މުޙައްމަދު ޝަމްޢޫން
އިންޑިއާގެ ނިއުދިއްލީގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ވިމެންސް ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖެ ދަތުރުކޮށްފިއެވެ.
ރާއްޖޭގެ އަންހެން ބާސްކެޓް ޓީމުން ފައިނަލަށް ދަތުރުކުރީ އިއްޔެ ކުޅުނު މެޗުން ނޭޕާލް ބަލިކޮށްގެންނެވެ. އެއީ 53-46 ގެ ސްކޯއަކުންނެވެ. މީގެ ކުރިން ރާއްޖެއަށް ސާބާ މުބާރާތުގެ ފައިނަލުން ޖާގަ ލިބިފައި ނުވާ އިރު، 2016 ވަަނަ އަހަރާއި 2022 ވަނަ އަހަރު މުބާރާތުން ލިބުނީ ލޯ މެޑަލްއެވެ.
މިފަހަރުގެ މުބާރާތް ތިން ގައުމުގެ މެދުގައި ކުރިއަށްދާ އިރު، ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ މުބާރާތް ބާއްވާ އިންޑިއާއާއި ނޭޕާލެވެ. ފައިނަލަށް ޓީމުތައް ދާނީ ލީގު ބުރުގެ ނަތީޖާއިންނެވެ. މިފަހަރު މުބާރާތުގައި ސްރީ ލަންކާ ބައިވެރިވި ނަމަވެސް، އެޓީމުން ވަނީ ފަހުވަގުތު ނަން ނަގައިފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިއާއިން ވަނީ 113-32 އިން ނޭޕާލް ބަލިކޮށްފައެވެ. އެހެންކަމުން ދެވަނަ މެޗުގައި ރާއްޖޭން ނޭޕާލް ބަލިކުރުމުން، ރާއްޖެއަށް ވަނީ ފައިނަލް ޔަގީންވެފައެވެ.
އިއްޔެގެ މެޗުގައި ރާއްޖޭ ޓީމުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 19 ޕޮއިންޓް ސްކޯކުރި ރައިފާ އިބްރާހިމެވެ. އޭގެ އިތުރުން މޮޅަށް ކުޅުނު އައިމިނަތު ޝިއުރާ އަބްދުލްބާރީ 11 ޕޮއިންޓް ސްކޯކުރި އިރު، އިސްރާއު އަބްދުލްޝުކޫރު (އިއްކޮ) ވަނީ 15 ޕޮއިންޓް ސްކޯކޮށްފައެވެ.
މުބާރާތުގެ ފައިނަލް މެޗު އަންނަ ބުދަ ދުވަހު ކުޅޭއިރު، ލީގު ބުރުގައި އިންޑިއާއާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗު އޮންނާނީ މިއަދުއެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ސާބިއާގެ ވްލަޑިމީރް ސްވެޖިޗެވެ. އޭނާ ޓީމާ ހަވާލުވީ ދުވަސްކޮޅެއް ކުރީންނެވެ. އޭގެ ކުރިން ޓީމު ތަމްރީނު ކުރުމުގައި މަސައްކަތް ކުރީ އެސިސްޓަންޓް ކޯޗު، ގުރައިޝް އަފްރާހު (ގުރޭ) އެވެ.