ނޭމާ

އިތުރު އަނިޔާއެއްވި ނަމަވެސް ނޭމާގެ މާ ބޮޑު ހާސްކަމެއް ނެތް

ސައުދީ އަރަބިއާގެ އަލް ހިލާލުން ރޭ އޭޝިއަން ޗެމްޕިއަންސް ލީގު އެލީޓް މުބާރާތުގައި ކުޅުނު މެޗުގައި އެޓީމުގެ ބްރެޒިލް ތަރި ނޭމާއަށް އަނިޔާވެއްޖެއެވެ.

ހިލާލުން ރޭ ކުޅުނު މެޗުގައި އެޓީމުން އިސްތިގުލާލް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ދެވަނަ ހާފަށް ނޭމާ ކުޅެން ނުކުމެފައިވާ އިރު، 30 މިނެޓް ފަހުން އޭނާ ވަނީ އަނިޔާވެ ބާލަން ޖެހިފައެވެ. ބެލެވޭ ގޮތުގައި އަނިޔާވީ ނޭމާގެ ފަލަމަސްގަނޑަށެވެ.

އުމުރުން 32 އަހަރުގެ ނޭމާ، އޭސީއެލް އަނިޔާއިން ރަނގަޅުވެ އެނބުރި ދަނޑު މައްޗަށް ނުކުމެފައި ވަނީ މީގެ ދެ ހަފުތާއެއް ކުރިންނެވެ. އެއީ ގާތްގަނޑަކަށް އަހަރަކަށްވުރެ ގިނަ ދުވަހަށް ފަހުއެވެ. ނޭމާއަށް ސީރިއަސް އޭސީއެލް އަނިޔާއަކާ ކުރިމަތިވީ މިދިޔަ އަހަރު އޮކްޓޯބަރު މަހު ގައުމީ ޓީމުން އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ.

ރޭގެ މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ނޭމާ ބުނީ އޭނާއަށް އިހުސާސްވީ އަކުނިވަޔަށް ދަމާގަތް ކަހަލަ ގޮތަކަށް ކަމަށާއި ބެލެވޭ ގޮތުގައި އެއީ އެއްވެސް ވަރަކަށް ސީރިއަސް އަނިޔާއެއް ނޫނެވެ. ނޭމާ ބުނީ އެހާ ގިނަ ދުވަހު ނުކުޅެ ހުރެފައި ދަނޑު މައްޗަށް ނުކުތުމުން އެކަހަލަ މަސްގަނޑުގެ އަނިޔާއެއް ވެދާނެ ކަމަށް ކުރިން ވެސް ޑޮކްޓަރު ބުނެފައިވާ ކަމަށާއި ކުޅޭއިރު އިތުރަށް ސަމާލުވާނެ ކަމަށެވެ.

ނޭމާ ޕީއެސްޖީ ދޫކޮށް ސައުދީ ލީގަށް ބަދަލުވީ މިދިޔަ އަހަރު އޮގަސްޓް މަހުގައެވެ. އެއީ 90 މިލިއަން ޔޫރޯގެ ޓްރާންސްފާއެއްގައެވެ. އެފަހުން ނޭމާއަށް އަލް ހިލާލަށް އަދި ކުޅެވުނީ އެންމެ ހަތް މެޗެވެ.