ތާރީޚު

ހައްދުންމަތީގެ ފޯކްލޯރުތަކުގެ ތެރެއިން ބަރެސްދޫއަށް އެރި މިނިކާ ހާލާއި ފުއްޓަށް އެރި ކަޅު މާބުރުގެ ވާހަކަ

އިމާދު ލަތީފު

ބަލާލަން ގަސްތު މިކުރަނީ ލ.އަތޮޅުގެ މީހުން ކިޔަމުން އަންނަ ބައެއް ފޯކްލޯރަށެވެ. ފޯކްލޯރަކީ ތާރީޚީ ހެއްކެއްނެތި އެއްޒަމާނުން އަނެއް ޒަމާނަށް ތުންތުންމަތިން ނަގުލުވަމުން އަންނަ ވާހަކަތަކެވެ. ފުލޯކު ވާހަކަތަކެވެ. ލ.އަތޮޅަކީ ހައްދުންމައްޗެވެ. ރާއްޖޭގެ އެންމެ މުހިއްމު އެއްއަތޮޅެވެ. ތާރީޚީ އެތައްކަމަކާ ގުޅިފައިވާ އެއްއަތޮޅެވެ. ކުރީގައިވެސްމެއެވެ. މިހާރުވެސްމެއެވެ. އެހެންވީމާ އެއަތޮޅާ ގުޅުވައިގެން އުފަންވެފައިވާ ފޯކްލޯރުތައް ގިނަވާނެއެވެ. ހައްދުންމަތީގެ ވަރަށް ގިނަ ރަށްރަށް ފަޅުވެފައިވެއެވެ. ބައެއް ރަށްރަށް ގިރައިގެންގޮސް ވުޖޫދުންވެސް ފޮހެވިފައިވެއެވެ. ބައެއް ރަށްރަށުގެ ނަންވެސް ބަދަލުވެފައިވެއެވެ. ވަކިން ޚާއްސަކޮށް އިސްދޫއާ ކައިރިން އެފަޅުތެރޭގައިވާ ވަރަށް ގިނަ ރަށްރަށް އެއްރަށް އަނެއްރަށާ މިހާރު ގުޅިފައިވެއެވެ. ބައެއް ރަށްރަށް ނެތިގެންގޮސް އާނުގަޑުތަކަށް ބަދަލުވެފައިވެއެވެ. މީހުން ދިރިއުޅުނު ބޮޑެތި ބައެއް ރަށްރަށް މިހާރު ކުދިކުދި ފިނޮޅުތަކަށްވެސް ބަދަލުވެފައިވެއެވެ.

އިސްދޫ ފަޅުތެރޭގައި މިހާލަތު ކުރިމަތިވި އެއްރަށަކީ ކިލެގެރަހާއެވެ. އެރަށަށް ދޮންކަމަނާ ރަށޭވެސް ކިޔައެވެ. ކިލެގެރަހާއަށް އެނަން ކިޔުނީ ކޮންމެވެސް ކިލެގެ ބޭފުޅަކަށް އެރަށް އޮވެފައި އޭގެފަހުން އެބޭފުޅެއްގެ އާއިލާގެ ވަގުފު ރަށަކަށްވާތީއެވެ. ވަގުފުގެ މާނަޔަކީ ލިޔެވިފައިވާ ލިޔުމަކުން ތަނެއް ނުވަތަ މުދަލެއް ބަޔަކަށް ޚާއްސަކުރުމެވެ. މިޒަމާނުގެ ބަހުރުވައިން ޕްރައިވެޓައިޒް ކުރުމެވެ. ކިލެގެ ބޭފުޅުންނަކީ ހަތްދޮށު ކޮލިން ލިބޭ ދަރަޖައިގެ ތެރެއިން ދަރަޖައެއް ލިބިފައިވާ ބޭފުޅުންނެވެ. ރާއްޖޭގައި ރަސްކަންއޮތް ޒަމާނުގައި އެއީ ވަޒީރުބޭފުޅުންނެވެ. ރަސްކަމުގެ ބޮޑުންނެވެ. ކޮންމެއަކަސް މިރަށުގެ ނަން ނިސްބަތްކުރެވޭ ކިލެގެއަކީ ކޮން ނަމެއްކިޔާ ކޮން ކިލެގެއެއްކަމެއް އެނގޭކަށް ނެތެވެ. ކިލެގެރަހާއަށް އަދި އެހެން ނަމެއްވެސް ކިޔައެވެ. ދޮންކަމަނާ ރަށެވެ. ކޮން ދޮންކަމަނާއެއް ހެއްޔެވެ. މިކަމާމެދުވެސް ކިޔައިއުޅޭ ވާހަކައެއް އޮވެއެވެ. އެރަށަށް ގޮސްއުޅޭ މީހުންނަށް އަންހެނެއްގެ ސިފައިގައި ހުންނަ ދޮންރީތި ހަންޑިޔަކު ފެންނަނީޔޯލައެވެ.

ކަސަބު ބޯވަޅުއެޅި ރަތްލިބާހެއްގައި ހުންނަ މިހަންޑިޔަކާ ދިމާވި މީހަކު މިހާރު އުޅޭކަމަކަށް ނުވެއެވެ. އެކަމަކު ވާހަކައެއް އުފަންވާނީ ކޮންމެވެސް ސަބަބަކާލައިގެންނެވެ. އެހެންވީމާ ކިލެގެރަހާއިން ފެންނަކަމަށް ބުނާ ދޮންކަމަނާއަކީވެސް ކޮންމެވެސް ހަގީގަތެއްގެ މައްޗަށް އުފަންވި ވާހަކައެއް ކަމަށް ބަލަން ފުރުސަތު އެބައޮތެވެ. ފަހަތަށް ރަހާ ކިޔައިއުޅޭ މިނޫންވެސް ރަށްރަށް ހައްދުންމަތީގައި ހުރެއެވެ. ބިލަތްތޭރަހާއަކީ އެކަހަލަ ރަށެކެވެ. އެއީ ވަރަށް ފަހަކާ ހަމަޔަށްވެސް ކަކާގޭ އާއިލާއަށް ނިސްބަތްވި ވަގުފު ރަށެކެވެ. ލާމުއަތޮޅު ބަހުރުވައިގައި ރަހާ ކިޔަނީ ރެހާއަށެވެ. ރެހާއަކީ ހުރާގަޑެވެ. ހައްދުންމަތީ ބަރެސްދޫއަކީވެސް ކުރީޒަމާނުގައި މީހުން ދިރިއުޅުނު ރަށެއް ކަމަށް ބުނެވެއެވެ. ރެހެންދި ޚަދީޖާގެ ޒަމާނުގައި އެރަނިންގެ ކޮއްކޯފުޅު އަހުމަދު ޝިހާބުއްދީނު މާލޭގެ ބޮޑުންގެ އަނބީން ކައިރިއަށް ދަންވަރު ވަދެވަޑައިގަންނަވާ ކަމަށް ތުހުމަތު ކުރެވިގެން ރަސްކަމުން ވަކިކޮށްފައި އަރުވައިލެވުނީ މި ބަރެސްދޫއަށެވެ. އޭރު އެއީ މީހުން ދިރިއުޅޭ ރަށެކެވެ.

އެކަމަކު މިދެންނެވި ޝިހާބުއްދީނު އަވަހާރަވީ ކަމަށް ބުނެވެނީ މިރަށުގައެއް ނޫނެވެ. ޝިހާބުއްދީނުގެ މަހާނަ ހުރިކަމަށް ބުނެވެނީ ހައްދުންމަތީ މެންދޫގައެވެ. އެއީ މިހާރު ފަޅުރަށެކެވެ. އެމަހާނައަށް ޚާންސީގެ މަހާނައޭވެސް ކިޔައެވެ. ގިނަބަޔަކު ގަބޫލުކުރަނީ އެ ޚާންސީއަކީ ޝިހާބުއްދީނު ކަމުގައެވެ. ބުނެވޭގޮތުން ރެހެންދި ޚަދީޖާ އަންގަވައިގެން މާލެއިން ގާތިލެއް ނުވަތަ ގާތިލުންތަކެއް ފޮނުއްވައިގެން ކޮއްކޯފުޅު ގަތުލުކޮށްލީއެވެ. އެކަމަނާގެ ރަސްކަން ކޮންމެވެސް ގޮތަކުން އަތުލައްވައިފާނެ ކަމުގެ ބިރަށްޓަކައެވެ. މިހާދިސާއެއް ހިނގާފައިވަނީ މީގެ ގާތްގަޑަކަަށް ހަތްސަތޭކަ އަހަރު ކުރިންނެވެ. ޝިހާބުއްދީނާއި ރެހެންދި ޚަދީޖާގެވެސް ބައްޕާފުޅަކީ ސުލްތާން ޖަލާލުއްދީނު އުމަރުވީރެވެ. އެރަދުން އަވަހާރަވުމުން ތުއްޕުޅު ބޭފުޅެއްގެ ގޮތުގައި ހުންނެވި ޝިހާބުއްދީނު ރަސްކަމަށް އިސްކުރީއެވެ. ކަމުން ވެރިކަން ހިންގެވީ ދައިތާފުޅު ރެހެންދި ޚަދީޖާއެވެ.

ގާތްގަޑަކަށް ހަތް އަހަރު އެގޮތުގައި ވޭތުވުމަށްފަހު ޝިހާބުއްދީނު ފުރިހަމަ ޒުވާނަކަށް ވުމުގެ ކުރިން މަތީގައި ބަޔާންކުރެވުނު މަގުން ކަންތައް ކުޅައީއެވެ. މާލޭގެ ހުކުރުމިސްކިތް އެންމެ އިހަށް އައުކޮށް ބޮޑުކޮށް ދިވެހިރާއްޖެ އިސްލާމް ކުރެއްވި ބޭކަލެއްގެ ނަންފުޅު ލިޔެފައި ފިލައެއް ބެހެއްޓުނީ ޝިހާބުއްދީނު ތަޚުތުގައި އިންނެވި ދުވަސްވަރުއެވެ. އަހުމަދު ޝިހާބުއްދީނު އެންމެ އިހަށް ހުންނެވި ބަރެސްދޫ ފަޅުވުމާބެހޭގޮތުންވެސް ދޫދޫމަތިން ކިޔަމުން އަންނަ ވަރަށް ފައްކާ ވާހަކައެއް އޮވެއެވެ. ފޯކްލޯރެއް އޮވެއެވެ. އެރަށު ބޮޑު މައުލޫދަށް ކައްކައިގެން އިރާދަމު ކޭން ކެއުމަށް އެންމެން ހަރުގެޔަށް އެއްވި ވަގުތު ހަރުގޭގެ ފުރާޅުމަތިން ހާލެއް ކައްކަކާކޯއޭ ގޮވައިލީއެވެ. މި ހަރުގެޔެެއް ހުރީ ރަށުގެ އަތިރިމައްޗާ ވަރަށް ގާތުގައެވެ. ކަނޑު ފެންނަ ހިސާބުގައެވެ. އެސޮރު ފުރާޅުމަތިން ކައްކަކާއޯއޭ ގޮވައިލީ އާއްމުކޮށް ހައު ގޮވާ ވަގުތެއްގައެއް ނޫނެވެ. އިރާދަމުގައެވެ. މިޒަމާނުގެ ބަހުރުވައިން އެއީ އިރާކޮޅެވެ. އިރުއޮއްސުމާއި ރަތްވިލާ އޮއްސުމާ ދޭތެރެއެވެ.

ކޮންމެއަކަސް އެސޮރު ކައްކަކާކޯއޭ ގޮވައިލުމާއެކު ހަރުގޭގެ ތެރޭގައި ތިބި މީހުންގެ ތެރެއިން ބިރުކުޑަ މީހަކު ކަލޯވެސް ތިޔަތާގައި ނުހުރެ މިތަނަށް އަންނާށޭ ބުނެފިއެވެ. މިހެން ބުނުމާއެކު އުދުއްސައިގެންއައިސް ބިންމައްޗަށް ތިރިކޮށް ހަރުގޭގެ ދޮރުން އެތެރެއަށްވަދެ އެސޮރު އިންސާފު ކުރަންފެށީ ސުފުރާމަތީގައި ތައްޔާރު ކުރެވިފައިވާ ކޭމަކަށް ނޫނެވެ. އެސޮރުގެ ކާނާއަކަށްވީ މީހުންނެވެ. އިންސާނުންނެވެ. ދެންވެސްހުރީ ހަމަ ހާލެއްގެ ސިފައިގައެވެ. ހަރުގެޔަށް ވަނުމަށާއި ނިކުތުމަށްހުރީ އެންމެ ދޮރެއް ކަމުން އެސޮރުގެ ކިބައިން ސަލާމަތްވެގެން ނިކުމެވުނީ ވަރަށް މަދު ބަޔަކަށެވެ. ހަރުގެއިން އެސޮރު ނިކުތީ މުސްކުޅި އަންހެނަކު ކާށި ބިންނަން ގެންގުޅޭ ދަގަނޑު ވަޅިއެއް ހަވާދު މުގުރާ ވަނެއް ފާޑުގެ އެއްޗެއްގައި ކާއްތަ ކާއްތާފައި އެވަޅިގަނޑު އަނގަޔަށް ލަމުންއައިސް ހަރުގެޔަށް ވަންތަން ފެނިފައި ބިރުންނެވެ. އެސޮރު ގޮވައިލިޔޯއެވެ. ދަގަނޑު މިއަލަނި ކާ ދައިތައެކެވެ. ދައިތާ ދައިތާއެވެ. މިކުރަނީ އާދޭހެވެ. މަ ނުކާތި އިނގޭއެވެ.

މިހެން ގޮވަމުން ބިރުންހުރެ އެސޮރު ރަށުން ފައިބައިގެން ދިޔައީއެވެ. މިދެންނެވި ހާލުގެ ކިބައިން ސަލާމަތްވި މީސްކޮޅުވެސް ރަށުގައި ތިބެން ނުކެރިގެން ރަށްދޫކޮށް ކައިރީގައިވާ ކަޅައިދޫއަށް ބަދަލުވީއެވެ. އެމީހުން ކަޅައިދޫއަށް ދިޔުމުގެ ކުރިން އެއީ ފަޅުރަށެކެވެ. ކަޅައިދޫ އާބާދުވީ މިގޮތުންނެވެ. އެކަމަކު ކަޅައިދޫއަކީވެސް މިހާރު ފަޅު ރަށެކެވެ. އާބާދީ ކުޑަކަމުން ދާދިފަހަކުން ސަރުކާރުން އެރަށުގެ މީހުން ބަދަލުކުރެއްވީ ގަމުގެ ތުނޑިއަވަށަށެވެ. ބަރެސްދޫ ފަޅުވިގޮތަށް ހަމަ އެބީދައިން ފަޅުވި އެހެން ރަށެއްވެސް ހައްދުންމަތީގައި އޮތްކަމަށް ބުނެވެއެވެ. އަނެއްކާވެސް ފޯކްލޯރެކެވެ. އެރަށްއޮތީ މެންދޫއާއި ކުނަހަންދޫއާ ދިމާލުން އެފަޅުތެރޭގައެވެ. މިހާރު ގިރައިގެންގޮސް ރަށުގެ އަސަރެއްވެސް ނެތެވެ. އެރަށް ފަޅުވުމުގެ ސަބަބާމެދުވެސް ބުނެވެނީ ރަތް ހާލެއް އަރައި މީހުން ކާލީކަމުގައެވެ. އެކަމަކު މިރަށުގެ މިދެންނެވި ވާހަކަ އެގޮތަށް އެއްވެސް ބޭފުޅަކު ލިޔުއްވާފައިވަނިކޮށް ނުދެކެމެވެ.

އެވާހަކަ ނޫން އެހެން ހުރިހާ ވާހަކަތަކެއް މީސްތަކުން ކިޔައިއުޅޭ ގޮތަށް މަރުހޫމް މުހައްމަދު އިބްރާހިމް ލުތުފީ ވަނީ ލިޔުއްވައިފައެވެ. އަޅުގަޑުގެ މި ލިޔުމުގެ އަސްލަކަށް ބަލާފައިވަނީވެސް ލުތުފީގެ ލިޔުއްވުމެވެ. ހައްދުންމަތީ ފުށި ކިޔުނު ރަށަކީ މިހާރު ފަޅުރަށަކަށްވިޔަސް އެއީވެސް ކުރީގައި މީހުން ދިރިއުޅުނު ރަށެކެވެ. އެރަށް ފަޅުކޮށްފައި މީހުންދިޔައީ ކައިރީގައިވާ ދަނބިދޫއަށެވެ. ފުށިކިޔުނު ރަށް ފަޅުވުމާމެދު ތުންތުންމަތިން ކިޔަމުން އަންނަ ފޯކްލޯރުގައިވެއެވެ. އެރަށަށް ކާކުގެ ސަންދޯކެއްކަން ނޭނގޭ ސަންދޯކެއް ލެއްގީއެވެ. ވަޅުލައި ޒިޔާރަތް އެރުވުމުގެ ބަދަލުގައި އެރަށު މީހުން ކުރިކަމަކީ ގޮތްނޭގޭ އެސަންދޯއް ކަނޑު ބޭރުކުރުމެވެ. ދެންވީ މާދެރަގޮތެކެވެ. އިސާހިތަކު ރަށުތެރެއިން ނާމާން އަޑެއް އިވެން ފެށީއެވެ. މި އަޑުގެ އަސްލަކީ ކަޅު މާބުރެކެވެ. ބިރުވެރިކަން އެކުލެވޭ އަޑެއް އިއްވަމުން ރަށުތެރޭގައި އެސޮރު އުދުހެނީއެވެ. ބުރުއަޅަނީއެވެ. ދެން އިސާހިތަކު އާދަޔާ ޚިލާފަށް ގިނައިން މީސްތަކުން މަރުވާންފެށީއެވެ. މިކަމާބިރުން ފަންޑިތަވެރިންގެ އިރުޝާދާއެކު ބާކީތިބި މީސްކޮޅު ރަށް ދޫކޮށް ދަނބިދޫއަށް ބަދަލުވީއެވެ.