އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ރޭ ލީގުގައި ކުޅުނު މެޗުގައި ނިއުކާސަލް ބަލިކުރި އިރު، ދެވަނައިގައި އޮތް އާސެނަލުން ތިންވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓް ކައިރިން އެއްވަރުވެއްޖެއެވެ.
އާސެނަލް އަތުން އިތުރު ދެ ޕޮއިންޓް ގެއްލުމާއެކު މިވަގުތު ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 13 ޕޮއިންޓްގެ ފަރަގެއްގައެވެ. މިހާތަނަށް 28 މެޗު ލިވަޕޫލުން ކުޅެފައިވާ އިރު، އެޓީމުން ވަނީ 67 ޕޮއިންޓް ހޯދައިފައެވެ. ދެވަނައިގައި އޮތް އާސެނަލަށް 27 މެޗުން 54 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި ފޮރެސްޓް އޮތީ 27 މެޗުން 48 ޕޮއިންޓާއެކުގައެވެ.
ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ސަސްޕެންޝަނުގެ ސަަބަބުން ކޯޗު އާނޭ ސްލޮޓް ރޭގެ މެޗު ބަލަން އިނީ ބެންޗުން ބޭރުގައެވެ. ސްލޮޓަށް ދެމެޗުގެ ސަސްޕެންޝަނެއް އައިސްފައި ވަނީ އެވަޓަންއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި އޭނާއަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ.
ސީޒަނުގައި މޮޅުވުމުގެ ރަނގަޅު ސިލްސިލާއެއް ދަމަހައްޓަމުން އަންނަ ލިވަޕޫލުން މެޗުގެ 11 މިނެޓް ހިނގިތަނާ ލީޑު ނެގިއެވެ. އެއީ ޑޮމިނިކް ޒޮބޮސްލާއީ ޖަހައިދިން ގޯލެކެވެ. އެ ގޯލަކީ އޭނާ މިހާތަނަށް ލީގުގައި ޖެހި ފަސްވަނަ ގޯލެވެ.
އެންމެފަހުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ މޮޅުވި މެޗުގައިވެސް ސަޕޯޓަރުން ވަނީ ލީގު ޔަގީންވާނެ ކަމަށް ބުނާ ޗޭންޓެއް ކިޔައިފައެވެ. ރޭގެ މެޗުގެ ދެވަނަ ހާފުގައިވެސް އެ ޗޭންޓުން ދަނޑު ގުގުމާލި އިރު، މުހައްމަދު ސަލާހްގެ ބޯޅައަކުން އެޓީމުގެ ދެވަނަ ގޯލު ޖެހީ އެލެކްސިސް މެކް އަލިސްޓާއެވެ.
ނޮޓިންހަމް ފޮރެސްޓުން 0-0 ގެ ނަތީޖާއަކުން ރޭ އާސެނަލާ އެއްވަރުކުރި އިރު، މިއީ ފުލުފުލުގައި އާސެނަލަށް މޮޅެއް ނުލިބި ދިޔަ ދެވަނަ މެޗެވެ. އެޓީމުގެ ރޭގެ މެޗުގެ ކުރިން ބަލިވީ ވެސްޓް ހަމް ކައިރިންނެވެ.
ކުރިއަށް ކުޅޭ ބުކަޔޯ ސަކާއާއި ގެބްރިއަލް ޖީސަސްގެ އިތުރުން ގެބްރިއަލް މާޓިނެލީއާއި ކައި ހަވާޓްސް އަދި ލެއާންޑްރޯ ޓްރޮސާޑާއި މިކޭލް މޮރީނޯއަށްވެސް އަނިޔާވެ، މެޗު ގެއްލިފައިވާ އިރު، އާސެނަލް ގޯލެއް ޖެހުމާ އެންމެ ގާތަށް ޖެހިލީ ރިކާޑޯ ކަލަފިއޯރީ ބޮލުން ފޮނުވާލި ހަމަލާގައެވެ.
ކޯނަރަކަށް އަރައި އޭނާ ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ދަނޑީގައި ޖެހިފައެވެ. އަނެއްކޮޅުން ކްރިސް ވުޑްގެ ނުރައްކާތެރި ހަމަލާއެއް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފައެވެ.