ތަބައްސުމް އިށީނީ ސޯފާގައެވެ. އޭނާ ގުޅީ މައިލިން އަށެވެ. މެލެކް ގެ ފަރާތުން ކިތަންމެ ކުޑަ ތަފާތެއް ފެނުނަސް މައިލީން އޮންނަނީ ގުޅަން ބުނެފައެވެ. ތަބައްސުމް ގުޅީ އެހެންވެއެވެ.
"އަޅާނުލާ މަންމާ. މެލީ އެކަނި ދޫކޮށްލާ. މަންމައަށް އެނގެއެއްނު ބާޒިލް އާ މެލީ އާ ދެމެދު ކަންތައްގަނޑެއް ހިނގާކަން. ބޯ ހަމަޖެހުނީމަ އައިސްދާނެ. އެކަމު ލަސްވަންޏާ ވީ ހިސާބެއް ބަލާލަންވާނެ" މައިލީން ބުންޏެވެ.
ދިއްގާ ގަސްދޮށުގައި އެލުވާފައި ހުރި ޖޯލީގައި މެލެކް އޮތީ އޮށޯވެގެންނެވެ. އޭނާގެ މޭމަތީގައި ބަންޑުން އޮތް ކުޅެން އޮތް ލޫލު ނިދިޖެހި މަޑުމަޑުން ދެލޯ މެރެމުންދާ ކަމެއް އޭނާ ނުދެނަހުއްޓެވެ. ލޫލު ލައްވަމުން ދިޔަ އަޑުތައް މަޑުވެއްޖެކަން އޭނާ ނުދެނަހުއްޓެވެ. ދިއްގާ ގަހުގެ އެންމެ މަތީގައި ހުރި ފަތްތަކަށް ނަޒަރު ހުއްޓިފައި ވިޔަސް އޭނާގެ ހިތާ ސިކުނޑި ދޫވެފައިވަނީ އެހެން ކަމަކަށެވެ. ވަށައިގެން ހިނގާ އެއްވެސް ކަމެއް އޭނާއަށް އިހުސާސެއް ނުވެއެވެ. ބާޒިލް ދިން އިޝާރާތް އޭނާގެ ހިތް ބަލައިގަތްތާ ކިތަންމެ އޮރެކެވެ. ހުދު އޭނާގެ ހިތް އެދެމުން ދިޔައީ ބާޒިލް އަށެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެހެން އަންހެނެއް ބާޒިލްގެ ދިރިއުޅުމަށް އަންނާނެކަން އެނގި ހުރެވެސް އޭނާގެ ހިތް އިންތިޒާރުކުރަނީ ބާޒިލްއަށެވެ. އެކަމަކު އޭނާގެ ހިތް ބިރުގަނެއްޖެއެވެ. އިޝާރާތުން ބާޒިލް ދިން މެސެޖަކީ ހަގީގަތުގައިވެސް ތެދެއްކަން ދެނެގަންނަން އޭނާއަށް އުނދަގުވެއްޖެއެވެ. އެހެންނޫންނަމަ މިއަދު ބާޒިލްގެ ކޮޓަރިތެރެއިން އެފަދަ މަންޒަރެއް ނުފެނުނީހެވެ. ސާރާ ބާޒިލްގެ ގައިގައި ބައްދާލައިގެން ހުރީ ނުހަނު ލޯބިންނެވެ. އެއްފަހަރާ ދެ އަންހެނުން ދެކެ ލޯތްބެއް ނުވެވޭނެއެވެ. ބާޒިލް ކަންތައްކުރަން އެ އުޅޭ ގޮތެއް އޭނާއަށް ނުވިސްނުނެވެ. ބޮލުގައި ރިއްސާ އޭނާއަށް ހަމަޖެހުމެއް ނުލިބިގެން އެ އުޅެނީ ބާޒިލް އާ މެދު ފިކުރުކުރެވޭތީއެވެ.
"ލޫލު ތިއޮތީ ނިދާފައެއްނު" މެލެކް ބަލައިލީ ރައްޔާންގެ އަޑަށެވެ. ސައިކަލު މަތީގައި އިން ރައްޔާން ފެނުމުން މެލެކް ހީލެވޭތޯ ބެލިއެވެ.
"ޔާން... ކޮންއިރަކު އައީ" ތެދުވެ އުނގުތެރޭގައި ރީތިކޮށް ލޫލު ބާއްވަމުން މެލެކް ބުންޏެވެ.
ސައިކަލުން ފައިބައިގެން އައިސް ރައްޔާން އިށީނީ މެލެކް އާ ޖެހިގެން ހުރި ޖޯލީގައެވެ. އޭނާ ފަރުވާތެރިވެ މެލެކްގެ މޫނަށް ބަލައިލިއެވެ.
"ސައިކަލުގަ މި ހިސާބަށް އައި އިރުވެސް މެލީއަށް ރޭކާނުލި ދޯ. ކޮންކަމަކާ ފިކުރުކުރަނީ" ރައްޔާން އަހާލިއެވެ.
"ފިކުރެއް ނުކުރަން. ޔާން އަށް ކިހިނެއް އެނގުނީ މިތަނަށް އަންނަން" މެލެކް ބުންޏެވެ.
"ގެއަށް ދިޔައިމަ ދައްތަ ބުނީ" ރައްޔާން ބުންޏެވެ.
"މަންމަ ދޯ. މާބޮޑަށޭ ކަންކަމާ ހާސްވަނީ.... "ހީލަމުން މެލެކް ބުންޏެވެ. ދެން އޭނާގެ ނަޒަރު ސީދާކޮށްލީ ދިމާލަށް ފެންނަން އޮތް މޫދަށެވެ. ވައިޖެހޭ ދުވަހެއްކަމުން މޫދުގެ ލޮނުގަނޑު ހުރީ ކޮންމެވެސް ވަރަކަށް އުފުލިފައެވެ.
"ކިހާ ހިތްފަސޭހަ. މިތަނަށް އައި މީހަކު ނުވާނެ އެހާ ފަސޭހައިން ދާހިތެއް" މެލެކް ބުންޏެވެ.
އޭނާ ލޫލު އަނެއް ފަރާތަށް ބަދަލުކޮށްލަން އުޅުނު ގޮތް ފެނުމުން އަތަށް ވަރުބަލިވެއްޖެކަން ރައްޔާނަށް އެނގުނެވެ. އޭނާ މެލެކް އަތުން ލޫލު ނެގިއެވެ. ރީތިކޮށް އޭނާގެ ދެއަތުތެރޭގައި ލޫލު ބާއްވާލިއެވެ.
"ލޫލު އަށް ވެސް އަރާމުވީއޭ މިތަން" ދެއަތް ދެއަތާ ގުޅުވާލަމުން މެލެކް ބުންޏެވެ.
ރައްޔާން އަނެއްކާވެސް މެލެކްގެ މޫނަށް ބަލައިލިއެވެ. ވެގެން އުޅޭ ކަމެއް ފޮރުވަން މެލެކް މަސައްކަތްކުރާކަން އޭނާއަށް އެނގުނެވެ. އެހެންނަމަވެސް އެކަމަކީ ކޮންކަމެއްތޯ ބަލައި މެލެކްގެ ހިތަށާއި ސިކުނޑިއަށް ހުސްކަމެއް ގެންނަން އޭނާ ބޭނުންވިއެވެ.
"ނުބުނެވޭނެތަ؟" ރައްޔާން އަހާލިއެވެ.
"ކީކޭ ބުނާނީ..." މެލެކް ބުންޏެވެ. ރައްޔާން ހިމޭނުން އިނެވެ.
"ބާޒިލް... ބާޒިލް ބުނެފި ލޯބިވެޔޭ" މެލެކް ބުންޏެވެ.
"ވަޓް...؟ ކޮންއިރަކު؟" ރައްޔާން އަހާލިއެވެ
"ދުލަކުން ނުބުނޭ. އޭނަ ކުރި އިޝާރާތަކުން... ވެދާނެ އަހަންނަށް ވިސްނުނު ގޮތް ގޯހީ ކަމަށް. މިއަދު އަހަންނަށް ފެނުނު ބާޒިލް އާއި ސާރާގެ މަންޒަރެއް. ބާޒިލްގެ ކޮޓަރީގަ. ސާރާ ހުރީ ބާޒިލްގެ ގައިގަ ބައްދާލައިގެން. އަހަންނަކަށް ނުވިސްނުނު. ބޯ ފަޅައިގެން މިދަނީ" މެލެކް ބުންޏެވެ.
"ނޫން... ބޯ ފަޅައިގެންދާން އަދި ގާތްވެސްނުވޭ. ބާޒިލް އެބުނީ ރަނގަޅަށް. ބާޒިލް ހަގީގަތުގަވެސް ލޯބިވަނީ މެލީ ދެކެ. އަދި ކިރިޔާ އެކަމަށް އޭނާއަށް އިއުތިރާފު އެވެވުނީ" ރައްޔާން ބުންޏެވެ. "ދެރައީ އެކަން އިހުސާސް ވާން އެތައް ދުވަހެއް ނެގިކަން"
މެލެކް ހައިރާންވެފައި ރައްޔާންގެ މޫނަށް ބަލައިލިއެވެ.
"ޔާން އަށް ކިހިނެއް ތިހެން ބުނަން އެނގެނީ" މެލެކް އަހާލިއެވެ.
"ދުލުން ބުނުމަކާ ނުލާ އިންސާނެއްގެ އަމަލުން ދައްކުވައިދޭނީ ހަގީގަތުގައިވެސް އޭނާގެ ހިތުގައިވާ އެއްޗެއް. އިންސާނަކަށް ދުލަން ބުނަން ކެތްނުވާ އެތައް ވާހަކައެއް އޭނާގެ ދެލޮލުން ބުނެދޭނެ. ކަރުނަތަކުން ބުނެދޭނެ. އިންސާނާގެ މޫނަށް ވެރިވާ ކުލަވަރުންވެސް ބުނެދޭނެ. އެކަމާ ވިސްނާ އިންސާނަކަށް ނޫނީ އެކަހަލަ ކަންކަން ދެނެގަންނާކަށް ނޭނގޭނެ" ރައްޔާން ބުންޏެވެ.
ރައްޔާންގެ ވާހަތަކުން މެލެކްގެ ސިކުނޑީގައި ހައިޖާނުގަނޑެއް އުފައްދައިއެވެ. ފާއިތުވެމިދިޔަ މަދު ދުވަސްތަކުގައި ބާޒިލް އުޅުނު ގޮތްތައް އޭނާގެ ހިތާއި ސިކުނޑީގައި ވަކިހިއްޕާލައިފިއެވެ. ބާޒިލްގެ ދެލޮލުން ކިތަންމެ ކަމެއް އޭނާ ދެނެގަތެވެ. ތަފާތު ކިތަންމެ ކުލަވަރެއް ދެކުނެވެ. ފަހަކަށް އައިސް ސާރާގެ ވާހަކަތައް ދައްކަން ބާޒިލްގެ ޝައުގުވެރިކަމެއް ނުހުރެއެވެ. ސާރާ އާ ބެހޭގޮތުން ސުވާލެއް ކުރިޔަސް ޖަވާބުދޭން އިންކާރުކުރެއެވެ. މިއަދު ފެނުނު މަންޒަރުވެސް ދެ ލޯބިވެރިއެއް ދެމެދުގައި ދެކެވޭނެ ވާހަކަތަކާއި އަމަލުތަކާ މުޅިން ހިލާފެވެ. ބައްދައިގެން ހުރީ ސާރާއެވެ. ބާޒިލްއެއް ނޫނެވެ. މެލެކް ދެފަރާތަށް ބޯހޫރާލިއެވެ.
"ވިސްނަންނުޖެހޭ ކަމަކާ މެލީ ތިހާވަރަށް ތިވިސްނަނީ" ރައްޔާން ބުންޏެވެ.
"އެކަމަކު..." މެލެކް ރައްޔާންގެ މޫނަށް ބަލައިލިއެވެ. އެހިނދު މެލެކްގެ ދެލޮލުން ވެއްޓެން ތައްޔާރުވި ކަރުނަތިކި ރައްޔާނަށް ފެނުނެވެ. އެ ކަރުނަތިކި ވެއްޓި ގެއްލުމުގެ ކުރިން ރައްޔާން އަތުން ފޮހެދިނެވެ.
"އަދި ރޯކަށް ނުވޭ. ކޮންކަމަކާ ތިހާވަރަށް ތިވިސްނަނީ. މެލީ އުފާކޮށްބަލަ. ހާދަ ރީތިކޮށްނޭ ހުރިހާ ކަމެއް ދަނީ. ބާޒިލް މެލީ ދެކެ ލޯބިވޭ. މެލީ ބާޒިލްދެކެ ލޯބިވޭ. ދެކުދިން ދެމެދުގައި ނުލާހިކު ލޯބި މަލެއް މިއޮތީ. ކިހާ ރީތި ފިއުޗާއެއް..." ރައްޔާން ބުންޏެވެ.
"ކިހިނެއް ދެ އަންހެނުންދެކެ އެއްފަހަރާ ލޯބިވާނީ" މެލެކް ބުންޏެވެ.
"ސާރާދެކެ ބާޒިލް ލޯބިނުވެއޭ ދޫންޏާ" ރައްޔާން ބުންޏެވެ.
"ނުވާނަމަ މެރީކުރާކަށް ނޫޅޭނެ. ބާޒިލްގެ ގާތަށް އަންނާކަށް ފުރުސަތެއް ނުދޭނެ" މެލެކް ބުންޏެވެ.
"ވާހަކަދައްކަބަލަ ބާޒިލް އާ. މެލީގެ ހިތުގައި ތިވާ ހުރިހާ ސުވާލެއްގެ ޖަވާބު ހޯދަބަލަ" ރައްޔާން ބުންޏެވެ.
މެލެކް ބޯޖަހާލިއެވެ. ރައްޔާން ހިނިތުންވެލިއެވެ. މެލެކްގެ ކޮނޑުގައި މަޑުމަޑުން އަތް ޖައްސާލާފައި އޭނާ އާ ގާތްކޮށްލިއެވެ.
****
ގޭތެރެ މޮޕްއަޅަން ހުރެފައި ޒޭބާ ބަލައިލީ ބާޒިލް ވަދެގެން އަންނަތަން ފެނުމުންނެވެ. އޭނާ އަށް ބަލައިލެވުނީ ފާރުގައި ހުރި ގަޑިއަށެވެ. ތިނެއްޖަހަން އަދި ގާތްވެސް ނުވެއެވެ. އޮފީހަށް މިއަދު ބަޒިލް ނިކުތީވެސް އޭނާއަށް ބަލިގަނޑު ރަނގަޅު ވެއްޖެހެން ހީވުމުންނެވެ. ޒޭބާ އަށް ހީވީ ބާޒިލްއަށް އުނދަގުލެއް ވާތީ އައިހެންނެވެ. އޭނާ އެންމެ ހައިރާންވީ ބާޒިލް ބަހެއް ނުބުނެ ދިޔަގޮތަށް ބަދިގެ އާ ދިމާލަށް ދިޔުމުންނެވެ. ޒޭބާ ހިނގައިގަތީ ދޮރާ ހަމައަށް މޮޕުއަޅާފައެވެ. ގެންގުޅުނު ސާމާނުތައް އެ އެއްޗެއް ހުންނަ ތަނެއްގައި ބަހައްޓާފައި ޒޭބާ ހިނގައިގަތީ ބަދިގެ އާ ދިމާލަށެވެ.
އައިސްއަލަމާރި މަތީގައި ހުރި ބޭސްއަޅާ ތައްޓާއި ފެންފުޅިއެއް ހިފައިގެން ބާޒިލް އިނީ މޭޒު ކައިރީގައެވެ. އޭނާ އަތުގައި އޮތީ ޕެނަޑޯލް ކާޑެކެވެ. ޒޭބާ އައިސް ބާޒިލް ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.
"ބޮލުގައި ރިއްސަނީތަ؟" ޒޭބާ އަހާލިއެވެ.
ބާޒިލް ބޯޖަހާލިއެވެ. ފެން ކޯވަރަކާއެކު އޭނާ ދެ ގުޅަ ޕެނަޑޯލް ކާލިއެވެ.
"އެބައަންނަން ޖޫސްތައްޓެއް ހިފައިގެން" ޒޭބާ ތެދުވަން އުޅުމުން ބާޒިލް މަނާކުރިއެވެ.
ޒޭބާ އިށީނެވެ. މީގެކުރިން ބާޒިލްގެ މޫނުމަތިން ނުފެންނަ ކުލަވަރެއް ޒޭބާ އަށް ފެންނަމުން ދިޔައެވެ. ބޮލުގައި ދެއަތް އަޅައިގެން އިނދެފައި މޭޒުގައި ބާޒިލް ބޯޖެހިއެވެ. ކޮންމެވެސް ކަމަކާ ބާޒިލްގެ ސިކުނޑިއަށް އުނދަގޫ ކުރަމުންދާކަން ޒޭބާއަށް އެނގުނެވެ.
"ޒެއްލޫ... " ޒޭބާ ގޮވާލިއެވެ.
ބާޒިލްގެ ހަބަރެއް ނުވިއެވެ. އަވަސް ނޭވާތަކެއް ބާޒިލް ލަމުންދާކަން އޭނާގެ ހަށިގަނޑަށް އަންނަ ބަދަލުތަކުން ޒޭބާ އަށް އެނގުނެވެ. ޒޭބާ ކަންބޮޑުވިއެވެ. މައުސޫމާ އަށް ގޮވަން ވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް އެ ހިޔާލު ދޫކޮށްލާފައި އޭނާ ގޮނޑިން ތެދުވެގެން އައިސް ބާޒިލް ކައިރީގައި ހުއްޓުނެވެ.
"ޒެއްލޫ... ކިހިނެއްވީ؟" ޒޭބާ ބާޒިލްގެ ބުރަކަށީގައި ފިރުމާލިއެވެ.
ބާޒިލް ޒޭބާގެ ގައިގައި އެ އި އިންގޮތަށް އިނދެ ބައްދާލިއެވެ.
"ކިހިނެއްވީ...؟ ސާރާ އާ ދެކުދިން މައްސަލައެއް ޖެހުނީތަ؟" ބާޒިލްގެ އިސްތަށިތަކުގައި ޒޭބާ ފިރޔުމަމުން ދިޔައެވެ. ގިސްޖެހި ރޮމުން ދިޔަ ބާޒިލް ނޫނެކޭ ބުނުމުގެ ދެފަރާތަށް ބޯ ހޫރަމުން ދިޔައެވެ. ޒޭބާ ކަންބޮޑުވިއެވެ. މިނޫނީ ދުވަހަކުވެސް ބާޒިލް އެގޮތަށް ގޮތްހުސްވެ މާޔޫސްވެފައިވާ ހާލު ރޮނިކޮށް އޭނާއަށް ފެނިފައެއް ނުވެއެވެ. އެހެންވެ އިސާހިތަކު ޒޭބާގެ ދެލޮލުން ވެސް ކަރުނަ ނީރާލިއެވެ.
"މަންމަ އައިސްދާނެ. ޒެއްލު ތިހެން އިންދަ ރޯތަން ފެނިޖިއްޔާ މަންމަ ވަރަށް ދެރަވާނެ. ހަމަޖެހިލަބަލަ" ޒޭބާ ބުންޏެވެ.
އެތައް މަސައްކަތަކުން ބާޒިލް ރުއިން ހުއްޓާލިއެވެ. އޭނާ ޒޭބާ ގައިން ދޫކޮށްލާފައި ތެދުވިއެވެ. ޒޭބާ އާ ހަތަރުކަޅި ހަމަކުރުމެއްނެތި އޭނާ ތެދުވެގެން ހިނގައިގަތެވެ. ބާޒިލް ހުއްޓުވާކަށް ޒޭބާ މަސައްކަތެއް ނުކުރެއެވެ. ތަންކޮޅަކަށް އޭނާ ބާޒިލް ފަހަތުން ހިނގައިގަތެވެ. ހުއްޓުނީ މައުސޫމާ ފެނިފައެވެ.
"ޒެއްލު އައިތަ؟" މައުސޫމާ އަހާލިއެވެ.
"އާނ. ކުޑަކޮށް ބޮލުގައި ރިއްސާތީ އައީ އޭ ބުނީ. ހިނގައްޖެ ކޮޓަރިއަށް. ނިދާލާފަ ތެދުވީމަ ރަނގަޅުވާނެޔޭ ކިޔާފަ ދިޔައީ" ޒޭބާ ބުންޏެވެ.
ބާޒިލްގެ މިވަގުތުގެ ހާލު މައުސޫމާއަށް ބުނެދޭން ޒޭބާ ބޭނުމެއް ނުވިއެވެ. ފަހުން ރަނގަޅު ވަގުތެއް ބަލައިގެން ބާޒިލް އާ ވާހަކަދައްކަން އޭނާ ނިންމައިގެން ހުއްޓެވެ.
****
ހަވީރަށް ހިނގާލަން ނިކުމެ އުޅުނު ވަގުތު މައުސޫމާގެ ފަހަތުން އަޅުވާލީ ސިހާމާ އެވެ. އޭނާ ހުރީ މަގެއްގެ މަތިންވެސް މައުސޫމާ ނުފެނިފައެވެ. އެހެންނަމަވެސް މިފަހަރު އޭނާއަށް ބޭނުންވާ ވާހަކަދައްކަން އުނދަގުވީ މައުސޫމާ ކައިރީގައި ހުރި ތަބައްސުމް ފެނިފައެވެ. ހުރީ މައުސޫމާ އެކަނި ކަމަށް ހީކޮށް ކުރިން ގޮވީ އޭނާއެވެ. އެހެންކަމުން ގޮވާލާފައި ކޮންމެސް އެއްޗެކޭ ކިޔަންޖެހޭނެތީ އޭނާ ހިނިތުންވެލިއެވެ.
"ސިހާމާ.. ހާދަ ދުރަކަށް އައިސްގެން ތިއުޅެނީ؟" ހިނިތުންވުމަކާއެކު މައުސޫމާ ބުންޏެވެ.
"އެއްޗެއް ގަނެލަންވެގެން. އަހަރެމެންނަކީ ފޯރާ މީހުނެއް ނޫނެއްނު. އެހެންވެ އަހަރެމެން ޖެހޭނީ ބޭނުންވާ އެއްޗެއް ހޯދަން ކަނޑުގައި އަތް ފުނާއަޅާކަށްނު" ސިހާމާ ބުންޏެވެ. މައުސޫމާ ބަލައިލީ ތަބައްސުމް އަށެވެ. އޭނާގެ ބަސް އެއްލީ މައުސޫމާ ގާތުގައި ހުރި ތަބައްސުމް އަށެވެ. އެކަން އިހުސާސްވީ މައުސޫމާ އަށެވެ. އެއްވެސް މީހަކާ މެދު ހިތުގައި ކިލަނބުކަމެއްނެތް ތަބައްސުމް ވެސް ހުރީ ހިނިތުންވެލައިގެންނެވެ.
"ހިނގާބަލަ އެހެރަ ޖޯލީގަ އިށީނދެލަން" މައުސޫމާ ބުންޏެވެ.
ފުރުސަތަކަށް ބަލާފައި އޭނާ ބޭނުންވީ ކޮންމެސް މިންވަރަކަށް ނަމަވެސް ބޭނުންވާ ވާހަކަ ތިލަކޮށްލާފައި ދާށެވެ. މާދުރަށް ނުހިނގާ ތިން އަންހެނުން އައިސް އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އިށީނެވެ.
"ސާރާ ހުންނަނީ މިހާރަކަށް އައިސް ވަރަށް މާޔޫސްވެފައި. އަހަރެން ހަމަ އަހާލާއިރަށް ބުނާނެ އެއްވެސް ކަމެއް ނުވެޔޭ. އެކަމަކު މަށަށް އެނގޭ. މިހާރަކަށް އައިސް ބާޒިލް ކިހިނެއްވެގެން އެ އުޅެނީ. ސާރާ ބުނި ތިމަންނަ ބާޒިލް ކައިރީގަ މިހާރު ބުނެފީމޭ ބާޒިލް ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރާނަމޭ. ނުވާނެއްނު އަންހެންކުއްޖެއްގެ ހިތުގަ އެވަރަށް ޖައްސާކަށް" ސިހާމާ ވާހަކަދެއްކިއެވެ.
ސިހާމާގެ ވާހަކަތަކުން މައުސޫމާއަށް އުނދަގުވިއެވެ. ތަބައްސުމް ކައިރީގައި އިން ވަގުތެއްގައި އެވާހަކަތައް އަހަންވެސް އޭނާއަށް ފަސޭހަނުވިއެވެ.
"އެއީ އެދެކުދިންގެ ކަމެއްނު. އެކުދިން ތިކަންކަން ހައްލުކުރަން ދޫކޮށްލަންވީނުން" މައުސޫމާ ބުންޏެވެ.
"ތިކަން އޮތީ ތިހެން. އެކަމަކު އަހަރެމެންނަކީ މަންމައިން. އެހެންވީމަ ދަރިންނަށް ވިސްނައިދިނުމަކީ އަހަރެމެންނަށް ކުރެވޭނެ ކަމެއްނު" ސިހާމާ ބުންޏެވެ.
"މައުސޫމާ. އަހަރެން މިދަނީ އެނގޭ. އައްޒާމް ގެއަށް އަންނައިރު އަހަރެން ނެތިއްޔާ ވަރަށް ހޯދާނެ" ތަބައްސުމް ބުންޏެވެ. އެތަނުގައި އޭނާ އާ ގުޅޭ ވާހަކައެއް ނުދައްކާތީ އޭނާ ބޭނުންވީ އެތަނުން ދާށެވެ. އެހެންނަމަވެސް ރުވާފައި ސިހާމާ ދޫކޮށްލި ތީރު އޭނާގެ ހިތުގެ އެންމެ ފުންމިނަށް ފޯރުމުން އޭނާ އަލުން އިށީނެވެ.
"އަހަރެންގެ މެލެކް އަކީ ތިބުނާ ޒާތުގެ ކުއްޖެއްނޫން. ކޮބާތަ ބާޒިލް އާ ގާތުން އޭނަ އުޅުނީމަ މައްސަލައަކީ. އެއީ ދެމަފިރިން. އޭނަ ގެންގުޅެނީ ދެމަފިރިންގެ ދަރިއެއް. އެދެމަފިރިން ދެމެދަށް ވަން އިތުރު އަންހެނެއް ސާރާއަކީ. ގަބޫލުކުރިޔަސް ނުކުރިޔަސް މިއީ ހަގީގަތަކީ. އެކަމަކު ކަލޭމެން ހާސްވާކަށް ނުޖެހޭނެ. އަހަރެންގެ ދަރިފުޅު ހުރީ ކައިވެންޏެއްކުރަން ދެމީހެއްގެ ދެމެދަށް ވަދެ ވިހަ ދޫކޮށްލެވޭފަދަ ހާލަތެއްގައެއް ނޫން. ދަރިއަކާ ބެހޭގޮތުން ދައްކާ ތިޒާތުގެ ވާހަކަ އަޑުއަހަން އެއްވެސް މަޔަކަށް ކުޅަދާނައެއް ނުވާނެ. އެހެންވީމަ އެންމެރަނގަޅު ވާނީ ކަލޭމެންގެ ދަރިންގެ މެދުގައި ޖެހިގެން ތިއުޅޭ މައްސަލައިގެ ދެމެދަށް އެހެންމީހުންގެ ދަރިން ނުވައްދާ ހައްލުކޮށްފިއްޔާ..." ތަބައްސުމް ބުންޏެވެ.
އޭނާ ތެދުވެގެން ހިނގައިގަތެވެ. މައުސޫމާ އިނީ ވަރަށް ބޮޑަށް ހިތުގައިޖެހި ދެރަވެ ލަދުވެސްގެންފައެވެ. އޭނާ ކުށްވެރިކުރީ ސިހާމާ އެވެ.
"ތަބައްސުމް އެބުނީ ތެދެއް. ތިގޮތަށް ސިހާމާ ވާހަކަދައްކާކަށް ނުޖެހޭ. އަހަންނަށް މިވަގުތު އިނދެވޭކަށް ނެތް. ބާޒިލް އާ ސާރާ އާ ދެމެދު ޖެހިގެން އުޅޭ މައްސަލަ ހައްލުކުރަން އެދެކުދިންނަށް ދޫކޮށްލާ. އަހަންނަށް ކޮށްދެވޭނެ ކަމެއް ނެތް" މައުސޫމާ ހިނގައިގަތެވެ.
"ތަބައްސުމް އެބުނީ ތެދެއް. ތިގޮތަށް ސިހާމާ ވާހަކަދައްކާކަށް ނުޖެހޭ. އަހަންނަށް މިވަގުތު އިނދެވޭކަށް ނެތް. ބާޒިލް އާ ސާރާ އާ ދެމެދު ޖެހިގެން އުޅޭ މައްސަލަ ހައްލުކުރަން އެދެކުދިންނަށް ދޫކޮށްލާ. އަހަންނަށް ކޮށްދެވޭނެ ކަމެއް ނެތް" މައުސޫމާ ހިނގައިގަތެވެ.
****
އަސުރުނަމާދު ކޮށްގެން ޒޭބާ ބޭރަށް ނިކުތްއިރު ބާޒިލްގެ ކޮޓަރި ދޮރުލެއްޕެނީއެވެ. ގޭގައި އެވަގުތު ދެބެއިން ނޫން އިތުރު މީހަކު ނެތެވެ. ޒޭބާ ދިޔައީ އެ ކޮޓަރި އާ ދިމާލަށެވެ. މައުސޫމާ ގޭގައި ނެތް ވަގުތެއްގައި ނޫނީ އޭނާއަށް ބާޒިލް އާ ހަމަޖެހިގެން ވާހަކަދައްކާ ނުލެވޭނެއެވެ. އޭނާ މަޑުމަޑުން ޓަކިޖަހާލިއެވެ، ނަސީބަކުން ވަރަށް ފަސޭހައިން ބާޒިލް ދޮރުހުޅުވައިފިއެވެ. ޒޭބާ ފެނުމުން އޭނާއަށް ބޮޑަށް ދޮރުހުޅުވާލިއެވެ.
"މިހާރު ކިހިނެއްތަ؟" ދޮރުލައްޕާލާފައި އެނދާ ގާތަށް ދިޔަ ބާޒިލް އަށް ޒޭބާ ބުންޏެވެ.
"ރަނގަޅު" ބާޒިލް ބުންޏެވެ.
ބާޒިލް ކައިރީގައި ޒޭބާ އައިސް އިށީނެވެ.
"މަންމަ އެބައުޅޭ ބަނދަރު ކައިރީގަ. ކޫ ނުދަންތަ ބޭރަށް" ބާޒިލް ބުންޏެވެ.
"ކޫ ގެއިން ނިކުންނަހިތެއް ނުވޭ. މައި ނޫނީ މެލީ އާއެކު ނޫނީ ނުދަމެއްނު ބޭރަކަށް" ޒޭބާ ބުންޏެވެ.
އިސްޖަހައިގެން އިން ބާޒިލް އަށް ޒޭބާ ބަލައިލިއެވެ. އަދިވެސް ބާޒިލްގެ މޫނުމަތީގައިވާ އަސަރުތައް ބުނެދެނީ އޭނާ ހިތް ހަމަޔަކަށް ނޭޅޭކަމެވެ. ސިކުނޑީގައިވާ ފިކުރުތަކެވެ.
"ޒެއްލު ވީކަމެއް ކޫ ކައިރީގަ ބުނެބަލަ" ޒޭބާ ބުންޏެވެ.
އެހިނދު ބާޒިލްގެ ދެލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ހިތް ވަރަށް ބަލިވެއްޖެއެވެ. ލޯބިވާންޖެހޭ މީހާދެކެ ހަގީގީ ލޯބިވެވުނުތަނާ އޭނާއަށް ޖެހިފައިމިވަނީ ހިތުގައި އެ ލޯބި ކަފުންކޮށް ވަޅުލާށެވެ. އެ ލޯބި ކާމިޔާބުނުވެ ދިރިއުޅޭށެވެ. ލޯބިވާ މީހާ އެހެން މީހެއްގެ އުނގުން އުފާތަކެއް ހޯދާ މަންޒަރު ބަލަން ދުރުގައި ހުންނާށެވެ.
"ޒެއްލު ތިހެން އުޅޭތީ ދޮންތަ އާ ތުއްތަވެސް އެހުންނަނީ ކަންބޮޑުވެފަ. މިއަންނަ މަހުގަ އެމީހުން އަންނާނެ. ޒެއްލު ކޮންއިރަކު އެންމެފަހުން ހީލީ. ސާރާ އަޔަސް މިހާރު ޒެއްލު މާބޮޑު ސަމާލުކަމެއް އޭނާއަށް ދޭތަނެއް ނުފެނޭ. ކިހިނެއްވެގެން ތިއުޅެނީ؟ މެލީގެ ކަމެއްތަ؟" ޒޭބާ ވާހަކަދެއްކިއެވެ.
ބާޒިލް ޒޭބާއަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ދެލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ފެނުމުން ޒޭބާ ބަސްހުއްޓުނެވެ. ބާޒިލްގެ ހިތަށް އެވަރަށް ތަދުކުރަނީ ކޮންކަމެއް ހެއްޔެވެ؟ އެހިތުން ނުފިލައިގެން އެ އުޅެނީ ކޮންކަމެއް ހެއްޔެވެ؟
"ކޫ. އަހަރެން ސާރާ އާ ކައިވެނި ކުރާކަށް ބޭނުމެއްނޫން" ބާޒިލް ބުންޏެވެ.
ސާރާ ހައިރާންވިއެވެ. މިއީ ދުވަހަކުވެސް ބާޒިލް ބުނެފާނެކަމަށް އޭނާ އުންމީދުކުރި ޖުމްލައެއް ނޫނެވެ. އޭނާއަށް ގަބޫލުކުރަންވެސް ދަތިވިއެވެ. އެހެން އެބުނީ ހަމަ ބާޒިލް ހެއްޔެވެ؟
"ކީކޭ...؟ ކޫއަށް ގަބޫލުކުރަން ހާދަ އުނދަގުލޭ" ޒޭބާ ބުންޏެވެ.
"އަހަންނަށްވެސް ގަބޫލުކުރަން ވަރަށް ދަތިވި. އެކަމަކު މިހާރު ގަބޫލުކޮށްފިން. އަހަރެން ބޭނުމެއްނޫން. ދޮންތަމެން ކައިރީ ބުނެދީ އަހަރެން މިކައިވެނި ނުކުރާނޭ" ބާޒިލް ބުންޏެވެ.
"ބުނެދީފާނަންތަ ތިވަރުގެ ނިންމުމެއް ޒެއްލު ނިންމީ ކީއްވެގެންކަން. ހުރިހާ ކަމެއް ނިންމާފަ. މިރަށުގަވެސް ނޫޅޭނެ ޒެއްލު ކައިވެނި ކުރަން އުޅޭކަން ނޭނގޭ މިހަކު" ޒޭބާ ބުންޏެވެ.
"ހެޔޮ. އެގޭމީހުން އަހަރެންގެ ހިތުގެ ހުރަހަކަށް ވިޔަސް، މުޅި އުމުރު މެލެކްގް އިންތިޒާރުގަ ހުސްއަތާ ހުންނަން ޖެހުނަސް އަހަރެން ދެވަނަ ކައިވެންޏެއް ނުކުރާނަން. ލަހުން ވިޔަސް އަހަންނަށް ވިސްނިއްޖެ" ބާޒިލް ބުންޏެވެ.
ބާޒިލް އަށް އައިސްގެން އުޅޭ ބަދަލަކީ ކޮބައިކަން އަދި ކިރިޔާ ޒޭބާ އަށް އެނގުނީއެވެ. އޭނާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. ހެއްދެވިފަރާތަށް ޝުކުރުކޮށްލެވުނެވެ. ހިތްހަމަޖެހުނު ވަރުން ބާޒިލްގެ އަތުގައި ހިފާލެވުނެވެ.
"ތިއީ ވަރަށް ރަނގަޅު ކަމެއް. އަލްހަމްދުލިއްލާހް..." ޒޭބާ ބުންޏެވެ.
"އެންމެފަހަރަކު މެލީ އާއެނކޭ ބުނޭ. އޭރުން އަހަރެން ހުރިހާ ކަމެއް ރަނގަޅުކުރާނަން. ފޯނެއްވެސް ނުނަގާ. މެސެޖެއް ކުރީމަ ރިޕްލައިވެސް ނުކުރި. ހޯދަން އެގެއަށްވެސް ގޮސްފިން. ދިމަލެއްނުވި. އަންނަނިކޮށް ގަސްދޮށުން ފެނިއްޖެ މެލީ ރައްޔާނާއެކު އިންދަ. ވަރަށް ގާތުގަ ތިބީ. މެލީ ގުޅުން އޮންނަނީ ރައްޔާނާހެން ހީވަނީ" ބާޒިލް އިނީ އެއްދިމާލަކަށް ބަލަހައްޓައިގެންނެވެ.
(ނުނިމޭ)