މެންޗެސްޓާ ޔުނައިޓެޑް

އާޓެޓާއަށް ލިބޭހާ ވަގުތު އަހަންނަކަށް ނުލިބޭނެ: އަމޯރިމް

މިކޭލް އާޓެޓާއަށް އާސެނަލުން ދޭ ވަގުތު މެންޗެސްޓާ ޔުނައިޓެޑްގައި ނުލިބޭނެކަން ގަބޫލުކުރާ ކަމަށް ކޯޗު ރުބެން އަމޯރިމް ބުނެފިއެވެ.

އާޓެޓާ އާސެނަލްއާ ހަވާލުވީ 2019 ވަނަ އަހަރު ޑިސެމްބަރު މަހުއެވެ. އުނައި އެމެރީގެ ބަދަލުގައި އާޓެޓާ ކްލަބާ ހަވާލުވި ފަހުން އެ ޓީމުގެ ނަތީޖާތައް ރަނގަޅު ނަމަވެސް، އޭނާއަށް ބޮޑު ތައްޓަކަށް މިހާތަނަށް ހޯދުނީ 2020 ވަނަ އަހަރުގެ އެފްއޭ ކަޕް އެކަންޏެވެ.

އާސެނަލުން އާޓެޓާއަށް އިތުބާރުކޮށް އަދިވެސް އޭނާ ކޯޗުކަމުގައި ބަހައްޓަމުންދާ ނަމަވެސް، އަމޯރިމް ބުނީ ޔުނައިޓެޑުގައި އެ ފުރުސަތު ނުލިބޭނެ ކަމަށެވެ.

"އަހަންނަކަށް ނުލިބޭނެ އާޓެޓާއަށް ލިބޭ ވަގުތެއް. އެހެންވިޔަސް އަހަރެން ގަބޫލުކުރަން އާޓެޓާ ހަވާލުވި ފަހުން އާސެނަލަށް ބަދަލުތަކެއް ގެނެސްފައިވާކަން. އަދި އާޓެޓާ ކުރި މަސައްކަތުން އަހަންނަށްވެސް ހިތްވަރު ހޯދިދާނެ. އެއީ އާސެނަލްގައި ވެސް ކުރިން ބައިވަރު މައްސަލަތައް އޮތް. އަހަންނަށް ވެސް މި ވަގުތު މައްސަލަތައް ބޮޑު،" އަމޯރިމް ބުންޏެވެ.

މި ސީޒަނުގެ މެދުތެރެއިން ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި އަމޯރިމްއަށް އަދި އެންމެ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. ޔުނައިޓެޑަށް ލީގުގައި އުނދަގޫ ހާލަތްތަކަކާ ކުރިމަތިލާން ޖެހިފައިވާ އިރު، ޔޫރޮޕާ ލީގުގެ ނޮކްއައުޓް ބުރުގައިވެސް އެޓީމަށް އޮތީ ޗެލެންޖިން ހާލަތެކެވެ.

އެހާލަތަކާ ގުޅިގެން އަމޯރިމް ބުނީ ޔޫރޮޕާ ލީގު މެޗުތައް ކުޅެން ޖެހޭ ދުވަހުގެ ގޮތުން، ދެން ހަފުތާ ތެރޭގައި އޮންނަ ލީގު މެޗަށް ޓީމު ރިކަވާ ކުރަން އުނދަގޫ ކަމަށެވެ. ހާއްސަކޮށް ޔޫރޮޕާ ކުޅުމަކީ ޗެމްޕިއަންސް ލީގު ކުޅުމަށްވުރެވެސް އުނދަގޫ ކަމެއް ކަމަށް އަމޯރިމް ސިފަކޮށްފައިވެއެވެ.