ބްރެޒިލްގެ ލެޖެންޑަރީ ޑިފެންޑަރު މާސެލޯ ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފިއެވެ.
އުމުރުން 36 އަހަރުގެ މާސެލޯ ފުޓުބޯޅަ ހުއްޓާލިކަން އިއުލާނުކުރީ އިއްޔެއެވެ. އޭނާއަކީ ތާރީހުގައިވެސް އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވާ އެއް ކުޅުންތެރިޔާއެވެ. ބްރެޒިލް ގައުމީ ޓީމަށް މާސެލޯ ވަނީ 58 މެޗު ކުޅެފައެވެ.
ޒުވާން ދުވަސްވަރު ބްރެޒިލްގެ ފްލުމިނެންސްއަށް ކުޅުމަށްފަހު، އުމުރުން 18 އަހަރުގައި މާސެލޯ ވަނީ ރެއާލް މެޑްރިޑާ ގުޅިފައެވެ. އެއީ 2007 ވަނަ އަހަރުއެވެ. އެ ކްލަބާއެކު މާސެލޯ ވަނީ 25 ތަށްޓެއް ހޯދައިފައެވެ. އެ ކްލަބުގައި 15 އަހަރު ހޭދަކުރި އިރު، ފަސް ޗެމްޕިއަންސް ލީގާއި ހަ ލީގު ތަށި ކާމިޔާބު ކޮށްފައިވެއެވެ.
ރެއާލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަ ކުރި މާސެލޯ ވަނީ 2021 ވަނަ އަހަރުން ފެށިގެން އެ ކްލަބުގެ ކެޕްޓަން ބޭންޑްގައިވެސް ކުޅެފައެވެ. އޭނާ އަކީ 117 އަހަރަށްފަހު ސްޕެއިން ނޫން އެހެން ގައުމަކަށް ނިސްބަތްވި ކުޅުންތެރިޔަކަށް ރެއާލްގެ ކެޕްޓަންކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މާސެލޯ، 2022 ވަނަ އަހަރު ގްރީސްގެ އޮލިމްޕިއާކޮސްއަށް ބަދަލުވި ނަމަވެސް، އޭގެ ފަސްމަސް ފަހުން އެ ކްލަބުގެ އެއްބަސްވުން ބާތިލުކުރިއެވެ. އޭގެ ފަހުން އެނބުރި ފްލުމިނެންސަށް ގޮސް، ދެ ސީޒަން ހޭދަކުރިއެވެ. އޭނާ މިދިޔަ ނޮވެމްބަރު މަހު އެ ކްލަބު ދޫކޮށްލީ ކޯޗު މާނޯ މެނެޒެސްއާ މައްސަލަ ޖެހިގެންނެވެ.
މާސެލޯ ވަނީ ފްލުމިނެންސާއެކު ދެކުނު އެމެރިކާގެ ޗެމްޕިއަންކަންވެސް ހޯދައިފައެވެ.