ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ރެއާލް ސޮސިއެދާދު ކައިރިން ހޯދި މޮޅާއެކު، އެޓީމުން އަނބުރާ ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި މިރޭ ބާސާއިން ކުޅުނު މެޗުގައި ސޮސިއެދާދު ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މެޗަށް ނުކުތް އިރު ބާސާއިން ތާވަލުގެ ދެވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑުން ރޭ ކުޅުނު މެޗުގައި އެތުލެޓިކޯ ބިލަބާއޯ ކައިރިން 1-0 އިން މޮޅުވެ، އެއްވަނައިގައި އޮތުމުންނެވެ.
ބާސާގެ އެންމެ ވާދަވެރި ކްލަބު ރެއާލުން ރޭ ކުޅުނު މެޗުގައި ރެއާލް ބެޓިސް ކައިރިން ބަލިވެފައި އޮތުމުން، މިރޭ ބާސާއަށް އޮތީ އެއްވަނައަށް ޖެހިލަން ފުރުސަތު ފަހިވެފައެވެ.
މޮޅާއެކު ބާސާ އެއްވަނައިގައި އޮތީ 26 މެޗުން 57 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އެތުލެޓިކޯ 26 މެޗުން 56 ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި ރެއާލް އޮތީ 26 މެޗުން 54 ޕޮއިންޓާއެކުގައެވެ.
މެޗުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ސޮސިއެދާދަށް އުނދަގޫތަކެއް ދިމާވީ އަރިޒް އެލުސްޓޮންޑޯއަށް ދެއްކި ރަތް ކާޑާއެކުގައެވެ. އެއީ ޑެނީ އޮލްމޯއަށް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ދެއްކި ރަތް ކާޑެކެވެ.
އެ ރަތް ކާޑަށް އެންމެ އަށް މިނެޓް ހިނގިތަނާ ބާސާއިން ފައިދާ ނަގައި، ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ފުލްބެކް ޖެރާޑް މާޓިންއެވެ. މެދުތެރެއިން ލެމީން ޔަމާލާއި އޮލްމޯ ގުޅިގެން ތަނަވަސްކުރި ފުރުސަތުގައި ޖެހި އެ ގޯލަށް މާ ގިނައިރެއް ނުވެ، ބާސާއިން ދެވަނަ ގޯލެއްވެސް ޖެހިއެވެ.
މާކް ކަސަޑޯގެ ގޯލުން ދެވަނަ ގޯލެއް ޖަހައި ބާސާއިން މެޗުގެ ތިން ޕޮއިންޓަށް ފުރުސަތު ތަނަވަސްކުރި އިރު، ދެވަނަ ހާފު ފެށިގެންވެސް ބޮޑަށް ނުރައްކާ ކުރީ ބާސާއިންނެވެ. ޕެޑްރީގެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، އޭގެ އިރުކޮޅެއްފަހުން ލިބުނު ކޯނަރުގައި ރޮނާލްޑް އަރައޫހޯ ބާސާއަށް ތިންވަނަ ގޯލެއް ޖަހައިދިނެވެ.
ބާސާއިން މިރޭގެ މޮޅު ފުރިހަމަކޮށްދިނީ ރޮބާޓް ލެވަންޑޯސްކީ ޖެހި ހަތަރުވަނަ ގޯލަކާވެސް އެކުގައެވެ.