މެންޗެސްޓާ ސިޓީ

މިސީޒަނަށް އާ ކުޅުންތެރިން ނުގަނެވުމަކީ ހެދުނު ގޯހެއް: ގާޑިއޯލާ

މިދިޔަ ސީޒަނަށްފަހު މި ސީޒަނަށް ތައްޔާރުވާން އާ ކުޅުންތެރިން ނުގެންދެވުމަކީ ގޯހެއް ކަމަށް ވެދާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ސިޓީއާއި ގާޑިއޯލާއަށް މި ސީޒަނުގެ ފުރަތަމަ ބައި ވެގެން ގޮސްފައި ވަނީ އުނދަގޫ ދުވަސްތަކަކަށެވެ. މިދިޔަ ހަތަރު ސީޒަނުގައިވެސް ލީގު ނެގި ސިޓީން މިހާތަނަށް ލީގުގައި ކުޅުނު 20 މެޗުގެ ތެރެއިން ހަމެޗުން ބަލިވެ، ހަތަރު މެޗުން އެއްވަރުވެފައިވެއެވެ.

އެއީ މިހާތަނަށް ގާޑިއޯލާ ހަވާލުވިފަހުން އެޓީމަށް ކުރިމަތިވި އެންމެ ދަށް ހާލަތެވެ. ސިޓީއަށް އަނިޔާގެ 15 ވަރަކަށް މައްސަލަ ސީޒަނުގެ ފުރަތަމަ ބައިގައި އެކަނިވެސް ކުރިމަތިލާން ޖެހިފައިވާ އިރު، އެޓީމަށް އަނިޔާގެ ސަބަބުން ގެއްލުނު އެންމެ މުހިއްމު ކުޅުންތެރިޔަކީ ބެލޮންޑިއޯ ހޯދި ރޮޑްރީގޯ އެވެ.

"30 އަހަރުން މަތީގެ ގިނަ ކުޅުންތެރިންތަކެއް ސްކޮޑުގައި ތިބިކަން ސީޒަން ފެށުމުގެ ކުރިން އަހަރެމެންނަށް އެނގޭ. އަދި ބަދަލުތައް ގެންނަން ޖެހޭނެ ކަންވެސް އެނގޭ. އެކަމަކު އެއީ އިތުބާރު ކުރެވޭ ކުޅުންތެރިން، އެ ކުޅުންތެރިންގެ ފޯމެއް ނޫން މައްސަލައަކީ، އަނިޔާގެ މައްސަލަތައް. އަހަރެެން ބަރޯސާވި ކުޅުންތެރިންނަށް މިކަން ނުވީ،" ގާޑިއޯލާ ބުންޏެވެ.

"ސިޓީގެ ވެރިން ސީޒަން ފެށުމުގެ ކުރިން ޓްރާންސްފާތައް ކުރަން މަސައްކަތް ކުރި. ބޮޑެތި ޓްރާންސްފާތަކަކަށްވެސް ފުރުސަތު އޮތް. އަހަރެން ބުނީ ނޫނެކޭ. އެއީ ހެދުނު ގޯހެއް ކަމަށް ވެދާނެ. ބޮޑަށް ބެލެވެނީ އެއީ ގޯހެއް ކަމަށް،" ގާޑިއޯލާ ބުންޏެވެ.

ސިޓީ މިހާރު އޮތް ހާލަތުން މި ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ބޮޑު ޓްރާންސްފާއެއް ކޮށްފާނެ ކަމަށް ވަނީ ބެލެވިފައެވެ. ސިޓީން އެންމެފަހުން ޖެނުއަރީގައި ވަރުގަދަ ޓްރާންސްފާއެއް ކުރީ 2018 ވަނަ އަހަރުއެވެ. އެއީ 57 މިލިއަން ޕައުންޑަށް އެމެރިކް ލަޕޯޓް އެ ކްލަބަށް ގެންދިޔުމަށެވެ.