މުޙައްމަދު ޝަމްޢޫން
ސައުދީ އަރަބިއާގެ އަލް ހިލާލް ދޫކޮށް، ނޭމާ އެނބުރި ބްރެޒިލްގެ ސަންޓޯސްއަށް ދާން ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް އިތުބާރު ނޫސްތަކުން ޔަގީން ކޮށްދީފިއެވެ.
އިރުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނީ ނޭމާ، ސައުދީގެ ހިލާލާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައިވާ ކަމަށާއި، އެނބުރި ސަންޓޯސްއަށް ދާން މެޑިކަލް ފުރިހަމަ ކުރަން މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
ނޭމާއަކީވެސް ޔޫރަޕްގެ ފުޓުބޯޅަ ދޫކޮށް ސައުދީއަށް ދިޔަ ސުޕަ ސްޓާރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ 2023 ވަނަ އަހަރު ޕީއެސްޖީ ދޫކޮށް ސައުދީގެ އަލް ހިލާލާ ގުޅުނީ ރެކޯޑު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ އެއްބަސްވުމެއްގައެވެ. ނޭމާ އެފަހަރު ސައުދީއަށް ބަދަލުވީ 77.6 ޕައުންޑްގެ ޓްރާންސްފާ ފީ އަކަށެވެ.
ނޭމާއަށް މިހާތަނަށް ހިލާލާއެކު މާ ގިނަ މެޗުތަކެއް ކުޅެވިފައެއް ނުވެއެވެ. އެއީ އަނިޔާގެ މައްސަލަ ބޮޑުކަމުންނެވެ. ބްރެޒިލާއެކު ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗެއްގައި 2023 ވަނަ އަހަރު އޮގަސްޓް މަހު ނޭމާއަށް އަނިޔާވުމުން، މިހާތަނަށް ހިލާލާއެކު އޭނާ ކުޅުނީ އެންމެ ހަތް މެޗެވެ.
ނޭމާ އަލުން ފިޓްވެ، ބްރެޒިލާއެކު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފޯކަސް ކުރަން ތައްޔާރަށް ހުރި ކަމަށް ސީއެންއެންއަށް ބުނެފައިވާ އިރު، ނޭމާ ބްރެޒިލަށް ދާން ނިންމި އެއް ސަބަބަކީ ވޯލްޑް ކަޕަށް ފިޓްވުން ކަމަށް ނޫސްތައް ބުނެއެވެ.
ނޭމާއަކީ ފަހުގެ ތާރީހެއްގައި ޔޫރަޕުން ފެނުނު އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. ޕީއެސްޖީއަށް ރެކޯޑު އަގެއްގައި ބަދަލުވުމުގެ ކުރިން އޭނާ ވަނީ ބާސެލޯނާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ.
ބާސާއާއެކު ޗެމްޕިއަންސް ލީގުވެސް ހޯދި ނޭމާ، ބާސާއަށް ދިޔުމުގެ ކުރިން ސަންޓޯސްއަށް ކުޅެފައިވާ އިރު، އޭނާއަކީ އެ ކްލަބުގެ ޔޫތު ސިސްޓަމުން ތަރައްގީވެގެން ނުކުތް ކުޅުންތެރިއެކެވެ. ނޭމާ ވަނީ ސަންޓޯސްގެ ސީނިއާ ޓީމަށްވެސް 225 މެޗުން 136 ގޯލު ޖަހައިދީފައެވެ.
ސަންޓޯސް 2023 ވަނަ އަހަރު ބްރެޒިލްގެ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ނަމަވެސް، އޭގެ ސީޒަނެއްފަހު އަލުން ޕްރޮމޯޓް ވެ، މިހާރު ކުޅެމުން އަންނަނީ އެއްވަނަ ޑިވިޝަނުގައެވެ. ނޭމާ އެ ކްލަބަށް ގޮސް، ޓީމު ހަމައަކަށް އަޅުވަން މަސައްކަތް ކުރާނެ ކަމަށް ނޫސްތައް ބުނެއެވެ.