މިދިޔަ މަހުގެ 21 ގައި ސްރީލަންކާގައި ދިން ބޮން ގޮއްވި ހާދިސާއާއި ގުޅިގެން އެގައުމުގެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކުރި ފުނަމާ އާދަމްއާއި ބައިކަނޑި ހަސަން ޖަލު ބަންދުން ދޫކޮށްލައިފިއެވެ.
އެދެމީހުންވެސް ދޫކޮށްލާފައި ވަނީ މިއަދުއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ، ދެ ދިވެހިން މިއަދު ދޫކޮށްލީ ލަންކާގެ ކޯޓުން ކަމަށެވެ.
އަދި ތިން ފަހަރަށް އެމީހުންގެ މުއްދަތު ޖަހައި ބަންދުގައި ބައިތިއްބި ނަމަވެސް އެ މީހުންގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައި ނުވާ ކަމަށް މިއުވާން ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ފުނަމާ އާދަމް އާއި ބައިކަނޑި ހަސަން މަނިކު ލަންކާއަށް ދިޔައީ ޑޮކްޓަރަށް ދެއްކުމަށެވެ. އެދެމީހުން ހައްޔަރުކުރީ އެމީހުން ތިބި ގެއިން އައިއެސް އުފެދިގެން އައި ގޮތާއި ބެހޭ ގޮތުން އެމެރިކާގެ ނޫސްވެރިއަކު ލިޔެފައިވާ ފޮތެއް ފެނިގެންކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ލަންކާގައި ޖާނުން ފިދާވެގެން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 250 އަށްވުރެ މައްޗަށް އަރާފައިވާ އިރު، ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނުގެ ދަށުން އެތައް ސަތޭކަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ ހަތިޔާރާއި ގޮވާތަކެއްޗާއި އެތަކެތި އުފައްދާން ބޭނުންކުރާ ސާމާނުވެސް ވަނީ ލަންކާގެ އެކި ސަރަހައްދުތަކުން ހޯދައިފަ އެވެ.