މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމްއަކީ ތަޖުރިބާއެއް ނެތް، މާބޮޑަށް ކަންކަން ނޭނގޭ ކޯޗެއް ކަމަށް ކުރިން އެ ކްލަބަށް ކުޅުނު ފޯވަޑް، ވޭން ރޫނީ ބުނެފިއެވެ.
ޔުނައިޓެޑުން އެފްްއޭ ކަޕްގެ ފަސްވަނަ ބުރުގައި ކުޅުނު މެޗުގައި ފުލަމް ކައިރިން ބަލިވެ މުބާރާތުން ކަޓާފައިވާއިރު، އެ މެޗަށްފަހު އަމޯރިމް ބުނީ ޔުނައިޓެޑާއެކު ޓާގެޓަކީ ލީގު ހޯދުން ކަމަށެވެ. މާބޮޑަށް އެހެން ކަންކަމަށް ފޯކަސް ނުކޮށް، ދުރު ރާސްތާގައި ވިސްނާނީ ލީގު ހޯދުމަށް ކަމަށް އޭނާ ބުންޏެވެ.
އަމޯރިމް އެހެން ބުނުމުން އެކަމަށް ފާޑު ކިޔައި ރޫނީ ބުނީ އަމޯރިމް ލީގު ހޯދުމަށް ޓާގެޓް ކުރުން އެއީ މި ވަގުތަށް ބަލާއިރު، ކޮށި ވިސްނުމެއްގައި ބުނި އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެހެން ބުނަންޖެހޭ ވަގުތު ނާންނަ ކަމަށާއި މިހާރު އޮތް ހާލަތުން ޔުނައިޓެޑަށް އެކަހަލަ ވާހަކައެއްގެ ޕްރެޝަރު ހިފަހައްޓާ ނުލެވޭނެ ކަމަށްވެސް ރޫނީ ބުންޏެވެ.
ސްޓޫޑިއޯގައި އިނދެ ރޫނީ ބުނި ވާހަކައަށް އަމޯރިމް ފަހުން ރައްދު ދިނެވެ. އަމޯރިމް ބުނީ ލީގު ހޯދުމަކީ ޓާގެޓެެއް ނަމަވެސް މި ސީޒަނުގައި އެކަން ކުރާނެ ކަމަށް ނުބުނާ ކަމަށެވެ. ޔުނައިޓެޑްގެ ރެކޯޑު ގޯލު ޖެހުންތެރިޔާ ރޫނީއަށް ރައްދު ދޭ ކަމަށް ނުބުނި ނަމަވެސް، ރޫނީއަށް ޓާގެޓްކޮށް އަމޯރިމް ބުނީ ޓީމެއްގެ ކަންތައްތަކާ ވާހަކަ ދެއްކުމަކީ ފަސޭހަކަމެއް ކަމަށާއި ކޯޗުކަން ކުރުން އެއީ އުނދަގޫ ކަމެއް ކަމަށެވެ.
އަމޯރިމް އިތުރަށް ބުނީ އުމުރުން 40 އަހަރުގައި ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާން ލިބުނީ ކަންކަން އެނގޭތީ ކަމަށެވެ.