މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ޑިފެންޑަރު ކްރިސް ސްމޯލިންގް، ސައުދީ އަރަބިއާގެ އަލް ފައިހާއަށް ސޮއިކޮށްފިއެވެ.
އިޓަލީގެ ރޯމާ ދޫކޮށްލުމަށްފަހު އުމުރުން 36 އަހަރުގެ ސްމޯލިންގް، އަލް ފައިހާއާ ގުޅުނީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އެހެންކަމުން އޭނާ ސޮއިކުރި އެ ކްލަބުގެ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ 2026 ގައެވެ.
ސްމޯލިންގް ވަނީ ރޯމާގައި ފަސް ސީޒަން ހޭދަކޮށްފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ރޯމާއަށް 155 މެޗު ކުޅެ، ދިހަ ގޯލު ކާމިޔާބުކޮށްދީފައެވެ.
މިސީޒަނުގައި ރޯމާ އިން ކުޅުނު ތިން މެޗުގެ ސްކޮޑުގައި ވެސް ސްމޯލިންގް ހިމެނިގެންދިޔައެވެ. ނަމަވެސް އެއިން އެއްވެސް މެޗެއްގައި އޭނާ ކުޅެން ނުކުމެފައެއް ނުވެއެވެ. އޭގެ ތެރޭގައި މިދިޔަ އާދީއްތަ ދުވަހު ޔުވެންޓަސްއާ ދެކޮޅަށް ކުޅެ، 0-0 ގެ ނަތީޖާއަކުން އެއްވަރުވި މެޗު ވެސް ހިމެނެއެވެ.
ސްމޯލިންގް 2019 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ރޯމާއާ ފުރަތަމަ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ޖެހިގެން އައި އަހަރު ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން އޭނާ ރޯމާއާ ގުޅުނެވެ.
ސްމޯލިންގް ވަނީ 2022 ވަނަ އަހަރުގެ ކޮންފަރެންސް ލީގު ރޯމާއަށް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. އަދި ޖެހިގެން އައި އަހަރު ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރުކުރި ނަމަވެސް، ސެވިއްޔާ އަތުން ރޯމާ ވަނީ ބަލިވެފައެވެ.
ރޯމާއާ ގުޅުމުގެ ކުރިން ސްމޯލިންގް ވަނީ ޔުނައިޓެޑަށް 323 މެޗު ކުޅެފައެވެ. ޔުނައިޓެޑުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ ކްލަބާއެކު ދެ އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕެއް އަދި ޔޫރޮޕާ ލީގެއް ވެސް ކާމިޔާބުކޮށްފައެވެ. ސްމޯލިންގް ވަނީ އިނގިރޭސި ގައުމީ ޓީމަށް ވެސް 31 މެޗެއް ކުޅެފައެވެ.