އަލް އުސްތާޛް އަޙްމަދު މާޖިދު
ދިވެހިރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ފިރިހެނަކު، މާލޭގެ މަގުމަތީން ބުޅާ ހިފައި އެ ބުޅާތައް ކަތިލައިގެން އޭގެ މަހުން ކާއެއްޗެތި ތައްޔާރު ކޮށް ދިވެހީންނަށް ވިއްކާކަމުގެ މައްސަލައެއް ދާދި ފަހުން ވަނީ ފެންމަތި ވެފައެވެ. އޭނާ ބުޅާމަހުން ތައްޔާރު ކުރާ އެއްޗެތި ދިވެހީންގެ އެތައް ބަޔަކަށް ވަނީ ނޭނގުމުގެ ތެރޭގައި ކެވިފައެވެ.
މިކަމާ މެދުގައި އެކިއެކި މަންޒޫރުތަކުން އެކިއެކި ވާހަކަތައް ދެކެވިދާނެއެވެ.
* * * *
އެއް ވާހަކައަކީ، އިސްލާމީ ޝަރީޢަތުގައި ބުޅާމަސް ކެއުން ހުއްދަތޯ ނުވަތަ ނޫންތޯ މި ސުވާލާ މެދު ދައްކާން ހުރި ވާހަކައެވެ. އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވާތީ، އަޅުގަނޑުމެން ކައިބޮއިހަދާ ކޮންމެ އެއްޗަކީ ވެސް ޝަރީޢަތުގައި އެ އެއްޗެއް ކެއުން ނުވަތަ ބުއިން ހުއްދަ، ޙަލާލު އެއްޗެއްކަން ކަށަވަރު ކުރުމަކީ ދީނީ ވާޖިބަކަށް ވާތީއެވެ. އެގޮތުން، ބުޅާމަހަކީ ކެއުން ޙަލާލު މަހެއްތޯ ނުވަތަ ޙަރާމް އެއްޗެއްތޯ މި މައުޟޫޢަށް ފޭސްބުކްގައި ޑރ. މޫސާ އަންވަރު ޙަސަން ލިޔުއްވައިފައި ވާ ބަޔާނެއްގެ ބައެއް ބައިތައް މި ތަނުގައި ނަކަލު ކޮށްލާނަމެވެ.
ޑރ. އަންވަރު ވިދާޅުވެފައި ވެއެވެ. "ބުޅަލުގެ މަސް ކެއުން ހުއްދައެއް ނުވެއެވެ. أبو ثعلبة الخشني رضي الله عنه ރިވާ ކުރައްވައިފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: (نَهَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ كُلِّ ذِي نَابٍ مِنْ السِّبَاعِ ) "ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ (ތޫނު އަދި ޝިކާރަ ކުރުމަށް ބޭނުން ކުރާ) ދަތްގަނޑު ހުންނަ ކޮންމެ ޖަނަވާރެއް މަސް ކެއުން މަނާކުރެއްވިއެވެ." رواه البخاري (5101) ومسلم (3571) ބުޅާ މި ޙަދީޘްގެ އާންމު މާނައިގެ ތެރެއަށް ވަންނަނީ އެއީ ޝިކާރަކޮށް އަދި ވީދައިގެން ކާ ޖަނަވާރަކަށް ވާތީއެވެ.
ابن قدامة رحمه الله ވިދާޅުވެފައި ވެއެވެ. "ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ ވަރުގަދަ ދަތްގަނޑު ހުންނަ، އެއިން އަނިޔާކޮށް ވަރުގަދަކޮށް ކަނޑާލާ ކޮންމެ ވަހުޝީ ޖަނަވާރެއް ޙަރާމްވެގެންވާ ކަމަށެވެ. މި ގޮތަށް ވިދާޅުވާ ޢިލްމުވެރިންގެ ތެރޭގައި މާލިކް، ޝާފިޢީ، އަބޫ ޘައުރު، ޙަދީޘްވެރިން، އަބޫ ޙަނީފާ އަދި އެކަލޭގެފާނުގެ އަޞްޙާބުން ހިމެނެއެވެ." "އަލްމުޣުނީ (9/326)
ابن عباس رضي الله عنهما ގެ ކިބައިން އަބޫ ދާވޫދު ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ: (نهى رسول الله صلى الله عليه وسلم عن كل ذي ناب من السباع وكل ذي مخلب من الطير) މާނައީ: "رسول الله صلى الله عليه وسلم (ތޫނު އަދި ޝިކާރަ ކުރުމަށް ބޭނުން ކުރާ) ދަތްގަނޑު ހުންނަ ކޮންމެ ވަހުޝީ ޖަނަވާރަކާއި ވަކި ނިޔަފަތި ހުންނަ ކޮންމެ ދޫންޏެއްގެ މަސް ކެއުން މަނާކުރެއްވިއެވެ." (علماء اللجنة الدائمة (22/292)) (الشيخ عبد العزيز بن عبد الله بن باز، الشيخ عبد الرزاق عفيفي ، الشيخ عبد الله بن غديان)
... މިކަން ކަށަވަރު ކޮށްދެނީ رسول الله صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅުންނެވެ. (أكل كل ذي ناب من السباع حرام) މާނައީ: "ދަތްގަދަ (ޔަޢުނީ، ތޫނު އަދި ޝިކާރަ ކުރުމަށް ބޭނުން ކުރާ ފަދަ ދަތްތައް) ވަޙްޝީ ޖަނަވާރުތަކުގެ މަސް ކެއުން ޙަރާމްވެގެންވެއެވެ." ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޞަޙީޙް މުސްލިމްގައި ވާރިދު ވެފައިވާ ގޮތުގައި رسول الله صلى الله عليه وسلم "ދަތްގަދަ ވަޙްޝީ ޖަނަވާރުތަކުގެ މަސް ކެއުން މަނާކުރެއްވިއެވެ." އަދި މީގެ ތެރޭގައި ކުއްތާއާއި ބުޅާ ވެސް ހިމެނެއެވެ. އަދި ތިރްމިޛީއާއި އަބޫ ދާވޫދު، ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާ ކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ: "ނަބިއްޔާ صلى الله عليه وسلم ބުޅަލުގެ ގެ މަސް ކެއުން މަނާކުރެއްވިއެވެ." ... هذا والله أعلم"
* * * *
ޝަރްޢީ ގޮތުން އެއްޗެއް ކެއުން ނުވަތަ ބުއިން މަނާ ވުމުން، މުސްލިމުން އެ އެއްޗަކާ ދުރުހެލި ވުމަށް ޓަކައި އިތުރު ސަބަބަކަށް ބޭނުމެއް ނުވެއެވެ. އިތުރު ސަބަބެއް ހޯދާކަށް ވެސް ނުޖެހެއެވެ. ނަމަވެސް ޙަރާމް އެއްޗަކުން އިންސާނާއަށް ލިބޭ ގެއްލުންތައް ދެނެގަތުމީ ޢިލްމީ މަސައްކަތަކަށް ވާތީ އާއި، އޭގެ ސަބަބުން ޝަރްޢީ ޙުކުމުގެ ޙިކުމަތާއި މަޤްޞަދުތައް ދެނެގަތުމަށް ފަސޭހަ ވާނެތީ، އެއީ ކުރުން އެދެވިގެން ވާ ކަމެކެވެ. އެގޮތުން، ބުޅާމަހުން ލިބިދާނޭ ޞިއްޙީ ގެއްލުންތަކުގެ ވާހަކައަކީ ވެސް މުހިއްމު ވާހަކައެކެވެ.
ސައެންސް ޑެއިލީ މަޖައްލާގެ ވެބްސައިޓުގައި ޝާއިޢު ކޮށްފައި ވާ ލިޔުމެއްގައި ބުނާ ގޮތުން، ބުޅަލެއް މަރު ވުމަށް ފަހު އޭގެ މަސްގަނޑަކީ ގިނަގުނަ ޖަރާސީމުތަކުގެ ހާއްޔަކަށް ވާ އެއްޗެކެވެ. ބުޅާމަހުގައި އުފެދި އާލާ ވާ ޖަރާސީމުން ޖެހޭ ބަލިތަކުގެ ތެރޭގައި "ލައިމް" (Lyme disease) އާއި ޓޮކްސޮޕްލާޒްމޯސިސް (toxoplasmosis) ހިމެނެއެވެ. މި ދެ ބައްޔަކީ ވެސް ޚާއްޞަކޮށް ކުޑަކުދީންނާއި މާބަނޑު އަންހެނުންނަށް ނުރައްކައުތެރި، ފުރާނައަށް ގެއްލުން ކޮށްފަނިވި ދެ ބައްޔެވެ.
"ފޯރ ޕޯވޒް އިންޓަރނޭޝަނަލް" ޖަމްޢިއްޔާގެ ފަރާތުން "ދަ ޑޯގް އެންޑް ކެޓް މީޓް ޓްރޭޑް އިން ސައުތުއީސްޓް އޭޝިއާ: އަ ތުރެޓް ޓު އެނިމަލްސް އެންޑް ޕީޕަލް" މި އުންވާނުގެ ދަށުން ތައްޔާރު ކޮށް ފެބުރުވަރީ 2020 ގައި ޝާއިޢު ކޮށްފައި ވާ ރިޕޯޓެއްގައި ބުނާ ގޮތުން، ބުޅަލާއި ކުއްތާގެ މަސް ކެއުމަކީ ޢާއްމު ޞިއްޙަތަށް ގެއްލުން ހުރި، އަދި ގިނަ ބަލިތަކެއްގެ ސަބަބަކަށް ވާ ކަމެކެވެ. އެއީ، ބުޅަލާއި ކުއްތާގެ މަހަކީ "ޒޫނޮޓިކް" (zoonotic) ޖަރާސީމު އިންސާނާގެ ހަށިގަނޑަށް ވާސިލު ކުރާ އެއްޗަކަށް ވާތީއެވެ. އޭގެ ސަބަބުން ޖެހޭ އެންމެ މައިގަނޑު އެއް ބަޔަކީ "ރޭބީޒް" (rabies) އެވެ. މިއީ އަހަރަކު އެތައް ހާސް އިންސާނުންގެ މަރުގެ ސަބަބަކަށް ވާ ނުރައްކައުތެރި ބައްޔެކެވެ. މި ބަލީގައި މަރު ވާ ޖުމުލައިގެ 40 އިންސައްތަ އަކީ 15 އަހަރުން ދަށުގެ ކުޑަކުދީން ކަމަށް، ވޯރލްޑް ހެލްތު އޯރގަނައިޒޭޝަނުގެ ރަސްމީ ވެބްސައިޓުގައި މި ބައްޔާ ބެހޭގޮތުން ހުރި މަޢުލޫމާތުތަކުގައި ބުނެއެވެ. އެ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި، ރޭބީޒް ޖެހި އޭގެ އަސަރު އިންސާނާގެ ހަށިގަނޑުގެ ނާރުތަކުގެ މަރުކަޒީ ނިޒާމަށް (central nervous system) ފޯރުމަށް ފަހު އަދި އެކަމުގެ އަސަރުތައް ފައުޅު ވާން ފެށުމަށް ފަހު، ތަފާސްހިސާބުތަކުން ދައްކަނީ ސައްތައިން ސައްތަ މަރުގެ ރޭޓެކެވެ. އެ ހިސާބުން، ބައްޔަށް ދެވޭނެ ފަރުވާއެއް ނޯވެއެވެ. ރޭބީޒް ޖެހޭ މީހަކުގެ ފުރާނަ ސަލާމަތް ކުރެވެނީ، ބަލީގެ ޖަރާސީމުގެ އަސަރު ނާރުތަކުގެ މަރުކަޒީ ނިޒާމަށް ފޯރުމުގެ ކުރީން އެކަށީގެން ވާ ފަރުވާ ދެވިއްޖެއްޔާއެވެ.
* * * *
ދެން އޮތީ، މި މައްސަލައާ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ރޫޙާނީ އަދި އަޚްލާޤީ ޙާލަތާ އެކުއެކީގައި ދެނެގަތުމުގެ ސުވާލެވެ.
އަޅުގަނޑުމެން ކުޑައިރު ދީނީ ޢިލްމުގެ ފޮތްތަކުން ފެންނަ ވަރަށް ރީތި ވާހަކައެކެވެ. މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބިން އަލްޚައްޠާބު ރަޟިޔަﷲ ޢަންހު، އެއް ރެޔަކު މަދީނާގެ އަވަށެއްގެ މަގަކުން ވަޑައިގަންނަވަނިކޮށް، ގެއެއްގެ ތެރެއިން މަންމައަކާއި އެ މަންމަގެ ޅަޒުވާން އަންހެން ދަރިފުޅާ ދެއްކި ވާހަކައެއް އަޑުއިވިވަޑައިގަތެވެ. މަންމަ އެ ކުއްޖާއަށް އެންގީ، ބާޒާރުގައި ވިއްކާން ފެލައިފައި ހުރި ބަކަރި ކިރުއެތީގެ ތެރެއަށް ފެން އަޅައި "ކިރު" ގިނަ ކޮށްލުމަށެވެ. ގިނަ ފައިސާ ހޯދުމުގެ ބޭނުމުގައެވެ. ދަރިފުޅު އެކަމާ އިންކާރު ކޮށް، ކިރުގެ ތެރެޔަށް ފެން އަޅައި އޭގެ އަޞްލު ގެއްލުވައިލުމާއި، އޭގެ ޤުދުރަތީ ޠަބީޢަތް ޚަރާބު ކުރުމާއި، މަކަރު ޙީލަތް ހެދުން ޚަލީފާ ޢުމަރު ރަޟިޔަﷲ ޢަންހު މަނާ ކުރައްވައިފައި ވާކަން މަންމައަށް ހަނދާން ކޮށްދެއެވެ. މަންމަގެ ޖަވާބަކީ، ޢުމަރު ރަޟިޔަﷲ ޢަންހު މިތާކު ނެތޭ، އެކަލޭގެފާނަކަށް އަހަރެމެން ކިރަށް ފެން އެޅިކަން އެނގިވަޑައެއްނުގަންނަވާނެޔޭ، މިއެވެ. ދަރިފުޅު ޖަވާބުގައި ބުނެއެވެ. "މަންމާއެވެ! ޢުމަރުގެފާނު މިތަނުގައި ވަޑައިގެން ނެތަސް، އަހަރެމެން ކުރާނުކުރާ ކޮންމެ ކަމެއް ﷲ ބައްލަވައިވޮޑިގެން ވެއެވެ. އަހަރެމެން ބަޔަކަށް ކާންބޯން ދޭ އެއްޗެއް ގަޑުބަޑު ކޮށް، އޭގެ އަޞްލު އޮޅުވައި، މަކަރާއި ޙީލަތުގެ ތެރެއިން ކަންކަން ކުރަންޏާ، އެކަލާނގެ އެކަން ދެނެވޮޑިގެން ވެއެވެ. އެކަލާނގެ ރަސްކަންފުޅަށް އަހަރެމެން ކުރާ ކަންކަން ސިއްރެއް ނުކުރެވެއެވެ."
ފުންކޮށް މި ވާހަކަޔާ މެދު ވިސްނައިލަމާތޯއެވެ؟
އަޅުގަނޑުމެންގެ ތެރެއިން މީހަކު – އެއީ އަދި އަޅުގަނޑުމެންގެ ތެރޭގައި އުޅެމުން ދާ ބިދޭސީއަކަށް ވިޔަސް – އެހެން މީހުންނަށް ގެއްލުން ހުރި އަދި ކަނޑައެޅިގެން ޙަރާމް އެއްޗެއް ކާންބޯން ދީގެން ފައިސާ ހޯދާ ހިސާބަށް އަޅުގަނޑުމެންގެ ޙާލަތު ދިޔައީ ކީއްވެގެންތޯއެވެ؟ މި ސުވާލު ހަމަ ކުރާ އިރަށް، ބައެއް މީހުން ދައްކައިގަންނާނީ "ހެއިލުންތެރި ކުރާ" ވާހަކައެވެ! އެކަމަކު ދަންނަވަންތޯއެވެ! އަޅުގަނޑުމެންގެ ތެރޭގައި އަޚްލާޤީ އަދި ރޫޙާނީ އެތައް ބައްޔެއް ފެތުރި، މުޅި މުޖުތަމަޢު އަޚްލާޤީ އަދި ރޫޙާނީ ގޮތުން ކުނި ވެ ފުޅަ އަޅައި، އިންސާނުންނަށް ނުއުޅެވޭ ވަރުގެ ތަނަކަށް ވެފައި ވަނީ، ތިމާމެންގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހުންނަށް ލިބޭ ނުވަތަ ލިބިދާނޭ ގެއްލުންތަކާ މެދު "ހެއިލުންތެރިކަން" ނެތިގެނެއް ނޫނެވެ. އޭގެ މައިގަނޑު ސަބަބަކީ، މަތީގައި ދެންނެވުނު ވާހަކައިގައި އެ އަންހެން ކުއްޖެއްގެ ވާހަކަ އަންނަ އަންހެން ކުއްޖާ ފަދައިން، ތިމާމެން ހެއްދެވި ގަދަކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއާ ގުޅުން ކެނޑިފައި ވާ ބަޔަކަށް އަޅުގަނޑުމެން ވުމެވެ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް އެކަލާނގެ ބައްލަވައިވޮޑިގެން ވާކަން އަޅުގަނޑުމެން "ޢަމަލީ ގޮތުން ހަނދާން ނެތިފައި" ވުމެވެ.
ޤަބޫލު ކުރަމާ ހިންގަވާށެވެ! ބުޅާމަހާއި، ބިދޭސީއެއް، މިއީ އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައި ވާ ބޮޑު މައްސަލައެއްގެ ހަމަ އެންމެ ބައެކެވެ. އަޅުގަނޑުމެން ޙަރާމް ގޮތުގައި އަދި މީސްތަކުންގެ ޞިއްޙަތު ހަލާކު ވެ ފަނާ ވެދާނޭ ގޮތުގައި ކަނީ، އަދި އެއް ބަޔަކު އަނެއް ބަޔަކަށް ކާން ދެނީ ހަމައެކަނި ބުޅާމަހެއް ނޫނެވެ. އެ ބާވަތުގެ ބޮޑެތި ޖަރީމާތައް ހިންގަނީ ހަމައެކަނި ބިދޭސީންނެއް ވެސް ނޫނެވެ. ދަނޑުވެރިކަން ކުރުމުގައި، ގަސްގަހާގެއްސަށާއި ބިމަށް ފާޑުފާޑުގެ ކެމިކަލްތައް އަޅައި، އިންސާނުން ކެއުން ހެޔޮ ނުވާވަރަށް އެ ގަސްގަހުގައި އަޅާ ތަކެތި ތަޣައްޔަރު ކޮށްގެން ވިއްކުމަކީ ބިދޭސީންނެކޭ އެއްފަދައިން ދިވެހީން ވެސް ކުރަމުންދާ ކަމެކެވެ. "ސަން އޮންލައިން" ގެ ނޫސްވެރިޔާ އަޙްމަދު ސާއިލް ލިޔުއްވި ރިޕޯޓަކުން އެނގޭ ފަދައިން، ރިސޯޓުތަކުގެ ބަދިގެތަކުން އޫރު މަސް ވެސް ހިމެނޭ ގޮތުން ކާއެއްޗެތި ތެލުލާން ބޭނުން ކުރުމަށް ފަހު، ފާޑުފާޑުގެ ކެމިކަލާ ވެސް އެއް ކޮށްފައި އުކާލާ ކައްކާ ތެޔޮ، މާލެއަށް ގެނެސް އެ ތެޔޮ ބޭނުން ކޮށްގެން ހޮޓާތަކާއި ރެސްޓޯރެންޓުތަކުގައި ކާއެއްޗެތި ތެލުލައިގެން ދިވެހީންނަށް ވިއްކުމުގެ ކަންތައްގަނޑުގައި ވެސް، ދިވެހީން ވެސް ޝާމިލު ވެއެވެ. އެއް އިރެއްގައި، މާލޭގެ މަޝްހޫރު ބޭކަރީއެއްގައި މުއްދަތު ހަމަ ވެފައި ހުރި ފުށުން ބޯކިބަލާއި ކޭކު ފަދަ ތަކެތި ހަދައިގެން ދިވެހީންނަށް ވިއްކުމުގެ ޖަރީމާ ހިންގުމުގައި ވެސް މައިގަނޑު ގޮތެއްގައި ޝާމިލު ވީ ދިވެހީންނެވެ. މާލޭގެ މަސް މާރުކޭޓުގައި، އެތައް ދުވަހެއް ވާންދެން ފިނި ކޮށްކޮށްގެން، މާލޭ ފަޅުތެރޭގައި ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެތީން ތަޣައްޔަރު ވެފައި އޮންނަ މޫދުފެނުން ދޮވެދޮވެގެން، ކަނޑުމަސް ދިވެހީންނަށް ވިއްކުމުގެ ބިރުވެރި ޖަރީމާ އެންމެ ކުރީއްސުރެ ހިންގަނީ ދިވެހީން ނޫން ކޮން ބައެއްތޯއެވެ؟
މި ކަހަލަ އެތައް ވާހަކައެއް ދެއްކިދާނެއެވެ. އެތައް މިސާލެއް ގެނެވިދާނެއެވެ. މި ހުރިހައި ކަމެއްގެ ވެސް އަޞްލު ގޮސް ގުޅެނީ، އަޅުގަނޑުމެންގެ ކިބައިގައި އެއްކަލަ މާތް އަންހެން ކުއްޖާގެ ކިބައިގައި ހުރި ޖައުހަރު ނެތުމާއެވެ. އެ ޖައުހަރަކީ، އިންސާނާގެ އިންސާނީވަންތަކަމުގެ ޖައުހަރެވެ. އީމާންކަމާއި އިސްލާމްކަމާއި އިޙްސާންތެރިކަމުގެ ޖައުހަރެވެ. ތިމާގެ އަމިއްލަ ނަފުސަށް ޓަކައި އެދޭ ކޮންމެ ކަމެއް ތިމާގެ އަޚުންއުޚްތުންނަށް، އެބަހީ އެހެން އިންސާނުންނަށް، ޓަކައި ވެސް އެދުމަށާއި، ތިމާގެ އަމިއްލަ ނަފުސަށް ޓަކައި ނުރުހޭ ކޮންމެ ކަމަކަށް، ތިމާ ފަދަ އެހެން މުސްލިމުން އަދި އިންސާނުންނަށް ޓަކައި ވެސް ނުރުހުމަށް އިރުޝާދު ދެއްވި ނަބިއްޔާގެ ބަސްފުޅާ މެދު ޙުރުމަތްތެރިކޮށް ހިތުމުގެ ސިފައެވެ. މި ކަންކަން ނެތުމުގެ ސަބަބުން، އަޅުގަނޑުމެންގެ ޤައުމު މި އޮތީ ފަރުދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން، ރޫޙާނީ އަދި އަޚްލާޤީ ބަނގުރޫޓުވުމެއްގެ ފުން ވަޅުގަނޑުގައެވެ. ރޫޙާނީ ގޮތުންނާއި އަޚްލާޤީ ގޮތުން ކުނި ވެ ފުޅަ އަޅައިފައެވެ. ތަނުގައި ދިރިއުޅޭ މީހުންގެ އިންސާނިއްޔަތުކަން ނެތިދިޔުމުގެ ބިރުވެރިކަން ކުރިމަތި ވާ ހިސާބުގައެވެ. އަޅުގަނޑުމެންނަކަށް އިސްލާމެއް، އީމާނެއް، އިޙްސާންތެރިކަމެއް މުހިއްމެއް ނޫނެވެ. މުހިއްމީ ފައިސާ އާއި މުދަލެވެ. ޑޮލަރެވެ. ދުނިޔޭގެ މާއްދީ މުއްސަނދިކަމެވެ. ފައިސާ އާއި މުދަލަށް ޓަކައި، ތިމާގެ އަޚުންނަށް ބުޅާމަސް ކީއްކުރާންތޯއެވެ! ވިހަ ކާންދީގެން މަރައިލާން ވެސް ފަސް ނުޖެހޭ ހިސާބަށް އަޅުގަނޑުމެންނަށް މިތިބީ އައުދެވިފައެވެ.
މި ކަމުގެ ޙައްލަކީ ކޮބައިތޯއެވެ؟ ބުޅާމަހުގެ ޞިއްޙީ ގެއްލުންތަކާ މެދު "ހެއިލުންތެރި ކުރުވުން" ތޯއެވެ! ޝައްކެއް ނެތެވެ! އެއީ ވެސް ކުރާން ޖެހޭ ކަމެކެވެ. ނަމަވެސް، މި މައްސަލަތަކުގެ ޙަޤީޤީ ޙައްލަކީ، ފަރުދީ އަދި އިޖުތިމާޢީ ފެންވަރުގައި، އަޅުގަނޑުމެންގެ އިންސާނީވަންތަކަން އަނބުރައި ހޯދުމެވެ. ބޭރުފުށުން އިސްލާމްކަމުގެ ޓެގު އަޅައިގެން ދުނިޔެއަށް އަޅުކަން ކުރުމުގެ ބަދަލުގައި، އިސްލާމްކަމާއި އީމާންކަމާއި އިޙްސާންތެރިކަން ފުރިހަމަޔަށް ދެނެގަނެ، ފުރިހަމަ މުސްލިމުން ކަމުގައި ވުމެވެ.
* * * *
އަޅުގަނޑުމެން ދިވެހީން މަސައްކަތެއް ނުކޮށް، ބިދޭސީންގެ އަތްމައްޗަށް ޤައުމުގެ ހުރިހައި ކަމެއް ދޫ ކޮށްލައިގެން ތިބޭތިބުމުގެ ވާހަކަ ވެސް މި ޙާލަތުގައި ދައްކާން ޖެހެއެވެ.
ބިދޭސީންނަކީ ވެސް އިންސާނުންނެވެ. ހެޔޮ އަދި ރަނގަޅު ގޮތުގައި ބިދޭސީން ރާއްޖެ އައިސް، ރިވެތި ގޮތުގައި މަސައްކަތް ކޮށްގެން އާމުދަނީ ހޯދުމާ މެދަކު ހަމަ ގައިމު ވެސް އަޅުގަނޑުގެ އިޢުތިރާޟެއް ނެތެވެ. ނަމަވެސް، ބިދޭސީން ރާއްޖޭގައި މަސައްކަތް ކޮށް، އާމުދަނީ ހޯދައި، ދިވެހީންގެ ހޮޓާ ރެސްޓޯރެންޓުތަކުގައި ދިވެހީންނަށް ކާބޯތަކެތި ތައްޔާރު ކޮށްދިނުން ފަދަ ކަންކަން ކުރާ ކަމަށް ވަންޏާ، އެކަން ކުރެވޭން ވާނީ ހަރުދަނާ ނިޒާމެއްގެ ތެރެއިންނެވެ.
ފުރަތަމަ ކަމަކަށް، ދިވެހި ޒުވާނުން ޙަޤީޤީ ހުނަރެއް އަދި ޙަޤީޤީ މަސައްކަތްތެރިކަމެއް ދަސް ނުކޮށް ރިސޯޓުތަކުގައި ދޮން މީހުންގެ ތަށިމަތި ބަލަހައްޓައިދީ އެނދު އަޅައިދީ ކަންކަން ކުރުމުގައި ޢުމުރު އިސްރާފު ކުރުމުގެ ބަދަލުގައި، ތަފާތު ދާއިރާތަކުން ތަމްރީނު ހޯދައިގެން، ދިވެހި ރައްޔިތުންނަށް އެކިއެކި ޚިދުމަތްތައް ދިނުމުގެ ދާއިރާތަކަށް ނުކުންނާން ޖެހެއެވެ. މަސައްކަތެއް ނުކޮށް، ކުލީން ދިރިއުޅުމުގެ ފަނާކުރަނިވި ސަގާފަތް މުޅި ރާއްޖެއިން – ޚާއްޞަކޮށް މާލެއިން – ނައްތައިލާން ޖެހެއެވެ. ދެވަނަ ކަމަކަށް، ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ޢަދަދު، ދިވެހި އާބާދީގެ ވަކި އިންސައްތައަކަށް ވުރެ މަތި ނުވާނޭ ގޮތަށް – މިސާލަކަށް 30 އިންސައްތަ – ޤަވާޢިދުތައް ހަދައި ތަންފީޒު ކުރާން ޖެހެއެވެ. ތިންވަނަ ކަމަކަށް، ދިވެހިރާއްޖޭގައި ވަޒީފާ އަދާ ކުރުމަށް ނުވަތަ މަސައްކަތް ކުރުމަށް އަންނަ ބިދޭސީންނަކީ ކޮން ބައެއް ކަމާއި، އެމީހުން ރާއްޖޭގައި ކުރާ މަސައްކަތާއި، ތިބޭ ތަންތަން ފަދަ މަޢުލޫމާތު ފުރިހަމައަށް ބެލެހެއްޓޭނޭ ގޮތެއް ހޯދާން ޖެހެއެވެ. ހަތަރުވަނަ ކަމަކަށް، ދިވެހިރާއްޖޭގައި މަސައްކަތް ކުރާން ހުއްދަ ދެވޭ ކޮންމެ ބިދޭސީއަކީ ވެސް، އެ މީހެއްގެ އިންސާނީ ކަރާމާތާއި ޙައްޤުތައް ފުރިހަމަޔަށް ރައްކައުތެރި ކުރެވިގެންވާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ މީހެއްކަން ކަށަވަރު ކުރެވޭން ޖެހެއެވެ. ބިދޭސީން ރާއްޖެ ގެނެސް އެމީހުންނަކީ ވަލުޖަނަވާރުތަކެއް ކަމަށް ބަލައިގެން، އެއްވެސް ރަޙުމެއް ކުލުނެއް ނެތި ކަންތައް ކުރަންޏާ، އެމީހުންގެ ތެރެއިން ދެން އުފެދޭނީ ކޯއްޗެއްކަން ދިވެހީންނަށް ވިސްނައިނުލެވޭކަމީ ވެސް ދެރަ ކަމެކެވެ.
* * * *
ފަހު ވާހަކައަކަށް ދަންނަވާން އޮތް ވާހަކައަކީ، ހޮޓާ ރެސްޓޯރަންޓުތަކުން ކެއިންބުއިމުގެ ބަދަލުގައި، ޢާއިލާއެއްގެ ގޮތުގައި ގޭބިސީ އިންތިޒާމު ކޮށް، ޢާއިލާގެ މެންބަރުން އެކުގައި ކެއުމަށް ޓަކައި އަމިއްލައަށް ގޭގައި ކައްކައިހެދުމުގެ މުހިއްމުކަމުގެ ވާހަކައެވެ. މިއީ ހުރިހައި ގޮތަކުން ވެސް އެންމެ ފުރިހަމަ އަދި އެންމެ ރަނގަޅު ގޮތެވެ. ކެރިއަރާއި އޮފީހާއި މަސައްކަތަށް ގޭގެ އެންމެން ނުކުމެ، ގެ ބަރުބާދު ކޮށް، ކެއިންބުއިމަކީ ވެސް ބޭރުން މެނުވީ ކުރާ ކަމަކަށް ނުވުމުން، ދެން ކާއެއްޗެތީން ކުރަތްޕާއި ހޯނުގެ ބައިތައް ފެނުމުން ފެށިގެން ގޮސް ބުޅާމަހާއި އަދި އެހެނިހެން ތަކެތި ވެސް ކެވޭ ޙާލަތު މެދުވެރި ވާނެއެވެ. ރިސޯޓުތަކުން އުކާލާ އޫރާއި ކެމިކަލުން ތަޣައްޔަރު ވެފައި ވާ ތެލުން ތެލުލާ އެއްޗެހި ފަދަ ކިތަންމެ އެއްޗެއް ވެސް ކައިބޮއި ހެދޭ ޙާލަތު މެދުވެރި ވާނެއެވެ. ޢާއިލާގެ ގެއަކީ ކެއްކުމާއި ކެއުން ފަދަ ކަންކަން ކުރާ، ފުރިހަމަ ގެއަކަށް ވުމުން، މިފަދަ މައްސަލަތަކަށް ވަރަށް ބޮޑު ޙައްލެއް ލިބިގެން ދާނޭ މެއެވެ.