"އެންމެފަހަރަކު މެލީ އާއެނކޭ ބުނޭ. އޭރުން އަހަރެން ހުރިހާ ކަމެއް ރަނގަޅުކުރާނަން. ފޯނެއްވެސް ނުނަގާ. މެސެޖެއް ކުރީމަ ރިޕްލައިވެސް ނުކުރި. ހޯދަން އެގެއަށްވެސް ގޮސްފިން. ދިމަލެއްނުވި. އަންނަނިކޮށް ގަސްދޮށުން ފެނިއްޖެ މެލީ ރައްޔާނާއެކު އިންދަ. ވަރަށް ގާތުގަ ތިބީ. މެލީ ގުޅުން އޮންނަނީ ރައްޔާނާހެން ހީވަނީ" ބާޒިލް އިނީ އެއްދިމާލަކަށް ބަލަހައްޓައިގެންނެވެ.
"ކޯޗެކޭ ތިކިޔަނީ؟" ޒޭބާ ބުންޏެވެ. "މެލީ އަކީ އެހެން އުޅޭ ކުއްޖެއްނޫން. އެއްވެސް އެއްޗެއް ހަނދާނުގަ ނެތް އިރުވެސް މެލީ އެހުންނަނީ ޒެއްލުއަށް ވަފާތެރިވެގެން"
"އެކަމަކު އަހަރެން އެހާ ނަސީބު ރަނގަޅެއް ނޫން. އަހަންނަށް ވިސްނުނުއިރު ވަގުތުފާއިތުވެއްޖެ. މެލެކް އަކީ އަހަރެންގެ އަނބިމީހާ އަށް ވިޔަސް އަހަންނަށް އެއްވެސް ބާރެއްނެތް. އަހަންނަށް އެނގޭ ވާނީވެސް އެހެންކަން. އެކަމަކު... ކެތްކުރަން ހާދަ އުނދަގުލޭ" ބާޒިލްގެ ދެލޮލުން ކަރުނައެއް ވެއްޓުނެވެ.
"ތިދެކުދިންގެ ދެމެދަށް ކާކު ހުރހަކަށް ވާނީ. ތިއީ ދެމަފިރިންނެއްނު" ޒޭބާ ބުންޏެވެ.
މެލެކްގެ މައިންބަފައިން. މެލެކް މާލެ ފުރުވާލަން އުޅެނީ. އެމީހުން އަހަންނަށް ޗާންސެއް ދޭން ބޭނުމެއްނުވޭ. މަންމައާއި ބައްޕަވެސް ބޭނުންވަނީ އަހަރެން މެލެކް އާ ދުރުގަ ހުންނަން. ވަރި އާ ހަމައަށް ނުދެވިގެން އުޅެނީ މެލީގެ ފުރާނައަށްޓަކައި. ކޫ ބުނެބަލަ... އަހަންނަށް ކުރެވުނީ ވަރަށް ބޮޑެތި ފާފަތަ؟ މެލެކް މުޅި އުމުރަށް އަހަންނަށް ދުރަށް ފޮނުވާހާ ބޮޑު ކުށެއްތަ ކުރެވުނީ؟ އަހަންނަށް މެލެކް ހައްގެއް ނޫންތަ؟" ބާޒިލްގެ ކުރެހިފައިވާ އަޑަކުން ވާހަކަދައްކަމުން ދިޔައެވެ.
ޒޭބާ ދެރަވެ ހިތުގައިޖެހުނެވެ. ބާޒިލް އަށް ހިތްވަރެއްވެސް ދޭން އޭނާއަށް ނޭނގުނެވެ. މެލެކްގެ ހާލަތު ހުރިގޮތުން މިވަގުތު މެލެކްގެ ކޮންމެ ކަމެއްގައިވެސް ގޮތް ނިންމަން ތިބީ މައިންބަފައިންނެވެ. ބާޒިލް އަކީ ހުރިހާ ކަމެއް އެނގިހުރެ މެލެކް ދުރުކޮށް އެއްފަރާތް ކުރި މީހާއެވެ. އެހެންކަމުން ބާޒިލްގެ ބަސްތަކަށް ތާއީދުކޮށްފަ ދެފަރާތުގެ މައިންބަފައިން ކުށްވެރި ކުރެވޭކަށް އޭނާއަށް ނެތެވެ.
"އިހަށް ހަމަޖެހިބަލަ މީހާ. ނަމާދުކޮށްފަ ދުއާކޮށްބަލަ. ރަނގަޅު ގޮތެއް ވާނެ" ޒޭބާ ބުންޏެވެ.
"އަހަންނަށް ހީވަނީ މެލެކް ހުރިހާ ކަމެއް ހަނދާންވީމަ އަހަރެން ކައިރިން ވަރިވާނެހެން. އޭނާ އިންނާނީ އެގޭ އުޅޭ ރައްޔާނު އާ. އެއީ މެލެކް އާ ހެދި ހޭބަލިވެފަ ހުންނަ ފިރިހެނެއް. ސީރިޔަސްކޮށް މިބުނީ މެލެކް އެހެންމީހެއްގެ ހައްގަކަށް ވާތަން ބަލާކަށް އަހަންނަކަށް ކެތެއްނުވާނެ" ބާޒިލް ވާހަކަދެއްކިއެވެ.
ކުއްލިއަކަށް ބާޒިލްއަށް އައި ބަދަލުތައް ފާޅުވާން ފެށުމުން ޒޭބާ އިނީ ގަބޫލުނުކުރެވިފައެވެ. ސާރާ އާ ކައިވެނި ނުކުރަން ބާޒިލް ނިންމި ނިންމުން ސާރާ ބަލައެއް ނުގަންނާނެއެވެ. މަޑުމަޑުން ހުއްޓަސް ސާރާ އަކީ ހިމޭނުން ހުންނާނެ ކުއްޖެއް ނޫނެވެ. އެއީ ފާޅުގައި މޫނުމަތީ ދޮގުހަދާ ކުއްޖެކެވެ. ކޮންމެގޮތެއް ވިޔަސް ސާރާ އަކީ ނުރައްކާ މީކެވެ. އޭނާގެ ހަމަލާ މެލެކް އަށް އަމާޒުވާކަށް ގިނަ އިރެއް ނުނނަގާނެއެވެ.
****
ސާރާ ކެއިލެއް ކުޑަކަމުން ސިހާމާ އިނީ ކަންބޮޑުވެފައެވެ. މާލެ ފުރަން ލޯންޗަށް އަރަމުންވެސް ޝާފިއު އެދުނީ ރަނގަޅަށް ސާރާ ބަލަހައްޓައިދިނުމަށެވެ. ސާރާ ތެދުވެގެން ކޮޓަރި އާ ދިމާލަށް ދާތަން ބަލަން އިނދެފައި ސިހާމާ ތެދުވިއެވެ. މޭޒުމަތި ސާފުކޮށްލާފައި އޭނާ އަވަސްވީ ސާރާ އާ ވާހަކަދައްކާށެވެ. މައުސޫމާ އާ ދިމާވެގެން ދެކެވުނު ވާހަކަތައް މިހުރިހާއިރު އޭނާ ހުރީ ނުދައްކާށެވެ. އޭނާގެ ހިޔާލު ބަދަލުވެއްޖެއެވެ. ތަބައްސުމް ދައްކާލި ވާހަކަތައް އަދިވެސް އޭނާގެ ކަންފަތުން ފިލައި ނުދެއެވެ. ސާރާ ޖެހޭނީ މެލެކް އަށް ވުރެ ކުރި ހޯދާށެވެ. ސާރާ މަސައްކަތްކޮށްފިއްޔާ އަދިވެސް ކުރި ލިބޭނީ ސާރާއަށެވެ. މެލެކް އަކީ އެއްވެސް ކަމެއް ހަނދާނުގަ ނެތް ބަލިމީހާ އެވެ. އޭނާ ބޭނުންވީ ކަންތައްކުރާނެ ގޮތް ސާރާއަށް ވިސްނައިދޭށެވެ. ކަންތައްކުރާނެ މޮޅު ގޮތްތައް ސިކުނޑީގައި ރާވާލަމުން އޭނާ ގޮސް ސާރާގެ ކޮޓަރީގައި ޓަކިޖަހާލިއެވެ. އިރުކޮޅަކުން ސާރާ ދޮރުހުޅުވިއެވެ.
"ހިނގާބަލަ ބޭރަށް ދައްތަ ވާހަކައެއް ދައްކާލަންކަމަށް" ސިހާމާ ބުންޏެވެ.
ސާރާ ބޯޖަހާލިއެވެ. ކޮޓަރީގެ ދޮރުލައްޕާލާފައި ސިހާމާގެ ފަހަތުން އޭނާ ހިނގައިގަތެވެ.
ސާރާ ގޮވައިގެން ގޮސް ސިހާމާ އިށީނީ މައިދޮރުން ބޭރުގައި ހުރި ޖޯލިފަތީގައެވެ. ދޮރާ ދިމާލުން ފާރުގައި ހަރުކޮށްފައި ހުރި ލައިޓްގެ އަލި ވަރަށް ރީއްޗަށް ގޭދޮރުމައްޗަށް އެޅިފައި ހުއްޓެވެ. ސިހާމާ ސާރާގެ މޫނަށް ބަލައިލިއެވެ.
"މިވީ ދެތިން ދުވަހު ނިކަން ބަލާލަބަލަ ސާރާއަށް އައި ބަދަލު. އަދި ކިރިޔާ ދައްތައަށް މިއެނގުނީ ބާޒިލްދެކެ ސާރާ ލޯބިވާވަރު" ސިހާމާ ބުންޏެވެ.
އިސްޖަހާލި ސާރާގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. ހަމަ އެހާ އަވަހަށް ކަރުނަތިކި ފޮހެލައިފިއެވެ.
"ތި ހިތާމަތަކުގެ ސަބަބުން ސާރާގެ ރީތިކަމަށް ފަނޑުކަމެއް އައިއްޔާ ދެން އަމުދުން ބާޒިލް ބަލައެއްނުލާނެ" ސިހާމާ ބުންޏެވެ.
"އަހަރެން ކޮންމެ ކަމެއް ކުރިޔަސް ދެން ބާޒިލްއެއް ނުލިބޭނެ. އަހަރެންގެ އަތްނުފޯރާހާ ދުރަށް ބާޒިލް ހިނގައްޖެ." ސާރާ ބުންޏެވެ.
ސިހާމާ ދެރަވެ ހިތުގައިޖެހުނެވެ. އެ ބަލި ސާރާ ގަބޫލުކޮށްގެނެއް ނުވާނެއެވެ. އަދިވެސް ވަގުތު އެބައޮތެވެ.
"ނޫން. ސާރާޖެހޭނެ ހަނގުރާމަކޮށްގެންވެސް ތިކަން ކާމިޔާބުކުރަން. އެހާ އަވަހަށް ފަހަތަށްޖެހެނީތަ؟ ތިއީތަ ސާރާ ކައިރީގަ ދައްތަ އަބަދު ދެއްކި ވާހަކައަކީ. މިއަދު އެ ތަބައްސުމް އާ މަގުމަތިން ދިމާވެގެން ބަހެއް އެއްލިން. އޭނާ ހުރީ ގޮތުގައި ހިފާލާފަ. ހިތުން ދައްތަ އަނގަ ބައްދާލީ. އެކަމަކު ދައްތަގެ ސިކުނޑި އެ އަންހެނާއަށް ވުރެ ބާރަށް ދިމަދިމާލަށް ދަތުރުކުރާނެ. ހަގީގަތުގައިވެސް ބާޒިލްގެ ލޯބި ހޯދަން ބޭނުމިއްޔާ ދައްތަ މިބުނާހެން ކަންތައްކުރޭ" ސިހާމާ ބުންޏެވެ.
ހައިރާންވެފައި ސިހާމާގެ މޫނަށް ސާރާ ބަލައިލިއެވެ. އެހިނދު ސިހާމާ ބޯޖަހާލިއެވެ.
"ފުރަތަމަ ކަމަކަށް ބާޒިލް ކައިރީގަ އާދޭސްކުރުން ހުއްޓާލަންވީ. އަނެއް ކަމަކަށް އެ އާއިލާގެ ކިބައިން އުންމީދުކުރުންވެސް ހުއްޓާލަންވީ. ތިގޮތަށް އުޅުނީމަ އެމީހުންނަށް ފެންނާނީ ސާރާގެ ބަލިކަށިކަން. ތިއީ އަންހެނެއް. އަންހެނުންނަކީ ބަލިކަށި ބައެއްނޫން. ނިކަން ކެރިގެން ދައްކާލަބަލަ ސާރާއަށް ވެސް ކަންތައްތައްވާކަން" ސިހާމާ ބުންޏެވެ.
"އަހަރެން ކިހިނެއް ކަންތައްކުރަންވީ؟" ސާރާ ބުންޏެވެ.
ސާރާގެ މޫނަށް ބަލައިލަމުން ސިހާމާ ހިނިތުންވެލިއެވެ.
****
ބާޒިލް އައިސް ކޮޓަރިއަށް ވަނެވެ. އޮފީހަށް ދިޔަ ހެދުން ބަދަލުނުކޮށް އޭނާ އެނދުގައި އޮށޯތެވެ. ނިތްމައްޗަށް އަތް އެއްލައިގެން އިރުކޮޅަކު އޮވެފައި ޖީބުގައި އޮތް ފޯނު ނެގިއެވެ. މެލެކް އަށް ގުޅަން އުޅެފައިވެސް އޭނާ އެ ހިޔާލު ދޫކޮށްލިއެވެ. އޭނާ މެލެކް އަށް އިންތިޒާރުކުރާނެއެވެ. ލޫލު ގޮވައިގެން އިރުއޮށްސޭ ވަގުތަށް މެލެކް އަންނާނެއެވެ. މިރޭ ކޮންމެ ގޮތެއް ހަދާފައި ވިޔަސް މިރޭ އޭނާ މެލެކް އާ ބައްދަލުކުރާނެއެވެ. އޭނާއަށް މިހާރު މެލެކް ބައްދަލުކުރެވެން އޮތް ހަމައެކަނި ގޮތަކީ އެއީއެވެ. ދެފަރާތުގެ އާއިލާ ދުރުކުރަން އުޅުނަސް އޭނާ އެކަން ވިޔަކަ ނުދޭނެއެވެ. އޭނާ ދާނީ މެލެކް އާ ގާތަށެވެ. އެއީ އަނބިމީހާއެވެ. ކުރެވުނު މެލެކްގެ ފޮނި ހިޔާލުން ބާޒިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ތެދުވެ ފެންވަރަށް ވަންނަން އުޅެނިކޮށް އޭނާގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ދިޔައީ ސާރާ މަތިން ހަނދާންވެފައެވެ. ސާރާ އަށް އޭނާ ކޮންމެސް ޖަވާބެއްދޭން ޖެހޭނެއެވެ. އޭނާ އެހެރީ އެކަން ހަނދާންނެތިފައެވެ. އަލުން އެނދުގައި އޮށޯވެފައި އޭނާ ސާރާ އަށް ގުޅަން ހިޔާލުކޮށްލިއެވެ. ފަހުން އެ ހިޔާލު ދޫކޮށްލިއެވެ. ގުޅައިގެން ސާރާ އާ އެންމެ ބަހެއްވެސް ކިޔަން އޭނާ ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނާ ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ގަޑިއާއެކު މެސެޖުކޮށްލިއެވެ. ސިކުންތެއް ނުވަނީސް ސާރާގެ މެސެޖެއް ލިބުނެވެ.
"ގުޅާލަންތަ؟ ވާހަކަދައްކާލާ ހިތުން" ސާރާ ފޮނުވި މެސެޖް ބާޒިލް ކިޔާލިއެވެ.
އޭނާ ވިސްނާލިއެވެ. އިރުކޮޅަކުން އޭނާ މެސެޖެއް ފޮނުވާލިއެވެ. އެއްވެސް މީހަކާ ވާހަކަދައްކާކަވަރަށް ވުރެ އެވަގުތު އޭނާ ބިޒީކަމަށް ބުންޏެވެ. ފަހުން ސާރާގެ އެއްވެސް މެސެޖެއް ނުލިބެއެވެ.
****
ލޫލު ގޮވައިގެން އައިގޮތަށް މެލެކް ވަނީ ލޫލުގެ ކޮޓަރިއަށެވެ. އެނދުގައި ލޫލު ބައިންދައިގެން އެއްފަރާތަށް އޭނާ އޮށޯވެލިއެވެ. ކާއެއްޗެހި ހަދައިގެން ގެނެސްދޭނެކަމަށް ޒޭބާ ބުންޏެވެ. ބާލީހުގައި ބޯ އަޅައިގެން އެއް އަރިއަކަށް އޮތްއިރު މެލެކްގެ ނަޒަރު ހުއްޓިފައި ވަނީ ކުޅެން އިން ލޫލު އަށެވެ. އޭނާ ލޫލުގެ ކުޑަކުޑަ ފައިތިލައިގައި ފިރމާލިއެވެ. ކުއްލިއަކަށް އޭނާގެ ނަޒަރު ހުއްޓުނީ ލޫލުގެ ކަނާއަތު ފައިގެ ބޮޑު އިނގިލީގެ ކޮޅުގައި އިން ކަޅު ކުލައިގެ ލަފެވެ. ހަމަ އެފައިގެ އެތަނުގައި ބާޒިލްގެވެސް ކަޅުކަން ގަދަ ލަފެއް އިނދެއެވެ. ބާޒިލް މަތިން ހިތަށް އެރުމާއެކު މެލެކް ކައިރީގައި އޮތް ފޯނަށް ބަލައިލިއެވެ. މިއަދު އެއްކޮށް މިދަނީ ބާޒިލްގެ ހަބަރެއް ނުވެއެވެ. ފަހަކަށް އައިސް ދުވާލަކު އެތައްފަހަރަކު ގުޅާ މީހަކު އެތަކެއް މެސެޖެއްކުރާ މީހަކު މިއަދު ހަބަރެއްނުވުމުން މެލެކް ކަންބޮޑުވިއެވެ. ހުދު އޭނާއަށްވެސް ބާޒިލްއަށް ސަމާލުކަންނުދެވޭކަން ހަނދާންވިއެވެ. ބާޒިލް ކޮބާ ހެއްޔެވެ؟ ސާރާ އާއެކު ބިޒީވީ ކަންނޭނގެއެވެ. އެއީ ކޮންކަހަލަ ފިރިހެނެއް ހެއްޔެވެ؟ ދެ އަނގައިން ވާހަކަދައްކާ ފިރިހެނެކެވެ. ބަހާ އަމަލާ ދިމައެއް ނުވެއެވެ.
"ކޮން ފިކުރެއްގަ" މެލެކް ސިހުނީ ޒޭބާ ގެ އަޑުންނެވެ.
މެލެކް ހީލާފައި ތެދުވެ ލޫލު ނަގާ އޭނާގެ އުނގަށް ލިއެވެ. ލޫލު ލައްވާފައި އިން ކުޑަ ހެދުންކޮޅުން ބާލުވާފައި ޒޭބާ ދިއްކޮށްލި ކާންދޭ ފުޅީގައި އޭނާ ހިފިއެވެ.
"މިއަދު ލޫލުގެ ފޭވްރިޓް ބަރަބޮލާ ބަތާ" ޒޭބާ ބުންޏެވެ.
ކައިރީގައި ހުރި ގޮނޑީގައި ޒޭބާ އިށީނދެގެން އިނެވެ. މެލެކް ފަރިތަކަމާއެކު ލޫލުއަށް ކާންދެމުން ދިޔައެވެ. ނުކާން އެންމެފަހަރަކުވެސް ލޫލު ޝަކުވާއެއް ނުކުރެއެވެ. ޒޭބާ އިނީ ހައިރާންވެފައެވެ. މެލެކް އަށް ނޭނގުނަސް އެއީ މަންމަ ކަން ލޫލުއަށް އެނގެއެވެ.
"މިއަދު ހާދަ ބަސްމަދޭ" ޒޭބާ ބުންޏެވެ.
މެލެކް ހީލުމަކުން ފުއްދާލިއެވެ. ހިތަށް އުނދަގޫ ވަނީ ކީޢްވެގެންކަން އޭނާ ޒޭބާ ގާތު ބުނާނީ ކިހިނެއް ހެއްޔެވެ؟ ކުރެވޭ އިހުސާސް އެހެންމީހަކު ކައިރީގައި ބަޔާންކުރާނީ ކިހިނެއް ހެއްޔެވެ؟ ދެލޯބިވެރިން ދޭތެރެއަށް ވަދެގެން ގޯސްހެދޭ ވާހަކަ ބުނަން އަނގަ ހުޅުވާނީ ވަކި ކިހިނެއް ހެއްޔެވެ؟ ޒޭބާ ހިނިތުންވެލިއެވެ. މެލެކް އަށް އައިސްފައިވާ ބަދަލު އޭނާ އަށް އިހުސާސްވެއްޖެއެވެ. ބާޒިލް އާ މެލެކް ވަނީ އެއް ހާލެއްގައެވެ. ދެހިތުން ގޮވަނީ އެކައްޗެކެވެ. ހާލަތު މަޖުބޫރުކުރަނީ އެހެން ކަމަކަށެވެ.
"މެލީއަށް އެނގޭތަ ފަހުވަގުތުގަ ޒެއްލު ކޮށްގެން އުޅޭ ކަންތައް" ޒޭބާ ބުންޏެވެ.
މެލެކްގެ ސަމާލުކަން ޒޭބާއަށް ދެވުނީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ. އޭނާގެ ހިތް ތެޅިލިއެވެ. އަނެއްކާ ބާޒިލް ކޮންކަމެއްކުރީބާއޭ ހިތުގައި ސުވާލު އުފެދުނެވެ.
"ކީއްކުރީ އަނެއްކާ" މެލެކް އަހާލިއެވެ.
"ސާރާ އާ މެރީކުރާކަށް ބޭނުމެއްނޫނޯ" ޒޭބާ ބުންޏެވެ.
ކާންދޭ ފުޅި މެލެކް އަތުން ދޫނުވީ ކިރިޔާއެވެ.
"ކް...ކީއްވެޔޯ...؟" މެލެކް އަހާލިއެވެ.
ޒޭބާ އެއްޗެއް ނުބުނެ މެލެކް އަށް ބަލަން އިނެވެ. ކީއްވެކަން މެލެކްއަށް އެނގޭއިރު ސުވާލުކުރުމުން ޒޭބާ އިނީ ހިނިވެސް އައިސްފައެވެ. ޒޭބާގެ ފަރާތުން ޖަވާބެއް ނައުމުން މެލެކް ބަލައިލިއެވެ. ޒޭބާގެ ބެލުން ތަފާތުކަން އެނގުމުން މެލެކްއަށް އުނދަގުވިއެވެ.
"މިއަންނަނީ ލޫލު ގައި ދޮއްވާލައިގެން" މެލެކް ބުންޏެވެ. އޭނާ ބޭނުންވީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ޒޭބާގެ ނަޒަރުން ދުރަށް ޖެހިލާށެވެ.
މެލެކް ތެދުވަން ވާއިރަށް ޒެބާ މެލެކް އަތުގައި ހިފެހެއްޓިއެވެ. އޭނާ ލޫލު އުރާލިއެވެ.
"އަހަރެން މިކަން ކޮށްލަފާނަން" ޒޭބާ ބުންޏެވެ. މެލެކް ހީލާފައި ބަހެއްނުކިޔާ ހުއްޓެވެ. ޒޭބާ ހިނގައިގަތެވެ.
"ޒެއްލު އެބައިން ކޮޓަރީގަ. މެލީގެ އިންތިޒާރުގަ" ޒޭބާ ބުންޏެވެ.
މެލެކް ހައިރާންވިއެވެ. ބާޒިލް ޒޭބާއަށް ހުރިހާ ވާހަކައެއް ކިޔައިދީފިކަން މެލެކްއަށް ޔަގީންވިއެވެ.
"ދޭބަލަ. އެއީ އެއްވެސް ކަމެއްނޫން. އެއްޗެއް ބުނެވޭނެ އެއްވެސް އިންސާނެއް މިދުނިޔޭގަ ނުހުންނާނެ. ތިއީ ﷲ ހަޟްރަތުގައި އެކަކު އަނެކަކަށްޓަކައި ހެޔޮ ދުއާ ކުރުމުގައި ތިބެންޖެހޭ ބައެއް. މެލީއަށް އެނގޭތަ ޒެއްލުގެ ހަޔާތުގަ ސާރާ އާ ކައިވެނިކުރާ ހިޔާލު ދޫކޮށްލުން އެއީ އޭނާ ކުރި އެންމެ ރަނގަޅު ކަންތައް. މެލީގެ ހިތްވެސް އަހަންނަށް ފެނިއްޖެ. ދޭބަލަ އެކޮޓަރިއަށް. ގޮސް ޒެއްލު ބުނާ އެއްޗެއް އަޑުއަހާލާ. ދެހިތަށްވެސް ލުޔެއް ލިބިދާނެ" ޒޭބާ ބުންޏެވެ.
މެލެކް ހުރީ ލަދުން އިސްއުފުލާލަންވެސް ނުކެރިފައެވެ. ޒޭބާ އެހެން ބުންޏަސް އެއީ ރަނގަޅު ކަމެއްގެ ގޮތުގައި އޭނާގެ ހިތް ގަބޫލެއް ނުކުރެއެވެ. ބާޒިލް އަކީ އޭނާއަށް ހިލޭ މީހެއް ކަމުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ. މި އެންމެން އެުކަން ގަބޫލުނުކުރަނީ ކީއްވެ ހެއްޔެވެ؟
"އެކަމަކު..." މެލެކް ބުންޏެވެ.
"އޯކޭ... މެލީ ބޭނުންގޮތެއް. އެކަމު ގެއަށް ދިޔުމުގެ ކުރިން ޒެއްލު އާ މީޓުކޮށްލާތި އިނގޭ" ޒޭބާ ބުންޏެވެ.
އިތުރަށް މެލެކް އަށް މަޖުބޫރުކޮށްގެން މެލެކްގެ ސިކުނޑިއަށް ބާރުކުރުވަން ޒޭބާ ބޭނުންނުވީއެވެ.
****
ލޫލު ނިންދަވާފައި މެލެކް ކޮޓަރިން ނިކުތީ އިޝާނަމާދު ވެސް ކޮށްގެންނެވެ. އޭނާ ނިކުތީ ބަލާ އަންނަން ރައްޔާނަށް ގުޅަމުންނެވެ. ކޮޓަރިން ނިކުތް މައުސޫމާ މެލެކްއަށް ހިނިތުންވުމެއް ދިނެވެ.
"ކައިގެން ދާންވީނުން" މައުސޫމާ އައިސް ހިފީ މެލެކްގެ އަތުގައެވެ.
"އެހެން ރެޔަކުން. މިރޭ އަހަދުބެމެން ގެއަށް އަންނާތީ ދާން މިދަނީ" މެލެކް ބުންޏެވެ.
"މެލީ ކޮން ދޮގެއް ތިހަދަނީ؟ ކިހިނެއްވެގެން ތިއުޅެނީ" ފޯނުގައި ހުރި ރައްޔާން ބުނެލި އަޑު މެލެކް އަށް އިވުނެވެ. މައުސޫމާ ގާތުގައި ހުރުމުން މެލެކް އަށް ރައްޔާނަށް ޖަވާބެއް ނުދެވުނެވެ.
"ތިހެންވިއްޔާ އަވަހަށް ދާންވާނެ. ގޭ މީހުންނަށް މަންމަގެ ސަލާމްބުނައްޗެ" މައުސޫމާ ބުންޏެވެ.
މެލެކް ދޮރާ ދިމާލަށް ދަނިކޮށް ކުއްލިއަކަށް ބާޒިލް ކުރިމަތީގައި އައިސް ހުއްޓުނު ގޮތެއްވެސް ނޭނގެއެވެ. މެލެކް ދިޔައީ ސިހިގެންނެވެ. ވީކިހިނެއްތޯ ރައްޔާންވެސް އަހާލިއެވެ. މެލެކް ބާޒިލް އޭ ބުނި އަޑު އިވުމުން ރައްޔާން ސުވާލެއް ނުކުރެއެވެ.
ބާޒިލް ހުރީ މެލެކް އަށް ބަލާށެވެ. އަނގައިން ބަހެއް ނުބުނެއެވެ. އެއްފަހަރު ބާޒިލް އަށް ބަލައިލާފައި މެލެކް އިސްތިރުކޮށްލިއެވެ. ދެން މަޑުމަޑުން ބާޒިލްގެ ކުރިމަތިން ދުރަށްޖެހިލިއެވެ. ކުއްލިއަކަށް ބާޒިލް ކަމަކުން މެލެކް ހައިރާންވިއެވެ. ދެވަނަ ފަހަރަށް ބާޒިލްގެ މޫނަށް ބަލައިލަން މަޖުބޫރުވިއެވެ. މައިންބަފައިން ކުރިމަތީގައި ބާޒިލް މެލެކްގެ އަތްތިލައިގެ ތެރެއަށް އޭނާގެ އިނގިލިތައް މަހާލިއެވެ.
"ބާޒިލް ކީއްތިކުރަނީ؟ މަންމަމެން އެބަ ބަލާ" މެލެކް ބުންޏެވެ.
"ސްޓޮޕް އިޓް މެލީ... ބާޒިލް ނުހުއްޓުވާ" ރައްޔާން ބުނެލި އަޑު އިވުނެވެ.
ބާޒިލް ބަހެއްނުބުނެ މެލެކް އަތުގައި ހިފައިގެން ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ.
"މެލީ... ބާޒިލްއަށް ފުރުސަތުދީބަލަ. އެއީ މެލީގެ... ލޫލުގެ ބައްޕައެއްނު" ރައްޔާން ބުންޏެވެ.
މައުސޫމާ އާއި ޒިޔާދު ކުރިމަތިން މެލެކް ގޮވައިގެން ބާޒިލް ވަނީ ކޮޓަރިއަށެވެ. އޭނާ މެލެކް އަތުން ދޫކޮށްލީ ކޮޓަރިއަށް ވައްދާފައެވެ.
****
މައުސޫމާ އާއި ޒިޔާދު އެކަކު އަނެކަކަށް ބަލަހައްޓައިގެން ކިޔާނެ ބަހެއް ނޭނގިފައި ހުއްޓާ ކައިރީގައި އައިސް ހުއްޓުނީ ޒޭބާއެވެ.
"ކާންހެދިތާ ކޮންއިރެއް" ޒޭބާ ބުންޏެވެ.
މައިންބަފައިން ހިމޭނުން ތިބެފައި ގޮސް ސޯފާގައި އިށީނެވެ. ވީގޮތެއް ނޭނގި ޒޭބާ ވެސް މައިންބަފައިން ކައިރީގައި އިށީނެވެ.
"ކިހިނެއްވީ މަންމަމެން" ޒޭބާ ބުންޏެވެ.
"ޒެއްލު... މެލެކް އަތުގައި ހިފައިގެން ކޮޓަރިއަށް ވަދެއްޖެ" މައުސޫމާ ބުންޏެވެ.
ލައްޕާފައި ހުރި ބާޒިލްގެ ކޮޓަރި އާ ދިމާލަށް ބަލައިލާފައި ޒެބާ ހިނިތުންވެލިއެވެ.
"އެއީ މީހަކު އެހާ ހާސްވާންޖެހޭވަރުގެ ކަމެއްތަ؟ އެއީ ދެމަފިރިންނޭ. މަންމަމެންވެސް ދޯ" ޒޭބާ ބުންޏެވެ.
"އެއީ ދެމަފިރިންކަން އެނގެނީ ހަމައެކަނި އަހަރެމެންނަށް. މެލީއަކަށް ނޭނގޭ. އެހެންނޫނަސް އައްޒާމް ބޭނުމެއްނުވާނެ" މައުސޫމާ ބުންޏެވެ.
"މަންމާ، އައްޒާމްބެ ބޭނުންވިޔަސް ނުވިޔަސް އެދެކުދިން ދެން ނުހިފެހެއްޓޭނެ. މެލީވެސް ޒެއްލުދެކެ ހާދަ ލޯބިވެޔޭ. ޒެއްލުއަކީ ފިރިމީހާކަން މެލީގެ ސިކުނޑިން ފޮހެވިފައި ވިޔަސް އޭނާ ކުރިން ޒެއްލުދެކެ ވި ލޯބި ހިތަކުން ނުފިލާ. އަނެއްކޮޅުން އަދިކިރިޔާ ޒެއްލުއަށް ވިސްނި ހުރިހާކަމެއް ރަނގަޅުވެގެން މިދަނީ. އެހާވަރަށް ނުވިސްނަބަލަ މަންމާ" ޒޭބާ ބުންޏެވެ.
"ތެދެއް އެބުނީ. އަހަރެމެން މީ ކޮންބައެއް މިކުދިން ހުއްޓުވަން. އަހަރެން އައްޒާމް އާ އަދި އެއްފަހަރު ވާހަކަދައްކަންވީ ކަންނޭނގެ" ޒިޔާދު ބުންޏެވެ.
"މަންމައަށް އެނގޭތަ މިއަދު ޒެއްލު ބުނި ސާރާ އާ އިންނަން ބޭނުންނުވާ ވާހަކަ. ޒެއްލުއަށް އެ އަންނަ ބަދަލު އެނގެއްނު މަންމައަށް. އަހަރެމެން ޒެއްލުއަށް ސަޕޯޓްކުރަންވީނުންތަ" ޒޭބާ ބުންޏެވެ.
****
ރައްޔާނު ފޯނު ކަނޑާލުމުން ކަންފަތާ މެލެކް ފޯނު ދުރުކޮށްލިއެވެ. ކޮޓަރީގެ ހަތަރުފާރުން އެތެރެއަށް ވަދެވުމާއެކު އޭނާ ހުއްޓުނެވެ.
"ދޮރުހުޅުވާފަ ބަހައްޓާ" ބާޒިލް ދޮރުލެއްޕުމުން މެލެކް ބުންޏެވެ.
ދޮރުނުލައްޕާ އެއްފިޔަވަޅު ކުރިއަށް ބާޒިލް އެޅިއެވެ. މެލެކް ފަހަތަށް ޖެހެމުން ގޮސް ތަތްވީ ދޮރުފަތުގައެވެ. ބާޒިލް ހުއްޓުނީ މެލެކް އާ ދާދި ގާތުގައެވެ.
"މިގޭ އެންމެން ކުރިމަތީގަ ބާޒިލް ކިހިނެއް ތިއުޅެނީ؟ މެލެކް ބުންޏެވެ. މެލެކް މަސައްކަތްކުރީ ބާޒިލްގެ މޫނަށް ނުބެލުމަށެވެ.
ބާޒިލް ދެފަރާތް ބަލައިލިއެވެ.
"ކޮބާ؟ ނެތެއްނު. މިތިބީ އަހަރެމެން ދެމީހުން އެކަނި" ބާޒިލް ބުންޏެވެ.
"ހެވެއްނު މިތާ ނުތިއްބަކަސް. މަންމަމެންނަށް އަހަރެން ދައްކާނީ ކޮން މޫނެއް. އަނެއްކޮޅުން ޔާން ހުންނާނީ ލަސްވެފަ" މެލެކް ބުންޏެވެ.
މެލެކް އަށް ބަލައިލަމުން ބާޒިލް ދުރަށްޖެހުނެވެ. ރައްޔާންގެ ނަން މެލެކް ކިޔާލި އަޑުއިވުމުން އޭނާގެ ދެއަތްތިލަ މުށްކެވިގެން ދިޔައެވެ. ނޭވާވެސް އަވަސްވެގެން ދިޔައެވެ. މެލެކް އަންނަންދެކަށް މަޑުކޮށްގެން ހުންނާކަށް ރައްޔާނަކަށް ނުޖެހޭނެއެވެ. ރައްޔާން ކަންބޮޑުވާތީ މެލެކް އުޅޭކަށްވެސް ނުޖެހޭނެއެވެ. ރައްޔާނަކީ ކާކު ހެއްޔެވެ؟ ބާޒިލްއަށް ބަދަލެއް އައިކަން އެނގުމުން މެލެކް ހިމޭންވިއެވެ.
"ކިހިނެއްވީ؟ ތިބުނަން އުޅޭ އެއްޗެއް ބުނޭ. އަހަރެން ދާންވެއްޖެ" މެލެކް ބުންޏެވެ.
މީގެފަހުން މެލެކް ތަންތަނަށް ދާނީ މަށާއެކު. ރައްޔާނަކާއެކު ނޫން. މެލެކް ގެއަށް ލާންވެސް ބަލައިވެސް އަހަރެން ދާނަން" ބާޒިލް ބުންޏެވެ.
"ކީއްވެ؟ ތިއީ ކާކު އަހަރެންގެ" މެލެކް ބުންޏެވެ.
"ހެހެހެ... ހަމަ ޔަގީނުންވެސް މެލެކްގެ ހަޔާތުގައި އަހަރެން މިހުރި މަގާމަކަށް ރައްޔާނަށް ނާދެވޭނެ. އަދި އަހަރެންގެ ހަޔާތުގައި މެލެކް ތިހުރި މަގާމަކަށް އިތުރު އެއްވެސް އަންހެނަކަށް..."
"ސާރާ ނޫން އަންހެނެކޭ ބުނޭ" ބާޒިލް ޖުމްލަ ފުރިހަމަކުރުމުގެ ކުރިން މެލެކް ބުންޏެވެ.
(ނުނިމޭ)