެ ފަހަތުން ނިކުތް ބާޒިލް އަށް ޒިޔާދު ބުންޏެވެ.
"ދަރިފުޅުވެސް އާދެބަލަ" މައުސޫމާ ބުންޏެވެ.
މެލެކް އާއި ބާޒިލް އައިސް ސޯފާގައި އިށީނެވެ. ދައްކަން ބޭނުންވާ މިސްރާބަށް ވާހަކަތައް ނުގެންދެވޭނީ ޒޔާދު ވާހަކަދެއްކީ ވިސްނައިގެންނެވެ.
"ކޮންވާހަކައެއް މަންމަ އާ ބައްޕައަށް މިއިވުނީ. ދަރިފުޅު ސާރާ އާ ކައިވެނި ނުކުރާނަމޭ ބުނިންތަ؟" ޒިޔާދު އެހިއެވެ. ބާޒިލް ބޯޖަހާލިއެވެ.
"ކީއްވެގެންކަން ބައްޕަ އަށް އަހާލެވިދާނެތަ؟" ޒިޔާދު ބުންޏެވެ.
"ބޭނުންނުވާތީ. ރަނގަޅު ގޮތް ވިސްނުނީމަ. އަހަރެން ބޭނުންވަނީ މެލެކްއާއެކު އުޅެން" ބާޒިލް ބުންޏެވެ.
މައިންބަފައިން ކުރިމަތީގައި ބާޒިލް އެގޮތަށް ބުނުމުން މެލެކް ލަދުގަތެވެ. އޭނާއަށް އިސްޖަހައިގެން އިނދެ ދެލޯ މަރާލެވުނެވެ. މެލެކްގެ އަތުގައި މައުސޫމާ ހިފާލުމުންވެސް އޭނާއަށް ބަލައިލަން ނުކެރުނެވެ.
"މެލެކް އަހަންނާ ވާހަކަދައްކަން ބޭނުންނުވާހެން ހީވާތީ އަހަރެން އެގޮތަށް ކަންތައްކުރަން ޖެހުނީ. މެލެކް އަށް މިހާރު އެނގޭނެ އަހަރެން ބޭނުންވާގޮތް. ޕްލީޒް... މި ނިންމުން ބަދަލުކުރަން ދެން އެކަކުވެސް ނޫޅޭތި. ވަރަށް ދުވަހު ދެލޮލުގަ ފޮތި އަޅައިގެން އުޅެވިއްޖެ..." ބާޒިލް ބުންޏެވެ.
ޒިޔާދު އާއި މައުސޫމާ އެކަކު އަނެކަކަށް ބަލައިލިއެވެ. ބާޒިލް އަށް ހެޔޮވިސްނުން ލިބުމަކީ އެ ދެމަފިރިން މިހުރިހާ ދުވަހު ހެއްދެވިފަރާތަށް ކުރި ދާއުތަކުގެ އިޖާބައެވެ. ބާޒިލްގެ އެ ނިންމުމުގެ ސަބަބުން އެއްވެސް ކަމެއް އަދި ރަނގަޅުވާކަށް ނެތްކަން އެނގެނީ އެދެމަފިރިންނަށެވެ. މެލެކްގެ ހިތާ ހަމައަށް އަދި ވާސިލެވެވެން ބާޒިލް އަށް ނެތެވެ. ބާޒިލް ޖެހޭނީ ގަދަ ކަނޑެއްގައި އޮޔާ ދެކޮޅަށް ހަނގުރާމަކުރާށެވެ.
"އެބައަންނަން މެލެކް ގެއަށް ގެންގޮސްފަ" ބާޒިލް ބުންޏެވެ.
"އުނހު. މަންމަމެން އަންނާނަން މެލެކް ގެއަށް ލާފަ" މައުސޫމާ ބުންޏެވެ.
މައުސޫމާއާއެކު މެލެކް ހިނގައިގަތެވެ. ދޮރާ ހަމައަށް ދިޔަތަނާ ބާޒލް މެލެކް އަށް ގޮވާލިއެވެ. މެލެކް ފަހަތަށް ބަލައިލިއެވެ. ބާޒިލް އައިސް ހުއްޓުނީ މެލެކް ކުރިމަތީގައެވެ. އެއްވެސް މީހެއްގެ ފަރުވާލެއް ބާޒިލްގެ ނެތެވެ. އޭނާ މެލެކްގެ އަތްތިލައިގައި ހިފާލިއެވެ.
"އެއްވެސް ކަމަކާ ނުވިސްނައްޗޭ. އަހަރެން ހުރިހާ ކަމެއް ރަނގަޅުކުރާނަން" ބާޒިލް ބުންޏެވެ.
މެލެކް ހިނިތުންވެލާފައި ބޯޖަހާލިއެވެ. އެހިނދު މެލެކްގެ ކޯތާފަތުގައި ބާޒިލް ފިރުމާލިއެވެ.
****
މަގުން ހިނގާފައި ދިޔައިރު މެލެކް ހުރީ މައުސޫމާ އާއި ޒިޔާދުގެ ދެމެދުގައެވެ. އޭނާ ހުރީ ވާހަކަދައްކަން ނުކެރިފައެވެ. ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ އޭނާ ހީވެސްނުކުރާ ފަދަ ގޮތަކަށެވެ. އެއްޗެއް ނުބުނެ ބާޒިލްގެ މައިންބަފައިންނާއެކު ދާން އޭނާ ހުރީ ލަދުވެސްގެންފައެވެ.
"ސޮރީ މަންމާ" އެންމެފަހުން މެލެކް ބުންޏެވެ.
"މެލީ ކީއްވެ ސޮރީ ތިބުނަނީ" މައުސޫމާ ބުންޏެވެ.
"އަޅުގަނޑު... ނޭނގެ ކުއްލިއަކަށް ބާޒިލް އެގޮތަށް..." މެލެކް ބުންޏެވެ.
"މަންމަ ސުވާލެއްކޮށްލަންތަ؟" މައުސޫމާ ބުންޏެވެ.
ހައިރާންވެފައި ޒިޔާދު މައުސޫމާއަށް ބަލައިލިއެވެ. އޭނާގެ އެ ބަލައިލުމުގެ މާނަ ވަރަށް ރަނގަޅަށް މައުސޫމާއަށް ފަހުމުވިއެވެ. މައުސޫމާ ހީލިއެވެ. ކަންބޮޑުވާންޖެހޭފަދަ އެއްވެސް ސުވާލެއް އޭނާ މެލެކް އާ ނުކުރާނެއެވެ.
"ބާޒިލް ބޭނުންވާ ގޮތް މިފަހަރު ދަރިފުޅަށް އެނގިއްޖެއްނު. ދަރިފުޅުގެ ހިތް ބުނަނީ ކީކޭ؟" މައުސޫމާ ބުންޏެވެ.
އެވަގުތު މެލެކްގެ ހިތަށް އެތެއް އެއްޗެއް އެރިއެވެ. އޭނާގެ ހިތް ބުނާ ކަހަލައެވެ. ބާޒިލް ލޯބިވީ މާލަހުންނެވެ. ބާޒިލް އަކީ އެހެންމީހެއްގެ ހައްގެއްކަން އެނގިހުރެ އޭނާއަށް ބާޒިލްދެކެ ލޯބިވެވުނީއެވެ. ދެލޯބިވެރިން ދެމެދަށް އޭނާއަށް ވަދެވުނީއެވެ. އޭނާއަށް ލޯބިވެވުނީ ކުޑަކުއްޖެއްގެ ބައްޕަދެކެ ހެއްޔެވެ؟ އަނެއްކޮޅުން ބާޒިލްއާއެކު އުފާވެރި މުސްތަގުބަލެއް ލިބިދާނެ ހެއްޔެވެ؟ ހުރަހަކަށް ވާނެ އެއްވެސް އެއްޗެއް ނެތް ހެއްޔެވެ؟
"ބުނެބަލަ" މައުސޫމާ މެލެކްގެ އަތުގައި ހިފާލިއެވެ.
"ނޭނގެ ވާނެގޮތެއް" މެލެކް ބުންޏެވެ.
މައުސޫމާ ހީލިއެވެ.
(ނުނިމޭ)