ސްޕެނިޝް ލަލީގާ

ސިޓީގެ މައްސަލައެއް އީޔޫއަށް ހުށަހެޅިން: ލަ ލީގާގެ ރައީސް

މެންޗެސްޓާ ސިޓީ ހިންގަމުން އަންނަ ސިޓީ ގްރޫޕުން ގިނަ ސަބް ކޮމްޕެނީތަކެއް ހަދައިގެން ކްލަބުގެ ފައިދާ އޮޅުވާލަން މަސައްކަތް ކުރާތީ އެކަމުގެ މައްސަލަ ޔޫރަޕިއަން ޔޫނިއަންގެ ޔޫރަޕިއަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ލަ ލީގާގެ ރައީސް ޖާވިއާ ތޭބާސް ވިދާޅުވެއްޖެއެވެ.

ތޭބާސްއަކީ މީގެ ކުރީންވެސް އެކި ފަހަރުމަތީން ފާޑު ވިދާޅުވެފައިވާ ބޭފުޅެކެވެ. މިފަހަރު ސިޓީއާ ގުޅޭ ގޮތުން އެފްޓީ ބިޒަނަސް އޮފް ފުޓްބޯލް ސަމިޓްގައި ވާހަކަ ދައްކަވަމުން ތޭބާސް ވިދާޅުވީ ސިޓީގެ މައްސަލަ ނެންގެވީ 2023 ވަނަ އަހަރުގައި ކަމަށެވެ.

ތޭބާސް ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ޔޫރަޕިއަން ކޮމިޝަނުން މިހާރު އަންނަނީ ސިޓީގެ މައްސަލަ ތަހުގީގުކުރަމުން ކަމަށެވެ. ޔޫރަޕިއަން ކޮމިޝަނަކީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގެ މެދުގައި ގާނޫނު ތަންފީޒުކުރުމަށް ބާރު އަޅާ މިނިވަން މުއައްސަސާއެކެވެ.

ތޭބާސް ހުށަހެޅުއްވި މައްސަލައަކީ ސިޓީ ގްރޫޕުގެ ފަރާތުން ބޮޑެތި އެހެން ވިޔަފާރިތައް ހިންގާ، ކްލަބުގެ ޓްރާންސްފާއަށް ފައިނޭންޝަލް ފެއާޕްލޭގެ ތެރެއިން ބަޖެޓް ބޮޑުކުރާ މައްސަލައެކެވެ. އެގޮތުން ތޭބާސް ވިދާޅުވީ ސިޓީ ގްރޫޕުން ޑުބާއީގައި ކުރާ ވިޔަފާރިތައްވެސް ގިނަ ކަމަށާއި، އެ ގައުމުން ބޭރަށްވެސް ވިޔަފާރި ފުޅާކޮށްފައި އޮތުމުން، ޓްރާންސްފާއަށް ހަރަދު ކުރެވޭލެއް ގިނަ ކަމަށެވެ.

ލަ ލީގާގެ ފަރާތުން ރައީސް ތޭބާސް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ސިޓީގެ އިތުރުން އިނގިރޭސިވިލާތުގެ އެހެން ބައެއް ކްލަބުތަކުންވެސް ވިޔަފާރިތައް ކުރާ ކަމަށާއި، އޭގެ ސަބަބުން ޔޫރަޕްގެ މުބާރާތްތަކުގައި އިނގިރޭސި ކްލަބުތަކަށް ފައިދާ ބޮޑު ކަމަށެވެ.