ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ރަޔޯ ވަޔެކާނޯ ކައިރިން މޮޅުވެއްޖެއެވެ.
ބާސާއިން ރޭ އަމިއްލަ ދަނޑައި ރަޔޯ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ހަނި މޮޅާއެކު އެޓީމުން ވަނީ ޑިސެމްބަރު މަހަށްފަހު ފުރަތަމަ ފަހަރަށް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ.
ރޭގެ މެޗަށް ނުކުތްއިރު، ބާސާއަށް މޮޅަކާއެކު އެއްވަނައަށް އެރުމަށް ފުރުސަތު އޮތީ މިހަފުތާގައި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑުންވެސް ކުޅުނު މެޗުތަކުން އެއްވަރުވެފައި އޮތުމުންނެވެ. މިވަގުތު އެއްވަނައިގައި އޮތް ބާސާއާއި ދެވަނައިގައި އޮތް ރެއާލަށްވެސް 24 މެޗުން 51 ޕޮއިންޓް ލިބިފައިވާ އިރު، ބާސާ އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ބޮޑު ތަފާތަކުންނެވެ.
ތިންވަނައިގައި އޮތް އެތުލެޓިކޯވެސް ތަށީގެ ރޭހުގައި ކުރިއަށްދާ އިރު، އެޓީމަށް 24 މެޗުން ވަނީ 50 ޕޮއިންޓް ލިބިފައެވެ.
ރޭގެ މެޗުގެ 28 ވަނަ މިނެޓުގައި ބާސާއިން ލީޑު ނެގީ ޕެނަލްޓީއަކުންނެވެ. ރަޔޯގެ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު ޕަތޭ ސިސް، އިންޑިގޯ މާޓީނޭޒަށް ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކުރީ ރޮބާޓް ލެވަންޑޯސްކީ އެވެ. އެއީ އޭނާ މި ސީޒަނުގައި ޖެހި 32 ވަނަ ގޯލެވެ.
އޭގެ ފަހުން ފުރަތަމަ ހާފުގައި ބާސާ އޭރިއާ ތެރެއިން ޑިފެންޑަރު އިނީގޯ، ސިސް ވައްޓާލުމުން ރެފްރީ ޕެނަލްޓީ ނުދީގެން ރަޔޯއިން ޝަކުވާކޮށްފައި ވަނިކޮށް، އަރިމަތިން ހުރަސްވި ބޯޅައެއްގައި ރަޔޯގެ ހޯހޭ ޑެ ފްރޫޓޯސް ފޮނުވާލި ބޯޅައެއް ގޯލަށްވެސް ވައްދާލިއެވެ.
އެހެންނަވެސް ރެފްރީ އެއީ ގޯލަކަށް ނުބެލިއެވެ. އެއީ ރަޔޯގެ ފޯވަޑް ރެންޑީ އެންޓެކާ، އޭރިއާ ތެރެއިން ބާސާ ޑިފެންޑަރު އިނީގޯއަށް ހުރަސް އެޅިއިރު އޮފްސައިޑްގައި އޮތް ކަމަށް ބުނެއެވެ.
ދެވަނަ ހާފުގައި ބާސާއިން ބޮޑަށް ނުރައްކާކުރި އިރު، އެންމެފަހު މިނެޓުކޮޅުގައި ރަޔޯއިން އެއްވަރުކުރަން ކުރި މަސައްކަތްވެސް ކާމިޔާބެއް ނުވިއެވެ.