މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)

ސާބާ މުބާރާތުން ރާއްޖެއަށް ފުރަތަމަ ރިހި މެޑަލް

އިންޑިއާގެ ނިއުދިއްލީގައި ކުރިއަށް ދިޔަ އުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ވިމެންސް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ ކައިރިން ބަލިވި ނަމަވެސް، ރާއްޖެއިން ތާރީހީ ރިހި މެޑަލް ހޯދައިފިއެވެ.

މީގެ ކުރިން ރާއްޖެއަށް ސާބާ މުބާރާތުގެ ފައިނަލުން ޖާގަ ލިބިފައި ނުވާ އިރު، 2016 ވަަނަ އަހަރާއި 2022 ވަނަ އަހަރު މުބާރާތުން ލިބުނީ ލޯ މެޑަލްއެވެ. އެހެންކަމުން މިއީ މުޅިން އަލަށް ސާބާ މުބާރާތުން ރާއްޖެއަށް ލިބުނު ރިހި މެޑަލްއެވެ.

މިފަހަރުގެ މުބާރާތް ތިން ގައުމުގެ މެދުގައި ކުރިއަށްދާ އިރު، ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ މުބާރާތް ބާއްވާ އިންޑިއާއާއި ނޭޕާލެވެ. ރާއްޖެ ފައިނަލަށް ދިޔައީ އެންމެފަހުން މުބާރާތުގެ ފައިނަލުގައި އެއްކޮޅުން ކުޅުނު ނޭޕާލް ބަލިކޮށްފައެވެ.

ވަރުގަދަ އިންޑިއާ ކައިރިން ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއިން 113-25 އިން ބަލިވި އިރު، އިއްޔެގެ ފައިނަލުގައި އިންޑިއާއިން ރާއްޖެ ބަލިކުރީ 107-32 އިންނެވެ.

ރާއްޖޭގެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ހަތް ޕޮއިންޓް ސްކޯކުރި ރައިފާ އިބްރާހިމެވެ. ދެން، ޓީމަށް އެންމެ ގިނަ ޕޮއިންޓް ސްކޯކޮށްދިނީ، ފާތިމަތު އީހައު ޝަމީމް އަދި އައިމިނަތު ޝިއުރާ އަބްދުލް ބާރީއެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ސާބިއާގެ ވްލަޑިމީރް ސްވެޖިޗެވެ. އޭނާ ޓީމާ ހަވާލުވީ ދުވަސްކޮޅެއް ކުރީންނެވެ. އޭގެ ކުރިން ޓީމު ތަމްރީނު ކުރުމުގައި މަސައްކަތް ކުރީ އެސިސްޓަންޓް ކޯޗު، ގުރައިޝް އަފްރާހު (ގުރޭ) އެވެ.