ސްޕެނިޝް ލަ ލީގާގައި ރޭ ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑުން ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.
ބާސާއިން ރޭ ރަށުން ބޭރުގައި ލަސް ޕަލްމާސް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ބާސާ އެއްވަނައަށް ޖެހިލި އިރު، މިވަގުތު ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުވެސް ރޭ ވަނީ ވެލެންސިއާ ކައިރިން 3-0 އިން މޮޅުވެފައެވެ.
ބާސާ ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ 25 މެޗުން 54 ޕޮއިންޓާއެކުގައެވެ. އެތުލެޓިކޯއަށް 25 މެޗުން 53 ޕޮއިންޓް ލިބިފައިވާ އިރު، ދެން ތަށްޓަށް ވާދަކުރަމުންދާ އެންމެފަހުގެ ޗެމްޕިއަން ރެއާލްއަށް 24 މެޗުން ލިބިފައި ވަނީ 51 ޕޮއިންޓެވެ. ރެއާލުން މިރޭ ޖިރޯނާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ. ބާސާއާ ޕޮއިންޓް އެއްވަރުކުރުމަށް ފުރުސަތު އެބައޮތެވެ.
ބާސާއިން ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުން ފެށިގެން އެޓީމުން މެޗު ކޮންޓްރޯލް ކުރަމުން ދިޔަ ނަމަވެސް، ގޯލެއް ފެނިގެން ދިޔައީ ގާތްގަނޑަކަށް 60 ވަރަކަށް މިނެޓްފަހުންނެވެ. މެޗުގެ 62 ވަނަ މިނެޓުގައި ބާސާއަށް ލީޑު ނަގައިދިނީ ބަދަލަކަށް ނުކުތް ޑެނީ އޮލްމޯއެވެ.
އެ ގޯލަށްފަހު ލަސް ޕަލްމާސްއިން ކޮންމެވެސް ވަރަކަށް ނުރައްކާ ކުރި ނަމަވެސް، މެޗު ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް، ބާސާއިން ވަނީ ތިން ޕޮއިންޓް ޔަގީންކޮށްފައެވެ. އެއީވެސް ބަދަލަކަށް ނުކުތް ކުޅުންތެރިއެއް ކަމަށްވާ ފެރާން ޓޮރެސް ޖަހައިދިން ގޯލެކެވެ.
އެތުލެޓިކޯ މެޑްރިޑުން ރޭ ވެލެންސިއާ ބަލިކުރި މެޗުގައި ޖޫލިއަން އަލްވަރޭޒް ދެ ގޯލު ޖަހައިދީފައިވާ އިރު، ދެން އެޓީމުގެ ގޯލު ޖަހައިދިނީ އަންޖެލް ކޮރެއާއެވެ.