އާސެނަލް

އާސެނަލުން ޓްރާންސްފާ ނުހެދުމުން އާޓެޓާ ހިތްހަމަނުޖެހިފައި

ނިމިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ސީޒަނުގައި އާސެނަލަށް ރަނގަޅު ކުޅުންތެރިން ނުގެންދެވި އޮތުމަކީ ހިތާމަކުރާ ކަމެއް ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

އާސެނަލުން މިވަގުތު ލީގު ތާވަލުގެ ދެވަނައިގައި، ތަށްޓަށް ވާދަކުރަމުންދާ އިރު، މި ޖެނުއަރީ ޓްރާންސްފާ ވިންޑޯ ހުޅުވުމުގެ ކުރިއަށް ކޯޗު އާޓެޓާ ބުނީ އަނިޔާތައް ގިނަވުމުން އިތުރު ކުޅުންތެރިން ބޭނުންވާ ކަމަށެވެ.

އާސެނަލްގެ މުހިންމު ފޯވަޑެއް ކަމަށްވާ ގެބްރިއަލް ޖީސަސްއަށްވެސް އޭސީއެލް އަނިޔާއަކާ ކުރިމަތިވެ، އޭނާ ސީޒަނުގެ ބާކީ ބައިގައި ދެން ނުފެންނާނެއެވެ. އޭގެ އިތުރުން މިހާތަނަށް އެޓީމުގެ ތަރި ބުކަޔޯ ސަކާއަށްވެސް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. ސަކާ މިވަގުތުވެސް އަނިޔާގައި ހުރި އިރު، އޭނާ ދަނީ މަޑުމަޑުން ރިކަވާ ވަމުންނެވެ.

"އަހަރެމެންގެ ވިސްނުން ހުރީ ޓްރާންސްފާ ވިންޑޯގައި އިތުރު ގޮތްތަކެއް ހޯދަން. ހާއްސަކޮށް ފޯވަޑް ލައިނަަށް އިތުރު ގޮތްތަކެއް ބޭނުންވޭ. ގެންނަ ކުޅުންތެރިންނަކީ ޓީމަށް އެރޭ ވަރުގަދަ ކޮލިޓީ ކުޅުންތެރިންނަށް ވާން ޖެހޭ، ނޫންނަމަ ވަގުތުން ބޭނުންކުރަން އުނދަގޫވާނެ. އަނިޔާގައި ކުޅުންތެރިން ތިބެ، އިތުރު ކުޅުންތެރިން ނުހޯދުމަކީ ލިބުނު ދެރައެއް،" އާޓެޓާ ބުންޏެވެ.

އާޓެޓާ އިތުރަށް ބުނީ ކުޅުންތެރިން ނުހޯދުނު ނަމަވެސް، އާސެނަލުން އެޓީމުގެ ޓްރާންސްފާ ޕޮލިސީގައި ދެމިތިބުންވެސް އެއީ ހިތްހަމަޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ވަކި އަގެއްގައި ވަކި ކުޅުންތެރިންތެރިޔަކު ނޫނީ ނުގެންނަން އާސެނަލުން ނިންމާފައިވާ ނިންމުމުގައި ދެމިތިބުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި އާޓެޓާ ފާހަގަކުރިއެވެ.

އާޓެޓާ ބުނީ ރަނގަޅު ކުޅުންތެރިޔަކު ހުރި ނަމަވެސް، ފައިސާގެ ގޮތުން ކްލަބުން ވިސްނަން ޖެހޭ ކަންތައްތަކެއް ހުންނަ ކަމަށާއި، އެކަންކަން އަބަދުވެސް އެއްގޮތަކަށް ގެންގުޅުން އެއީ ކްލަބުގެ ވެރިންނާ މެދު ހިތްހަމަޖެހޭ އެއް ސަބަބު ކަމަށެވެ.

އާސެނަލުން މިދިޔަ ދެތިން ސީޒަނުގައިވެސް ލީގަށް ވާދަކުރި ނަމަވެސް، އެޓީމަށް 2003 ވަނަ އަހަރު ފަހުން އަދި ލީގު ތަށްޓެއް އުފުލައިލެވިފައެއް ނުވެއެވެ.