ބްރެޒިލް

ބްރެޒިލް ފުޓުބޯޅަ އިދާރާއާ ހަވާލުވާން ރޮނާލްޑޯ ކުރި މަސައްކަތް ހުއްޓާލައިފި

ބްރެޒިލްގެ ލެޖެންޑްރީ ފޯވަޑް ރޮނާލްޑޯ ނަޒާރިއޯ، އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސްގެ މަގާމު ހޯދުމަށް ކުރި މަސައްކަތް ރަސްމީކޮށް ހުއްޓާލައިފިއެވެ.

ބްރެޒިލުން އެ ގައުމުގެ ފުޓުބޯޅައަށް ބަދަލުތަކެއް ގެނެސް، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވާން ފަށާފައިވާއިރު، ބްރެޒިލް ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް ކަމަށް އަންނަން މަސައްކަތް ފަށާފައިވާކަން އުމުރުން 48 އަހަރުގެ ރޮނާލްޑޯ އިއުލާނުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ މަގާމަށް ރޮނާލްޑޯ ކުރިމަތިލީ ގައުމީ ޓީމުގެ ޝަރަފުވެރިކަން އަނބުރާ ހޯދައިދިނުމަށް ކަމަށް ބުނެއެވެ.

ބްރެޒިލް ފުޓުބޯޅައިގެ ރައީސަކަށް ރޮނާލްޑޯ ކުރި މަސައްކަތް ހުއްޓާލީ 27 ރީޖަނަލް ފެޑަރޭޝަނުގެ ތެރެއިން 23 ރީޖަނަލް ފެޑަރޭޝަނަކުން މިހާރުގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒަށް ތާއީދުކުރުމަށް މާކުރިން ނިންމާފައިވާތީއެވެ.

ކުރިން ބާސެލޯނާ، އިންޓަ މިލާންގެ އިތުރުން ރެއާލް މެޑްރިޑަށްވެސް ކުޅެފައިވާ ރޮނާލްޑޯ ބުނީ ފެޑަރޭޝަންތަކާ ފުރަތަމަ ގުޅިއިރުވެސް ގިނަ ފެޑަރޭޝަންތަކުން ގޮތް ނިންމާފައިވާ ކަމަށާއި މަޝްވަރާ ކުރުމަށް ފުރުސަތެއް ނުދިނުމަކީ ހިތާމަވެރިކަމެއް ކަމަށެވެ.

ބްރެޒިލް ފުޓްބޯޅަ އިދާރާގެ މެޖޯރިޓީ ވޯޓަކީ ރީޖަނަލް ފެޑަރޭޝަންތަކުގެ ވޯޓެވެ. އެގޮތުން 27 ފެޑަރޭޝަންގެ ތެރެއިން ކޮންމެ ފެޑަރޭޝަނަކަށް ތިން ވޯޓު ދިނުމުގެ ފުރުސަތު ލިބޭއިރު، ފުރަތަމަ ޑިވިޝަނުގެ 20 ކްލަބަށް، ކޮންމެ ކްލަބަކަށް ދެ ވޯޓު ދެވޭނެއެވެ. އަދި ދެވަނަ ޑިވިޝަނުގެ 20 ކްލަބަށް، ކޮންމެ ކްލަބަކަށް ވޯޓެއް ދެވޭނެއެވެ.

މީގެ ކުރިން ރެކޯޑު ފަސް ފަހަރު ވޯލްޑް ކަޕް ހޯދާފައިވާ ބްރެޒިލުން އެންމެފަހުން އެ މުބާރާތް ކާމިޔާބު ކުރީ 2002 ވަނަ އަހަރެވެ. އޭގެފަހުން އެއްވެސް އަހަރެއްގައި ބްރެޒިލުން ކުއާޓާ ފައިނަލަށްވުރެ ދުރަށް ދަތުރުކޮށްފައެއް ނުވެއެވެ.

ބްރެޒިލް ގައުމީ ޓީމަށް 98 މެޗު ކުޅެފައިވާ ރޮނާލްޑޯވަނީ ގައުމީ ޓީމާއެކު 1994 ގެ އިތުރުން 2002 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އޭނާއަކީ ވޯލްޑް ކަޕް ތާރީހުގައި ދެވަނައަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. ރޮނާލްޑޯ ވަނީ ވޯލްޑް ކަޕްގައި ކުޅުނު 19 މެޗުގައި 15 ގޯލު ޖަހައިފައެވެ.

ޖުމުލަ 17 އަހަރު ވަންދެން ގައުމީ ޓީމަށް ކުޅުނު ރޮނާލްޑޯ ވަނީ ގައުމީ ޓީމާއެކު ދެ ފަހަރަށް ކޮޕާ އެމެރިކާ ތަށި ހޯދައި، އޮލިމްޕިކް ލޯ މެޑަލްސްވެސް ހޯދައިފައެވެ. ބްރެޒިލްގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސްކަމުގައި މި ވަގުތު ހުރި އެޑްނާލްޑޯގެ ދައުރު ހަމަވާނީ 2026 ވަނަ އަހަރު މާޗު މަހާ ހަމައަށެވެ.