މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)

ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިންތިހާބު އަންނަ މަހުގެ 14 ގައި، މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

މުޙައްމަދު ޝަމްޢޫން

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ އިންތިހާބު އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވަން ނިންމައި، އެކަން އިއުލާނުކޮށްފިއެވެ.

އެމްބީއޭ އިން މިއަދު ގެޒެޓް ކޮށްފައިވާ އިއުލާނުގައި ވަނީ 2024 އިން 2028 ވަނަ އަހަރަށް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބުކުރުމަށްޓަކައި ބޭއްވޭ ހާއްސަ އާއްމު ޖަލްސާ އަންނަ މަހުގެ 14 ވާ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޖަލްސާ އޮންނާނީ ހ. ބޯޅަގޭގައި ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އެމްބީއޭގެ އިއުލާނުގައި ބުނީ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ 13:30 ކަމަށެވެ.

ހިންގާ ކޮމިޓީއަށް ކުރިމަތިލާން ހުޅުވާލާފައިވާ މަގާމުތަކަކީ ރައީސާއި ނައިބު ރައީސްގެ މަގާމުގެ އިތުރުން ސެކްރެޓަރީ ޖެނެރަލާއި ފަސް މެމްބަރުންނަށެވެ. ނައިބު ރައީސް އިދާރީ އާއި މާލީއަށް ވަކިން ކުރިމަތިލާން ފުރުސަތު ހުޅުވާލާފައިވާ އިރު، އެ ބަދަލަކީ ދާދިފަހުން އެމްބީއޭގެ އަސާސީ ގަވާއިދު އިސްލާހުކޮށް ގެނެސްފައިވާ ބަދަލެކެވެ.

އެމްބީއޭ އިންތިހާބުގައި ވޯޓުލުމަށް ޝަރުތު ފުރިހަމަވާ މެމްބަރު ކްލަބު އަދި ޖަމިއްޔާތައް ތަމްސީލުކުރާ މަންދޫބުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ޕްރޮކްސީ ފޯމުވެސް ހުށަހަޅަން މިހާރު ވަނީ ހުޅުވާލައިފައެވެ. އެ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 11 ވާ ބުދަ ދުވަހުގެ 13:30 އެވެ. ދެ ފޯމުވެސް ހުށަހަޅަން ޖެހެނީ އެމްބީއޭގެ އިދާރާއަށެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ފުރިހަމަ މެމްބަރުންގެ ނަންތަކުގެ ލިސްޓެއްވެސް އެސޯސިއޭޝަނުން އާއްމުކޮށްފައިވާ އިރު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ 13:30 އާ ހަމައަށެވެ.

އެމްބީއޭގެ އިންތިހާބުގައި ވޯޓުލެވޭ މެމްބަރު 20 ކްލަބު

  • ބެންޗް ސްޕޯޓްސް ކުލަބް
  • ރައިސިންގް ބާސްކެޓްބޯލް އެކަޑަމީ
  • ސައިކްލޯން ބާސްކެޓްބޯލް ކުލަބް
  • ރޯޔަލްސް ބާސްކެޓްބޯލް ކުލަބް
  • އެލީޓް ސްޕޯޓްސް ކުލަބް
  • ސްޕާޓަންސް ސްޕޯޓްސް ކުލަބް
  • ހުޅުމާލެ ސްޕޯޓްސް ކުލަބް
  • ސްޓިންޖާސް ބާސްކެޓްބޯލް ކުލަބް
  • ކިންގްސް ބާސްކެޓްބޯލް ކުލަބް
  • ދަ ބައުސް ސްޕޯޓްސް ކުލަބް
  • އެލް.ކިޔު ސްޕޯޓްސް ކުލަބް
  • ޓީ-ރެކްސް ބާސްކެޓްބޯލް ކުލަބް
  • ލަޔަނެސް ސްޕޯޓްސް
  • ޓެލަންސް ބާސްކެޓްބޯލް ކުލަބް
  • ކުއީންސް ބާސްކެޓްބޯލް ކުލަބް
  • ޔުނައިޓެޑް ނެޓްވާކް އޮފް ފްރެންޑްސް
  • ރެޕްޓާސް ބާސްކެޓްބޯލް ކުލަބް
  • ވައިޕާސް ބާސްކެޓްބޯލް ކުލަބް
  • ރެޑް ވިންގްސް ބާސްކެޓްބޯލް ކުލަބް
  • ޑަބްލިޔު ސްޕޯޓްސް އެކަޑަމީ