ބާސްކެޓްބޯޅަ

ބާސްކެޓްބޯލް ކިންގްސް ކަޕްގެ ދެ ތަށިވެސް ލަންކާ އީގަލްސް އިން ކާމިޔާބުކޮށްފި

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ބާސްކެޓްބޯލް ސުޕަ ކަޕް އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ސްރީ ލަންކާގެ އީގަލްސް ކްލަބުން ހޯދައިފިއެވެ.

މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުތައް އިއްޔެ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ވަނީ ކުޅެފައެވެ.

ފިރިހެން ޑިވިޝަންގެ ތަށި އީގަލްސް އިން ނެގީ ރާއްޖޭގެ ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބު 77-71 އިން ބަލިކޮށްގެންނެވެ. އަންހެން ޑިވިޝަނުގެ ތަށި ލަންކާގެ އީގަލްސް އިން ނެގީ ރާއްޖޭގެ ކުއީންސް ބާސްކެޓްބޯލް ކްލަބާ ދެކޮޅަށެވެ. އެ މެޗު ލަންކާ އީގަލްސް އިން ކާމިޔާބުކުރީ 72-74 ގެ ސްކޯއަކުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި ސުޕަ ކަޕްގެ ފިރިހެން ޑިވިޝަންގައި ލަންކާގެ އީގަލްސް ކްލަބާއި ރާއްޖޭގެ ރެޑްވިންގްސްގެ އިތުރުން ދެން ވާދަކުރީ ޓީރެކްސް ބީސީއާއި ކިންގްސް ބީސީއެވެ. އަންހެން ޑިވިޝަންގައި އީގަލްސްއާއި ކުއީންސްގެ އިތުރުން ދެން ވާދަކުރީ އެލީޓް ސްޕޯޓްސް ބީސީއެވެ.

ފިރިހެން ފައިނަލުގައި ރެޑްވިންގްސް ފެށީ ވަރުގަދަކޮށެވެ. އެ ޓީމުން ފުރަތަމަ ކުއާޓާ ނިމުނުއިރު 25-17 އިން ކުރީގައި އޮތެވެ. ނަމަވެސް ދެން ކުޅުނު ދެ ކުއާޓާގައި ރެޑްވިންގްސް ފެނުނީ މާބޮޑަށްވެސް ދަށްކޮށެވެ. އެ ދެ ކުއާޓާ އިން ލީޑު ނަގައި، އީގަލްސް އިން ވަނީ މެޗުން މޮޅުވާން ފުރުސަތު ބޮޑުކޮށްފައެވެ. އެންމެފަހު ކުއާޓާގައި ރެޑްވިންގްސް މޮޅަށް ކުޅުނު ނަމަވެސް ނިންމާލަން ޖެހުނީ ރިހި މެޑަލް އާއެކުގައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އީގަލްސްގެ މަހަބަދޫގޭ ނިމޭޝްއެވެ.

އަންހެން ޑިވިޝަންގެ ފައިނަލަށް ކުއީންސް ނުކުތީ ލީގު ބުރުގައި އީގަލްސް ބަލިކޮށްފައި އޮވެގެންނެވެ. ކުއީސް ފެވަރިޓުންގެ ގޮތުގައި ނުކުމެ، ފުރަތަމަ ކުއާޓާ ފެނުނީ ހަމަހަމަ ކޮށެވެ. އެއް ޕޮއިންޓްގެ ފަރަގަކުން އީގަލްސް ކުރީގައި އޮވެ ފުރަތަމަ ކުއާޓާ ނިންމާލި ނަމަވެސް، ދެން ކުޅުނު ދެ ކުއާޓާގައިވެސް ކުއީންސް ކުރި ހޯދިއެވެ. ނަމަވެސް އެންމެފަހު ކުއާޓާގައި ކުއީންސްއަށް ލީޑު ދަމަހައްޓަން އުނދަގޫވެ، ހަނި ގޮތަކަށް ބަލިވިއެވެ.

އަންހެން ޑިވިޝަންގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ 22 އަހަރުގެ ދިގު ކެރިއަރަކަށްފަހު ބާސްކެޓުން ރިޓަޔާކުރި ރާއްޖޭގެ ލެޖެންޑަރީ ކުޅުންތެރިޔާ ކުއީންސްގެ ފާތިމަތު ރިޝްމާއެވެ.