ކޮލަމް

އައިސީސީ އާއި ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރު - ބައިނަލްއަޤްވާމީ ޖިނާއީ ޤާނޫނުގެ މުސްތަޤްބަލަކީ ކޮބާ؟

އަލް އުސްތާޛް އަޙްމަދު މާޖިދު

1

ބައިނަލްއަޤްވާމީ ޖިނާއީ ޤާނޫނުތަކަކާއި އެ ޤާނޫނުތައް ތަޠުބީޤު ކުރާނޭ ބައިނަލްއަޤްވާމީ ޖިނާއީ ޢަދުލުގެ ނިޒާމެއް އޮންނާން ޖެހޭ މައިގަނޑު ދެތިން ސަބަބެއް ވެއެވެ. އެއް ސަބަބަކީ، ބައެއް ކަހަލަ ކުށްތައް ހުއްޓުވުމާއި އެ ކުށްތައް ކުރާ ފަރާތްތަކަށް އަދަބު ދިނުމަކީ މުޅި އިންސާނިއްޔަތުގެ މަޞްލަޙަތާ ގުޅިފައި ވާ، ހުރިހައި ޤައުމުތަކެއް ގުޅިގެން އެއްބާރުލައިގެން ބައިނަލްއަޤްވާމީ ނިޒާމަކުން ކުރާން ވީ ކަމެއް ކަމަށް ވުމެވެ. ދެވަނަ ސަބަބަކީ، މި ދަންނަވާ ޒާތުގެ ކުށްތަކަކީ ޢާއްމު ގޮތެއްގައި އެއް ޤައުމެއްގެ ޢަސްކަރިއްޔާ އާއި ހަތިޔާރު އެޅި ފައުޖުތަކާއި ޖަމާޢަތްތައް ފަދަ ފަރާތްތަކުން އެހެން ޤައުމެއްގެ ސަރަޙައްދުގައި ކުރާ ކުށްތަކަކަށް ވުމުން، މައްސަލައިގައި ޝާމިލު ވާ އެކިއެކި ފަރާތްތަކާއި ހިމެނޭ އެކިއެކި އުންސުރުތަކަކީ ވަކި ޤައުމެއްގެ ސަރަޙައްދުގެ ތެރޭގައި ހިފެހެއްޓިފައި ނުހުންނަ، "ބައިނަލްއަޤްވާމީ" ވުމުގެ ސިފަ ލިބިގެން ވާ ކަންތައްތަކަކަށް ވުމެވެ. ތިންވަނަ ސަބަބަކީ، މި ދަންނަވާ ކުށްތައް ޢާއްމު ގޮތެއްގައި ކުރަނީ ޤައުމެއްގެ ސިޔާސީ ލީޑަރުންނާއި ޢަސްކަރިއްޔާ އާއި ހަތިޔާރު އެޅި ބާޣީންގެ ޖަމާޢަތްތައް ފަދަ، އެ ޤައުމެއްގައި ސިޔާސީ ނުވަތަ އެހެނިހެން ގޮތްގޮތުން ނިކަން ބާރުގަދަ ފަރާތްތަކުން ކަމަށް ވުމުން، އެ ޤައުމެއްގެ ދާޚިލީ ޤާނޫނީ ނިޒާމުން މައްސަލަ ބަލައި ކުށްވެރި ވާ ފަރާތްތަކާ މެދު އިންޞާފުވެރި ފިޔަވަޅުތައް އެޅުމަކީ އުނދަގޫ އަދި ނާދިރު ކަމަކަށް ވުމެވެ.

ދެތިން މިސާލެއް

ދެންނެވުނު ފަދަ ސަބަބުތަކާ ހުރެ، ބައިނަލްއަޤްވާމީ ޖިނާއީ ޢަދުލުގެ ނިޒާމެއް އޮތުން ޟަރޫރަތްތެރި ވާ ގޮތުގެ އެތައް މިސާލެއް، ފާއިތު ވި ފަންސާހަކަށް އަހަރުގެ ތާރީޚުން އެކަނި ވެސް ދެއްކިދާނެއެވެ.

އެއް މިސާލަކީ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ހަތިޔާރު އެޅި ފައުޖުތަކުން ވިއެޓްނާމުގައި ހިންގި އެތައް ޖަރީމާތަކެއްގެ ތެރެއިން މަޝްހޫރު "މެއި ލައި ޤަތުލުޢާއްމު" ގެ ޙާދިސާއެވެ. މި ޤަތުލުޢާއްމުގައި، އެމެރިކާގެ ސިފައިން ދެކުނު ވިއެޓްނާމުގެ "ސޯން މެއި" އަވަށަކަށް އަރައި 500 ވަރަކަށް ޢާއްމުންގެ މިނިކަތިލުމެއް ހިންގިއެވެ. މި ހާދިސާގައި އަންހެނުންނާއި އަންހެން ކުދީން ރޭޕު ކޮށް، ގޭންގު ރޭޕު ކޮށްފައި ވެއެވެ. އެތައް ބަޔަކު މަރައިފައި ވަނީ ހަށިގަނޑުގެ ގުނަވަންތައް ކޮށައި ކަނޑައި ބުރިބުރި ކޮށް، ވޭންދެނިވި އެތައް ހާނީއްކައެއް ދިނުމުގެ ތެރެއިންނެވެ. ބައެއް އަންހެނުންނާއި އަންހެން ކުދީން ގޭންގު ރޭޕު ކުރުމުގެ ތެރޭގައި މަރު ވުމަށް ފަހު ވެސް، ހަށިގަނޑުތައް ކޮށައި ބުރިބުރި ކޮށް ހަދައިފައި ހުއްޓެވެ. ރޭޕު ކޮށް މަރައިފައި ވާ އަންހެން ކުދީންގެ ތެރޭގައި ޢުމުރުން 12 އަހަރުގެ ކުދީން ވެސް ހިމެނެއެވެ. އެންމެ ފުރަތަމަ އެމެރިކާގެ ޢަސްކަރިއްޔާއިން މި ޙާދިސާގެ ވާހަކަތައް ސިއްރު ކޮށް މަތި ޖަހައި ފޮރުވީއެވެ. ކަމާ ބެހޭގޮތުން ފުރަތަމަ ނެރުނު ބަޔާންތަކާއި ލިޔެކިޔުންތަކުގައި ހަދައިފައި ހުރީ ބޮޑެތި ދޮގެވެ. އެ ދޮގުތައް ބޭޒާރު ވެ ޙަޤީޤަތް މުޅި ދުނިޔެއަށް ހާމަ ވުމުން، އެމެރިކާ ޢަސްކަރިއްޔާއިން ތިރީހަކަށް އޮފިސަރުންނާ ދެކޮޅަށް އެކި ކަހަލަ ތަޙުޤީޤުތައް ހިންގައި ދަޢުވާތައް އުފުލިއެވެ. ނަމަވެސް އޭގެ ތެރެއިން ކުށް ސާބިތު ވީ އެންމެ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ވެސް ފުރަތަމަ އިއްވުނު ޢުމުރު ދުވަހުގެ ޖަލު ޙުކުމް ފަހުން ވިހި އަހަރުގެ ޙުކުމަކަށް ބަދަލު ކުރެވި، އެ ޙުކުމް ވެސް ތަންފީޒު ނުކޮށް އޭނާ އާޚިރުގައި ސަލާމަތް ވީއެވެ.

ދެވަނަ މިސާލަކީ އިސްރާއީލުގެ ސިފައިންނާއި ލުބުނާނުގެ ނަޞާރާ ހަނގުރާމަވެރީންގެ ޖަމާޢަތެއް ގުޅިގެން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް، ލުބުނާނުގެ ބައިރޫތުގެ ސަރަޙައްދުގައި ހިންގި މަޝްހޫރު "ޞަބްރާ އާއި ޝަތީލާގެ ޤަތުލުޢާއްމު" އެވެ. މި ޤަތުލުޢާއްމު ހިންގައިފައި ވަނީ 1982 ވަނަ އަހަރު އިސްރާއީލުން ލުބުނާނަށް އަރައިގަނެ އެ ޤައުމުގައި ހިންގަމުން ގެންދިޔަ ޢުދުވާނީ ހަނގުރާމައިގެ ތެރޭގައެވެ. ފަލަސްޠީނީ ރެފިޔުޖީން ދިރިއުޅެމުން ދިޔަ ޞަބްރާ އާއި ޝަތީލާ ރެފިޔުޖީ ކޭންޕު ސަރަޙައްދަށް އިސްރާއީލު ސިފައިންނާއި ނަޞާރާ ހަނގުރާމަވެރީން ގޮސް، 16 ސެޕްޓެންބަރުން 18 ސެޕްޓެންބަރާ ހަމަޔަށް، ޖުމުލަ 43 ގަޑި އިރު ވާންދެން، އެ ސަރަޙައްދު ޙިޞާރު ކޮށް ބަންދު ކޮށްގެން ހިންގި ޤަތުލުޢާއްމަކީ މި ޒަމާނުގެ ތާރީޚު ދެކެފައި ވާ އެންމެ ބޭރަޙުމުވެރި، އެންމެ އަނިޔާވެރި އެއް ޤަތުލުޢާއްމެވެ. ޝަހީދު ކޮށްލެވުނު ފަލަސްޠީނީންގެ ޢަދަދަކީ ގާތްގަނޑަކަށް 3500 އެވެ. މި ޤަތުލުޢާއްމުގެ ތެރޭގައި ވެސް އަންހެނުންނާއި ޅަވަރުގެ އަންހެން ކުދީން ރޭޕު ކުރުމާއި އެތައް ބައެއްގެ ގުނަވަންތައް ކަނޑައި ބުރިބުރި ކޮށް ހާނީއްކަ ކުރުން ފަދަ ލާއިންސާނީ އެތައް ޢަމަލުތަކެއް ހިންގައިފައި ވެއެވެ. މި ޤަތުލުޢާއްމުގެ ވާހަކަ ޢާއްމު ވުމުން، އިސްރާއީލުން "ކޮމިޝަން އޮފް އިންކުއަރީ އިންޓު ދި އިވެންޓްސް އެޓް ދަ ރެފިޔުޖީ ކޭމްޕްސް އިން ބެއިރޫތު" ގެ ނަމުގައި ތަޙުޤީޤު ކޮމިޝަނެއް ހެދިއެވެ. ނަމަވެސް އެ ކޮމިޝަނުގެ ނިންމުމުގައި އިސްރާއީލުގެ ސިފައިންގެ އެއްވެސް ޒިންމާއެއް އޮތް ކަމަކަށް ނުހެދިއެވެ. އެއިރު އިސްރާއީލުގެ ދިފާޢީ ވަޒީރުގެ މަޤާމުގައި ހުރި އެރިއަލް ޝެރޯން، "ޤަތުލުޢާއްމު ހުއްޓުވުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައި ނުވާތީ އޭނާ މަޤާމުން އިސްތިޢުފާ ދޭން ވާނެޔޭ" ބުނި ބުނުމެއް ފިޔަވައެވެ. އޭނާ 14 ފެބުރުވަރީ 1983 ގައި މަޤާމުން އިސްތިޢުފާ ދިނެވެ. ނަމަވެސް 2001 އިން ފެށިގެން އޭނާ ވަނީ އެތައް އަހަރަކު އިސްރާއީލުގެ ބޮޑުވަޒީރުކަން ކޮށްފައެވެ.

މި މިސާލުތަކުން ފެންނަނީ، ޤައުމުތަކުގެ ލީޑަރުންނާއި ޢަސްކަރީން ހިންގާ ޖަރީމާތަކަށް އެ ޤައުމެއްގެ ޤާނޫނީ ނިޒާމުތަކުން އަދަބު ނުދެވޭ ތަނެވެ. އަދަބު ދިނުމުގެ ނަމުގައި ކުރާ ކަންތައްތަކަކީ ވެސް ދުނިޔެއަށް ދަޅަ ދައްކައިލާން ކުޅޭ ތަމްސީލެއް ކަމެވެ. ދައުލަތަކުން އެ ދައުލަތެއްގެ ޢަސްކަރިއްޔާއިން އެހެން ޤައުމެއްގެ ބަޔަކާ މެދު ހިންގާ ޖަރީމާއަކާ މެދު ޙަޤީޤީ މާނައިގައި އިންޞާފުވެރި ފިޔަވަޅެއް އެޅުމުގެ މިސާލެއް ފެނިފައި ވަނީ ވަރަށް ވެސް މަދު ފަހަރަކުއެވެ. އެއް މިސާލަކީ، ބަޔަފްރާގެ ޤައިދީއެއްގެ ގަޔަށް ބަޑި ޖަހައި މަރައިލިކަމުގެ ކުށުގައި ނައިޖީރިއާއިން އެ ޤައުމުގެ ސިފައިންގެ މީހަކަށް 1968 ވަނަ އަހަރުގެ ނޮވެންބަރު މަހު މަރުގެ އަދަބު ދިން ހާދިސާއެވެ. އެކަމަކު މިއީ ނާދިރު ކަމެކެވެ. ގިނަ ފަހަރު ކަންކަން ވަނީ މެއި ލައި ޤަތުލުޢާއްމާއި ޞަބްރާ ޝަތީލާގެ ޤަތުލުޢާއްމުގެ ޙާދިސާތަކުގައި ކަން ހިނގި ގޮތަށެވެ. ވީމާ، ބައިނަލްއަޤްވާމީ ޤާނޫނުތަކުގައި ކުށް ކަމުގައި ކަނޑައަޅާ ޢަމަލުތައް ހިންގާ މީހުންނާ މެދު ޖިނާއީ ތަޙްޤީޤު ހިންގުމާއި ޝަރީޢަތް ކުރުމާއި އަދަބު ދިނުމުގެ މަންސައެއް، ބައިނަލްއަޤްވާމީ ޤާނޫނުގެ ނިޒާމުގެ ތެރޭގައި ވެސް ބޭއްވުން މުހިއްމު ވަނީއެވެ. އެއީ މުހިއްމު ކަމެއް ކަމަށް ޤައުމުތަކުގެ ސިޔާސީ އަދި ޢިލްމީ ލީޑަރުންނަށް ފެންނަނީއެވެ.

ފަރުދީ ޖިނާއީ ޒިންމާ

ދެން އޮތީ، ބައިނަލްއަޤްވާމީ ޖިނާއީ ޢަދުލުގެ ނިޒާމަކުން ވަކިވަކި ފަރުދުންނަށް އަދަބު ދިނުން، ނުވަތަ ބައިނަލްއަޤްވާމީ ޤާނޫނުގައި ފަރުދީ ޖިނާއީ ޒިންމާ (individual criminal responsibility) އިސްތިޤްރާރު ކުރުމުގެ ސުވާލެވެ. މި ސުވާލު ކުރާން ޖެހެނީ، ޒަމާނުއްސުރެ ބަލައިގަނެވިފައި ވާ އުޞޫލުތަކުގެ ދަށުން، ވަކިވަކި ފަރުދުންނަކީ ބައިނަލްއަޤްވާމީ ޤާނޫނަށް "ސަބްޖެކްޓް" ވާ، ނުވަތަ ބައިނަލްއަޤްވާމީ ޤާނޫނުން ތަންޒީމު ކުރެވޭ ފަރާތަކަށް ނުވާތީއެވެ. ބައިނަލްއަޤްވާމީ ޤާނޫނަކީ ޤައުމުތަކާއި، ޤައުމުތަކާ އެއް ކަހަލަ ބީދަޔަކުން ބައިނަލްއަޤްވާމީ މުޖުތަމަޢާއި ބައިނަލްއަޤްވާމީ މަންސަތަކުގައި ބައިވެރި ވެ ޙަރަކާތްތެރި ވާ ފަރާތްތަކުގެ ކަންކަން ތަންޒީމު ކުރާ ޤާނޫނުތަކަކަށް ވާތީއެވެ.

ފަހެ، 1914 އާއި 1945 އާ ދެމެދު ޔޫރަޕާއި ދުނިޔޭގެ އެހެން ބައެއް ސަރަޙައްދުތަކުގައި ކުރެވުނު ބޮޑު ދެ ހަނގުރާމަޔާ ހަމަޔަށް ވެސް، ބައިނަލްއަޤްވާމީ ޤާނޫނުގެ "ސަބްޖެކްޓްސް" ގެ ގޮތުގައި ބަލައިގަނެވިފައި ވަނީ ދައުލަތްތަކާއި، ދައުލަތްވަންތަކަން ފުރިހަމަ ނުވާ ސުއި ޖެނެރިސް ސަރަޙައްދީ ކިޔާންތަކާއި، ދަ ހޯލީ ސީ އަދި ވެޓިކަނާއި، ދައުލަތެއް ނުވަތަ ޤައުމެއްގެ ސަރަޙައްދުގައި އަމިއްލަ މިނިވަންކަން ނުވަތަ އަމިއްލަ ދައުލަތަކަށް ޓަކައި ހަނގުރާމަ ކުރާ ޖަމާޢަތްތަކާއި، ބައިނަލްއަޤްވާމީ ޕަބްލިކް ކުންފުނިތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ފަދަ ޤާނޫނީ ޝަޚްޞުތައް ނުވަތަ ކިޔާންތަކެވެ. ވަކިވަކި ފަރުދުންނަކީ، ޝަޚްޞީ ގޮތުން އަދި ޝަޚްޞީ ޙައްޤުތަކާއި ވާޖިބުތައް އެކަށައެޅުމާއި ތަންފީޛު ކުރުމުގައި ބައިނަލްއަޤްވާމީ ޤާނޫނުގެ އިޚްތިޞާޞުގެ ދަށަށް ވަންނަ އެއްޗެއް ނޫނެވެ. އެހައިތަނަށް، ވަކިވަކި ފަރުދުން ކުރާ ކުށްތަކުގެ މައްސަލަތަކުގައި ތަޙްޤީޤު ކުރުމާއި ޝަރީޢަތް ކުރުމާއި އަދަބު ދިނުމަކީ އެ މައްސަލައަކަށް އިޚްތިޞާޞް ލިބޭ ޤައުމެއްގެ ޝަރްޢީ-ޤާނޫނީ ނިޒާމުން މެނުވީ ކުރެވޭ ކަމެއް ނޫނެވެ.

އިނގިރޭސީންނާއި ފަރަންސޭސީންނާއި އެމީހުންގެ އެކުވެރީން ކަމުގައި ވި "އިއްތިޙާދީ ބާރުތަކަށް" (Allied Powers, Entente, Triple Entente) ނަޞުރު ލިބިގެން 1918 ވަނަ އަހަރު ފުރަތަމަ ބޮޑު ހަނގުރާމަ ނިމުމަށް ފަހު އެ ބާރުތަކުގެ ފަރާތުން އެކުލަވައިލި ކޮމިޝަނަކުން، ހަނގުރާމައިގައި ބަލި ވި ޖަރުމަނާއި އޮސްޓްރިޔާ-ހަންގޭރީ އާއި ޢުޘްމާނީ ޚިލާފަތާއި ބަލްގޭރިޔާގެ އިއްތިޙާދު (Quadruple Alliance, Central Powers) ގެ އިސް ބައެއް އޮފިޝަލުންގެ މައްޗަށް ޖިނާއީ ތަޙްޤީޤާއި ޝަރީޢަތް ހިންގާނޭ ބައިނަލްއަޤްވާމީ ނިޒާމަކާ މެދު މަޝްވަރާ ކުރިއެވެ. އެ ކޮމިޝަނުގެ ނަމަކީ (Commission on the Responsibility of the Authors of the War and on the Enforcement of Penalties) އެވެ. މި ކޮމިޝަނުން (Allied High Tribunal) ގެ ނަމުގައި ބައިނަލްއަޤްވާމީ ޖިނާއީ ޓްރައިބިޔުނަލެއް ހަދައިގެން އެ ކަން ކުރުމަށް ލަފާ ވެސް ދިނެވެ. ނަމަވެސް، ވަކިވަކި ފަރުދުންގެ މައްޗަށް ބައިނަލްއަޤްވާމީ ޖިނާއީ ޢަދުލުގެ ނިޒާމަކުން ފިޔަވަޅު އެޅުމަށް އަލަށް ކުރެވުނު މި މަސައްކަތަކުން އެދެވޭ ނަތީޖާއެއް ނުނުކުތެވެ. ކުރެވުނުހައި ވެސް ކަމަކީ ޖަރުމަނުގެ ދާޚިލީ ޤާނޫނީ ނިޒާމުގެ ދަށުން "ލެއިޕްޒިގް ޝަރީޢަތްތައް" (Leipzig Trials) މި ނަމުން މަޝްހޫރު ވެފައި ވާ މަދު ޢަދަދެއްގެ ޝަރީޢަތްތަކެއް ހިންގައި، މަދު ޢަދަދެއްގެ މީހުންނަށް ރަމްޒީ އަދަބުތަކެއް ދިނުމެވެ. ފުރަތަމަ ބޮޑު ހަނގުރާމަޔަށް ފަހު، ދުނިޔޭގައި ޞުލްޙަ ބަލަހައްޓާ ޖަމްޢިއްޔާއެއްގެ ގޮތުގައި ޤާއިމު ކުރެވުނު "ލީގް އޮފް ނޭޝަންސް" އިން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓެއް އުފެއްދުމަށް ޓަކައި މުޢާހަދާއެއް ވެސް އެކުލަވައިލިއެވެ. ނަމަވެސް، 1937 ވަނަ އަހަރު ލީގުން ފާސް ކުރި މި މުޢާހަދާ ތަޞްދީޤު ކުރީ އެންމެ ޤައުމަކުންނެވެ. އެއީ އިނގިރޭސި އިންޑިއާއެވެ. އިތުރު ޤައުމަކުން މި މުޢާހަދާ ތަޞްދީޤު ކުރުމަށް ބޭނުން ނުވުމުން، އާޚިރުގައި އެ މަސައްކަތް ވެސް ވަޅު ޖެހުނީއެވެ.

1939 ވަނަ އަހަރުން ފެށިގެން 1945 ވަނަ އަހަރާ ހަމަޔަށް ހިނގި ދެވަނަ ބޮޑު ހަނގުރާމަ ނިމިގެން ދިޔަ އިރު ކުރިމަތި ވި ޤާނޫނީ އެންމެ ބޮޑު އެއް މައްސަލައަކީ، ނާޒީ ޖަރުމަނުގެ ހަނގުރާމައިގެ ލީޑަރުންނާއި ޢަސްކަރިއްޔާއިން އެކިއެކި ޤައުމުތަކުގެ ސަރަޙައްދުތަކުގައި ހިންގި ބޮޑެތި ޖަރީމާތަކާއި، ޖަރުމަނުގެ ސަރަޙައްދުގެ ތެރޭގައި ވެސް އެކިއެކި ޤައުމުތަކުގެ ފަރުދުންނާއި ޤައުމީ ނުވަތަ ނަސްލީ ވަކިވަކި ޖަމާޢަތްތަކާ ދެކޮޅަށް ހިންގި ބައެއް ކަހަލަ ޖަރީމާތަކަށް އިންޞާފުވެރި ގޮތެއްގައި އަދަބު ދޭނޭ ގޮތުގެ މައްސަލައެވެ. މި މައްސަލައާ ގުޅޭ އެކިއެކި ސުވާލުތައް ފެންމަތި ކުރެވި ބަޙުޘް ކުރެވުނެވެ. މިސާލަކަށް، ނާޒީން ރޫސީ ވިލާތަށް އަރައި ސްޓަލިންގްރޭޑުގައި ހިންގި ޖަރީމާތަކާ ގުޅޭ ތަޙްޤީޤުތަކާއި ޝަރީޢަތްތަކުގެ ކަންކަން ޖަރުމަނާ ޙަވާލު ކޮށްފިއްޔާ، ޖަރުމަނުން އިންޞާފުވެރި ގޮތެއްގައި އެކަން ކުރާނެ ހެއްޔެވެ؟ އެކަން ރޫސީންނާ ޙަވާލު ކޮށް، ތުހުމަތު ކުރެވޭ ޖަރުމަނުގެ އެތައް ބަޔަކު ރޫސީ ވިލާތަށް ފޮނުވުމުން، ރޫސީން އެމީހުންނާ މެދު ޢަމަލު ކުރާނީ އިންޞާފުވެރިކަމާ އެކު ހެއްޔެވެ؟ ނުވަތަ ރުޅިވެރިކަމާއި ނަފްރަތާއި ތަޢައްޞުބާ އެކު، ބަދަލު ހިފުމުގެ ރޫޙެއްގައި ހެއްޔެވެ؟ މިއިން ކޮންމެ ޤައުމަކުން ޖިނާއީ އިޖުރާއާތުތައް ކުރިޔަށް ގެންދިޔަޔަސް، ތުހުމަތު ކުރެވޭ މީހުންނާއި އަނިޔާ ލިބުނު ފަރާތްތަކަށް އިންޞާފު ލިބުނު ކަމަށް އަނެއް ޤައުމަށް އިތުބާރު ކުރެވޭނެ ހެއްޔެވެ؟

މި ބާވަތުން ކުރިމަތި ވި އެތައް ސުވާލުތަކަކާ މެދު ކުރެވުނު މަޝްވަރާތަކާއި ބަޙުޘްތަކަށް ފަހު، 08 އޯގަސްޓް 1945 ގައި އިނގިރޭސީންނާއި ފަރަންސޭސީންނާއި ރޫސީންނާއި އެމެރިކާގެ މަސްއޫލުވެރީން، ލަންޑަނުގައި ބޭއްވި ކޮންފަރެންސެއްގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއި ކުރިއެވެ. ކުރު ނަމުން "އެގްރީމެންޓް ފޯރ ދަ ޕްރޮސިކިޔުޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ މޭޖަރ ވޯރ ކްރިމިނަލްސް އޮފް ދަ ޔޫރަޕިއަން އެކްސިސް" ގެ ނަމުގައި ސޮއި ކުރެވުނު މި އެއްބަސްވުމުގެ ދަށުން "އިންޓަރނޭޝަނަލް މިލިޓަރީ ޓްރައިބިޔުނަލް" ގެ ނަމުގައި ބައިނަލްއަޤްވާމީ ޖިނާއީ ޓްރައިބިޔުނަލެއް ވުޖޫދަށް ގެނެވުނެވެ. އެއްބަސްވުމުގެ އެއް ބަޔަކީ މި ޓްރައިބިޔުނަލުގެ ޗާޓަރެވެ. ޓްރައިބިޔުނަލުގެ ޝަރީޢަތްތައް ހިންގުނީ ޖަރުމަނުގެ "ނިޔުރެމްބާރގް" ގައެވެ. އެހެންކަމުން، މި ޓްރައިބިޔުނަލަށް ޢާއްމު ނަމެއްގެ ގޮތުގައި "ނިޔުރެމްބާރގް ޓްރައިބިޔުނަލް" (Nuremberg Tribunal)، އަދި މި ޓްރައިބިޔުނަލުގެ ޝަރީޢަތްތަކަށް "ނިޔުރެމްބާރގް ޝަރީޢަތްތައް" (Nuremberg Trials) މި ނަން ދެވިފައި ވެއެވެ. 20 ނޮވެންބަރު 1945 ގައި ފެށުނު ޝަރީޢަތްތަކުގެ ފުރަތަމަ ބުރުގައި ޝަރީޢަތް ހިންގުނީ 24 މީހެއްގެ މައްޗަށެވެ.

"ނިޔުރެމްބާރގް ޝަރީޢަތްތަކަކީ" ބައެއް ކަހަލަ ކުށްތައް ބައިނަލްއަޤްވާމީ ޤާނޫނުގެ ނިޒާމުގެ ތެރެއިން ތަޖުރީމު ކޮށް، އެ ކުށްތަކުގެ މައްސަލަތަކުގައި ތަޙްޤީޤު ކުރުމާއި ޝަރީޢަތް ކުރުމާއި ޙުކުމް ކުރުމާއި ޙުކުމް ތަންފީޛު ކުރުމުގެ ކަންކަން ބައިނަލްއަޤްވާމީ ޖިނާއީ ޢަދުލުގެ ނިޒާމަކުން ހިންގައި، އެ ނިޒާމުގެ ދަށުން ވަކިވަކި ފަރުދުން ވެސް ބައިނަލްއަޤްވާމީ ޖިނާއީ ޤާނޫނަށް ފަރުދީ ގޮތުން ޖަވާބުދާރީ ކުރުވުމުގެ ނިޒާމާއި އުޞޫލުތަކުގެ ފެށުމެވެ. އޭގެ ކުރީގައި، ހަނގުރާމައެއްގައި ދައުލަތަކުން ހިންގާ ޖަރީމާތައް ފަދަ ޢަމަލުތަކާ ގުޅިގެން އަޅާ ކޮންމެ ފިޔަވަޅެއް ވެސް އެޅެނީ އެ ދައުލަތަކާ ދެކޮޅަށެވެ.

"ނިޔުރެމްބާރގް ޓްރައިބިޔުނަލް" ގެ ޗާޓަރާއި، ޓްރައިބިޔުނަލުގެ ނިންމުންތައް 1946 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 11 ވަނަ ދުވަހު އަލިފުދާލު ޖަމްޢިއްޔާގެ ޢާއްމު މަޖިލިހުން ފާސް ކުރި ޤަރާރު ނަންބަރު 95(I) އިން ބަލައިގަތުމާ ގުޅިގެން، އެއީ ބައިނަލްއަޤްވާމީ ޤާނޫނުގެ ބަޔަކަށް ވަނީ ވެފައެވެ. އޭގެ ފަހުން، 21 ނޮވެންބަރު 1947 ގައި ޢާއްމު މަޖިލިހުން ފާސް ކުރި ޤަރާރު ނަންބަރު 177 (II) ގެ ދަށުން، "ނިޔުރެމްބާރގް ޓްރައިބިޔުނަލް" ގެ ޗާޓަރުގައި ހިމެނޭ އުޞޫލުތައް ބައިނަލްއަޤްވާމީ ޤާނޫނުގެ އުޞޫލުތަކެއްގެ ގޮތުގައި ލިޔެ އެކަށައެޅުމުގެ މަސައްކަތް، އަލިފުދާލުގެ ދަށުން ހިނގަމުން ދިޔަ "އިންޓަރނޭޝަނަލް ލޯވ ކޮމިޝަން" އާ ޙަވާލު ކުރެވުނެވެ. ކޮމިޝަނުގެ މަސައްކަތުން އެކުލަވައިލި ވަޘީޤާގައި ބައިނަލްއަޤްވާމީ ޖިނާއީ ކުށްތަކާއި، އެ ކުށްތައް ކުރާ ވަކިވަކި ފަރުދުންނަށް ބައިނަލްއަޤްވާމީ ޖިނާއީ ޢަދުލުގެ ނިޒާމަކުން އަދަބު ދިނުމާ ބެހޭ އަސާސީ އުޞޫލުތައް ބަޔާން ކުރެވުނެވެ. އެ ވަޘީޤާ މަޝްހޫރު ވެފައި ވަނީ "ނިޔުރެމްބާރގް އުޞޫލުތައް" (Nuremberg Principles) މި ނަމުންނެވެ.

ދެން އައި އަހަރުތަކުގައި، ބައިނަލްއަޤްވާމީ ޤާނޫނުގެ އިތުރު ވަޘީޤާތަކުން (instruments of international law) ބައިނަލްއަޤްވާމީ ޖިނާއީ ކުށްތަކާ ބެހޭ އެކިއެކި އުޞޫލުތަކާއި ހަމަތައް، އަދި އެ ކުށްތަކަށް ވަކިވަކި ފަރުދުން ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ޖަވާބުދާރީ ކުރުވޭނޭ ގޮތުގެ ހަމަތަކާއި އުޞޫލުތައް ތަފްޞީލުތަކާ އެކު އިސްތިޤްރާރު ކުރެވެމުން ދިޔައެވެ. ބައެއް މިސާލުތަކަކީ "ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް 1948" އާއި، "ޖެނީވާ ކޮންވެންޝަންސް 1949" ނަން ދެވިފައި ވާ ހަތަރު މުޢާހަދާ އާއި އެ ހަތަރު މުޢާހަދާއަށް 1977 ވަނަ އަހަރު އިތުރު ކުރެވުނު ދެ ޕްރޮޓޮކޯލާއި، އިންޓަރނޭޝަނަލް ލޯވ ކޮމިޝަނުގެ "ޑްރާފްޓް ކޯޑް އޮފް އޮފެންސަސް އެގެންސްޓް ދަ ޕީސް އެންޑް ސެކިޔުރިޓީ އޮފް މޭންކައިންޑް 1954" އެވެ. މި ވަޘީޤާތަކުން ފެށިގެން، ބައިނަލްއަޤްވާމީ ޖިނާއީ ޤާނޫނު މަޑުމަޑުން ތަރައްޤީ ވަމުން އައިސް، "ރޯމް ސްޓެޓިޔުޓް އޮފް ދި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް" އާ ހަމަޔަށް އައުދެވުނީ 1998 ވަނަ އަހަރުއެވެ. އެ މުޢާހަދާއިން ބައިނަލްއަޤްވާމީ ބައެއް ކުށްތަކާ ބެހޭ އުޞޫލުތަކާއި ހަމަތައް ތައުކީދު ކުރެވި، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (International Criminal Court) ވުޖޫދަށް ގެނެވުނެވެ.

ރޯމް ސްޓެޓިޔުޓާއި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު

ދުނިޔޭގެ ތާރީޚުގައި، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓެއް އުފެއްދުމުގެ ޚިޔާލު އެންމެ ފުރަތަމަ ފަހަރަށް ފައުޅު ކުރެވުނީ 1872 ވަނަ އަހަރު ކަމަށް ބެލެވެއެވެ. އެ އަހަރު، އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްގެ ބާނީންގެ ތެރެއިން ބެއިފުޅެއް ކަމަށް ވާ ގުސްޓާފް މޮއިނިއަރ އެ ޚިޔާލު ހުށައެޅުއްވިއެވެ. ނަމަވެސް އެއީ ކުރެވިދާނޭ ކަމެއް ކަމަށް އެއިރު ޤައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކަކުން ނުދެކުނެވެ. ގިނަ ބަޔަކު ދުށީ މޮއިނިއަރގެ ޚިޔާލުފުޅަކީ "ހުވަފެނީ ވާހަކަތަކެއް" ކަމުގައެވެ.

1945 ވަނަ އަހަރު ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ނިމުމަށް ފަހު، ނިޔުރެމްބާރގް ޓްރައިބިޔުނަލާއި، އެ ޓްރައިބިޔުނަލް އުފެއްދުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން، ބޮޑު ހަނގުރާމައިގައި ޖަޕާނުން ހިންގި ޖަރީމާތަކުގެ މައްސަލަ ބެލުމަށް ޓަކައި، އުފެއްދުނު ޓޯކިއޯ ވޯރ ކްރައިމްސް ޓްރައިބިޔުނަލުގެ މަސައްކަތް ފެށުނުތާ މާކަ ގިނަ ދުވަސްތަކެއް ނުވަނީސް، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓެއް އުފެއްދުމުގެ ޚިޔާލު އަލިފުދާލުގެ ޢާއްމު މަޖިލިހުގެ ތެރެއިން ފެންމަތި ވިއެވެ. އެއީ 1950 ވަނަ އަހަރުއެވެ. އެފަދަ ކޯޓެއް އުފެއްދުމާ ބެހޭގޮތުން ދިރާސާތަކެއް ކުރުމުގެ މަސައްކަތް ޢާއްމު މަޖިލިހުގެ ޤަރާރަކުން "އިންޓަރނޭޝަނަލް ލޯވ ކޮމިޝަން" އާ ޙަވާލު ވެސް ކުރިއެވެ. އެ ކޮމިޝަނުގެ ދިރާސާގެ ނަތީޖާ ޢާއްމު މަޖިލިހަށް ހުށައެޅި، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓެއްގެ އަސާސީ ޤަވާޢިދު ނުވަތަ "ސްޓެޓިޔުޓް" ގެ ދެލިކޮޕީއެއް ވެސް ތައްޔާރު ކުރެވުނެވެ. ނަމަވެސް އެ މަސައްކަތް މަޑު ޖައްސައިލެވުނީ "ޢުދުވާނުގެ ޖަރީމާ" އަށް ޤައުމުތަކަށް އެއްބަސް ވެވޭ ތަޢުރީފަކާ ހަމަޔަށް ވާޞިލު ވެވި، ބައިނަލްއަޤްވާމީ ޖިނާއީ ކުށްތަކުގެ ވަކި ކޯޑެއްގެ ދެލިކޮޕީ ތައްޔާރު ކުރެވިއްޖައުމަށް ދާންދެނެވެ. ނަމަވެސް މި ކަންކަން ޙާޞިލު ނުކުރެވި، ބައިނަލްއަޤްވާމީ ސިޔާސީ މަސްރަޙުގެ ތެރެއިން ކުރިމަތި ވަމުން ދިޔަ ހުރަސްތަކާއި ގޮންޖެހުންތަކާ ހުރެ މަސައްކަތް ލަސް ކުރެވެމުން ފަސް ކުރެވެމުން އައީއެވެ.

ބައިނަލްއަޤްވާމީ ޖިނާއީ ކޯޓެއް ވުޖޫދަށް ގެނައުމުގެ މަސައްކަތުގެ ފަހު މަރުޙަލާ ފެށުނީ 1989 ވަނަ އަހަރު، ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ދައުލަތުން އަލިފުދާލަށް ހުށައެޅި ހުށައެޅުމަކާ އެކުއެވެ. އެ ހުށައެޅުމަކީ، ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ހުރަސް ކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް މަސްތު ވާ ތަކެތި ޓްރެފިކް ކުރުމުގެ ބޮޑު ކުށަށް ބައިނަލްއަޤްވާމީ ޖިނާއީ ޢަދުލުގެ ނިޒާމަކުން އަދަބު ދެވޭނެ ގޮތް ހެދުމުގެ މަޤްޞަދުގައި ހުށައެޅި ހުށައެޅުމެކެވެ. މި ހުށައެޅުމާ މެދު އަލިފުދާލުގެ އެކިއެކި ކިޔާންތަކުގެ މަޖިލިސްތަކުގައި މަޝްވަރާ ކުރެވެމުން ދަނިކޮށް، ކުރީގެ ޔޫގޯސްލާވިއާ ބައިބައި ވެގެން އުފެދުނު ޖުމްހޫރިއްޔާތަކުގެ މެދުގައި 1991 ވަނަ އަހަރު ވަރުގަދަ ހަނގުރާމަތަކެއް ފެށި، ބަލްކަން ސަރަޙައްދުގައި ޖެނޮސައިޑާއި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކުގެ ބިރުވެރި ސިލްސިލާއެއް ފެށުނެވެ. އެޔާއެކު، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓެއްގެ މުހިއްމުކަން ބޮޑު މިންވަރު ގިނަ ބަޔަކަށް ޤަބޫލު ކުރެވި، އިންޓަރނޭޝަނަލް ލޯވ ކޮމިޝަނުން އެފަދަ ކޯޓެއްގެ އަސާސީ ޤަވާޢިދުގެ ދެލިކޮޕީ އެކުލަވައިލުމުގެ މަސައްކަތް އަވަސް ކުރިއެވެ. އެއީ އަލިފުދާލުގެ ޢާއްމު މަޖިލިހުން 1992 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހު ފާސް ކުރި ޤަރާރު ނަންބަރު 33/47 އިން އެ ކޮމިޝަނާ މި މަސައްކަތް ޙަވާލު ކުރުމާ އެކުއެވެ. އެ މަސައްކަތް ނިންމައި، ދެލިކޮޕީ ފާސް ކުޅައީ 1994 ވަނަ އަހަރު، ކޮމިޝަނުގެ 46 ވަނަ ސެޝަނުގައެވެ. ދެލިކޮޕީ ފާސް ކުރުމާ އެކު، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓެއް އުފެއްދުމަށް ޓަކައި ދައުލަތްތަކުގެ ޚާއްޞަ ކޮންފަރެންސެއް ބޭއްވުމުގެ ރިކޮމެންޑޭޝަނެއް ވެސް ކޮމިޝަނުން ފާސް ކުރިއެވެ.

އިންޓަރނޭޝަނަލް ލޯވ ކޮމިޝަނުން ތައްޔާރު ކުރި ދެލިކޮޕީ އާއި ދިން ރިކޮމެންޑޭޝަނަށް ގިނަ ބައެއްގެ ރުހުން ލިބި، އެ ދެލިކޮޕީގެ މައްޗަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު ވުޖޫދަށް ގެނައުމުގެ މަސައްކަތް ކުރާނޭ "ޕްރެޕަރޭޓްރީ ކޮމިޓީ" އެއް 1995 ވަނަ އަހަރުގެ ޑިސެންބަރު މަހު އުފެއްދުނެވެ. އެއީ އަލިފުދާލުގެ ޢާއްމު މަޖިލިހުގެ ޤަރާރު ނަންބަރު 46/50 އިންނެވެ. މި ކޮމިޓީން ކުރި މަސައްކަތްތަކުގެ ނަތީޖާ އަކީ އިޓަލީ ވިލާތުގެ ވެރިރަށް ރޯމުގައި 1998 ވަނަ އަހަރުގެ ޖޫން މަހުގެ 15 އިން ފެށިގެން ބޭއްވުނު ޚާއްޞަ ކޮންފަރެންސެވެ. 161 ޤައުމަކާއި ބައިނަލްއަޤްވާމީ އެތައް ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުން ބައިވެރި ވެވަޑައިގަތް މި ކޮންފަރެންސްގައި ފަސް ހަފުތާގެ މުއްދަތަށް ކުރެވުނު މަސައްކަތުގެ ނަތީޖާ އަކީ، 17 ޖުލައި 1998 ގައި "ރޯމް ސްޓެޓިޔުޓް އޮން ދި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް" މުޢާހަދާ ފާސް ކުރެވުމެވެ. އެއީ 120 ޤައުމުގެ ވޯޓުންނެވެ. މުޢާހަދާ ފާސް ކުރުމާ ދެކޮޅަށް ވޯޓު ދިނީ 7 ޤައުމުންނެވެ. އޭގެ ތެރޭގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، އިސްރާއީލް، އަދި ޗައިނާ ހިމެނެއެވެ. "ރޯމް ސްޓެޓިޔުޓް" މުޢާހަދާ ބައިނަލްއަޤްވާމީ ޤާނޫނުގެ ގޮތުގައި ހިނގާން ފަށައި، އެ ސްޓެޓިޔުޓްގެ ދަށުން އުފައްދާ ކޯޓު ވުޖޫދަށް އަންނާނޭ ކަމަށް ކަނޑައަޅައިފައި އޮތީ، 60 ޤައުމަކުން މުޢާހަދާ ތަޞްދީޤު ކުރުމުންނެވެ. މި އަމާޒާ ހަމަޔަށް ވާޞިލު ވެވި، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (International Criminal Court) ޤާނޫނީ ގޮތުން އުފެދި އެ ކޯޓުގެ މަސައްކަތް ހިނގާން ފެށީ 1 ޖުލައި 2002 ގައެވެ.

ތިރީގައި މި ދަންނަވައިލަނީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައިސީސީ) އާ ބެހޭ ބައެއް މުހިއްމު މަޢުލޫމާތުތައް ނުކުތާތަކެއްގެ ގޮތުގައެވެ.

1.މަތީގައި ބަޔާނުން ވެސް ކޮންމެވެސް ވަރަކަށް އެނގޭނޭ ފަދައިން، އައިސީސީ އަކީ އަލިފުދާލުގެ ޗާޓަރުގެ ދަށުން، އަލިފުދާލުގެ ނިޒާމުގެ ގުނަނެއްގެ ގޮތުގައި ޤާއިމު ކުރެވުނު މުއައްސަސާއެއް ނޫންކަމެވެ. އެއީ "އަލިފުދާލުގެ ކިޔާނެއް" (a UN body) ނޫނެވެ. އަލިފުދާލުގެ ތެރެއިން ކުރެވުނު މަސައްކަތުން ވުޖޫދަށް ގެނެވުނު މުއައްސަސާއެއް ކަމުގައި ވިޔަސް، އެ ތަން ވުޖޫދު ކުރި ޤާނޫނީ ވަޘީޤާ އަކީ ވަކި ބައިނަލްއަޤްވާމީ މުޢާހަދާއެކެވެ – އާދެ، "ރޯމް ސްޓެޓިޔުޓް އޮން ދި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް" މުޢާހަދާއެވެ. ވީމާ އެއީ "މުޢާހަދާ ކިޔާނެއް" (treaty body) އެވެ. މި ގޮތަށް އައިސީސީ ވުޖޫދަށް ގެންނާން ޖެހުނީ، އަލިފުދާލުގެ ސަލާމަތީ މަޖިލިހުގެ ނިޒާމުގެ ތެރެއިން، އަލިފުދާލުގެ ގުނަނެއްގެ ގޮތުގައި އެ މުއައްސަސާ އުފައްދައިފިއްޔާ، އަލިފުދާލުގެ ހުރިހައި މެންބަރުން އެ ކޯޓުގެ އިޚްތިޞާޞުގެ ތެރެޔަށް ވަންނާނޭތީ، އެފަދަ ގޮތަކަށް އެ ކޯޓު އުފައްދާން ބައެއް ޤައުމުތައް ބޭނުން ނުވުމެވެ. މި ދެންނެވި ގޮތުގެ މަތީން އައިސިސީ ވުޖޫދަށް ގެނައުމަށް ފަހު، 2004 ވަނަ އަހަރު އެ ކޯޓާއި އަލިފުދާލާ ދެމެދުގައި ގުޅިގެން އެކުގައި މަސައްކަތް ކުރުމާ ބެހޭ އެއްބަސްވުމެއްގައި ވަނީ ސޮއި ކުރެވިފައެވެ.

2. އައިސީސީ އެކުލެވިގެން ވަނީ ހަތަރު ގުނަނެއްގެ މައްޗަށެވެ. އޭގެ ތެރެއިން ފުރަތަމަ ގުނަނަކީ "ކޯޓުގެ ރިޔާސަތު" (Presidency) އެވެ. ދެވަނަ ގުނަނުގައި ހިމެނެނީ ކޯޓުގައި ކުރެވޭ ޝަރީޢަތްތަކުގެ މަސައްކަތް ހިނގާ ތިން ޑިވިޜަނެވެ. އެއީ "އިބްތިދާއީ މަރުޙަލާއާ ބެހޭ ޑިވިޜަން" (Pre-Trial Division) އާއި، "ޝަރީޢަތް ކުރާ ޑިވިޜަން" (Trial Division) އާއި، "އިސްތިއުނާފު ޑިވިޜަން" (Appeals Division) އެވެ. ތިންވަނަ ގުނަނަކީ "ކޯޓުގެ ޕްރޮސިކިޔުޓަރުގެ އޮފީސް" (Office of the Prosecutor) އެވެ. ހަތަރުވަނަ ގުނަނަކީ "ރެޖިސްޓަރީ" (Registry) އެވެ.

3. އައިސިސީގައި ތިއްބަވަނީ ޖުމުލަ އަށާރަ ފަނޑިޔާރުންނެވެ. އެއީ މިނިވަންކަމާ އެކު، ވަކި ފަރާތަކަށް ނުޖެހި ޝަރީޢަތް ކުރުމުގެ ވާޖިބު ކޮނޑުގައި އެޅިގެން ވާ، ކޯޓުގެ ފުލް-ޓައިމް މުއައްޒަފުންނެވެ. ކޯޓުގެ ސްޓެޓިޔުޓްގެ ދަށުން، އެ ފަނޑިޔާރުންނަކީ ޖިނާއީ ޤާނޫނު ނުވަތަ ބައިނަލްއަޤްވާމީ ޤާނޫނުގެ، ކޯޓުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޢިލްމާއި ތަޖުރިބާ ހުރި ފަނޑިޔާރުން ކަމުގައި ވާން ޖެހެއެވެ. ފަނޑިޔާރުން ޢައްޔަން ކުރެވޭން ޖެހެނީ ދުނިޔޭގެ މައިގަނޑު ޤާނޫނީ ނިޒާމުތަކާއި، ދުނިޔޭގެ އެކި ޖުޣްރާފީ ސަރަޙައްދުތައް ކޯޓުގެ ބެންޗުގައި ތަމްސީލު ކުރެވޭނޭ ގޮތަށެވެ. އަދި އަންހެނުންނާއި ފިރިހެނުން އިންޞާފުވެރި ގޮތެއްގައި ތަމްސީލު ކުރެވޭނޭ ފަދައިންނެވެ. ފަނޑިޔާރުން ޢައްޔަން ކުރަނީ އެއިރަކު ރޯމް ސްޓެޓިޔުޓް ތަޞްދީޤު ކޮށްފައި ވާ، މުޢާހަދާގެ މެންބަރު ދައުލަތްތަކުގެ މަޖިލިސް (Assembly of State Parties to the Rome Statute) އިންނެވެ. މި މަޖިލިހަކީ އަހަރަކު އެއްފަހަރު ޖަލްސާ ކުރާ މަޖިލިހެކެވެ.

4. އައިސީސީގެ ޢާއްމު އިދާރީ ހިންގުމާއި، ޝަރީޢަތުގެ ނިޒާމުގެ ކަންކަން އިދާރީ ގޮތުން ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަނީ ފަނޑިޔާރުންގެ ތެރެއިން ޢައްޔަން ކުރެވޭ ކޯޓުގެ ރައީސް، ފުރަތަމަ ނާއިބު ރައީސް، އަދި ދެވަނަ ނާއިބު ރައީސް ހިމެނިވަޑައިގަންނަވާ "ކޯޓުގެ ރިޔާސަތު" ގުނަނުންނެވެ. އެހެން ނަމަވެސް، ކޯޓުގެ ޕްރޮސިކިޔުޓަރުގެ އޮފީހުގެ ކަންކަން ހިންގެވުމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާނީ ޕްރޮސިކިޔުޓަރެވެ. އެ ގުނަނަކާ ފަނޑިޔާރުން ވެސް އަދި އިދާރީ އެހެން ބަޔަކު ވެސް ނުބެހެއެވެ.

5. އައިސީސީގެ ޕްރޮސިކިޔުޓަރުގެ އޮފީސް ހިނގަމުން ދަނީ ކޯޓުގެ ނިޒާމުގައި ހިމެނޭ، އެކަމަކު މުސްތަޤިއްލުކަމާއި މިނިވަންކަމާ އެކު ހިނގާ ގުނަނެއްގެ ގޮތުގައެވެ. ކޯޓަށް ހުށައެޅޭ ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލުތަކުގެ ޝަކުވާތައް (referrals) އިދާރީ ގޮތުން ބަލައިގަނެ، އެ ޝަކުވާގައި އަސާސެއް އޮތްތޯ ބަލައި، އެއީ ކޯޓުގެ އިޚްތިޞާޞުގެ ތެރެޔަށް ވަންނަ ކަމެއްތޯ ވެސް އިބްތިދާއީ ގޮތުން ބަލައި، ކޯޓުގެ އިޖުރާއާތުގެ ނިޒާމުން އެ މައްސަލަ ބެލުމުގެ މަރުޙަލާ ފަށާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ ޕްރޮސިކިޔުޓަރުގެ މަސްއޫލިއްޔަތެކެވެ. ޝަކުވާއެއް ނައި ކަމުގައި ވިޔަސް، ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލުތަކެއް ހިނގާކަމުގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި ވެސް މި ދެންނެވި ގޮތަށް ޢަމަލު ކުރުމަކީ ޕްރޮސިކިޔުޓަރުގެ ބާރެއް އަދި ޒިންމާއެކެވެ. މި ގޮތުން ޕްރޮސިކިޔުޓަރު ހިންގާ އިޖުރާއާތުތަކުގެ ތެރޭގައި އިބްތިދާއީ ތަޙްޤީޤު ހިންގުމާއި، ހައްޔަރު ކުރުމުގެ އަމުރު ނެރެދިނުމަށް ޝަރީޢަތް ކުރާ ޑިވިޜަންތަކަށް ހުށައެޅުން ފަދަ ކަންކަން ހިމެނޭނެއެވެ. ޕްރޮސިކިޔުޓަރަށް އޭނާގެ އިޚްތިޔާރުގައި ނިންމާ ނިންމުމަކުން ވެސް ތަޙްޤީޤެއް ފެށުމަށް ކަނޑައެޅިދާނެއެވެ. ނަމަވެސް އެ ކަނޑައެޅުމަށް ޢަމަލީ ސިފަ ގެނެސް ތަޙްޤީޤު ފެށޭނީ ޕްރީޓްރަޔަލް ޑިވިޜަނުގެ ފަނޑިޔާރުންގެ ޕެނަލަކަށް ހުށައަޅައި އެ ހުއްދަ ލިބުމުންނެވެ. އޕްރޮސިކިޔުޓަރު ޢައްޔަން ކުރަނީ، މުޢާހަދާގެ މެންބަރު ދައުލަތްތަކުގެ މަޖިލިހުގެ އަހަރީ ޖަލްސާގައި، ސިއްރު ވޯޓަކުންނެވެ. އޭނާގެ ދަށުން ޑެޕިޔުޓީ ޕްރޮސިކިޔުޓަރުން ވެސް އެއިރަކު ކަނޑައެޅިފައި ވާ ޢަދަދަކަށް މަސައްކަތް ކުރެއެވެ.

6. އައިސީސީގެ ރެޖިސްޓަރީގެ މަސްއޫލިއްޔަތަކީ ކޯޓުގެ ޤަޟާއީ މަސައްކަތްތައް ފިޔަވައި އެހެން ހުރިހައި ކަންކަން އިންތިޒާމު ކޮށް ހިންގުމާއި، ފަނޑިޔާރުންނާއި ޝަރުޢީ މަސައްކަތްތަކަށް ބޭނުން ވާ އިދާރީ ސަޕޯޓު ދިނުމެވެ. އެހެން ގޮތަކަށް ދަންނަވަންޏާ، މިއީ ކޯޓުގެ ޢާއްމު އިދާރީ ނިޒާމެވެ. ޕްރޮސިކިޔުޓަރުގެ އޮފީސް ފިޔަވައި ކޯޓުގެ އެހެން ޑިވިޜަންތަކުގެ އިދާރީ ހުރިހައި ކަމެއް ބަލަހައްޓާނީ މި ގުނަނުންނެވެ.

7. އައިސީސީއަށް މައްސަލައެއް ހުށައެޅޭނީ ތިން ގޮތަކުންނެވެ. -- ފުރަތަމަ ގޮތަކީ، އައިސީސީގެ މުޢާހަދާގެ މެންބަރު ދައުލަތަކުން ކޯޓުގެ ޕްރޮސިކިޔުޓަރަށް މައްސަލައެއްގެ ޝަކުވާ ހުށައެޅުމުން، ޕްރޮސިކިޔުޓަރު އެ މައްސަލައަކާއިގެން ކުރިޔަށް ދާން ނިންމުމެވެ. މީގެ އެއް މިސާލަކީ، އެފްރިކާގައި ޙަރަކާތްތެރި ވާ ކްރިސްޓިއަން ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ވާ "ލޯރޑްސް ރެޒިސްޓެންސް އާރމީ" ގެ މެންބަރުން ހިންގާ ޖަރީމާތަކުގެ މައްސަލަ ޔުގާންޑާއިން އައިސީސީއަށް ހުށައެޅިހުށައެޅުމެވެ. -- ދެވަނަ ގޮތަކީ، އަލިފުދާލުގެ ސަލާމަތީ މަޖިލިހުން، ކޯޓުގެ ޕްރޮސިކިޔުޓަރަށް މައްސަލައެއްގެ ޝަކުވާ ހުށައެޅުމުން، ޕްރޮސިކިޔުޓަރު އެ މައްސަލައަކާއިގެން ކުރިޔަށް ދާން ނިންމުމެވެ. މީގެ މިސާލަކީ، ސޫދާނުގެ ދާރްފޫރުގައި ބައިނަލްއަޤްވާމީ ޖަރީމާތަކެއް ހިނގަމުން ދިޔަ މައްސަލަ ސަލާމަތީ މަޖިލިހުގެ ނިންމުމަކުން 2005 ވަނަ އަހަރު އައިސީސީއަށް ހުށައެޅި ހުށައެޅުމެވެ. -- ތިންވަނަ ގޮތަކީ، ޕްރޮސިކިޔުޓަރަށް ލިބޭ މަޢުލޫމާތަކާ ގުޅިގެން އޭނާގެ މިނިވަން އަދި އަމިއްލަ ނިންމުމަކުން، މައްސަލައެއް ފެށުމަށް ކަނޑައެޅުމެވެ. ބައިނަލްއަޤްވާމީ ޖަރީމާއެއް ހިނގާ ކަމުގެ މަޢުލޫމާތު އެނގޭ ހެއްކަކަށް، ނުވަތަ އެފަދަ ޢަމަލެއްގެ އަނިޔާ ލިބިފައި ވާ މަޒުލޫމަކަށް ކޯޓުގެ ޕްރޮސިކިޔުޓަރަށް މަޢުލޫމާތު ދީގެން މައްސަލައެއް ފެށުމަށް އެދެވިދާނެއެވެ. މިއިން ކޮންމެ ގޮތަކުން މައްސަލައެއް ފެށުމަށް ޕްރޮސިކިޔުޓަރު ކަނޑައެޅިޔަސް، އެ މައްސަލައަކާއިގެން ކުރިޔަށް ދެވޭނީ އޭނާ އެކަމަށް އެދި ކޯޓުގެ ޕްރީ-ޓްރަޔަލް ޑިވިޜަނަށް ހުށައަޅައި، އެ ޑިވިޜަނުގެ ފަނޑިޔާރުންގެ ޕެނަލަކުން އިބްތިދާއީ އަޑުއެހުމެއްގައި އެކަމަށް ހުއްދަ ދިނުމުންނެވެ.

8. "އިބްތިދާއީ މަރުޙަލާއާ ބެހޭ ޑިވިޜަން" ގެ ދައުރަކީ އައިސީސީން ފަށާ ތަޙްޤީޤަކާ ގުޅިގެން، ނުވަތަ މައްސަލައެއް ކޯޓުގެ އިޚްތިޞާޞުގެ ތެރެޔަށް ވަދޭތޯ މި ސުވާލާ ގުޅިގެން، ޕްރޮސިކިޔުޓަރު ނިންމާ ނިންމުންތަކުގެ ޞައްޙަކަން ކަނޑައެޅުމާއި ދެންވެސް އިބްތިދާއީ މަރުޙަލާގައި ކުރާ ބައެއް ކަންކަމެވެ. ޕްރޮސިކިޔުޓަރުގެ އަމުރަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމުގެ އަމުރުތައް (Arrest Warrants) ނެރުމާއި، ކޯޓަށް ޙާޟިރު ވުމުގެ އަމުރުތައް (Summons to Appear before the Court) ނެރުމާއި، ޝަރީޢަތުގެ މަރުޙަލާގެ ތެރޭގައި މުއްތަހަމުންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ އަމުރުތައް ނެރުމާއި، ހެކީންނާއި މަޒުލޫމުންގެ ރައްކައުތެރިކަމަށް ޓަކައި ނެރޭން ޖެހޭ އަމުރުތައް ނެރުމާއި، ހެކި ރައްކައުތެރި ކުރުމަށް ޓަކައި ނެރޭން ޖެހޭ އަމުރުތަކާއި ކަނޑައަޅާން ޖެހޭ ކަންކަން ކަނޑައެޅުން، މިއީ މި ޑިވިޜަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންކަމެވެ. ކޯޓުގައި އެއްވެސް މައްސަލައެއްގެ ޝަރީޢަތް ފެށޭނީ، އުފުލިފައި ވާ ދަޢުވާތަކާއި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ޝަރީޢަތް ކުރުމާ މެދު މި ޑިވިޜަނުން ގޮތެއް ކަނޑައަޅައި، ޝަރީޢަތް ކުރިޔަށް ގެންދިޔުމަށް ނިންމުމުންނެވެ.

9. "ޝަރީޢަތް ކުރާ ޑިވިޜަން" އަކީ އައިސީސީން ހިންގާ ހުރިހައި ޝަރީޢަތްތަކެއް ފުރަތަމަ މަރުޙަލާގައި ހިންގާ ޑިވިޜަނެވެ. ދަޢުވާ ލިބޭ ފަރާތް ކުށްވެރި ވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅޭނީ، އަދި އޭނާގެ މައްޗަށް އަދަބު ކަނޑައެޅޭނީ މި ޑިވިޜަނުން ހިންގާ ޝަރީޢަތުގެ ޙުކުމުންނެވެ.

10. އައިސީސީގެ ޝަރީޢަތަކުން ކުށްވެރި ވާ މީހެއްގެ މައްޗަށް ދެވޭނީ ދެ ބާވަތެއްގެ އަދަބެކެވެ. އޭގެ ތެރެއިން އެއް ބާވަތަކީ ޖަލުޙުކުމެވެ. އަނެއް އަދަބަކީ މާލީ އަދަބުތަކެވެ. ޖަލުޙުކުމެއް އިއްވޭނީ ގިނަ ވެގެން 30 އަހަރު ދުވަހުގެ މުއްދަތަށް، ނުވަތަ ޢުމުރު ދުވަހުގެ ޖަލުޙުކުމެއްގެ ގޮތުގައެވެ. މާލީ އަދަބެއް ކަނޑައެޅުމަކީ، ކުށްވެރި ވާ މީހާގެ އަތުން ފައިސާގެ މިންވަރެއް ނެގުމެވެ. މި އަދަބު ދެނީ އޭނާ ކުރި ކުށުން އަނިޔާ ލިބުނު ފަރާތަށް ގެއްލުމުގެ ބަދަލު (compensation) ދިނުމަށް ޓަކައި، ނުވަތަ އަނިޔާ ލިބުނު ފަރާތުގެ އަތުން އަތުލެވިފައިވާ އެއްޗެއް އަނބުރައި ލިބިދިނުމަށް (restitution) ޓަކައި، ނުވަތަ އަނިޔާ ލިބުނު ފަރާތަށް ފަރުވާ ދިނުމަށް ކުރާ މަސައްކަތްތަކާއި ހިންގާ ނިޒާމުތަކަށް (rehabilitation) ހިނގާ ޚަރަދުގެ ގޮތުގައެވެ.

11. އައިސީސީގެ "އިސްތިއުނާފު ޑިވިޜަން" އަކީ، ކޯޓުގެ ޝަރީޢަތުގައި ދަޢުވާ ލިބޭ މީހެއްގެ މައްޗަށް އިއްވޭ ޙުކުމާ މެދު އޭނާ ހިތްހަމަނުޖެހުމުން، އެ ޙުކުމް އިސްތިއުނާފު ކުރުމަށް ޓަކައި އޮންނަ ޑިވިޜަނެވެ. ކޮށްފައި އޮތް ޙުކުމެއް ނުވަތަ ދީފައި އޮންނަ އަދަބެއް ބަދަލު ކުރުމަށް، ނުވަތަ އިޞްލާޙު ކުރުމަށް، ނުވަތަ ފުރަތަމަ މައްސަލަ ބެލި ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުންގެ ޕެނަލަކުން އާ ޝަރީޢަތެއް ކުރުމަށް މި ޑިވިޜަނަށް ނިންމިދާނެއެވެ.

12. އައިސީސީ އަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ނިޒާމުގައި، ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލުތަކަށް ވަކިވަކި ފަރުދުން ފަރުދީ ގޮތުން ޒިންމާދާރު ކޮށް ޖަވާބުދާރީ ކުރުވުމުގެ މަޤްޞަދުގައި ޤާއިމު ކުރެވިފައި ވާ ކޯޓަކަށް ވާތީ، އެ ކޯޓަށް ބެލޭނީ ފަރުދުންގެ މައްސަލަތަކެވެ. ދައުލަތެއް ނުވަތަ ޖަމާޢަތެއްގެ މައްޗަކަށް ކޯޓުގެ އިޚްތިޞާޞެއް ނުހިނގައެވެ. ކޯޓުގެ އިޚްތިޞާޞްގެ ތެރެޔަށް ކުށެއްގެ ތުހުމަތު ކުރެވިފައި ވާ މީހަކު ވަންނަނީ، އެ މީހާ ނިސްބަތް ވާ ޤައުމަކީ ރޯމް ސްޓެޓިޔުޓްގެ މެންބަރު ދައުލަތަކަށް ވާ ޙާލަތުގައެވެ. ނުވަތަ، އެ މީހަކު ކުރި ކަމަށް ތުހުމަތު ކުރެވޭ ކުށުގެ ޢަމަލުތައް ހިންގައިފައި ވަނީ މެންބަރު ދައުލަތެއްގެ ސަރަޙައްދުގައި ކަމުގައި ވާ ޙާލަތުގައެވެ. މިސާލެއްގެ ގޮތުން، ފަލަސްޠީނުގެ ބިމުގައި އުފައްދައިފައި ވާ ޣައިރުޤާނޫނީ ދައުލަތް އިސްރާއީލަކީ އައިސީސީގެ މުޢާހަދާގައި ސޮއި ކޮށްފައި ވާ، އެ މުޢާހަދާގެ މެންބަރު ދައުލަތެއް ނޫނެވެ. ނަމަވެސް ފަލަސްޠީނަކީ އައިސީސީ މުޢާހަދާގެ މެންބަރެކެވެ. ވީމާ، އައިސީސީން މި ހިނގާ ނޮވެންބަރު މަހުގެ 22 ވަނަ ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ ކުރީގެ ބޮޑުވަޒީރު ޔޮއާވް ގަލާންޓުގެ މައްޗަށް ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައި ވަނީ، އިސްރާއީލު އައިސީސީގެ މެންބަރަކަށް ނުވާތީ އެ ގޮތުން ނަތަންޔާހޫ އާއި ގަލާންޓުގެ މައްޗަށް ކޯޓުގެ އިޚްތިޞާޞް ނުހިނގި ކަމުގައި ވިޔަސް، އެ ދެމީހުންގެ ބެލުމުގެ ދަށުން އެ ސަރަޙައްދެއްގައި ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލުތަކެއް ފާއިތު ވި އެއް އަހަރުގެ ތެރޭގައި ހިންގިފައި ވާ ސަރަޙައްދަކީ އައިސީސީގެ މެންބަރެއްގެ ސަރަޙައްދު ކަމަށް ވާތީއެވެ.

13. ރޯމް ސްޓެޓިޔުޓްގެ މެންބަރު ދައުލަތްތަކުގެ މަޖިލިސް (Assembly of State Parties to the Rome Statute) މަދު ވެގެން އަހަރަކު އެއްފަހަރު ބައްދަލު ވެއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އޮންނަނީ އައިސީސީގެ އިދާރީ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރުމާއި، ކޯޓުގެ އަހަރީ ބަޖެޓު ފާސް ކުރުމެވެ. ކޯޓުގެ ޚަރަދުތައް ބަލަހައްޓަނީ މެންބަރު ދައުލަތްތަކުން ޗަންދާގެ ގޮތުގައި ބަޖެޓަށް ދޭ ފައިސާ އާއި، ދައުލަތްތަކުން އަމިއްލަ އިޚްތިޔާރުގައި ޑޮނޭޝަނުގެ ގޮތުގައި ދޭ ފައިސާ އާއި، ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލުތަކުގެ ޝިކާރައަށް ވާ މީހުންނަށް އިންޞާފު ހޯދައިދިނުމަށް ޓަކައި އުފެއްދޭ ޚާއްޞަ ފަންޑުތަކުން ކޯޓަށް ދޭ ޑޮނޭޝަން ފައިސާއިންނެވެ.

މަބްދައުއް ތަކާމުލް

މުހިއްމު ސުވާލެކެވެ! ބައިނަލްއަޤްވާމީ ޖިނާއީ ކޯޓެއް ހަދައި، ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލުތައް ހިންގާ ފަރުދުންނަށް އެ ކޯޓުގެ ނިޒާމުން އަދަބު ދެވޭނޭ ނިޒާމެއް އޮތުމުން، އެ ބާވަތުގެ ކުށްތަކަށް ޤައުމުތަކުގެ އެތެރޭގެ ޖިނާއީ ޢަދުލުގެ ނިޒާމުން (domestic legal systems of states) އަދަބު ނުދެވޭނީ ހެއްޔެވެ؟

ޖަވާބަކީ ނޫނެކޭއެވެ! ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު ނުވަތަ އައިސީސީގެ އަސާސީ އުޞޫލުތަކުގެ ތެރެއިން އެއް އުޞޫލަކީ މަބްދައުއް ތަކާމުލް (Principle of Complementarity) އެވެ. ރޯމް ސްޓެޓިޔުޓުގެ މުޤައްދިމާ (Preamble) އާއި އެއްވަނަ މާއްދާގައި މި އުޞޫލު ބަޔާން ކުރެވި އިސްތިޤްރާރު ކުރެވިފައި ވެއެވެ. މި އުޞޫލުގެ މާނައަކީ، އައިސީސީ އަކީ ދައުލަތްތަކުގެ އެތެރޭގެ ޖިނާއީ ޢަދުލުގެ ނިޒާމުތަކާ އެކު ހިނގާ ނިޒާމަކަށް ވުމެވެ. ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލުތަކަށް، ކަމާބެހޭ ދައުލަތްތަކުގެ ދާޚިލީ ނިޒާމުން އަދަބު ނުދެވިއްޖެ ހިނދެއްގައި، އުނިކަން ފޫ ބައްދައި އެ މަސްއޫލިއްޔަތު ބޮލަރުވާ ކޯޓަކަށް އައިސީސީ ވުމެވެ. ވީމާ، ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލުތަކަށް އަދަބު ދިނުމުގެ އަސާސީ ވާޖިބު (primary obligation / first responsibility) އަދިވެސް އޮންނަނީ، އެ ޢަމަލުތަކަކަށް އިޚްތިޞާޞް ލިބޭ ދައުލަތްތަކުގެ ބޮލުގައެވެ. އިޚްތިޞާޞް ލިބިގެން ވާ ދައުލަތްތަކުން އެ ވާޖިބު އަދާ ނުކުރުމުން، ނުވަތަ އެ ދައުލަތްތަކަށް އެ ވާޖިބު އަދާ ނުކުރެވޭކަން، ނުވަތަ ނުކުރެވޭނެކަން ކަށަވަރު ވުމުން މެނުވީ އައިސީސީގެ ދައުރެއް ނުފެށޭނެއެވެ. މި ސަބަބަށް ޓަކައި، އައިސީސީ އަކީ ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލުތަކަށް އަދަބު ދިނުމުގެ "އެންމެ ފަހު ކޯޓު" (court of last resort) ގެ ގޮތުގައި ސިފަ ކުރެވެއެވެ.

މަބްދައުއް ތަކާމުލްގެ އުޞޫލު ޢަމަލީ ގޮތުން ހިނގާނޭ ގޮތުގެ އަސާސީ ހަމަތައް އެކަށައަޅައިފައި ވަނީ ރޯމް ސްޓެޓިޔުޓުގެ 17 ވަނަ މާއްދާގައެވެ. އެ މާއްދާ ބުނާ ގޮތުން:

1. ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލެއް ބެލުމުގެ އިޚްތިޞާޞް އޮތް ދައުލަތަކުން އެ މައްސަލައިގެ ތަޙްޤީޤެއް ފަށައިފައި އޮއްވައި، ނުވަތަ މައްސަލަ ޝަރީޢަތަށް ހުށައަޅައިފައި އޮއްވައި، ތަޙްޤީޤު ނުވަތަ ޝަރީޢަތް އިޚްލާޞްތެރިކަމާ އެކު ކުރިޔަށް ގެންގޮސް ފުރިހަމަ ކުރުމުގެ އިރާދާ (will) ނުވަތަ ޤާބިލިއްޔަތު (capability) އެ ދައުލަތުގައި ނެތްކަމަށް ޤަބޫލު ކުރެވޭ ޙާލަތުގައި މެނުވީ އައިސީސީއަކަށް އެ މައްސަލައެއް ނުބެލޭނެއެވެ.

2. ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލެއް ބެލުމުގެ އިޚްތިޞާޞް އޮތް ދައުލަތަކުން މައްސަލައިގެ ތަޙްޤީޤު ނިންމުމަށް ފަހު، ތުހުމަތު ކުރެވުނު މީހާގެ މައްޗަށް ދަޢުވާ ނުކުރުމަށް ނިންމައިފިއްޔާ، އެ ނިންމުމަކީ އިޚްލާޞްތެރި ގޮތެއްގައި މައްސަލައިގެ ޝަރީޢަތް ހިންގައި އިންޞާފު ޤާއިމު ކުރުމުގެ އިރާދާ ނުވަތަ ޤާބިލިއްޔަތު އެ ދައުލަތުގައި ނެތުމުގެ ނަތީޖާއެއްގެ ގޮތުން ނިންމި ނިންމުމެއް ކަމުގައި ނުވާހައި ހިނދަކު، އައިސީސީއަކަށް އެ މައްސަލައެއް ނުބެލޭނެއެވެ.

3. ޢާއްމު އުޞޫލެއްގެ ގޮތުން، ތުހުމަތު ކުރެވޭ މީހާ ހިންގި ކަމަށް ބުނެވޭ ޢަމަލުން ވުޖޫދު ވާ ކުށެއްގެ ދަޢުވާ ކޯޓެއްގައި އޭނާގެ މައްޗަށް އުފުލައި ޝަރީޢަތް ހިންގައިފައި ވާ ޙާލަތުގައި، ދެން އެ ޢަމަލުން ވުޖޫދު ވާ އެއްވެސް ކުށެއްގެ ދަޢުވާ އޭނާގެ މައްޗަކަށް އައިސީސީގައެއް ނުއުފުލޭނެއެވެ. ނަމަވެސް މިހެން ކަން ވާނީ، ދައުލީ ކޯޓެއްގައި އޭނާގެ މައްޗަށް ހިންގި ޝަރީޢަތަކީ، އައިސީސީގެ ނިޒާމުން އޭނާގެ މައްޗަށް ބައިނަލްއަޤްވާމީ ޖިނާއީ ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ މަޤްޞަދުގައި، އައިސީސީގެ އިޚްތިޞާޞުން އޭނާ ދަފަޢަ ކޮށްދިނުމުގެ ގޮތުން ހިންގި ޝަރީޢަތެއް ކަމަށް ނުވާ ޙާލަތުގައެވެ. ނުވަތަ އޭނާގެ މައްޗަށް ކުރީން ހިންގި ޝަރީޢަތަކީ މިނިވަންކަމާ އެކު ވަކި ފަރާތަކަށް ނުޖެހި ހިންގައިފައި ވާ ޢަދުލުވެރި ޝަރީޢަތަކަށް ނުވާ ޙާލަތުގައެވެ.

ކޮން ކަހަލަ ކޮން ކުށްތަކެއް

ދެން ބަލައިލާނީ، ބައިނަލްއަޤްވާމީ ކުށްތަކޭ ނުވަތަ ބައިނަލްއަޤްވާމީ ޖަރީމާތަކޭ ބުނެވޭ ކުށްތަކަކީ ކޮބައިތޯއެވެ.

ވިހިވަނަ ޤަރުނާ ހަމަޔަށް – ވިހިވަނަ ޤަރުނަކީ 1901 ވަނަ އަހަރުން ފެށުނު ޤަރުނެވެ – އައި އިރު، ބައިނަލްއަޤްވާމީ ޖިނާއީ ޤާނޫނޭ ބުނެވޭ ކަހަލަ ޤާނޫނީ އެއްވެސް ވަޘީޤާތަކެއް ވުޖޫދު ވެފައެއް ނުވެއެވެ. އެއިރު، ބައިނަލްއަޤްވާމީ ޢުރުފީ ޤާނޫނުތަކާއި ބައެއް ބައެއް މުޢާހަދާތަކުގައި އެކަށައެޅިފައި ހުރި ހަމަތަކުގެ ދަށުން، ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލެކޭ ބުނެވޭނެ އޮތީ ދެ ކަމެކެވެ. އެއް ކަމަކީ ބައިނަލްއަޤްވާމީ ކަނޑުތަކުގައި ކަނޑުފޭރުމުގެ ޢަމަލު (piracy jure gentium) ހިންގުމާއި، އަޅުން ގަނެވިއްކުމެވެ. ނަމަވެސް މި ކުށްތައް ކުރާ މީހުންގެ މައްސަލަތައް ވެސް ތަޙްޤީޤު ކުރުމާއި ޝަރީޢަތް ކުރުމާއި އަދަބު ދިނުމުގެ ހުރިހައި ކަމެއް ދޫ ކޮށްލެވިފައި އޮތީ ޤައުމުތަކުގެ ދާޚިލީ ޤާނޫނީ ނިޒާމުތަކަށެވެ. މި ދެ ކަންތައް ފިޔަވައި، ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލުތަކުގެ ގޮތުގައި މިހާރު ބަލައިގަނެވޭ ކުށްތަކުގެ ޢަމަލުތައް، ދުނިޔޭގެ ބޮޑު ދެ ހަނގުރާމަޔާ ހަމަޔަށް އައި އިރު ވެސް ތަޖުރީމު ކުރެވިފައި އޮންނަނީ ޤައުމުތަކުގެ ދާޚިލީ ޤާނޫނުތަކުގައެވެ. އެއީ ވެސް ބައެއް ޤައުމުތަކުގައެވެ. ބައެއް ޤާނޫނީ ނިޒާމުތަކުގައެވެ.

މަތީގައި ދެންނެވިފައި ވާ ފަދައިން، ފުރަތަމަ ބޮޑު ހަނގުރާމަޔަށް ފަހު ވެވުނު ޞުލްޙައިގެ މުޢާހަދާތަކުގެ ތެރެއިންނާއި، ފުރަތަމަ ބޮޑު ހަނގުރާމަޔަށް ފަހު 1920 ވަނަ އަހަރު ވުޖޫދަށް ގެނެވުނު ބައިނަލްއަޤްވާމީ ޖަމްޢިއްޔާ "ލީގް އޮފް ނޭޝަންސް" ގެ ނިޒާމުގެ ތެރެއިން، ބައެއް ބައެއް ކުށްތަކަކީ ބައިނަލްއަޤްވާމީ ކުށްތަކެއް ކަމަށް ކަނޑައަޅައި، އެ ކުށްތައް ކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ޖިނާއީ ޤާނޫނުތަކަކާއި ނިޒާމެއްގެ ތެރެއިން އަދަބު ދިނުމަށް ކުރެވުނު މަސައްކަތް ވެސް ކާމިޔާބެއް ނުވިއެވެ.

ބައިނަލްއަޤްވާމީ ޖިނާއީ ކުށްތައް އެކަށައެޅި، އެ ކުށްތަކުގެ އުންސުރުތައް ބަޔާން ކުރެވި، އެ ކުށްތަކަށް ތަޢުރީފުތައް ދެވި، އެ ކުށްތަކާ ބެހޭ ތަފްޞީލީ އުޞޫލުތައް ބައިނަލްއަޤްވާމީ ޖިނާއީ ޤާނޫނުގެ ވަޘީޤާތަކުގައި އެކަށައެޅުމާއި ތަދުވީނު ކުރުމުގެ މަސައްކަތް ހިނގައިގަތީ ދެވަނަ ބޮޑު ހަނގުރާމަ ނިމުމަށް ފަހުގައެވެ. މަތީގައި ދެންނެވުނު ފަދައިން، އެކަމަށް ޓަކައި ފުރަތަމަ އެޅުނު ފިޔަވަޅަކީ "ނިޔުރެމްބާރގް ޓްރައިބިޔުނަލް" ގެ ޗާޓަރުގައި، އެ ޓްރައިބިޔުނަލުން ބަލާނޭ ކުށްތަކެއް ކަނޑައެޅި ކަނޑައެޅުމެވެ. އެގޮތުން، މައިގަނޑު ތިން ބާވަތެއްގެ ކުށްތައް ތަޖުރީމު ކުރެވުނެވެ. އެއީ ބައިނަލްއަޤްވާމީ "ޞުލްޙަޔާ ދެކޮޅު ކުށްތައް" (crimes against peace) އާއި، "ހަނގުރާމައިގެ ޖަރީމާތައް" (war crimes) އާއި، "އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް" (crimes against humanity) އެވެ. މި ތިން ބާވަތުގެ އިތުރުން، ނިޔުރެމްބާރގް ޓްރައިބިޔުނަލުގެ ޗާޓަރުގެ ދަށުން ތަޖުރީމު ކުރެވިފައި ވާ އަނެއް ކުށަކީ މި ތިން ގިންތީގެ ދަށަށް ވަންނަ ކުށެއް ކުރުމަށް މުއާމަރާ (conspiracy) ކުރުމެވެ.

ނިޔުރެމްބާރގް ޗާޓަރަށް ފަހު އެކަށައެޅިގެން ދިޔަ ބައިނަލްއަޤްވާމީ ޤާނޫނީ ވަޘީޤާތަކުން، ބައިނަލްއަޤްވާމީ ކުށްތަކާ ބެހޭ ހަމަތަކާއި އުޞޫލުތައް ތަފްޞީލުތަކާ އެކު އިސްތިޤްރާރު ކުރެވެމުން ދިޔަ ވާހަކަ މަތީގައި ވާނީ ދެންނެވިފައެވެ. އެގޮތުގެ މަތީން އެކަށައެޅުނު އެކިއެކި ވަޘީޤާތަކުގެ – ޖެނޮސައިޑް ކޮންވެންޝަން 1948 އާއި، ޖެނީވާ ކޮންވެންޝަންސް 1949 އާއި، ރޯމް ސްޓެޓިޔުޓް 1998 ފަދަ – ދަށުން، ބައިނަލްއަޤްވާމީ ޖިނާއީ ކުށުގެ މައިގަނޑު ހަތަރު ބާވަތެއް ފާހަގަ ކުރެވެއެވެ. އެއީ ނަސްލެއް ނެއްތައިލުމަށް އަމާޒު ކޮށް އެ ނަސްލަކާ ދެކޮޅަށް ހިންގާ ޖަރީމާތައް (crime of genocide) އާއި، ހަނގުރާމައިގެ ޖަރީމާތައް (war crimes) އާއި، އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް (crimes against humanity) އާއި، ޢުދުވާނުގެ ޖަރީމާ (crime of aggression) މިއެވެ. މި ކުށްތަކަށް ވަކިވަކީން ބަލައިލަމާ ހިންގަވާށެވެ!

ޖެނޮސައިޑް

"ޖެނޮސައިޑް" އަކީ، ބާވަތެކޭ ދެންނެވިޔަސް، ޙަޤީޤަތުގައި އެކި ގޮތްގޮތަށް އަދި ތަފާތު އެތައް ޢަމަލުތަކަކުން ހިންގޭ ވަކި އެއް ކުށެވެ. އެ ކުށުގެ އަސާސީ އުންސުރަކީ ނުވަތަ އެންމެ މުހިއްމު ބަޔަކީ ވަކި ނިޔަތެއް އޮތުމެވެ. އެ ނިޔަތަކީ ޤައުމީ (national) ނުވަތަ ނަސްލީ (racial) ނުވަތަ އިސްނިއްޔަތީ (ethnic) ނުވަތަ ދީނީ (religious) ޖަމާޢަތެއް އެކަށް ނުވަތަ އެ ޖަމާޢަތުން ބައެއް ވިޔަސް ފަނާ ކުރުން ނުވަތަ ނައްތައިލުމުގެ ނިޔަތެވެ. މި ނިޔަތުގައި، މި ނިޔަތުން ގަސްތު ކުރެވޭ ނަތީޖާ ޙާޞިލު ކުރުމުގެ ގޮތުން ކުރާ ތަފާތު އެތައް ޢަމަލެއް "ޖެނޮސައިޑް" ގެ ކުށުގެ ޢަމަލީ ނުވަތަ މާއްދީ ރުކުން ކަމުގައި ވެއެވެ.

ޖެނޮސައިޑް ކޮންވެންޝަނުގެ ދެވަނަ މާއްދާގައި، އަދި ރޯމް ސްޓެޓިޔުޓްގެ ހަވަނަ މާއްދާގައި، ޖެނޮސައިޑްގެ ކުށުގެ މާއްދީ ރުކުނުގެ ތެރެއަށް ވަންނާނޭ ޢަމަލުތަކުގެ މައިގަނޑު ފަސް ބަޔަކީ ނުވަތަ ގިންތިއަކީ ކޮބައިކަން ބަޔާން ކޮށްފައި ވެއެވެ. އެ ކަންތައްތަކަކީ މިއެވެ.

1. ކުށުގެ ޝިކާރައަށް ވާ ޖަމާޢަތުގެ މެންބަރުން މެރުން.
2. ކުށުގެ ޝިކާރައަށް ވާ ޖަމާޢަތުގެ މެންބަރުންނަށް ޖިސްމާނީ ނުވަތަ ނަފްސާނީ ޠަބީޢަތުގެ ސީރިއަސް ހާނިއްކަ ނުވަތަ އަނިޔާތައް ދިނުން.
3. ކުށުގެ ޝިކާރައަށް ވާ ޖަމާޢަތުގެ މާއްދީ ވުޖޫދު އެކަށް ނުވަތަ ވަކި މިންވަރަކުން ވިޔަސް ނެއްތައިލުމުގެ ނަތީޖާ ނެރެވޭނޭ ގޮތްތަކެއް ކަމަށް ދުރާލާ ވިސްނައި ރާވައިގެން ކަނޑައަޅާ ދިރިއުޅުމުގެ ޙާލަތުތަކެއް އެމީހުންގެ މައްޗަށް ގަސްތުގައި މެދުވެރި ކުޅައުން.
4. ކުށުގެ ޝިކާރައަށް ވާ ޖަމާޢަތުގެ މެންބަރުންގެ މެދުގައި ދަރިމައި ވުމާއި ވިހެއުން ހުއްޓުވުމުގެ ގަސްތާ އެކު ކުރާ އެކިއެކި ކަންކަމާއި މެދުވެރި ކުރާ އެކިއެކި ޙާލަތުތައް.
5. ކުށުގެ ޝިކާރައަށް ވާ ޖަމާޢަތަށް ނިސްބަތް ވާ ކުދީން ބާރުގެ ބޭނުން ކޮށްގެން އެހެން ޖަމާޢަތެއްގެ ތެރެޔަށް ލައި ހިމެނުން.

މިއިން ކޮންމެ ގިންތިއަކަށް ފެތޭ ކޮންމެ ޢަމަލަކީ، ޖެނޮސައިޑްގެ ޖަރީމާގެ ނިޔަތް އޮތިއްޔާ، ޖެނޮސައިޑްގެ ކުށެކެވެ. އޭގެ ތެރޭގައި ވަކި ވަކި މީހުން މެރުން، އެތައް ބަޔަކު މަރައި ޤަތުލުޢާއްމު ހިންގުން، ޖަލުގައި ބަންދު ކުރުން، ރޭޕް ކުރުން، ބަނޑަށް ޖެއްސުން، ވޭންދެނިވި ހާނިއްކަ ކުރުން، ހަސްފަތާލުތައް ހަލާކު ކުރުން، ރެއިގަނޑުގެ ހަމަ ނިދި ނުލިބޭނޭ ޙާލަތު މެދުވެރި ކުރުން، މަދަރުސާތައް ހަލާކު ކުރުން، މިހެން ގޮސް އެތައް އެތައް ކަމެއް ހިމެނިދާނެއެވެ. "ޖެނޮސައިޑް" ގެ ކުށް ހިންގުމަށް ޓަކައި މި ހުރިހައި ޢަމަލުތަކެއް ހިންގައިފައި އޮންނާކަށް ނުޖެހެއެވެ. ހަމަ އެފަދައިން، ހިންގާ ޢަމަލުގެ ޝިކާރައަކަށް ވަކި ޢަދަދެއްގެ މީހުން ވެފައި އޮތުން ވެސް ލާޒިމެއް ނޫނެވެ. ޖެނޮސައިޑުގެ ޢަމަލެއް ކަމުގައި ކަނޑައެޅިފައި ވާ ތަފާތު އެތައް ޢަމަލެއްގެ ތެރެއިން އެންމެ ޢަމަލެއް، އެންމެ މީހަކާ ދެކޮޅަށް ހިންގިޔަސް، ޖެނޮސައިޑުގެ ނިޔަތް އޮތިއްޔާ، ކުށް އެ އޮތީ ކުރެވިފައެވެ.

ޖެނޮސައިޑްގެ ވަރަށް ފުރިހަމަ "އިލަސްޓްރޭޝަނެއް" މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މި ދަނީއެވެ. އާދެ، އެމެރިކާ އާއި އިނގިރޭސި ވިލާތާއި ޖަރުމަނު ވިލާތް އިސް ވެތިބެ، ޔޫރަޕާއި ޔޫރަޕުން ބޭރުގައި ތިބި އެމީހުންގެ އެކުވެރި ބައިވެރީންގެ މަދަދާއި އެހީތެރިކަމާ އެކު، އިސްރާއީލު ލައްވައި ފަލަސްޠީނުގައި – ޚާއްޞަކޮށް ޣައްޒާގައި – ހިންގަމުން ދާ އެތައް ޖަރީމާތަކަކީ، ފަލަސްޠީނީ ނަސްލާއި އިސްނިއްޔަތާއި ޤައުމު ނައްތައިލުމަށް ޓަކައި ހިންގާ ޖެނޮސައިޑުގެ ކުށްތަކެވެ. ފެންނަމުން މިދަނީ އިންސާނީ ތާރީޚު ދެކެފައި ވާ އެންމެ އަނިޔާވެރި އެއް ޖެނޮސައިޑެވެ. ދުނިޔޭގެ ތާރީޚުގައި އަލަށް "ލައިވް ސްޓްރީމް" ކުރެވުނު ޖެނޮސައިޑެވެ. ޖެނޮސައިޑް ހިންގާ މުޖުރިމުން، "ހަދާނީ އަހަރެމެން ހިތުހުރި އެއްޗެކޭ، ކަލޭމެން ކީއްހޭ ކުރާނީ" ބުނެ ތަޙައްދީ ކުރަމުން، ދުނިޔޭގެ އެންމެންގެ ކުރިމަތީގައި މި ޖެނޮސައިޑް ހިންގާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވީއެވެ.

ހަނގުރާމައިގެ ޖަރީމާތައް

ދެން އޮތީ ހަނގުރާމައިގެ ޖަރީމާތައް (war crimes) އެވެ. ޖެނޮސައިޑާ ޚިލާފަށް، މިއީ އެއް ކުށެއް ނޫނެވެ. މިއީ ތަފާތު އެތައް ކުށެއް އޭގެ ތެރެއަށް ވަންނަ ގިންތި (category or class) އެކެވެ.

މި ގިންތީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، ވަރަށް ކުރީއްސުރެ ބައިނަލްއަޤްވާމީ ޢުރުފީ ޤާނޫނުގައި ވެސް މަނާ ކުރެވިފައި ހުރި ސީރިޔަސް ކުށްތަކެވެ. "އިންޓަރނޭޝަނަލް ހިޔުމަނިޓޭރިއަން ލޯވ" ނުވަތަ ހަނގުރާމަޔާ ބެހޭ ޤާނޫނުގެ (law governing armed conflicts) އުޞޫލުތަކާއި ހަމަތަކުގެ ތެރޭގައި ތަޖުރީމު ކުރެވިފައި ހުރި ކުށްތަކެވެ. މި ކުށްތައް ތަޙްޤީޤު ކުރުމާއި ޝަރީޢަތް ކުރުމާއި އަދަބު ދިނުމުގެ ނިޒާމެއް ބައިނަލްއަޤްވާމީ ގޮތުން އެއިރު ޤާއިމު ކުރެވިފައި ނެތަސް ވެހެވެ. މި ކުށްތައް ދެނެގަތުމުގައި، އެންމެ މުހިއްމު ނުކުތާ އަކީ، މިއީ ހަނގުރާމައެއްގެ ތެރޭގައި ހަނގުރާމަވެރި ލަޝްކަރެއްގެ މީހުން ހިންގާ ކުށްތަކަކަށް ވާ ކަމެވެ. މި ކުށްތަކުގެ ޝިކާރައަކަށް ވަނީ އެ ލަޝްކަރެއްގެ ދުޝްމަނުން ކަމުގައި ވާ ބައެއްގެ ޢަސްކަރީންނާއި މަދަނީންގެ ވަކި ބައެއް ނޫނެވެ. އެ އެންމެން، އަދި ހަނގުރާމައިގެ ތެރޭގައި އެ ލަޝްކަރުގެ ޙަމަލާތައް އަމާޒު ވާ ކޮންމެ ބައެކެވެ.

ހަނގުރާމައިގެ ޖަރީމާތަކަކީ ކޮބައިކަން، ލިޔެވިފައި ވާ ބައިނަލްއަޤްވާމީ ޤާނޫނީ ވަޘީޤާއެއްގައި އެންމެ ފުރަތަމަ ފަހަރަށް ލިސްޓު ކުރެވުނީ ނިޔުރެމްބާރގް އުޞޫލުތަކުގައެވެ. އޭގެ "އުޞޫލު ނަންބަރު ހައެއް" ގައި "ހަނގުރާމައިގެ ޖަރީމާތަކުގެ ގޮތުގައި ބެލެވޭނޭ ކަންކަމުގެ މިސާލުތަކެއް ދީފައި ވެއެވެ. އެ މިސާލުތަކަކީ މެރުން، ހަނގުރާމައިގައި ހިފައި އިޙުތިލާލުގެ ދަށަށް ގެނެސްފައި އޮންނަ ސަރަޙައްދެއްގައި ނުވަތަ އެފަދަ ސަރަޙައްދެއްގެ މަދަނީ އާބާދީއެއްގެ މެންބަރުންނަށް އިހާނެތިކޮށް ހިތުން ނުވަތަ އަޅު މަސައްކަތަށް ވިޔަސް އަދި އެފަދަ އެހެން މަޤްޞަދަކަށް ޓަކައި ވިޔަސް އެމީހުން އެހެން ތަނަކަށް ފޮނުވުން، ހަނގުރާމައިގެ ޤައިދީން މެރުން ނުވަތަ އެމީހުންނާ މެދު އިހާނެތި ގޮތްގޮތަށް ޢަމަލު ކުރުން، ކަނޑުމަތީގައި ތިބޭ ބަޔަކު މެރުން ނުވަތަ އެމީހުންނާ މެދު އިހާނެތި ގޮތްގޮތަށް ޢަމަލު ކުރުން، ރަހީނުން މެރުން، ޢާއްމު ނުވަތަ އަމިއްލަ ފަރުދުންގެ މުދާ ފޭރުން، ޝަހަރުތަކާއި ޤަރުޔާތަކާއި އަވަށްތައް ރަޙުމެއް ނުބަހައްޓައި ސުންނާފަތި ކުރުމުގެ މަގުން ހަލާކު ކުރުން، އަދި ޢަސްކަރީ ޟަރޫރަތެއް ނެތި ހަލާކު ކުރުމާއި ސުންނާފަތި ކުރުން، މިއެވެ.

ނިޔުރެމްބާރގް އުޞޫލުތަކަށް ފަހު، ހަނގުރާމައިގެ ޖަރީމާތަކުގެ ލިސްޓު ބައިނަލްއަޤްވާމީ ޖިނާއީ ޤާނޫނުގެ ވަޘީޤާތަކުގައި އިތުރަށް ފުރިހަމަ ކުރެވި ތަފްޞީލު ކުރެވިފައި ވެއެވެ. ފަހުގެ މިސާލަކަށް ބަލަންޏާ، ކުރީގެ ޔޫގޯސްލާވިޔާއާ ބެހޭ ބައިނަލް އަޤްވާމީ ޖިނާއީ ޓްރައިބިޔުނަލް (International Criminal Tribunal for the Former Yugoslavia) ގެ ސްޓެޓިޔުޓްގެ ދެވަނަ މާއްދާ އާއި ތިންވަނަ މާއްދާގައި ހަނގުރާމައިގެ ކުށްތަކުގެ ގޮތުގައި ހިމަނައިފައި ވާ ކަންތައްތަކަށް ބަލައިލެވިދާނެއެވެ. މިއީ ހަނގުރާމައިގެ ކުށްތައް އެންމެ ފުޅާ ދާއިރާއެއްގައި ކަނޑައަޅައި ބަޔާން ކުރާ އެއް ވަޘީޤާއެވެ.

1. ގަސްތުގައި މެރުން
2. ވޭންދެނިވި ހާނީއްކަ (torture) ކުރުމާއި ލާއިންސާނީ ޢަމަލުތަކުން އިހާނެތިކޮށް ހިތުން
3. ގަސްތުގައި ކުރާ ކަންކަމުގެ ވަސީލަތުން ހަށިގަނޑަށާއި ޞިއްޙަތަށް ސީރިއަސް ގެއްލުން ދިނުމާއި، ދަތިކަމާއި ވޭނާއި ކެކުޅުންތަކުގެ ނިހާއީ ދަރަޖައެއްގައި އުޅޭން ޖެއްސުން
4. ޢާއްމު ވެގެން ވާ ބީދަޔަކުން، ޢަސްކަރީ ޟަރޫރަތަކާ ނުލައި، އަދި ރަޙުމެއް ނުބަހައްޓައި ސުންނާފަތި ކުރުމުގެ މަގުން އަދި ޤާނޫނާ ޚިލާފަށް، މުދާ ހަލާކު ކުރުމާއި އަތުލުން
5. ޢަދާވާތްތެރި ލަޝްކަރެއްގައި ޚިދުމަތް ކުރުމަށް ހަނގުރާމައިގެ ޤައިދީއަކަށް ނުވަތަ މަދަނީއަކަށް މަޖުބޫރު ކުރުން
6. އިންޞާފުވެރި އަދި ޢާއްމު ނިޒާމުން ހިންގާ ޝަރީޢަތެއްގެ ޙައްޤުން ހަނގުރާމައިގެ ޤައިދީއެއް ނުވަތަ މަދަނީއެއް ގަސްތުގައި މަޙުރޫމު ކުރުން
7. މަދަނީންގެ މީހަކު ޤާނޫނާ ޚިލާފަށް އޭނާ އުޅޭ ތަނުން އެހެން ތަނަކަށް ފޮނުވުން ނުވަތަ ގެންދިޔުން، ނުވަތަ ވަކި ތަނެއްގައި ހިފަހައްޓައި ބަންދު ކުރުން
8. މަދަނީން ރަހީނު ކުރުން
9. ވިހަ ހަތިޔާރާއި، އެނޫން ވެސް ޟަރޫރަތްތެރި ނޫން ދަތި ޙާލާއި ވޭނާއި ކެކުޅުން ޖެއްސުމުގެ މަޤްޞަދުގައި އެ މަޤްޞަދު ޙާޞިލު ކުރެވޭނެ ކަމަށް ޤަބޫލު ކުރާ ހަތިޔާރު ބޭނުން ކުރުން
10. ޝަހަރުތަކާއި ޤަރުޔާތަކާއި އަވަށްތައް ރަޙުމެއް ނުބަހައްޓައި ސުންނާފަތި ކުރުމުގެ މަގުން ހަލާކު ކުރުން، ނުވަތަ ޢަސްކަރީ ޟަރޫރަތެއް ނެތި ހަލާކު ކުރުމާއި ސުންނާފަތި ކުރުން
11. ދިފާޢުގެ ނިޒާމެއް ނުވަތަ ދިފާޢު ވާނޭ ގޮތެއް ނެތް ޤަރުޔާތަކާއި އަވަށްތަކާއި ގެދޮރު ނުވަތަ ޢިމާރާތްތަކަށް ޙަމަލަ ދިނުން، ނުވަތަ އެފަދަ ތަންތަނަށް ކޮންމެ ވަސީލަތެއްގެ ބޭނުން ކޮށްގެން ވިޔަސް ބޮމާއި މިސައިލާއި ރޮކެޓު ފަދަ ތަކެތީން ޙަމަލަ ދިނުން
12. ދީނީ، ޚައިރާތުގެ، ތަޢުލީމީ، ފަންނުވެރިކަމުގެ، އަދި ސައެންސުގެ ބޭނުމަށް ޚާއްޞަ ކޮށްފައި ހުންނަ ތަންތަނާއި، ތާރީޚީ ތިމްސާލުތަކާއި ފަންނީ މަސައްކަތްތަކާއި ސައެންސުގެ މަސައްކަތްތައް އަތުލުން، ނުވަތަ ހަލާކު ކުރުން، ނުވަތަ އެ ތަންތަނާއި އެއްޗެއްސަށް ގެއްލުން ދިނުން
13. ޢާއްމު މުދަލާއި (public property) އަމިއްލަ ފަރުދުންގެ މުދާ (private property) ފޭރުން

ހަމަ މި ކަންކަން، ރޯމް ސްޓެޓިޔުޓްގެ އަށްވަނަ މާއްދާގައި އިތުރު ތަފްޞީލުތަކާ އެކު ބަޔާން ކުރެވިފައި ވެއެވެ.

އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް

"އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް" މި މައުޟޫޢުގެ ދަށުން ލިސްޓު ކުރެވޭ ކުށްތަކަށް ބަލައިލިޔަސް، ކުށުގެ ޢަމަލަށް ވިސްނައިފިއްޔާ ހުންނާނީ "ހަނގުރާމައިގެ ޖަރީމާތައް" އަދި "ޖެނޮސައިޑް" ގެ ކުށުގެ ޢަމަލުތަކާ ދާދި އެއް ކަހަލަ ޢަމަލުތަކެކެވެ. ވީއިރު، މި ގިންތި އަނެއް ދެ ގިންތިއާ ތަފާތު ވަނީ ކިހިނެއް ހެއްޔެވެ؟

"ޖެނޮސައިޑް" ގެ ކުށް އެހެން ގިންތިތަކާ ތަފާތު ވަނީ، ޖެނޮސައިޑަށް ކަނޑައެޅިފައި ވާ ވަކި ޚާއްޞަ ނިޔަތެއްގެ ސަބަބުން ވާހަކަ ވާނީ ދެންނެވިފައެވެ. ޤާނޫނީ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، ކޮންމެ "ޖެނޮސައިޑް" ޢަމަލެއް އިންސާނިއްޔަތާ ދެކޮޅު ޖަރީމާއަކަށް ވެސް ވާނެއެވެ. ނަމަވެސް އިންސާނިއްޔަތާ ދެކޮޅު ކޮންމެ ޖަރީމާއެއް "ޖެނޮސައިޑް" ގެ ތަޢުރީފުގެ ދަށަކަށް ނުވަންނާނެއެވެ. އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް "ޖެނޮސައިޑް" ކަމުގައި ވެސް ވާނީ، އެ ޖަރީމާ ހިންގުމުގައި "ޖެނޮސައިޑް" އަށް ޚާއްޞަ ނިޔަތް އޮތިއްޔާއެވެ.

ދެން، "އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް" "ހަނގުރާމައިގެ ޖަރީމާތަކާ" ތަފާތު ވަނީ ކިހިނެއްތޯ ކުރު ގޮތަކަށް ބަލައިލަމާ ހިންގަވާށެވެ! އެކަން ވަނީ މައިގަނޑު ތިން ގޮތަކުން ކަމުގައި ބުނެވިދާނެއެވެ. ފުރަތަމަ ގޮތަކީ، ކުށުގެ ޢަމަލުތައް ހިނގާ ޙާލަތެވެ. ހަނގުރާމައިގެ ޖަރީމާއަކަށް ޢަމަލެއް ވާނީ، ހިނގަމުންދާ ހަނގުރާމައެއްގެ ތެރޭގައި ކުރެވޭ ކަމަކަށް އެ ޢަމަލު ވުމުންނެވެ. އެޔާ ޚިލާފަށް، ހަނގުރާމައެއް އިޢުލާން ކުރެވިފައި ނުވާ އަދި ހަނގުރާމައެއް ނެތް ޙާލަތުގައި ވެސް އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހިންގިދާނެއެވެ. ދެވަނަ ގޮތަކީ، ކުށުގެ ޝިކާރައަށް ނުވަތަ މަޒުލޫމުންނަށް ވާ މީހުންނެވެ. ހަނގުރާމައިގެ ޖަރީމާތަކުގެ ޝިކާރައަށް މަދަނީން ވެސް އަދި ޢަސްކަރީން ވެސް ވެދާނެއެވެ. އެޔާ ޚިލާފަށް، އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކަކީ ޚާއްޞަކޮށް މަދަނީންނާ ދެކޮޅަށް ހިންގޭ ޖަރީމާތަކެކެވެ. ތިންވަނަ ގޮތަކީ، ކުށް ކުރާ ފަރާތެވެ. ހަނގުރާމައިގެ ޖަރީމާތައް ބަޔަކާ ދެކޮޅަށް ހިންގާނީ އެ ބައެއްގެ ދުޝްމަނުންނެވެ. އެކަމަކު، އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހިންގާ ފަރާތަކީ ދުޝްމަނުން، އަދި ޚުދު އެ ބައެއްގެ އަމިއްލަ ޤައުމުގެ ސަރުކާރު، އަހުލީ ހަނގުރާމައެއްގައި އެއް ބަޔަކު އަނެއް ބަޔަކާ ހަނގުރާމަ ކުރާ ދެކޮޅުވެރީން، އަދި އަމިއްލަ ޤައުމުގައި އޮންނަ ހަތިޔާރު އެޅި ޖަމާޢަތެއް ފަދަ ބަޔަކަށް ވެސް ވެދާނެއެވެ.

"އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކުގެ" ގޮތުގައި ކުށްތަކެއް ފުރަތަމަ ފަހަރަށް ލިސްޓު ކުރެވުނީ ވެސް ނިޔުރެމްބާރގް އުޞޫލުތަކުގައެވެ. އުޞޫލު ނަންބަރު ހައެއްގައި ބުނެފައި ވާ ގޮތުން، މެރުމާއި، ފަނާ ކޮށް ނައްތައިލުމާއި (extermination)، އަޅުވެތި ކުރުމާއި، ހަނގުރާމައިގެ ތެރޭގައި ނުވަތަ ހަނގުރާމައިގެ ކުރީން ވިޔަސް ދިރިއުޅޭ ތަން ނޫން އެހެން ތަނަކަށް މަދަނީން ގެންދިޔުން އަދި އެހެން ވެސް އެފަދަ ލާއިންސާނީ އަނިޔާ އެމީހުންނަށް ދިނުން، ނުވަތަ ސިޔާސީ، ނަސްލީ، އަދި ދީނީ ސަބަބުތަކާ ހުރެ ބަޔަކާ ދެކޮޅަށް ޢަދާވާތްތެރިކަމާއި ޒުލްމުވެރިކަމުގެ ޢަމަލުތައް ހިންގުން، މިއީ ހައްތާ ވެސް އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކެވެ.

ފަހުގެ ބައިނަލްއަޤްވާމީ ވަޘީޤާތަކުގެ ތެރެއިން ތިން ވަޘީޤާއަކުން، "އިންސާނިއްޔަތާ ދެކޮޅު ޖަރީމާ" ގެ ދާއިރާ ތަފްޞީލުކޮށް ކަނޑައަޅައި، ކުށެއް އިންސާނިއްޔަތާ ދެކޮޅު ޖަރީމާއަކަށް ވާނޭ ގޮތާ ބެހޭ މައިގަނޑު އުޞޫލުތަކެއް ވެސް ކަނޑައެޅިފައި ވެއެވެ. އެއީ އެ ޓްރައިބިޔުނަލެއްގެ ވާހަކަ ކުރީން ދެންނެވި ކުރީގެ ޔޫގޯސްލާވިޔާއާ ބެހޭ ބައިނަލް އަޤްވާމީ ޖިނާއީ ޓްރައިބިޔުނަލުގެ ސްޓެޓިޔުޓާއި، ރުވާންޑާއާ ބެހޭ ބައިނަލްއަޤްވާމީ ޖިނާއީ ޓްރައިބިޔުނަލް (International Criminal Tribunal for Rwanda) އާއި، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ސްޓެޓިޔުޓް ނުވަތަ ރޯމް ސްޓެޓިޔުޓެވެ. މި ވަޘީޤާތަކުން ކަނޑައެޅި މިހާރު އިސްތިޤްރާރު ވެފައި ވާ ގޮތުން، ކުށެއް އިންސާނިއްޔަތާ ދެކޮޅު ޖަރީމާއަކަށް ވާނީ، އެ ކުށް ކުރެވިފައި ވަނީ އިންތިޒާމީ ގޮތެއްގައި، ނުވަތަ ފުޅާ ދާއިރާއެއްގައި، މަދަނީ އާބާދީއަކާ ދެކޮޅަށް ދެވޭ ޙަމަލައެއް ނުވަތަ އެޅޭ ފިޔަވަޅުތަކެއްގެ ގޮތުގައި، މި ކުރެވޭ ކަމަކީ މަދަނީންނާ ދެކޮޅަށް އިންތިޒާމީ ގޮތެއްގައި ނުވަތަ ފުޅާ ދާއިރާއެއްގައި ޙަމަލައެއް ދިނުން ނުވަތަ ފިޔަވަޅުތަކެއް އެޅުންކަން އެނގިތިބެ އެކަން ކުރުމުންނެވެ. މި ދެންނެވި ތިން ވަޘީޤާގެ މާއްދާތަކުގައި ބަޔާން ކުރެވިފައި ވާ "އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކަކީ" ތިރީގައި އެވަނީއެވެ.

1. މެރުން
2. ފަނާ ކޮށް ނައްތައިލުން
3. އަޅުވެތި ކުރުން
4. އާބާދީއެއްގެ މެންބަރުން އެމީހުން ދިރިއުޅޭ ތަން ފިޔަވައި އެހެން ތަނަކަށް ގެންދިޔުން
5. ޖަލުގައި ބަންދު ކުރުން، ނުވަތަ އެހެން ގޮތަކުން ވިޔަސް މާއްދީ-ޖިސްމާނީ މިނިވަންކަން ބައިނަލްއަޤްވާމީ ޤާނޫނުގެ އަސާސީ ހަމަތަކާ ޚިލާފަށް ސީރިޔަސް ގޮތެއްގައި ނިގުޅައިގަތުން
6. ވޭންދެނިވި ހާނީއްކަ ކުރުން
7. ރޭޕު، ޖިންސީ އަޅުވެތިކަން، ކަސްބީއަކަށް ވުމަށް މަޖުބޫރު ކުރުން، ގަދަކަމުން މާބަނޑު ކުރުން، ބާރުގެ ބޭނުން ކޮށްގެން މީހެއްގެ ކިބައިން މާބަނޑު ވުމުގެ ޠަބީޢީ ޤާބިލުކަން ނެއްތައިލުން، ނުވަތަ މި ނޫން ވެސް ޖިންސީ ޠަބީޢަތުގެ އަދި ކަމުގެ ސީރިއަސްކަމަށް ބަލާ އިރު މި ބަޔާން ކުރެވުނު ކަންތަކާ އެއް ދަރަޖައެއްގެ ޢުދުވާނީ އަދި ހަރުކަށި ޢަމަލުތައް
8. ސިޔާސީ، ނަސްލީ، ޤައުމީ، އިސްނިއްޔަތީ، ޘަޤާފީ، ދީނީ، މިންތީގެ، ނުވަތަ މި ނޫން ވިޔަސް ބައިނަލްއަޤްވާމީ ޤާނޫނުން ހުއްދަ ނޫން ކަމަށް ޢާލަމީ ފެންވަރުގައި ބަލައިގަންނަ ސަބަބެއްގެ މައްޗަށް ބުރަ ވެ، ބަޔަކާ ދެކޮޅަށް ޢަދާވާތްތެރިކަމާއި ޒުލްމުވެރިކަމުގެ ޢަމަލުތައް ހިންގުން
9. ނިހާއީ ދަރަޖައިގެ ތަކުލީފާއި ވޭނާއި ކެކުޅުން ދިނުމުގެ ނިޔަތުގައި، ނުވަތަ ހަށިގަނޑަށް ނުވަތަ ނަފްސާނީ ނުވަތަ ޖިސްމާނީ ޞިއްޙަތަށް ސީރިއަސް ހާނީއްކަ އާއި ގެއްލުން ދިނުމުގެ ނިޔަތުގައި ހިންގާ އެހެނިހެން ލާއިންސާނީ ޢަމަލުތައް
10. މީހަކު ނުވަތަ ބަޔަކަށް ވީނުވީއެއް އޭނާގެ އަހުލުވެރީންނަށް ނޭނގޭ ގޮތަށް އެ މީހާ ނުވަތަ މީހުން ގެއްލުވައިލުން ނުވަތަ ވަކި ތަނަކަށް ފޮނުވައިލުން
11. ނަސްލީ އިމްތިޔާޒު (apartheid) ގެ ކުށް

ޢުދުވާނުގެ ޖަރީމާ

ބައިނަލްއަޤްވާމީ ޖިނާއީ ކުށުގެ މައިގަނޑު ބާވަތްތަކުގެ ތެރެއިން ހަތަރުވަނަ އަދި ފަހު ބާވަތަކީ "ޢުދުވާނުގެ ޖަރީމާ" (crime of aggression) އެވެ.

ޢުދުވާނަކީ ވެސް ވަރަށް އިހުއްސުރެ ބައިނަލްއަޤްވާމީ ޢުރުފީ ޤާނޫނުގައި ކުށެއް ކަމަށް ބަލައިގަނެވިފައި އޮތް ކަމެކެވެ. ކުށެއް ކަމަށް ބަލައިގަނެވިފައި އޮތޭ މި ދަންނަވަނީ، ހަނގުރާމައިގެ ޖަރީމާތަކޭ ކިޔާ މައިގަނޑު ކުށްތަކެކޭ އެއްފަދައިން، މިއީ ވެސް އެއްވެސް ޤައުމަކުން އެހެން ޤައުމަކާ ދެކޮޅަށް ހިންގުން ހުއްދަ ނޫން، އަނިޔާވެރި، އަދި ކުށްވެރި ޢަމަލެއް ކަމަށް ޤައުމުތަކުގެ ސިޔާސީ އަދި ޢިލްމީ ލީޑަރުންގެ މެދުގައި ދެނެގަތުން އޮތް ވާހަކައެވެ. ޤައުމުތަކުން އެއް ބަޔަކު އަނެއް ބަޔަކާ މުޢާމަލާތު ކުރުމުގައި، ޢުދުވާނީ ޙަރަކާތެއް ހިންގުމަކީ ކޮށްގެން ނުވާނޭ ކަމެއް ކަމަށް ޤައުމުތައް ޤަބޫލު ކޮށްގެން ތިބި ވާހަކައެވެ. މި ކުށަށް ވެސް އަދަބު ދެވޭނޭ ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމެއް އެއިރު ނެތް ކަމުގައި ވިޔަސް ވެހެވެ.

ނިޔުރެމްބާރގް ޗާޓަރުގެ ހަވަނަ މާއްދާގައި "ޢުދުވާނުގެ" ކުށަށް ދީފައި އޮތް ނަމަކީ "ޞުލްޙަޔާ ދެކޮޅު ކުށްތައް" މި ނަމެވެ. ޞުލްޙަޔާ ދެކޮޅު ކުށްތައް އެ މާއްދާގައި ލިސްޓު ކޮށްފައި ވާ އިރު، ޢުދުވާނީ ހަނގުރާމައެއް، ނުވަތަ ވެވިފައި އޮތް ބައިނަލްއަޤްވާމީ މުޢާހަދާއެއް އެއްބަސްވުމެއް ނުވަތަ ދެވިފައި އޮތް ބައިނަލްއަޤްވާމީ ގަރަންޓީއަކާ ޚިލާފު ހަނގުރާމައެއް ކުރުމަށް ރޭވުމާއި، ތައްޔާރު ވުމާއި، އެފަދަ ހަނގުރާމައެއް ފެށުމާއި، އެފަދަ ހަނގުރާމައެއް ކުރުން، އެ ލިސްޓުގައި ބަޔާން ކުރެވިފައި ވެއެވެ. މިއިން ކުށެއް ކުރުމުގައި ބައިވެރި ވުން ނުވަތަ މިއިން ކުށެއް ކުރުމަށް މުއާމަރާ ކުޅައުން ވެސް އެ މާއްދާގައި ކުށެއް ކަމަށް ކަނޑައަޅައިފައި ވެއެވެ. ނިޔުރެމްބާރގް ޓްރައިބިޔުނަލުގެ ޙުކުމެއްގައި ޢުދުވާނުގެ ޖަރީމާ ސިފަ ކޮށްފައި ވަނީ "ބައިނަލްއަޤްވާމީ އެންމެ ބޮޑު ކުށުގެ" ގޮތުގައެވެ. ނިޔުރެމްބާރގް ޗާޓަރާއި، ނިޔުރެމްބާރގް ޓްރައިބިޔުނަލުގެ ޙުކުމްތައް އަލިފުދާލުގެ ޢާއްމު މަޖިލިހުގެ ޤަރާރު ނަންބަރު 95(1) އިން ބަލައިގަނެފައި ވާތީ، މިއީ މިހާރު ބައިނަލްއަޤްވާމީ ޖިނާއީ ޤާނޫނުގެ އުޞޫލުތަކަކަށް ވަނީ ވެފައެވެ.

ރޯމް ސްޓެޓިޔުޓްގައި "ޢުދުވާނުގެ ޖަރީމާ" ތަޖުރީމު ކޮށް، އެ ކުށުގެ ތެރޭގައި ހިމެނޭ ކަންކަން ކަނޑައަޅައިފައި އޮންނަނީ، މުޢާހަދާއަށް ފަހުން އިތުރު ކުރެވުނު 8 ބީއައިއެސް ވަނަ މާއްދާގައެވެ. އެ މާއްދާގެ 1 ވަނަ ނަންބަރުގައި ބުނާ ގޮތުން، ޢުދުވާނުގެ ޖަރީމާއަކީ ދައުލަތެއްގެ ސިޔާސީ ނުވަތަ ޢަސްކަރީ ސިޔާސަތުތަކާއި ޢަމަލުތަކުގެ މިސްރާބު ކަނޑައަޅައި ކޮންޓްރޯލް ކުރުމުގެ ބާރުވެރިކަން އޮންނަ މަޤާމެއްގައި ހުންނަ މީހަކު، އެ ޢުދުވާނެއްގެ ޠަބީޢަތާއި ސީރިޔަސްކަން އަދި އެ ޢުދުވާން ހިންގޭ ދާއިރާގެ ފުޅާކަމަށް ބަލާ އިރު، އަލިފުދާލު ޖަމްޢިއްޔާގެ ޗާޓަރާ ފައުޅުކަން ބޮޑު ގޮތެއްގައި ޚިލާފު ވުމަކަށް ވާނޭ ފަދަ ގޮތެއްގައި، ޢުދުވާނީ ޢަމަލެއް ހިންގުމަށް ރޭވުމާއި، ތައްޔާރު ވުމާއި، ފެށުމާއި، އެފަދަ ޢަމަލެއް ހިންގުމެވެ. 2 ވަނަ ނަންބަރުގައި "ޢުދުވާނީ ޢަމަލު" ސިފަ ކޮށްފައި އޮންނަނީ ދައުލަތަކުން އެހެން ދައުލަތެއްގެ ސިޔާދަތާއި، ސަރަޙައްދީ ވަޙްދަތު އަދި ރައްކައުތެރިކަމާއި، ސިޔާސީ މިނިވަންކަމާ ދެކޮޅަށް، އަލިފުދާލުގެ ޗާޓަރާ ޚިލާފަށް، ހަތިޔާރު އުފުލުމެވެ. މި ނަންބަރުގައި ދެން އޮންނަނީ އަލިފުދާލުގެ ޢާއްމު މަޖިލިހުން 14 ޑިސެންބަރު 1974 ގައި ފާސް ކުރި ޤަރާރު ނަންބަރު 3314 އާ ޙަވާލާ ދީ، ޢުދުވާނީ ޢަމަލުތަކަށް ވާނޭ ޢަމަލުތައް ބަޔާން ކޮށްފައެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

1. ދައުލަތެއްގެ ހަތިޔާރު އެޅި ފައުޖުތަކުން އެހެން ދައުލަތެއްގެ ސަރަޙައްދަށް ޙަމަލަ ދިނުން
2. ދައުލަތަކުން އެހެން ދައުލަތެއްގެ ސަރަޙައްދެއް ހިފައި އިޙްތިލާލުގެ (occupation) ދަށަށް ގެންދިޔުން.
3. ދައުލަތަކުން އެހެން ދައުލަތެއްގެ ބައެއް ޟައްމު (annex) ކުރުން
4. ދައުލަތެއްގެ ޢަސްކަރީ ފައުޖުތަކުން އެހެން ދައުލަތެއްގެ ސަރަޙައްދަށް ބޮމާއި މިސައިލާއި ރޮކެޓު ފަދަ، ދުރުގައި ތިބެގެން އެއްލާ ނުވަތަ އުކާ ނުވަތަ މަތީން ވައްޓައިލާ ހަތިޔާރުތަކުގެ ވަސީލަތުން ޙަމަލަ ދިނުން
5. ދައުލަތަކުން އެހެން ދައުލަތެއްގެ ބަނދަރުތައް ނުވަތަ އައްސޭރިފަށް ހިސާރު ނުވަތަ ބަންދެއްގެ ތެރޭގައި ބޭއްވުން
6. ދައުލަތަކުން އެހެން ދައުލަތެއްގެ ޢަސްކަރީ ފައުޖުތަކަށް ބިމުގައި، ކަނޑުގައި، ނުވަތަ ވައިގައި ވިޔަސް އަދި އެ ދައުލަތުގެ ކަނޑާއި ވައިގެ ފްލީޓުތަކަށް ވިޔަސް ޙަމަލަ ދިނުން
7. ދައުލަތެއްގެ ޢަސްކަރީ ބާރުތަކުން، އެހެން ދައުލަތެއްގެ ސަރަޙައްދުގެ ތެރޭގައި، ދެ ފަރާތް އެއްބަސް ވެފައި އޮންނަ ގޮތެއްގެ މަތީން މެނުވީ، ޢަސްކަރީ ޢަމަލުތައް ހިންގުން
8. ދައުލަތަކުން އެ ދައުލަތެއްގެ ސަރަޙައްދު، ދެވަނަ ދައުލަތަކުން، އެހެން ދައުލަތަކަށް ޙަމަލަ ދިނުމަށް ޓަކައި ބޭނުން ކުރުމުގެ ހުއްދަ ދިނުން

ކުށްތަކާ ބެހޭ އިތުރު ނުކުތާއެއް

ބައިނަލްއަޤްވާމީ ޖިނާއީ ކުށްތަކާ ބެހޭގޮތުން މަތީގައި ވާ ބަޔާނަށް ބެލުމުން، މި މައުޟޫޢުގައި ދެކެވޭ ވާހަކަތަކުގައި ވަރަށް ގިނަ ފަހަރު ޒިކުރު ކުރެވޭ މަފްހޫމެއް ކަމުގައި ވާ "އެތުނިކް ކްލެންޒިންގ" މި އިޞްޠިލާޙު އެ ބަޔާނުގައި ހިމެނިފައި ވާ އެއްވެސް ނުކުތާއެއްގައި ނެތްކަން ފާހަގަ ކުރެއްވޭނެއެވެ. އޭގެ ސަބަބަކީ، "އެތުނިކް ކްލެންޒިންގ" އަކީ ހަނގުރާމަތަކުގައްޔާއި އިޙްތިލާލުތަކުގައި އާބާދީތަކާ ދެކޮޅަށް ބައެއް ފަހަރު ހިންގޭ ޢަމަލަކަށް ވުމާ އެކުގައިމެ، މި އިޞްޠިލާޙު ބައިނަލްއަޤްވާމީ ޖަރީމާތައް ކަނޑައަޅާ ވަޘީޤާތަކުގައި ބޭނުން ކޮށްފައި ނުވުމެވެ. އެހެން ނަމަވެސް، މީގެ މާނައަކީ "އެތުނިކް ކްލެންޒިންގ" ގެ ޢަމަލު ކުށަކަށް ނުވުމެއް ނޫނެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނުގައި ކުށެކެވެ. ނަމަވެސް މި ކުށް ތަޖުރީމު ކުރުމަށް ބޭނުން ކުރާ ޢިބާރާތް ތަފާތީއެވެ.

"އެތުނިކް ކްލެންޒިންގ" ގެ ޢަމަލު އެ ކުށެއްގެ ތަޢުރީފުގެ ތެރެޔަށް ވަންނަ ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލަކީ ރޯމް ސްޓެޓިޔުޓާއި އެހެނިހެން ބައެއް ވަޘީޤާތަކުގައި ތަޖުރީމު ކުރެވިފައި ވާ "އާބާދީއެއްގެ މެންބަރުން އެމީހުން ދިރިއުޅޭ ތަން ފިޔަވައި އެހެން ތަނަކަށް ގެންދިޔުން" މި ޢަމަލެވެ. ވީމާ "އެތުނިކް ކްލެންޒިންގ" މި އިޞްޠިލާޙު ބޭނުން ކުރެވިފައި ނުވިޔަސް، މި އިޞްޠިލާޙުން އިޝާރާތް ކުރާ ޢަމަލު ވަނީ ކުށެއް ކަމަށް ކަނޑައެޅިފައެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ އަނިޔާވެރިކޮށް ހިންގައިފައި ވާ، އަދި އެންމެ މަޝްހޫރު އެއް "އެތުނިކް ކްލެންޒިންގ" ޖަރީމާ އަކީ ސަހުޔޫނީން ފަލަސްޠީނުގެ ބިމުން ފަލަސްޠީނީން ނެރެ އެ ބިމުގެ އެތައް ސަރަޙައްދެއް ހުސް ކުރުމަށް 1948 އިން 1949 އާ ދެމެދު ހިންގި ޖަރީމާތަކެވެ. ފަލަސްޠީނު މީހުން "ނަކްބާ" އެވެ ކިޔަނީ އެ ޖަރީމާތަކަށެވެ. "ނަކްބާ" ގެ މާނައަކީ "ތަކުލީފާއި ވޭން ބޮޑު ވެގެންވާ މުޞީބާތް" މިއެވެ. "ނަކްބާ" ގައި ފަލަސްޠީނުގެ ރައްޔިތުންގެ މިލިއަނެއްހައި މީހުން، އެމީހުންގެ ޝަހަރުތަކާއި އަވަށްތަކުން، އެމީހުންގެ ގެދޮރުން، ނެރެ ރެފިޔުޖީންނަށް ހަދައިލިތާ ހަތްދިހަ އަހަރު ފުރުނު ފަހުން، މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ނަކްބާގެ މުޖުރިމުން – ސަހުޔޫނީ އިސްރާއީލް – އަނެއްކާވެސް ޣައްޒާގައި ތިބި ދެ މިލިއަން ފަލަސްޠީނީ ރައްޔިތުން އެމީހުންގެ ޝަހަރުތަކާއި ޤަރުޔާތަކާއި ރަށްތަކުން ނެރެ، ޣައްޒާގައި ވެސް "އެތުނިކް ކްލެންޒިންގ" ގެ ޢަމަލުތައް ތަކުރާރު ކުރަމުން ދާ ތަނެވެ. ކުރީން ވެސް ދެންނެވި ފަދައިން، މި ކަންތައްގަނޑު ހިނގަމުން މި ދަނީ ދުނިޔޭގެ ތާރީޚު ދުށް އެންމެ ނުބައި އެއް ޖެނޮސައިޑްގެ ވަސީލަތުންނެވެ. ހަމަ އެހެންމެ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ދާ ޖަރީމާތަކަކީ "އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް" ކަމުގައްޔާއި، "ހަނގުރާމައިގެ ޖަރީމާތައް" ކަމުގައި ވެސް ވެއެވެ. މާތުރަ، އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކާއި، ހަނގުރާމައިގެ ޖަރީމާތަކުގެ ގޮތުގައި ބައިނަލްއަޤްވާމީ ޖިނާއީ ޤާނޫނުތަކުގައި ތަޖުރީމު ކޮށްފައި ވާ ކުށްތަކުގެ ތެރޭގައި، އަނިޔާވެރި ސަހުޔޫނީން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ނުހިންގާ އެއްވެސް ޖަރީމާއެއް ނެތެވެ. އެހެންކަމުން، އިސްރާއީލަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތާރީޚު ދެކެފައި ވާ އެންމެ ބޮޑު މުޖުރިމެވެ. އަދި މި ޖަރީމާތައް އިސްރާއީލު ލައްވައި ހިންގުވާ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އާއި، އިނގިރޭސި ދައުލަތާއި، ޖަރުމަނުގެ ދައުލަތް ވެސް ހިމެނެނީ ދުނިޔެ ދުށް އެންމެ ބޮޑެތި މުޖުރިމު ދައުލަތްތަކުގެ ތެރޭގައެވެ. މިއީ ޖަޒުބާތާއި، ތަޢައްޞުބާއި، "ޕޮލިޓިކަލް ކަރެކްޓްނެސް" އާއި، "ފޭކް ޑިޕްލޮމެސީ" އެއްފަރާތް ކޮށް، ޤާނޫނާއި ބުއްދި އާއި ޟަމީރާއި އިންޞާފުގެ ދުލުން ވާހަކަ ދައްކާ ކޮންމެ އިންސާނަކު މެ އިޢުތިރާފު ވާން ޖެހޭ ޙަޤީޤަތެވެ. އެޔާއެކު، މި ޤައުމުތަކަށް އެހީތެރި ވާ ޔޫރަޕާއި ޔޫރަޕުން ބޭރުގެ އެތައް ދައުލަތުގެ މަސްއޫލިއްޔަތު ވެސް ކުޑަ ނޫންކަން ފާހަގަ ކުރަމެވެ. އޭގެ ތެރޭގައި އެތައް "އިސްލާމީ" ޤައުމެއް ވެސް ހިމެނެއެވެ.

ނިންމައިލުން

އައިސީސީ ވުޖޫދަށް އައީއްސުރެ މިއަދާ ހަމަޔަށް އެ ކޯޓުން ނިންމައިފައި ވާ އެންމެ މުހިއްމު، އެންމެ ޙައިރާން ކުރުވަނިވި، އަދި އެންމެ ތާރީޚީ ނިންމުމަކީ މިދިޔަ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ ކުރީގެ ދިފާޢީ ވަޒީރު ޔޮއާވް ގަލާންޓާ ދެކޮޅަށް އެ ކޯޓުން ނެރުނު ހައްޔަރު ކުރުމުގެ އަމުރެވެ. އެ އަމުރު ނެރެފައި ވަނީ 8 އޮކްޓޯބަރު 2023 އިން ފެށިގެން، ފަލަސްޠީނުގެ ޣައްޒާގައި ހިންގައިފައި ވާ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކާ ގުޅިގެން އެ ދެ މީހުން ޖިނާއީ މަސްއޫލިއްޔަތު އުފުލާން ޖެހޭ ކަމަށް ތުހުމަތު ކުރެވޭތީއެވެ. ކޯޓުގެ މި އަމުރު ނެރެވިފައި ވަނީ، އައިސީސީގެ ޕްރޮސިކިޔުޓަރ ކަރީމް އޭ. އޭ. ޚާން ކޭސީ 20 މެއި 2024 ގައި އެ އަމުރުތަކަށް އެދިވަޑައިގެން ކޯޓުގެ "ޕްރީ-ޓްރަޔަލް ޑިވިޜަނަށް" ހުށައެޅުއްވިތާ ހަ މަސް ދުވަސް ފާއިތު ވި ފަހުންނެވެ.

މި އަމުރު މުހިއްމު، ޙައިރާން ކުރުވަނިވި، އަދި ތާރީޚީ އަމުރަކަށް ވާ މައިގަނޑު ދެ ސަބަބެއް ވެއެވެ.

ފުރަތަމަ ސަބަބަކީ، އައިސީސީން މި ފަހަރު ނެރުނު އަމުރަކީ ހުޅަނގުގެ ބާރުގަދަ ފަރާތްތަކަކާ ދެކޮޅަށް ނެރެވުނު އަމުރަކަށް ވުމެވެ. އައިސީސީ އުފެދުނީއްސުރެ އެ ކޯޓުން މުޅީންހެން ތަޙުޤީޤުތަކާއި ޝަރީޢަތްތައް ކޮށް، ޙުކުމް ކޮށްފައި ވަނީ އެފްރިކާ އާއި ދެންވެސް ދެކުނު ބަވަނައިގެ (Global South) ޤައުމުތަކުގެ ލީޑަރުންނާއި ޢަސްކަރީ މީހުންނާ ދެކޮޅަށެވެ. ކަޅު މީހުން ނުވަތަ އެނޫން ވެސް ހަމުގެ ކުލަ ދޮން ނޫން މީހުންނާ ދެކޮޅަށެވެ. ހުޅަނގުގެ ކަޅު ލިސްޓަށް އެ ބައެއްގެ ނަން އަރައިފައި ވާ، ހުޅަނގުގެ މީޒާނުގައި ޚުދުމުޚުތާރުކަމާއި އިންސާނީ ޙައްޤުތަކާ ދެކޮޅުވުމާއި ޑިމޮކްރަސީއާ ދެކޮޅު ވުން ފަދަ ގޮތްގޮތުން ވިޔާނުދާ މީހުން ކަމުގައި ވެފައި ތިބޭ މީހުންނާ ދެކޮޅަށެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި ޖަރީމާތައް ހިންގައި ޤައުމުތައް ފަނާ ކުރާ ހުޅަނގުގެ ބާރުތަކުގެ ލީޑަރުންނާއި ޢަސްކަރީންނާ ދެކޮޅަށް އެ ކޯޓުގެ މަންސައިން އެއްވެސް ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. ބައިނަލްއަޤްވާމީ ޤާނޫނުތައް މުގުރައި، އަފްޣާނިސްތާނާއި ޢިރާޤާއި ލީބިޔާ ފަދަ އެތައް ތަނެއްގައި ބޮޑެތި ޖަރީމާތައް ހިންގި، އެމެރިކާ އާއި އިނގިރޭސި ވިލާތާއި އެމީހުންގެ ބައިވެރި ޤައުމުތަކުގެ ލީޑަރުންނާ ދެކޮޅަށް އައިސީސީގެ ވަސީލަތުން ކުރެވުނު އެއްވެސް ކަމެއް ނެތެވެ. އެހެންކަމުން، އައިސީސީ އަކީ ހުޅަނގުގެ މަނަހާއި، އިސްތިޢުމާރުގެ އައު ނިޒާމު ދެމެހެއްޓުމުގެ އިބްޒާރެއް ކަމުގެ ތުހުމަތުތައް ފަހަކަށް އައިސް އޮތީ ޢާއްމު ވެފައެވެ. އެ ކޯޓަކީ ހުޅަނގުގެ ނުފޫޒާއި ބާރުގެ ދަށުގައި އޮންނަ، ހަމައެކަނި ދެކުނު ބަވަނައިގެ ޤައުމުތަކުގެ ވެރީންނާ ދެކޮޅަށް ހުޅަނގު އެދޭ ގޮތަކަށް ނުވަތަ ރުހޭ ގޮތަކަށް ފިޔަވަޅު އެޅުމަށް ބޭނުން ކުރާ ވަސީލަތެއް ކަމަށް އައީ ތުހުމަތު ކުރެވެމުންނެވެ. ހުޅަނގުގެ ބާރުގަދަ ފަރާތްތަކަކާ ދެކޮޅަށް އައިސީސީގެ ވަސީލަތުން އެއްވެސް ފިޔަވަޅެއް އެޅިދާނޭ ކަމަށް ދުނިޔެ މިހައިތަނަށް ޤަބޫލެއް ނުކުރެއެވެ. އެހެން އޮއްވައި، ހުޅަނގުގެ ނިޒާމުގައި ވެސް ބާރުގެ އެންމެ މަތީ ހަރުފަތަށް ނިސްބަތް ވާ ކަމަށް ޤަބޫލު ކުރެވޭ ދެ މީހަކާ ދެކޮޅަށް އައިސީސީން ހައްޔަރު ކުރުމުގެ އަމުރެއް ނެރުމުން، ގިނަ ބަޔަކަށް އެކަން ޙައިރާން ކުރުވަނިވި ކަމަކަށް ވަނީއެވެ. ހަމަ އެހެންމެ، އައިސީސީގެ ޙަޔާތުގައި އެއީ ތާރީޚީ ނިންމުމަކަށް ވެސް ވަނީއެވެ. އައިސީސީން މި ފަހަރު އެ ހުރަސް ކުރީ، ހުރަސް ނުކުރެވޭނޭ ކަމަށް ޤަބޫލު ކުރެވުނު ފާލަމެކެވެ. ކޯޓުގެ ވިހި އަހަރަށް ވުރެ ދިގު ތާރީޚުގައި، މިއީ ކޯޓުގެ އެންމެ ފަޚުރުވެރި ގަޑިއެވެ. ކޯޓުގެ ސާދަވިލޭރެއި ވިދުންވަރުގެ ސާޢަތެވެ.

ދެވަނަ ސަބަބަކީ، ނަތަންޔާހޫ އާއި ގަލާންޓާ ދެކޮޅަށް ނެރެވުނު އައިސީސީގެ ވޮރަންޓުގެ ސަބަބުން ޢާއްމުކޮށް ބައިނަލްއަޤްވާމީ ޤާނޫނަށް، ޚާއްޞަކޮށް ބައިނަލްއަޤްވާމީ ޖިނާއީ ޤާނޫނަށް، އިޙްތިރާމާއި ޤަދަރާއި އިތުބާރު ލިބި، ބައިނަލްއަޤްވާމީ ޤާނޫނުގެ ޙުރުމަތާއި އަބުރު ރައްކައުތެރި ކުރެވި، ދުނިޔޭގައި "ޤާނޫނުގެ ޙުކުމް" ހިންގިދާނޭކަމުގެ އުއްމީދު އައު ވެފައި ވުމެވެ. އައިސީސީ އަކީ ދުނިޔޭގެ އެންމެންނާ މެދު ހަމަހަމަ ގޮތެއްގައި ޤާނޫނު ތަންފީޛު ކުރުމުގެ ޤާބިލުކަން ހުރި މުއައްސަސާއެއް ކަމަށް ވެދާނޭކަމުގެ އުއްމީދުގެ ހުޅުކޮޅެއް، ކިތައްމެ ކަނިކޮށް ކަމުގައި ވިޔަސް، ދިއްލުމެވެ. މި އުއްމީދުގެ ހުޅުކޮޅަކީ ޙަޤީޤީ ހުޅުކޮޅެއްތޯ، ނުވަތަ އަވާމެންދުރެއްތޯ ކަށަވަރު ވާނީ ކުރިޔަށް އޮތް ދުވަސްތަކުގައެވެ. ކޯޓުގެ އަމުރަށް ތަބަޢަ ނުވާނޭކަން އެމެރިކާ އާއި އާޖެންޓީނާ އާއި ހަންގޭރީ ފަދަ ތިން ހަތަރު ޤައުމަކުން ވަނީ އިޢުލާން ކޮށްފައެވެ. ފަރަންސޭސި ވިލާތް ވެސް ވަނީ އެންމެ ފުރަތަމަ އަމުރަށް ޙުރުމަތްތެރިކޮށް ހިތާނޭ ކަމަށް ބުނެފައި، ފަހުން "ކުރީން ބުނި އެތި ކެންސަލް" ކޮށްފައެވެ. އިސްރާއީލުން މިހާރު ވަނީ އަމުރު އިސްތިއުނާފު ކުރާނޭ ކަމަށް ވެސް ބުނެފައެވެ. އިސްތިއުނާފުގެ މަރުޙަލާގައި ވާނީ ކިހިނެއް ހެއްޔެވެ؟ އައިސީސީގެ ފަނޑިޔާރުންނަށް އެމީހުންގެ ނިންމުމުގެ މަތީގައި ސާބިތުކަމާ އެކު ތިބެވޭނެ ހެއްޔެވެ؟ މައްސަލަޔާ ގުޅިގެން އައިސީސީއަށް ކުރިމަތި ވާނޭ ނުފޫޒުތަކާއި ބިރުދެއްކުންތަކުގެ ކުޑަކުޑަ މަންޒަރެއް، އަމުރަށް އެދިވަޑައިގަތުމާ ގުޅިގެން ޕްރޮސިކިޔުޓަރ ކަރީމް ޚާނާ ދެކޮޅަށް "ކައްކައިފައި" ވާ ޖިންސީ ގޯނާގެ ތުހުމަތުތަކުން އެކަނި ވެސް ފެނެއެވެ. ހުޅަނގަކީ އެމީހުން ނުރުހޭ ބައެއްގެ ބުރީން ހަން ދަމައި، މަސް ކައި، ލެއި ބޯލާން ވެސް ފަސް ނުޖެހޭހައި ރަޙުމު ކުޑަ، ގޮތެއްފޮތެއް ނެތް، ޖައްބާރު، އަނިޔާވެރި، އަދި ބޭއިންޞާފު ބައެއްކަން މުޅި ދުނިޔެއަށް ވެސް މި އޮތީ ސާބިތު ވެ ފެންނާށެވެ. އެވަރު ބައެއްގެ ކުރިމަތީގައި އައިސީސީގެ ފަނޑިޔާރުންނާއި ޕްރޮސިކިޔުޓަރުންނަށް ހިތްވަރު ކުރެވޭނީ ކިހައި ވަރަކަށް ހެއްޔެވެ؟

ކޮންމެއަކަސް، އައިސީސީ މިހާރު ވަނީ ހަތަރު އަނގޮޅިއެއްގައެވެ. ނަތަންޔާހޫ އާއި ގަލާންޓާ ދެކޮޅު އަމުރުގެ މަތީގައި ކޯޓަށް ސާބިތުކަން ދެއްކިއްޖެއްޔާ، ކޯޓުގެ ޤަދަރާއި އިތުބާރާއި އަބުރު ދުނިޔޭގެ ކުރިމަތީގައި ނެގެހެއްޓި، ފެހި މުސްތަޤުބަލެއްގެ ބޮކި ދިއްލިގެން ދާނެއެވެ. އެކަން ނުކުރެވިއްޖެއްޔާ، ބައިނަލްއަޤްވާމީ ނިޒާމުގައި ދެން އެންމެ އަވަހަށް ފެނިދާނޭ އެއް މަންޒަރަކީ ހުޅަނގުގެ އަނިޔާވެރިކަމާއި ލާޤާނޫނިއްޔަތާއި ބަރުބަރިއްޔަތުގެ މަގުން އައިސިސީގެ ޖަނާޒާ ގެންދެވޭ މަންޒަރެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟