ނޭމާ

ޕެލޭގެ ފަހުން ސަންޓޯސްގެ 10 ނަމްބަރު ޖާޒީ ލާނެ ފުރަތަމަ ކުޅުންތެރިޔަކީ ނޭމާ

މުޙައްމަދު ޝަމްޢޫން

ބްރެޒިލްގެ ތަރި ނޭމާ، އޭނާގެ ހޯމް ކްލަބު ސަންޓޯސްއަށް އެނބުރި ދިޔަކަން އެ ކްލަބުން އިއުލާނުކޮށްފިއެވެ.

ނޭމާ ސަންޓޯސްއާ ގުޅިފައިި ވަނީ ސައުދީ އަރަބިއާގެ އަލް ހިލާލާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހުއެވެ. އުމުރުން 32 އަހަރުގެ ނޭމާގެ އެނބުރި އައުން ސަންޓޯސްއިން ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.

ނޭމާ އިއުލާނުކުރަން ސަންޓޯސްއިން އާއްމުކުރި ވީޑިއޯގައި ޕެލޭގެ އަޑު އޭއައި ޖެނެރޭޓްކޮށްގެން ބޭނުންކޮށްފައިވެއެވެ. ސަންޓޯސް އަލުން ރަސްކަމަށް ގެންނަން ނޭމާ ބޭނުންވާ ކަމަށް ޕެލޭގެ އަޑުން ބުނެފައިވާ އިރު، ނޭމާވެސް ޕެލޭއަށް ހާއްސަ ޓްރިބިއުޓެއް ދީފައިވެއެވެ. އެގޮތުން ދަނޑު މެދުގައި ބެހެއްޓިފައިވާ ގޮނޑިއެއްގައި އޮތް ތާޖަކީ ޕެލޭގެ ތާޖެއް ނަމަވެސް، އެ ގޮނޑީގައި އޮތް 10 ނަމްބަރު ޖާޒީ އޭނާ ނަގާތަން ވީޑިއޯގައި ދައްކާފައިވެއެވެ.

ޕެލޭ ކްލަބުން ދިޔަފަހުން ސަންޓޯސްގެ 10 ނަމްބަރު ޖާޒީ އެހެން ކުޅުންތެރިޔަކު އަދި ލާފައި ނުވާ އިރު، އެ ޖާޒީ ނޭމާ ލުމަކީ އޭނާއަށް ލިބޭނެ ބޮޑު ޝަރަފެކެވެ.

ނޭމާގެ ކެރިއަރު ސަންޓޯސް އެކަޑެމީން ފެށި އިރު، އޭނާ ދިޔައީ މަޑުމަޑުން މަގުބޫލުވަމުންނެވެ. ތަފާތު ސްޓައިލެއްގެ އިސްތަށިގަނޑަކާއެކު ނޭމާ ދައްކާ ތަރުހީބަށް ދުނިޔެ މަޑުމަޑުން ޝައުގުވެރިވަމުން ގޮސް، އޭނާ ޔޫރަޕްގެ ބާސެލޯނާއަށް ގެންދިޔައީ 2013 ވަނަ އަހަރުއެވެ. އެއީ އުމުރުން 21 އަހަރުއެވެ.

އޭރުވެސް ނޭމާ ވަނީ ސަންޓޯސްއަށް 225 މެޗުގައި 136 ގޯލު ޖަހައިދީފައެވެ.

ނޭމާއަކީ ފަހުގެ ތާރީހެއްގައި ޔޫރަޕުން ފެނުނު އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. ޕީއެސްޖީއަށް ރެކޯޑު އަގެއްގައި ބަދަލުވުމުގެ ކުރިން އޭނާ ވަނީ ބާސެލޯނާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ.

ބާސާއާއެކު ޗެމްޕިއަންސް ލީގުވެސް ހޯދި ނޭމާ ފަހުން ޕީއެސްޖީ ދޫކޮށް ދިޔައީ ސައުދީގެ އަލް ހިލާލަށެވެ. ނޭމާއަށް މިހާތަނަށް ހިލާލާއެކު މާ ގިނަ މެޗުތަކެއް ކުޅެވިފައެއް ނުވެއެވެ. އެއީ އަނިޔާގެ މައްސަލަ ބޮޑުކަމުންނެވެ. ބްރެޒިލާއެކު ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗެއްގައި 2023 ވަނަ އަހަރު އޮގަސްޓް މަހު ނޭމާއަށް އަނިޔާވުމުން، ހިލާލާއެކު އޭނާއަށް ކުޅެވުނީ ހަތް މެޗެވެ.