ދުނިޔެ

އިންޑިއާގެ މަސްވެރިން އުޅެނީ ލަންކާގެ މަސްވެރިކަން ފުނޑާލަން: ލަންކާ

މުހައްމަދު އައުޒަމް

އިންޑިއާގެ މަސްވެރިން އުޅެނީ ސްރީލަންކާގެ މަސްވެރިކަން ފުނޑާލަން ކަމަށް ބުނެ ލަންކާއިން ނުރުހުން ފާޅުކޮށްފިއެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި އެގައުމުގެ ޓްރާންސްޕޯޓް، ހައިވޭ، ޕޯޓްސް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު ބިމާލް ރަޓަނަޔަކެ ވަނީ އިންޑީއާގެ މެދުތެރޭ ސަރުކާރު ކަމަށްވާ ޓަމިލްނާޑޫގެ ސަރުކާރުން އިންޑިއާގެ މަސްވެރިންނާ މެދު ފިޔަވަޅު އެޅުމަށް ގޮވައިލައްވައިފައެވެ.

އިންޑިއާއިން ލަންކާ އަށް އެހީއެއް ވާނަމަ އެންމެ ފުރަތަމަ އެހީއެއްގެ ގޮތުގައި ބޭނުން ވަނީ އިންޑިއާގެ މަސްވެރިންގެ ސަބަބުން ލަންކާގެ މަސްވެރިކަމަށް ލިބެމުންދާ ގެއްލުން ކުޑަކުރުން ކަމަށްވެސް ބިމާލް ވިދާޅުވިއެވެ.

ލަންކާއިން ވަނީ އިންޑިއާގެ މަސްވެރިން ލަންކާގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށްވަދެ މަސްވެރިކަން ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވުމަށް ގޮވާލައިފައެވެ.

ލަންކާގެ އިދިކޮޅު ޕާޓީތަކުން ވަނީ ލަންކާ ސަރުކާރުން އިސްނަގައިގެން އިންޑީއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ހަމައަށްވެސް އެމައްސަލަ ގެންދިއުމަށް އެދިފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އަންނަ މަހު ލަންކާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.