އަލް އުސްތާޛް އަޙްމަދު މާޖިދު
މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުކަމުގެ މަޤާމާ ޙަވާލު ވެވަޑައިގަތީ، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އިފްތިތާޙު ކުރެވި، އެ ޖުމްހޫރިއްޔާއާ އެކު އިޢުލާން ކުރެވުނު ޤާނޫނުއަސާސީ އިޢުލާން ކުރެވުނު ދުވަހުއެވެ. އެއީ 1 ޖަނަވަރީ 1953 އެވެ. އަމީނަށް ވަލިއްޔުލްއަމްރުކަމުގައި ހުންނެވޭ ވަރު ވީ ހަތް މަހާއި ދުވަސްކޮޅަކުއެވެ. މާލޭގައި ބާރާއި ނުފޫޒު އޮތް ބަޔަކު، އެމަނިކުފާނު ވެރިކަމުން ދުރު ކުރުމުގެ މަސައްކަތް 1953 ވަނަ އަހަރުގެ މެދަކާ ހަމައިން ފެށި ކަމަށް ޤަބޫލު ކުރެވެއެވެ. ޢާއްމު ޙަރަކާތެއްގެ ފެންވަރަށް އެ މަސައްކަތް ފުޅާ ވެ ތިލަ ވެގެން އައީ އެ އަހަރުގެ އޯގަސްޓު މަހުގެ 21 ހައި ތަނުގައެވެ. މުޙައްމަދު އަމީންގެ ގައިކޮޅުގައި ތަޅައި ބޮޑެތި ހާނިއްކަތައް ކޮށް ފުރާނަފުޅަށް ނުރައްކާ ވާ ދަރަޖަޔަށް ޒަޚަމު ކޮށްލީ 31 ޑިސެންބަރު 1953 ގައެވެ. އެޔަށްފަހު އެމަނިކުފާނާ ދެކޮޅަށް ފާޑެއްގެ ޖިނާއީ ޝަރީޢަތެއް ވެސް ހިންގުނެވެ.
މި ކަންތައްގަނޑު ހިނގައި، މުޙައްމަދު އަމީން ދީދީ "ވަލިއްޔުލްއަމްރު" ކަމުން ވަކި ކުރެވުނީ ޤާނޫނާ އެއްގޮތަށް ހެއްޔެވެ؟ އެއީ ޤާނޫނީ އިޖުރާއާތު ފުރިހަމަ ކޮށްގެން ކުރެވުނު ކަމެއް ހެއްޔެވެ؟ އަޅުގަނޑަށް އެނގިފައި ވާ މަޢުލޫމާތަށް ބަލާ އިރު، އެހެނެއް ނޫނެވެ. އާދެ، މުޙައްމަދު އަމީން ވެރިކަމުން ދުރު ކޮށްފައި ވަނީ، އެއިރު އޮތް ޤާނޫނުއަސާސީއާ ޚިލާފަށެވެ. ޤާނޫނުއަސާސީގައި ވަލިއްޔުލްއަމްރު މަޤާމުން ދުރު ކުރުމަށް ކަނޑައަޅައިފައި އޮތް ހަމަތަކާ ޚިލާފަށެވެ.
މުޙައްމަދު އަމީން ވެރިކަމުން ވައްޓައިލުމަށް ޝަރްޢީ ގޮތުންނާއި، އަޚްލާޤީ ގޮތުންނާއި، ސިޔާސީ ގޮތުން ރައްޔިތުންނަށް ޙައްޤު – ޘައުރާގެ ޙައްޤު (Right of Revolution) – ލިބުނުތޯ، މިއީ މުޅީން ވަކި ސުވާލެކެވެ. އެ ސުވާލަށް އެއްޗެއް ދަންނަވާކަށް ގަސްތެއް ނުކުރަމެވެ. އެއީ ވަރަށް ފުޅާ ދިރާސާއެއްގެ މައްޗަށް މެނުވީ ޖަވާބު ދެވޭނޭ ސުވާލެއް ވެސް ނޫނެވެ. އަޅުގަނޑު ހަމައެކަނި ބަލައިލާނީ މުޙައްމަދު އަމީން ވެރިކަމުން ދުރު ކުރެވުނީ ޤާނޫނުއަސާސީއާ – ޤާނޫނާ – އެއްގޮތަށް ތޯ ނުވަތަ ނޫންތޯ މި ސުވާލަށެވެ. ކުރީން ވެސް ދެންނެވި ފަދައިން، އެކަން ކޮށްފައި ވަނީ ޤާނޫނުއަސާސީއާ ޚިލާފަށެވެ. ޤާނޫނުއަސާސީ މުގުރައިލައިގެންނެވެ.
އެއިރު އޮތް ދިވެހި ފުރަތަމަ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ – 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު އިޢުލާން ކުރެވުނު، ދިވެހިރާއްޖޭގެ ތިންވަނަ ޤާނޫނުއަސާސީ – ގެ 10 ވަނަ މާއްދާގައި އޮންނަ ގޮތުން، ވަލިއްޔުލް އަމްރުގެ މަޤާމު ހުސް ވެއްޖެ ކަމުގައި ކަނޑައެޅެނީ ފަނޑިޔާރުގޭގެ ނިޔާއަކުންނެވެ. އެ ނިޔާ ކަނޑައެޅެނީ، ދެ ޙާލަތެއްގައެވެ.
1. ފުރަތަމަ ޙާލަތަކީ، 10 ވަނަ މާއްދާގެ (ހ) ގައި އޮންނަ ޙާލަތެވެ. އެއީ، ވަލިއްޔުލް އަމްރުގެ މަޤާމުގައި ހުރި މީހާގެ ހަށިގަނޑަށް ނުވަތަ ސިކުނޑިއަށް ލިބޭ ދާއިމީ އުނިކަމެއްގެ ސަބަބުން، އެ މަޤާމުގެ ވަޒީފާތައް އަދާ ނުވެވޭނޭ ކަމުގައި "މަޖްލިސް" ގެ ދެ ގެއިން (ރައްޔިތުންގެ ގެ، އަދި ސެނޭޓު) ފާސް ކުރާ ޙާލަތެވެ.
2. ދެވަނަ ޙާލަތަކީ، 10 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ ޙާލަތެވެ. އެއީ، ވަލިއްޔުލްއަމްރުގެ މަޤާމުގައި އެ އިރަކު ހުރި މީހާއީ، އެ މީހެއްގެ އަޚްލާޤު ހުރި ގޮތުގެ ސަބަބުން އެ މަޤާމުގައި ހުރުމަށް އެކަށީގެން ނުވާ މީހަކު ކަމަށް މަޖިލިސްގެ ޖަލްސާއެއްގައި ޙާޟިރު ވެ ތިބި މެންބަރުންގެ ތިންބައިކުޅަ ދެބަޔަށް ވުރެ ކުޑަ ނޫން އަޣްލަބިއްޔަތަކުން ފާސް ކުރާ ޙާލަތެވެ.
ޤާނޫނުއަސާސީ ބުނާ ގޮތުން، މި ދެ ޙާލަތުގައި ވެސް، މަޖިލިހުގެ ނިންމުން ނިންމާ ހިސާބަކުން، އަދި ވަލިއްޔުލްއަމްރު މަޤާމަކުން ވަތްކެއް ނުވެއެވެ. ޔަޢުނީ، އެ ހިސާބަކުން، ވަލިއްޔުލް އަމްރު މަޤާމުން ވަކި ކުރުމުގެ އިޖުރާއާތު ފުރިހަމައެއް ނުވެއެވެ. އެ އިޖުރާއާތު ފުރިހަމަ ވެ، ވަލިއްޔުލްއަމްރު މަޤާމުން ވަކި ވެ، އެ މަޤާމު ހުސް ވަނީ، މަޖިލިހުގެ ނިންމުމުގެ މައްޗަށް ބުރަ ވެ، ވަލިއްޔުލްއަމްރުގެ މަޤާމު ހުސް ވެއްޖެ ކަމަށް ފަނޑިޔާރުގޭގެ ނިޔާއަކުން ކަނޑައެޅުމުންނެވެ.
މުޙައްމަދު އަމީންގެ ވެރިކަން ބަޣާވާތަކުން ވައްޓައިލި މީހުން، އެމަނިކުފާނުގެ މައްޗަށް "އިތުބާރު ނެތް ކަމުގެ" ވޯޓެއް ތޯ އެއްޗެއް، ރައްޔިތުންގެ ގެއާއި ސެނޭޓު އެއް ކޮށްގެން ނެގި ކަމަށް ބެލެވިދާނެއެވެ. އެއީ، އެ ކަހަލަ ކަންތައްތަކެއް ހިނގި ކަމަށް ތާރީޚީ ރިކޯޑުތަކުގައި އޮންނާތީއެވެ. ނަމަވެސް އެކަމާ ބެހޭގޮތުން ވެސް އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ. އެ ޖަލްސާތައް ބޭއްވީ ޤާނޫނުއަސާސީ ބުނާ ހަމަތަކުގެ މަތީންތޯ، ދުސްތޫރީ އަސާސްތަކާ އެއްގޮތަށްތޯ، ވަކި ބަޔަކު ޖަލްސާއަށް ގެނެސް، އެހެން މެންބަރުންގެ ބައިވެރިވުމެއް ނޯންނާނޭ ގޮތަށްތޯ، ފަދަ ސުވާލުތަކެކެވެ. މި ސުވާލުތަކަށް ޖަވާބު ދިނުން ވެސް އިހަށް ބާއްވާނީއެވެ. މި ވަގުތު އަޅުގަނޑު ސަމާލުކަން ދޭން ބޭނުން ވަނީ އެންމެ ސުވާލަކަށެވެ.
މުޙައްމަދު އަމީން ވަލިއްޔުލްއަމްރުކަމުގެ މަޤާމުން ވަކި ކުރުމަށް މަޖިލިހުން ޞައްޙަ ގޮތުގައި ވިޔަސް، ޣައިރުޞައްޙަ ގޮތުގައި ވިޔަސް، ނިންމި އެއްވެސް ނިންމުމެއް ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތީން ފަނޑިޔާރުގެއަށް ހުށައަޅައި، ފަނޑިޔާރުގެއިން އެ ނިންމުން ޞައްޙަ ކަމަށް ކަނޑައަޅައި، ވަލިއްޔުލްއަމްރުގެ މަޤާމު ހުސް ވެއްޖެ ކަމަށް ކަނޑައެޅި ހެއްޔެވެ؟ އަޅުގަނޑު ދުށް އެއްވެސް ރިކޯޑަކުން، އެކަން ހިނގި ކަމަކަށް ނުދައްކައެވެ. އަދި ކިޔެއްތަ، އެއިރު އުއްތަމަ ފަނޑިޔާރުކަމުގައި، ފަނޑިޔާރުގޭގެ އިސް ވެރިޔެއްގެ ގޮތުގައި ހުންނެވި ފަޟީލަތުއް ޝައިޚް ޢަބްދުﷲ ޖަލާލުއްދީން ފަހުމީ ދީދީ ވެސް ވީ ބާޣީންގެ ބާރުގައި މަޤާމުން ދުރު ކުރެވުނު ބެއިފުޅަކަށެވެ. އެމަނިކުފާނު ތޮއްޑުއަށް އަރުވައިލެވުނީއެވެ. ވީމާ، ބާޣީންގެ ޙަރަކާތްތައް ފެށުނު ހިސާބުން، ފަނޑިޔާރުގޭގެ މަސައްކަތާއި ނިޒާމު އޮތީ ގަޑުބަޑު ކުރެވިފައި ކަމަށް ފެނެއެވެ. ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީން، ފަނޑިޔާރު މަނިކުފާނުގެ މަސްއޫލިއްޔަތު އަދާ ކުރައްވާނޭ މާޙައުލެއް ނެތެވެ. މި ކަންކަމާ އެކު، މުޙައްމަދު އަމީން މަޤާމުން "ވަކި ކުޅައުމުގައި" ޤާނޫނުއަސާސީ ބުނާ ފަދަ، ފަނޑިޔާރުގޭގެ ނިޔާއެއް ނާދެއެވެ. މަޖިލިހުން ނިންމިއްޔާ ނިންމި ނިންމުމެއް، އޭގެ ޞައްޙަކަން ބެލުމަށް ޓަކައި ނުވަތަ އެ ނިންމުމުގެ މައްޗަށް ވަލިއްޔުލް އަމްރުގެ މަޤާމު ހުސް ވެއްޖެ ކަމަށް ކަނޑައެޅުމަށް ޓަކައި ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުގެއަށް މައްސަލައެއް ހުށައެޅުނު ކަމަކަށް ވެސް ނުފެނެއެވެ.
މި ނުކުތާތަކުގެ އަލީގައި، ސާފު ވެ ކަށަވަރު ވާ ކަމަކީ، މުޙައްމަދު އަމީންގެ ވެރިކަން ވައްޓައިލީ ޤާނޫނުއަސާސީގައި ކަނޑައަޅައިފައި އޮތް އިޖުރާއާތު ފުރިހަމަ ނުކޮށް ކަމެވެ. ޣައިރުޤާނޫނީކޮށް، ޣައިރުދުސްތޫރީކޮށް ކަމެވެ. އެއީ ޤާނޫނާ ޚިލާފަށް ކޮށްފައި އޮތް ކަމެއް ކަމެވެ. އެ ޢަމަލުގެ ޤާނޫނީ އަދި ދުސްތޫރީ ޞައްޙަކަމެއް ނެތްކަމެވެ.
އެޑިޓަރުގެ ނޯޓު:
އަލް އުސްތާޛް އަހުމަދު މާޖިދަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީ އާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގައި، ޕާޓްޓައިމް ލެކްޗަރާއެއްގެ ގޮތުގައި ކޮންސްޓިޓިޔުޝަނަލް ލޯ އާއި ޕަބްލިކް އިންޓަނޭޝަނަލް ލޯ ފަދަ މާއްދާތައް ފުރަތަމަ ޑިގްރީ އަދި މާސްޓާޒް ޑިގްރީގައި ކިޔަވައިދެއްވާފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ޖުޑީޝަލް އެކަޑަމީގެ ފުރަތަމަ ޗާންސެލާ އެވެ. ޖުޑީޝަލް އެކަޑަމީ ތިން އަހަރު ހިންގެވިއެވެ. މިހާރު ގެންދަވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގައި ކޮންސްޓިޓިޔުޝަނަލް ލޯގެ ދާއިރާއިން ޕީއެޗްޑީ ފުރިހަމަކުރައްވަމުންނެވެ. 2022 އިން 2024 އާ ހަމަޔަށް، މެލޭޝިޔާގައި ޝާއިޢު ކުރެވި މެލޭޝިޔާގެ ޔުނިވަސިޓީތަކުގައި ޓެކްސްޓް ފޮތުގެ ގޮތުގައި ބޭނުން ކުރެވެމުން ދާ، މެލޭޝިޔާގެ ކޮންސްޓިޓިޔުޝަނަލް ލޯ އާއި ލޯ އޮފް ޓޯޓްސް އާއި ލީގަލް މެތަޑްގެ ތިން ފޮތެއްގައި ބާބުތައް ވެސް މާޖިދު ވަނީ ލިޔުއްވައިފައެވެ. މާޖިދު ފާހަގަކުރެވެނީ، ދިރާސާތަކުގެ އަލީގައި، ހެތްކާއެކު، ޢިލްމީ ލިޔުންތައް ލިޔުއްވާ މޮޅު ކޮލަމިސްޓެއްގެ ގޮތުގައެވެ.