ދީން

އެކާވީސްވަނަ ސައްތައިގެ އިޖްތިމާޢީ މައްސަލަތަކުގެ ތެރެއިން: މައިންގެ ރަޙިމުގައި އަންހެންކުދީން ޤަތުލުކުރުން 3

އަބްދުﷲ ފާރޫގް ހަސަން

(21 ފެބުރުއަރީގެ އަދަދާ ގުޅޭ)

އަޞްލު ލިޔުއްވީ : ޑޮކްޓަރ މުޙައްމަދު ރިޟަލް އިސްލާމް ނަދުވީ

ތަރުޖަމާކުރީ : ޢަބްދު الله ފާރޫޤް ޙަސަން

***********************

[އޭ މުޙައްމަދުގެ ފާނެވެ!] ފަހެ ކަލޭގެފާނު އެއުރެންނާ ސުވާލު ކުރައްވައި ބައްލަވާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަންހެން ދަރީން ތިބެފައި އެއުރެންނަށް ފިރިހެން ދަރީންވަނީހެއްޔެވެ؟ ނުވަތަ އެއުރެން ޙާޟިރުވެ ބަލާން ތިއްބައި ތިމަންރަސްކަލާނގެ މަލާއިކަތުން އަންހެންބަޔަކަށް ހެއްދެވީހެއްޔެވެ؟ ދަންނާށެވެ! ހަމަކަށަވަރުން الله އަށް އަންހެންދަރީންވާކަމަށް އެއުރެން އެބުނަނީ ބޮޑުދޮގެއް ހެދުމުގެ ގޮތުންނެވެ. ހަމަކަށަވަރުން އެއުރެންނީ ދޮގުވެރީންކަން ކަށަވަރެވެ. ފިރިހެން ދަރީންގެ މައްޗަށް އަންހެންދަރީން އެކަލާނގެ ޚިޔާރުކުރެއްވީ ހެއްޔެވެ؟ ތިޔަބައިމީހުން ތިޔަތިބީކީއްވެފައިހެއްޔެވެ؟] (الصّافات : 149،150،151،152،153،154،155)

އަންހެންދަރީން ދިރިތިއްބައި ވަޅުލުން - ޖާހިލީ އާދައެއް

އަންހެންދަރީންގެ ކިބައިން މިންޖުވުމަށްޓަކައި ޖާހިލިއްޔަ ޒަމާނުގައި (އިސްލާމީ ދައުރު އައުމުގެ ކުރީން) ޢަރަބި ބައެއް ޤަބީލާތަކުން ޢަމަލުކޮށްފައިވަނީ ނުހަނު ރަޙުމުކުޑަ ގޮތަކަށެވެ. ނަފުރަތު ކުރާންޖެހޭފަދަ ލަދުވެތި އަދި ހިތްހަރު ގޮތްގޮތަށެވެ. އެބައިމީހުންގެ ތެރޭގައި އަންހެންކުއްޖަކު އުފަންވެއްޖެ ކަމުގައިވާނަމަ އެކުއްޖަކު ވަޤުތުން މަރައިލައެވެ. އެގޮތުން އެބައިމީހުން ޢަމަލުކޮށްފައިވާ ގޮތްތަކުގެ ތެރޭގައި:
- އަންހެނަކު ބަލިވެއިނދެ ދުވަސްފުރޭން ކައިރިވުމުން ވަޅުގަނޑެއް ކޮނެއެވެ. ވިހެއީ އަންހެން ކުއްޖެއްކަމުގައިވާނަމަ ކޮނެފައިވާ ވަޅުގަނޑުގައި އެކުއްޖަކު ވަގުތުން ވަޅުލައެވެ. (ابن عبّاس رضى الله عنه)
- ވިހެއީ އަންހެން ކުއްޖެއް ކަމުގައިވާނަމަ އެކުއްޖާ ވަޤުތުން މަރައިލައި ކުއްތާތަކުގެ ކުރިމައްޗަށް އެއްލައިލައެވެ. (قتادة رحمه الله)
- ފަރުބަދައެއްގެ މައްޗަށް އަރައި ފަރުބަދަމަތިން އެކުއްޖާ ސީރުވައިލައެވެ.
- ފެނުގެ ތެރެއަށް ގަންބައިލައި މަރައިލައެވެ.
- ކަތިލައިލައެވެ.
- ވިހެއުމުން ވަޤުތުން މަރައިނުލައި ދުވަސްކޮޅަކު ގެންގުޅެއެވެ. (އެކުއްޖެއްގެ އިސްކޮޅުގައި ހައެއްކަ ކައިވަތް ހުންނަވަރު ވާންދެން) އެއަށްފަހު ނަލަހައްދައިގެން ގެންނަނީ ސަހަރާގެ ތެރެއަށެވެ. ސަހަރާގައި ވަރަށް ފުންކޮށް ވަޅެއްކޮނެފައި އެކުއްޖާކޮއްޕައި ވަޅުތެރެއަށް ވައްޓައިލުމަށްފަހު މަތީން ފަސްއަޅައި ފޮރުވައިލައެވެ.

(فخرالدين الرّازي تفسير كبير:20/46 ، 31/70 - ابو عبدالله القرطبي الجامع لاحكام القرآن (تفسير قرطبي) : 19/233
ހަނދުމަފުޅު ބެހެއްޓެވުން އެދެމެވެ. މިއަނިޔާވެރި ޚުލުޤުނުބައި ޢަމަލުތަކަކީ އެޒަމާނުގައިވެސް ޢަރަބި ހުރިހައި ޤަބީލާ ތަކަކުން ކުރަމުން ގެންދިޔަ ކަންކަމެއްނޫނެވެ. އެކަންކުރީ މުޟަރުވަންހަ އާއި ޚުޒާޢަތު ވަންހައާއި ތަމީމު ވަންހައިގެ ބައެއް މީހުންނެވެ. އަނެއްކޮޅުން އެޒަމާނުގައިވެސް މިހުތުރު މުޑުދާރު ހިތްހަރު ޢަމަލާ ދެކޮޅުހައްދަވައި އިޞްލާޙަށްޓަކައި ވަރުގަދަ މަސައްކަތްޕުޅުތަކެއް ކުރެއްވި އިޖްތިމާޢީ މުޞްލިޙުންވެސް ތިއްބެވިއެވެ. އެބޭކަލުން ގެންދެވީ މިފަދަކަމެއް ހިނގާތޯ މާބަނޑުމީހުންގެ ހޯހިރި ބައްލަވަމުންނެވެ. އެފަދަކަމެއްގެ ހިލަންވެއްޖެ ކަމުގައިވާނަމަ އެބޭކަލުން އެކުދީން އެބޭކަލުންގެ ކަފާލަތުގެ ދަށަށް ގެންނަވައެވެ. ބައެއްފަހަރު އެކުއްޖެއްގެ ބެލެނިވެރީންނަށް ހިސާބެއްގެ މާލީ ބަދަލެއްވެސް ދެއްވައެވެ. މިފަދަ މުޞްލިޙުންކުރެ ތާރީޚު އެބޭކަލުންގެ ނަންފުޅު ރައްކައުތެރި ކޮށްފައިވާ އެއް ދެބޭކަލަކީ صعصة بن ناجية އާއި زيد بن عمروبن نفيل އެވެ.
(تفسيرقرطبي: 9/116، صحيح بخاري ، كتاب مناقب الانصار، باب حديث زيد بن عمروبن نفيل، 3828 عن اسماء بنت ابي بكر)

ޒަމާނީ ޖާހިލިއްޔަތު

ޖާހިލިއްޔަ ޒަމާނުގެ ހަނދާން އައުކޮށްދޭ ކަމެއްކަމުގައިވާ އަންހެންކުދީން މެރުމުގެކަންތައް މިޒަމާނުގައިވެސް ބައެއް ޤައުމުތަކުގައި ވަރުގަދަޔަށް ހިނގަމުން އެބަދެއެވެ. އެކަމަށްޓަކައި ތަފާތުއެކި ގޮތްތައް އިޚްތިޔާރު ކުރެވެއެވެ. ތަރައްޤީ ވެފައިނުވާ މުޖްތަމަޢުތަކުގައި އެކަމަށްޓަކައި ބައެއްފަހަރު ބޭނުންކުރަނީ މުސްކުޅި ޤަދީމީ ގޮތްތަކެވެ. އެމުޖްތަމަޢުތަކުގައި ޖަނީން ފުރިހަމަވެ މާބަނޑުންފިރުކޭންދެން އިންތިޒާރުކުރަނީއެވެ. ވިހެއީ ފިރިހެންކުއްޖެއް ކަމުގައިވާނަމަ ބަލަނީ ލައްވާ ނަސީބެއް ކަމުގައެވެ. އަންހެންކުއްޖެއް ކަމުގައިވާނަމަ ކޮންމެވެސް ގޮތަކުން އެކުއްޖާ މަރައިލައެވެ. އިންޑިޔާގެ ރާޖިސްތާނުގެ ސަރަޙައްދެއް ކަމުގައިވާ ޖީސަލްމީރުގެ އަވަށެއްކަމުގައިވާ ދިޔޫވާރާ ބެހޭ ރިޕޯޓެއްގައިވާ ގޮތުން ވޭތުވެގެންމިދާ ސަތޭކައަހަރުގެ ތެރޭގައިވެސް އެއަވަށުގައި އަންހެންކުއްޖަކު ފިރިފުރާވަރަކަށް ނާރައެވެ. އެއަވަށުގެ އަންހެނުން އަންހެންކުދީން ނުވިހަނީއަކީ ނޫނެވެ. ވިހާކުދިން ކޮންމެވެސް ގޮތަކަށް މަރައިލަނީއެވެ. ދަރިފުޅުގެ ފަޔަށް ކައްޓެއް ހެރުމަކީވެސް މައިލަގޮނޑިއަށް ކެތްވާ ކަމެއްނޫންކަމުގައި ޢާންމުގޮތެއްގައި އިންސާނުން ޤަބޫލުކުރެއެވެ. އެކަމަކު ދިޔޫވާރާގައި އަންހެން ދަރީން މަރައިލުމުގެ ހިތްހަރު ޖަރީމާ ޢާންމުގޮތެއްގައި ހިންގަނީ އެކުދީންގެ މަންމައިންނެވެ. އިޖްތިމާޢީ މުޞްލިޙުންގެ ފިއްތެވުންތަކާހުރެ ވީހައިވެސް ސިއްރުން އެޖަރީމާ ހިންގުމަށްޓަކައެވެ. އެކަން އެގޮތަށް ކުރެވޭނީ މަންމައިންނަށް ކަމުގައި ޤަބޫލުކޮށްގެންނެވެ.

މަންމައިން ކުދީންނަށް ގާތުންދޭއިރު ކިރާއި އަފިހުނާ އެއްކޮށްގެން ތުއްތުދަރިފުޅަށް އަފިހުން ކާންދެއެވެ. ނުވަތަ ތުއްތު ދަރިފުޅުގެ ނޭފަތްމަތީގައި ވެލިކޮތަޅެއް ބާއްވައެވެ. ބައެއްފަހަރު އަނގަޔަށާއި ނޭފަތަށް ވެލިއަޅައިލައެވެ. ނުވަތަ ދަރިފުޅުގެ ނޭފަތް ބަންދުވާ ގޮތަށް މޫނުމަތީގައި ރަޖައެއް ނުވަތަ ބާލީހެއް ބާއްވައެވެ. ދަރިފުޅަށް ނޭވާނުލެވި ނޭވާ ހާސްވެގެން މަޑުމަޑުންގޮސް މަރުވާނެ ގޮތުންނެވެ. ނުވަތަ އަނގަ ފުރޭންދެން އަނގަޔަށް ހިމުން ލޮނު (ޓޭބަލް ސޯލްޓް) އަޅައިލައެވެ.

ތަރައްޤީވެފައިވާ މުޖްތަމަޢު ތަކުގައި ތުއްތު ދަރިފުޅު އުފަންކުރައްވާންދެން ދިގު އިންތިޒާރެއް ކުރާކަށެއް ނުޖެހެއެވެ. އެހެންކަމުން އަންހެންދަރީންނަށް ދުނިޔެމައްޗަށް އެންމެ ނޭވާއެއް ލާކަށެއްވެސް ފުރުޞަތެއް ނުދެއެވެ. މައިންގެ ރަޙިމުގައި ތިއްބައި ސްކޭންކޮށްގެން ޖަނީނަކީ އަންހެންކުއްޖެއްކަން ނުވަތަ ފިރިހެންކުއްޖެއްކަން ދެނެގަނެއެވެ. އަންހެން ދަރިއެއް ކަމުގައިވާނަމަ ދަރިފުޅު ވައްޓައިލައެވެ. ސަރުކާރުގެ ރިޕޯޓެއްގައިވާގޮތުން ދެހާސް އެއްވަނަ އަހަރާއި ދެހާސް ފަސްވަނައަހަރާ ދެމެދު ދަރިވެއްޓުމުގެ ހަލައްކަ ނުވަދިހަ ދެހާސް މައްސަލަވަނީ ރެކޯޑް ކުރެވިފައެވެ. ފުރިހަމަނުވާ އިންސާނީ ޖަނީންތައް ކޯރުތަކުގައި އޮޔާދާތަނާއި އައްސޭރިޔަށް ލައްގައިފައި ހުއްޓަ އާއި ވަލުތެރެއިންނާއި ވަލުތެރޭގައި ހުންނަ ވަޅުވަޅުން ފެންނަ ޚަބަރަކީ ނޫސްތަކުގައި ވަރަށްގިނައިން ޝާއިޢުކުރާ ޚަބަރުތަކެކެވެ.

މިޒަމާނުގެ ޤާނޫނުތަކުގެ ނުކުޅެދުންތެރިކަން

މައިންގެ ރަޙިމުގައި އަންހެންދަރީން ޤަތުލުކުރުމުގެ ވިސްނުން ބަދަލުކުރުވާން ނުރަސްމީ ޖަމާޢަތްތަކުން (އެން.ޖީ.އޯ. ތަކުން) އިޚްލާޞްތެރި މަސައްކަތްތަކެއް ކުރަމުންގެންދެއެވެ. ތަފާތު ޙަރަކާތްތަކެއް ހިންގަމުން ގެންދެއެވެ. ނަމަވެސް ބޭނުންވާ ނަތީޖާއެއް ނުނިކުމެއެވެ. ސަރުކާރުންވެސް އެކަމާ ކަންބޮޑުވެއެވެ. ޤާނޫނުތައްވެސް ހަދަމުން ގެންދެއެވެ. ހިންދުސްތާނުގައި މިގޮތުން ހަދައިފައވާ އެއްޤާނޫނަކީ 1994 ގައި Natal Diagnostic - Technic: Regulation and Prevention of Misuse Act މިނަމުގައި ފާސްކުރި ޤާނޫނެވެ. ކުއްޖަކު އުފަންވުމުގެ ކުރީން ފަންނިއްޔާތުގެ ވަސީލަތްތަކުން އެކުއްޖެއްގެ ޖިންސު ދެނެގަތުމަކީ ކުށެއްކަމަށް އެޤާނޫނުގައިވަނީ ކަނޑައަޅައިފައެވެ. އެޤާނޫނުގެ ދަށުން ސްޕްރީމްކޯޓުންވަނީ ކުއްޖަކު މަންމަގެ ރަޙިމުގައި އޮއްވައި އަލްޓްރާސައުންޑްގެ ޒަރީއާއިން އެކުއްޖެއްގެ ޖިންސް ދެނެގަތުމަކީ އަދަބުދެވޭނެ ކުށެއްކަމުގައި ކަނޑައަޅައިފައެވެ. އެހެންކަމާއެކުވެސް ޤައުމުގެ އެކިކަންކޮޅުތަކުގައިވަނީ ވިޔަނަކްލިނިކުތަކުގެ ދަލެއް ފަތުރައިފައެވެ. އެތަންތާގައި ހިންގާ ޣައިރުޤާނޫނީ މަސައްކަތްތަކުން އަހަރަކު އެތައްބިލިޔަން ރުފިޔާގެ ވިޔަފާރި ކުރަމުން ގެންދެއެވެ. ކޮންމެއަހަރަކުވެސް އެކްލިނިކް ތަކުގައި ފަސްލައްކަ އާއި ހަތްލައްކަ އާ ދެމެދުގެ ޢަދަދެއްގެ އަންހެންކުދީން މައިންގެ ރަޙިމުގައި ޤަތުލުކޮށްލައެވެ. ދިހަވަރަކަށް ނުވަތަ ފަނަރަވަރަކަށްހާސް ރުފިހާގެ ފީއެއްގެ ބަދަލުގައެވެ. ސަރުކާރުން ދޭތެރެދޭތެރެއިން އެފަދަ ކްލިނިކްތައް ކުއްލިޔަކަށް ޗެކްކޮށް އެޣައިރުޤާނޫނީ ޖަރީމާ ހިންގާ ޑޮކްޓަރުން ހައްޔަރުކުރެއެވެ. އެބައިމީހުންގެ މައްޗަށް ޝަރީޢަތްހިންގައި އަދަބުދެއެވެ. ސަރުކާރުންނާއި އެން.ޖީ.އޯ ތަކުން މިދާއިރާގައިކުރާ މަސައްކަތްތަކަކުން ބޭނުންވާ ނަތީޖާއެއް ނުހޯދެއެވެ. މިއިޖްތިމާޢީ ވަބާ ފެތުރުމަކަށް ހުއްޓުން އަރުވައެއް ނުލެވެއެވެ.

ކުށްމަނާކުރުމުގެ އިސްލާމީ ތަދުބީރުތައް

އިސްލާމްދީންވަނީ ޖަނީން ޤަތުލުކުރުމަކީ ވަރަށްބޮޑު ކުށެއްކަމުގައި ކަނޑައަޅައިފައެވެ. އެކަން ހުއްޓުވުމަށްޓަކައި ތަފާތު ތަދުބީރުތައް ޚިޔާރުކޮށްފައެވެ. އޭގެތެރެއިން އެންމެ އިސްއެއްކަމަކީ އެކަމުގެ ނުބައިކަމާއި ފާފަވެރިކަން މީހުންނަށް ވިސްނައިދިނުމެވެ. އާޚިރަތްދުވަހުން އެކަމުން ލިބޭނެ ބޮޑު ޢަޒާބާމެދު މީހުން ބިރުގެންނެވުމެވެ. ބިރުވެތިކުރުވުމެވެ. އެކަންކަމަކާހުރެ ބިރުން މީހުން މިނުބައި ޖަރީމާ ހިންގާ ކަންކަމުގެ އަޞްލެއްނެތްކަން ވަނީ ބަޔާންކޮށްދީފައެވެ. އަންހެން ދަރީންނަކީ ޢާންމުކޮށް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަގޮތާ ޚިލާފަށް ހެޔޮކަމާއި ބަރަކާތްލިބުމުގެ ވަސީލަތެއްކަން ވަނީ ބަޔާންކޮށްފައެވެ. އަންހެންކުދީންނަށް ނަފަޤާތްދީ އެކުދީން ބަލައިބޮޑުކޮށް ހެޔޮގޮތުގައި ތަރުބިޔަތުކުރުމުގައިހުރި އައިތަރިދަކަމާއި މާތްކަން ބަޔާންކޮށްފައެވެ. އިޖްތިމާޢީ ނަޒަރަކުން ވިސްނާއިރު މިއީ ނަތީޖާ ނުހަނު ރަނގަޅު ތަދުބީރު ތަކެކެވެ. އިސްލާމްދީންވަނީ މިސުންޕާ އިޖްތިމާޢީ ވަބާ މުޅީން ނައްތައިލައިފައެވެ. އިސްވެދެންނެވި ތަދުބީރުތަކުގެ ބޭނުންކޮށްގެންނެވެ. މިއީ ތާރީޚު ފުރިހަމަޔަށް ހެކިވާކަމެކެވެ.

ވިސްނުމުގެ ތަރުބިޔަތު

މިމޭރުމުން އިސްލާމްދީން އެންމެ އިސްކަންދީގެންކުރި އެންމެ މުހިންމުކަމަކީ އެދީނުގެ އަހުލެވެރީން ފިކުރީގޮތުން ތަރުބިޔަތު ކުރުމެވެ. ޝައްކެއްނެތެވެ. ކޮންމެ ޤާނޫނެއްވެސް ނަތީޖާ ޙާޞިލްވާ ޤާނޫނަކަށްވަނީ އެޤާނޫނަކީ މީހުން ހިތުގެ އަޑީން ޤަބޫލުކުރާ ޤާނޫނަކަށް ވެގެންނެވެ. އެބައެއްގެ މައްޗަށް އެޤާނޫނު ހިންގޭ މީހުންނަށް އެޤާނޫނެއްގެ ފައިދާއާއި ގެއްލުން ރަނގަޅަށް ވިސްނިގެންނެވެ. އެދުވަސްވަރެއްގައި އިސްލާމްދީނުގެ ނަބިއްޔާ صلي الله عليه وسلم ރަސޫލުކަމައިގެން ވަޑައިގެންނެވި ދުވަސްވަރަކީ މީހުން އެބައިމީހުންގެ ދޭވަތާތަކުގެ ރުހުން ހޯދުމަށްޓަކައި އެދޭވަތާއިން ތަކުގެ ކުރިމަތީގައި ތިމާމެންގެ ދަރީން ޤުރުބާންކުރަމުން ގެންދިޔަ ދުވަސްވަރެވެ. ބައެއް ޤަބީލާތަކުގެ މީހުން އަންހެންކުދީން އުފަންވުމާއެކު ޤަތުލުކުރަމުން ގެންދިޔަ ދުވަސްވަރެކެވެ. ތަފާތު އެކިއެކި ސަބަބުތަކާ ހުރެއެވެ. އިސްލާމްދީން މީސްތަކުންނަށް ވިސްނައިދިނީ އެކަމަކީ ޝައިޠާނީ ކަމެއްކަމެވެ. ޝިރުކުގެ ޢަމަލެއްކަމެވެ. ޝައިޠާނާގެ ކެހިވެރިކަމުގެ ދަޅަތަކުން އެކަން ޒީނަތްތަރިކަމެއްގެ ގޮތުގައި ދައްކައިފައިވަނީކަމެވެ. އެވިޔާނުދާ ޢަމަލުގައި ދީނީ ގިރިޓީއެއްކޮށްފައިވަނީ ކަމެވެ. ޙަޤީޤަތުގައި އެކަމަކީ ގެއްލުމާއި ހަލާކުހުރި ކަމެއްކަމެވެ. މިޙަޤީޤަތް ބަޔާންކުރައްވައިފައިވަނީ އަންނަނިވި މޭރުމުންނެވެ.

[މުޝްރިކުންގެ ގިނަމީހުންނަށް އެއުރެންގެ ދަރީން މެރުމަށް އެއުރެންގެ ޝަރީކުން ޒީނަތްތެރިކޮށް ދެއްކިއެވެ. އެއީ އެއުރެންގެ ހަލާކުގެތެރެއަށް ފޮނުވުމަށެވެ. އަދި އެއުރެންނަށް އެއުރެންގެ ދީން އޮޅުވައިލުމަށެވެ.] (سورة الأنعام: 137)

މާތްވެގެންވާ ކީރިތި ޤުރްއާނުގައި މިމޭރުމުން ބަޔާންކުރައްވައިފައިވާ ގޮތުގައި އަންހެންދަރީން މަރާމީހުން އެކަންކުރަނީ ގަބުކަމާއި މޮޔަކަމުގެ ސަބަބުންނެވެ. އެކަމަކީ އެކަންކުރާމީހުންނަށް ކުޑަވެސް މަންފާއެއް ހުރިކަމެއްނޫނެވެ. ގެއްލުންހުރި ކަމެކެވެ. ދެޖިންސުގެ ދަރީންކުރެ މުސްތަޤްބަލުގައި ފައިދާކުރާނީ ކޮންޖިންސެއްގެ ކޮންދަރިއެއްގެ ފުށުންކަމެއް އެކަކަށްވެސް ކުރިޔަކުން ނޭނގޭނެއެވެ. ހެޔޮކަމާއި ބަރަކާތުގެ ސަބަބަކަށްވާނީ ކޮންކުއްޖެއް ކަމެއް ނޭނގޭނެއެވެ. މިކަންކަން ނޭނގިތިބެ ދަރީން ޤަތުލުކުރުމަކީ މޮޔަކަން ފިޔަވައި އެހެން ކަމެއްނޫނެވެ. އަރަހުށި މާތް الله ވަޙީކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.
[އެއްވެސް ޢިލްމަކާނުލައި، ޖާހިލުކަމުން އެއުރެންގެ ދަރީން ޤަތުލުކޮށް އެއުރެންނަށް الله ދެއްވިތަކެތި الله އަށް ދޮގުހެދުމުގެ ގޮތުން ޙަރާމްކުޅަ މީހުން ގެއްލި ހަލާކުވެއްޖެއެވެ.] (سورة الأنعام: 140)

(ނުނިމޭ)