ސްރީލަންކާގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގައި އަނެއްކާވެސް ކާފިއު އިއުލާންކޮށްފިއެވެ.
މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ ހުރިހާ ސަރަހައްދަކަށް ކާފިއު އިއުލާންކޮށްފައިވަނީ މިރޭ 9:00 އިން ފެށިގެން ފަތިހު 4:00އާ ހަމައަށެވެ.
އޭގެ އިތުރުން ގަމްޕަހާ ޕޮލިސް ޑިވިޝަނަށް މިރޭ 7:00 އިން ފެށިގެން މާދަމާ ހެނދުނު 6:00އަށް ކާފިއު އިއުލާންކޮށްފައިވާ އިރު، ވަޔަމްބާ ޕްރޮވިންސަށް ކާފިއު އިއުލާންކޮށްފައިވަނީ މިއަދު ހަވީރު 6:00 އިން މާދަމާ ހެނދުނު 6:00އާ ހަމައަށް ވަނީ ކާފިއު އިއުލާންކޮށްފައެވެ.
ލަންކާގެ އުތުރު ހުޅަނގު ޕްރޮވިންސްގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިއްޔެ ވެސް ވަނީ ކާފިއު އިއުލާންކޮށްފައެވެ. މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އެ ހަމަނުޖެހުންތަކުގައި މުސްލިމުން ވިޔަފާރި ހިންގާ ތަންތަނަށް ދަނީ ގެއްލުންދެމުންނެވެ.
އެ ހަމަނުޖެހުންތަކުގައި މިހާތަނަށް ދެ މުސްލިމަކު މަރާލާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.