ސްޕެއިންގެ ބާސެލޯނާގެ ކެޕްޓަން، އެޓީމުގެ އެއް ނަމްބަރު ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގެންއަށް އަނިޔާވުމާއެކު އެ ކްލަބުން ބަދަލުގައި ގޯލްކީޕަރެއް ހޯދުމަށް ކުރި މަސައްކަތުގައި ވޯޝެކް ޝެޒްނީ ގެންދަން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ނޫސްތަކުން ކަށަވަރުކޮށްދީފިއެވެ.
ޓްރާންސްފާ މާކެޓް ބަންދުވެފައި އޮތުމާއެކު ބާސާއަށް މިވަގުތު ހޯދެން އޮތް ހައްލަކީ އެކަޑެމީގެ ގޯލްކީޕަރެއް ފުރަތަމަ ޓީމަށް ޕްރޮމޯޓް ކުރުން ނުވަތަ ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ގޯލްކީޕަރެއްގެ ސޮއި ހޯދުމެވެ. ފްރީ އެޖެންޓުންގެ ގޮތުގައި ބާސާއިން ބަލަމުންދިޔަ އެއް ގޯލްކީޕަރަކީ ރިޓަޔާކޮށްފައި ހުރި ޝެޒްނީ އެވެ.
އިތުބާރު ނޫސްތަކުން ބުނެފައި ވަނީ ޝެޒްނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބާސާއަށް ދާން އެއްބަސްވެފައިވާ ކަމަށެވެ.
ޝެޒްނީ އުމުރުން 34 އަހަރުގައި ފުޓުބޯޅަ ހުއްޓާލިކަން އިއުލާނުކުރީ އޮގަސްޓް މަހުގެ ތެރޭގައެވެ. އުމުރުން 16 އަހަރުގައި އާސެނަލުން ކެރިއަރު ފެށި ޝެޒްނީ އެ ކްލަބަށް 181 މެޗު ކުޅެފައިވެއެވެ. އޭގެފަހުން 2017 ވަނަ އަހަރު ޝެޒްނީ ޔުވެންޓަސްއަށް ބަދަލުވެ، އެކްލަބަށް ވަނީ 252 މެޗު ކުޅެފައެވެ. ޔުވެންޓަސްއާއެކު ޝެޒްނީ ވަނީ ބޮޑު 8 ތަށި ހޯދައިފައެވެ. ޔުވެންޓަސްއިން ވަނީ މިދިޔަ ސީޒަނަށްފަހު ޝެޒްނީ ދޫކޮށްލައިފައެވެ.
ވާސޯއަށް އުފަން ޝެޒްނީ ވަނީ ޕޮލެންޑް ގައުމީ ޓީމަށް 84 މެޗު ކުޅެފައެވެ. ގައުމީ ޓީމާއެކު ޝެޒްނީ ވަނީ ޔޫރޯގެ ހަތަރު މުބާރާތް، ދެ ވޯލްޑް ކަޕްވެސް ކުޅެފައެވެ.
ބާސާއިން މިދިޔަ ހަފުތާގެލީގުގައި ކުޅުނު މެޗުގައި ސްޓެގެންއަށް އަނިޔާވެ ސްޓްރެޗާގައި ބާލަން ޖެހުނު އިރު، އޭނާ ވަނީ މިހާރު ކަކުލުގެ ސާޖަރީއެއް ފުރިހަމަކޮށްފައެވެ. އެހެންކަމުން އެނބުރި އަންނާނެ ކަމަށް ބެލެވެނީ އަށެއްކަ މަސް ފަހުންނެވެ.
ސްޓެގެން ބާސާއަށް 400 މެޗު ކުޅެފައިވާ އިރު، އޭނާ އެ ކްލަބާ ގުޅިފައިވަނީ 2014 ވަނަ އަހަރު ބްރޫޝިއާ މޮންޗެންގްލެޑްބެޗުންނެވެ. ސްޓެގެންއަކީ މިވަގުތު ޖަރުމަނު ގައުމީ ޓީމުގެވެސް އެއް ނަމްބަރު ގޯލްކީޕަރެވެ.