މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ ކުރިއަށް އޮތް ދައުރުގެ ރައީސްގެ މަގާމަށްވެސް އަހުމަދު އާދަމް (އެޑަމް) އިންތިހާބުވެއްޖެއެވެ.
އެޑަމްއަކީ މި ނިމޭ ދައުރުގެ ވެސް އެމްބީގެ ރައީސެވެ. އެޑަމްއާ އެކު އާ ހިންގާ ކޮމިޓީއެއް އިންތިހާބު ކުރަން އެމްބީއޭއިން ހާއްސަ އާއްމު ޖަލްސާއެއް ބޭއްވީ ހޮނިހިރު ދުވަހުގެ ރޭގައެވެ. އެ ޖަލްސާގައި އިތުރު މަގާމުތަކަށްވެސް މީހުން އިންތިހާބު ކޮށްފައިވެއެވެ.
އެމްބީއޭއިން އިންތިހާބު އިއުލާނުކޮށް، މަގާމުތަކަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ މަހުގެ ތެރޭގައެވެ. މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގެ ސުންގަޑި ހަމަވި އިރު، ކޮންމެ މަގާމަކަށް ވެސް ކުރިމަތިލީ އެންމެ މީހެކެވެ. އެހެންކަމުން އާއްމު ބައްދަލުވުމުގައި ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ.
އެމްބީއޭގެ 20 ކްލަބަކަށް ވޯޓުލުމުގެ ޝަރުތު ފުރިހަމަވާ އިރު، ޕްރޮކްސީންގެ ނަން ހުށަހަޅަން ދިން މުއްދަތުުގެ ތެރޭގައި އެކަން ފުރިހަމަކޮށް، އިންތިހާބުގައި ބައިވެރިވީ 12 ކްލަބަކުންނެވެ.
އަލަށް އެޑަމްއާއެކު އިންތިހާބު ހިންގާ ކޮމިޓީ އިންތިހާބުވެފައި ވަނީ ފުރިހަމަ އަގުލަބިއްޔަތުންނެވެ.
އެމްބީގެ އިންތިހާބުގައި ނައިބު ރައީސް އިދާރީ އަކަށް ހޮވިފައި ވަނީ ހުސެއިން ސުހެއިލެވެ. ނައިބު ރައީސް މާލީއަކަށް އިންތިހާބު ކޮށްފައި ވަނީ އިސްމާއިލް ނުޖައިމީ އިބްރާހިމެވެ. ސެކްރެޓަރީ ޖެނެރަލްއަކަށް މިހާރުވެސް އެ މަގާމު ފުރުއްވަމުން އަންނަ ވިސާމް ރަޝީދު އައްޔަން ކޮށްފައިވާ އިރު، ހިންގާ ކޮމިޓީގެ ފުރިހަމަ މެމްބަރުންގެ ގޮތުގައި އިންތިހާބުވީ، އަހުމަދު އަފްޝަން ރަޝާދު، އާދަމް މުހައްމަދު، ހުސެއިން އަދުހަމް އަލީ، މުހައްމަދު ނަސީރު އަދި އަހުމަދު ގާސިމް (އަހޫ) އެވެ.