ބްރެޒިލް

ބްރެޒިލް ފުޓުބޯޅައިގެ ރައީސް ކަމަށް ރޮނާލްޑޯގެ ޝައުގުވެރިކަން

ބްރެޒިލް ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސްގެ މަގާމަށް އެގައުމުގެ ލެޖެންޑަރީ ފޯވަޑް ރޮނާލްޑޯ ނަޒާރިއޯ ޝައުގުވެރިވާ ކަމަށް ނޫސްތައް ބުނެފިއެވެ.

ބްރެޒިލުން އެގައުމުގެ ފުޓުބޯޅައަށް ބަދަލުތަކެއް ގެނެސް، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވާން ފަށާފައިވާ އިރު، މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތަކީ އާ ކޯޗެއް ހޯދުމުގެ މަސައްކަތެވެ. އެ މަސައްކަތާ ހަވާލުވާނެ އާ ރައީސެއް ފެޑަރޭޝަނަށް އިންތިހާބުކުރަންވެސް ގާތްވެފައިވާ އިރު، ރޮނާލްޑޯ އެ މަގާމަށް ޝައުގުވެރިވާކަމަށް ބުނެފައިވަނީ ވިސްނުންތަކަކާވެސް އެކުގައެވެ.

ދުނިޔޭގެ ފުޓުބޯޅަ ދުށް އެންމެ މޮޅު އެއް ފޯވަޑް ރޮނާލްޑޯ ފުޓުބޯޅަ ހިންގުމުގެ ދާއިރާގައި އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެގޮތުން އޭނާއަކީ ސްޕެއިންގެ ކްލަބެއް ކަމަށްވާ ރެއާލް ވަލަޑޮލައިޑްގެ އޯނަރުގެ އިތުރުން އެ ކްލަބުގެ ރައީސެވެ. އެ ކްލަބާއެކު ރަނގަޅު މަސައްކަތްތަކެއް ކުރި ރޮނާލްޑޯއަކީ މިވަގުތު އެގައުމުގެ ފުޓުބޯޅައިގެ ރައީސަކަށް އެންމެ އުންމީދު ބޮޑު ކެނޑިޑޭޓް ކަމަށް މީޑިއާތަކުން ބުނެއެވެ.

ހަބަރުތައް ބުނީ ރޮނާލްޑޯ ފުޓުބޯޅަ ރައީސް ކަމަށް ކެމްޕޭނުކުރަމުން ދަނީ ގައުމީ ޓީމުގެ ކޯޗުކަމަށް ޕެޕް ގާޑިއޯލާ ގެންދަން އެއްބަސްވެގެން ކަމަށެވެ. ގާޑިއޯލާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާ އިރު، މުސްތަގުބަލާ މެދު އޭނާ އަދި ވަކި ގޮތެއް ނުނިންމައެވެ. އެހެންކަމުން ބްރެޒިލް ގައުމީ ޓީމާ ހަވާލުވުމަކީ ގާޑިއޯލާ ވިސްނާފާނެ ކަމެއް ކަމަށް ބެލެވެއެވެ.