ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރެއާލް ސޮސިއެދާދު ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގު، 1-1 އިން އެއްވަރުވެފައި އޮތް އިރު، ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޔުނައިޓެޑުން ކުއާޓާގައި ވާދަކުރަން ޖެހޭނީ ލިޔޯންއާ ދެކޮޅަށެވެ.
ސީޒަނުގެ މިހާތަނަށް އުނދަގޫ ހާލަތެއްގައި އޮތް ޔުނައިޓެޑަށް ޕްރެޝަރުން ސަލާމަތްވުމަށްވެސް ރޭ މޮޅެއް މަޖުބޫރުވެފައި އޮއްވައި، މެޗުގެ ފެށުން ދިޔައީ ގޯސްކޮށެވެ. އޭރިއާ ތެރެއިން މިކޭލް އޮޔަރުޒަބާލްއަށް މެތިއަސް ޑެ ލިޓް ކުރި ފައުލަކުން ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލީވެސް އޮޔަރުޒަބާލެވެ.
އެ ގޯލާއެކު ސޮސިއެދާދު ލީޑު ނެގި ނަމަވެސް، އޭގެ ހަ މިނެޓް ފަހުން ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރިއެވެ. އެއީވެސް ޕެނަލްޓީއެއްގައެވެ. އީގޯ ޒުބެލްޑިއާ، ރަސްމުސް ހޮއިލުންޑަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލީ ފެނާންޑޭޒްއެވެ.
ދެވަނަ ހާފަށް ނުކުމެވެސް ޔުނައިޓެޑުން ލީޑު ނެގީވެސް ޕެނަލްޓީއެއްގައެވެ. އޭރިއާ ތެރެއިން އަރިޓްޒް އެލުސްޓޮންޑޯ، ޔުނައިޓެޑްގެ ޕެޓްރިކް ޑޯގޫއަށް ކުރި ފައުލަށް ލިބުނު ޕެނަލްޓީވެސް ކާމިޔާބުކުރީ ފެނާންޑޭޒެވެ.
ސޮސިއެދާދުން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތަށް އެންމެ ބޮޑު އުނދަގުލަކާ ދިމާވީ ޒުބެލްޑިއާއަށް ދެއްކި ރަތް ކާޑާއެކުގައެވެ. އެ ރަތް ކާޑާއެކު ޔުނައިޓެޑުން މެޗުގެ ކޮންޓްރޯލް ހޯދި އިރު، މެޗު ނިންމާލީ އިތުރު ދެ ގޯލާއެކުގައެވެ.
ފެނާންޑޭޒް ހެޓްރިކް ފުރިހަމަ ކުރި އިރު، ދެން އަނެއް ގޯލު ޖެހީ ޑިއޭގޯ ޑަލޯއެވެ.
ރޭ ޓޮޓެންހަމްއިންވެސް ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ޔަގީންކުރި އިރު، އެޓީމުން ފުރަތަމަ ލެގުގައި ބަލިވެފައި އޮވެ، ރޭ އަލްކްމާރު ކައިރިން މޮޅުވީ 3-1 އިންނެވެ. އޭގެ އިތުރުން ރޭންޖާސްއިން ވަނީ ޕެނަލްޓީ ޖަހައިދިން ފެނަބާޗޭ ކަޓުވާލައިފައެވެ. ލިޔޯސް ކުއާޓާއަށް ދިޔައީ ރޮމޭނިއާގެ އެފްސީއެސްބީއާ ވާދަކޮށެވެ.