ސްޕެނިޝް ލަލީގާ

ފަހަތުންއަރައި އެތުލެޓިކޯ ބަލިކޮށް، ބާސާ އަނެއްކާވެސް އެއްވަނައަށް

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ފަހަތުން އަރައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފިއެވެ.

ރޭ ރަށުން ބޭރުގައި ބާސާއިން އެތުލެޓިކޯ ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ސްޕެނިޝް ލީގެ ރޭސް ފޯރިގަދަވެފައިވާ އިރު، މިވަގުތު ލީގަށް ވާދަކުރަމުން ދަނީ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ބާސާގެ އިތުރުން އެތުލެޓިކޯއެވެ. ރޭގެ މެޗަކީ އެތުލެޓިކޯ އަދި ބާސާއަށްވެސް ލީގު ރޭހުގައި މުހިއްމު މެޗަކަށްވެފައި އޮއްވާ، ބާސާއިން އެއްވަނައިގައި މިވަގުތު އޮތީ 27 މެޗުން 60 ޕޮއިންޓާއެކުގައެވެ.

ދެވަނައިގައި މިވަގުތު 28 މެޗުން 60 ޕޮއިންޓާއެކު ރެއާލް ދެވަނައިގައި އޮތް އިރު، ތިންވަނައިގައި އެތުލެޓިކޯ އޮތީ 28 މެޗުން 56 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ އެތުލެޓިކޯއިންނެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް މެދުތެރެއިން އެންޓޮއިން ގްރީޒްމަން ބޯޅައާ އެކު ދެމިގަނެ، އަރިމަތިން ގިއުލިއާނޯ ސިމިއޯނޭ ނަގައިދިން ބޯޅަ ގޯލަށް ވައްދާލީ އާޖެންޓީނާ ފޯވަޑް ޖޫލިއަން އަލްވަރޭޒެވެ. އެއީ އަލްވަރޭޒް މިހާތަނަށް ލީގުގައި ޖެހި 11 ވަނަ ގޯލެވެ.

ދެވަނަ ހާފަށް ނުކުމެ، 70 ވަނަ މިނެޓުގައި އެލެކްޒެންޑާ ސޯލޮތު އެތުލެޓިކޯއަށް ލީޑު ފުޅާކޮށްދިން ނަމަވެސް، ބާސާއިން ވަނީ ތަފާތު ރޫހެއްގައި މެޗު އަނބުރާލައިފައެވެ.

އެތުލެޓިކޯގެ ދެވަނަ ގޯލަށް ކުޑައިރުކޮޅެއްފަހުން ރޮބާޓް ލެވަންޑޯސްކީ ބާސާއަށް ފަރަގު ކުޑަކޮށްދިން އިރު، 78 ވަނަ މިނެޓުގައި ފެރާން ޓޮރެސް ޖެހި ގޯލުން ބާސާ އެއްވަރުކުރިއެވެ. އިތުރު ވަގުތުގެ ތެރޭގައި ލެމީން ޔަމާލް ދުރުން ގޯލުގެ ކަނަށް އަމާޒުކޮށްލި ގޯލަކުން ބާސާ މެޗު އަނބުރާލި އިރު، އެޓީމަށް މޮޅު ޔަގީންކޮށްދިން ހަތަރުވަނަ ގޯލު ޖެހީވެސް ޓޮރެސްއެވެ.